މި ފަހަރު ފްލެޓް ދޭން މި އުޅެނީ ކޮން ބަޔަކަށް؟

ފްލެޓަށް އެދި ފޯމު ހުށަހެޅުމަށް އެތައް ހާސް ބަޔަކު ނިދި ނަގާލާފައި، 2014 ވަނަ އަހަރު ހައުސިން މިނިސްޓްރީ ދޮށުގައި ކިޔޫޖެހިގެން ތިބި މަންޒަރު މިހާރު ވެސް ހަނދާނަށް އާދެ އެވެ. ސަރުކާރުގެ ރަސްމީ ގަޑީގައި ފޯމު ހުށަހެޅުމަށް އެއް ބަޔަކު ކިޔޫގައި ޖެހުނީ ކުރީ ރޭގެ މެންދަމެއްހާ އިރެވެ.


އަޅުގަނޑު ވެސް ފޯމު ހުށަހެޅީ، މާލެ އިން އެކަކަށް ވެސް ފްލެޓެއް ލިބޭނެ ނަމަ އަޅުގަނޑު ވެސް އޭގެ ތެރޭގައި ލައްވާލާނެ ކަމުގެ ޔަގީންކަމާ އެކުގަ އެވެ. ކުޑަ ނަމަވެސް އުންމީދެއް ލިބުނީ، އޭރު ދިރިއުޅެމުން އައި ތަނުގެ ހާލަތު ސާވޭ ކުރުމަށް އެ މިނިސްޓްރީގެ ޓީމެއް ތިން މަސްދުވަސް ތެރޭގައި އަޅުގަނޑުމެން ދިރިއުޅޭ ތަނަށް އަންނާނެ ކަމަށް، ފޯމު ލީތާ މާ ގިނަ ދުވަހެއް ނުވެ އެ މިނިސްޓްރީން އަޅުގަނޑަށް ގުޅާފައި ބުނުމުންނެވެ.

އަޅުގަނޑު ފޯމު ހުށަހެޅިތާ، މި މަހުގެ 18 ވަނަ ދުވަހަށް ތިން އަހަރު ވާނެ އެވެ. އަދި ހަމަ ގައިމު ވެސް އެ ބުނާ ތިން މަސްދުވަހެއް ނާދެ އެވެ. އަޅުގަނޑު ހުށަހެޅި ފޯމު ވީ އެ މިނިސްޓްރީގެ ކޮން ތަނެއްގައި ކަމެއް، އެ މީހުން ސާވޭ ކުރަން ދިޔައީ ކޮން ތަނަކަށް ކަމެއް ވެސް ނޭނގެ އެވެ.

ނަމަވެސް އިއްޔެ ހައުސިން މިނިސްޓްރީން އެވަނީ، އެ ބުރުގައި ފޯމު ލީ މީހުންގެ ތެރެއިން ފްލެޓް ލިބޭ 661 މީހުންގެ ލިސްޓު އާންމު ކޮށްފަ އެވެ. އެހެންކަމުން، ފްލެޓް ލިބޭ މީހުން މިނިސްޓްރީން އެ ކަނޑައެޅީ ފްލެޓަށް އެދި ހުށަހެޅި ހުރިހާ ފޯމުތައް ބަލައި އިޖުރާއާތުތައް ފުރިހަމަކޮށްފައި ނޫން ކަން ކަށަވަރެވެ.

ހުޅުމާލޭގައި އަޅާފައިވާ ފްލެޓްތަކެއް: ގެދޮރުވެރިކަމުގެ މަޝްރޫއުގައި ގާތްގަނޑަކަށް 15،000 މީހުން ކުރިމަތިލި.

ހަމަ ގައިމު ވެސް ފޯމު ހުށަހެޅި ބައެއް މީހުން ދިރިއުޅޭ ތަންތަން ސާވޭ ކުރުމަށް އެ މިނިސްޓްރީން ނުދެ އެވެ. އެހެން ކަމަށްވާ ނަމަ، ފްލެޓް ދޭން ސަރުކާރުން އެ ނިންމީ ކޮން ގޮތަކުން ބަލައި ދިރާސާކޮށްފައިތޯ ސުވާލު އުފެދެ އެވެ.

