ރިޕޯޓް / ފ. ނިލަންދޫ

ނިލަންދޫ މީހުން އިސްލާމް ވާން ދެކޮޅު ހެދީ ކީއްވެ؟

ފ. ނިލަންދޫގެ މަތިން ނަގާފައިވާ ފޮޓޯއެއް. މި ރަށަކީ އާސާރީ ގޮތުން މުހިންމު ދިރާސާތަކެއް އަދިވެސް ކުރަންޖެހޭ ރަށެއް. ފޮޓޯ އަބްދުﷲ އަބީދު، ފޭސްބުކް

ރާއްޖޭގައި މީހުން ވަޒަންވެރި ވީއްސުރެ ބުދު ދީނުގައި އުޅެމުން އައިސް، ދިވެހި ދައުލަތުގެ ފަރާތުން ރަސްމީ ގޮތުން އިސްލާމް ދީން ގަބޫލުކޮށް ރާއްޖޭގެ ރައްޔިތުން އިސްލާމް ދީނަށް އެނބުރުމަށް ރަދުން އަމުރު ކުރެއްވީ، ތާރީޚީ ލިއުންތަކުން އެނގޭ ގޮތުގައި، ރަބީޢުލް އާޚިރު 2، 548 ގަ އެވެ. އެއީ މީލާދީން 1153 ވަނަ އަހަރެވެ. އޭރު ހުންނެވި ރަސްގެފާނު އިސްލާމްވެ ވަޑައިގަތުމަށް ފަހު ނަންފުޅަކީ އައްސުލްޠާން މުޙައްމަދު އިބްނު ޢަބުދުﷲ ސިރީ ބަވަނަ އާދީއްތަ މަހާރަދުން (ދަރުމަވަންތަ ރަސްގެފާނު) އެވެ.

ރަދުން އިސްލާމްވެވަޑައިގެން ރާއްޖެ އިސްލާމް ދީނަށް ބަދަލުވެއްޖެ ކަމުގެ ކޮލީ ފަތްތޫރަ ހިންގެވުމަށް ރާއްޖޭގެ އެކި އަތޮޅުތަކަށް އެކި ބޭފުޅުން ފޮނުއްވެވުމުން، އެ ރަށްރަށުގެ މީހުން ބުދު ދީން ދޫކޮށް އިސްލާމް ދީނަށް އެނބުރުނެވެ. ބުދު ފައްޅިތައް މުގުރައި އޭގެ ބަދަލުގައި މިސްކިތްތައް ބިނާކޮށް ނަމާދު ކުރަން ފެށި އެވެ.

އަދި އޭރު ހުންނެވި ރަދުން އަރުމާޒުގައި ފ. އަތޮޅަށް ވަޑައިގެން އެ އަތޮޅު ނިލަންދޫ އިސްލާމް ދީނަށް ވައްދައި އެ ރަށުގައި އެ ރަދުންގެ ނަންފުޅުގައި ދަރުމަވަންތަ ރަސްގެފާނު މިސްކިތް ބިނާކުރެއްވި އެވެ. ސުވާލަކީ ރާއްޖޭން އިސްލާމް ދީން ގަބޫލުކުރުމަށް ފަހުގައި، އެހެން އެއްވެސް ރަށަކަށް ވަޑައިނުގެން ނިލަންދު އަށް ރަދުން ވަޑައިގަންނަވަން ޖެހުނީ ކީއްވެ ހެއްޔެވެ؟

ފ. ނިލަންދު އާއި ރާއްޖޭގެ ތާރީޚް ދިރާސާ ކުރައްވާ ބޭފުޅެއް ކަމަށްވާ ނިލަންދޫ ފައުނު، މުހައްމަދު ފަރީދު ވިދާޅުވާ ގޮތުގައި ނިލަންދުއަކީ ރާއްޖެ އިސްލާމްވި އިރު، ރާއްޖޭގައި އޮތް ބުދުދީނުގެ އެންމެ މުހިންމު ތިން ރަށުގެ ތެރެއިން އެއް ރަށެވެ. އަނެއް ދެ ރަށަކީ، ކ. ކާށިދު އާއި ފުވައްމުލަކެވެ.

