ހުމާމާ ހިސާބުން މައްސަލަ ނިމިގެން ނުވާނެ

ރައްޔިތުންގެ މަޖިލިހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު އަފްރާޝީމް އަލީ އަކީ ސިޔާސީ ބޭފުޅެކެވެ. ދީނީ އުސްތާޒެކެވެ. އެކަމަކު އޮކްޓޫބަރު 2012 ގައި އޭނާ އަށް ހަމަލާދީ އަވަހާރަކޮށްލީ އޭނާއާ އެއްވެސް ގުޅުމެއް ނެތް ހުސެއިން ހުމާމެވެ. އަފްރާޝީމް އަވަހާރަކޮށްލި ކަމަށް ހުމާމްގެ އިއުތިރާފުންނާއި އެހެނިހެން ހެކިތަކުން ސާބިތުވެ، އޭނާ މަރަން ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓާއި ސުޕްރީމް ކޯޓުން ވަނީ ތާއީދުކޮށްފަ އެވެ. ނަމަވެސް އެއަށް ވުރެ ބޮޑު ސުވާލު އޮތީ އޮތް ތަނުގަ އެވެ. އެ ސުވާލަށް ޖަވާބެއް ނުލިބި ހަތަރުވަރަކަށް އަހަރު ވީ އެވެ.


މިއަދު މުޅި މި ގައުމާއި އަފްރާޝީމްގެ އާއިލާ އިން އުފައްދާ ސުވާލުތައް ގިނަ އެވެ. އަފްރާޝީމް ކަހަލަ ސިޔާސީ އަދި ދީނީ އުސްތާޒަކު އަވަހާރަކޮށްލަން، ހުމާމް އެކަނި ހުރިހާ ކަމެއް ކުރާނެ ހެއްޔެވެ؟ އަފްރާޝީމް އަވަހާރަކޮށްލަން ހުމާމް އުޅުމުގެ ސަބަބަކީ ކޮބައި ހެއްޔެވެ؟ އޭގެ މަގުސަދަކީ ކޮބައި ހެއްޔެވެ؟

ޑރ. އަފްރާޝީމް މަޖިލީހުގެ ޖަލްސާއެއްގައި: އޭނާ އަވަހާރަކޮށްލަން ޖެހުނު ސަބަބެއް، ހަތަރުވަރަކަށް އަހަރު ވީއިރު ނުހޯދޭ --ފައިލް ފޮޓޯ: މަޖިލިސް

ސިޔާސީ އަދި ފައިސާގެ ގޮތުން ވަރަށް ވަރުގަދަ ބަޔަކު އަޑީގައި ނެތި މިވަރުގެ ކަމެއް ހުމާމަށް ކުރެވިދާނެ ކަމަކަށް އެކަކު ވެސް ގަބޫލެއް ނުކުރާނެ އެވެ. ހުދު ފުލުހުންގެ ތަހުގީގު ޓީމު ވެސް ގަބޫލެއް ނުކުރެ އެވެ. ފައިސާ ހަރަދު ކުރި ބަޔަކު ކަމަށް ޝައްކުކުރެވޭ ބައެއްގެ މައްސަލަ ފުލުހުން އޭރު ތަހުގީގުކުރި އެވެ. އެކަމަކު އެއިން މީހަކު ކޯޓާ ހަމައަށް ގެނެސްފައެއް ނުވެ އެވެ. އެހެންކަމުން އެއް ބައެއްގެ ނަޒަރުގައި މިވަރުގެ ބޮޑު ތަހުގީގެއްގައި ފުލުހުން އެ ވަނީ ފޭލްވެފަ އެވެ.

އަފްރާޝީމް އަވަހާރަކޮށްލިއިރު ޕޮލިސް ކޮމިޝަނަރަކަށް ހުންނެވި މިހާރު ކިނބިދޫ ދާއިރާގެ މަޖިލިސް މެމްބަރު އަބްދުﷲ ރިޔާޒް އޭރުގެ ޕްރެސް ބްރީފިންތަކުގައި ވަރަށް އަޑަށް ބާރުލައްވާފައި ވިދާޅުވީ މައްސަލަ ކޮޅެއްގައި ޖައްސަވާނެ ކަމަށެވެ. މުޅި މާލޭގެ އެތައް ސީސީޓީވީ ފުޓޭޖެއް ބަލައި ދިރާސާކޮށް، މާސިންގާ ތަހުގީގެއް ހިންގި އެވެ. ފައިސާ ހަރަދުކުރި މީހުންގެ ތަހުގީގު ވެސް ހިންގި އެވެ.

