މ. ލައިޓް ސިގްނަލް ގެއިން މަރުވެފައި އޮއްވައި ފެނުން ޝާހިދު( ކ) އަދ އޭނާގެ އަންހެނުން ރަޒީނާ.
08 ޖެނުއަރީ 2017 - 21:37
ރޭ ނިދަން ވަން ގޮތަށް، މިއަދު މެންދުރުވި އިރު ވެސް ގާސިމް ޝާހިދާއި އޭނާގެ އަންހެނުން ރަޒީނާ އިބްރާހިމްގެ ހަބަރެއް ނުވި އެވެ؛ ކޮންމެ ރެއަކު ވެސް ދަމު ނަމާދުކޮށްގެން ނިދާފައި ފަތިސް ނަމާދަށް ދެމަފިރިން ހޭލަ އެވެ. ނަމަވެސް މިއަދު ދަމަކަށް އިރު އެރި އިރު ވެސް ނުފެނި ގިނަ އިރު ވާތީ، ދޮރުގައި ތަކުރާރުކޮށް ޓަކި ޖެހުމުން ވެސް ނުހުޅުވި އެވެ.
މެންދުރު 12 ޖަހާކަށް ހާއިރު، ކޮޓަރީގެ ތަޅުދަނޑިއެއް ހޯދައިގެން ދޮރު ހުޅުވި އިރު ހީވީ، އޭރު ވެސް ދެމަފިރިން ތިބީ އެކުގައި ނިދާފައި ހެންނެވެ. ރަޒީނާ 40، އެނދުގައި އުއްޑުން އޮތް އިރު، ޝާހިދު 50، އޮތީ ރަޒީނާގެ ބޯދޮށަށް އެއް އަތް ލައްވައިގެން އަރިއަކަށެވެ.
ދެ މީހުން ހޭލައްވަން ފުރަތަމަ ފޮނުވީ ދެމަފިރިންގެ ހަތް އަހަރަށް ދާ އަންހެން ދަރިފުޅެވެ.
"ދެމަފިރިންވީމަ، ކޮޓަރި އަށް ނުވަންނަންވެގެން، ދޮރު ކައިރީގައި ހުރެ ގޮވާފައި ހަބަރެއް ނުވީމަ، [ދަރިފުޅު ގާތު] ބުނީީ މަންމަ އާއި ބައްޕަ އަށް ގޮވާބަލާށޭ. ދެން ނުހޭލިއޭ ބުނީމަ، އަނެއްކާ ވެސް ބުނީ ގިލިގިލި ކޮއްޓާލާށޭ، އެވަރުން ވެސް ނުހޭލީމަ ދެން ވަދެ ބެލީ،" އާއިލާއާ ގާތް ގުޅުމެއް އޮންނަ މީހަކު "މިހާރު" އަށް ކިޔައިދިނެވެ.
ދެ މީހުންނަށް ގޮވަން ވަން މީހުން ފުރަތަމަ އަތްލީ ރަޒީނާ 40، ގެ ކޮނޑުގަ އެވެ. އާދަޔާ ހިލާފު ގޮތެއްހެން ހީވެގެން ރަނގަޅަށް ބަލައިލި އިރު ދެމަފިރިން ވެސް ނޭވައެއް ނުލަ އެވެ. ފުލުހުންނަށް އެންގީ އެ ހިސާބުންނެވެ.
"ދެމަފިރިން ފެނުނުއިރު ހިއެއް ވެސް ނުވޭ އެއްވެސް ކަމެއް ވެފައި ތިބިހެން. ދެ ލޯ މެރިފައި ތިއްބަސް ހިނިތުންވުމުގެ އަސަރު ދެ މީހުންގެ މޫނުމަތިން ވެސް ފެންނަން ހުރީ. ބޭރު ފުށުން އެއްވެސް ކަހަލަ އަނިޔާއެއް ވެސް ފެންނާކަށެއް ނެތް،" އޭނާ ބުންޏެވެ.
ދެމަފިރިން މަރުވެފައި އޮއްވާ ފެނުނު މ. ލައިޓް ސިގްނަލް ގޭގެ ކުރިމަތީގައި ފުލުހުން ހަރަކާތްތެރިވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ތ. ވިލުފުއްޓަށް ނިސްބަތްވާ ދެމަފިރިން، ސުނާމީ އަށް ފަހު މާލެ ބަދަލުވެ، ތިން ދަރިންނާ އެކު ދިރިއުޅުނީ ކޯރުކެނޑި މަގުގައި ހުންނަ މ. ލައިޓް ސިގްނަލް ގޭގެ ފަސް ވަނަ ބުރީގަ އެވެ. ތިން ދަރިންގެ އިތުރުން އެގޭގައި ދެން އުޅެނީ ރަޒީނާއާ ގާތް ތިމާގެ އަންހެނެކެވެ.
