ރިޕޯޓް / މުރަކަ

ރާއްޖޭގައި މުރަކަ އާލާ ކުރުމުގެ އާ އުކުޅަކާ އެކު އުންމީދު!

ފޯ ސީޒަންސް ލަނޑާގިރާވަރުގައި ހުންނަ ރީފްސްކޭޕާސްގެ މެރިން ޑިސްކަވަރީ ސެންޓަރުން މިހާރު ވަނީ ރާއްޖޭގައި ކުރިން މުރަކަ އާލާ ނުކުރާ ގޮތަކަށް އެކަން ކުރަން ފަށައިފައި

މާލެ އަތޮޅުގައި މުރަކައެއް ސްޕޯން ކުރަނީ: މިގޮތަށް ދޫކުރާ ދަރިފަންޏާއި ބިސް ފާޓިލައިޒްކޮށްގެން މުރަކަ އާލާކުރަން ރީފްސްކޭޕާސްއިން ވަނީ ފަށާފައި -- ފޮޓޯ: ކޭޓް ޝެރިޑަން

މީގެ ހަ އަހަރު ކުރިން ރާއްޖޭގެ ކަނޑުގެ ފިނިހޫނުމިން މައްޗަށް ގޮސްގެން ހިނގި މުރަކަ ހުދުވުމުގެ ހާދިސާ އަށް ފަހު ހެދި ދިރާސާތަކުން ދައްކާ ގޮތުގައި އެފަހަރު ރާއްޖޭގެ މުރަކައިގެ 70 ޕަސެންޓު އެއްފަހަރާ މަރުވެގެން ދިޔަ އެވެ. އެހެންވެ، ދެން އެފަދަ ބޮޑު ކަމެއް، ރާއްޖޭގައި ބާކީ ހުރި މުރަކަތަކަށް ދިމާވެއްޖެ ނަމަ ރާއްޖޭގެ ފަރުތަކުން ބައެއް ބާވަތްތަކުގެ މުރަތަކައް މުޅިންހެން ނެތިގެން ދިޔުމުގެ ބިރު އޮތެވެ. މިއީ ރާއްޖޭގެ ރީތިކަން ގެއްލުމުގެ އިތުރުން އެކަމުގެ މައްޗަށް ބިނާވެފައިވާ ޓޫރިޒަމަށް ގެއްލުންވެ، އިގްތިސާދަށް ވެސް އަސަރުކޮށްފާނެ ކަމެކެވެ.

ރާއްޖޭގެ އެންމެ ފުރަތަމަ މެރިން ބަޔޮލޮޖިސްޓުންގެ ތެރޭގައި ހިމެނޭ މަރިޔަމް ސަލީމް އާއި އޭނާގެ ފިރިކަލުން ތޯމަސް ލުބެއާގެ ރީފްސްކޭޕާސް ކުންފުނިން މީގެ ވިއްސަކަށް އަހަރު ކުރިން ފެށިގެން ކުރާ އެއް މަސައްކަތަކީ މުރަކަތައް ނެތިގެން ދިޔަނުދިނުމަށް މަސައްކަތް ކުރުމެވެ. މިކަން މިވީހާތަނަށް ކޮށްފައި ވަނީ ގަސް އިންދާހެން މުރަކައިގެ އެތިކޮޅުތައް ނައްޓައިގެން ދަގަނޑު ފްރޭމެއްގައި ބަހައްޓައި އާލާކޮށްގެނެވެ. މިއީ "އޭސެކްޝުއަލް ރިޕްރޮޑަކްޝަން" ކަމުން މިކަމުން އުފެދެނީ ޖެނެޓިކަލީ އެއް ވައްތަރެއްގެ މުރަކަ އެވެ. މިއީ ރާއްޖޭގައި އާންމުކޮށް މިކަން ކުރާ ގޮތެވެ.

