ކެންދޫ އައްޔަބެ: މިވަރުގެ ޚިދުމަތްތެރިޔަކު އެބަ ހުރިތަ؟

ބ. ކެންދޫ އެއްގަމުގޭ އަލީ ހުސެން (އައްޔަބެ) އަކީ ކުރިންސުރެ ވެސް އެ ރަށު ރައްޔިތުންނަށް ނަމޫނާއެކެވެ. މިހާރު އުމުރުން 80 އަހަރު ފުރި، ބަލި އެނދުގައި އޮންނަން ޖެހިވަޑައިގަތް ނަމަވެސް، އޭނާ ދެކެ ކެންދޫ މީހުން ވާ ލޯތްބަކަށް ބަދަލެއް ނާދެ އެވެ. ރަށުގެ ވެރިންނަށް ވުރެ ވެސް މީހުން އޭނާއަށް ގަދަރު ކުރެ އެވެ.


ކެންދޫ މީހުން ގަބޫލުކުރާ ގޮތުގައި އައްޔަބެއަކީ އެ ރަށުގެ ތައުލީމީ މުހިއްމު ތަނބެކެވެ. އެ ރަށަށް އޭނާ ކޮށްދެއްވާފައިވަނީ އަގުނުކުރެވޭނެ ފަދަ ހިދުމަތްތަކެކެވެ.

ގިނަ އަހަރުތަކެއް ވަންދެން ރަށުގެ ނައިބުކަން ކުރެއްވުމަށް ފަހު، އެ ރަށުގައި އެޅި ތިން ސްކޫލުގައި ވެސް ނާޒިރުކަން ކުރެއްވި އެވެ. ކެންދޫގައި އޭނާ ގުރުއާން ކްލާސް ހިންގަވާތާ ބައި ގަރުނު ވެއްޖެ އެވެ. ރަޖިސްޓްރީކޮށްގެން އެހާ ގިނަ ދުވަހު ހިންގި ގުރުއާން ކްލާހެއް ރާއްޖެއަކު ނެތެވެ. ވޭތުވެ ދިޔަ ދުވަސްތަކުގައި އެތައް ސަތޭކަ ދަރިވަރުންނެއް އޭނާ ކައިރިން ވަނީ އުނގެނިފަ އެވެ.

ތޮބައަތުއްނޫރުގެ ގުރުއާން ކްލާހެއްގައި ދަރިވަރުން ހަތިމް ކުރަނީ

"ގެއެއްގައި ފާތިހާއެއް ކިޔެވިޔަސް، މީހަކު މަރުވެގެން ކަށުކަމާކެމީގެ ކަމެއް ކުރަން ވިޔަސް އެންމެން ވެސް އައްޔަބެ ގެންދަން ބޭނުންވާނެ. ކުރިން މީހަކު ބޮލުގައި ރިއްސާލިޔަސް ފެން ތަށި ކިޔަވަން ގެންދާނެ. އެހާ ވެސް އޭނާގެ ބަސް މީހުން އަހާނެ،" ކެންދޫ މީހަކު ބުންޏެވެ.

ކެންދޫ ކަލޭފާނަށް ބައްޕަ ވިދާޅުވާ އައްޔަބެ އެ ރަށުގައި ގުރުއާން ކިޔަވައިދެއްވަން ފެއްޓެވީ އުމުރުން ވިއްސަކަށް އަހަރުގަ އެވެ. ރަށުގައި ގުރުއާން ކިޔަވައިދޭ ތަނެއް ނެތުމާ އެކު އޭނާ އުފެއްދެވި ކްލާހަށް އޭރު ދިޔައީ 12 ވަރަކަށް ކުދިންނެވެ. އެކަމަކު ގޭގެ ބޮޑުއަށި މަތީގައި ފެށި އެ މަސައްކަތުގައި، މިއަދާ ހަމައަށް އައި އިރު ގިނަ ބަޔަކަށް އޭނާ ވަނީ ގުރުއާން ކިޔަވަން ދަސްކޮށްދެއްވާފަ އެވެ.

އައްޔަބެ އުފެއްދެވި ގުރުއާން ކްލާސް، ތޮލަބަތުއްނޫރު ރަޖިސްޓްރީކޮށްގެން ހިންގަވާތާ މިދިޔަ ބުދަ ދުވަހު 50 އަހަރު ފުރުނު އިރު އެ ރަށުގެ އެކި ޖީލުތަކުގެ ކިޔެވުމުގެ ފެށުމަކީ އެއީ އެވެ.

އެ ކްލާސް ރަޖިސްޓްރީ ކުރުމުގެ ދިހަ އަހަރު ކުރިން ވެސް ގޭގައި އޭނާ ކިޔަވައިދެއްވި އެވެ.

