އިދިކޮޅު ހަރަކާތުގެ މައި ޖަގަހަ، ކުނޫޒްގައި ބޭއްވި ޖަލްސާއެއް ކުރިއަށް ގެންދަނީ.---މިހާރު ފައިލް ފޮޓޯ
07 ނޮވެމްބަރ 2017 - 08:28
އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ހޮވަން ޖެހޭނީ އިންތިގާލީ ރައީސެއް ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިދިޔަ މަހު އެމަނިކުފާނުގެ ހިޔާލުފުޅު ދޫކުރެއްވި ނަމަވެސް، މިހާތަނަށް ކަން ހިނގަމުން އަންނަ ގޮތަށް ބަލާއިރު، އެއީ މާ އޮށްޓަރު ހުރި ވާހަކައެއް ކަމަކަށް ނުވެ އެވެ. އެހެން ބުނަން ޖެހެނީ އެމަނިކުފާނު އެހެން ވިދާޅުވި ފަހުން އެކަމާ ގުޅޭ ގޮތުން އެއްވެސް މަޝްވަރާއެއް ސިޔާސީ އިދިކޮޅު ފަރާތްތަކުގެ މެދުގައި ކޮށްފައި ނެތުމާއި އެކަމަށް ތާއީދުކޮށް ވެސް ގިނަ ވާހަކަތަކެއް ދެއްކެވިފައި ނެތުމުންނެވެ. އެކަމަކު އޭގެ މާނަ އަކީ އަންނަ އަހަރުގެ ރިޔާސީ އިންތިޚާބާ ގުޅޭ ގޮތުން އިދިކޮޅު ފަރާތްތަކުން "ނިދީގައި" ތިބުމެއް ނޫނެވެ.
ރިޔާސީ އިންތިޚާބު ބޯމަތިވެފައިވާއިރު، ރައީސް އަބްދުﷲ ޔާމީން ވޯޓުން ބަލިކޮށްލުމަށް އިދިކޮޅު ފަރާތްތަކުން ގެންގުޅޭނެ ފޯމިއުލާ އަކީ ކޮބައިކަން އެނގެން އެތަައް ބަޔަކު ބޭނުންވެ އެވެ. އެކަމާ ގުޅޭ ގޮތުން އިދިކޮޅު ކޯލިޝަނުން އަދިވެސް މަޝްވަރާގެ ސްޓޭޖުގައި އުޅޭއިރު، ކޮންމެ ގޮތަކަށް ނިންމުން ވެސް ވަރަށް ކައިރި އެވެ. އެއީ ހުރިހާ ޕާޓީތައް ގުޅިގެން އެއް ކެންޑިޑޭޓަކު ރައީސް ޔާމީނާ ދެކޮޅަށް ނެރުން ނުވަތަ އިދިކޮޅު ހުރިހާ ޕާޓީތަކުން ވަކިވަކިން ކެންޑިޑޭޓުން ނެރުމެވެ.
އިދިކޮޅު ފަރާތްތަކުގެ ކުރިމަތީގައި މިވަގުތު އޮތް ކަރުދާހަކީ ހުރިހާ އެންމެންނަށް ބައިވެރިވެވޭނެ، މިނިވަން، އިންސާފުވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ގާއިމްކުރުމަށް މި އަހަރުގެ މާޗް މަހު ހުރިހާ ލީޑަރުން ސޮއިކުރެއްވި އެއްބަސްވުމެވެ.
"އެ އެއްބަސްވުމުގެ މަތީގައި އަޅުގަނޑުމެން މިތިބީ. އަންނަ އަހަރާއި 2019 ގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެކުގައި މަސައްކަތް ކުރެވިދާނެތޯ އާއި އެކަން ކުރާ ނަމަ ކުރާނެ ގޮތްތަކާ ގުޅޭ މަޝްވަރާތައް މިހާރު ފަށައިފިން. އެ މަޝްވަރާ އަށް ފަހު އަދި ހުރިހާ ޕާޓީތައް ގުޅިގެން ވަކި މަޝްވަރާއެއް ފަށާނެ. އޭގެ ފަހުން ގޮތެއް ނިންމާނެ،" އިދިކޮޅު ހަރަކާތުގެ އިސް އެއް ލީޑަރު، ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒް ވިދާޅުވި އެވެ.
