ކޮންމެ ދުވަހަކު ފެންނަ މަންޒަރުތަކާއި ކުރެވޭ ތަޖުރިބާތަކާއި އިވޭ އަޑުތަކާ މެދު ކިހާ ވަރަކަށް ފިކުރުކުރަން ހެއްޔެވެ؟ މިއީ ގައިމު ވެސް މިހާރަށް ވުރެ މާ ފުންކޮށް އަދި ފުޅާކޮށް ވިސްނަން ބާރުއަޅާނެ ތިން ފިލްމެވެ.
"ފިލްމް ފޯ ޗޭންޖު"ގެ ނަމުގައި ޔޫއެންޑީޕީ އިން ހުޅުވާލި ފުރުސަތެއްގައި ހުނަރުވެރި ޒުވާނުންތަކެއް ތައްޔާރުކޮށްފައިވާ މި ކުރު ފިލްމުތަކުގައި، މީހުންގެ އާދަތަކާއި ވިސްނުމާ ގުޅިފައިވާ ބޮޑު ތިން މައްސަލައަކަށް ލޯ ހުޅުވައިދެ އެވެ.
ނަފްސާނީ ބަލިތަކާއި އަންހެނުންނާއި ފިރިހެނުންނަށް ހަމަހަމަ ފުރުސަތު ލިބިދިނުމާއި ތިމާވެއްޓާ މެދު ޒިންމާދާރު ނުވެވުމުގެ ސަބަބުން ލިބޭ ގެއްލުން މި ޒުވާނުން ދައްކައިދީފައި ވަނީ ކޮންމެ ދުވަހަކު ވެސް ހިނގަމުންދާ ކަންކަމުން މިސާލު ނަގައިގެންނެވެ. އެކަމަކު އެއީ އާއްމު ދިރިއުޅުމުގައި ގިނަ މީހުންނަށް އެހާ ބޮޑަށް ފާހަގަކުރެވޭ ނުވަތަ ފަރުވާބެހެއްޓޭ ކަންކަމެއް ނޫނެވެ. މި ފިލްމުތައް ބަލައިލުން މުހިއްމުވާ މައިގަނޑު ސަބަބަކީ އެއީ އެވެ.
1. އެމީހުން
ނަފްސާނީ ބަލިތަކުން މިންޖުނުވެވިގެން އުޅޭ "އެތަކެއް ހާސް" ދިވެހިންގެ ހާލަތަށް މިހާ ފުންކޮށް އަދި ފުޅާކޮށް އަލިއަޅުވާލައިފައިވާ ފިލްމެއް އަދި ނުފެނެ އެވެ.
އެގާރަ މިނިޓުގެ "އެމީހުން"ގައި ކިޔައިދެނީ ނަފްސާނީ ބަލިތަކާ މެދު މުޖުތަމައުގައި ހޭލުންތެރިކަމެއް ނެތުމާއި ފަރުވާ ހޯދަން އުނދަގޫވުމުގެ ސަބަބުން އެފަދަ ބަލި މީހުން ކޮންމެ ދުވަހަކު ތަހައްމަލްކުރަން ޖެހޭ ވޭނާއި ކެކުޅުމުގެ ވާހަކަ އެވެ. ފަރުވާގެ މާ ގިނަ ހިދުމަތްތަކެއް ރާއްޖެ އިން ލިބެން ނެތުމުން، އާދައިގެ މީހެއްގެ އަތްފޯރާވަރު ނުވާ ވާހަކަ އެވެ. ކުޑަ ސޯފީ އޭނާގެ ވާހަކަ ކިޔައިދީ ނިންމާލާ އިރު ފެންކަޅި ނުވެއެއް ނުދާނެ އެވެ.