އެެހެން ނަމަވެސް، ފޯ ސީޒަންސް ލަނޑާގިރާވަރުގައި ހުންނަ ރީފްސްކޭޕާސްގެ މެރިން ޑިސްކަވަރީ ސެންޓަރުން މިހާރު ވަނީ ރާއްޖޭގައި ކުރިން މުރަކަ އާލާ ނުކުރާ ގޮތަކަށް އެކަން ކުރަން ފަށައިފަ އެވެ. އެއީ މުރަކަތަކުން ބިހާއި ދަރިފަނިތައް ދޫކުރާ ވަގުތާ ދިމާކޮށް އެ ތަކެތި ނަގައި ފާޓިލައިޒްކޮށްގެން މުރަކަ އާލާކުރުމެވެ. މިއީ "ސެކްޝުއަލް ރިޕްރޮޑަކްޝަން" އެވެ.

ދުނިޔޭގައި ވެސް މަދުން ނޫނީ ބޭނުން ނުކުރާ މި އުކުޅަކީ އެއްފަހަރާ ގިނަ އަދަދެއްގެ މުރަކަ އާލާކުރެވިދާނެ ގޮތެކެވެ. އެހެންކަމުން، މިއީ ރާއްޖޭގެ ފަރުތައް މަރުވިޔަނުދީ ހިފެހެއްޓުމަށް މުހިންމު ކަމަކަށް ވެދާނެ އެވެ.

އާ ޓެކްނީކާއި ދަތިތައް

މެރިން ޑިސްކަވަރީ ސެންޓަރުގެ ކޮރަލް ބަޔޮލޮޖިސްޓް މާގޯ މޮންފަރެޑް ވިދާޅުވި ގޮތުގައި މިކަން ކުރަނީ މުރަކަތައް "ސްޕޯން" ކުރާ ވަގުތު ނުވަތަ ދަރިފަންޏާއި ބިސް ދޫކުރާ ވަގުތާ ދިމާކޮށް މުރަކަތަކުގެ މަތީގައި ދަލެއް އަޅައި އެ އެއްޗެހި ފުޅިއެއްގެ ތެރެއަށް ދާ ގޮތަށް ހަދައި އެއްކޮށްގެންނެވެ.

މުރަކަތަކުން ދަރިފަނިތަކާއި ބިސްތައް ދޫކޮށް ނިމުމުން މޫދު އަޑީގައި ފުޅީގެ މަތިގަނޑު ޖަހައިގެން ގެންދެ އެވެ. މިގޮތަށް ގިނަ އަދަދެއްގެ މުރަކަ "ކޮލިނީ"ތަކުން ދަރިފަންޏާއި ބިސް އެއްކުރެ އެވެ.

މި ތަކެތި ގެންގޮސް ހާއްސަ ޓޭންކުތަކުގެ އެއްކޮށް، ފާޓިލައިޒްވާން ފުރުސަތު ދެނީ އެވެ. ފާޓިލައިޒް ވާނީ އެ ސްޕީޝީޒް އަކާ ގުޅޭ ދަރިފަންޏާއި ބިހެވެ. ދަރިފަންޏާއި ބިސްތައް ފާޓިލައިޒްވެގެން އުފެދޭ ލާވޭތައް ދެން ބަދަލުކުރަނީ ހާއްސަ ފެން ޓޭންކަކަށެވެ. ޓޭންކެއްގައި ވަކި ވަރަކަށް އެ މުރަކަތައް ބޮޑުކޮށްފައި ދެން ފަރަށް ބަދަލުކުރާނީ އެވެ.

ރީފްސްކޭޕާސްއިން މުރަކަ ސްޕޯން ކުރާ ވަގުތާ ދިމާކޮށް ދާގަނޑު ބޭނުންކޮށްގެން ދަރިފަންޏާއި ބިސް ނަގާ ގޮތް --

މިގޮތަށް ރީފްސްކޭޕާސްއިން ފާޓިލައިޒްކޮށްގެން ކުދި މުރަކަ "ޕޮލިޕް"ތައް އުފެދިފައި އެބަ ހުއްޓެވެ. މިއީ އެ މީހުންނަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެކެވެ.