ފްލެޓް ލިބޭ މީހުންގެ ލިސްޓު އިއުލާން ކުރީ، އެ ލިސްޓާ މެދު ވެސް ސުވާލު އުފެދޭ ގޮތަށެވެ. މީގެ ކުރީ ފަހަރުތަކުގައި ފްލެޓް ލިބޭ މީހުންގެ ލިސްޓް އާންމު ކުރަނީ، މީހުންގެ ނަންތަކާއި އެޑްރެސްތަކާ އެކުގަ އެވެ. ނަމަވެސް މި ފަހަރު އާންމު ކުރި ލިސްޓުގައި އެފަދަ އެއްވެސް މައުލޫމާތެއް ހިމެނުމުގެ ބަދަލުގައި އާންމު ކުރީ، އެ މީހުން ހުށަހެޅި ފޯމްގެ ނަންބަރު އެކަންޏެވެ.

އެހެންވީމާ، މި ފަހަރު ފްލެޓް ދޭން މި އުޅެނީ ކޮން ބަޔަކަށްތޯ ސުވާލު އުފެދެ އެވެ.

"މިހާރު ވާ ގޮތަކީ އެކަކު އަނެކަކު ދަންނާނެ. ނަން ޖެހީމާ އެނގޭނެ އެއީ މިވެނި މީހަކު ކަން. އެހެންވެ އެއީ، ފްލެޓް ލިބޭ މީހުން ސިއްރު ކުރަން ކުރި ކަމެއް. ނަން ޖެހީމާ އަޅުގަނޑަށް އެނގޭނެތާ، ތިން ކުދިންނާ އަންބަކު ގޮވައިގެން އެއް ކޮޓަރީގައި ދިރިއުޅޭ އަޅުގަނޑަށް ފްލެޓް ނުލިބުނު އިރު، ފްލެޓް ލިބިފައި އެ އޮތީ ދަރިއަކު ވެސް ނެތް މީހަކަށް ކަން. އެ ގޮތަށް މީހުން ސިއްރުކޮށްފައި އިއުލާން ކުރީމާ، ނޭނގޭނެތާ ފްލެޓް ލިބުނު މީހަކީ ޝަރުތު ހަމަވާ މީހެއް ކަން ވެސް ނުވަތަ ނޫން ކަން ވެސް. ނޫނީ އޭނާ އަށް ލިބުނީ ކިތައް ޕޮއިންޓު ކަމެއް ވެސް،" ފްލެޓަށް ފޯމް ހުށަހަޅައި ލިސްޓުގައި ނުހިމެނުނު މީހަކު ބުންޏެވެ.

އޭނާ ބުނި ގޮތުގައި ފްލެޓް ލިބުނީ ކޮން ބަޔަކަށް ކަމާއި އެ މީހުންނަށް ލިބުނު ޕޮއިންޓް އެނގެން އޮންނަން ވާނެ އެވެ. އެހެން ނޫން ނަމަ، ލިސްޓަށް ޝަކުވާ ހުށަހަޅާށޭ ބުންޏަސް ޝަކުވާ ހުށަހެޅޭނެ ގޮތެއް ނޯންނާނެ އެވެ.

އަރަބިއްޔާ ހުރި ބިމުގައި ހެދި ފްލެޓްތަކާއި ގާކޮށީގައި ހެދި ފްލެޓްތަކަށް ހޮވުނު މީހުންގެ ލިސްޓު، ނަންތަކާއި އައިޑީ ކާޑު ނަންބަރާ އެކު އާންމު ކޮށްފައި. މިފަހަރު އިއުލާން ކުރި ލިސްޓުގައި މިފަދަ ހުރިހާ މައުލޫމާތެއް ވަނީ ސިއްރު ކޮށްފައި.

"އަޅުގަނޑަށް ޔަގީން ސަރުކާރުން ކޮންމެވެސް ކަންތައްތަކެއް އެބަ ސިއްރު ކުރޭ. ސިއްރު ނުކުރާ ނަމަ، ނަމާއި އެޑްރެސްތަކާ އެކީގައި އިއުލާން ކުރަންވީ. އޭރުން އެނގޭނެ މިއީ އިންސާފުން ކުރި ކަމެއް ކަން. އަޅުގަނޑަށް ޝައްކު އެ މީހުން އެކަން ކޮށްފައި އެ އޮތީ ރަނގަޅަށް ނޫން ކަން. މިހާރު ނޭނގޭނެ އެ ލިސްޓުގައި އެތިބަ މީހުންނަކީ ފްލެޓް ހައްގުވާ މީހުން ކަމެއް ވެސް."