"ރައްޔިތުންނަށް އޮތް އުންމީދަކީ އަޅުގަނޑުމެންގެ ލީޑަރުން ތިބީ 2018 ގައި ވެސް 2019 ގައި ވެސް އެކުގައި، އެއް ރޫހެއްގައި މަސައްކަތް ކުރުމުގެ ވިސްނުމުގައި ކަން. ރައީސް ޔާމީން ބަލިކުރުން ނޫން ވިސްނުމެއް ނެތް."
އިދިކޮޅު ފަރާތްތަކުން ބޭއްވި ނިއުސް ކޮންފަރެންސެއްގައި ރިޔާޒް ވާހަކަ ދައްކަވަނީ.---މިހާރު ފައިލް ފޮޓޯ
މިހާރު އެކުލަވާލާފައިވާ އިދިކޮޅު ހަރަކާތުގައި ބޮޑެތި މައްސަލަތަކެއް ނުޖެހި އަހަރަކަށް ވުރެ ގިނަ ދުވަސް ވީއިރު، ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުގެ ވިސްނުމަކީ ރިޔާސީ އިންތިޚާބު ގާތްވާ ވަރަކަށް ބޮޑެތި ކޯޅުންތަކެއް އުފެދި އެ ހަރަކާތް ބައިބައިވެ، ރޫޅި ހިނގައިދާނެ ކަމެވެ. ޚާއްސަކޮށް ޕާޓީތައް ވަކިން ވާދަކުރަން ނިންމައިފި ނަމަ އެކަން ވަރަށް އަވަހަށް ފެންނާނެ ކަމަށް އެ މީހުން ދެކެ އެވެ. ތިބީ ވެސް އެ އިންތިޒާރުގަ އެވެ.
އެކަމަކު ރިޔާޒް ވިދާޅުވީ އިދިކޮޅު ލީޑަރުންގެ ތެރޭގައި ތިއްބެވީ ސިޔާސީ ގޮތުން ތަސައްރަފު ފުދިފައިވާ އަދި ރައީސް ޔާމީން ބަލިކޮށްލުމުގެ އަޒުމް ވަރުގަދަ ބޭފުޅުން ކަމަށް ވުމުން ސަރުކާރަށް ތާއީދުކުރާ މީހުން ބޭނުންވާ ނަތީޖާ ފެނުން ވަރަށް ދުރު ކަމަށެވެ. ސިޔާސީ ގޮތުން ދޫކުރަން ޖެހޭ ހާލަތްތަކުގައި އެކަން ކުރުމުގެ ގާބިލްކަން ލީޑަރުން އަދި އެ ލީޑަރުންގެ ފަހަތުގައި ދެން އެންމެ އިސްކޮށް މަސައްކަތް ކުރައްވާ ބޭފުޅުންގެ ކިބައިގައި ހުރިކަން އޭނާ ފާހަގަކުރެއްވި އެވެ.
ރިޔާޒް ވިދާޅުވި ގޮތުގައި މިވަގުތު ޕާޓީތަކުން އެއްބަސްވެފައި ވަނީ ހުރިހާ ޕާޓީތަކަށް ބައިވެރިވެވޭ ނުވަތަ އިދިކޮޅު ކެންޑިޑޭޓުން ވަކިވަކިން ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށެވެ.
އެކަމަކު ސުވާލަކީ އިދިކޮޅު ލީޑަރުން ނުވަތަ އިދިކޮޅު ޕާޓީތަކުން ވާދަކުރުން އެންމެ ކައިރި ބޭފުޅުން ކޮންމެވެސް ހުކުމެއްގައި ނުވަތަ އެހެން ކަމަކާ ގުޅިގެން ޖަލު ހުކުމް ތަންފީޒު ކުރަމުން ދިއުމެވެ. އެހެންވެ އިންތިޚާބުގައި އެބޭފުޅުންނަށް ފުރުސަތު ހޯދައިދޭނެ ގޮތަކާ ގުޅޭ ގޮތުން ސާފު ވިސްނުމެއް އިދިކޮޅު ފަރާތްތަކުން މީޑިއާ އަށް އަދި ތިލައެއް ނުކުރެ އެވެ. ނަމަވެސް ބެލެވޭ ގޮތުން އެފަދަ "ވިސްނުމެއް" އިދިކޮޅު ލީޑަރުންގެ ސިކުނޑީގައި ގެންގުޅޭނެ އެވެ. އެކަން ބޮޑަށް ފެންނާނީ، އިދިކޮޅު ހަރަކާތުގެ ބައެއް ބޭފުޅުން ދެކޭ ގޮތުގައި، އިންތިޚާބަށް އިއުލާން ކުރާ ހިސާބުންނެވެ.