ލަނޑާގިރާވަރުގައި ހުންނަ މެރިން ޑިސްކަވަރީ ސެންޓަރުގެ މެނޭޖަރު ސައިމަން ޑިކްސަން ވިދާޅުވި ގޮތުގައި މުރަކަތައް އާލާކުރަން ބަލާއިރު ކުރީގެ މުރަކަ ހުދުވުމުގެ ހާދިސާތަކުން ސަލާމަތްވެފައިވާ މުރަކައިގެ ބާވަތްތައް އިތުރަށް އާލާ ކުރެވޭތޯ ބަލާނެ އެވެ. އެހެން ހެދުމުން ހުދުވުމުން ސަލާމަތްވުމުގެ ފުރުސަތު ބޮޑު މުރަކަތައް ގިނަވެ، ދިގު މުއްދަތެއްގައި މުރަކައިގެ އާބާދީ ދަށްވިޔަ ނުދީ ހިފެހެއްޓިދާނެ އެވެ.

ދުނިޔޭގައި ކޮރަލް ރީފް ރެސްޓޮރޭޝަންގެ މަސައްކަތް ކުރާ ބައިވަރު ޖަމާއަތްތައް އޮވޭ. އެކަމަކު، މިގޮތަށް މި މަސައްކަތް ކުރަނީ ވަރަށް މަދު ބަޔަކު -- ސައިމަން ޑިކްސަން

"ދުނިޔޭގައި ކޮރަލް ރީފް ރެސްޓޮރޭޝަންގެ މަސައްކަތް ކުރާ ބައިވަރު ޖަމާއަތްތައް އޮވޭ. އެކަމަކު، މިގޮތަށް މި މަސައްކަތް ކުރަނީ ވަރަށް މަދު ބަޔަކު،" ސައިމަން ޑިކްސަން ވިދާޅުވި އެވެ.

video icon

މާގޯ ވިދާޅުވި ގޮތުގައި މިއީ ހާސިލު ކުރަން އެއް ގޮތަކަށް ވެސް ފަސޭހަ ކަމެއް ނޫނެވެ. ވަރަށް ބުރަ މަސައްކަތެއް ވެސް މެ އެވެ.

މުރަކަތައް ދަރިފަންޏާއި ބިސް ދޫކުރަނީ އެ މުރަކައިގެ ބާވަތަކުން އަހަރަކު ދެތިން ފަހަރު އެވެ. ބައެއް ފަހަރު އެއް ފަހަރު އެވެ. އޭގެ އިތުރުން، ބިހާއި ދަރިފަނި ދޫކުރަނީ ފެނުގެ ފިނިހޫނުމިނާއި ވަަޔާއި އަދި އޮއެވަރު ފަދަ ކަންކަން ވެސް ވަކި މިނެއްގައި އޮންނަ ދުވަސްވަރެއްގަ އެވެ.

އޮސްޓްރޭލިއާ އަދި ކެރިބިއަން ސަރަހައްދުގައި މުރަކަތަކުން މިކަން ކުރާ ދުވަސްތައް ރެކޯޑުކުރެވިފައި ވިޔަސް ރާއްޖޭގައި މިފަދަ މައުލޫމާތުތައް ވަރަށް މަދުން ނޫނީ ލިބެން ނެތުމުން އެއީ ވެސް ދިމާވި ދައްޗެއް ކަމަށް މާގޯ ވިދާޅުވި އެވެ. މި ހުރިހާ ކަމަކީ ދިރާސާކޮށް ބަލައިގެން ހޯދަން ޖެހުނު ކަންކަމެވެ. އެގޮތުން ބައެއް ބާވަތްތަކުގެ މުރަކަތައް ސްޕޯން ކުރާ ވަގުތު މިހާރު ވަނީ ހޯދައިފަ އެވެ.

