ފްލެޓް: "ގެދޮރެއް ނޫން، ޖަލު ގޮޅިތަކެއް"

ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގެންނެވީ "ކޮންމެ އަތޮޅަކަށް ހުޅުމާލެއެއް" ގެނެސްދެއްވާނެ ކަމަށް ވައުދުވެވަޑައިގަންނަވަމުންނެވެ. ދެ އަހަރު ފަހުން 2015ގައި އެ މަނިކުފާނު އިއުލާންކުރެއްވީ ރާއްޖޭގެ އާބާދީގެ 70 ޕަސެންޓް، އެންމެ ހުޅުމާލެއެއްގައި ވަޒަންވެރިކުރުމުގެ ސިޔާސަތެކެވެ. ރައީސް ޔާމީންގެ ވައުދުތައް ހިމެނޭ ޕީޕީއެމްގެ "ޔަގީން" މެނިފެސްޓޯގައި ލިޔެފައި އޮތް ގޮތަށް ކަންތައް ކުރައްވަންޏާ އިތުރު 20 "ހުޅުމާލެ" ބިނާކުރައްވަން ޖެހިވަޑައިގަންނަވާނެ އެވެ. އޭގެ ބަދަލުގައި އެމަނިކުފާނުގެ ޒައާމަތުގެ ފަހު އަހަރު ފެއްޓެވީ މާލޭގެ ހުޅުމާލޭގައި އިތުރު 80،000 މީހުން ދިރިއުޅޭނެ ފްލެޓް އިމާރާތްތަކެއް އެޅުމުގެ ބިޔަ މަޝްރޫއުއަކުންނެވެ. އެއާ އެކު ރައީސް ދައުވަތު ދެއްވީ ރާއްޖޭގެ އެންމެން މާލެ/ ހުޅުމާލެ އަށް އައުމަށެވެ.


އަށްޑިހަ ހާސް މީހުން އެއީ ކުޑަ އަދަދެއް ނޫނެވެ. ބޯހިޔާވަހިކަމަށް ޖެހި ބިކަވެފައިވާ އާއިލާތައް ހާހުން ގުނޭ ރާއްޖޭގައި ފްލެޓެކޭ ބުނެފިއްޔާ، ދުލު ކުރިން ނުވީއްލެނީސް، އެ ލަފްޒު އެތައް ބައެއްގެ ހުވަފެންތަކާއި އުއްމީދުތަކާ ގުޅި ލާމެހިގެންދެ އެވެ. އެކަން އެންމެ ރަނގަޅަށް ދަންނަނީ ސިޔާސީ މީހުންނެވެ. އެކަމަކު ހުޅުމާލޭގައި 80،000 މީހުންނަށް ފްލެޓް އަޅާ ވާހަކަ ބުނީމާ އެއް ބަޔަކު "އަތް ޖެހިޔަސް" އަނެއް ބަޔަކު "އަޅަނީ ކަރުނަ" އެވެ. ކުރަނީ މި ސުވާލުތަކެވެ؛

ރާއްޖޭގެ އެހެން ސަރަހައްދުތައް ކޮބާ ހެއްޔެވެ؟ ޗާލު، އަރާމު ރަށްތަކެއްގައި ދިވެހިވަންތަ ދިރިއުޅުމެއް އުޅުމުގެ ހައްގު ނިގުޅައިގަތުމުގައި އޮތީ ކޮން އިންސާފެއް ހެއްޔެވެ؟

ލާމު އަތޮޅު ލިންކު ރޯޑު: ރަށްރަށުގައި މިފަދަ މަޝްރޫއުތައް ހިންގިޔަސް ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ އެންމެން މާލެ ސަރަހައްދަށް ބަދަލުކުރުން-- ފޮޓޯ: ތޮއްޓޭ ފޮޓޯގްރަފީ

އަބަދުވެސް ސަރުކާރުގެ ޖަވާބަކީ، އަތޮޅުތަކުގައި ހިންގާ އުމްރާނީ މަޝްރޫއުތަކެވެ. އެއާޕޯޓުތަކާއި ބަނދަރުތަކާއި މަގުތަކާއި ފެނާއި ނަރުދަމާގެ ނިޒާމުތަކެވެ. އެކަމަކު ފާޑުކިޔާ މީހުންގެ އަނގަ ބަންދެއް ނުވެ އެވެ؛ ރާއްޖޭގެ އެންމެން މާލެ ސަރަހައްދަށް ޖަމާކުރުމުގެ ސިޔާސަތެއް ސަރުކާރުން ގެންގުޅޭ އިރު، ރަށްރަށް ތަރައްގީކުރާ ވާހަކަ ދެއްކީމާ، ކިޔާ އެއްޗެއް ދެކޮޅު ޖެހޭ ހެއްޔެވެ؟ އެންމެން އެއް ތަނަކަށް ގެނެސް ފްލެޓްތަކަކަށް ލީމާ، ދެން ކަންތައް ދާނީ ކޮން މިސްރާބަކަށް ހެއްޔެވެ؟

