30 މެއި 2019 - 08:36
ގައިން ހީބިހި ނަގައި، ކުއްލިއަކަށް ހޭލެވުނުއިރު އާމިނާބި އޮތީ ތަކުރުގެ މާކަޅުވާ މައްޗަށް ވާތު ފައި އެއްލައިގެން މޭކަށިގަނޑާ ދިމާލުން ބާރަށް ބައްދައިގެން ނިދާ މަރުވެފަ އެވެ. އެ ހިތުގެ ތެޅުމާއި ހޫނު ނޭވާ އިން ތަކުރުގެ ވިންދު އަވަސްކޮށްލި އެވެ. ހަމަ އެ ސިކުންތުގައި އާމިނާބީގެ ވިޔާނުދާ ހުވަފެން ލޯމަތީގައި ފަށްފަށްވަމުން ދިޔަ އެވެ. އެކަމަކު ފަތިހުގެ ހާލާއި ކޮލެވިތައް އެންގީ ފިކުރު ބޮޑުވެފައި ނޯވެ ތެދުވުމަށެވެ. އަނެއްކާވެސް ހަމަ އާދައިގެ ދުވަހެކެވެ.
***
އެ ބުނާ ފޫޅު ދިގު ހަންޑިއެއްގެ އުނދަގުލެއް ޖެހެނު އިރު ފަތްކެޔޮ ގަހުގައި ފޮޅުނު ބޯށި ހަރުވެ ކޭލަށް ވެއްޖެ އެވެ. ކެޔޮގަނޑު ކަނޑާލަން ކަތިވަޅި މަޅާލި ވަގުތު، ކެޔޮގަނޑު ކަނޑާލީމާ ގަހުގެ ބޭނުމެއް ނޯންނާނެ ދޯ އޭ ބުނެލި އަޑު އިވުނެވެ. އެއީ ބިންބިގޭ ހަދީޖާގެ ފިރި ހުސޭނެވެ. ހުސޭނަށް ތިކަން އެނގުނީ އަދި ކިރިޔާހޭ ބުނަމުން ތަކުރު ރައްދު ދިނެވެ. ހަމަ އެ ނޭވާގައި އެކަތިފަހަރުން ޖަހައި ކެޔޮގަނޑު ކަނޑާލި އެވެ. ކަނޑާލާށޭ، ގަސް ގިނަވީމާ ހަންޑި އުޅޭނޭ ކިޔާފައި ޖަހާލި ހިނިގަނޑާ އެކު، އަނގަ ފުރެންދެން ދުފާލައިގެން ހުރި ހުސޭނު ކޮށި އެރި އެވެ. އޭނާ އަށް ހަމަ ނޭވާ ނުލެވި ކެއްސަމުން ގޮސް ގެއްލެންދެން ތަކުރަށް ހުރެވުނީ ބަލަހައްޓައިގެންނެވެ. އަނެއްކާ މި ހަންޑިއެއްގެ ވާހަކަ ފެށުނީ އެވެ.
ފޫޅު ދިގު ހަންޑިއެއްގެ ވާހަކަ އެ ދެމަފިރިން އެއްވެސް މީހެއްގެ ގާތު ދެއްކީއެއް ވެސް ނޫނެވެ. އެހެންވިއްޔާ ހުސޭނު އެހެން އެ ބުނީ ކީއްވެގެން ހެއްޔެވެ؟ ތަކުރަށް ފެނުނު ހުވަފެން ވެސް އޭނާ އެއްވެސް މީހަކަށް ކިޔައިދިނީއެއް ވެސް ނޫނެވެ. ގޭ ބިތްދޮށުގައި އޮތް ކެޔޮ ފީނި ކޮށާލައި ދެތިން ގަހަށް މަދުކޮށް އަލިކުރީ ފޫޅު ދިގު ހަންޑި އާމިނާބިޔަށް ކުރި އުނދަގުލާ ހެދި އެވެ. އެކަމަކު އެއީ ތަކުރުގެ ދެމަފިރިންނަށް ނޫނީ އެނގޭ ކަމެއް ނޫނެވެ.
ރަތްކެޔޮގަނޑު ކޮނޑަށް ލައިގެން ތަކުރު ހިނގައިގަތް އިރު އަނެއްކާވެސް ޝައްކުތަކުން ފުރިއްޖެ އެވެ.