މުރަކަ ސްޕޯން ކުރަނީ ރޭގަނޑުގެ ވަގުތުގައި ކަމުން މޫދަށް ފައިބައި އުޅެން ޖެެހެނީ ވެސް ރޭގަނޑުކަން މާގޯ ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެއީ ވެސް މި މަސައްކަތް އުނދަގޫވާ އެއް ސަބަބެވެ.

ދެ ގޮތަށް ވެސް މުރަކަ އާލާކުރުން މުހިންމު

މީގެ ވިއްސަކަށް އަހަރު ކުރިން ރީފްސްކޭޕާސްއިން މަސައްކަތް ފެށިފަހުން 500،000 އަށް ވުރެ ގިނަ މުރަކައިގެ ބައިތައް ފަރުތަކުގައި އިންދަން ގެންގޮސްފަ އެވެ. އެ މީހުން ބުނާ ގޮތުގައި ފާއިތުވި ތިން އަހަރުގެ ތެރޭގައި އިންދި 700 ލީޓަރުގެ މުރަކަ ބޮޑުވެ، އިތުރު 2400 ލީޓަރުގެ މުރަކަ ވަނީ ފަރުތަކަށް އިތުރުވެފަ އެވެ.

ސެކްޝުއަލް ރިޕްރޮޑަކްޝަންއިން މުރަކަތައް އާލާ ކުރެވެން ފެށުމަކީ ސައިމަން ވިދާޅުވި ގޮތުގައި ރާއްޖޭގައި އާލާކުރެވޭ މުރަކައިގެ މިންވަރު ވަރަށް ބޮޑު ތަނުން އިތުރު ކުރެވިދާނެ ކަމެކެވެ. މިއީ ނިސްބަތުން ކުޑަ ވަގުތުކޮޅެއް ހޭދަކޮށްގެން ގިނަ އަދަދެއްގެ މުރަކަތައް އުފެއްދިދާނެ ކަމެކެވެ. އަދި މިގޮތަށް އާލާކުރާ މުރަކަތައް ސަލާމަތުން ބޮޑުވުމުގެ ފުރުސަތު ވެސް ބޮޑުވާނެ އެވެ.

ރީފްސްކޭޕާސްގެ އާ އުކުޅު ބޭނުންކޮށްގެން ފާޓިލައިޒް ކުރި ދަރިފަނިން އުފެދުނު މުރަކަ "ޕޮލިޕް" އެއް ނުވަތަ ޅަ މުރަކައެއް -- ފޮޓޯ: ރީފްސްކޭޕާސް

"ސްޕޯނިން އިވެންޓުތަކުގައި ގިނަ އަދަދެއް [ދަރިފަންޏާއި ބިސް] ދޫކުރާނެ. މިކަމުން ފްރެގްމެންޓޭޝަންއާ [ފްރޭމްތަކުގައި ހަރުކޮށްގެން އާލާކުރުމާ] އަޅާ ބަލާއިރު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފަރުތަކަށް ވަރަށް ގިނަ އަދަދެއްގެ މުރަކަަ އިތުރުކުރެވޭނެ،" ސައިމަން ވިދާޅުވި އެވެ.

ސައިމަންމެންގެ ވިސްނުން ހުރީ އަންނަ އަހަރު މިގޮތަށް މުރަކަ އާލާކުރުން ފުޅާކުރާށެވެ.

"އަންނަ އަހަރު މިކަން މިހާރަށް ވުރެ ފުޅާކޮށް ކުރެވޭނެ. ލެބޯޓަރީއެއްގައި މުރަކަ އާލާކުރުމުުގެ ބަދަލުގައި ފަރުގައި އާލާ ކުރުމުގެ މަސައްކަތް ކުރެވޭނެ. ފަރުތަކުގައި ބެހެއްޓޭ މުރަކަތަކުގެ އަދަދު ވަރަށް ބޮޑަށް އިތުރުވެގެންދާނެ،" ސައިމަން ވިދާޅުވި އެވެ.

