ރިޕޯޓް / އެމްއާރްޑީސީ

އެމްއާރުޑީސީގެ އެންމެ މުއާމަލާތަކުން ވެސް ފެންނަ މަންޒަރު!

އެމްއާރުޑީސީން ކުޅުދުއްފުށީ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ކުރަނީ.--- ފޮޓޯ: އެމްއާރުޑީސީ

ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) އަކީ ވެސް ކޮރަޕްޝަންގެ ވަކި އިންތިހާ އަށް ހިއްޕާލާފައި އަދި އެކަމުން ސަލާމަތް ނުވެވިފައިވާ އެއް ތަނެވެ. އެ ކުުންފުނިން ހިންގާ އެކި މުއާމަލާތްތަކާ ގުޅޭ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ން ހިންގާ އެކިއެކި ތަހުގީގު ތަކުން އަންނަނީ އެފަދަ ކަންކަން ފަޅާއަރަމުންނެވެ.

އޭގެ ތެރެއިން އެމްއާރުޑީސީން ހިންގި އެންމެ ބޮޑު އެއް ޚިޔާނާތަކީ، މައުލޫމާތު ހުރި ބައެއް މީހުންގެ ނަޒަރުގައި، މީގެ ތިން އަހަރު ކުރިން ޑިސެމްބަރު 25، 2014 ގައި، އެ ކުންފުންޏަށް ބޭނުންވާ 5000 މެޓްރިކް ޓަނުގެ ސިމެންތި ސަޕްލައި ކުރަން ރާއްޖޭގެ ރެއިޒް ކްރައުން ޕްރޮޑަކްޝަން ޕްރައިވެޓް ލިމިޓެޑް ކިޔާ އަމިއްލަ ބަޔަކާ ހަވާލުކޮށް ހިންގި މުއާމަލާތެވެ. އެ އެއްބަސްވުން ހެދީ އަހަރު ދުވަހަށް ކަމުގައި ވިޔަސް، އޯޑަރު ކުރާތާ 20 ދުވަހުގެ ތެރޭގައި 5000 މެޓްރިކް ޓަނުގެ ސިމެންތި އެމްއާރުޑީސީ އަށް ސަޕްލައިކޮށްދޭން ޖެހޭނެ ކަމަށް އޭގައި ވެ އެވެ.

ގާތްގަނޑަކަށް 10 މިލިއަން ރުފިޔާގެ އެ މައްސަލަ ރައްޔިތުންނާ ހަމައަށް ފެންމަތިވުމާ އެކު، އޭރު އެމްއާރުޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އިބްރާހިމް ނަޒީމް މަގާމުން ވަކިކުރި އެވެ. އަދި ނަޒީމްގެ މައްޗަށް ދައުވާ ކުރަން އޭސީސީން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް ވެސް ފޮނުވި އެވެ. އެކަމަކު އެ ޚިޔާނާތަކީ ނަޒީމް އަމިއްލަ އަށް ހިންގެވި ޚިޔާނާތެއް ނޫން ކަމަށާއި އެ މައްސަލައިގައި ނަޒީމްގެ މައްޗަށް ދައުވާ ކުރަން ކޯޓަށް ފޮނުވެން ނެތް ކަމަށް ބުނެ މައްސަލަ ވަނީ އަނބުރާ ފޮނުވާލައިފަ އެވެ.

އެމްއާރުޑީސީގެ ޚިޔާނާތުގެ އެ މައްސަލަ އުފެދޭ ހިސާބަކީ މި އެވެ. ސިމެންތި ސަޕްލައި ކުރުމަށް ރެއިޒް ކްރައުން ކުންފުނިން އެއްބަސްވި މުއްދަތު ފަހަނައަޅައި ދިޔަ ފަހުން އެމްއާރުޑީސީ އަށް 5000 ޓަނުގެ ސިމެންތި ސަޕްލައި ކޮށްދިނުމެވެ. އަދި، އެއްބަސްވުމާ ޚިލާފުވި އިރު ވެސް ސިމެންތި ސަޕްލައިކޮށް ދިނުމުގެ މުއްދަތު އިތުރުކޮށްދިނުމެވެ. އޭގެ އިތުރުން، 5000 ޓަނުގެ ސިމެންތި ސަޕްލައި ކޮށްދިނުމަށް ޚަރަދުވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އެއްބަސްވުމާ ޚިލާފަށް އެޑްވާންސްގެ ގޮތުގައި އެމްއާރުޑީސީން އެ ކުންފުންޏަށް ދިނުމެވެ. އެއްބަސްވުމުގައި އޮންނަނީ ފައިސާ ދޭން ޖެހޭނީ ސިމެންތި ސަޕްލައި ކޮށްދިނުމުން ކަމަށެވެ.