ފ. ނިލަންދޫގެ ތާރީޚް ދިރާސާ ކުރައްވާ، އެ ރަށު ފައުނު، މުހައްމަދު ފަރީދު

"އޭގެ ތެރޭން ވެސް އެންމެ ބޮޑު ބުދުކޯލު ހުރި ރަށް މިއީ. ރަދުން އިސްލާމް ވުމަށް ފަހު، ރަދުން އަމުރުފުޅުތައް ނެރުއްވީ ރަށްރަށަށް، އެ ރަށްރަށުގެ މީހުން ވެސް އިސްލާމްދީން ގަބޫލު ކުރުމަށް. މި ރަށަށް ވެސް އެ ޚަބަރު އައީ، މި ރަށު މީހުން އުޅުނު ދީން ދޫކޮށް މުޅިން އައު ދީނަކަށް ބަދަލުވާން ރަދުން އެންގެވި ކަމަށް،" ފަރީދު ވިދާޅުވި އެވެ.

"އެކަމަކު އޭރު މިރަށު މީހުން ގަބޫލުކޮށްގެން ތިބީ އެމީހުން އުޅެމުން އައީ ވަރަށް ފުރިހަމަ، ވަރަށް ރަނގަޅު ދީނަކަށް ކަމަށް. އެހެންވީމާ، މީހަކު ބުނެލާހާ ބަހަކަށް ދީން ބަދަލުކޮށްލުމަކީ އެމީހުންނަށް އެހާ ފަސޭހަ ކަމަކަށް ނުވި."

ތާރީޚީ ހެކިތަކަށް ބަލާއިރު ނިލަންދޫގައި އޮތީ ބުދު ދީނުގެ ތަފާތު މަޒްހަބުތަކުގެ ތެރެއިން ވެސް ރާއްޖޭގެ އެހެން ރަށެއްގެ މީހުން އުޅެފައިނުވާ މަޒްހަބަކަށް އީމާންވެގެން އުޅުނު ބައެކެވެ.

"ނިލަންދޫގައި ހަދާފައި މި ހުރީ ވެސް ރާއްޖޭގައި ހުރި އެ ދީނުގެ އެންމެ ވަރުގަދަ، އެންމެ ބޮޑު ފައްޅި. އެ ތަނުގައި އެމީހުން އަޅުކަން ކޮށް އުޅުމަށް ހަދާފައި މި ހުރީ ވެސް ފިރިހެނުންގެ ކުރިމަތި ފަރާތު ގުނަވަން. އޮނުހިރީގެ ގަލުން އޭގެ ގިނަ އެއްޗެހި ހަދާފައި ހުރީ ވެސް. އެކަމަކު އެމީހުން އެ ތަކެއްޗަށް އަޅުކަން ކޮށް އުޅުނީ ކިހިނެއް ކަމެއް ބުނާކަށް ނޭނގޭ،" ފަރީދު ވިދާޅުވި އެވެ.

ފ. ނިލަންދޫ ފޯއްމަތި ސަރަހައްދާއި އެ ސަރަހައްދުގެ ވަށައިގެން ރާނާފައިވާ ފާރު. --ފޮޓޯ އަހްމަދު އަބްދުﷲ ސައީދު

އޭނާ ވިދާޅުވާ ގޮތުގައި މި ރަށުގައި އޮތް ބުދުދީން ދޫކޮށްލަން މި ރަށުގެ މީހުން ދެކޮޅު ހެދުމުގެ ސަބަބުން ރަސްގެފާނު ލަޝްކަރަކައިގެން ހަތިޔާރާ އެކު ރަށަށް ވަޑައިގަތީ އެވެ.

"ރަސްގެފާނު މި ރަށަށް އަރާވަޑައިގެންފައި ރަށުގެ ބޮޑު ދެ މަގުގައި ދެ ގަނޑުވަރު ބިނާކުރެއްވީ. އެއް ގަނޑުވަރުގައި ރަސްގެފާނު މަޑުކުރެއްވީ، އަނެއް ގަނޑުވަރުގައި ލަޝްކަރު މަޑުކުރީ. މިހާރު ވެސް އެ ދެ މަގަށް ނަން ދީފައި އޮންނާނީ އެ ގޮތަށް ނިސްބަތް ކޮށްގެން. އެއް މަގަށް ކިޔާނީ ބޮޑު ގަނޑުވަރު މަގު، އަނެއް މަގަށް ކިޔާނީ ކުޑަ ގަނޑުވަރު މަގު،" ފަރީދު ވިދާޅުވި އެވެ.