ރައީސް ޔާމީން މި މަހު ފ. ނިލަންދު އަށް ވަޑައިގަތުމުން އެ ރަށުން އެމަނިކުފާނަށް މަރުހަބާ ދަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
މިވަގުތު އިދިިކޮޅު ފަރާތްތަކުން ހިސާބު ޖަހަނީ ރައީސް ޔާމީން ބަލިކުރެވޭނީ އެއް ކެންޑިޑޭޓަކު ނެރެގެންތޯ ނުވަތަ އެކަކަށް ވުރެ ގިނައިން ކެންޑިޑޭޓުން ނެރެގެންތޯ ނުވަތަ އެއް ބުރުން ނުވަތަ ދެވަނަ ބުރަށް ގޮސްގެންތޯ އެވެ. އިންތިގާލީ ކެންޑިޑޭޓަކު ނެރުމުގެ ވިސްނުންފުޅު ވެސް ނަޝީދު ދޫކުރެއްވީ މި ސަބަބާ ހުރެ ކަމަށް ބައެއް މީހުން ދެކެ އެވެ. އެއީ ރައީސް ޔާމީން ހުންނަވައިގެން މިނިވަން، އިންސާފުވެރި އިންތިޚާބެއް ބޭއްވުމުގެ ފުރުސަތު ވަރަށް ބޮޑަށް ހަނި ކަމަށް ނަޝީދު ދެކަވަޑައިގަންނަވާތީ އެވެ. އެކަމަކު ނަޝީދުގެ އެ ވިސްނުންފުޅުގެ ފަހަތުގައި ސިޔާސީ އެހެން ކަމެއް ހާސިލް ކުރައްވަން ބޭނުންފުޅުވި ކަމުގެ ތުހުމަތު ވެސް "އަޑިއަޑިން" ކުރެ އެވެ. ނަޝީދުގެ ވިސްނުންފުޅު އިއުލާން ކުރެއްވި ހިސާބުން އެ ވާހަކަ ފަނޑުވި އެއް ސަބަބަކީ ވެސް އެއީ ކަމަށް ވެ އެވެ.
ކުރީގެ ރައީސް ނަޝީދު: އިންތިގާލީ ކެންޑިޑޭޓެއްގެ ވާހަކަ ވިދާޅުވި ނަމަވެސް އެއީ އެމަނިކުފާނުގެ އަމިއްލަ ޚިޔާލުފުޅެއް ކަމަށް އިދިކޮޅު ބައެއް ފަރާތްތަކުން ބުނޭ.
"އެއީ ހަމައެކަނި ރައީސް ނަޝީދުގެ ވިސްނުންފުޅެއް. އެއީ ހުރިހާ ޕާޓީތަކުގެ އެއްބަސްވުމެއް ނޫން. އެއާ ބެހޭ މަޝްވަރާއެއް ވެސް ނުކުރެވޭ. ޕާޓީތަކުގެ ތެރޭގައި ވެސް އެކަން އެގޮތަށް ކުރުމަށް ނިންމާފައެއް ނެތް. ތިޔަ މައްސަލައެއް [އިންތިގާލީ ކެންޑިޑޭޓު] އަޅުގަނޑުމެންގެ ތެރޭގައި އަދި އެޖެންޑާއެއް ނުކުރޭ. ތިޔަ މައްސަލަ ނުވެސް އާދޭ،" ރިޔާޒް ވިދާޅުވި އެވެ.
"ހުރިހާ އެންމެން ގަބޫލުކުރާ އެއް ކެންޑިޑޭޓަކު އައުމުގެ ފުރުސަތު ވެސް ވަރަށް ބޮޑު ކަމަށް އަޅުގަނޑަށް މިހާރު އެބަ ފެނޭ. އެއް ކެންޑިޑޭޓަކަށް ހުރިހާ ބޭފުޅުން ތާއީދުކުރާނެ މަންޒަރު ފެންނަމުން އެބަ ދޭ."
