ހުރިހާ ބޯޑަކަށް ވެސް ސަރުކާރުގެ އަތްބޭނުން!

އާއްމުންނާއި ސަރުކާރު ހިއްސާވާ ޕަބްލިކް ކުންފުނިތަކުގެ ހިއްސާގެ ބޮޑު ބައެއް ކޮންޓްރޯލްކުރަނީ ސަރުކާރުންނެވެ. އެ ކުންފުނިތަކުގެ އެންމެ މުހިއްމު ގުނަވަނަކީ ޑިރެކްޓަރުންގެ ބޯޑެވެ. އެ ބޯޑުގައި މެޖޯރިޓީ ޝެއާހޮލްޑަރުންގެ ފަރާތުން އައްޔަންކުރާ ޑިރެކްޓަރުންގެ އިތުރުން އާއްމު ހިއްސާދާރުންގެ ފަރާތުން ހޮވާ ޑިރެކްޓަރުން ވެސް ހިމެނެ އެވެ. ނަމަވެސް އާންމު ހިއްސާދާރުން ހޮވާ ޑިރެކްޓަރުންނަށް ވެސް ސަރުކާރަށް ވޯޓު ލެވޭ ގޮތަށް މިހާރު ވަނީ ހަދައިފަ އެވެ.


ސަރުކާރުގެ މެޖޯރިޓީ އޮންނަ ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކުރަނީ ސީދާ ސަރުކާރުން ބޭނުންވާ ބައެކެވެ. އެ މީހުން އައްޔަންކުރުމުގައި އާއްމު ހިއްސާދާރުންގެ އެއްވެސް ބާރެއްް ނޯވެ އެވެ. ކޮންމެ އަހަރަކު އޮންނަ އަހަރީ އާއްމު ޖަލްސާގައި ޑިރެކްޓަރުންގެ ބޯޑަށް މެމްބަރު އިންތިހާބުކުރާއިރު، މީގެ ކުރިން އެމްޓީސީސީ ފިޔަވައި، އެހެން ހުރިހާ ކުންފުނިތަކުގެ ބޯޑަށް އާއްމު މެމްބަރުން އައްޔަންކުރަން ވޯޓުދިނުމުގެ ބާރު ސަރުކާރަށް އޮވެ އެވެ. އެކަމަކު އެންމެ ފަހުން އެ ކުންފުނީގެ ބޯޑަށް އާންމު މެމްބަރުން އައްޔަންކުރަން އާއްމު ހިއްސާދާރުންނަށް އޮތް ބާރު ވެސް މިހާރު ވަނީ ކެނޑިފަ އެވެ.

އެމްޓީސީސީން މިދިޔަ ހަފުތާގައި ބޭއްވި ހާއްސަ ޖަލްސާގައި އެ ކުންފުނީގެ ހިއްސާދާރު އަދި މަޖިލީސްގެ ކުރީގެ މެމްބަރު މުއްތޮލިބު ވާހަކަދައްކަވަނީ: ސަރުކާރުން ބޭނުން ވެއްޖެ ނަމަ އާއްމު ޑިރެކްޓަރުން ހޮވަން ވޯޓުލެވޭ އުސޫލަށް ގިނަ މީހުން ދެކޮޅު --ފޮޓޯ: ހުސެއިން ވަހީދު /މިހާރު

‎މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އެމްޓީސީސީން ބޭއްވި ހާއްސަ ގޮތަކުން ކުރާ ޖަލްސާގައި ވަނީ އެ ކުންފުނީގެ ހިންގާ ގަވައިދަށް ބޮޑު ބަދަލެއް ގެނެސް އާއްމު ހިއްސާދާރުންގެ ފަރާތުން ހޮވާ ޑިރެކްޓަރުންނަށް ސަރުކާރަށް ވޯޓު ދެވޭ ގޮތް ހަދައިފަ އެވެ. އެ ކުންފުނީގައި ސަރުކާރުގެ 47.8 ޕަސެންޓް ހިއްސާ އޮވެ އެވެ. ޖުމްލަ ދިހަ ޑިރެކްޓަރުން ތިބޭ ބޯޑުގައި ހަ ޑިރެކްޓަރުން ތަމްސީލުކުރަނީ ސަރުކާރެވެ.

އެމްޓީސީސީގެ ބޯޑަށް މެމްބަރުން ހޮވުމުގައި އޮންނަ އުސޫލަށް ގެނައި ބަދަލާ ގުޅިގެން އެ ކުންފުނީގެ ބައެއް ހިއްސާދާރުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. ‎އެތަނުގައި ތިބި ބައެއް ހިއްސާދާރުން ބުނީ އެ އިސްލާހާ ގުޅިގެން އެ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރުންގެ ހައްގު ގެއްލިއްޖެ ކަމަށާއި ދެން އާއްމުންގެ ފަރާތުން ވެސް ބޯޑަށް ހޮވޭނީ ސަރުކާރުން ބޭނުންވާ ޑިރެކްޓަރުން އެކަނި ކަމަށެވެ. ނަމަވެސް ސަރުކާރުން ހޮވާ ހަ ޑިރެކްޓަރުންނަށް އާއްމު ހިއްސާދާރުންނަށް ވެސް ވޯޓުލެވޭ ނަމަ ޝަކުވާއެއް ނެތް ކަމަށް އެ ހިއްސާދާރުން ފާހަގަކުރި އެވެ.

