މިއީ ރާއްޖޭގެ އެންމެ ބޮޑެތި މަހުޖަނުން ހިމެނޭ އިންޑަސްޓްރީ ތަމްސީލްކުރާ ޖަމާއަތެވެ. އެހާމެ ނުފޫޒު ގަދަ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާގެ މައިގަނޑު ބޭނުމަކީ ޓޫރިޒަމް އިންޑަސްޓްރީ ހިމާޔަތްކޮށް ކުރިއެރުވުމެވެ. މިކަން އެ ޖަމިއްޔާގެ އަހަރީ ރިޕޯޓަށް ބަލައިލުމުން ވަރަށް ރަނގަޅަށް އެނގެން އެބަ އޮތެވެ. އެ ޖަމިއްޔާގެ އެގްޒެކްޓިވް ކޮމިޓީގެ ގިނަ ނިންމުންތައް ނިންމާފައި ވަނީ އެ އިންޑަސްޓްރީގެ މަގުސަދުތައް ހާސިލްކުރަމަށެވެ.
ރިސޯޓްތައް ހިންގާ މަހުޖަނުން ގުޅިގެން އުފައްދާފައިވާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އަކީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ ކުރިއެރުވުމުގެ މަގުސަދުގައި މީގެ 27 އަހަރު ކުރިން އުފެއްދި ވަރުގަދަ ޖަމާއަތެކެވެ.
އެކަމަކު ބޮޑެތި މަހުޖަނުންނާއި ސިޔާސީ އިސް ފަރާތްތަކެއް ހިމެނޭ މަޓީއަކީ ފަހަކަށް އައިސް ވަރަށް ހިމޭން ޖަމިއްޔާއެކެވެ. އޭގެ ސަބަބަކީ ކޮބައި ކަމެއް މުޅިން ސާފެއްނުވެ އެވެ. ވޭތުވެދިޔަ ދެ ތިން އަހަރު ރާއްޖޭގެ ސިޔާސީ މަސްރަހަށް އައި ހަލަބޮލިކަމާ ގުޅިގެން ޓޫރިޒަމް ހީނަރުވެ، އިގްތިސާދަށް ލޮޅުންތަކެއް އެރިއިރު އެ ޖަމިއްޔާގެ ހިލަމެއް ވެސް ނުވެ އެވެ. އެންމެ ދަށްވެގެން ނޫސް ބަޔާނެއްހާ މިންވަރު ވެސް ނުނެރެ އެވެ.
އެކަމަކު 2012ގެ ކުރިން އެ ޖަމިއްޔާއިން އޭރު ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށް ދިމާވާ މައްސަލަތަކާ މެދު ދެކޭ ގޮތް ހާމަކުރެ އެވެ. އޭގެ އިތުރުން އަހަރީ އާއްމު ޖަލްސާ ކަވަރުކުރަން ހުރިހާ މީޑިއާތަކަށް ދައުވަތު ވެސް ފޮނުވަ އެވެ. އެކަމަކު މިދިޔަ ތިން އަހަރެއްހާ ދުވަހު އެ ޖަމިއްޔާއިން ހިންގި ކަންތައްތައް އެނގެނީ ހަމައެކަނި އަހަރަކު އެއް ފަހަރު ވެބްސައިޓްގައި ޝާއިއުކުރާ އަހަރީ ރިޕޯޓުންނެވެ.
މަޓީން މިދިޔަ ބުދަ ދުވަހު ވަނީ އެ ޖަމިއްޔާގެ 27 ވަނަ އަހަރީ އާއްމު ޖަލްސާ ބާއްވައިފަ އެވެ. އެ ޖަލްސާ ކަވަރުކުރަން ދައުވަތު ދިނީ އެ ޖަމިއްޔާގެ މެމްބަރުން ހިންގާ މީޑިއާތަކަށް އެކަންޏެވެ. އެނޫން ބަޔަކަށް ދައުވަތު ނުދިނުމުގެ އިތުރުން ނޫސްބަޔާނެއްހާ މިންވަރު ވެސް ނުފޮނުވަ އެވެ.
މަޓީގެ ކަންބޮޑުވުންތަކަށް ހައްލު ލިބޭ
އެ ޖަމިއްޔާގެ ކަންބޮޑުވުންތަކެއް ވެސް އެބަ ހުއްޓެވެ. އޭގެ އިތުރުން ޓޫރިޒަމް އިންޑަސްޓްރީ ކުރިއެރުވުމަށް އެކި ކަންކަމުގައި ސަރުކާރަށް ހިޔާލުތައް ދެމުން ގެންދެ އެވެ. ނަމަވެސް މިއިން އެއްވެސް ކަމެއްގެ ތަފުސީލެއް އަދި އޭގެ މަގުސަދެއް ވެސް ރިޕޯޓްގައި ހިމަނާފައެއްނުވެ އެވެ.
މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައި އެންމެ ކަންބޮޑުވާ އެއް ކަމެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ ރިސޯޓްތަކުން އެހެން ފަރާތްތަކަށް ބޭރު ފައިސާ ނުވިއްކޭ ގޮތަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭރު ފައިސާގެ ގަވައިދު އިސްލާހުކުރަން ނިންމުމުންނެވެ.
އެ މައްސަލައާ ބެހޭ ގޮތުން މިދިޔަ އަހަރުގެ މެއި 16ގައި ބޭއްވި މަޓީގެ އެގްޒެކްޓިވް ކޮމިޓީގެ ބައްދަލުވުމުން ނިންމާފައި ވަނީ އެ ގަވައިދުގެ ސަބަބުން ރިސޯޓް ހިންގަން ނޭދެވޭ އަސަރުކުރާނެތީ އެ ގަވައިދު އެގޮތަށް އިސްލާހު ނުކުރަން އެމްއެމްއޭއަށް ހުށަހެޅުމަށެވެ. އަދި އެންމެ ފަހުން އެމްއެމްއޭ އިން ނިންމީ އެ ގަވައިދަށް އަމަލުނުކުރަން ކަމަށް ވެސް މަޓީގެ ރިޕޯޓުގައި ބުނެފައިވެ އެވެ.
މަޓީގެ ސެކްރެޓަރީ ޖެނެރަލް އަދި ވިޔަފާރިވެރިޔާ އަހުމަދު ނަޒީރު ވިދާޅުވީ ރިސޯޓްތަކުން ހަމައެކަނި ޑޮލަރު ގަނެވޭ ގޮތަށް އޮތުމުން އޮޕަރޭޝަނަށް ދަތިތަކެއް ކުރިމަތިވާނެ ކަމަށް ރިސޯޓްތަކުން ފާހަގަކޮށްފައިވާ ކަމަށެވެ.
"އޭގެ އެންމެ ބޮޑު ސަބަބަކީ ޓޫރިސްޓުން އެހެން ރަށްރަށަށް ގޮސް ވިޔަފާރިކުރަން ބަލާއިރު ދިވެހި ރުފިޔާ އެބަ ބޭނުންވޭ. އެހެންވީމަ ރިސޯޓްތަކުން ޓޫރިސްޓުންނަށް އެ ފުރުސަތު ދޭން ޖެހޭނެ. ބޭރު ފައިސާ ގަނެ ވިއްކުމުގެ ފުރުސަތު މިހާރު ވެސް އޮންނަ ގޮތަށް ބާއްވަން އަޅުގަނޑުމެން ހުށަހެޅީ،" ނަޒީރު ވިދާޅުވި އެވެ.
އޭގެ އިތުރުން ދެން އެ ޖަމިއްޔާއިން ފާހަގަކުރި އަނެއް މައްސަލައަކީ ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ ގަވައިދެވެ. އެ ރިޕޯޓުގައި ބުނެފައި ވަނީ ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ ގަވައިދު އެކުލަވާލީ އެ ޖަމިއްޔާގެ ލަފަޔާ އެކު ކަމަށެވެ. އަދި އެ ގަވައިދުގެ ދަށުން އަތުން ހިފައިގެން ނަގުދު ފައިސާ ގެންދާ މީހުންގެ އަތުން ޓެކްސް ނުނަގާނެކަން ޔަގީންކޮށްފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ. އެހެންވެ އެ ޖަމާއަތުން ވަނީ އެ ގަވައިދުގައި ހުރި ކަންބޮޑުވުންތައް އަޑު އަހައި އެގޮތަށް އަމަލުކުރަން ނިންމީތީ ސަރުކާރަށް ޝުކުރު އަދާކޮށްފަ އެވެ.
އޭގެ އިތުރުން މިދިޔަ އަހަރު އެކުލަވާލި ބިދޭސީން ރާއްޖެ އެތެރެކުރާ އެޖެންސީތަކާ ބެހޭ ގަވައިދަށް ވެސް އިސްލާހު ގެނެސް، އޭގެ ސަބަބުން ރިސޯޓްތައް ހިންގާ ފަރާތްތަކަށް ލިބޭނެ ގެއްލުން ކަމާ ބެހޭ ފަރާތްތަކާ ހިއްސާކޮށްފައިވެ އެވެ.