ރަދުން ވަޑައިގަތަސް، ނިލަންދޫ މީހުން އިސްލާމް ދީން ގަބޫލުކުރީ އެހާ ފަސޭހައަކުން ނޫނެވެ. ހަތިޔާރާ އެކު ރަސްގެފާނު ވަޑައިގަތުމުން ވެސް ރަށުގެ ބޮޑުން އެމީހުންގެ ދީން ދޫކުރާކަށް ބޭނުމެއް ނުވި އެވެ.

ފ. ނިލަންދޫ އިސްލާމް ކުރެއްވުމަށް ފަހު ދަރުމަވަންތަ ރަސްގެފާނު ބިނާކޮށްދެއްވި އެ ރަށު ހުކުރު މިސްކިތުގެ ގޯތިތެރޭގައި މިހާރު ވެސް ހުރި ބުދު ދީނުގެ އާސާރީ އެއްޗެއް ކަމަށް ބެލެވޭ އޮނުހިރިން ހަދާފައިވާ ވައް އެއްޗެއް. --ފޮޓޯ އަހްމަދު އަބްދުﷲ ސައީދު

"ފުރަތަމަ ނަސޭހަތް ތާ ދެއްވާނީ. ދެން އެ ކަމަށް ދެކޮޅު ހެދިޔަސް ހަދަން ތިބޭނީ ހާމުދުރުން ނޫނީ ރަށުގެ ކަމުވޮށިގެންވާ މީހުން. އާންމު ރައްޔިތުންނަކަށް ނުކެރޭނެ ވެރިންގެ ކުރިމައްޗަށް ނުކުންނަން ވެސް،" ފަރީދު ވިދާޅުވި އެވެ.

ބައެއް މީހުން ގަބޫލުކުރާ ގޮތުގައި އެރަށުގައި ލޭއޮހޮރުވުމެއް ހިނގާފައިވުން އެކަށީގެންވެ އެވެ.

ތުންތުންމަތިން ވާހަކަ ދެކެވެމުން އަންނަ ފަދައިން، ފަރީދު ވެސް އެ ގޮތް ގަބޫލުކުރަނީ މި ރަށުގެ އެކި ހިސާބުތަކުން ފެންނަން ހުރި އާސާރީ ހެކިތަކަށް ބުރަވެ އެވެ.

ފ. ނިލަންދޫ ފޯއްމަތި ސަރަހައްދުގައި ހުރި ގާ ފުންޏެއްގެ މަތީގައި، ބުދު ދީނުގެ އާސާރީ އެއްޗެއް ކަމަށް ބެލެވޭ ހިރިގަލުން ހަދާފައިވާ ވައް އެއްޗެއް. --ފޮޓޯ އަހްމަދު އަބްދުﷲ ސައީދު

"މިހާރު ހޮސްޕިޓަލް އަޅާފައި އެހުރި ބިން ކޮންނަމުން ދިޔަ އިރު، އެބަހުރި މަތިމައްޗަށް، ފުނިފުންޏަށް މީހުން ވަޅުލާފައި ހުރި ބޮޑެތި ވަޅުގަނޑުތައް ފެނިފައި. އެ ވަޅުތަކަށް މީހުން އަޅާފައި ހުރީ ވަކި ގޮތެއްފޮތެއް ބަލައިގެންނެއް ނޫން. އެ ވަޅުތަކުގައި ހުރަހަށް ވެސް، ދިގަށް ވެސް، އަދި ކޮޅަށް ވެސް މީހުން އަޅާފައި ފަސްލާފައި ހުރި ކަން އެނގޭ ކަށިތައް ހުރި ގޮތުން،" ފަރީދު ވިދާޅުވި އެވެ.

"ފުނިފުންޏަށް މީހުން ވަޅުތަކަށް އަޅާފައި ހުރިކަން އެނގޭ. ބައެއް ވަޅުތަކުގައި ދިހަ ބާރަ މީހުން ނޫނީ އެއަށް ވުރެ ގިނަ މީހުން ވެސް އެބަހުރި."

