ހުމާމް މަރަން ޖެހޭނީ އެހެން ގާތިލުން ހޯދާފައި: އަފްރާޝީމްގެ އާއިލާ

މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު ސުވާލަކީ މި އެވެ؛ ހުސެއިން ހުމާމަށް މަރުގެ އަދަބު ދީފިއްޔާ ޑރ. އަފްރާޝީމް އަލީގެ ގާތިލަށް ނުވަތަ ގާތިލުންްނަށް މަރުގެ އަދަބު ދެވުނީ ހެއްޔެވެ؟


އަފްރާޝީމްގެ ވާރިސެއްގެ ޖަވާބަކީ، ވަރަށް ކަނޑައެޅިގެން "ނޫނެކޭ" އެވެ. އޭނާ ވަރަށް ފާޅުގައި އެހެން ބުނަމުން ދަނީ ހުމާމާ ހިސާބުން މިކަން އަދި ނިމޭ ކަމަށް ގަބޫލުނުކުރެވޭތީ ކަމަށްވެ އެވެ. އެހެންވެ، ރޭ ސުޕްރީމް ކޯޓުގައި ހުމާމްގެ ހުކުމް ޝަރީއަތް ފެށުމުގެ ކުރިން އަފްރާޝީމްގެ ބައްޕަ ވަނީ ސިޓީއެއް ފޮނުވައި، މަރުގެ އަދަބު ދޭން މި ވަގުތު އިންކާރު ކުރާ ކަމަށް ބުނެފަ އެވެ. މިއީ މި މައްސަލަ މިހާރު އެނބުރޭ ހިސާބެވެ. ފަހަރެއްގައި މިއީ އާންމު ގިނަ ބަޔަކު ހީކޮށްގެން ތިބި ގޮތް ކަމަށް ވެސް ނުވެދާނެ އެވެ.

އެކަމަކު ސުޕްރީމް ކޯޓުން ވަނީ ހުމާމްގެ މައްޗަށް އިއްވި މަރުގެ ހުކުމް ދަމަހައްޓައިފަ އެވެ. އެހެންކަމުން މިހާރު ގަވާއިދު އޮތް ގޮތުން ހުމާމަށް މަރުގެ އަދަބު ތަންފީޒުކުރުމުގެ 30 ދުވަސް މި ވަނީ ފެށިފަ އެވެ. އަދި އެންމެ ފަހު ފަހަރު ވާރިސުންނާ ބައްދަލުކޮށް، މައާފު ހޯދުމުގެ ރޯލެއް އިސްލާމިކް މިނިސްޓްރީ މެދުވެރިކޮށް ކުޅެން ގަވާއިދުގައި ބުނެފައިވެ އެވެ.

ރޭ ސުޕްރީމް ކޯޓުގައި ހުމާމް ޝަރީއަތުގެ އެންމެ ފަހު ބައި ފެށުމުގެ ކުރިން ބައްޕަ ފޮނުވި ސިޓީ ބަލައިގެންފައެއް ނުވެ އެވެ. ފަހަރެއްގައި އެ ސިޓީ ބަލައިގަތުމުގައި މިވަގުތު ގާނޫނީ މައްސަލަތަކެއް ހުރީ ކަމަށް ވެސް ވެދާނެ އެވެ. އެއީ މަރަށް މަރުހިފަން ހުރިހާ ވާރިސުން ދަށު ކޯޓުގައި ބުނެފައި އޮތުމުން އޭނާގެ މައްޗަށް އިއްވި މަރުގެ ހުކުމް، ސުޕްރީމް ކޯޓުން ބެލީ ރަނގަޅުތޯ ނުވަތަ ނޫންތޯ ކަމަށް ވާތީ އެވެ. އަދި ވާރިސުންނަށް އިތުރު ފުރުސަތެއް، ސުޕްރީމް ކޯޓުގެ ހުކުމަށް ފަހު ވެސް ލިބޭތީ އެވެ.

މިވަގުތު މަރަން މަރުހިފަން ބޭނުން ނޫން ކަމަށް ބުނެ ބައްޕަ ސިޓީ ފޮނުވުމުގެ މާނަ އަކީ ހުމާމަށް މައާފުކުރުން ނޫން ކަމަށް އާއިލާގެ މެމްބަރަކު "މިހާރު" އަށް ބުންޏެވެ.

