އެ ރަށުގައި ހުންނަ އެ ގެ އެމަނިކުފާނަށް ވަރަށް ޚާއްސަ އެވެ. ވެރިކަމުގައި ހުންނެވި އިރު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް 1996 ގައި، އެ ރަށަށް ވަޑައިގެން އެގޭގައި ވަގުތުކޮޅެއް ހޭދަކުރެއްވީ، އެހެން އެންމެން ބޭރުގައި ބޭތިއްބެވުމަށް ފަހު، ގިނިކަންޏާ އެވެ. އޭގެ 23 އަހަރު ކުރިން އެ ގޭގައި އެ މަނިކުފާނު ދިރިއުޅުއްވީ ސިޔާސީ ކުށްވެރިއެއްގެ ގޮތުގަ އެވެ. އެއީ ޙަޔާތްޕުޅުން ފޮހެވޭނެ ހަނދާންތަކެއް ނޫނެވެ.
ރާއްޖޭގެ ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ހދ. މަކުނުދު އަށް މައުމޫން އަރުވާލިކަން ނޭނގޭ ދިވެހިން މަދުވާނެ އެވެ. އެކަމަކު ރަށުގައި އެމަނިކުފާނު ދިރިއުޅުއްވި ގޮތާއި މައުމޫނާއި މި ރަށާ އޮތް ގުޅުން އެނގޭނީ މަދު ބަޔަކަށެވެ.
މި ރަށުގައި ވަރަށް ފަހަކާ ޖެހެންދެން ވެސް މައުމޫނަށް ހާއްސަކޮށްގެން ގޯއްޗެއް އޮތެވެ. މައުމޫން އާއްމުކޮށް ހިންގަވާ އުޅުއްވި މަގަށް މީހުން ކިޔަނީ "ރައީސް މަގެ"ވެ.
އިދާރީ ގޮތުން ހދ. އަތޮޅަށް ނިސްބަތްވި ނަމަވެސް، ޖިއޮގްރަފީ ގޮތުން ވަކި އަތޮޅެއްގެ ގޮތުގައި، ވަރަށް އެކަހެރިކޮށް އޮންނަ މި ރަށަށް ކުރިން ސިޔާސީ ބޮޑެތި ކުށްވެރިން އަރުވާލި އެވެ. ބޭނުމަކީ ގިނަ މީހުންނާ ބައްދަލުކުރުމުގެ ފުރުސަތު ނުދިނުމާއި މުޖުތަމައުއާ ދުރުކޮށްލުމެވެ.
މައުމޫންގެ އިތުރުން ޝަމްސުއްދީން ހިލްމީ އާއި ބޮޑުފެންވަޅުގޭ ސީދީ ފަދަ ބޭފުޅުން ވެސް މި ރަށަށް އަރުވާލި އެވެ.
އެކަމަކު މި ހުރިހާ ބޭފުޅުންގެ ތެރެއިން މައުމޫން ޚާއްސަ ވަނީ މިއަދާ ހަމައަށް ވެސް ރަށުގެ ބައެއް މީހުންނާ އެކު އޮންނަ ވަރުގަދަ ގުޅުމުގެ ސަބަބުންނެވެ.
މައުމޫން ހުންނެވި ގުލްހަޒާރުގެ
ރާއްޖޭގެ މަޝްހޫރު ޅެންވެރިޔާ އަދި އަދީބު ބޮޑުފެންވަޅުގޭ ސީދީ މަކުނުދުއަށް އަރުވާލުމުން އެ ރަށުގެ ދެ ބޭފުޅަކާ ކައިވެނި ބައްލަވައިގެންނެވި އެވެ. ދެ ދަރިކަލުން ކަމަށްވާ އަދި މައުމޫން ވެރިކަމުގައި މިނިސްޓަރުކަން ކުރެއްވި މުހައްމަދު މުސްތަފާ ހުސެއިން އާއި އަހުމަދު މުޖުތަބާގެ މަންމަ ނިސްބަތް ވަނީ މި ރަށަށެވެ. އަދި މި ރަށުގައި "ގަނޑުވަރެއް"ގެ ގޮތުގައި މަޝްހޫރު ގެއެއް ވެސް ސީދީ ބިނާކުރެއްވި އެވެ.