***
އަސުރަށް ގޮވައި އިރުގަނޑެއްވީ ފަހުން ހަމަ އާދައިގެމަތިން އާމިނާބި އެއް އަތުން ބަނޑިޔާ އެލުވާލައިގެން އެބަ ނުކުމެ އެވެ. ދެ އަތަކަށް ބަނޑިޔާ ހަލުވާލައި ފުލުގައި ހުރި ފެންފޮދުން ބަނޑިޔާގެ ފޫ ދޮވެ އެ ފެންފޮދު މިރުސް ގަހަށް ދީފި އެވެ. ކަނޑިއްކަށް ފެނާ އެކު ބުރި ވެލިތައް ފޮޅާލަން ޖެހި ލަތްކަކާ އެކު އާމިނާބި ބޮޑު މަގަށް ނުކުމެ މިސްކިތާ ދިމާލަށް މިސްރާބު ޖެހި އެވެ. އޭނާގެ ބޮޑު ހިނިތުންވުމާ އެކު އެންމެންނަށް ނިތް އެއްލަމުން ނަލަކޮށް ހިނގާލާފައި ގޮސް މިސްކިތު ވަޅު ދޮށުގައި ބަނޑިޔާ ބަހައްޓާލި އެވެ. ވަޅަށް ދާނި ތިރިނުވެ އުޅެނިކޮށް ހުވަނދުމާ ގަހު ބިތްދޮށުން، އެ ގަހުން މަލެއް ބިނދެލަމުން އާދަނު ނުކުމެއްޖެ އެވެ. މާ ރަކިވެލާފައި އާމިނާބި އޭގައި ހިފައި ބޮލުގެ ހުޅި އަށް ޖަހާލައި ތުއިވެލި އެވެ. އެކަމަކު ބަނޑިޔަލުގައި ރާގެއް ކުޅެމުން ވައި އަޑުން ލަވައެއް ކިޔަމުން ވަޅު ދޮށަށް މަޑުކޮށްލި އައިސަޔާ ހެދި، އެ ދެ މީހުންގެ ސަމާސާ ފެށުނު ހިސާބުން ނިމިއްޖެ އެވެ.
އުނަގަނޑުގައި ބަނޑިޔާ އަޅުވާލައިގެން އާމިނާބި ބެހެއްޓީ ގެޔާ ދިމާލަށެވެ. ކަމެއް ވީކަމަށް ވެސް ނުހަދައި، ބޮޑު މަގަށް ނުކުމެ ޖެހިގެން އޮތް ގޯޅިން ވަދެ އާދަނު ގެއްލުނެވެ.
***
ނިދަން އަރައި ދެ ފައި ހަލުވާލަ ހަލުވާލައި އޮތް ތަކުރުގެ މަގަތުގައި އާމިނާބި އިށީނުމުން ބިތްދޮށަށް ޖެހިލައި އާމިނާބި އަށް ތަން ދިނެވެ. އެހެން ނޫނީ ޖެހޭތަނުން ނިދޭ މީހާ އަށް ކިހިނެއް ވެފައިހޭ އަހަމުން އާމިނާބި އުއްޑުން އޮށޯތެވެ. ތަކުރު ބަހެއް ނުކިޔައި، ދެ ފައި ތަޅުވަން އޮވެފައި އިރުކޮޅަކުން، އެއްކަލަ އާދަނު މިހާރު ކޮބައިހޭ އަހައިފި އެވެ. އާމިނާބިގެ ދޫ ހަރަކާތްކުރީ އިރުކޮޅަކުންނެވެ. އެއީ ތަކުރު ދުވަހަކު ވެސް ދެއްކި ވާހަކައެއް ނޫނެވެ. ކުރި ސުވާލެއް ނޫނެވެ. ފަން ފުރާޅަށް ބަލަން އޮވެފައި، އެއީ މާ ކުރީގެ ކަމެއް ނޫންހޭ އަހަންނަކަށް ނޭނގޭ ބުނެލި އެވެ. ތަކުރުގެ ދޫ ބަންދުކުރަން އާމިނާބި ވާހަކަ ދިގުކުރި އެވެ. ބައްޕަ ގަބޫލު ނުވީމާ އެކަން ނުވީ ނޫންހޭ އަހަރެން މިއޮތީ ބައްޕަގެ ބަސް އަހައިގެން ތަކުރަށް ރުހިގެން ނޫންހޭ ބުނަމުން ތަކުރަށް މޫނު ފޮރުވައި ފުރަގަސް ދީފި އެވެ.