ބޭރު ފުށުން އަނިޔާއެއް ފެންނަން ނެތަސް، އާއްމު އުސޫލުގެ މަތިން، އައިޖީއެމްއެޗަށް ދެމަފިރިންގެ ހަށިގަނޑު ގެންގޮސް މިހާރު ވަނީ ތަހުލީލުތައް ހަދައިފަ އެވެ. އެކްސްރޭ އާއި ސީޓީ ސްކޭނާއި އެ ނޫން ވެސް، ޑޮކްޓަރުން ބޭނުންވާ ޓެސްޓުތައް ހަދައިފި އެވެ. މިއަދު އިރު އޮއްސެނިކޮށް ހެދި ޓެސްޓުތަކުގެ ނަތީޖާ ލިބޭނީ ހަތަރު ގަޑިއިރު ފަހުން ކަމަށްވާތީ، އާއިލާއާ ވާހަކަ ދެއްކުމަށް ފަހު ދެ ހަށިގަނޑު ފުލުހުން މިހާރު ވަނީ މޯޗަރީ އަށް ލައިފަ އެވެ.
ހިތްހެޔޮ، އޯގާތެރި، އަބަދުވެސް އެހެން މީހުންނަށް އަޅާލާ އެ ދެމަފިރިންގެ މަރުން އާއިލާ އަށް ވަނީ ފުން ހިތާމައެއް ލިބިފަ އެވެ. މަރުވި އިރު ދެމަފިރިންގެ ދެ ފިރިހެން ކުދިންނާއި އަންހެން ކުއްޖަކު ދުނިޔޭގައި ތިބި އިރު 18 އަހަރު ފުރުނީ އެންމެ ދަރިއަކަށެވެ.
ކުޑަ އަންހެން ކުއްޖާ ސްކޫލަށް ފޮނުވަން، ބޭނުންވާ ހުރިހާ ސާމާނެއް ވެސް ރަޒީނާ އިއްޔެ ވަނީ ރައްޓެއްސަކާ އެކު ބާޒާރަށް ގޮސް ހަމަކޮށްފަ އެވެ.
އާއިލާ އިން ވާހަކަ ދެއްކި ބައެއް މީހުން ބުނި ގޮތުގައި، ދެ މީހުން ވެސް ދާއިމީ ނުވަތަ ސީރިއަސް އެއްވެސް ބައްޔަކަށް ފަރުވާއެއް ހޯދާ ކަމެއް އެނގިފައެއް ނުވެ އެވެ. އެހެންވެ، ދެ މީހުންގެ މަރުގެ ސަބަބާ މެދު އެއްވެސް އެއްޗެއް އަދި ބުނަން ނޭނގޭ ކަމަށް އާއިލާ އިން ބުންޏެވެ.
ދެމަފިރިންގެ ގާތް މީހުން ބުނާ ގޮތުގައި، އާއިލާ ތެރޭގައި އެއްވެސް މައްސަލައެއް ނެތެވެ. ރެއާ ހަމަ އަށް ވެސް ދެ މީހުން ފެނުނީ ވަރަށް ހިތްހަމަޖެހިގެން އުޅުނު މަންޒަރެވެ. އެއްވެސް ކަމެއްގައި ހިތްހަމަނުޖެހުމެއް ޝަކުވާއެއް ކޮށްފައެއް ނުވެ އެވެ.
ޝާހިދު ވަޒީފާ އަދާކުރީ ކުރުނބާ މޯލްޑިވްސް ހިންގާ ޔުނިވާސަލް އެންޓަޕްރައިސަސްގެ ޗެއާމަން މުހައްމަދު އުމަރު މަނިކުގެ ލޯންޗްގެ ކެޕްޓަނެއްގެ ގޮތުގަ އެވެ. އެ ތަނުގައި އޭނާ ވަޒީފާ އަދާކުރާތާ 27 އަހަރު ވެއްޖެ އެވެ.
ޝާހިދު ވަޒީފާ ނިންމައި ރޭ މާލެ އައީ، 6:30 ހާއިރު ކަމަށް ވެ އެވެ.
