ޢަޞުރު · 15:05

ކާށީގެ އަގު ވަރަށް ބޮޑަށް ހެޔޮވެއްޖެ

ރޯދަ މަސް ފެށުނު އިރު ލޯކަލް މާރުކޭޓުގައި ކާށީގެ އަގު ހުރި ވަރަށް ވުރެ ދެ ގުނަ ދަށަށް ހިނގައްޖެ އެވެ.


ރޯދަމަސް ފެށުނު އިރު މާރުކޭޓްގައި ކުޑަ ކާއްޓެއްގެ އަގު ހުރީ 5ރ. ގަ އެވެ. ބޮޑެތި ކާށީގެ އަގު 35ރ. އަށް އެރި އެވެ. އެކަމަކު މިހާރު އަގު ވަނީ 3-12ރ. އަށް ވެއްޓިފަ އެވެ.

ލޯކަލް މާރުކޭޓުގައި ކާށި ވިއްކާ މީހަކު ބުނީ ކާށީގެ އަގު އެހާ ބޮޑަށް ހެޔޮވީ މި ދުވަސްވަރު އަތޮޅު ތެރެއިން ގިނަ އަދަދަކަށް ކާށި ގެންނާތީ ކަމަށެވެ. އެގޮތުން ށ. މިލަންދު އާއި ފ. ދަރަނބޫދޫން ވެސް ގިނަ އަދަދަކަށް ކާށި ގެންނަ ކަމަށް އޭނާ ބުންޏެވެ.

ކާށި ވިއްކާ އެހެން ވިޔަފާރިވެރިއަކު ބުނި ގޮތުގައި އެންމެ ގިނައިން ކާށި ލިބެނީ ލ. އަތޮޅުންނާއި ތ. އަތޮޅުންނެވެ.

ކުރިން ހާހަކަށް ލިބެން ހުރި ކާށި ބަސްތާއެއްގެ އަގު މި ވަގުތު ވަނީ 400ރ. އަށް ވެއްޓިފަ އެވެ.

މާރުކޭޓްގެ ބައެއް ވިޔަފާރިވެރިން ބުނާ ގޮތުގައި ކުރިއަށް އޮތް ތަނުގައި ވެސް ކާށީގެ އަގު ހެޔޮވާނެ އެވެ.