އޭގެ އިތުރުން މިހާރު މި ރަށުގައި މީހުން ވަޅުލާ ގަބުރުސްތާނު އޮތީ ވެސް ހަމަ އެގޮތަށް މީހުން ވަޅުލާފައި ހުރި ސަރަހައްދެއްގަ އެވެ. އެ ގަބުރުސްތާނުގައި މީހުން ވަޅުލުމަށް މިހާރު ކޮންނަ އިރު ވެސް، މާ ކުރީގައި އެކި ގޮތްގޮތަށް ވަޅުލާފައި ހުރި މިނިކަށިތައް ފެންނަ ކަމަށް ރަށު މީހުން ބުނެ އެވެ.

ފ. ނިލަންދޫ ފޯއްމަތި ސަރަހައްދުގެ ގޮތުގައި މަޝްހޫރު ވެފައިވާ ތަން: މި ފަސްގަނޑުގެ އަޑީގައި ވަނީ ސުންނާފަތިކޮށްލާފައިވާ ބުދު ދީނުގެ ފައްޅިއެއްގެ ބައިތައް. --ފޮޓޯ އަހްމަދު އަބްދުﷲ ސައީދު

އެހެންކަމުން މި ރަށުގެ ދުވަސްވީ މީހުން ވެސް ގަބޫލުކުރާ ގޮތުގައި، އެ ވަޅުތަކުން ފެންނަ މިނިކަށިތަކަކީ، ރަދުން ވަޑައިގެން އިސްލާމް ދީނަށް ދައުވަތު ދެއްވުމުން ވެސް އިންކާރު ކުރުމުން ހިނގި ހަނގުރާމައިގައި މަރުވި މީހުންގެ ކަށިތަކެވެ.

ރަސްގެފާނު ބާރު ހިންގަވައި މި ރަށް އިސްލާމް ކުރެއްވި އިރު، މި ރަށުގައި 119،355 އަކަފޫޓަށް ވުރެ ބޮޑު ސަރަހައްދެއްގައި ބުދު ދީނުގެ ބިޔަ ކޮއިލެއް ހަދައި، މާލެ އާއި ހުވަދުއަތޮޅާ ދެމެދުގެ މީހުން އަހަރުގެ އެކި މުނާސަބާތަކުގައި ރަށަށް ޒިޔާރަތް ކޮށް އުޅުނު ކަމަށްވެ އެވެ.

ފ. ނިލަންދޫ އިސްލާމް ވުމުގެ ކުރިން ބިޔަ ބުދު ކޮއިލު ހަދާފައި ހުރި ސަރަހައްދުގެ ބޮޑުމިން ދައްކައިދޭ ކުރެހުމެއް. --ކުރެހީ، ނިލަންދޫ މުހައްމަދު ފަރީދު

"އެ ތަނުގެ ތެރޭގައި ހަތް ބިނާއެއް ހުރި ކަމަށް ވާހަކަ ދެކެވެމުން އައީ. މިހާރު މި ކިޔާ ފޯއްމަތި ވެސް އެއީ އެ ސަރަހައްދުގައި ބުދު ދީނުގެ އިމާރާތެއް ހުރި ތަނެއް. އިސްލާމް ވުމަށް ފަހު އެ ތަނަށް ފަސް އަޅައި ފޮރުވާލާފައި އެ ހުރީ. ތޯ ހައިޑާލް އައިސް ކޮނެގެން ބެލި އިރު، އެ ތާނގެ ގާފޮޅު ވެސް ފެނުނު. މިހާރު ވެސް ކޮނެލީމާ ފެންނާނެ އެ އިމާރާތުގެ ބިންގާ ހުރި ގޮތަށް،" ފަރީދު ވިދާޅުވި އެވެ.

މި ރަށުން ފެނުނު ބުދު ދީނުގެ އަޅުކަންކުރާ ތަކެތީގެ ތެރޭގައި ގިނައިން ހުރީ، ފިރިހެނުންގެ ކުރިމަތި ފަރާތު ގުނަވަނުގެ ސިފަ އާއި ބައްޓަމަށް ހިރިގަލުންނާއި އޮނުހިރިން އެކި ބޮޑުމިނަށް ހަދާފައި ހުރި ތަކެއްޗެވެ. އޭގެ އިތުރުން ވެސް އެކި ބައްޓަމަށް ހިރިގަލުން ހަދާފައި ހުރި ކިތަންމެ އެއްޗެއް ފެނުނެވެ.