މަޓީގެ ރިޕޯޓްގައި ބުނެފައިވާ ގޮތުން އެ ގަވައިދުގެ ސަަބަބުން ރިސޯޓްތަކަށް ބޭރު މީހުން ގެންނަން ވަރަށް ބޮޑު ދަތިތަކަކާ ކުރިމަތިވެ އެވެ. އެ ގަވައިދުގެ ބޭނުމަކީ ރާއްޖެއަށް ގަވައިދާ ހިލާފަށް ބިދޭސީން އެތެރެވުން ހުއްޓުވުން ކަމަށްވާއިރު، ރިސޯޓްތަކަށް އެއްވެސް ގޮތަށް ގަވައިދާ ހިލާފަށް ބިދޭސީން އެތެރެނުކުރާ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ. އަދި އެ ގަވައިދު ސަބަބުން ޓޫރިޒަމް އިންޑަސްޓްރީއަށް ދަތިތަކަކާ ކުރިމަތިވާތީ އެ ގަވައިދު އިސްލާހުކޮށް އަމަލުކުރުން އެއް އަހަރަށް ފަސްކުރަން ސަރުކާރުން ވައުދުވި ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ. އަދި އެ ގަވައިދަށް އަމަލުކުރާނީ ކަމާ ބެހޭ ހުރިހާ ފަރާތްތަކުގެ ހިޔާލު ހޯދުމަށް ފަހު ކަމަށް ވެސް މަޓީގެ ރިޕޯޓުގައި ބުނެފައިވެ އެވެ.
އޭގެ އިތުރުން ރިސޯޓުގައި ކައިވެނިކޮށްދިނުމަކީ ކައިރި ކުރިމަގެއްގައި ވެސް ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް އެ ޖަމިއްޔާގެ އެގްޒެކްޓިވް ކޮމިޓީން ނިންމާފައިވެ އެވެ. އެކަމާ ބެހޭ ގޮތުން ނަޒީރު ވިދާޅުވީ ބޭރު މީހުންނަށް ރާއްޖޭގައި ކައިވެނިކުރެވޭނެ ގޮތް ހަމަޖައްސައިދިނުމަށް ވަރަށް ގިނަ ރިސޯޓްތަކުން އެދޭ ކަމަށެވެ.
"ނަމަވެސް ރާއްޖޭގައި އެކަން ކުރެވޭނެ ގޮތެއް ހަމަޖެހިފައެއް ނެތް. މިކަމަކީ މިހާރު ފޮޓޯ ނަގާ ގޮތަށް ކުރާ ކަމެއް ނޫން. އެކަން ކުރަން ފުރުސަތު ލިބިއްޖެ ނަމަ އެއީ ވަރަށް ބޮޑު ފައިދާއެއް އިންޑަސްޓްރީއަށް ލިބޭނެ ކަމެއް. އެކަމަކު އަޅުގަނޑުމެން ބެލިބެލުމުން އެކަން ރާއްޖޭގައި ކުރެވޭކަށް ނެތް،" އޭނާ ވިދާޅުވި އެވެ.
ނަޒީރު ވިދާޅުވީ ކައިވެނިކުރުމުގެ ފުރުސަތު ނެތް ނަމަވެސް ރިސޯޓްތަކުގައި ރަމްޒީކޮށް ކައިވެނިކޮށް އަދި ފޮޓޯ ނެގުމަށް ހަފުލާ ބޭއްވުމަކީ އެއްގޮތަކަށް ވެސް ދެކޮޅު ހަދާ ކަމެއް ނޫން ކަމަށެވެ.
މަޓީގެ ބައެއް މެމްބަރުންގެ ޚިޔާލު ތަފާތު
ޓޫރިޒަމް ދާއިރާ ތަމްސީލްކުރާ އެންމެ ބޮޑު ޖަމިއްޔާގެ އަހަރީ ރިޕޯޓުގައި މިދިޔަ އަހަރު ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށް ކުރިމަތިވި މައްސަލައާ ބެހޭ ގޮތުން އެއްވެސް މިންވަރަކަށް އަލިއަޅުވާލާފައި ނެތުމަކީ އިންޑަސްޓްރީގެ ބައެއް މީހުން އެންމެ ހިތްހަމަނުޖެހޭ އެއް ކަމެވެ. އިންޑަސްޓްރީގެ ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި އޭގެ މައިގަނޑު ސަބަބަކީ މަޓީއަކީ ވަކި ބޭނުންތަކެއް ހާސިލްކުރަން އޮންނަ ޖަމިއްޔާއަކަށް ވުމެވެ.
"ޓޫރިޒަމް އިންޑަސްޓްރީގެ އޮކިއުޕަންސީ އާއި އެރައިވަލްސް މިދިޔަ އަހަރުގެ ތެރޭގައި ހީނުކުރާ މިންވަރަށް ދަށަށް ދިޔަ. އަހަރުގެ ސީޒަންގައި ގިނަ ރިސޯޓްތައް އޮކިއުޕަންސީ ހުރީ 80 ޕަަސެންޓްގައި. އެވަރު ވެސް ވީ ޑިސްކައުންޓް ޕެކޭޖްތަކެއް ވިއްކުމުން. އެކަމަކު އެއިން އެއްވެސް ކަމެއް ހައްލުކުރުމަށް މަޓީން ކުރި އެއްވެސް މަސައްކަތެއް ރިޕޯޓުގައެއް ނެތް،" އެ ޖަމިއްޔާގެ މެމްބަރަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވި އެވެ.