ތޮލަބަތުއްނޫރަށް 50 އަހަރު ފުރުން ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި އައްޔަބޭ (ފުރޮޮޅުލީ ގޮނޑީގައި އިށީނދެވަޑައިގެން) ބައިވެރިވެ ވަޑައިގަންނަވަނީ

އެކަމަކު ވޭތުވެ ދިޔަ އަހަރުތަކުގައި އެތަނުގައި ކިޔަވާ ދަރިވަރުންގެ އަދަދު ގިނަވެ، އެތަނުން ދޭ ހިދުމަތްތައް ވެސް ވަނީ އިތުރުކޮށްފަ އެވެ. ގޭގެ ބޮޑުއަށި މަތިން ފެންޑާއާ ހަމައަށް އެ ހިދުމަތް ގެންގޮސް، އެންމެ ފަހުން ގޯތި ތެރޭގައި އެކަމަށް މިހާރު ހުންނަނީ ހާއްސަ އިމާރާތެއް ވެސް ހަދާފަ އެވެ.

ގެއަށް ބަދަލުތަކެއް ގެންނަން 2006 ގައި ގެތަޅާލަން ޖެހުނު ނަމަވެސް ގުރުއާން ކްލާހުގެ މަސައްކަތް ހުއްޓައެއް ނުލައްވަ އެވެ. ގޭގެ ކުޑަ ކޮޓަރިއެއްގައި ވެސް ޖާގަ އޮތް މިންވަރަކުން ކިޔަވައިދެއްވި އެވެ.

ކުރިން ހަމައެކަނި ބަލައިގެން ގުރުއާން ކިޔަން ދަސްކޮށްދިން ނަމަވެސް މިހާރު ޖަބައަތުއްނޫރުގައި ތަޖުވީދު މަގަށް ރީތިކޮށް ކިޔަން ދަސްކޮށްދެ އެވެ. އަދި ރަށުގެ ބޮޑެތި މީހުންނަށް ހާއްސަކޮށްގެން ގާރީ ކޯސްތަކެއް ވެސް މިހާރު އަންނަނީ ހިންގަމުންނެވެ.

ރާއްޖޭގެ ސަނަދުތަކާ އެއްގޮތަށް، ސެޓްފިކެޓް ލެވެލްގެ ހިންގާ ކޯސްތައް ކިޔަވައިދޭން ގުރުއާން ހަ ޓީޗަރުން އެތަނުގައި ތިބެ އެވެ.

އަލީ ހުސެން އޭނާގެ އާއިލާއާ އެކު: އެ އާއިލާގައި ބޮޑެތި އިލްމުވެރިން ވެސް ހިމެނޭ

ގުރުއާން ކިޔަވައިދޭ މުދައްރިސެއްގެ އިތުރުން އައްޔަބެ ފާހަގަކޮށްލެވެނީ ހިލޭ ސާބަހަށް މަސައްކަތް ކުރައްވާ ހިދުމަތްތެރިއެއްގެ ގޮތުގަ އެވެ. ގުރުއާން ކްލާސް ހިންގަން މިހާރު ފީއެއް ނެގި ކަމަށް ވިޔަސް 42 އަހަރު ވާންދެން އޭނާ އެކަން ކުރެއްވީ މުޅިން ހިލެ އެވެ.

ރަށުގައި ކުރާ ބޮޑެތި ހުރިހާ މަސައްކަތުގައި ވެސް އަމަލީ ގޮތުން ބައިވެރިވެވަޑައިގަންނަވާ އަދި މާލީ އެހީތެރިކަން ވެސް ފޯރުކޮށްދެއްވި އެވެ.

އައްޔަބޭގެ 12 ބޭފުޅުން އެބަ ތިއްބެވި އެވެ. އޭގެ ތެރޭގައި ދީނީ އިލްމުވެރިންނާއި މެޑިކަލް ޑޮކްޓަރުންނާއި ލޯޔަރުންނާއި ޕީއެޗްޑީއާ ހަމައަށް ކިޔަވާ ވިދާޅުވެފައިވާ ބޭފުޅުން ވެސް ހިމެނެ އެވެ. އަދި ކެންދޫ ސްކޫލުގެ މަތީ މަގާމުތަކުގައި އަންހެން ބޭފުޅުން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.

މިސްރާއި މެލޭޝިޔާއިން ކިޔަވާ ވިދާޅުވުމަށް ފަހު، މިހާރު ގައުމީ ޔުނިވަސިޓީގެ ރަޖިސްޓްރާގެ މަގާމުގައި ހުންނެވި ޑރ. ސައުދުﷲ އަލީ އަކީ އެ އާއިލާގެ އެއް ބޭފުޅެވެ.

ސައުދުﷲ ވިދާޅުވި ގޮތުގައި އޭނާގެ ބައްޕަ އަކީ ތައުލީމަށް އިންތިހާއަށް ލޯބި ކުރައްވާ ބޭފުޅެކެވެ. ރަށުގެ ގިނަ ބަޔަކަށް ގުރުއާނުގެ އިލްމު އުނގަންނަވައި ދެއްވުމަށް ފަހު، އަމިއްލަ ދަރިންނަށް ވެސް އެ ފަދަ ފުރުސަތުތައް ހޯއްދަވައިދެއްވި ކަމަށް ވިދާޅުވި އެވެ.

