އިސްކަންދަރުގެ މަގްބޫލުކަން އެހާ ބޮޑީ ކީއްވެ؟

މާލޭގައި ޑިމާންޑް ވަކިން ބޮޑު އެއް ސްކޫލެއްގެ ގޮތުގައި އިސްކަންދަރު ސްކޫލް ފާހަގަކުރެވެ އެވެ. ގްރޭޑް 1-10 އަށް ކިޔަވައިދޭ ސަރުކާރުގެ ސްކޫލްތަކުގެ ތެރެއިން ގިނަ ބައެއްގެ އެއް ވަނަ ހޮވުމަކީ އިސްކަންދަރެވެ. ދަރިފުޅު ގްރޭޑް އެކަކަށް ދާ އިރުގަ އާއި ދިރާސީ އާ އަހަރަކާ ކުރިމަތިލާ އިރު އެ ސްކޫލުން ޖާގަ ހޯދަން ބޭނުންވާ މައިންބަފައިން ގިނަ އެވެ.


އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް ދަރިވަރުން ކަނޑައެޅުމުގައި މައިގަނޑު ގޮތެއްގައި ގެންގުޅެނީ އެ ކުއްޖަކު ދިރިއުޅޭ ގެއާ އެންމެ ކައިރި ސްކޫލަކުން ޖާގަ ދޭ އުސޫލެކެވެ. އެކަމަކު، އެހެން އެޑްރެހެއް ދީގެން ނުވަތަ ކޮންމެވެސް އެހެން ގޮތަކުން ވިޔަސް، ވަކި ސްކޫލަކުން ޖާގަ ހޯދަން ބައެއް މީހުން މަސައްކަތްކުރެ އެވެ. އެފަދަ ގިނަ ބަޔަކު އިސްކަންދަރު ސްކޫލަށް ޝައުގުވެރިވަނީ ކީއްވެގެން ހެއްޔެވެ؟ ސަބަބަކީ ހަމައެކަނި އެ ސްކޫލުގެ ނަން ހެއްޔެވެ؟ ނުވަތަ ހަމަ ހަގީގަތުގައި ވެސް އިސްކަންދަރު ތަފާތީ ހެއްޔެވެ؟

އިސްކަންދަރާ މާ ދުރުގައި އުޅެމުން ވެސް މި އަހަރު އެ ސްކޫލުން ޖާގައެއް ހޯދި ބެލެނިވެރިއަކު ބުނީ ޖުމްލަކޮށް ބަލާ އިރު ހުރިހާ ގޮތަކުން ވެސް އެހެން ސްކޫލްތަކަށް ވުރެ އިސްކަންދަރު ރަނގަޅުކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އޭނާ އިޝާރާތްކުރީ އެ ސްކޫލުގެ ދަރިވަރުންގެ ނަތީޖާ އަށާއި އިތުރު ހަރަކާތްތަކަށެވެ. އޭނާ ބުނީ، އެންމެ ރަނގަޅީ އިސްކަންދަރު ކަމަށް ގިނަ ބަޔަކު ބުނާތީއާ ވެސް އެކު، ކޮންމެ ގޮތެއް ހަދާފައި ވެސް އެ ސްކޫލަށް ދަރިފުޅު ފޮނުވަން ބޭނުންވީ ކަމަށެވެ.

އިސްކަންދަރު ސްކޫލުގެ ރިޕޯޓު ފޮތް ދިނުމުގެ ހަފްލާގައި ދަރިވަރަކު ރިޕޯޓު ފޮތް ބަލަނީ: މިއީ އެންމެ ގިނަ ދުވަސްވީ ޕްރައިމަރީ ސްކޫލް. ފޮޓޯ: ނިޝާން އަލީ

ފަސް އަހަރުގެ ތަޖުރިބާ އިން އެއް މަންމައަކު ކިޔައިދިން ގޮތުގައި އިސްކަންދަރާ ދޭތެރޭ އޭނާގެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އަޚުލާގީ މިންގަނޑުތަކުގައި ހިފަހައްޓަން ދޭ ސަމާލުކަމެވެ.

"އިސްކަންދަރުގެ ދަރިވަރުންނަށް ފާޑުފާޑަކަށް ނޫޅެވޭނެ. ކިތަންމެ ކުޑަ ކަމެއް ވެސް ގަވާއިދާ ޚިލާފަށް ހުރިއްޔާ ވަގުތުން ބުނާނެ، އެކަމެއް ރަނގަޅުކުރަން،" މި އަހަރު އިސްކަންދަރުގެ ގްރޭޑް ހަޔަކަށް ބަދަލުވި ދަރިވަރެއްގެ މަންމަ ފާއިޒާ މުހައްމަދު ކިޔައިދިނެވެ.

"ހަމަ ފާހަގަކުރެވޭނެ، އަޚުލާގީ ގޮތުން އިސްކަންދަރުގެ ދަރިވަރުން އެހެން ސްކޫލްތަކުގެ ކުދިންނާ ތަފާތުކަން."