ރިޔާޒް މިހާރު ވިދާޅުވާ ގޮތުގައި އޭނާ ޕޮލިސް ކޮމިޝަނަރުގެ މަގާމުން ވަކިވެވަޑައިގެންނވިއިރު ވެސް، އަރްފާޝީމް އަވަހާރަކޮށްލަން ފައިސާ ހަރަދުކުރި މީހުން ދެނެގަތުމުގެ ތަހުގީގު ދިޔައީ ކުރިއަށެވެ. އެ ތަހުގީގެއް މިއަދާ ހަމައަށް ވެސް ނުހުއްޓެ އެވެ. އޭގެ ތެރޭގައި، މި މައްސަލާގައި އިތުރަށް ބައިވެރިވި މީހުންނަކީ ކޮބައިތޯ ބެލުން ވެސް ހިމެނެ އެވެ.

އަފްރާޝީމް އަވަހާރަކޮށްލަން ފައިސާ ހަރަދުކުރި ކަމަށް ހުމާމް ބުނާ ބަޔަކު ތަހުގީގަށް ހައްޔަރު ވެސް ކުރި އެވެ. އެކަމަކު އެކަށީގެންވާ ހެކި ނެތިގެން އޭރު އެމީހުން ދޫކޮށްލީ އެވެ. އަދި މިކަމުގައި އެއްވެސް ތަފުސީލަކާ ހަމައަށް ފުލުހުންނަށް ދެވިފައިވާ ކަމެއް މިހާތަނަކަށް ނޭނގެ އެވެ.

ފައިސާ ހަރަދުކުރި މީހުން، ހުމާމްގެ ވާހަކަތަކުން ތަހުގީގަށް އެނގޭއިރު، އަފްރާޝީމް އަވަހާރަކޮށްލުމުގެ މިސްރާބު ދިޔަ ގޮތް އެ ތަހުގީގަށް ކޮންމެވެސް ވަރަކަށް އެނގޭނެ ކަމަށް ބެލެވެ އެވެ. އެކަށީގެންވާ ހެކި ނެތުމަކީ އެހެން މައްސަލައެކެވެ.

ރިޔާޒް ވިދާޅުވީ މިފަދަ ބޮޑެތި މަރުގެ މައްސަލަތަކަށް ހަރަދުކުރާ މީހުން ދެނެގަތުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށެވެ. އެހެންވެ މިކަމުގައި އެންމެ ރަނގަޅު ގޮތަކީ ތަހުގީގު ހުއްޓާނުލައި ކުރިއަށް ގެންދިއުން ކަމަށް އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި ރިޔާޒް ވާހަކަ ދައްކަވަނީ: އަފްރާޝީމް އަވަހާރަކޮށްލި މައްސަލާގައި ހުމާމް ދިފާއުކޮށްދޭނެ ހެއްކެއް ނެތް ކަމަށް ރިޔާޒް ވިދާޅުވޭ --ފޮޓޯ: މަޖިލިސް

"މިކަހަލަ މައްސަލަތަކުގައި ފައިސާ ހަރަދުކުރި މީހުން، އެއްވެސް ޝައްކެއް ނެތް މިންވަރަށް ހޯދުމަކީ އުނދަގޫ ކަމަކަށް ވާނެ. ކޮންމެ ލޯ އެންފޯސްމަންޓެއްގައި ވެސް އެކަން އޮންނާނީ އެހެން. ބޭންކުން ޓްރާންސްފާއެއް ނުކުރާނެ. މާ ބޮޑު ކްލޫއެއް ލިބޭ ގޮތަކަށް ކަންކަމެއް ނުކުރާނެ. މި ސަބަބާ ހެދި، ކޮންޓްރެކްޓް ކިލިން އަށް ހަރަދުކުރާ މީހުން ހޯދުމަކީ ހުރިހާ ތަނެއްގައި ވެސް ބޮޑު ޗެލެންޖެއް،" ރިޔާޒް ވިދާޅުވި އެވެ.