ވަރަށް ބޮޑަށް ވީރާނާވެފައިި ހުރި ނަމަވެސް "ގަނޑުވަރު" އަދިވެސް މި ރަށުގައި އެބަަ ހުއްޓެވެ.
މިނިވަންވުމާ އެކު އާއިލާއާ އެކު ސީދީ މާލެ ވަޑައިގަތީ އެވެ. އެކަމަކު އަވަހާރަވަންދެން ވެސް މަކުނުދުއަށް ޚާއްސަ ސަމާލުކަމެއް ދެއްވި އެވެ.
މުސްތަފާ އާއި މައުމޫނާ ދެމެދު ވަރަށް ގާތް ގުޅުމެއް އޮތެވެ. ސިޔާސީ ކުށްވެރިއެއްގެ ގޮތުގައި މަކުނުދުއަށް އަރުވާލުމުން، މައުމޫން ހުންނަވަން ފުރަތަމަ ހަމަޖެއްސެވީ މުސްތަފާގެ ބޮޑުދައިތަގެ ގެ އެވެ. އެކަމަކު ކުޑަކުދިން ގިނަވުމުގެ ސަބަބުން އެ ގޭގައި މައުމޫނަށް ހުންނެވޭ ގޮތެއް ނުވި އެވެ.
ގުލްހަޒާރުގެ ހަމަޖެއްސީ އޭގެ ފަހުންނެވެ. އެގޭގައި އުޅުނީ ދެމަފިރިއަކާއި 13 އަހަރުގެ އަންހެން ކުއްޖެއް އެކަންޏެވެ.
މިއަދާ ހަމައަށް އައި އިރު ވެސް މައުމޫން، އެ އާއިލާއާ ގާތް ގުޅުމެއް ބާއްވަވަ އެވެ.
ދީނީ ކަންކަން އޮޅުންފިލުވި
އޭރުގެ ރައީސް އިބްރާހިމް ނާސިރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވެގެން، ގޭ ބަންދުގައި ބެހެއްޓުމަށް ފަހު މަކުނުދު އަށް މައުމޫން އަރުވާލީ 1973 ވަނަ އަހަރު އެވެ. މިސްރުން ކިޔަވާވިދާޅުވެގެން ވަޑައިގެންނެވިތާ މާ ގިނަ ދުވަހެއް ނުވަނީސް ކުރިމަތިވި އެ ނުތަނަވަސްކަމުގައި އެމަނިކުފާނު އަރުވާލީ ހަތަރު އަހަރަށެވެ. އޭރު މައުމޫންގެ ދެ ދަރިކަނބަލުން ކަމަށްވާ ދުންޔާ މައުމޫނާއި ޔުމްނާ މައުމޫންގެ އުމުރުފުޅުން އެންމެ ތިން އަހަރެވެ.
މަކުނުދޫގައި މާލެ ދަތުރުކުރަން ގެންގުޅޭ ހަމައެކަނި ބައްތެލި، "ފުނަމާ"އިން މައުމޫން މި ރަށަށް ވަޑައިގަތުމުގެ ކުރިން މާލޭގެ "ޝާހީ" ބޭފުޅަކު އަރުވާލާކަމުގެ ޚަބަރު ރައްޔިތުންނަށް އޮތީ ލިބިފަ އެވެ. އެހެންވެ، ކުށްވެރިއެއްގެ ބަދަލުގައި ރަށު މީހުން އެމަނިކުފާނާ މެދު ދުށީ ދައުލަތުގެ އިސް ވެރިއެއްގެ ގޮތުގަ އެވެ.
ދެމަފިރިންގެ އިތުރުން ގުލްހަޒާރުގޭގައި އޭރު އުޅުނީ އެ މީހުންގެ ހުރި ހަމައެކަނި ދަރިފުޅު މައިމޫނާ އަލީ އެވެ. އޭރު ވެސް މުހައްމަދު އާދަމް އެގެއަށް ގޮސް އުޅުނެވެ. ފަހުން އޭނާ ކައިވެނިކުރީ މައިމޫނާއާ އެވެ.