ހުމާމްގެ ބޭބެ ކިނާޔަތު، ރޭ ސުމްރީމް ކޯޓު ކައިރީގައި ހުރިއިރު، ފުލުހުން އެ ސަރަހައްދުގެ ސަލާމަތީކަންކަން ބަލަހައްޓަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

"ރަނގަޅު، އަޅުގަނޑުމެން ވެސް ގަބޫލުކުރަން އެއީ [ހުމާމަކީ] އަފްރާޝީމްގެ ގާތިލެއް ކަން. ޚުދު އަޅުގަނޑު ކައިރީގައި ވެސް ހުމާމް ބުނި އެކަމުގައި ބައިވެރިވީމޭ. އެކަމަކު އަޅުގަނޑުމެންގެ ސުވާލަކީ އޭނާ އެކަން ކުރީ ކީއްވެގެންހޭ؟ ކޮން ނިޔަތެއް، ކޮން ބޭނުމެއް އޮވެގެންހޭ އެވަރުގެ ކަމެއް އޭނާ ކުރީ؟" އަފްރާޝީމްގެ ވާރިސުންގެ ތެރޭގައި ހިމެނޭ އެކަކު، ބުންޏެވެ. [ބައެއް ސަބަބުތަކާ ހުރެ އޭނާގެ ނަން މި ރިޕޯޓުން ވަނީ އުނިކޮށްފަ އެވެ.]

އޮކްޓޫބަރު 1، 2012 ގައި އޭރު ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަވަހާރަކޮށްލީ އޭނާ ދިރިއުޅުއްވާ ގެ އަށް ވަންނަވަނިކޮށް ރޭގަނޑު އެވެ. އެ މައްސަލައާ ގުޅިގެން ހުމާމްގެ އިތުރުންް އެހެން ބައެއް މީހުން ވެސް ހައްޔަރުކޮށްފައިވެ އެވެ.

"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ހުމާމަކީ ތިން ވަނަ މީހާ. ފުރަތަމަ މީހާ އަދި ދެ ވަނަ މީހާ އަދި އެބަވޭ،"

އަފްރާޝީމް އަވަހާރަކޮށްލީ ދީނީ، އަދި ސިޔާސީ ކަމެއްގެ ތެރެއިން ކަމަށް ވެސް އޭރު ބުނަމުން ދިޔަ އެވެ. އަދި އޭނާ އަވަހާރަކޮށްލަން ފަންޑު ކުރި ކަމުގެ ތުހުމަތުގައި ބައެއް މީހުން ވެސް ހައްޔަރުކުރި އެވެ. ނަމަވެސް މިހާތަނަށް އައިއިރު، އެއިން އެއްވެސް ކަމެއް ފުލުހުންނަށް ސާބިތުކޮށްދެވިފައެއް ނުވެ އެވެ. މައްސަލައިގައި މިހާތަނަށް ފުލުހުންނަށް ކުރި ލިބިފައި ވަނީ ހުމާމްގެ މައްޗަށް އެކަންޏެވެ.

"ސީދާ އަޅުގަނޑު ހުމާމާ ބައްދަލުކުރިން. އޭރު އޭނާ ވެސް އަދި ފުލުހުން ވެސް ބުނެފައި އޮތީ މިއީ ހަތަރު މިލިއަން ރުފިޔާ ދޭނަމޭ ބުނެގެން ކުރި ކަމެއް ކަމަށް. އެހެންވެ، މި މައްސަލައިގެ ތަހުގީގު އަދިވެސް ކުރަމުން ގެންދާ ކަމަށް ބުނާތީ އަޅުގަނޑުމެން ބޭނުމެއް ނުވޭ ދުނިޔޭގައި މިވަގުތު ހުރި ހަމައެކަނި ހެކި [ހުމާމް] މަރާލާކަށް،" އޭނާ ބުންޏެވެ.

"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ހުމާމަކީ، ތިން ވަނަ މީހާ. ފުރަތަމަ މީހާ އަދި ދެ ވަނަ މީހާ އަދި އެބަވޭ."

އެއީ، ހުމާމާ ހަވާލާދީ، އޭނާ ބުނި ގޮތުގައި އޭނާއާ އެކު އަފްރާޝީމް ގަތުލުކުރުމުގައި ބައިވެރިވި އެހެން މީހަކާއި އެކަމަށް ހޭދަކުރި މީހާ އެވެ.

ހުމާމް ކޯޓަށް ވައްދަނީ: އާއިލާއިން ބޭނުންވަނީ ފުރިހަމަ ތަހުގީގެއް --ފައިލް ފޮޓޯ/ މިހާރު

"އެހެންވެ، ހުމާމް މަރާލައިފިއްޔާ އެކަންް އެ ނިމުނީ ނޫންތޯ ދެން،" އޭނާ ބުންޏެވެ.