އެކަމަކު އިދިކޮޅު ފަރާތްތަކުން އެއް ކެންޑިޑޭޓަކު އިއުލާން ކުރާ ނަމަ އެއީ ކޮން ބޭފުޅެއްތޯ އެއީ ބޮޑު ސުވާލެކެވެ. ވެރިކަމަށް ފެންބޮވައިގެންފައިވާ ކަމަށް ބެލެވޭ ގިނަ ލީޑަރުން ތިބީ ޖަލުގައި ބަންދުކޮށްފަ އެވެ. ފަހު ވަގުތާ ހަމައަށް ވެސް މިނިވަންވެ، އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އޮތް ކަމަށް ބައެއް ބޭފުޅުން ވިސްނަވާތީ، އެކަން އެގޮތަށް ހިނގާފާނެ ކަމާ މެދު ވެސް ސުވާލު އުފައްދަ އެވެ. އެހެންވެއްޖެ ނަމަ ޝަރުއީ ދާއިރާ އާއި ބައިނަލްއަގްވާމީ އެހީތެރިކަން އިންތިހާ އަށް ބޭނުންވާނެ ކަމަށް އިދިކޮޅު މީހުން ގަބޫލުކުރެ އެވެ.
"މީގައި ވަކިވަކިން ކެންޑިޑޭޓުން ވާދަކުރާ ނަމަ، އޭގެ ފައިދާ ވަރަށް ބޮޑު. އެއީ ޖަލުގައި މިހާރު ތިއްބެވި އިދިކޮޅު ލީޑަރުން މިިނިވަން ވުމަށް ހުޅުވޭ ފުރުސަތަކަށް ވާނެ. ޖަލުގައި ތިބި ލީޑަރުން އިންތިޚާބަށް ނުކުމެވަޑައިގަންނަވާ ނަމަ އޭގެ މާނަ އަކީ އެ ބޭފުޅުން މިނިވަން ކުރަން ވަކި ހިސާބަކުން ސަރުކާރަށް މަޖުބޫރުވާނެއޭ. ގޮތް ހުސްވާނެ. އޭރުން އެންމެ ބޭފުޅަކު މިނިވަން ވުމަށް ވުރެ ބޮޑަށް ހުރިހާ ބޭފުޅުންނަށް އޭގެ ފައިދާ ލިބޭނެ. މިއީ ވެސް ގެންގުޅޭ ވިސްނުމެއް،" އިދިކޮޅު ހަރަކާތުގައި މަސައްކަތް ކުރައްވާ ބޭފުޅަކު، ނަން ހާމަނުކުރުމަށް އެދިވަޑައިގެން، ވިދާޅުވި އެވެ.
ރިޔާޒް ވިދާޅުވި ގޮތުގައި އޭނާ އަށް އެންމެ ޔަގީންވާ އެއް ކަމަކީ ރައީސް ޔާމީނަށް "ސަޕްރައިޒް ފޯމިއުލާއެއް" އިދިކޮޅު މީހުން ރިޔާސީ އިންތިޚާބުގައި ނެރޭނެ ކަމެވެ.
"ޔާމީން މިހާރު ވެސް އެ ހުރީ ބަލިވެފައި. އަޅުގަނޑު ބުނާނީ އަޅުގަނޑުމެން ހަތަރު ލީޑަރުން ނެރޭ ކޮންމެ މީހަކު ޔާމީނާ ވާދަކުރިޔަސް އަޅުގަނޑުމެން މޮޅުވާނެ. ޔާމީނަކީ ޗެލެންޖެއް ނޫން. ރާއްޖޭގެ ރައްޔިތުން މިއަދު ގަބޫލެއް ނުކުރާނެ ޔާމީނަކީ ޗެލެންޖެއް ކަމަކަށް. އިންތިޚާބު ނުބާއްވަފާނެއޭ ބުނާނެ. ރައްޔިތުންގެ ތާއީދު ލިބިގެން ޔާމީން އިންތިޚާބު ކާމިޔާބު ކުރާނެ ކަމަށް ބުނާ މީހަކާ އަޅުގަނޑަކަށް އަދި ދިމައެއް ނުވޭ،" އޭނާ ވިދާޅުވި އެވެ.