އޭނާ ބުނި ގޮތުގައި ފްލެޓް ލިބުނީ ކޮން ބަޔަކަށް ކަން ނޭނގޭ ގޮތަށް ލިސްޓެއް ނެރުނީމާ ހުށަހެޅޭނީ އެންމެ ޝަކުވާއެކެވެ. އެއީ ފްލެޓް ނުލިބިއްޖެ ނަމަ ނުލިބުނު ކަމުގެ ޝަކުވާ އެކަންޏެވެ. ފްލެޓް ލިބޭނެ ކަމަށް އެ ލިސްޓުގައި އޮތް މައުލޫމާތަކާ ބެހޭ ގޮތުން އެއްވެސް ޝަކުވާއެއް ހުށައެއް ނޭޅޭނެ އެވެ. އެއީ އެ ލިސްޓުން އެއްވެސް މައުލޫމާތެއް ލިބެން ނެތީމަ އެވެ.

ނަމަވެސް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ޓުވިޓާ މެދުވެރިކޮށް ރޭ ވިދާޅުވި ގޮތުގައި ފްލެޓަށް ހޮވުނު މީހުންގެ ލިސްޓު އާންމުކުރި އިރު، ނަމާއި އެޑްރެހުގެ ބަދަލުގައި ހަމައެކަނި ފޯމު ނަންބަރު ހިމެނީ، ފްލެޓް ލިބޭ މީހުންނާއި ނުލިބޭ މީހުންގެ ވެސް ހައްގުތައް ރައްކާތެރި ކޮށްދިނުމުގެ ގޮތުންނެވެ.

މިނިސްޓަ މުއިއްޒު ރޭގައި ކުރެއްވި ޓުވީޓް

މިނިސްޓަރު އެހެން ވިދާޅުވި ނަމަވެސް، އެ ގޮތަށް ލިސްޓެއް ނެރުމުން ފްލެޓް ލިބޭ މީހުން ކަނޑައެޅުމުގައި އަމަލު ކޮށްފައިވަނީ، ދެފުށް ފެންނަ ގޮތަކަށް ނޫން ކަމަށް ބެލުމުގެ ފުރުސަތު އެބަ އޮތެވެ. އަދި ފްލެޓް ލިބުނީ ކޮން ބަޔަކަށް ކަން ނޭނގޭ ގޮތަށް ލިސްޓު ނެރުމުން، ބައެއްގެ ހައްގުތައް ރައްކާތެރި ވުމުގެ ބަދަލުގައި އެއަށް ވުރެ ގިނަ ބައެއްގެ ހައްގުތައް ގެއްލިގެން ދިއުމުގެ ފުރުސަތު ވަކިން ބޮޑުވެ އެވެ.

ފްލެޓަށް އެދި 15،000 އަށް ވުރެ ގިނަ މީހުން ފޯމު ހުށަހެޅި އިރު، ލިސްޓުގައި ހިމަނާފައި އޮތީ އެންމެ 661 މީހުންނެވެ. އަދި އެއީ ކޮން ބައެއް ކަން ވެސް ނޭނގޭ ގޮތަށް ލިސްޓު ނެރުމުން ބާކީ ތިބި 14،340 އަށް ވުރެ ގިނަ މީހުންގެ ހައްގުތަކުގެ ދިފާއުގައި ދައްކަން އޮންނާނީ ކޮން ވާހަކައެއް ހެއްޔެވެ؟ ހަމަ ގައިމު ވެސް، އެ ލިސްޓުގައި، ފްލެޓަށް ޝަރުތު ހަމަނުވާ މީހަކު އޮތަސް އެކަމާ ޝަކުވާއެއް ނުކުރެވޭނެ އެވެ.

މީގެ ކުރިން ވެސް ފްލެޓަށް ޝަރުތު ހަމަވާ މީހުންގެ ލިސްޓު ނެރުނު އިރު، ފްލެޓް ހައްގުނުވާ ނުވަތަ ފްލެޓަށް ޝަރުތު ހަމަނުވާ ބަޔަކު ލިސްޓުގައި ހިމެނިފައިވާ ކަމީ އެންމެން ދަންނަ ހަގީގަތެކެވެ. އެހެންވެ އެ ލިސްޓާ އެއްގޮތަށް ފްލެޓް ނުދިނުމަށް މިނިވަން މުއައްސަސާތަކުން އެންގިވެސްމެ އެވެ. އެފަދަ ނާޖާއިޒު ކަންތައް ހިނގާފައި ހުރި ކަން އެނގެނީ، ފްލެޓް ލިބޭ މީހުންގެ ނަމާއި އެޑްރެސް ހިމަނާފައި އޮތުމުންނެވެ.