2. ހަމަތަ؟
ފިރިމީހާއެކޭ އެއްގޮތަށް އަނބިމީހާ ވެސް ވަޒީފާ އަށް ގޮސް ބުރަކޮށް މަސައްކަތްކުރާ އިރު، ގޭތެރޭގެ މަސައްކަތްތަކަކީ ހަމައެކަނި އަނބިމީހާގެ ޒިންމާއެއް ހެއްޔެވެ؟ އަނބިމީހާ ހެނދުނުގެ ނާސްތާ ތައްޔާރުކޮށްފައި އޮފީހަށް ދާއިރު ޖޯޑަށް ސައި ނާޅާ ބެހެއްޓުމަކީ ފިރިމީހާ ޝަކުވާކުރަން ޖެހޭ ވަރު ކަމެއް ހެއްޔެވެ؟ "ހަމަތަ؟" އިން މި ސުވާލުތަކަށް ސިކުނޑި ހުޅުވައިދޭނެ އެވެ.
އަށް މިނިޓުގެ މި ފިލްމުގައި އެކްޓްކުރަން މޮޅު ދެ ޒުވާނަކު ދައްކައިދެނީ އާއްމު ދިރިއުޅުމުގެ އެކި ކަންކަން ކޮންމެވެސް އެއް ޖިންސަކަށް ނިސްބަތްކޮށްފައި އޮތުމުގެ ބޭއިންސާފެވެ. ގެ އާއި ވަޒީފާ އަދާކުރާ ތަނާއި އިޖުތިމާއީ ގުޅުންތަކުގައި އާއްމުކޮށް ކަން ހިނގާ ގޮތުން އަންހެނުންނާއި ފިރިހެނުންނަށް ހަމަހަމަ ފުރުސަތު ގެއްލިގެންދާ ކަމެވެ.
3. އިލޮށި
ގާތްގަނޑަކަށް ހަތް މިނިޓްގެ "އިލޮށި"، ރަށު ތެރެއިންނާއި ކަނޑުމަތިން އަދި ގޭތެރެއިން އަހަރެމެންނަށް ދައްކައިދެނީ ބޮއެފައި މޫދަށް އެއްލާލާ އެންމެ ޕްލާސްޓިކް ފުޅިއެއް، އަނބުރާ އައިސް އަހަރެމެންގެ "ލޮލަށް ހެރިގެން"ދާ ގޮތެވެ.
މީހެއްގެ ހަޔާތުން އެއް ދުވަސް ގެނެސްދޭ ފިލްމުގައި އަލިއަޅުވާލާފައި ވަނީ އަހަރެމެންނަށް ނޭނގި ތިބެ ބޭނުންކުރެވޭ ގެއްލުންހުރި އެއްޗެއްސަށާއި އޭގެ ހިތި ނަތީޖާ އަށެވެ. އަދި މައްސަލައިގެ ހައްލަކަށް ވުމުގެ ބަދަލުގައި މައްސަލައިގެ އަސްލަކަށް އަހަރެމެން ވެގެންދާ ގޮތެވެ.
އދ. އިން ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކާ ގުޅުވައިގެން ތައްޔާރުކޮށްފައިވާ މި ތިން ފިލްމު މިދިޔަ ހަފްތާގައި ޝްވެކް ސިނަމާގައި ވަނީ ދައްކައިފަ އެވެ. ފިލްމުތައް އުފެއްދި ޒުވާނުންނަށް މި ދާއިރާގެ ޕްރޮފެޝަނަލް މީހުން ފަންނީ އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ.
އެ ޒުވާނުންގެ ނަމޫނާ މަސައްކަތުން އެ ދައްކައިދިނީ އިޖުތިމާއީ މިފަދަ މައްސަލަތަކާ މެދު އެ މީހުން ކަންބޮޑުވާ މިންވަރެވެ. އަދި ކަންކަން ބަދަލުވާން އެދޭ މިންވަރެވެ.
ހުރިހާ ސުވާލުތަކަށް ޖަވާބު ނުލިބިދާނެ އެވެ. އެކަމަކު މިހާރަށް ވުރެ ބޮޑަށް ސިކުނޑި ހުޅުވައިދޭނެ އެވެ.