ރައީސް ޔާމީނަކީ ގޮންޖެހުމެއް ކަމަށް އިދިކޮޅު ފަރާތްތަކުން ނުބެލި ނަމަވެސް، ސަރުކާރުގެ އިތުރުން މިނިވަން މުއައްސަސާތައް ހުރި ގޮތް އެންމެންނަށް އެނގެ އެވެ. އެ ތަންތަނުގެ މަސައްކަތްތަކާއި ނިންމުންނަށް އަންނަ ގޮތް އެއީ ސާފު ކަމެކެވެ. އެހެންވެ އިންތިޚާބުގެ ކުރިން އެ ތަންތަން މިނިވަން ކުރުމަކީ ގޮންޖެހުމެއް ކަމަށް އިދިކޮޅު މީހުން ދެކެ އެވެ.
އަންނަ އަހަރުގެ ރިޔާސީ އިންތިޚާބާ ކުރިމަތިލާއިރު، ރައީސް ޔާމީނަށް އޮތް އެންމެ ބޮޑު ފައިދާ އަކީ، އެމަނިކުފާނުގެ ސަޕޯޓަރުން ދެކޭ ގޮތުގައި، ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތަކެވެ. މާލެ-ހުޅުލެ ބްރިޖާއި މާލޭގައި އަލަށް އިމާރާތްކުރި 25 ބުރީގެ ހޮސްޕިޓަލާއި މަގާއި ފެނާއި ނަރުދަމާގެ ނިޒާމް ފުރިހަމަ ކުރުމާއި ފްލެޓްތައް ދޫކުރުމާއި ތަރައްގީގެ އެހެން ކަންތައްތަކަކީ ރައީސް ޔާމީންގެ ކޮޅަށް އިންތިޚާބުގެ ނަތީޖާ އަނބުރާލާނެ ސަބަބުތައް ކަމަށް ދެކެ އެވެ. ރައީސް ޔާމީން ޕްރޮމޯޓް ކުރައްވަނީ ވެސް "ތަރައްގީ ޔަގީން" އެވެ.
"ތައްޔާރު" ގެ ނަމުގައި މިދިޔަ މަހު މާލޭގެ އަލިމަސް ކާނިވާ ސަރަހައްދުގައި ޕީޕީއެމުން ބޭއްވި ޖަލްސާ ނިންމާލެއްވުމަށް ފަހު ޖަލްސާގެ ބައިވެރިންނާއި ރައީސް ޔާމީން ސަލާމް ކުރައްވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
ރިޔާޒް ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް ހިންގާއިރު، އެއިން ކޮންމެ ކަމަކަށް ފައިސާ ހޯދަނީ އާންމުންގެ ބޮލުގައި ދަރަނިތަކެއް އަޅުވައިގެން ކަމަށާއި ބައެއް ކަންކަމުގެ ތަފުސީލްތައް ނޭނގޭ ކަމަށެވެ. ސަރުކާރަށް އަމާޒުކުރާ ކޮރަޕްޝަންގެ ތުހުމަތު ވަރަށް ބޮޑެވެ.
"ރާއްޖޭގެ އެންމެ ބޮޑު އެއް އިންވެސްޓަރަށް [ގާސިމް] އެ އޮތީ ހުކުމް ކޮށްފައި. ކަރަންޓުގެ އަގު ބޮޑު. ރައްޔިތުމީހާގެ އާންމު ދިރިއުޅުން ރަނގަޅެއް ނޫން. ސަރުކާރުން އެންމެ ފަހުން އެ ނިންމީ ތްރެޝްހޯލްޑް ދަށްކުރަން. އޭގެ މާނައަކީ އެންމެ އާދައިގެ އިންކަމް ލިބޭ މީހާ ވެސް ބީޕީޓީ ދައްކަން ޖެހޭނެ. މިއީކީ ޕޮޕިއުލާ ނިންމުންތަކެއް ނޫން،" އޭނާ ވިދާޅުވި އެވެ.