މި ރަށުގަައި މައުމޫން ދުވަސްތައް ހޭދަކުރެއްވި ގޮތް އެންމެ ރަނގަޅަށް އެނގޭ އެކަކީ މުހައްމަދެވެ. އޭނާ ބުނި ގޮތުގައި ރަށުތެރެއަށް މައުމޫން އާއްމުކޮށް ނުކުމެއެއް ނޫޅުއްވަ އެވެ. ގޭތެރޭގައި ހުންނަ އުނދޯއްޔެއްގައި ފޮތް ކިޔުއްވަން އިންނެވުމުގެ އިތުރުން ދެން ވަޑައިގަންނަވަނީ އުތުރާއި ދެކުނު ފަރާތު އަތިރިމަައްޗަށެވެ. އެތަނުގައި ވެސް އެމަނިކުފާނު އިންނަވަނީ ފޮތް ކިޔުއްވަން ކަމަށް މުހައްމަދު ބުންޏެވެ.
މައުމޫނަކީ ބޮޑު އިލްމުވެރިއަކަށް ވުމުން، ދީނީ ކަންކަން އޮޅުންފިލުވަން އެގެއަށް މީހުން ގޮސް އުޅުނެވެ. ޚާއްސަކޮށް އިޝާނަމާދަށް ފަހު އެވެ.
"މި ރަށު މީހުންނަށް އެނގޭ އެއީ ނުޖޫމީ އިލްމުވެރިއެއްކަން ވެސް. އެހެންވެ ތަރިތައް ދައްކާފައި ބުނާނެ އެނގޭހޭ އެއީ ކޮން ތަރިއެއްކަން. އެ ހުރިހާ އެއްޗެއް ކިޔައިދެއްވާނެ،" މިހާރު އުމުރުން 50ގެ އަހަރުތައް ގުނަމުން ދާ މުހައްމަދު ކިޔައިދިނެވެ.
މައުމޫންގެ ބަޔޮގްރަފީ، "އަ މޭން ފޯ އޯލް އައިލެންޑްސް" ގައި ވެސް އޭގެ ކުޑަ ތަފްސީލެއް ހިމަނާފައިވެ އެވެ.
"މީހުން އައިސް ދީނީ ކަންކަމާ ގުޅޭ ގޮތުން ސުވާލުކުރޭ. އެކަމަކު ސިޔާސީ ކުށްވެރިއަކަށް ވުމުން އެއްޗެހި ކިޔަވައިދިނުމުގެ ހުއްދައެއް ނޯވޭ. އެހެންވެ މީހުން ސިއްރުން އައިސް އަޅުގަނޑާ ބައްދަލުކުރުމުން ބައެއް އެއްޗެހި އަޅުގަނޑު ކިޔައިދެން،" އެ ފޮތުގައި މައުމޫން ވިދާޅުވެފައިވެ އެވެ.
މަކުނުދުއަށް މައުމޫން ވަޑައިގެންނެވި އިރު މާލޭގެ އެހެން މީހަކު ވެސް މި ރަށަށް އަރުވާލާފައި ހުއްޓެވެ. އެކަމަކު އޭރު އޭނާ ވަނީ ރަށު މީހަކާ ކައިވެނިކޮށް ދިރިއުޅުން މި ރަށަށް ބަދަލުކޮށްފަ އެވެ. މޮޅަށް ދިވެހި ބޭސްކުރަން އެނގުމުގެ އިތުރުން އުރުދޫ ބަސް ވެސް އޭނާ ދަނެ އެވެ. އުރުދޫ ދަސްކުރައްވަން ބޭނުންފުޅުވުމުން މައުމޫނަށް އޭނާ އެ ބަސް ކިޔަވައިދިން ކަމަށް، އޭރުގެ ކަންކަން އެނގޭ ބައެއް މީހުން ބުނެ އެވެ.
އަތް ދިގު ގަމީހާއި ފަޓުލޫނު ތުރުކުރައްވައިގެން ހުންނަވާތީ ރަށު މީހުން މައުމޫނާ މުޚާތަބުކުރީ "ބޭފުޅާ"ގެ ނަމުންނެވެ.
