ފަތިސް · 04:43

ކީރިތި ނަބިއްޔާގެ ނަމޫނާ: އާއިލާގައި އެކަލޭގެފާނުގެ ޚުލްޤުފުޅު

އިސްލާމީ ނަޒަރުން ބަލާއިރު ކޮންމެ މީހަކުވެސް އެ މީހެއްގެ އާއިލާގެ ކަންކަމަށް ސަމާލުކަން ދީ އެކަންކަން ބެލެހެއްޓުމަކީ ލާޒިމު ކަމެކެވެ. ވަކިން ޚާއްޞަކޮށް ފިރިމީހާ ގެ މަސްއޫލިއްޔަތު މިކަމުގައި ބޮޑެވެ. މި މަސްއޫލިއްޔަތު އަދާ ކުރެއްވުމުގައި އަޅުގަނޑުމެންގެ މާތް ނަބިއްޔާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، ވަނީ އެންމެ ރީތި ނަމޫނާ ދައްކަވައި ދެއްވައިފަ އެވެ. އެކަލޭގެފާނު ހަދީސް ކުރެއްވި އެވެ. "ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮ މީހަކީ އެމީހެއްގެ އަހުލުންނަށް އެންމެ ހެޔޮ މީހާ އެވެ.


ތިމަންކަލޭގެފާނަކީ ތިމަންކަލޭގެފާނުގެ އަހުލުންނަށް ހެޔޮވުމުގައި ތިޔަބައިމީހުންކުރެ އެންމެ ހެޔޮ މީހާއެވެ." ޢާއިޝަތުގެފާނުގެ ކިބައިން ރިވާވެގެންވާ މި ހަދީސުން އެނގިގެން ދަނީ އިސްލާމްދީނުގެ މަތިވެރިކަމާއި ކީރިތި ރަސޫލާގެ މަތިވެރި ޚުލްޤުފުޅެވެ. އަނބިމީހާ އާއި ދަރިންނަށް ހެޔޮކޮށް ހިތުން ވެގެން މިދަނީ ކުރެވޭ ހެޔޮ ޢަމަލުތަކުގެ ތެރެއިންނެވެ. އެކަންކުރާ މީހާ ބެލެވިގެން މިދަނީ މީސްތަކުންކުރެ އެންމެ ހެޔޮ މީހާ ކަމުގައެވެ.

"ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮ މީހަކީ އެމީހެއްގެ އަހުލުންނަށް އެންމެ ހެޔޮ މީހާ އެވެ. ތިމަންކަލޭގެފާނަކީ ތިމަންކަލޭގެފާނުގެ އަހުލުންނަށް ހެޔޮވުމުގައި ތިޔަބައިމީހުންކުރެ އެންމެ ހެޔޮ މީހާއެވެ." ޢާއިޝަތުގެފާނުގެ ކިބައިން ރިވާވެގެންވާ ހަދީސް

ނަބިއްޔާގެ ނަމޫނާ އަށް ބަލައިލާއިރު އެކަލޭގެފާނު އަނބިއަނބިކަނބަލުންނާ ހެޔޮގޮތުގައި މުޢާމަލާތު ކުރެއްވެވި އެވެ. ގޭތެރޭގެ މަސައްކަތްތަކުގައި އެކަނބަލުންނާ އެކު ބައިވެރިވެ ވަޑައިގެންނެވި އެވެ. ލޯތްބާއި އޯގާތެރިކަމާއި އަޅާލުން ދެއްވެވި އެވެ. އަނބިންގެ މެދުގައި އަދުލުވެރިކަން ދެމެހެއްޓެވި އެވެ. ޣީރަތްތެރިކަމުގެ (ޖެލަސްވުމުގެ) ސަބަބުން ބައެއްފަހަރު އުފެދޭ ނުތަނަވަސްކަން ވެސް ފަސޭހަކަމާ އެކު ހައްލުކުރައްވަ އެވެ. އަދި ބައެއް ފަހަރު އެކަނބަލުންނާ ސަމާސާވެސް ކުރައްވަ އެވެ.

މިގޮތުން ޢާއިޝަތުގެފާނުގެ މޫނުފުޅުގައި ރަތްކުލަ ހުންނާތީ "ޙުމައިރާ" އޭ ވިދާޅުވެ ގޮވާލައްވަ އެވެ. އަނެއްބައި ފަހަރު ލޯބިކޮށްލެއްވުމުގެ ގޮތުން "ޢާއިޝް" އޭ ގޮވާލައްވަ އެވެ. އެކަމަނާއާ އެކު ކުޅެން އަންޞާރިއްޔަ ޒުވާން ކަނަބަލުންނަށް ދަޢުވަތު ދެއްވަ އެވެ. ޚަދީޖަތުގެފާނަށް ކުރައްވަވާ ގަދަރާއި އިހުތިރާމުގެ ދަށުން އެކަމަނާގެ ރައްޓެހިންނަށް ވެސް ހެޔޮކޮށް ހިއްތެވި އެވެ. ކީރިތި ރަސޫލާގެ ދަރިދަރިކަލުންނާއި ކަނބަލުންނަށް ހެޔޮކޮށް ހިއްތެވި އެވެ. ދަރިދަރިކަނބަލުން އެކަލޭގެފާނަށް ޒިޔާރަތް ކުރައްވާއިރު އިހުތިރާމް ކުރެއްވުމުގެ ގޮތުން ތެދުވެ ވަޑައިގަންނަވަ އެވެ. ކާފަދަރިދަރިކަލުންނާ އެކު ސަމާސާ ކުރައްވައި ކުޅިވަރު ކުޅުއްވާ ހައްދަވަ އެވެ.

އެކަލޭގެފާނު ނަމާދުފުޅު ކުރައްވާއިރު އެއިން ތުއްޕުޅު ބޭފުޅަކު ބުރަކަށިފުޅު މައްޗަށް އެރުއްވިއަސް އޯގާތެރިކަމާ އެކު އެކަމަށް ވަގުތު ދެއްވަ އެވެ. ގޭތެރޭގައި އަމިއްލަ ބޭނުންފުޅުތައް ސީދާ އަމިއްލަ އަށް ކުރައްވަވަ އެވެ. މިގޮތުން ހެދުންކޮޅު ވީދިއްޖެނަމަ ފެއްސެވުމާއި ފައިވާންޖޯޑުކޮޅު ހަލާކު ވެއްޖެނަމަ ހެއްދެވުން ފަދަ ކަންކަން އަމިއްލަ އަށް ކުރެއްވެވި އެވެ. މިހެންގޮސް އެކަލޭގެފާނު ވަނީ ޢާއިލާ އަށް ހެޔޮކޮށް ހިއްތެވުމުގައި ޢަމަލީ ގޮތުން އެންމެ ހެޔޮ ބޭފުޅާ އަށް ވެވަޑައިގެންފަ އެވެ. މިކަންކަމުން އަޅުގަނޑުމެން ނަމޫނާ ލިބިގަންނަން ޖެހެ އެވެ.