"ޝާހިދު ނިޔާވި ހަބަރު ލިބިގެން ރައްޓެއްސަކު ގުޅާފައި ބުނި، ރޭ 9:00 ހާއިރު މަގުމަތިން ދިމާވިއޭ. ވަރަށް ގިނަ އިރު ވާހަކަ ދައްކަން ވެސް ހުރެފައޭ ދިޔައީ. އެހެން ދުވަހެކޭ ވެސް މާ ބޮޑު ތަފާތެއް ފެންނަ ފެނުމަށް، އަދި ވާހަކަ ދެއްކިއިރު ވެސް ނެތޭ،" ޝާހިދާ އެކު ވަޒީފާ އަދާކުރި އޭނާގެ ރައްޓެއްސަކު ކިޔައިދިނެވެ.
ވަޒީފާގައި 27 އަހަރު ވީ ޝާހިދުގެ އެންމެ ހާއްސަ އެއް ސިފައަކީ، ގާތް މީހުން ބުނާ ގޮތުގައި، ވަޒީފާ އަށް ފަރުވާތެރިވުމާއި އެހެން މީހުންނަށް އިހްތިރާމްކުރުމެވެ.
"ވަރަށް ހިތްހެޔޮ، ރަނގަޅު މީހެއް އެއީ،" ގާތް މީހަކު ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އ މ
09 January 2017
إنّا للهِ وَإنّا إليهِ راجِعون. اللهمّ اغفِر لهما وارحمهما. وأدخلهما الجنّة
މުނާ
09 January 2017
ލަފާކުރެވެނީ އޮކްސިޖަން ނުލިބިގެން ނުވަތަ ވިހަ ގޭހެއް އިންހޭލް ކުރެވިގެން ހޭނެތިގެން އެގޮތަށްތިބެ މަރުވީކަމަށް
ސުދާމް
09 January 2017
انا لله وانا اليه راجعون كل نفس ذائقة الموت
ފުލުސް
09 January 2017
ދިވެހި ފުލުހުންނަކީ ކެރޭ ބައެއް، ހިތްވަރުގަދަބައެއް، ކަންކަން ވާބައެއް، ހޯދާބައެއް، ރައްޔިތުންނަށް ހިދުނަތްކުރަބައެއް، ވީމާ މިމަރު ހަގީގަތް ހޯދާނެ ޔަޤީން
ކޮންސާންޑް
09 January 2017
އާއިލާ އާއި ގާތް ގުޅުމެއް އޮންނަ މީހާ ވެސް ތަހުޤީޤު ކުރަން ޖެހޭނެ! އާއިލާ މީހުންވެސް ތަހުޤީޤުކުރަން ޖެހޭ! މިކަން ރަގަޅަށް ބަލަންޖެހޭ! ހެޔޮނުވާނެ!
އިބްރާހިމް
09 January 2017
انا لله وانا اليه راجعون كل نفس ذائقة الموت
އިބްހާހީމް
09 January 2017
ޝާހިދު އަކީ ފަސް ވަގުތު ނަމާދު ކޮށް އުޅުނު ވަރަށް ރަނގަޅު އަޚެއް. ކުރުނބާ މޯލްޑިވްސް ގައި މަސައްކަތް ކުރި އިރު ވަރަށް ބޮޑަަށް ފާހަގަ ކުރެވުނު ކަމެއް އެއީ. މާތްﷲ އެދެމަފިރީންނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވާށި! އާމީން..
ހެޔޮބަސް
09 January 2017
މަރުވެދާނެ ކޮންމެވަގުތަކުގައިވެސް އިންސާނާ އެންމެދުރުވާން މަސައްކަތްކުރާނީމަރާ، ނަމަވެސް އެންމެކައިރީގައި މަރުވެދާނެ ވީމާ ހެޔޮޢަމަލުކޮށް ﷲ އެންގެވިގޮތަށް އުޅުއްވާ އަބަދުވެސް ފާފަތަކާ ދުރުވުމަށް އާދަކުރައްވާ
ކކކ
09 January 2017
ތިޔަގޮތަށް މަރުވި ކާރނަލް ނާޒިމްގެ ޑްރައިވަރުވެސް. އެއްވެސް މައްސަލައެއް ނެތް ގުދުރަތީ ކަމެއްކަމަށް ބުނީ! ހުރި ހިތާމައެއްގެ ބޮޑުކަމާއޭ!
ޕްރިންސެސް
09 January 2017
ހިތްރޮއްވާލައިފި...އެއްވެސް ދުލަކުން ހެޔޮ ބަހެއް މެނުވީ މި ދެމަފިރިންނަށްޓަކައި ނުވޭ...މި ދެމަރު މަގޭ ހަޔާތަށް އިތުރު ހެޔޮބަދަލެއް ގެނުވައިފި....ދުޢާ އަކީ ޖަންނަތުލް ފިރުދައުސްގައި ޤިޔާމަތްދުވަހުން ދަރިންނާއިއެކުގައި ލެއްވުން...