ގުލްހަޒާރުގޭގައި މައުމޫންގެ ކަންކަން ކޮށްދޭން އިސްކޮށް ހުރީ މައިމޫނާ އާއި އެ އާއިލާގެ އެހެން ފިރިހެން ކުއްޖެއް ކަމަށްވާ މި ރަށު މެޓްރޯވިލާ، އަބްދުއްރައްޒާގެވެ.
މައުމޫންގެ އެއްޗެހި ދޮވުމާއި އިސްތިރިކުރުމާއި ކާންހަދައިދިނުމާއި ފަރިއްކުޅުވަން އިންނަވާއިރު ފަންކާއިން ވިހެދެނީ ވެސް ރައްޒާގެވެ.
ރަށު މީހުންގެ އަތްމަތި ދަތިކަމުން މައުމޫން ވެސް ފަރިއްކުޅުއްވީ ރިހާކުރާއި ގަރުދިޔަ ފަދަ އެއްޗިއްސެވެ.
އަބްދުއްރައްޒާގު ބުނި ގޮތުގައި މައުމޫން ފަރިއްކުޅުވަން އިންނަވާއިރު، އޭނާ ހުންނަނީ ފަންކާ ވިހެދޭށެވެ. އެހެން އިންނަވާއިރު ވެސް ތަފާތު ސަމާސާތައް ކުރައްވާ ކަމަށް ބުންޏެވެ. އެކަމަކު ސަމާސާކުރައްވަނީ އެހެން މީހުން ނުތިބޭ ވަގުތުތަކުގަ އެވެ.
މައުމޫން ކޮޓަރީގައި އުޅުއްވަނިކޮށް ބޭރުން ތަންޑު އަޅުވާފައި އެއް ދުވަހަކު ކުޅެން ދިޔަ ހަނދާން ވެސް އޭނާ ވެ އެވެ.
މައިމޫނާ އާއި ރައްޒާގު، މައުމޫނާ މުޚާތަބުކުރަނީ ތިއްތިބޭގެ ނަމުންނެވެ. އަދިވެސް މައުމޫނަށް އެމީހުން ކިޔައީ އެ ނަމުންނެވެ.
"އަޅުގަނޑުމެންނަށް އެހާ ވާހަކަ ދައްކާކަށް ނުކެރޭ. އެހެންވެ، އެއް ދުވަހު ގަނޑުކޮޅެއްގައި ލިޔުނީ ކުޑަކުދިން ވީމަ މައުމޫންބޭ ކިޔަން ލަދުގަނެއޭ، ތިއްތިބޭ ކިޔަސް އެންމެ ރަނގަޅުހޭ. އެ ގަނޑުކޮޅު ބޭއްވީ ފަރިއްކުޅުވަން ބަހައްޓާފައި ހުރި ހުސް ތައްޓެއްގައި،" ރައްޒާގު ކިޔައިދިނެވެ.
"ދެން އެ ކިޔުއްވާފައި ވިދާޅުވީ އެންމެ ރަނގަޅު ކަމަށް."
ހަތަރު މަސް ފަހުން މާލެއަށް، އެކަމަކު ގުޅުމެއް ނުކެނޑޭ
ހުކުމް ކުރީ ހަތަރު އަހަރަށް ނަމަވެސް، ރައީސް ނާސިރު 1973 ގައި ދެ ވަނަ ދައުރަކަށް އިންތިޚާބުވެ ވަޑައިގަތުމުން ދެއްވި އަފޫއާއްމެއްގައި މައުމޫން ވެސް ހިމެނިވަޑައިގަތެވެ. އެހެންކަމުން މި ރަށުގައި މައުމޫން ހޭދަކުރެއްވީ އެންމެ ހަތަރު މަހެވެ.
އެކަމަކު ގުލްހަޒާރުގޭ މަތިން މައުމޫން ހަނދުމަފުޅު ނައްތައެއް ނުލައްވަ އެވެ.
އެންމެ ފުރަތަމަ އެގޭ މީހުންނަށް ހަދިޔާއަކަށް ދެއްވީ މަސް ދޯންޏެކެވެ. އެއީ މަކުނުދޫގައި އެންމެ ފުރަތަމަ ދުއްވި މަސް ދޯންޏެވެ. އޭގެ ފަހުން، އެ އާއިލާގެ ގިނަ ބަޔަކު ހައްޖަށް ފޮނުވައި، ގޭގެ ކުދިންގެ ކިޔެވުމާއި ސިއްހީ ފަރުވާގެ ހަރަދުތައް ވެސް ދެއްވީ މައުމޫނުގެ އާއިލާ އިންނެވެ.
