އިސްލާމިކް މިނިސްޓްރީގައި ބަޔަކު ފިތުރު ޒަކާތް ދައްކަނީ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
19 މެއި 2019 - 20:32
މި އަހަރުގެ ފިތުރު ޒަކާތުގެ ގޮތުގައި މިހާތަނަށް 1.1 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.
އިސްލާމިކް މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް މާލެ އާއި ހުޅުމާލެ އާއި ވިލިމާލެ ހިމެނޭ ގޮތަށް ޒަކާތް ދެއްކީ 24،429 މީހުންނެވެ. އޭގެތެރޭގައި ބައެއް ބޭންކުތަކާއި ދިރާގާއި އުރީދޫ މެދުވެރިކޮށް ޒަކާތް ދެއްކި މީހުން ވެސް ހިމެނެ އެވެ.
އެގޮތުން، އިސްލާމިކް މިނިސްޓްރީ އަށް ޒަކާތުގެ ގޮތުގައި ހަތް ލައްކަ އަށް ވުރެ ގިނަ ރުފިޔާ ދެއްކި ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އަދި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ޒަކާތުގެ ގޮތުގައި ދެ ލައްކަ އަށް ވުރެ ގިނަ ރުފިޔާ ދެއްކި އިރު އެޗްޑީސީ އަށް ޒަކާތުގެ ގޮތުގައި 61،000 އަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
މީގެއިތުރުން ދިރާގަށް ޒަކާތުގެ ގޮތުގައި 45،000 އަށް ވުރެ ގިނަ ރުފިޔާ، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަށް 31،000 އަށް ވުރެ ގިނަ ރުފިޔާ، އުރީދޫ އަށް 18،000 އަށް ވުރެ ގިނަ ރުފިޔާ އަދި ވިލިމާލެ ހައުސިން ޔުނިޓަށް 27،000 އަށް ވުރެ ގިނަ ރުފިޔާ ޒަކާތުގެ ގޮތުގައި ލިބުނު ކަމަށް މިނިސްޓްރީން ބުންޏެވެ.
އެ ހިސާބުތައް ދައްކާ ގޮތުން އެންމެ ގިނަ ބަޔަކު ޒަކާތް ދެއްކީ އިސްލާމިކް މިނިސްޓްރީއަށެވެ. އެގޮތުން، އެ މިނިސްޓްރީ އަށް 10،000 އަށް ވުރެ ގިނަ މީހުން ޒަކާތް ދެއްކި އެވެ. ދެ ވަނަ އަށް އެންމެ ގިނަ މީހުން ބީއެމްއެލަށް ދެއްކި އިރު، ތިން ވަނަ އަށް އެންމެ ގިނަ މީހުން ޒަކާތް ދެއްކީ އެޗްޑީސީއަށެވެ.
ރާއްޖޭގެ އެހެން ރަށްރަށުން ޒަކާތުގެ ގޮތުގައި ކައުންސިލްތަކަށް ދެއްކި އަދަދެއް އިސްލާމިކް މިނިސްޓްރީން އަދި ހާމައެއް ނުކުރެ އެވެ.
މި އަހަރުގެ ފިތުރު ޒަކާތް ބަލައިގަންނާނީ ރޯދަ މަހުގެ 29 ވަނަ ދުވަހާ ހަމައަށެވެ. ފިތުރު ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭނީ އެ އަހަރެއްގައި އާންމުކޮށް ކައި އުޅުނު ބާވަތަކުން 2.4 ކިލޯއަށް ވާ އަގެވެ.
- އާދައިގެ ހަނޑުލުން 15ރ.
- ތައިލެންޑް ހުދު ހަނޑުލުން 45ރ.
- ބާސްމަތީ ހަނޑުލުން 95ރ.
- ރަތް ހަނޑުލުން 75ރ.
- އާދައިގެ ފުށުން 15ރ.
- އާޓާ ފުށުން 60ރ.
އެހެން ހިސާބުތަކުން ޒަކާތުގެ ގޮތުގައި ނަގާނެ މިންވަރު ކަނޑައަޅާނީ އެ ރަށެއްގެ ކައުންސިލުންނެވެ. އެއީ އެ ރަށެއްގައި އާންމުކޮށް ބޭނުންކުރާ ކާބޯތަކެތީގެ އަގު މާލޭގައި ވިއްކާ އަގާ ތަފާތުވުން އެކަށީގެންވާތީ އެވެ.
ޒަކާތް ނެގުން ކުރިއަށް ދާނީ ރަސްމީ ދުވަސްތަކުގައި ހެނދުނު 9:30 އިން މެންދުރު 1:00 އާ ހަމައަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝާޑު
19 May 2019
އުރީދޫއާ ދިރާގު މެދުވެރިކޮށް ދައްކާނެގޮތް ހިމަނާލިނަމަ ވަރަށް ރަގަޅުވީސް.
މާޔޭ
19 May 2019
އުރީދޫ ދިރާގު މއަށް ވައްދަންޖެހޭ ސަބަބެއްނެތް.