މިހާތަނަށް ރިޔާސީ އިންތިޚާބުގައި އެއް ބޭފުޅަކަށް އެންމެ ގިނަ ވޯޓު ހޯއްދެވީ ނަޝީދު ކަމަށް ވާއިރު، އެމަނިކުފާނަށް ވެސް އެކަނި ކާމިޔާބެެއް ނުވި އެވެ.
"ނަޝީދުގެ އެ ޕޮޕިއުލަރިޓީ ޔާމީނަށް މިއަދު އެބަ އޮތްތޯ އެއީ ސުވާލެއް. ޔާމީނަށް އެކަނި މިކަން ވެދާނެތޯ އެއީ ބޮޑު ސުވާލެއް. އަޅުގަނޑުމެން މިތިބީ ވަރަށް ބޮޑަށް ގުޅިގެން މަސައްކަތް ކުރަން،" ރިޔާޒު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަޤީރުކަލޯ!
08 November 2017
މިޤައުމު ޒައްރާއެއްހައި ކުޑަވެފައި، އިންޑިޔާ، އެމެރިކާ ނީލަގެރި އެތެއްހައި ބިޔަވެ ބޮޑުވެގެންވިއަސް ވަޝްވަރާ ކޮށްކޮށް ތުންފިއްތަ ފިއްތައި ދެން ހަމަތިބެންޖެހޭނީ! ﷲ އިރާދަކުރެއްވިއްޔާ ހެދޭނެ އެއްވެސް ގޮތެއް ނޯންނާނެ! ވަގުތުފާއިތުވެއްޖެ! ސޮރީ!!!
އަބްދުއްލާ
07 November 2017
އިންތިގާލީ އިންތިގާލީ އިންތިގާލީ މީހަކު ދިވެހި ގައުމުގަ އޮންނަންވާ ވެރިކަމަކާ ވެރިކަމަށް ގެނެވޭ މީހާގެ ސިފަތަކާ ވެރިކަމުގެ ބާވަތާ މުއްދަތު ވެސް ގާނޫނުއަސާސީ ގަ ލިޔެވިފައިވާ އިރު އިންތިގާލީ ކިޔާ ސަރުކާރެއްގެ ވާހަކަ ނޯވޭ. އެހެންކަމުން ބުއްދި ސަލާމަތުން ހުރި ހަމަޖެހޭ މީހަކު އިންތިގާލީ ކިޔައިގެން ވާހަކަދައްކާނެ ކަމަކަށް ނުފެނޭ.
މެންބަރު
07 November 2017
ބަލަގަ ތަރައްޤީ އަކީ މި ރައީސްމީހާ ގެނެސްދެއްވި އެއްޗެކޭ ކިހިނެއްތޯ ބުނާނީ. އެންމެ އަހަރަކަށް ބަޖެޓު ޖަހާލީ ރައީސް މައުމޫނުގެ 30 އަހަރުގެ ދައުލަތުގެ ބަޖެޓު އެއްކޮށްލީމަ އަރާވަރު ކަމަށްވާ 28 ބިލިޔަން ރުފިޔާ. ރައީސް މައުމޫންވެސް ރައްޔިތުން ފެލައިގެން އަހަރަކު 28 ބިލިޔަން ތަޅާލިނަމަ ރާއްޖޭގެ ހުރިހާ ރަށަކަށް ބުރިޖުއަޅައި، ހުރިހާ ރަށެއްގެ ދެކޮޅުގަ އެއާޕޯޓު އަޅައި، ހުރިހާ ރަށަކަށް ސީޕްލޭނާ ސަބްމެރީނުވެސް ދަތުރު ކުރީސް. އެހެނަސް މައުމޫނުގެ ވިސްނުމަކީ ރައްޔިތުން ނުފެލައި ރައްޔިތުންނަށް އެހީވުން. އެހެންވީމަ އެ ވެރިކަން ފެށިގެން ނިމެންދެން ކާޑު ކިލޯއެއް 2 ރުފިޔާ އަށް ލިބުނީ. ތެޔޮ ލިޓަރެއް 4 ރުފިޔާ އަށް ލިބުނީ. މިބުނީ ލައްކަ ވާހަކަ!