"މިހާރު ވެސް އަޅުގަނޑުގެ އަނބިމީހާ (މައިމޫނާ) އާއި ކުދިން މާލޭގައި ތިބި އިރު އެ މީހުން ތިބިތަން ކުއްޔަށް ހިފައިދެއްވީ މައުމޫން. ކޮންމެ ހަފުތާއެއްގައި ކަހަލަ ގޮތަކަށް ފޯނުން ގުޅައި ހާލު ބައްލަވާނެ،" މުހައްމަދު ބުންޏެވެ.
އޭނާ އާއި ރައްޒާގު ވެސް ބުނީ މިހާތަނަށް އައި އިރު ވެސް "މައުމޫންގެ ހެޔޮފުޅުކަން" ދެމިއޮތް ކަމަށެވެ.
"ވަރަށް ހެޔޮފުޅު. ވެރިކަން ލިބުނު ފަހުން ވެސް، އަޅުގަނޑުމެން މާލެ ދިޔުމުން ތީމުގެއަށް ގެންގޮސް ކާންދީ ހަދާނެ. އެއްބަނޑު އެއްބަފާ ކޮއްކޮއެއްގެ ގޮތަށް މައިމޫނާއާ މެދު ދެކެވަޑައިގަތީ،" މުހައްމަދު ބުންޏެވެ.
އެކަމަކު ރައްޒާގު ދެކެ މައުމޫން ކޯފާވެފައި ހުންނެވި ކަމަށް އޭނާ ގަބޫލުކުރެ އެވެ. އޭނާ ލަފާކުރާ ގޮތުގައި އޭގެ ސަބަބަކީ ކޮންމެވެސް މީހަކު ދެއްކި ނުބައި ވާހަކައެކެވެ. އޭގެ ތަފްސީލް ރައްޒާގު ކިޔައިދިނެވެ.
"އަޅުގަނޑުގެ އާއިލާ މީހަކު މައުމޫނޭ ކިޔައިގެން ވަރަށް ގޯސް ވާހަކަތަކެއް ދެއްކި ކަމަށް ވަނީ. އެކަމަކު އެމަނިކުފާނާ ހަމައަށް އެ ވާހަކަތައް ފޯރީ އަޅުގަނޑު ބުނި އެއްޗެއްގެ ގޮތުގައި. އޭގެ ފަހުން އަޅުގަނޑަކާ ކުރިން ބޭއްވި ގުޅުމެއް ނުބާއްވާ."
"ކޮންމެވެސް ދުވަހަކުން އަޅުގަނޑު ބޭނުން މި ވާހަކަތައް ތިއްތިބޭއަށް ސާފުކޮށްދޭން. އަޅުގަނޑު އަދިވެސް ވަރަށް ލޯބިވާ ބޭފުޅެއް އެއީ."
ބިމެއް ވެސް ޚާއްސަކުރި
މަކުނުދޫ ދެކުނު ފަރާތު ބަނދަރު މަތިން ބޮޑު ބިމެއް މައުމޫނަށް ޚާއްސަކުރީ އެމަނިކުފާނުގެ އެދިވަޑައިގަތުމަކަށެވެ. އޭރުގެ ބައެއް ވެރިން ވިދާޅުވީ މައުމޫނަށް ނިސްބަތްވާ ތަނެއް ހަދަން ބަނދަރު މަތިން ހަމަޖެއްސީ އެމަނިކުފާނު ފޮތް ކިޔުއްވަން އެންމެ ގިނައިން ވަޑައިގަތް ހިސާބުން ކަމަށެވެ.
ބިން ހަމަޖެހުމުން އެތަނުގައި ބިނާއެއް ހަދަން އުދައްޔާއި ފަކީރާ ފަަދަ ބައެއް ތަކެއްޗާއި އެތަނުގައި އިންދާނެ ފިތުރޯނު ގަސް ވެސް މާލެ އިން ފޮނުއްވި އެވެ.