"އެންމެ މުހިންމު ކަމަކީ އެ ކޭސް ކްލޯޒް ނުކޮށް ބޭއްވުން. މައްސަލާގައި ހައްޔަރުކުރާ މީހުންނާ ވެސް ދޭތެރެދޭތެރެއިން އިންޓަވިންކޮށް ހަދަން ޖެހޭނެ. ކުރިން ސުވާލުކުރި މީހުންނަށް ވެސް ފާރަލައި އެމީހުންގެ ހަރަކާތްތައް މޮނީޓަ ކުރަން ޖެހޭނެ."

ހުމާމަށް ހުކުމް ކުރުމަށް މިދިޔަ ބުރާސްފަތިދުވަހުގެ ރޭ ސުޕްރީމް ކޯޓުގައި ބޭއްވި ޝަރީއަތަށް ފަހު، އޭނާގެ އާއިލާގެ ބައެއް މީހުން ކޯޓު ކައިރީގައ --ފޮޓޯ: ނިޝާން އަލީ/މިހާރު

އަފްރާޝީމް އަވަހާރަކޮށްލަން ފައިސާ ހަރަދުކުރި މީހުންގެ ވާހަކަ ތިލަވީ، ހުމާމަށް މަރުގެ އަދަބު ދޭން ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ސުޕްރީމް ކޯޓުން ތާއީދުކުރި ހިސާބުންނެވެ. އެކަމަކު ފުލުހުން އަދި އެއަކަށް ޖަވާބެއް ނުދެ އެވެ.

ހުމާމް ނޫން އެހެން މީހުންގެ ހިލަމެއް ނެތް

ހުމާމަށް މަރުގެ އަދަބު ދޭން ސުޕްރީމް ކޯޓުން ތާއީދުކުރުމުން، އެތައް ބައެއްގެ ހަމްދަރުދީ އޭނާއާ މެދު ވަނީ އުފެދެން ފަށައިފަ އެވެ. އެއް ވިސްނުމަކުން ބަލާއިރު އެހެން އެވީ، އަފްރާޝީމް ފަދަ ބޭފުޅަކު އަވަހާރަކޮށްލުމަކީ ހުމާމަށް އެކަނި ކުރެވޭނެ ކަމަކަށް ނުވެފައި، އޭގެ އަޑީގައި ތިބި ބަޔަކު އަދިވެސް ނުހޯދޭތީ އެވެ.

ރިޔާޒް ވިދާޅުވީ ކޮންމެ ބަޔަކު ކޮންމެ ގޮތަކަށް ވާހަކަ ދެއްކިޔަސް ހުމާމް ސަލާމަތްވާނެ ގޮތެއް ނެތް ކަމަށެވެ. ހުމާމް ލައިގެން ހުރި ހެދުމުން އަފްރާޝީމްގެ ޑީއެންއޭ ފެނުމާއި ހުމާމްގެ ފޯން ކޯލްގެ ރެކޯޑިން އާއި އަފްރާޝީމް ދިރިއުޅުއްވި ގެއާ ހިސާބަށް ހުމާމާ އެކު ދިޔަ ބައެއް މީހުންގެ ވާހަކަތަކަށް ބަލާއިރު ހުމާމްގެ މައްޗަށް އެއްވެސް ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުވާ ކަމަށް ރިޔާޒް ވިދާޅުވި އެވެ.

"ހުމާމްގެ އިއުތިރާފަށް އެކަންޏެއް ނޫން ތަހުގީގުގައި ބެލީ. އެހެނިހެން ވިޓްނަސް ވެސް އަޅުގަނޑުމެން ތަހުގީގުގައި ބެލިން. އެހެންވީމާ ހުމާމް ދިފާއުކޮށްދޭން އަޅުގަނޑު ދައްކާނެ ވާހަކައެއް ނެތް. އޭނާ އެވަނީ ތަހުގީގުގެ އިތުރުން ކޯޓުގައި ވެސް އިއުތިރާފުވެފައި،" ރިޔާޒް ވިދާޅުވި އެވެ.

