ފަތިސް · 05:06

ވަޅޯ މަހުގެ އަގު ދަށަށް

ވަޅޯ މަސް ލިބުމުގައި ދަތިކަމެއް ނެތް ކަމަށާއި ރޯދަ މަހުގެ ކުރިން ހުރި ވަރަށް ވުރެ މިހާރު އަގު ދަށްވެފައިވާ ކަމަށް، މަހުގެ ވިޔަފާރިކުރާ ބައެއް މީހުން ބުނެފި އެވެ.


ވަޅޯމަސް މާރުކޭޓުގައި މަސް ވިއްކަން ހުރި މީހަކު ބުނީ، މިދިޔަ ދެ ދުވަހު ވެސް ބޭނުންވާ ވަރަށް މަސް ލިބޭ ކަމަށެވެ.

ރޯދަ މަސް ފެށުމުގެ ކުރިން ވަޅޯ މަސް ކިލޯއެއް ހުރީ 120ރ. އަށެވެ. ނަމަވެސް ވަޅޯ މަސް ކިލޯއެއްގެ އަގު މިހާރު ވަނީ 80ރ. އަށް ދަށަށް ގޮސްފަ އެވެ. ކިލޯ ކިރައިގެން ވަޅޯ މަސް ވިއްކުމުގެ އިތުރުން ވަކިން ވެސް މަސް ވިއްކަ އެވެ. އެގޮތުން ކުޑަ މަހެއް 35ރ. އަށް ހުރި އިރު ހެޔޮވަރު ސައިޒުގެ ކަނޑުމަހެއްގެ އަގު 70ރ. އަށް އަރަ އެވެ.

ވަޅޯ މަސް މާރުކޭޓުގައި ހިކި މަސް ކިލޯއެއް ހުރީ 70ރ. އަށެވެ. މީގެ އިތުރުން މުގުރި މަހުގެ 500 ގްރާމު 35ރ. އަށް ލިބެ އެވެ. މީގެ ކިލޯއެއް ހުރީ 70ރ. އަށެވެ. އަދި ކޮށާފައި ހުންނަ ހިކި މަހުގެ 500 ގްރާމު 85ރ. އަށް، ކިލޯއެއް 170ރ. އަށް ލިބެ އެވެ.

ވަޅޯ މަސް މާރުކޭޓުގައި ވިއްކަން ހުރި ހިކި މަސްތަކެއް--ފޮޓޯ:ނިޝާން އަލީ/މިހާރު

މާރުކޭޓަށް ހިކި މަސް އެންމެ ގިނައިން ގެންނަނީ ވިލިމާލެއިންނެވެ. އާންމުކޮށް ރޯދަ މަހާ ދިމާކޮށް، ވަޅޯ މަސް މާރުކޭޓުން ވިޔަފާރިކުރާ މީހުން އިތުރުވެ އެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ވެސް މަސްވެރިކަން ރަނގަޅު ނަމަ، ވަޅޯ މަސް ލިބުމުގައި ދަތި ނުވާނެ ކަމަށް ވިޔަފާރިވެރިން ބުންޏެވެ.