މަޓީގެ މެމްބަރަކު ވިދާޅުވީ މަޓީ މިހާރު ހިންގަނީ ސަރުކާރު އޮފީހެއް ހިންގާ ގޮތަށް ކަމަށެވެ. އެހެން ވާން ޖެހުނީ ހިންގާ ކޮމިޓީގައި ނުފޫޒު ގަދަ ސިޔާސީ ބޭފުޅުން ގިނަ އަދަދަކަށް ހިމެނޭތީ ކަން އޭނާ ފާހަގަކުރެއްވި އެވެ.
"ސަރުކާރުގެ ހިޔާލާ އެއްގޮތަށް ގިނަ ކަންތައްތައް ނިންމާފައި ހުރީ. އެހެން ނޫނީ މަޓީގެ އިސް ވެރިންގެ ވިޔަފާރިއަށް ގެއްލުންވާނެ ކަންކަން ހިފަހައްޓަން ހިޔާލު ދެނީ. އެއްވެސް ވަރަކަށް ރާއްޖޭގެ އިގްތިސާދަށާއި އާއްމު ފަރުދުންނަށް ދިމާވެދާނެ ގެއްލުމަކަށް ނުވިސްނާ،" އޭނާ ވިދާޅުވި އެވެ.
މަޓީގެ ކަންތައްތަކާ ބެހޭ ގޮތުން ވާހަކަދެއްކި އެހެން ބޭފުޅަކު ވިދާޅުވީ އެ ޖަމިއްޔާ ހިންގުން ދޯދިޔާވުމުގެ ސަބަބުން މެމްބަރުންނާ ދެމެދު އޮންނަ ގުޅުން ވެސް ވަރަށް ކުޑަ ކަމަށެވެ. ގިނަ ކަންތައްތައް ނިންމަނީ ވެސް މެމްބަރުންގެ ހިޔާލު ނުހޯދާކަން އޭނާ ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެންނަށް ވެސް ގިނަ ކަންތައްތައް އެނގެނީ އަހަރީ ޖަލްސާ އޮންނަ ދުވަހު. އޭގެ ކުރިން އެއްވެސް ކަމެއް ހިއްސާކޮށް ނުހަދާ. އެގްޒެކްޓިވް ކޮމިޓީގައި ތިއްބަވާ ބޭފުޅުން ނިންމަވާ ނިންމެވުންތައް ނިންމަވަނީ އެ ބޭފުޅުންގެ އަމިއްލަ ހިޔާލަށް،" އެ މެމްބަރު ވިދާޅުވި އެވެ.
މަޓީގެ ބައެއް މެމްބަރުން ހިތްހަމަނުޖެހުންތަކެއް ހުރި ނަމަވެސް މަޓީގެ އަސްލު މަގުސަދަކީ ޓޫރިޒަމް އިންޑަސްޓްރީއާ މެދު މެމްބަރުންގެ ކަންބޮޑުވުންތައް ކަމާ ބެހޭ މުއައްސާސަތާ ހިއްސާކޮށްގެން ކަންތައްތައް ރަނގަޅުކުރަން ލަފާ ދިނުން ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
ނަޒީރު ވިދާޅުވީ އިންޑަސްޓްރީއާ ބެހޭ ގޮތުން ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް ސަރުކާރާއި ކަމާ ބެހޭ މުއައްސަސާތަކާ ގުޅިގެން އަބަދުވެސް މަސައްކަތްކުރައްވާ ކަމަށެވެ. އަދި އެ ކަންކަމުގެ މައުލޫމާތު އެ ޖަމިއްޔާގެ މެމްބަރުންނާ ހިއްސާކުރައްވަމުން ގެންދަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ މަގުސަދަކީ މި ޖަމިއްޔާ ރަނގަޅަށް ހިންގާ ތަނެއްގެ ގޮތުގައި ދެމިއޮތުން. އަޅުގަނޑުމެން މިދަނީ އިންޑަސްޓްރީގެ ކުރިއެރުމަށް ސަރުކާރާއި ކަމާ ބެހޭ މުއައްސަސާތަކާ ގުޅިގެން ވަރަށް ގިނަ މަސައްކަތްތައް ކުރަމުން. އެ މަސައްކަތްތަކުގެ މައުލޫމާތު އަޅުގަނޑުމެން އަހަރަކު އެއް ފަހަރު ނެރޭ އަހަރީ ރިޕޯޓުގައި ހިމަނަން،" ނަޒީރު ވިދާޅުވި އެވެ.