އަފްރާޝީމް އަވަހާރަކޮށްލި މައްސަލާގައި ހުމާމްގެ އިތުރުން، ހ. ހިކޯސްޓް އަލީ ޝާން (ސަޓޯ) ގެ މައްޗަށް ވެސް ދައުލަތުން ދައުވާ އުފުލި އެވެ. އެކަމަކު އޭނާ ދޫކޮށްލީ ގަސްދުގައި މީހަކު މަރާލިކަމުގެ ކުށުގެ ދައުވާ ސާބިތު ނުވުމުންނެވެ. ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މަގާމުން އިސްތިއުފާ ދެއްވުމުގެ ކުރިން މިދިޔަ ހަފުތާގައި "ސަން" އަށް ދިން އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ ، ޝާން ޝަރީއަތާ ހަމައަށް އަލުން ގެންނާނެ ކަމަށެވެ.

އުމަރު ވިދާޅުވާ ގޮތުގައި ޝާން އަކީ، އަފްރާޝީމް އަވަހާރަކޮށްލުމުގައި އަމަލީ ގޮތުން ބައިވެރިވި މީހެކެވެ.

"އެކަން ރޭވި އެކަކު އެއީ. އޭނާ އިންސްޓްރަކްޝަން ދިނީ ހުމާމަށް ވަޅި ޖަހަން. ވަޅި ޖަހަން ވަތް އިރު އޭނާ ވެސް ވަތް. އެކަމަކު އޭނާ ވަތް ކަމަށް ހެކިބަސް ދޭން ހުރީ އެންމެ މީހެއް ވީމާ ކޯޓުން ސަލާމަތްވީ،" އުމަރު "ސަން" ގައި ވިދާޅުވެފައިވެ އެވެ.

ޝާންގެ ފައިގައި މޮނިކޮން އަމުރުގެ ދަށުން ޓެގް އަޅުވައި މޮނިޓަ ކުރަމުން ދިޔަ ނަމަވެސް، އަފްރާޝީމް އަވަހާރަކޮށްލި މައްސަލާގައި ދެން ކުރިއަށް ގެންދެވޭނެ ގޮތެއް އަދި ނޭނގެ އެވެ.

ހުމާމްގެ އިއުތިރާފަށް އެކަންޏެއް ނޫން ތަހުގީގުގައި ބެލީ. އެހެނިހެން ވިޓްނަސް ވެސް އަޅުގަނޑުމެން ތަހުގީގުގައި ބެލިން. އެހެންވީމާ ހުމާމް ދިފާއުކޮށްދޭން އަޅުގަނޑު ދައްކާނެ ވާހަކައެއް ނެތް. އޭނާ އެވަނީ ތަހުގީގުގެ އިތުރުން ކޯޓުގައި ވެސް އިއުތިރާފުވެފައި: ރިޔާޒް

ފަހުގެ ތާރީހެއްގައި އެތައް ބަޔަކަށް ބޮޑު ޝޮކެއް ލިބުނު މި ގަތުލުގެ އަސްލު އެނގެން ރައްޔިތުން ބޭނުންވެ އެވެ. މިއީ ސިޔާސީ އަދި ދީނީ ބޭފުޅަކު މި ގޮތަށް ރާއްޖޭގައި އަވަހާރަކޮށްލި ފުރަތަމަ ފަހަރެވެ. އެހެންކަމުން އެ ނުބައި ރޭވުމަށް ފައިސާ ހަރަދުކުރި މީހުން ހޯދުން ހުއްޓާލައިގެން ނުވާނެ އެވެ. އަފްރާޝީމް އަވަހާރަކޮށްލީ ސިޔާސީ ބޭނުމަކަށޭ ބުނެ މިކަން ނިންމާލެވޭކަށް ނެތެވެ.

އަފްރާޝީމްގެ އާއިލާގެ އެދުމަކީ ވެސް އޭނާ އަވަހާރަކޮށްލަން ފައިސާ ހަރަދުކުރި މީހުންނާއި އެހެނިހެން ގާތިލުން ހޯދުމަށް ފަހު، ހުމާމްގެ މަރުގެ ހުކުމް ތަންފީޒު ކުރުމެވެ. އެކަމަކު އެ އެދުމާ ބެހޭ ގޮތުން ދައުލަތު ކަމާ ބެހޭ ފަރާތްތަކުން އަދި ވަކި އެއްޗެކޭ ނުބުނެ އެވެ.