އިސްކަންދަރުގެ އިސް މަގާމެއްގައި މަސައްކަތްކުރައްވާފައިވާ ތައުލީމީ ދާއިރާގެ ބޭފުޅަކު ފާހަގަކުރެއްވި ގޮތުގައި އާއްމުންގެ މެދުގައި ރަނގަޅު ތަސައްވުރެއް އިސްކަންދަރުން ވަނީ ހޯދައިފަ އެވެ. އޭގެ އަސްލަކީ، އޭނާ ވިދާޅުވި ގޮތުގައި، ޓީޗަރުން ރަނގަޅުވެފައި "ބެލެނިވެރިންނަށް ޓީޗަރުން ފެންނަ ފެނުމާއި މެނޭޖްމެންޓްގެ ހަރަދަނާކަމާއި" މަތީ ގްރޭޑްތައް ތައާރަފްކުރި ފަހުން އޯލެވެލް އިމްތިހާނުން ނެރެމުން އަންނަ ނަތީޖާތަކެވެ. އޭގެ އިތުރުން، ގިނަ ދުވަސްވީ ސްކޫލަކަށް ވާތީ ވެސް އިސްކަންދަރަށް ޝައުގުވެރިކަން ބޮޑުވާނެ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

"އެސްޓަބްލިޝްޑް ސްކޫލަކާއި އަރަމުން އަންނަ ސްކޫލަކާ ވަރަށް ތަފާތުވާނެ،" ނަން ނުޖަހަން އެދި ވާހަކަދައްކަވަމުން އެ ބޭފުޅާ ވިދާޅުވި އެވެ.

ރާއްޖޭގެ އެންމެ ފުރަތަމަ ޕްރައިމަރީ ސްކޫލުގެ (ކުރީގެ ނަން: ނާސިރިއްޔާ މޮންޓެސޫރީ ސްކޫލް) ޝަރަފާ އެކު ގަދަރުވެރި މަގާމެއް އިސްކަންދަރަށް ލިބިފައި އޮތީމާ އެ ސްކޫލުގެ މަގްބޫލުކަން ބޮޑީ ކަމަށް ވެސް ވެދާނެ އެވެ. އެއް އިރެއްގައި، އެއީ "ބޭފުޅުން"ނާއި މުއްސަނދިންގެ ދަރިންގެ ސްކޫލެއްގެ ގޮތުގައި ވެސް ބެލެވުނެވެ. އެކަމަކު، ގައިމު ވެސް މިހާރު، އެ ސްކޫލަށް އެ ލޭބަލް ހައްގު ނޫން ކަން ބައެއް ބެލެނިވެރިންގެ ބަހުން އެނގެ އެވެ.

ފާއިޒާ ބުނިގޮތުގައި އިސްކަންދަރުގައި، ބެލެނިވެރިންގެ ހައިސިއްޔަތަށް ބަލައިގެން ދަރިވަރުންގެ މެދުގައި ތަފާތުކުރާ ކަމަށް މީހުން ދެކެންޏާ އެއީ ކުށް ހީއެކެވެ.

"އަހަންނަކީ ގައިމު ވެސް މުއްސަންޖެއް ނޫން. ސްކޫލުގެ އެއްވެސް ކަމަކަށް ދުވަހަކު ވެސް އެންމެ ރުފިޔާއެއް ވެސް ދިން މީހެއް ނޫން އަދި ދެވޭނެ މީހެއް ވެސް ނޫން. އަހަރެން ވަޒީފާ އަދާކޮށްގެން ލިބޭ އެއްޗަކުން ކުއްޖާ މި ބަލަނީ. ޓީޗަރުންގެ ދުވަހު ވެސް ހަދިޔާއެއް ނުދީ ގަވާއިދާ އެއްގޮތަށް ކަންތައް ކުރަމުން އަހަރެން މި އައީ. އެކަމަކު އެހެނޭ ކިޔާފައި އަހަރެންގެ ދަރިފުޅު އެއްވެސް ކަމަކުން ބާކީކޮށްފައެއް ނެތް." އޭނާ ބުންޏެވެ.

"އަހަންނަށް އިސްކަންދަރު ފާހަގަކުރެވެނީ އެ ކުއްޖެއްގެ ގާބިލްކަމާއި ހުނަރު ހުރި މިންވަރަކުން ހުރިހާ ކުދިންނަށް ވެސް ފުރުސަތު ދޭ ސްކޫލެއްގެ ގޮތުގައި."

ކުރިން ވާހަކަދެއްކެވި ތައުލީމީ ދާއިރާގެ ބޭފުޅާ ފާހަގަކުރެއްވި ގޮތުގައި އެކި ސްކޫލްތަކުގެ މެދުގައި ބޮޑެތި ތަފާތުތަކެއް ހުރި އިރު، މާލޭގެ "އެއްވެސް ސްކޫލެއް އަނެއް ސްކޫލަކާ އަޅައެއް ނުކިޔޭނެ" އެވެ. މިސާލަކަށް، އެހެން ހުރިހާ ސްކޫލްތަކަށް ވުރެ ތަޖުރިބާ ބޮޑު އަދި މާލޭގެ މެދުގައި ހުރި އިސްކަންދަރާ އެހެން ސްކޫލްތައް އެއްގޮތް ނުވާނެ ކަން އޭނާ ފާހަގަކުރެއްވި އެވެ.

"މިސާލަކަށް ހިރިޔާ އަށް ބަލަންޏާ އެއީ ވަރަށް ޅަ ސްކޫލެއް. އަނެއްކޮޅުން ސްކޫލް ހުންނަ ތަނުގެ ގޮތުން ވެސް ތަފާތު އާދޭ. މިސާލަކަށް އިސްކަންދަރު ރަށު މެދުގައި ހުރި އިރު ހިރިޔާ، ތާޖުއްދީން، އިމާދުއްދީން ކަލާފާނު ކަހަލަ ސްކޫލްތައް މި ހުރީ އަރިމައްޗެއްގައި،" އޭނާ ވިދާޅުވި އެވެ.

އެކަމަކު ފެންވަރުގެ ގޮތުންނާއި ހިންގުމުގައި ވެސް އިސްކަންދަރު ތަފާތުކަން ގިނަ ބަޔަކަށް ގަބޫލުކުރެވިފައި އޮތްކަން އޭނާ ފާހަގަކުރެއްވި އެވެ.