އައްޔަބޭގެ އެހެން ބޭފުޅެއް ކަމަށްވާ ނަސްރުﷲ އަލީ އަކީ ވެސް ރާއްޖޭގައި ފާހަގަކޮށްލެވޭ ދީނީ އިލްމުވެރިއެކެވެ. ގޭތެރޭގައި ބައްޕަ ދެއްވަމުން ދިޔަ ގުރުއާން ކިޔަވައިދިނުމުގެ ހިދުމަތް ފުޅާކުރުމުގައި އޭނާގެ ދައުރު ބޮޑެވެ.

އައްޔަބޭގެ ގުރުއާން ކްލާހުގައި ކިޔަވާ ދަރިވަރުން

މިސްރުން ކިޔަވައި ވިދާޅުވުމަށް ފަހު ގުރުއާން ކްލާސް ހިންގެވުމުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގެންނެވި އެވެ.

"މިހާރު ވެސް ހަނދާންވޭ ކުޑައިރު ބައްޕަ އަޅުގަނޑުމެން ވެސް ނެރޭނެ އެހެން ކުދިންނަށް ކިޔަވައިދޭން. ގިނަ ވަގުތު ހޭދަ ކުރައްވާނީ އެކަމުގައި،" ތައުލީމީ ދާއިރާއިން ޕީއެޗްޑީ ހާސިލް ކުރައްވާފައިވާ ސައުދުﷲ ވިދާޅުވި އެވެ.

މިހާތަނަށް މަދުވެގެން 600 އަށް ވުރެ ގިނަ މީހުންނަށް އަލިބެ ގުރުއާން ކިޔަވައިދެއްވި އެވެ. ސައުދުﷲ ވިދާޅުވި ގޮތުގައި އެއީ ރަށުގެ ކުޑަ އާބާދީގެ ނިސްބަތުން ވަރަށް ބޮޑު އަދަދެކެވެ. އަދި ރަށުގެ ގިނަ ބަޔަކަށް ގުރުއާން އުނގަންނަވައި ދެއްވާ، އަމިއްލަ ދަރިންނަށް އެ ރޮނގުން މަތީ ތައުލީމު ހޯއްދަވައިދެއްވުމަކީ ބައްޕަ އަބަދުވެސް އުފާ ކުރައްވާ ކަމެއް ކަމަށް ވިދާޅުވި އެވެ.

"މި ރަށުގައި އެންމެން ވެސް ބައްޕައަށް ވަރަށް އިހްތިރާމް ކުރާނެ. ހަމައެކަނި ކިޔަވައިދިނުމެއް ނޫން، މީހުން ބުނާ ކަންކަން ކޮށްދިނުމާއި އިޖްތިމާއީ ކަންކަމާއި ރަށުގެ ގިނަ ކަންކަން ބެލެހެއްޓުމުގައި ވެސް ބައްޕަ އިސްކޮށް މަސައްކަތް ކުރެއްވި،" އޭނާ ވިދާޅުވި އެވެ.

ތޮލަބަތުއްނޫރު ގުރުއާން ކްލާސް ހިންގާ އިމާރާތް: އެތަނަށް 50 އަހަރު ފުރުން ފާހަގަކުރަން މަގުމަތީގައި ކުޑަ އެލުވައި ޒީނަތްތެރިކޮށްފައި

އުމުރުން ދުވަސްވެ، ސިއްހަތު ތަންނުދޭތީ އައްޔަބޭގެ މި މަސައްކަތާ މިހާރު ހަވާލުވެފައިވަނީ އޭނާގެ ދަރިންނެވެ. އެ މީހުންގެ ވެސް އަޒުމަކީ ބައްޕަ އަލިކޮށްދެއްވި ތައުލީމީ ދަންމަރު ކެންދޫގައި އަބަދުވެސް ނުނިވި ބެހެއްޓުމެވެ. ގުރުއާން ކްލާހަށް ދެ ބުރި އިމާރާތެއްގެ ބިންގާ އެޅުމަކީ އެ އަޒުމުގެ އެއް ބަ އެވެ. އަދި ބައްޕައަށްޓަކައި ތޮލަބަތުއްނޫރު ފައުންޑޭޝަނުގެ ނަމުގައި ޖަމިއްޔާއެއް ވެސް މިހާރު ވަނީ އުފައްދާފަ އެވެ.

ކެންދޫ ރައްޔިތުންގެ ހިތްތަކުން އައްޔަބޭގެ ނަން ނުފޮހެވޭނެ އެވެ. އޭނާ އަކީ ކުރިން ވެސް، މިހާރު ވެސް އަދި ކުރިމަގުގައި ވެސް ނަމޫނާއެކެވެ.