"މައްސަލަ މި ހިސާބުން ދެން ކިހިނެއްތޯ ތަހުގީގުކުރާނީ؟ އިތުރު ހެއްކެއް ކޮން ތާކުންތޯ ހޯދާނީ؟"

އޭނާ ބުނީ ހުމާމަށް މާފު ދިނުމެއް ނެތް ކަމަށާއި ބޭނުންވަނީ އަފްރާޝީމްގެ ހުރިހާ ގާތިލުންނަށް ވެސް އަދަބު ލިބުން ކަމަށެވެ.

"އެއްގޮތަކަށް ވެސް އަޅުގަނޑުމެން މި ހިސާބުން ނިންމާލީއެއް ނޫން. އަޅުގަނޑުމެން މި އެދެނީ މި ތަހުގީގު އަޅުގަނޑުމެން ގަބޫލުކުރާ ފެންވަރަކަށް ނިންމަވައިދޭށޭ. މި ހުރިހާ ޝައްކުތަކެއް ހުރެ، އަދި ސާފު ޖަވާބެއް ނުލިބެނީސް މީގެ ތެރެއިން އެންމެ މީހެއްގެ މައްޗަށް އަދަބު ލިބުމެއް ނޫން އަޅުގަނޑުމެން ބޭނުންވަނީ،" އޭނާ ބުންޏެވެ.

އޭނާ އުފައްދާ ޝައްކުތަކެއް ވެސް އެބަ ހުއްޓެވެ.

"އަފްރާޝީމް އަވަހާރަކޮށްލައިގެން އުޅުނު އިރު، އަޅުގަނޑުމެންގެ އާއިލާ އަށް ވެސް އޭރުގެ ހޯމް މިނިސްޓަރު ވެސް އަދި ޕޮލިސް ކޮމިޝަނަރު ވެސް ވިދާޅުވެފައިވޭ ހީވެސް ނުކުރާ މީސްމީހުން މީގެ ތެރޭގައި އެބަ އިންވޯލްވެއޭ. އެހެންވީމަ އަޅުގަނޑުމެން ބޭނުންވޭ އެއީ ކޮން ބައެއްތޯ ބަލައި އެ މީހުންނަށް ވެސް ހައްގު އަދަބު ލިބެން،" އެ ވާރިސް ބުންޏެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދިވެހި ފުލުހުންްގެ މުއައްސަސާގައި އެ ފެންވަރު އެބަހުރި. އެ ވަސީލަތްތައް އެބަހުރި. އެ ގާބިލްކަން ވެސް އެބަހުރި. މި ވަރުގެ ތަހުގީގެއް ހިންގޭނެ ބައެއް އެއީ. އެހެން ނަމަވެސް މި މައްސަލާގައި އެ މުއައްސަސާ މިއޮތީ ފެއިލްވެފައި. މިއަދާ ހަމައަށް އައިއިރު ވެސް މީގެ ހަގީގަތާ ހަމައަށް ދެވުނީއެއް ނޫން."

އާއިލާއިން ބޭނުން ވަނީ މި މައްސަލައިގެ ރަނގަޅު ތަހުގީގެއް ކުރާށެވެ. އެކަމަށް އާއިލާއިން ކޮށްދެވެން އޮތް ކޮންމެ ކަމެއް ވެސް ކޮށްދޭން އޮތީ ތައްޔާރަށެވެ.

"އދ. އަށް ހުށަހަޅައިގެން ބަލަން ވެއްޖިއްޔާ އެކަމަށް ވެސް އަޅުގަނޑުމެން ތައްޔާރު. ބޭރުގެ އެހީ ހޯދައިގެން ވިޔަސް ތަހުގީގު އަވަސްކޮށް އަދަބު ލިބެން ޖެހޭ މީހުންނަށް އަދަބު ލިބެން ބޭނުންވޭ،" އޭނާ ބުންޏެވެ.

ނަމަވެސް އޭނާ ބުނަނީ ދިވެހި ފުލުހުންނަށް އަދިވެސް މި ތަހުގީގު ކުރިއަށް ގެންދެވިދާނެ ކަމުގެ އުންމީދު އެބަ އޮތް ކަމަށެވެ.