މީގެ އިތުރުން 5000 މެޓްރިކް ޓަނުގެ ސިމެންތިން އެއްވެސް މުއާމަލާތެއް ނުކުރަން އެމްއާރުޑީސީގެ މައްޗަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ވެސް ވަނީ ޚިލާފުވެފަ އެވެ. އެމްއާރުޑީސީން ރެއިޒް ކްރައުނާ އެކު ކުރި މުއާމަލާތްތަކުގެ ލިޔެކިޔުންތަކުގެ ކޮޕީތަކެއް ވަނީ "މިހާރު" އަށް ލިބިފަ އެވެ. އޭގެ ތެރޭގައި ކޯޓު އަމުރާއި ފުލުހުންގެ ސިޓީ އާއި އޭސީސީގެ ލަފާ ފަދަ ލިޔެކިޔުންތައް ވެސް ހިމެނެ އެވެ.

ބިދޭސީއަކު ސިމެންތި ގާތަކެއް އަތުން ހިފައިގެން ކޮންސްޓްރަކްޝަން ސައިޓަކަށް ވަންނަނީ. - ފޮޓޯ: މިހާރު

ހުރިހާ ފައިދާއެއް ރެއިޒް ކްރައުނަށް

އެމްއާރުޑީސީ އަށް ބޭނުންވާ ސިމެންތި ހޯދުމަށް އޮކްޓޫބަރު، 29، 2014 ގައި އިއުލާން ކުރުމުން ބިޑް ހުށަހެޅީ ރެއިޒް ކްރައުނާއި ނަލަ ހިޔާ ޓްރޭޑިން ޕްރައިވެޓް ލިމިޓެޑުން އެކަންޏެވެ.

5000 ޓަނުގެ ސިމެންތި ސަޕްލައި ކޮށްދިނުމަށް ޚަރަދުވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އެއްބަސްވުމާ ޚިލާފަށް އެމްއާރުޑީސީން ރެއިޒް ކްރައުނަށް ދިން

ސިމެންތި ބަސްތާއެއް 97.84ރ.ގެ ރޭޓުން ބިޑް ހުށަހެޅުމަށް ފަހު އަދި ކޮންޓްރެކްޓް އެވޯޑު ކުރުމުގެ ކުރިން ރެއިޒް ކްރައުނުން ވަނީ، މާލޭގެ ބާޒާރުން އޭރު 110ރ. އަށް ލިބެން ހުރި ސިމެންތި ބަސްތާއެއް 94.89ރ. އަށް ދޭނެ ކަމަށް ބުނެ އެމްއާރްޑީސީ އަށް ސިޓީއެއް ފޮނުވައިފަ އެވެ. އެ މިންވަރަށް އަގު ކުޑަކުރުމުން ކޮންމެ ބަސްތާއަކުން 12ރ. އެމްއާރްޑީސީ އަށް ފައިދާ ވާނެ އެވެ. ނަމަވެސް ކޮންޓްރެކްޓް އެވޯޑް ކުރުމުން ވެސް، މެއިލްގައި ބުނި އަގަށް ސިމެންތި ބަސްތާއެއްގެ އަގު ކުޑައެއް ނުކުރެ އެވެ.

ނަޒީމް (ވ) އޭނާ މިހާރު ހުންނެވީ ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް -- ފޮޓޯ: ހައުސިން މިނިސްޓްރީ

ސިމެންތި ސަޕްލައި ކުރުމުގެ މަސައްކަތް ރެއިޒް ކްރައުނާ ހަވާލުކުރުމުން، ނަލަ ހިޔާ އަށް ލިބުނީ ކުއްލި "ސިހުމެކެވެ." އެ ކުންފުނިން އެމްއާރްޑީސީ އަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ސިމެންތި ސަޕްލައި ކޮށްދިނުމަށް އެދި އެ ކުންފުނިން ކުރި ޓެކްނިކަލް ބިޑް ނޮވެމްބަރު 25 ގައި ބަލައިނުގަތުމާ ގުޅިގެން ވަރަށް ބޮޑަށް ހައިރާންވި ކަމަށާއި ބިޑް ބަލައިނުގަތް ސަބަބު އެނގެން ބޭނުންވާ ކަމަށެވެ. އެކަމަކު އެ ސިޓީގެ ޖަވާބު އެމްއާރުޑީސީން ދިން ކަން ލިޔެކިޔުންތަކުން އެނގޭކަށް ނެތެވެ.

އެމްއާރުޑީސީން އެ މަސައްކަތް ރެއިިޒް ކްރައުނާ ހަވާލުކުރީ، ސިމެންތި ބަސްތާއެއް 94.89ރ.ގެ ރޭޓުން ސަޕްލައިކޮށް ދިނުމަށެވެ. އެހެންކަމުން 5،000 ޓަނުގެ ސިމެންތީގެ އަގު ޖީއެސްޓީއާ ނުލައި، 9.4 މިލިއަން ރުފިޔާއަށް އަރަ އެވެ. އެއްބަސްވުމުގައި އެމްއާރުޑީސީން ސޮއިކުރެއްވީ ނަޒީމްގެ އިތުރުން އޭރުގެ ޗެއާމަން މުހައްމަދު ރިޔާޒް، ޑިރެކްޓަރު މުހައްމަދު އަލި ދީދީ އަދި ކޮމްޕެނީ ސެކްރެޓަރީ އައިޝަތު ޝަރާ އަބްދުލްރަހްމާން އެވެ.