ފ. ނިލަންދޫ ފޯއްމަތި ސަރަހައްދު ކައިރީގައި ހުރެ މުހައްމަދު ފަރީދު އެ ސަރަހައްދުގެ މައުލޫމާތު ކިޔައިދެއްވަނީ. --ފޮޓޯ އަހްމަދު އަބްދުﷲ ސައީދު

މި ރަށުގައި ހުރި ދަރުމަވަންތަ ރަސްގެފާނު މިސްކިތް ބިނާ ކުރެއްވީ އެ ހަތް އިމާރާތުގެ ތެރެއިން އެންމެ ބޮޑު އިމާރާތް ހުރި ތަނުގަ އެވެ. އެކަމުގެ ހެއްކަކީ، ބުދު ކޮއިލުގެ ތެރޭގައި ހުރި ހުރިހާ އިމާރާތެއް ވެސް ބިނާކޮށްފައި ހުރި މިސްރާބަށް މިސްކިތް ވެސް ބިނާކޮށްފައި ހުރުމެވެ.

"މި ތަނުގައި ހުރި ހުރިހާ ބިނާއެއް ވެސް އިމާރާތް ކޮށްފައި މި ހުރީ މުރިނގުން މުރިނގަށް (އިރުން ހުޅަނގަށް). ރަސްގެފާނު ބިނާކުރެއްވި މިސްކިތް ވެސް ބިނާކޮށްފައި އެ ހުރީ، މި ސަރަހައްދުގައި ހުރި އެންމެ ބޮޑު ބިނާ ތަޅާލާފައި އެ ބިނާ ހުރި މިސްރާބަށް ހަމަ އެ ތަނުގައި. މިސްކިތް ވެސް ބިނާކޮށްފައި ހުރީ ގިބްލައަކަށް ނޫން، ސީދާ ހުޅަނގަށް ކުރިމަތިލެވޭ ގޮތަށް،" ފަރީދު ވިދާޅުވި އެވެ.

ފ. ނިލަންދޫ އިސްލާމް ކުރެއްވުމަށް ފަހު އެ ރަށުގައި ދަރުމަވަންތަ ރަސްގެފާނު ބިނާ ކުރެއްވި ހުކުރު މިސްކިތް. މިހާރު މި މިސްކިތް އެވަނީ ވަރަށް ބޮޑަށް މަރާމާތު ކޮށް ފުރާޅުގައި ޓިނު ޖަހާފައި. --ފޮޓޯ އަހްމަދު އަބްދުﷲ ސައީދު

މި ރަށުގެ މީހުން އިސްލާމް ދީން ގަބޫލުކުރުމަށް ފަހުގައި، މި ފަހުގެ ޒަމާންތަކަށް އައި އިރު ވެސް މިސްކިތުގެ ވަށައިގެންވާ ސަރަހައްދުގައި، ބުދު ދީނަށް އަޅުކަންކުރަން ގެންގުޅުނު ކިތަންމެ ތަކެއްޗެއް ފެންނަން ހުއްޓެވެ.

"އަޅުގަނޑުމެން ކުޑައިރު ވެސް ހަނދާން ހުރޭ، މިސްކިތުގެ ބޭރު ފާރުގެ ދޮރޯށީގެ ދެ ފަރާތު ފާރު މަތީގައި އޮންނާނެ ހިރިގަލުން ހަދާފައި އޮންނަ ވައް އެއްޗެއް. އޭގެ މެދުގައި އިންނާނެ ލޯވަޅެއް ވެސް. ދެން އޭރު އިންނާނީ އެ ލޯވަޅަށް ހުދު ދިދައެއް ޖަހާފައި،" ނިލަންދޫ ސްކޫލްގެ ޓީޗަރެއް ކަމަށްވާ އަބްދުއް ރަޝީދު ވިދާޅުވި އެވެ.