އޭގެ ބަދަލުގައި، ފްލެޓް ލިބެނީ ކޮން ބަޔަކަށް ކަން ނޭނގޭ ގޮތަށް، ހަމައެކަނި ފޯމު ނަންބަރު ޖަހާފައި ލިސްޓު ނެރުމުން، ހަމަހަމަކަމާއި އަދުލުވެރިކަމަށް ވުރެ ބޮޑަށް މަގު ފަހިވެގެން އެ ދަނީ، ނާޖާއިޒު ކަންކަމަށާއި ކޮރަޕްޝަނާއި ފަސާދަ އަށެވެ. މިއީ ގަބޫލު ކުރަން ޖެހޭ ހަގީގަތެވެ.

އަމީނީމަގުގައި ހަދާފައިވާ މާލޭ ސްކްއާ ފްލެޓްތައް: މިތަނުން ފްލެޓް ލިބުނު ފަރާތްތަކާ ހަވާލުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ. ފޮޓޯ: ނިޝާން އަލީ /މިހާރު

ދާއިމީ ބޯހިޔާވަހިކަމެއް ނެތި އެއް ތަނުން އަނެއް ތަނަށް ކުއްޔަށް ބަދަލުވަމުން ދިރިއުޅެމުންދާ އެތައް ހާސް ބަޔަކު އުޅޭ އިރު، ސަރުކާރުގެ ވައުދުތަކުގެ ތެރެއިން އެންމެ ލަސް ދުވެއްޔެއްގައި ކުރިއަށް ދަނީ ބޯހިޔާވަހިކަމުގެ ވައުދު ކަމުގައި ބުނެވިދާނެ އެވެ. ފަނަރަ ހާސް ފްލެޓްގެ ވައުދާ އެކު، ވެރިކަމާ ހަވާލުވެ ދައުރު ހަމަވާން ކައިރިވެފައިވާ އިރު ވެސް، ބޯހިޔާވަހިކަމަށް އެދި އާދޭސްކުރާ މީހުންގެ ކިޔޫ ކުރެއް ނުވެ އެވެ.

ފްލެޓަށް ޝަރުތު ހަމަވެ، ފްލެޓް ލިބޭނެ ކަމުގެ އުންމީދުގައި ހަ އަހަރު ހޭދަކޮށްފައިވާ މީހުންގެ ލިސްޓެއް ވެސް އެބަ އޮތެވެ. އެއީ މާލޭގައި ހުރި ޓާޓާ ފްލެޓްތަކަށް ހޮވިފައި ތިބި މީހުންނެވެ. އެ ފްލެޓްތަކަށް ހޮވުނު މީހުންނަށް ވެސް، އޭގެ ސަބަބުން ލިބުނީ އިތުރު ހިތްދަތި ކަމެކެވެ. ދެއިރު ހަމައަށް ރަނގަޅަށް ކައިބޮއެ އުޅެވޭހާ ވެސް ނެތް ބަޔަކު، ފްލެޓް ހޯދުމަށްޓަކައި ބޮޑު އަދަދެއްގެ ޑައުންޕޭންޓެއް ދައްކަން އެންގުމުންނެވެ. އަދި މަހުން މަހަށް ދައްކަން ޖެހޭ އަގު، އެމީހުންނަށް ލިބޭ އާމްދަނީއާ ނުބައްދަލުވުމުންނެވެ.

ޑައުންޕޭމަންޓާއި ފްލެޓްގެ އަގު ކުޑަކޮށްދިނުމަށް އެދި، ދައުލަތުގެ މުއައްސަސާތަކަށް އެ މީހުން އެތައް ޝަކުވާއެއް ހުށަހެޅި އެވެ. ނަމަވެސް އެކަމަށް ހައްލެއް ނުލިބި އެތައް މަހެއް ވުމަށް ފަހު، މިއަދަކީ އަނެއްކާ ވެސް އެ މީހުންނަށް ދީފައިވާ، ލޯނު ހޯދުމުގެ މުއްދަތު ހަމަވާ ދުވަހެވެ.