މެޖޯރިޓީ ޝެއާހޮލްޑަރު އެ ވޯޓުގައި ބައިވެރިވަނީ ކުންފުންޏަށް ބަލާފައި. ކަނޑައެޅިގެން ހިއްސާދާރުންގެ ހައްގުތައް ގެއްލުވާލަން މަސައްކަތްކުރާ ނަމަ އެކަނި މެޖޯރިޓީ ޝެއާހޮލްޑަރު އިންޓަވިން ކުރަނީ. މީގެ ޕްލަސް އެންޑް މައިނަސް އެބަ އޮތް --ޕީސީބީގެ ރައީސް

އެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި އެ ކުންފުނީގެ ހިއްސާދާރު އަދި ފަރެސްމާތޮޑާ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް މުއްތޮލިބު ވިދާޅުވީ އެމްޓީސީސީ އަކީ ދިވެހި ރައްޔިތުންގެ ތެރެއިން 24،000 މީހުން ތަމްސީލްކުރާ ކުންފުންޏެއް ކަމަށާއި އެ ގަވައިދަށް ގެނައި ބަދަލާ ގުޅިގެން މުޅި ކުންފުނި ސަރުކާރުގެ އަތްދަށަށް ދިއުމުގެ ބިރު އެބަ އޮތް ކަމަށެވެ.

"އަޅުގަނޑުމެން މިހާތަނަށް އަމަލުކުރަމުން އައީ ކުންފުނީގެ އާއްމު ހިއްސާދާރުން ހޮވާ ޑިރެކްޓަރުން ހޮވަނީ އާއްމު ހިއްސާދާރުން. އެހެން ނަމަވެސް މި ގަވައިދުގައި އެ މާއްދާ އެއޮތީ އުވާލާފައި. އޭގެ މާނައަކީ ދެން އެ ޑިރެކްޓަރުން ވެސް ހޮވާނީ ސަރުކާރުންނޭ. އެއީ އަޅުގަނޑުމެން ބޭނުންވާ ގޮތެއް ނޫން،" މުއްތޮލިބު ވިދާޅުވި އެވެ.

އޭނާގެ އިތުރުން އެތަނުގައި އެހެން ބައެއް ހިއްސާދާރުން ވެސް ވަނީ އެ ކުންފުނީގެ ބޯޑަށް ހޮވާ އާއްމު ހިއްސާދާރުންގެ ވޯޓުގައި ސަރުކާރަށް ބައިވެރިވެވޭ ގޮތަށް ގަވައިދު ބަދަލުކުރާތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި އެ ގަވައިދަށް ގެނައި ބަދަލާ މެދު ސީއެމްޑީއޭ އިން ވިސްނަން ވެސް ބައެއް ހިއްސާދާރުން ގޮވާލި އެވެ.

އެމްޓީސީސީގެ ބޯޑު ޑިރެކްޓަރަކު، ނަން ނުޖެހުމަށް އެދިވަޑައިގެން، ވިދާޅުވީ އެ ކުންފުނީގެ ބޯޑަށް އާއްމު ހިއްސާދާރުންގެ ފަރާތުން ހޮވާ ޑިރެކްޓަރުންނަށް ސަރުކާރަށް ވޯޓު ދެވޭ ގޮތަށް ގެނައީ ބާތިލު ބަދަލެއް ކަމަށެވެ.

"މިއީ ކަނޑައެޅިގެން އެ ކުންފުނީ އާއްމު ހިއްސާދާރުންގެ ބާރު ކަނޑުވާލަން ކުރި ކަމެއް. މިއޮތްހާ ޒަމާން ވީއިރު ވެސް އެ ބަދަލު އެއްވެސް ސަރުކާރަކުން ނުގެނެސް މިހާރު ކުއްލިއަކަށް އެބަދަލު ގެންނަން ޖެހުނު ސަބަބެއް އަޅުގަނޑަކަށް ނުވިސްނޭ،" އޭނާ ވިދާޅުވި އެވެ.