"އޭރު އަޅުގަނޑުމެންނަކަށް ނޭނގޭ، ކޮންމެ ދުވަހަކު ފަސް ފަހަރު މިސްކިތަށް ވަދެ ނުކުމެ މި އުޅެނީ، ބުދު ދީނުގެ މީހުން އަޅުކަން ކުރަން ބޭނުންކުރި ފިރިހެން ދެ ގުނަވަނެއްގެ މެދުން ލާފައި ކަމެއް. މާ ފަހުން އެކަން އެނގިގެން އޭތި ވަނީ މިސްކިތު ފާރު މަތިން ނަގައި ވަޅުލާފައި."

ފ. ނިލަންދޫ އިސްލާމް ކުރެއްވުމަށް ފަހު އެ ރަށުގައި ދަރުމަވަންތަ ރަސްގެފާނު ބިނާ ކުރެއްވި ހުކުރު މިސްކިތުގެ އެތެރެ. މި މިސްކިތް މިހާރު ވަނީ މަރާމާތު ކުރުމުގެ ސަބަބުން ކުރީގެ ބައެއް ގޮތްތައް ގެއްލިފައި. --ފޮޓޯ އަހްމަދު އަބްދުﷲ ސައީދު

ތާރީޚީ ހެކިތަކަށް ބަލާއިރު، މި ރަށުގެ މީހުން އިސްލާމް ދީނަށް ވެއްދުމަށް ފަހުގައި، ރަށުގައި ހުރި ބުދު ދީނުގެ ފައްޅިތައް ތަޅައި ސުންނާފަތިކޮށް، އެ ފައްޅިތަކުގައި ބޭނުންކުރި ތަކެތި ހަމަ އެ ތަންތަނުގެ އަޑީގައި ވަޅުލީ އެވެ. ތޯހައިޑާލް މި ރަށުގެ ފޯއްމަތި ކޮނެ ދިރާސާ ކުރި އިރު، ވަޅުލާފައި އޮތް ހިރިގަލުގެ ފޮއްޓެއް ފެނުނެވެ. އޭގެ ތެރޭގައި ރަން ހާލަކާއި، ހިންދޫން އަޅުކަން ކުރަން ބޭނުންކުރާ ފަދަ ހިރިގަލުގެ ކުރިބޯށިތަކުގެ ދެ ކުޑަ ފެނުނެވެ. އަދި ފިރިހެނުންގެ ޖިންސީ ގުނަވަން ސިފަވާ ކިތަންމެ އެއްޗެއް ވެސް ހުއްޓެވެ.

މި ރަށުން ފެންނަން ހުރި އާސާރީ އަދި ތާރީޚީ ހެކިތަކަށް ބުރަވެ މި ރަށުގެ ގިނަ މީހުން ވެސް ގަބޫލުކުރަނީ އެންމެ ފަހުން އިސްލާމް ވީ ފ. ނިލަންދޫ ކަމަށެވެ. ނަމަވެސް އެއީ ރަދުންގެ އަމުރުފުޅާ ޚިލާފުވުމުގެ ގޮތަކުން ނޫނެވެ. އެއީ ޒަމާނުއްސުރެ މި ރަށު މީހުންނަކީ ދީނީ އަގީދާގައި "ފިސާރި ގޮތެއްގައި" ތިބި ބަޔަކަށް ވާތީ އެވެ.

ފ. ނިލަންދޫ އިސްލާމް ކުރެއްވުމަށް ފަހު އެ ރަށުގައި ދަރުމަވަންތަ ރަސްގެފާނު ބިނާ ކުރެއްވި ހުކުރު މިސްކިތުގެ މައި ދޮރޯއްޓާއި ހަތް މުގުރީންގެ މަހާނަ. --ފޮޓޯ އަހްމަދު އަބްދުﷲ ސައީދު

އިސްލާމް ދީން ގަބޫލުކުރުމަށް ފަހުގައި މި ރަށް ފާހަގަކުރެވިފައިވަނީ އިސްލާމީ އަގީދާގައި ފިސާރި ގަދައަށް ސާބިތުވެ ތިބި ބައެއްގެ ގޮތުގަ އެވެ. އެ ކަމަށް ބާރު ލިބިދޭ އެންމެ ބޮޑު ހެއްކަކީ، މި ރަށު ދަރުމަވަންތަ ރަސްގެފާނު މިސްކިތުގެ ގޯތިތެރޭގައި އޮންނަ ހަތް މުގުރީންގެ މަހާނަ އެވެ.