ޓާޓާ ފްލެޓަށް ހޮވުނު މީހުންނަށް މިދިޔަ މަހުގެ 28 ގައި އެޗްޑީސީން ފޮނުވި ސިޓީއާ އެކުގައި އޮތީ ފްލެޓް ހޯދުމަށްޓަކައި ބޭނުންވާ ލޯނަށް އެދޭ ފޯމެވެ. އެ ފޯމް ފުރާފައި އެމްއެމްއޭ އަށް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ މިއަދެވެ.

ޓާޓާ ފްލެޓަށް ހޮވިފައި ތިބި ބައެއް މީހުން ބުނި ގޮތުގައި ލޯނު ހަމަޖެހޭނީ މިއަދުގެ ނިޔަލަށް ފޯމް ހުށަހަޅާ މީހުންނަށް ކަމަށް އެޗްޑީސީން ވަނީ އަންގައިފަ އެވެ. ލޯނު ލިބޭނީ ކޮން ބޭންކަކުން ކަން ކަނޑައަޅަނީ އެމްއެމްއޭ އިން ފޯމުތައް ބަލައި ޗެކް ކުރުމަށް ފަހު ކަމަށް ވިޔަސް، އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހުގެ ކުރިން ލޯނުގެ ކަންތައް ހަމަޖައްސަން އެޗްޑީސީން އޮތީ އެމީހުންނަށް އަންގައިފަ އެވެ.

"އަހަރެމެން މިހެން ތަޅުވަތަޅުވާފަ ފްލެޓް ނުދީ އެހެން ބަޔަކަށް ފްލެޓް ދޭން އަނެއްކާ އެ އިއުލާން ކުރީ. މިއީ އެއްވެސް އިންސާފެއް ނޫން. އެމީހުންނަށް ހުޅުމާލޭން ފްލެޓް ދޭ އިރު ނުޖެހޭ ލޯނެއް ބޮލުގައި އަޅާކަށް ވެސް. އަޅުގަނޑުމެންނަށް ފްލެޓް މި ލިބެނީ 3.8 މިލިއަން ރުފިޔާގެ ލޯނެއް ކޮންމެވެސް ބޭންކަކުން ހޯދީމަ. މީގައި ކޮބާ އިންސާފަކީ،" ޓާޓާ ފްލެޓަށް ހޮވިފައި ހުރި އަންހެނަކު ބުންޏެވެ.

ޓާޓާ ފްލެޓަށް ހޮވިފައި ހުރި، ތިން ކުދިންނާއި ފިރިމީހާއާ އެކު އެއް ކޮޓަރީގެ ތަނެއްގައި ދިރިއުޅޭ އެހެން އަންހެނަކު ބުނި ގޮތުގައި ލޯނަށް ކުރިމަތި ލިޔަސް އެ ލޯނު ލިބޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތެވެ. އެއީ އޭނާ އާއި އޭނާގެ ފިރިމީހާއަކީ، އަމިއްލަ މަސައްކަތުން އާމްދަނީ ހޯދާ ބަޔަކަށް ވާތީ އެވެ.

"ގިނަ މީހުންނަކީ އަމިއްލަ މަސައްކަތް ކުރާ މީހުން. އެމީހުންގެ މުސާރަ ޖަމާއެއް ނުކުރާނެ ބޭންކަކަށް. އެހެންވީމާ ބޭންކުތަކުން ނުބަލާ އެއީ އާމްދަނީ ލިބޭ މީހުންގެ ގޮތުގައެއް. ބޭންކުން ލޯނު މި ދެނީ، އެ ލޯނު އަނބުރާ ދެއްކޭނެ ވަރުގެ އާމްދަނީއެއް ލިބޭ މީހުންކަން ބޭންކަށް ކަށަވަރު ވީމާ. އެހެންވެ، އެ މީހުންނަށް ލޯނު ލިބޭނެ ކަމުގެ އެއްވެސް ގެރެންޓީއެއް ނެތް. އެޗްޑީސީން ދީފަ އޮތް ފޯމު ފުރާކަށް ވެސް ބޭނުމެއް ނުވޭ އެ މީހުންނެއް،" އެ އަންހެން މީހާ ބުންޏެވެ.