އާ އުކުޅު ބޭނުންކޮށްގެން ފާޓިލައިޒް ކުރި ބިސްތަކުން އުފެދުނު ސެލްތައް ބޮޑުވެ މުރަކަ ޕޮލިޕްއެއް އުފެދުމާ ހަމައަށް -- ފޮޓޯ: ރީފްސްކޭޕާސް

އޭނާ ވިދާޅުވި ގޮތުގައި މިކަން ކުރަން ޖެހޭނީ ކުރިން ވެސް ފްރޭމްގައި ޖަހައިގެން މުރަކަ އާލާކުރަމުން ދިޔަ ގޮތް ހުއްޓާނުލައި އެއާވެސް އެކުއެކީގަ އެވެ. އެއީ ސެކްޝުއަލް ރިޕްރޮޑަކްޝަންއިން މުރަކަ އާލާކުރުމަކީ ހަމައެކަނި ވަކި ދުވަސްވަރެއްގައި ކުރެވޭނެ ކަމަކަށް ވުމުންނެވެ. އެކަމަކު، އަހަރުގެ ހުރިހާ ދުވަސްވަރެއްގައި ވެސް މުރަކަ ފްރޭމްތައް ބެހެއްޓިދާނެ އެވެ.

ރާއްޖޭގައި މިގޮތަށް މުރަކަ އާލާކުރަން ފެށުނަސް، މިއީ މުރަކަ ހުދުވެ މަރުވެގެން ދިޔުމުގެ މައްސަލައަށް ސީދާ ދާއިމީ ހަލެއް ނޫނެވެ. ސައިމަން ފާހަގަ ކުރެއްވި ގޮތުގައި ގައުމުތަކުން ޖައްވަށް ވިހަ ގޭސްތައް ބޭރުކުރުން މަދުނުކުރެވޭހާ ހިނދަކު ދުނިޔެ ހޫނުވެ، ކަނޑުގެ ފިނިހޫނުމިން މައްޗަށް ގޮސް އަދިވެސް މުރަކަ ހުދުވާނެ އެވެ. އެހެންކަމުން، ހަގީގީ ހައްލަކީ ދުނިޔެ ހޫނުވުން ހުއްޓުވުން ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންނަމަވެސް، މި ގޮތަށް މުރަކަ އާލާކުރެވެން ފަށައިފި ނަމަ އެއީ މުރަކައިގެ ގިނަ އަދަދެއްގެ ބާވަތްތަކެއް ނެތިދިޔަ ނުދީ ސަލާމަތް ކުރެވޭނެ ކަމެކެވެ.

8 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 45%
icon sad icon sad 0%
icon angry icon angry 9%
icon wow icon wow 0%
icon inlove icon inlove 45%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނުފެނޭ

06 December 2021

ރާއްޖެފަދަ ގުދުރަތީ ރީތިކަމާ މުއްސަނދިކަން ލިބިފައިވާ ގައުމެއް ބޭރުގެ އެއްވެސް ޕްރޮގްރާމަކުން ނުފެނޭ. މިކަމަށް މަސައްކަތްކުރާނެ މީހުން މިގައުމުގައި ނެތީބާ. އެންޖީސީ ޑިސްކަވަރީ ކަހަލަ އެތައް ޗެނަލަކުން ބޭރު އެތައް ގައުމެއްގެ ގުދުރަތީ ދިރުންތަކުގެ މުއްސަނދިކަން ދައްކާއިރު ރާއްޖެއާ ބެހޭ އެއްވެސް އެއްޗެއް ނުދައްކާ. އެ ޗެނަލްތައް އެއީ އެތައް ބަޔަކަށް އަތްފޯރާފަށުގައި ބެލެން ހުންނަ ޗެނަލް. ފްރީ ޕަބްލިސިޓީ. ފަތުރުވެރިކަމަށް ކުރިއެރުން ގެނުވާނެ ކަމެއް.