"ބުނެވޭ ގޮތުގައި އެއީ މި ރަށް އިސްލާމްވުމަށް ފަހުގައި މި ރަށުގައި އުފެދުނު ހަތް މުގުރީން (ގުރުއާން ހިތުދަސް ހާފިޒުން)ގެ މަހާނަ. އޭރު ހާފިޒުން ވަޅުލައި އުޅުނީ އެހެން އާންމުންނާ މުޅިން ވަކިން. އެއީ އެމީހުންގެ ދަރަޖަ މަތިކަމުން ކަމަށް ވެދާނެ. ހާފިޒަކު މަރުވެއްޖެއްޔާ ވަޅުލަނީ އެ ތަނުގައި،" އަބްދުއްރަޝީދު ވިދާޅުވި އެވެ.

މިހާރު ވެސް ނިލަންދު އަކީ ރާއްޖޭގެ ނިސްބަތުން ގާރީންނާއި ގުރުއާން ހިތުދަސް ބޭފުޅުން ގިނަ ރަށެކެވެ. އެއީ ވެސް ނިލަންދޫ މީހުންނަކީ އެ މީހުންގެ ދީނީ އަގީދާގައި ސާބިތުވެ ތިބޭ ކަމުގެ ހެއްކެކެވެ.

44 ކޮމެންޓް, 64 ރިއެކްޝަންސް

icon happy icon happy 63%
icon sad icon sad 19%
icon angry icon angry 16%
icon wow icon wow 0%
icon inlove icon inlove 3%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނިލަންދޫ

09 January 2022

ތާރީޚު ހެކިދޭގޮތުން ރާއްޖޭން އެންމެ ފަހުން އިސްލާމްވީ ފ.ނިލަންދޫއާއި ލ.ގަމާ އދ.މާމިގިލި. އެއިންވެސް މާމިގިލި މީހުންނަކީ 3 ފަހަރަށް ފަތްކޮޅު ފޮނުވައިގެންވެސް އީމާންނުވި ބައެކޭ ބުނެއުޅޭ

The name is already taken The name is available. Register?

ކަލޯގެޔާރ

06 December 2020

އެތައް ހާސް އަހަރެއް ފަހުންވެސް މިއުޅޭ އަންނި އެއް އައިސް އެއުޅެނީ މުސްތަފާ ކަމާލުވެގެން.

The name is already taken The name is available. Register?

ވަހީދު

03 December 2020

ފުނިފުންޏަށް ވަޅުވަޅަށް މީހުން އަޅާކަށް އެއިރުގެ ރާއްޖޭގެ އާބާދީ ތަންނުދޭ. މީގެ 400 އަހަރު ކުރިން ޕިރާޑު ރާއްޖެ އައިރު ރަށްރަށުގައި އުޅުނީ 25 ނޫނީ 30 މީހުން. ޕޯޗުގީޒުންގެ 200 މީހުން ރާއްޖެ ހިފައިގެން ގަދަ ކޮށްގެން ތިބީ. މިފަހުން ގދ ތިނަދޫ އެނަމާ ބޯޓު ފެތިގެން މަރުވި 17 މީހުން ވަޅުލީ ވެސް އެއްވަޅެއްގައި. އެއްވަޅެއްގައި މީހުން ތިބުމަކީ ހަނގުރާމައެއް ކަމަށް ނުނިއްމޭނެ. As ް

The name is already taken The name is available. Register?

ާައަޒޫ

31 March 2017

ވަރަށް ފައްކާ ލިޔުމެއް.

The name is already taken The name is available. Register?