"ސަރުކާރުން މި ހަދަނީ އަހަރެމެން ލާނެ ކުދިކުދި ޖަލުތަކެއް. އަހަރެމެންގެ ފަސްގަނޑުން އަހަރެމެން ބާލައި އަހަރެމެންގެ ބިން ވިއްކާލާނީ މަހުޖަނުންނަށް،" އަތޮޅުތަކުގެ މީހުން މާލެ ދޫކޮށް އަމިއްލަ ރަށަށް ބަދަލުވާން ވަކާލާތުކުރާ ފޭސްބުކް ޕޭޖެއްގައި ލިޔެފައިވެ އެވެ.

"އެ މީހުން އެ ބުނަނީ ފަގީރުންނާއި މެދު ފަންތީގެ އާމްދަނީ ލިބޭ އާއިލާތަކަށް ހައްގު މިންވަރަކީ ފްލެޓޭ، ބިމެއް ނޫނޭ. ]އަހަރެމެންނަށް ހައްގުވަނީ[ ދަރަންޏަށް ލިބޭ ކޮންކްރީޓް ގަނޑެކޭ. މި ކަމާ އަހަރެމެން އުފާކުރަންވީ ކީއްވެ؟ އަމިއްލަ ރަށުގައި ގެ އަޅައިގެން ކާބޯތަކެތި އަމިއްލަ އަށް ހައްދައިގެން ސާފު ޖައްވެއްގައި ނޫޅެންވީ ކީއްވެ؟ ހޭލަން ވެއްޖެ. އަހަރެމެން މި ތިބީ ފަނާކުރަނިވި ފުން ނިންޖެއްގައި. 'ފްލެޓް' ޖަލު ގޮޅިތަކެއްގެ ވާހަކަ ދެއްކީމާ އަހަރެމެން އަތް ޖަހާކަށް ނުޖެހޭ. އެންމެން ހޭލާ!"

މާލޭގައި އިމާރާތްކޮށްފައިވާ ފްލެޓްތަކެއް: އެންމެ ގިނަ ބަޔަކު ތަހައްމަލްކުރާ މައްސަލައަކީ ގެދޮރުގެ ދަތިކަން.

ރާއްޖެ އަށް އެންމެ އެކަށީގެންވާ ތަރައްގީގެ ވިސްނުމަކީ އެއްފަސްކުރުން ކަމަށް އެ ކަމުގެ މާހިރުން ބުނާތާ އެތައް ޒަމާނެއް ވަނީ ވެފަ އެވެ. އާބާދީ އާއި ތަރައްގީ އެއްފަސްކުރާށޭ ބުނަނީ މާލެ ފިޔަވައި އެހެން ސަރަހައްދުތަކެއް ވެސް، ޚިދުމަތްތަކާއި އާމްދަނީ އާއި ފުރުސަތުތައް ލިބޭ ފެންވަރަށް، ތަރައްގީކުރުމުގެ މާނައިގަ އެވެ. ހުރިހާ ރަށެއް ނޫނެވެ. "ކޮންމެ އަތޮޅަކަށް ހުޅުމާލެއެއް" ވެސް ނޫނެވެ. ފަހެއް ނުވަތަ ހައެއްކަ ސަރަހައްދެވެ.

އެކަމަކު މިހާތަނަށް އައި އިރު ވެސް އެކަން ނުވެ އޮތުމަކީ އެތައް ހައްގަކުން ދިވެހިން މަހުރޫމްވުމުގެ މައިގަނޑު ސަބަބެވެ. މާލެ އާއި އަތޮޅުތަކުގެ ބޮޑު ފަރަގު ކުޑަ ނުވެ އޮތް ސަބަބެވެ. ދިވެހިންނަށް "ފުރުސަތުތަކާއި އިޚްތިޔާރުތައް ލިބުން ބިނާވެގެންވަނީ އެ މީހަކު އުފަންވާ ރަށެއްގެ މައްޗަށް" ކަމަށް 2014ގެ ހިއުމަން ޑިވެލޮޕްމެންޓް ރިޕޯޓުގައި އދ. އިން ފާހަގަކޮށްފައި އޮތީ ހަގީގަތަށެވެ.