އެމްޓީސީސީން މިދިޔަ ހަފުތާގައި ބޭއްވި ހާއްސަ ޖަލްސާގައި ޕީސީބީގެ ރައީސް ނިޒާރު އެ ކުންފުނީގެ ޗެއާމަންއާ ވާހަކަދައްކަވަނީ --ފޮޓޯ: ހުސެއިން ވަހީދު /މިހާރު

‎އެ އިސްލާހާ ދެކޮޅު ހެދި ހިއްސާދާރުންނަށް ޖަވާބުދެއްވަމުން އެ ކުންފުނީގެ ޗެއާމަން އަހުމަދު ނިޔާޒް ވިދާޅުވީ ޑިރެކްޓަރުން ހޮވުމުގައި ވޯޓު ދިނުމަކީ ކޮންމެ ހިއްސާދާރަކަށް ވެސް ލިބިގެންވާ ހައްގެއް ކަމަށެވެ. އަދި ވަކި ހިއްސާދާރަކަށް ވޯޓު ނުލެވޭ ގޮތަށް އޮތުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކަންތައްތައް ބަލަހައްޓާ ޕްރައިވެޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު ދެކެވަޑައިގަންނަވާ ގޮތުގައި އެމްޓީސީސީގެ ގަވައިދަށް ގެނައީ ރަނގަޅު ބަދަލެކެވެ. އަދި އާއްމު ހިއްސާދާރުން ތަމްސީލްކުރާ ޑިރެކްޓަރުންނަށް ސަރުކާރުން ވޯޓު ދެނީ ކުންފުންޏަށް ބަލާފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެސްޓީއޯއިން މިދިޔަ އަހަރު ބޭއްވި އަހަރީ އާއްމު ޖަލްސާ: އެ ކުންފުނީގެ ބޯޑަށް އާއްމު ހިއްސާދާރުންގެ ފަރާތުން ކުރިމަތިލާ ޑިރެކްޓަރަށް ވެސް ސަރުކާރަށް ވޯޓުލެވޭ ގޮތަށް އޮވޭ.

"މެޖޯރިޓީ ޝެއާހޮލްޑަރު އެ ވޯޓުގައި ބައިވެރިވަނީ ކުންފުންޏަށް ބަލާފައި. ކަނޑައެޅިގެން ހިއްސާދާރުންގެ ހައްގުތައް ގެއްލުވާލަން މަސައްކަތްކުރާ ނަމަ އެކަނި މެޖޯރިޓީ ޝެއާހޮލްޑަރު އިންޓަވިން ކުރަނީ. މީގެ ޕްލަސް އެންޑް މައިނަސް އެބަ އޮތް. ގިނަ ޕްރޮކްސީ ހިފައިގެން ދާ މީހަކަށް ފުރުސަތު ބޮޑުވާނެ ޕޯލް ވޯޓަކަށް ގޮސްފި ނަމަ،" ނިޒާރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑަށް އާއްމު މެމްބަރު އައްޔަންކުރުމުގައި މެޖޯރިޓީ ޝެއާހޮލްޑަރު ނުވަތަ ސަރުކާރަށް ވޯޓުލުމުގެ ފުރުސަތު އޮތް ނަމަވެސް ހުރިހާ ފަހަރެއްގައި އެ ފުރުސަތުގެ ބޭނުންނުކުރާ ކަމަށެވެ. އެހެންވެ އެމްޓީސީސީގެ ބޯޑަށް ގެނައި ބަދަލުން އާއްމު ހިއްސާދާރުންގެ ބާރު މުޅިގެން ގެއްލިގެން ނުދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެމްޓީސީސީގެ ގަވައިދަށް މި ބަދަލު ގެނައި ނަމަވެސް ޕޯލް ވޯޓަކަށް [ހިނގައްޖެ] ނަމަ ޕްރޮސީ ހިފައިގެން ގޮސް ވޯޓު ލެވޭނެ. ޕޯލް ވޯޓު ނޫން ނަމަ ކޮންމެ ހިއްސާދާރަކަށް ވެސް ލެވޭނީ އެއް ވޯޓު. މިހާތަނަށް ގިނަ ފަހަރަށް ލާފައި ހުންނާނީ ޕޯލް ވޯޓަށް ގޮސްގެން،" ނިޒާރު ވިދާޅުވި އެވެ.

އެމްޓީސީސީގެ ގަވައިދަށް ގެނައި ބަދަލާ ގުޅިގެން ސަރުކާރު ހިއްސާ އޮންނަ ޕަބްލިކް ކުންފުނިތަކުގައި އާއްމު ހިއްސާދާރުންގެ ބާރު މުޅިން ގެއްލިގެންދިޔައީ ކަމަށް ބެލިދާނެ އެވެ. އެކަމަކު އަދިވެސް ސަރުކާރުގެ ނުފޫޒު ނުފޯރުވާ ނަމަ ހިއްސާދާރުން ބޭނުންވާ މީހަކު ޑިރެކްޓަރުންގެ ބޯޑަށް ހޮވިދާނެ އެވެ. މައްސަލައަކީ ސަރުކާރުން އެ ނުފޫޒު ފޯރުވާނީ ނުވަތަ ބޭނުންކުރާނީ ކޮން އިރަކުކަން ވެސް ނޭނގުމެވެ.