"މި ވަގުތުން މި ވަގުތަށް މަރު ހިފިޔަސް އަޅުގަނޑުމެންނަށް ވާނެ ވަކި އިތުރު ފައިދާއެއް ނޯންނާނެ. އޭގެ ބަދަލުގައި ލިބޭނެ ގެއްލުންތަކެއް އެބަހުރި. ތަހުގީގު ނުނިމި އޮއްވާ ދުނިޔެެމަތީގައި ހުރި ހަމައެކަނި ހެކި އޭރުން މި ނައްތާލެވުނީ،"

"އަޅުގަަނޑުމެން ވަރަށް ސާފުކޮށް މި ދަންނަވަނީ މިހާލަތުގައި އޮތް ކޭހެއްގައި، ވާރިސުން ބޭނުމެއް ނުވެއޭ މިވަގުތަށް މަރު ހިފާކަށް. ޚުދު އަޅުގަނޑަށް ހުމާމް ވެސް ދީފައިވާ މައުލޫމާތު އެއީ ރަނގަޅު މައުލޫމާތެއް ނަމަ މިކަމަށް ފައިސާ ހޭދަކުރި ބަޔަކު އެބަ ޖެހޭ ހޯދަން،" އޭނާ ތަކުރާރުކޮށް ބުންޏެވެ.

"ހުމާމަކީ ވެސް ސީންގައި މިކަން ހިންގި އެކަކު. އެކަމަކު އެ ހިސާބުން އެ ނިމުނީ ކަމަކަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަން."

އޭނާ ބުނީ އާއިލާ އިން ގަބޫލުކުރާ ވަރަށް ތަހުގީގު ފުރިހަމަކޮށްފި ނަމަ، އަދި އެއީ އާއިލާ އަށް ހަގީގަތުގައި ވެސް ގަބޫލުކުރެވޭ ގޮތް ނަމަ، ޝަރީއަތުގެ މަޖިލީހުގައި މަރަށް މަރު ހިފަން ބަޔާން ދޭން ތައްޔާރު ކަމަށެވެ.

"މި ވަގުތުން މި ވަގުތަށް މަރު ހިފިޔަސް އަޅުގަނޑުމެންނަށް ވާނެ ވަކި އިތުރު ފައިދާއެއް ނޯންނާނެ. އޭގެ ބަދަލުގައި ލިބޭނެ ގެއްލުންތަކެއް އެބަހުރި. ތަހުގީގު ނުނިމި އޮއްވާ ދުނިޔެެމަތީގައި ހުރި ހަމައެކަނި ހެކި އޭރުން މި ނައްތާލެވުނީ،" އޭނާ ބުންޏެވެ.

"އޭނަ [ހުމާމް] މަރަން ޖެހޭ. އެކަމަކު އަޅުގަނޑުމެން މި އެދެނީ އޭގެ ކުރިން މި ތަހުގީގު އަޅުގަނޑުމެންނަށް ނިންމަދޭށޭ އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ދަރަޖައަކަށް. މި މައްސަލާގައި ފަހަރެއްގައި ވެސް އަޅުގަނޑުމެން މަޑުމަޑުން މި ތިބެނީއެއް ނޫން. ހަނދާން ނެތިގެނެއް ވެސް ނޫން މިތިބީ. ރައްޔިތުންނަށް ވެސް އެކި ފަހަރު އެކި ގޮތަށް މައުލޫމާތު ދީފައި އެންމެ ފަހުން އެ ވާހަކަތަކެއް ނުވެއް ދެކެވޭ މިހާރަކު. ކޮބައި ކަމެއް ނޭނގެ މީގެ އަސްލަކީ، ވީއެއް ނުވީއެއް ނޭނގެ. ރައްޔިތުންނަށް ވެސް ހާމަކުރަން އެބަ ޖެހޭ މި ގަތުލުގެ ހަގީގަތް. އޮޅުންބޮޅުންގަނޑެއްގެ ތެރޭގައި މި ސަކަރާތް ޖަހާތީ އަޅުގަނޑުމެން ކަންބޮޑުވަން. އޭރު އަޅުގަނޑުމެންނަށް އިވުނު ވާހަކަތަކާއި ރަސްމީކޮށް ލިބިފައިވާ މައުލޫމާތުގެ ހަގީގަތް އެބަ އެނގެން ޖެހޭ."

ރާއްޖޭގައި މަރަށް މަރު ހިފާނެ ކަމަށް ސަރުކާރުން އަންނަނީ ބުނަމުންްނެވެ. އަދި އެ އަދަބު ދަން ޖައްސައިގެން ތަންފީޒު ކުރުމުގެ ހުރިހާ ހުރީ އިންތިޒާމްކޮށްފައި ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ. ހުމާމްްގެ އިތުރުން މަރުގެ އެހެން ދެ މައްސަލައެއްގެ އެންމެ ފަހު މަރުހަލާ ވެސް ސުޕްރީމް ކޯޓުގައި އަންނަނީ ހިނގަމުންނެވެ.