ދިވެހިންނަށް އަޑުއިވެނީ، ސަރަހައްދީ ތަރައްގީ ހާސިލް ނުކުރެވުނީ ބާރު ފޯރުވެން ނެތް "ގުދުރަތީ" ސަބަބުތަކަކާ ހެދިއޭ ބުނާ އަޑެވެ. ހަގީގަތަކީ އެއީ ހެއްޔެވެ؟ ނުވަތަ ސަރުކާރުތަކުން އެ ގޮތަށް ވިސްނައިދޭން ބޭނުންވީ ހެއްޔެވެ؟

ރާއްޖޭގެ ހިތްގައިމު ރަށެއް: މި ތަންތަނުން އުފާ ލިބިގަތުމުގެ ފުރުސަތު ދިވެހިންނަށް ދުވަހެއް ދުވަހަކަށް ދަނީ ކުޑަވަމުން. --ފޮޓޯ: އަބްދުﷲ އައުރާފް/ މިހާރު

ރާއްޖޭގެ ރަށްތައް ވަކިވަކިން ކަނޑުގެ ސަރަހައްދަކަށް ފެތުރިފައި ހުރުމާއި މީސްކޮޅު މަދު އާބާދީތައް ކުދިކުދި ރަށްރަށުގައި ދިރިއުޅުމަކީ ސަރަހައްދީ ތަރައްގީ އަށް އޮތް ހުރަހެއް ކަމަކަށް ފަންނީ މީހުން ނުދެކެ އެވެ. އަދި ރާއްޖޭގެ ހުރިހާ ހިސާބެއްގައި ބިން ބޮޑެތި ރަށްތައް ހުއްޓާ، ތަރައްގީ ވެފައި އޮންނަން ޖެހޭނީ އަދި ތަރައްގީކުރަން ޖެހޭނީ ނުވަތަ މީހުން ދިރިއުޅެން ޖެހޭނީ ހަމައެކަނި މާލެ ސަރަހައްދުގައި ކަމަކަށް ވެސް އެ މީހުން ގަބޫލެއް ނުކުރެ އެވެ. އަތޮޅުތަކުގެ ތަރައްގީގެ ދާއިރާގައި ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ސަލްމާ ފިކުރީ ސުވާލުކުރައްވަނީ އެންމެން މާލެ އަށް ޖަމާކޮށް ނިމުނީމާ ރަށްރަށަށް ވާނީ ކިހިނެއްތޯ އެވެ.

"ރާއްޖޭގެ ގުދުރަތީ ވަސީލަތްތައް މަދުވެފައިވުން އެއީ ތަރައްގީ އަށް އޮތް ހުރަހެއް ކަމަށް އަޅުގަނޑުމެން ގަބޫލުކޮށް ދެކިދެކި ތިއްބާ އެ ވަސީލަތްތަކުގެ އެހީގައި މަދު ދިވެހިންތަކެއް މުއްސަނދިވެ މަހުޖަނުންނަށް ވެފައިވާ ކަމީ ހަގީގަތެކެވެ،" މުނާ މުހައްމަދުގެ "ފަޅު އަލި ރަންމުތް" ފޮތުގެ އިސްބަހުގައި ސަލްމާ ލިޔުއްވާފައިވެ އެވެ.

"ވެރިރަށް މާލެ އާއި އަތޮޅުތަކާ ދެމެދު އާމްދަނީ އާއި ޚިދުމަތްތަކާއި ފުރުސަތުތައް ނުހަނު ބޮޑުތަން ތަފާތުވެފައިވެ އެވެ. މާލެ ތޮއްޖެހި، މާލޭގެ ތިމާވެށި ތަޣައްޔަރުވެ، އަމާންކަން ގެއްލި އިޖުތިމާއީ އެތައް މައްސަލަތަކެއް ކުރިމަތިވެފައިވެ އެވެ. އެހެން ނަމަވެސް އަޅުގަނޑުމެންގެ ތަރައްގީގެ ސިޔާސަތުތައް އަދިވެސް ދަނީ އެއް މިސްރާބަކަށެވެ. ރާއްޖޭގެ ވަކި ސަރަހައްދަކަށް ހުރިހާ ދިވެހިން ޖަމާކޮށް އެހެން ސަރަހައްދުތައް ފަޅުވުމަށް މަޖުބޫރުވަނީ އެވެ. މި ގޮތަށް ފަޅުވާ ރަށްރަށަށް ދެން ވާނެ ގޮތަކާ މެދު ވެސް މިއަދު ސުވާލު އެބަ ކުރެވެ އެވެ. އޭގެ ފައިދާ ލިބޭނީ އަދި އޭގެ މިލްކުވެރިންނަށް ވާނީ ކޮން ބައެއްތޯ ވެސް މިއަދު ސުވާލުކުރެވެ އެވެ."

