ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަންނަވަނީ: ތަކެތީގެ އަގުތައް ބޮޑު ނުކުރަން އެދިވަޑައިގެންނެވި.---ފޮޓޯ: ނިޝާން އަލީ/މިހާރު
05 މެއި 2019 - 19:08
ކޮންމެ ރޯދަ މަހަކާ އެކު ބާޒާރުގައި ތަކެތީގެ އަގު އުފުލޭއިރު، ވަގުތީ ފައިދާ އަކަށްޓަކައި އެގޮތަށް ތަކެތީގެ އަގުތައް ބޮޑު ނުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ގޮވާލައްވައިފި އެވެ.
މިރޭ ފެށި މި އަހަރުގެ ރޯދަ މަހާ ގުޅިގެން ނެރުއްވި ހިތާބެއްގައި ރައީސް ވަނީ، ކާބޯތަކެއްޗާއި އެހެނިހެން މުދާ، ބޮޑު އަގުގައި ވިއްކައިގެން، ލިބޭނެ ވަގުތީ ފައިދާ އަށް އެކަނި އިސްކަން ދިނުމުގެ ބަދަލުގައި، އާޚިރަތުގެ ދަރުމައާއި ސަވާބަށް ވިސްނައި، ދީލަތިކަމާއި އޯގާތެރިކަން އިސްކުރުމަށް ހުރިހާ ވިޔަފާރިވެރިންނަށް އިލްތިމާސް ކުރައްވައިފަ އެވެ.
ރޯދަ މަހާ ގުޅިގެން، ތަކެތީގެ އަގު ބޮޑު ނުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގޮވާލެއްވިއިރު، ރޯދަ މަހަށް އާންމުކޮށް ބޭނުންކުރާ ކެއުމުގެ ބާވަތްތަކުގެ އަގު އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް މި ފަހަރު ވެސް ބާޒާރުގައި ވަނީ އުފުލިފަ އެވެ.
ރައީސް ވިދާޅުވީ، ވަނީ މުޖުތަމައުގެ ރީތި ހަމަތަކާއި އަދަބުތަކަށް ހުރުމަތްތެރިކޮށް ހިތައި ގާނޫނުތަކަށާއި ގަވާއިދުތަކަށް ބޯލެނބުމުގެ ރޫހު ރޯދަ މަސް ފަދަ އިސްލާމީ މުނާސަބަތެއްގައި އާލާކޮށް ދިރުވަންޖެހޭ ކަމަށެވެ.
"ކެތްތެރިވުމާއި އަނެކުންނަށް މައާފްކުރުމާއި، ހިތްތިރިކޮށް މަޑުމައިތިރި ވުމަކީ، ރޯދައިގެ އަޅުކަން ބާރުއަޅާ އެންމެ މުހިންމު ކަންތައްތައް. އަނެކުންނަށް އެހީތެރިވުމާއި ދީލަތިވުމަކީ، ރަމަޟާން މަހުގައި އަޅުގަނޑުމެންގެ ކިބައިގައި ކޮންމެހެން ހަރުލައްވަންޖެހޭ ސިފަތައް،" އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.
"ރަމަޟާން މަސް ލިއްބައިދޭ އެންމެ މަތިވެރި ފިލާވަޅަކީ، އެކަކު އަނެކަކުގެ އިޙްސާސްތައް ދެނެގަތުމާއި، އެއްބަނޑުއެއްބަފާކަމުގެ ގުޅުންތައް ވަރުގަދަކުރުމާއި، އެކަކު އަނެކަކަށް އަޅާލައި އުޅުމުގެ މުހިންމުކަން."
ރައީސް ވިދާޅުވި ގޮތުގައި ރޯދަ މަހަކީ، ދުނިޔެ އާއި އާޚިރަތް ބާއްޖަވެރިކުރުމަށްޓަކައި، މާތްﷲ ފަހިކޮށްދެއްވި ވަރަށް އަގުހުރި ރަނުގެ ފުރުސަތެކެވެ. ރަހުމަތާއި ފާފަ ފުއްސެވުމާއި ދިންނެވުމުން ފުރިގެންވާ، މި މާތް މައްސަރުގެ ދަރުމައާއި ސަވާބު ހޯދުމަށްޓަކައި މާތްﷲ އަންގަވާފައިވާ ގޮތުގެ މަތިން ރޯދަ ހިފައި، ރޭ އަޅުކަންކޮށް، ގިނަގިނައިން ކީރިތި ޤުރްއާން ކިޔަވައި، ސަދަގާތް ދިނުން އިތުރުކުރުމަށް ރައީސް ގޮވާލެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަހީދު
07 May 2019
ބާޒާރުގައި އަގު މަތިވެ، ތިރިވަނީ ޑިމާންޑާއި ސަޕްލައި އަށް ބުރަވެގެން. ރައީސް ނަޝީދުގެ ވެރިކަމުގައި ޑޮލަރުގެ އަގު ގަދަކަމުން ތިރިކުރަން އުޅުމުން ވީގޮތް ހަނދާން ކޮށްދެން. ރައީސަކަށް ހުންނަ މީހާ ބުންޏަސް ވިޔަފާރި ވެރިން އަގަށް ބަދަލެއް ނުގެންނާނެ. ތިނޫން އެހެން ފޯމިއުލާރ އެއް ބޭނުންވޭ.