The name is already taken The name is available. Register?

ޙަބީނު

06 December 2021

މާތްކަލާކޮ މަރިޔަމްއާއި ތޯމަސް މީކޮންފަދަ ކަމެއް މީކިހިނެއް ގުޅުނު ދެނަމެއް

The name is already taken The name is available. Register?

ޝެލަރީ

06 December 2021

ކިތައް ފަރަށްތޯ މުރަކަ ގެންދިޔައީ އިތުރުގުޅު ނުހެއްދެވުން އެދެން

The name is already taken The name is available. Register?

ކޮރަލް

06 December 2021

ރަނގަޅު މަސައްކަތެކެވެ. ދަނޑުވެރިކަމާ މަސްވެރި ކަމުގަ ވެސް ދިމާ ވަނީ ބޮޑު އެއްމައްސަލަ އެވެ. އެދާއިރާގަ ކިޔަވާފަ ހުރި މީހުން އެބަހުއްޓެވެ. ދިވެހި ބަހުން މަސްވެރިކަމާ ދަނޑުވެރިކަމާ ބެހޭގޮތުން ހުރި ލިޔުން ތައް މަދީ އެވެ. އަދި އެފަދަ ލިޔުން ހުރިނަމަ އެލިޔުންތައް އެއް ވެބްސައިޓް އަކުން ރާއްޖޭގެ މީޙުންނަށް ފެންނަން ނެތީ އެވެ.

The name is already taken The name is available. Register?

ހަސަނުު

06 December 2021

ވަރަށް ސަޅި.. އެކަމަކު ފޯސީޒަނުން ތީ ހަމަ ހުސް ޝޯ އަށް ކުރާކަމެއްދޯ؟

The name is already taken The name is available. Register?

އަސަރު69

06 December 2021

ތިކަންވެސް ކުރާހިތްވާ ބަޔަކު ކޮށްފިނަމަ އެކަން ވަރަށް ކާމިޔާބުކަމާއެކީ ކުރިޔަށް ގެންދެވޭނެ. މިކަމުގާ ބޭނުންވަނީ އަންހެން ކުއްޖަކަށް ފިރިހެނަކު ހިތްކިޔައިގެން އެހޯދަން މަސައްކަތްކުރާ މިންވަރަށްވުރެ ރޭޓް މަތިކޮށްލުން. އޭރުން ދެން ހުންނާނީ ކަންކުރެވިފާކަން ޔަގީން. ބޭނުންވަނީ ހިތްވަރަކާއެކު އެކަމަށް ލޯބިޖެހުން.

The name is already taken The name is available. Register?

ކުރުކޮށް

06 December 2021

ތިމާމެނަށް ކަމުގެ އެކޮޅު ނޭނގި ގުދުރަތީ ގޮތުްން ހުންނަ ކަންކަމާ ކުޅެގަނެ ހެދުމުގެ ގޯސްކަން ރާއްޖޭގެ ކަންކަޮޅު ތަކުން ދަނީ ފެންނަމުން

The name is already taken The name is available. Register?

ބްލޫ އިކޮނޮމިސްޓް

06 December 2021

މިއޮތީ އަހަރެމެން މިހޯދާ ޖަޒީރާ ރާއްޖެ. މުރަކަ އާލާ ކޮށްގެން އަހަރެމެންގެ ކަނޑުފަޅު އަދި ރަށްތައް ހިމާޔަތް ކުރެވޭނެ. މިކަން ސަރުކާރުން ފުޅާކޮށް ފަށަން އުޅެފައި މިވަގުތަށް ކޮވިޑުގެ ދަތިކަމާއި ހެދި އެކްސްޕެރިމެންޓް ނަހަދަން މަޑުކޮށްލީ. ކޮވިޑުން އަރައިގަނެވުމުން މިކަން ފުޅާކޮށް ފަށާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454