އެކަމަކު ވަކި ހިސާބަކުން އެ މަސައްކަތް ހުއްޓުނު ގޮތަށް އޮތީ އެވެ.
"ބޮޑަށް ލަފާކުރެވެނީ ވެރިކަމުގައި ހުންނަވައިގެން އެ ފަދަ ބިނާއެއް އެޅުއްވުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ހީފުޅުވެގެންް އެކަން މަޑުޖައްސާލީ ކަމަށް،" މަކުނުދޫގެ އޭރުގެ ވެރިއަކު ވިދާޅުވި އެވެ.
އޭގެ ފަހުން އެ ގެވަޅުގައި އެއްވެސް މަސައްކަތެއް ނުކުރެ އެވެ. އަދި މީގެ ފަސް ވަރަކަށް އަހަރު ކުރިއާ ޖެހެންދެން، ރަށު އަންހެންވެރިން ނިކުމެ އެ ތަން ސާފުކޮށް ހެދި އެވެ. ރަށު މީހުން މިހާރު ވެސް އެތަނަށް ކިޔަނީ "ރައީސް ގެވަޅު"ގެ ނަމުންނެވެ. އެކަމަކު ރަށު ކައުންސިލުން މިހާރު ވަނީ އެއީ ރައްޔިތުންގެ ބިމެއް ކަމަށް ކަނޑައަޅާފަ އެވެ.
މައުމޫނާ މެދު މަކުނުދޫ މީހުން މިހާރު ދެކެނީ ކިހިނެއް؟
ރައީސް މައުމޫނަކީ މަކުނުދޫ މީހުންނަށް ހާއްސަ ވެރިއަކަށް ވީ ނަމަވެސް އެ މަނިކުފާނާ މެދު މިހާރުގެ ގިނަ ބައެއްގެ ހިތުގައި ޝަކުވާތައް ގިނަ އެވެ. އެންމެ ބޮޑު ޝަކުވާއަކީ ވެރިކަމުގެ ދިގު ދައުރެއް ނިންމަވާލެއްވި އިރު މި ރަށަށް ވަޑައިގެންނެވި އަދަދު މަދުވުމެވެ. އަދި މައުމޫންގެ ވެރިކަމުގައި ރަށަށް މާ ބޮޑު ތަރައްގީއެއް އައިސްފައި ނުވުމެވެ.
"މައުމޫން ވިދާޅުވާނެ މިއީ އެމަނިކުފާނުގެ ރަށެކޭ. އެކަމަކު މިހާތަނަށް އައިއިރު މި ރަށަށް އެމަނިކުފާނު ކޮށްދެއްވި ކަމެއް އަޅުގަނޑުމެންނަކަށް ނުފެނޭ،" މަކުނުދޫގެ ޒުވާނަކު، ނަން ނުޖަހާ ގޮތަށް، ބުންޏެވެ.
ވެރިކަމުގެ ތިރީސް އަހަރު ތެރޭގައި މި ރަށަށް މައުމޫން ވަޑައިގަތީ އެންމެ ހަތަރު ފަހަރު އެވެ. އެމަނިކުފާނާ މެދު ރަށު ބައެއް މީހުން ނުރުހުންވާކަން، އެންމެ ފަހުން ރައީސް އަބްދުﷲ ޔާމީންގެ ކެމްޕޭނަށް މަކުނުދު އަށް ވަޑައިގެންނެވި އިރު ރަށުގައި ދަމާފައި ހުރި ބައެއް ފޮތިތަކުން އެނގުނެވެ.
ސިޔާސީ ޚިޔާލު ތަފާތުވުމުގައި އެ ބަދަލުތައް ފެނުނު ނަމަވެސް، ރާއްޖޭގެ ވެރިކަން އެހާ ގިނަ ދުވަހު ކުރެއްވި އަދި މިހާރު ވެސް ސިިޔާސީ ލީޑަރެއްގެ ގޮތުގައި ބެލެވޭ ބޭފުޅެއްގެ ހަޔާތްޕުޅާ މި ރަށް ގުޅިފައި އޮތް އޮތުން ތާރީޚުން ފިލައިގެންނެއް ނުދާނެ އެވެ.