މިއަދު
07 May 2019
ރައިއްޔަތުމީހާ އުފައްދާތަކެތި އަގުބޮޑުނުކޮށް އެސްޓީއޯއިން ވިއްކާބާވަތްތައް އެކަނިތޯ އަގުބޮޑުކުރަންވީ ގަނޑުގަނޑަށް ގުޅަގުޅަށް ފައިސާނަންގަވައިގެން މާތްބޭފުޅުން ފަރިއްކުޅުއްވާ ނިކަމެތިމީހާ އުފައްދާތަކެތި ބައްސަންވީ ހަބޭސް ކޮޕީފަތް
އިހާލީ
06 May 2019
މަޖްލިސް މެޖޯރިޓީ ނުލިބިއްޖެނަމަ އެއްކަމެއްވެސް ނުވާނެ ވާހަކަ އަބަދު އިވުނީ. ދެން މިހާރު އެއްވެސް ޕްލޭނެއް މެނިފެސްޓޯއެއް ނެތީތޯ މިކަހަލަ އެންމެ މުހިއްމުވާ ކަންކަން ހައްލުކުރަން؟ މާތް ބަސްކޮޅަކުން ގުޑާލާ ކަހަލަ ރައްޔިތުންނެއްނޫން މިހާރު އުޅެނީކީ. އެހެންވެގެންތާ ރައީސްކަމާ މަޖްލިހާ ހުރިހާ ބާރެއް ހޯދަން އެދެއްކި ޒާތުގެ ވާހަކަ ދައްކަންޖެހުނީ. ދީނުގައި ކަން އޮންނަ ގޮތް އެންމެނަށްވެސް އެނގޭ.
މަހަށްދޭދޭބަލަ
06 May 2019
ތަކެތީގެ އަގު ބޮޑު ނުކުރަން ރައީސް އެދުމުން އެމެން ތަކެތީގެ އަގު ބޮޑު ނުކުރޭތޭ ނޫން ކުރޭ ދޯ ދެން ތަމެން މަހަށް ދާންވީއެއް ނޫންތޭ މަހަށް މަހަށް މަހަށް ދޭބަލަ...
ފައިސަލްގެ ކުރީގެބިޓް
06 May 2019
ކަރަންޓާ ފެނާ ގެދޮރު އަގުހެޔޮކުރަން ގޮވާލަބަލަ އަހަރުމެން ރާއްޖެތެރޭމީހުން މިއުޅެނީ ރަށުންވެސް ބިމެއްނުލިބިގެން ވެރިކަންލިބުނީމަ ދުވަހަކުވެސް 100 ދުވަސް ހަމަނުވޭ
މަންޑޭލާ
06 May 2019
ރާއްޖެއަށް ބިސް ފިޔާ ކަރާ ފަދަ ތަކެތި ފަސޭހައިން އެތެރެކުރެވޭނެ ގޮތެއް ހަދަން އެބަޖެހޭ. އިންޑިޔާމީހުން ރާއްޖޭގެ މާރކެޓް ކޮންޓްރޯލްކުރަނީ އެއީ މުދާ ބޭރުން ގެނައުމާއި އަދި ރާއްޖޭގައި ވިއްކަނވެސް ތިބީ އެމީހުންގެ މީހުން.
ޙަބީބު
06 May 2019
މަރުހަބާއިބޫ މީގެކުރިން ދުވަހަކުވެސް ވެރިޔެއްގެ ކިބައިން އިވިފަނުވާ ހެޔޮރަނގަޅު ބަސްތަކެއްތީ މާތް ﷲ މަނިކުފާނައް ހެޔޮޖަޒާދެއްވާށި
ހާމަ333
06 May 2019
އައްޑޫން ފިޔާ އަލުވި ލިބުން ދަތިވެ ވިޔަފާރިވެރިން އެތަކެތި ވިއްކަނީ ކޮންޓްރޯލް ކޮށްގެން އަގުބޮޑުކޮށް....މިކަމަށް ހައްލެއް ބޭނުންވޭ ރައީސް.....
ށަމި
06 May 2019
ޙިލޭ ދޭނަން ރައިސް ވިދާޅުވިއްޔާ
ފަންކާ
06 May 2019
އެސްޓީއޯއިން މާލޭގަ ބިސް ފިޔާ އަލުވި ވިއްކި އަގަށް ވުރެ30ރ ބޮޑްކޮށް ރާއްޖެތެރޭ ހުންނަ އެސްޓީއޯ ފިހާރަތަކުން ވިއްކީ. މި ވާހަކަ ވެސް ދަަށްކަން ޖެހޭނެ ދޯ.