މިހާތަނަށް ހުރިހާ ސަރުކާރުތަކުން ވެސް، ބޮޑަށް ހަމައެކަނި ކަރުދާހުގައި ނަމަވެސް، އަތޮޅުތަކާ މެދު ގެންގުޅެފައި ވަނީ އާބާދީ އާއި ތަރައްގީ އެއްފަސްކުރުމާއި ސަރަހައްދީ ތަރައްގީގެ ސިޔާސަތެވެ. އެންމެން މާލެ އަށް ގެންނަވަން ބޭނުންފުޅުވާ ކަމަށް ރައީސް ޔާމީން ފާޅުގައި ވިދާޅުވުމަކީ އެ ސިޔާސަތަށް ބަދަލު އައި ފުރަތަމަ ފަހަރެވެ. އެއާ އެކު އެ ވިސްނުމުގެ ފަހަތުގައި ވަނީ ކޮން ކަމެއްތޯ މީހުން ސުވާލު އުފައްދަ އެވެ.

ފަހަރުގައި، އަތޮޅުތަކުގައި ހިންގަމުން އަންނަ މަޝްރޫއުތަކާއި އެންމެން މާލެ ޖަމާކުރުމުގެ ވިސްނުން ދެކޮޅުޖެއްސޭނެ ގޮތް ވެސް ސަރުކާރަށް އެނގެ އެވެ.

"މިހާރު ރަށްރަށުގައި އެ ގާއިމްކުރާ އިންފްރާސްޓްރާޗާ ބިނާކޮށްގެން ސަރުކާރަށް ލިބޭނެ ގެއްލުމެއް ނެތް. ސަބަބަކީ، ކުރު މުސްތަގުބަލަށް ބަލާ އިރު، ވޯޓު ހޯދަން މީހުން ރުއްސަން އެބަ ޖެހޭ. ތަސައްވުރެއް އޮތީ ހަމައެކަނި މާލެ ސަރަހައްދަށް ނޫންކަން މީހުންނަށް ދައްކަން އެބަ ޖެހޭ،" ސަލްމާ ވިދާޅުވި އެވެ.

"އަދި ދުރު މުސްތަގުބަލަށް ބަލާ އިރު، އެ އިންފްރާސްޓްރަކްޗާގެ ބޭނުން ހިފޭނެ، އެ ރަށްރަށް އެސްއީޒެޑުގެ ގޮތުގައި ނުވަތަ އެ ނޫން ވެސް ގޮތްގޮތަށް ވިއްކާލަން. މިއީ ވެދާނެ ގޮތެއް."

ފަންނީ ލަފާތައް ބުނަނީ އަތޮޅުތައް ތަރައްގީކޮށްގެން ނޫނީ ރާއްޖޭގެ މައްސަލަތައް ހައްލު ނުވާނެ ކަމަށެވެ. އެންމެން މާލެ ސަރަހައްދަށް ޖަމާވެ، ފްލެޓްތަކަކުން ބޯހިޔާވަހިކަން ހޯދާ ހިސާބުން އެ މައްސަލަތައް ނިމުމަކަށް އަންނާނެ ކަމަކަށް ނުބެލެވެ އެވެ. އެއާޚިލާފަށް ފުރުސަތު ބޮޑީ ކަންކަން އިތުރަށް ބޮއްސުންލައިގެން ދިޔުމެވެ. އޭގެ ހެއްކަކަށް، ބައެއް މީހުންނަށް މާލޭގެ ތަޖުރިބާ ފުދެ އެވެ. މުނާ ސިފަކުރި ގޮތަށް، "ފްލެޓަކީ އެ ހަދާ ވަގުތު ވަރަށް އޮފުދާރުކޮށް ހުއްޓަސް 10 ވަރަކަށް އަހަރު ތެރޭ ސްލަމް އަކަށް ބަދަލުވާނެ ތަންތަން" ކަމަށް ވުން ގާތެވެ.