އަޙްމަދު ޙުސައިން
07 November 2017
ޢަބްދުﷲ ރިޔާޒަށް . ވެދުންސަލާމަށްފަހުދަންނަވަމެވެ. އިންތިޚާބެއްގައި ރައީސް ޔާމީނާއި ޢަބްދުﷲ ރިޔާޒު ވާދަކުރެއްވި ނަމަވެސް ރިޔާޒުގެ އުފަން ރަށުން ޢަބްދުﷲ ރިޔާޒަށްވުރެ ގިނަ ވޯޓް ރައީސް ޔާމީނަށް ލިބޭނެ. އަދި މުޅި ރާއްޖެއިން ވެސް އިންތިޚާބެއްގައި ޢަބްދުﷲ ރިޔާޒާއި ރައީސް ޔާމީން ވާދަކުރެއްވި ނަމަވެސް ރައީސް ޔާމީނަށް ރިޔާޒަށްވުރެ ގިނަ ވޯޓް ލިބޭނެކަމާމެދު ޝައްކެއް ނުކުރަން.
މެންޓަލިސްޓް
07 November 2017
ކީއްކުރާ ކެންޑީޑޭޓެއްތޯ ؟؟ ހުރިހާ ސިޔާސީ ޕާޓީތަކުން އެއްބަސްވާ ބޭރުގެ ބޮޑު ކުންފުންޏަކާ ގައުމު ހިންގަން ހަވާލުކރީމައި ނުމުނީއެއްނޫންތޯ ؟؟؟ އެމީޙުން ބޭނުންވާ ބައެއްލައިގެން ރާއްޖޭގެ އިގްތިސޯދާއި އިންސާފްގެ ނިޒާމް ރަގަޅުކުރީމައި އެނިމުނީ ،،،، އަޅުގަނޑަށް ކަށް ލަފައެއްނުކުރެވޭ މިހާރު ތިޔަކަމާއި ތިޔައުޅުއްވާ ބޭފުޅުންވެސް އިޙްލާސްތެރިކަމާޢި އެކު ތިޔަކަން ކުރައްވާނެކަމެށް ،،، ތިބީ ހުސް އިހްގެ ރެލީ ،،، ކުރީގައި ހަނޑިހާވަފައިތިއްބެވި ބޭފުޅުން ،،،، ދަބަރުތަޅައިގެން ނެރެވިދާނެ އެކަމު ހަމަ ދުވަސްކޮޅަކުން ފޫދާނީ ،،،، މިހާރު ބޭނުންވަނީ ފްރެޝްމޫނެއް ،،، މައުމޫނެއްނޫން ،،، އެމެރިކާއާޢި އިންޑިޔާޢިންވެސް ބުނަނީ ފްރޭޝް މަޑުމައިތިރި އެންމެނާ ގުޅޭ މީހެއް މީހާރު ވެރިކަމަށްގެންނާށޭ ،،،، އޭރުންނޭ ޕީސްވާނީ ،،،،، އަޅުގަނޑުވެސް އެދެނީ ޕްރެޝްމޫނަކަށް ،،،، މައުމޫނަކަށް ،،،، ވަރަށްވެދުން
އަލިބެއްޔާ، އެކުވެރިސުވައިދީބް
07 November 2017
ވާދަވެރި ލީޑަރުންނަށް، ވަރަށް ސަލާމް! ވިސްނުންތެރިކަމާ، ހިކުމަތްތެރިކަމާ، ކެތްތެރިކަމާ އަދި އިޚްލާސްތެރި ކަމާއެކު އަމިއްލަ މަސްލަހަތު އެއްފަރާތް ކޮށްފައި މިވަތަނާ، މިފަސްގަނޑާ އަދި ރައްޔިތުންގެ ހެވާ ލާބައަށާ މަސްލަހަތަށް އިސްކަންދީގެން ކުރެވޭ އިޚްލާސްތެރި މަސައްކަތަކުން މެނުވީ ފައިދާއެއް ނުކުރާނެއެވެ. މާތްﷲ ތިޔަ ކުރައްވާ މަސައްކަތުގައި ބަރަކާތް ލައްވައި މިޤައުމާ ރައްޔިތުން އަނިޔާވެރިކަމުން ސަލާމަތް ކުރައްވައި ދިވެހި ޤައުމަށް އަދަށްވުރެ ފެހި މާދަމައެއް މިންވަރު ކުރައްވާށި. آمين يا رب العالمين