އަލީ

31 March 2017

ޔަގީން ކަމާ އެއްކޮން އެނގޭ އެއްޗަކީ، ތަފާސް ހިސާބު. ސްޓެޓިސްޓިކްސް. ރަގަޅު ގޮތުގަ ނެގިފައިވާ ތަފާސް ހިސާބު. އަމިއްލަ އައް ސުވާލު ކޮއްލާ: ކޮންތަންތަނަކައް ތޯ ސުނާމީ އެރީ؟ ފެންބޮޑުވަނީ؟ ބިންހެލުން އަންނަނީ؟ ބަނޑުހައިހޫނުކަން ލައްވަނީ؟ ބަލި މަޑުކަމުން ދުރީ؟ ކެންސަރު ޖެހެނީ؟ ލޭފެނުމުން އަބުރައިގަންނަނީ؟ ދެން އަމިއްލަ ނަފްސައް އަހާލަބަލަ، ރައްކާތެރި ކުރައްވާފަ ތިބިީ ކޮންބައެއްތޯ! އަމިއްލަ ސިކުނޑި ވެސް ބައެއްފަހަރު އެބަޖެހޭ ބޭނުން ކުރެވޭތޯ އުޅެން، ދެއްތޯ؟

The name is already taken The name is available. Register?

ފޯއް މަތި

31 March 2017

ރީތި ވާހަކަޔެއް...

The name is already taken The name is available. Register?

ފނޮޓް4ސޭލް

30 March 2017

ތާރީޚް ލިޔަންވާނީ ރަގަޅު ދިރާސާއެއްކޮށް ހެކި ލިބި އެލިޔާ ވާހަކަ ފިސާރި ރަގަޅަށް ސާބިތުކުރެވޭ ގޮތަށް.

The name is already taken The name is available. Register?

ބޫ

30 March 2017

2007މ. ޥަނަ އަހަރު ނިލަނދުއަށް ދިޔައިރު މިސްކިތު ފާރުމަތީގައި އެބުނާ ގުނަވަނެއްގެ ބޯތަކެއް ހުއްޓާ ފެނިގެން ފަރީދަށް އެވާހަކަ ނަންގަތިން. 2010 ގައި ދިޔައިރު އެޔެއް ނެތް. ވީމާ އެތަކެތި ނެގިފައި ވަނީ މިދެންނެވި ދުވަސްވަރު.

The name is already taken The name is available. Register?

މުޙައްމަދު

30 March 2017

ބުނާތީ އަޑުއިވޭ ތޮއްޑޫ މީހުންވެސް 03 ބުރަށް އިސްލާމް ކުރަންޖެހުނުކަމަށް/ އިސްލާމްކުރުމަށްފަހު، ދުވަސްކޮޅެއްވާއިރު ދީން ދޫކޮއްލާކަމަށްވަނީ

The name is already taken The name is available. Register?

ކޮއެ

29 May 2017

ހަމަ ތޮއްޑޫ މި ތަނަށް ޥައްދަން ވެއްޖެތަ.

The name is already taken The name is available. Register?

ނިހާދު

30 March 2017

ޜާއްޖޭގެ ގިނަރަށްތަކެއްގެ އަހުލުވެރިންއިސްލާމްދީން އިހްތިޔާރުކޮއްފާނެ ރަސްގެފާނުގެ ނިއްމުމަށް އެއީ ފަހުގެ ތާރީހަކާޖެހެންދެން މާތްވެގެންވާ އިސްލާމްދީނުގަ ނެތް އެތަށްކަމެއް ދީނުގެ ނަމުގަކޮއްއުލުން މިސާލަކަށް ޒިޔާރަތަށް ނަދުރުބުނުން ސޮލަވާތް ކިޔެވުން 12 ދުވަހު ކެެއްކުން މިއަދުވެސް މިފަދަކަންތައް ބައެއްމީހުން ކޮއްއެބައުޅޭ އެހާވެސް ދިވެހިންތެރޭ އިލްމީމީހުން މަދު އެޒަމާނުގަ ވާނީކިހިނެތް މިބުމީ އިންޓަނެޓް ފަދަ ވަސީލަތްތަކުން ހުރިހާމައުލުމާތެއް ލިބޭޒަމާނެގަވެސް މީހުންގެ ޤަބޫލޮކުރުންތައް މިހިރީމިއަދުވެސްފެންނަން ގިނަރަށްރަށް ލޭއޮހުރުމެއްނެތި އިސްލާމްދީން އިހްތިޔާރުކުރިއަސް ހަމަޔަގީން ބައެއް ރަށްރަށައް ބާރުގެބޭނުންކުރަންޖެހޭނެކަން އެހެންނޫނަމަ މާތްރަސޫލާއަށް ކަނޑިގަ އަތްލާކަށްނުޖެހުނީސް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454