ތަކުރު ހިތުގައި ޖެހި ލޯބިކޮށްލާނެ ކަމަށް އާމިނާބި ހީކުރިޔަސް އެހެންނެއް ނުވި އެވެ. އަނެއްކާވެސް ކުރީ ސުވާލެކެވެ. މިސްކިތް ދޮށުން މިހާރު ފޫޅު ދިގު ހަންޑި ނުހޮރުއްޕާނެއް ނުކުރޭ ދޯ އޭ ވެސް އަހައިފި އެވެ. އެހެން ހަމަ ބުނުމާ އެކު، ތަކުރާއޭ ބިރުގަންނަވަން ނޫޅޭށޭ ކިޔައި ގައިގައި ބައްދައިގެންފި އެވެ. ތަކުރުގެ ހިއްސުތަކެއް ނުހިނގި އެވެ. ތަތްވެފައި އޮތް އާމިނާބި ގަޔާ ވަކިކޮށްލައި ބޮޑުއަށި ކޮޅުގައި އިށީނދެ ހަމަޖެހިލި އެވެ. ނޫނެކޭ މިރޭ ފޫޅު ދިގު ހަންޑި ވާހަކަ ނުކިޔާ ފަރަކު ނުޖެހޭނޭ މިފަހަރު ފެނުނީ ހުވަފެނެއް ނޫނޭ ތަކުރު ބުނެފި އެވެ. މިހިރަ ބިތްގަނޑު ފެޅުނީ ފޫޅު ދިގު ހަންޑިއާ ކޮން ސަކަރާތެއް ޖަހައިގެންކަން ވެސް ބުނަން ވާނޭ ކިޔައި އަޑު ގަދަކޮށްލި އެވެ. ފޫޅު ދިގު ހަންޑި ނުކުންނަނީ ހުވަނދުމާ ގަހުން ދޯ އޭ ވެސް ބުނެއްޕެވެ.
ދޮގު ހަދައިގެން ލަދު ފޮރުވަން އުޅުމުގެ ބޭނުން ކެނޑުނު ކަމުގެ އިހްސާސްތަކާ އެކު އާމިނާބި ރޮއެ ހޭރިގެންފި އެވެ.
***
ވަލީ ނުލިބި ކާވެނި ނުވިޔަސް އާމިނާބިޔަށް އާދަނާ ގުޅުން ނުކެނޑުނީ އެވެ. ކުޑަމިނުން އެކުވެރިކަން ނަމަވެސް ބާއްވަން ބޭނުންވީ އާމިނާބި އެވެ. އެކަމަކު ސިއްރުންނެވެ. އަދި އަމުދުން ތަކުރާއި ބައްޕަ އަށެވެ. އެ ދެ މީހުން ނުވަންނަ ފަލެއް، ވަލެއް ރަށަކު ނެތެވެ. ފެނެއް އަލިފާނެއް ވަކި ނުވާއިރު ޖެހި ސަކަރާތެއް ވެސް ނުހުއްޓުނެވެ. އާމިނާބި ހިތުން އެއީ ނުލާހިކު މައުސޫމު ގުޅުމެކެވެ. އެކަމަކު އެ ސަކަރާތުގައި އިމުން ބޭރުވެ އާދަނަށް ނަފުސު މައިތިރި ނުކުރެވުނީ އެވެ. ތުނޑީކޮޅު ބޯށިވަލުގައި އެ ދުވަހު އާމިނާބި ރޯން އެތައް އިރެއް ވަންދެން އިނެވެ. ކަރުހިއްކުން ފިލުވައިގެން އާދަނު ރައްކާވީ އެވެ. އެ ދުވަހު ގެޔަށް ދިޔައީ ކުޑައިރުގެ ލޯބި، ބޯށި ވަލުގައި ވަޅުލައިފަ އެވެ. އެކަމަކު ވީ ދުވަސްކޮޅެކެވެ. އެ ލޯބި ވަޅުން ނަގައި އަލުން ތަޖުރިބާކުރަން ބޭނުންވީ އެވެ. މީހެއްގެ ހިލަމެއް ނުވާ ހިސާބުތަކުން ފެށުނު ކުޅިވަރު ރަށު ތެރެއަށް ވެސް އައީ އެވެ. އެންމެފަހުން އާމިނާބިގެ ލޮލަށް ނިދި ނައިސްގެން އުޅެން ޖެހުމުން ދަންވަރު ގޭދޮށަށް ވެސް ގެންނަން ފެށީ އެވެ.
***
ތަކުރަށް ވުރެ ފުރިހަމަ ފިރިއެއް ލިބޭނީ ކާކަށްހޭ ކިޔައި ދެއްކި ވާހަކަ އަށް އާމިނާބި މާފަށް އެދުނެވެ. ގަންނާކުރައްވާ ލަދަކާ ހެދި އެކަން ސިއްރު ކުރެވުނީތީ އެވެ. ތަކުރަށް އޮތީ ވަކި ކޮން ގޮތެއް ހެއްޔެވެ؟ ނުކުޅެދުންތެރިކަމާ ހެދި ދެރަވެ ލަދުގަނެ އާމިނާބި އެ ގޮތުގައި ބަލައިގަތެވެ. ދެން ފޫޅު ދިގު ހަންޑިއެއް ނާދެ އެވެ. -- ނިމުނީ --
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކކކކ
01 June 2019
ކުޑަކުދިންގެ ރީތި ވާހަކައެއް ފޫޅު ދިގު ހަންޑިވާހަކަ އަކީ. މިގޮތަށް އެކަހަލަ އިނޮސެންޓް ވާހަކަ ޑަރޓީ ނުކުރުމަށް ލިޔުންތެރިންގެ ކިބައިން ވަރަށް އެދެން.