Moosa
07 November 2017
ވީހާ ގިނައިން ކެންޑިޑޭޓުން 2018 އަށް ނެރެންވީ. ހަމަގައިމުވެސް އޭރުން އެއްބުރަކުން ނިންމާނުލެވޭނެ. އަދި ކިއެއްތަ އެންމެފުލުގައި އޮންނާނީ ޔާމިން ރައީސް. އެއްބުރުން ޓާޓާޓާޓާ ބައިބައިބައި
ޑީޕްވޯޓާރ
07 November 2017
އިންތިހާބާއި ހަމަޔަށް ދާއިރު ޔާމީނު ވެރިކަމުގައި ނުހުރެވެސްދާނެއެވެ . އެހެންވީމާ އެއީވެސް އޮޕްޝަނެއް ކަމަށް ބަލާފަހެން ހީވަނީ އޮޕޮޒިޝަނުން އަދި ވަކިގޮތެއް އަދި އިއުލާން ކުރަން ބޭނުން ނުވަނީކަމަށް ލަފާކުރެވެނީ . ސިޔާސީ ތަޖުރިބާ ހުރި ބޭފުޅުންނަށް މުޅި ތަސްވީރަށް ބޭލީމާ އެހެން މަންޒަރެއް އެބަފެނެއެވެ. އެހެންވީ ކުރިން ކުރަން ހުރި މުހިއްމު ކަންތައްތަކާއިގެން ކުރިޔަށް ދިއުން ބުއްދިވެރިކަމަށް ދެކެނީ ކަމަށް ލަފާކުރެވެއެވެ.
ކުޑަސޮރު
07 November 2017
އެކަކު ކުރިމަތި ނުލިއަސް އަހަރުމެނަށްހެޔޮ....ބޮޑު ރޯގާއެކޭ...........
ލައްކަވާހަކަ
07 November 2017
ވަކި ވަކިން ނުކުތުމަކީ ވަރަށް ނުރައްކާ ކަމެއް. ސަބަބަކީ އޭރުން އެންމެން އެންމެންނާއި ހަނގުރާމަ ކޮށް ފުރަތަމަ ބުރު ނިމޭ އިރު ތިބޭނީ އެއް ގަލަކަށް ނޭރޭ ވަރަށް ދުރުފެވަ. މީގަ މަގޭ ހިޔާލަކީ އެމްޑީޕީ އިން ވީހާވެސް ބޮޑަށް ދޫ ދީ އެންމެން ވެސް ބަލައިގަންނަ އެއް ކެންޑިޑޭޓެއް މިހާރުން މިހާރަށް ކަނޑައެޅުން. މިކަން ކުރުމަށް އެމްއޯޔޫ ގެ ކޮޮންމެ ޕާޓީއަކުންވެސް 2 ނަމެއް ހުށަހަޅަންވީ. ދެން ކޮންމެ ޕާޓީއަކުންވެސް 2 ނުވަތަ 3 ސީނިއަރ މެމްބަރުން ހިމެނޭ މަޝްވަރާގެ މަޖިލީހަކުން މަޝްވަރާކޮއްފަ އެއް ކެންޑިޑޭޓެއް ނަގަންވީ. 1. އަހުމަދު މުޖުތަބާ (ބޮޑުފެންވަޅުގެ) 2. ނިޔާޒް (ކުރީގެ އޮޑިޓަރ ޖެނެރަލް) 3. ފުއާދު ތައުފީގް 4. ޕރޮފެސަރ އުގައިލް 5. އަސްލަމް (ކުރީގެ ހައުސިން މިނިސްޓަރ) 6. އެމްޕީ އަލީ ހުސައިން (ދެގޮތެއް ނުވެ ސާބިތުކަންމަތީގަ ހުންނަ) ވެރިކަމަށް ހޮވޭ މީހަކަށް އެހީތެރިވުމަށް ރައީސް މައުމޫން، ރައީސް ނަޝީދު، ޝެއިހު އިމްރާން އަދި ގާސިމް އެކުވެގެން މަޝްވަރާގެ މަޖިލީހެއް އުފެއްދުމަކީ ވަރަށް މުހިންމު ކަމެއް.