މެގްނަމް ޕުޑިންގ
30 May 2019
ނިއުމަތުﷲ ..ޕްލީސް މި ކަހަލަ ބޮޑު ވާހަކަޢެއް ލިޔެބަ...
ހުސައިން ތަކުރުފާނު
30 May 2019
"ތަކުރަށް އޮތީ ވަކި ކޮން ގޮތެއް ހެއްޔެވެ؟ ނުކުޅެދުންތެރިކަމާ ހެދި ދެރަވެ ލަދުގަނެ އާމިނާބި އެ ގޮތުގައި ބަލައިގަތެވެ."ފޫޅު ދިގު ހަންޑިޔަށް ވެގެން އުޅޭ އާދަނުންގެ ކިޔުތައް ދިގުވަނީ މިހެންވެގެންނެވެ.މިޒަމާނުގައި އާމިނާބީތައް ކަރުހިއްކުން ފިލުވަނީ މީސްމީޑިއާގައި އުޅެގެންނެވެ.ތަކުރުންގެ ނުކުޅެދުންތެރިކަން ހުނަންޏާ ދެން އާމިނާބީން ކޮންމެވެސް ގޮތެއް ހޯދާނެތާއެވެ.
ރޯނާ
30 May 2019
އަންހެންވެރިން ފެންބަލާދާގޮތް ސިފަކޮށްދީފަ އޮތްގޮތް ވަރަށް ރީތި.
ތަކުރުގެ ހަސަން
30 May 2019
ކީއްވެ ނަސްރުﷲ މާބޮޑަށް އާމިނާބިއާ ޖައްސާލައިގެން ތިއުޅެނީ... އާމިނާބިއަށް ކުރާ ޖެއްސުން ހުއްޓާލާ. އެފަކީރުގެވެސް އޮންނަނީ ހިތެކޭ.... ހިތާވަންޏާ މަށަށް ވުރެ ކުރިން އިންނަން އެހިނަމަ ދޯ އިނދެވުނީހީ... މަ ވަރަށް މަސައްކަތުން އެކަން ހާސިލުކުރީ... ދެން ކޮންކަމެއް ތީ؟ ދެން އިތުރަށް އާމިނާބިގެ އަބުރު ކަތިލާފަ ލިޔުންތައް ޝާއިއު ނުކުރާތި!
ާޭމަރޮރޯ
30 May 2019
ވާހަލަ ލިއުނީ ނަސްރުﷲ އެއް ނޫން. ނިއުމަތުﷲ
ވިގަނި
30 May 2019
ކީއްވެޔޯ ހަގީގަޔް ނުލިޔެވެނީ.އާމިނާބި އެއް ނޫން އާމިނާ ދީދީ.
އަލިރަސްގެދަރި
30 May 2019
އަލިރަސްގެ ފާނެއް ނުފިލާ، ކީކޭ ކިތަން ތިޔަ އުޅެނީ، އެމަނިކުފާނު އެވަނީ ކެރިގެން ނިކުމެ ދުސްމަނުންނާއި ކުރިމަތިލައި ޝަހީދުވެފަ. ތާރީޚް އޮޅުވާލަން ނޫޅޭ ރައިވެރިބެދޮގުބުހުތާނާ!
އާނީ
30 May 2019
މި ވާހަކައިގެ ކުރީ ޕާޓް ނިމުން ގެޓެއް ނުވި... އިނގޭ ކުއްޖަކު ބުނެބަ
ކޮބާ ގެޓު ވެއްޖެ
30 May 2019
އެއީ ތަކުރަށް ފެނުނު ހުވަފެނެއް ގޮތަށް މި ބައިގަ ބުނެފަ އެއޮތީ.. ގެޓު؟؟
ރާވެރިބެ.
30 May 2019
ހަމަ މިގޮތަށް އަލިރަސްގެފާނު މަލާބާރީންނަށް (ކެރެލާ /ކަނޑުފޭރޭ މީހުންނާ ހަނގުރާމަކުރަން ބިރުން) ފިލަން މާފަންނުކޮޅު ދުނގެތިވަލަށް ވަން ވާހަކަ ލިޔެލަން ކެރޭނެބާ؟
ހާމާން.
30 May 2019
ސޯ ޓްރޫ
އަލިރަސްގެފާނު
30 May 2019
ކިހިނެއްތޯ ދޮގެއް ލިޔަން ކެރޭނީ މިއޮއްފަދަ ރޯދަމަހު. އަލިރަސްގެފާނު ހަނގުރާމަކުރެއްވީ މަލާބާރުންނަކާ ނޫންވިއްޔާ. ޕޯޗްގީޗުންނާ ވިއްޔަ.