މީގެ ތެރެއިން ރިޔާޒް ވަނީ މި މުއާމަލާތް ހިންގިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، އެމްއާރްޑީސީގެ ޗެއާމަން ކަމުން އަމިއްލަ އަށް އިސްތިއުފާ ދެއްވައިފަ އެވެ.

އެއްބަސްވުމުގައިވާ ގޮތުން އޯޑަރު ދޭތާ 20 ދުވަހުގެ ތެރޭގައި ސިމެންތި ސަޕްލައި ކޮށްދޭން ޖެހެ އެވެ. ނަމަވެސް އެޑްވާންސަށް 10 މިލިއަން ރުފިޔާ ދިނުމުން ވެސް، މުއްދަތު ހަމަވިތާ ހަ މަސްދުވަސް ވީ އިރު ވެސް ސިމެންތި ސަޕްލައިކޮށެއް ނުދެ އެވެ.

5000 ޓަނުގެ ސިމެންތި އެމްއާރުޑީސީއަށް 20 ދުވަހުގެ ތެރޭގައި ސަޕްލައިކޮށް ދިނުމަށް ރެއިޒްކްރައުނުން އެއްބަސްވި. އެކަމަކު، ސިމެންތި ސަޕްލައިކޮށްދެވުނީ މުއްދަތު ހަމަވިތާ ހަ މަސް ފަހުން.

ރެއިޒް ކްރައުނުން ދެ ސިޓީއެއް ފޮނުވައި ސިމެންތި ޝިޕްމަންޓް ލަސްވާނެ ކަން އެމްއާރުޑީސީ އަށް އެންގި އެވެ. ފެބްރުއަރީ 26، 2015 ގައި ފޮނުވި ފުރަތަމަ ސިޓީގައި ވަނީ ޗައިނާގެ އާ އަހަރަށް ބަނދަރުތައް ބަންދު ކުރުމުގެ ސަބަބުން ސިމެންތި ގެނައުން ލަސްވަނީ ކަމަށެވެ. ބަނދަރުގެ "ޓްރެފިކަށް" ބަލާފައި ވިއެޓްނާމްގެ ބަނދަރުން ބޯޓަށް ފުރޭނީ ފެބްރުއަރީ 28 ގެ ފަހުން ކަމަށް ބުނެފައިވެ އެވެ. އަދި ބޯޓު ތިލަފުއްޓަށް ކައިރި ކުރެވޭނީ މާޗް 15 ގައި ކަމަށް އެންގި އެވެ. ތިލަފުށީގައި ހުރި އެމްއާރުޑީސީގެ ސައިޓަށް ސިމެންތި ގެންދެވޭނީ މާޗް 22 ގައި ކަމަށް ވެސް ސިޓީގައިވެ އެވެ.

ނަމަވެސް ސިމެންތި ފޯރުކޮށްދޭނެ ކަމަށް ބުނި ތާރީޚުގައި ރެއިޒް ކްރައުނުން އެމްއާރްޑީސީ އަށް ދެ ވަނަ ސިޓީއެއް ފޮނުވައި، އެދުނީ ސިމެންތި ސަޕްލައި ކުރުމުގެ މުއްދަތު އިތުރުކޮށް ދިނުމަށެވެ. މިފަހަރު ސަބަބެއް ކަމަށް ބުނެފައިވަނީ ވިއެޓްނާމްގެ ބަނދަރުގައި ޓްރެފިކް ބޮޑުވެ، ބޯޓަށް ސިމެންތި ބަރުކުރުން ލަސްވުމެވެ.

މި ފަހަރު ސިމެންތި ބަރުކޮށްގެން މާޗް 31 ގައި ރާއްޖެ އަށް ފުރޭނެ ކަމަށާއި ބޯޓަށް ރާއްޖެ އާދެވޭނީ އޭޕްރީލް 23 ގައި ކަމަށާއި ތިލަފުށީ ސައިޓަށް ސިމެންތި ގެނެވޭނީ އޭޕްރީލް 30 ގައި ކަމަށް ވެސް ސިޓީގައިވެ އެވެ. ސިމެންތި ގެނައުމުގައި ލަސްތަކެއް ދިމާވެފައިވާތީ އެކަމަށް މައާފަށް އެދި، "ކަންކަން ހަމަޖައްސައި ދިނުމަށް" އެ ކުންފުނިން ވަނީ އެމްއާރްޑީސީގައި އެދިފަ އެވެ.

5000 ޓަނުގެ ސިމެންތިން އެއްވެސް މުއާމަލާތެއް ނުކުރުމަށް ކްރިމިނަލް ކޯޓުން އެމްއާރުޑީސީއަށް އަމުރު ކުރި. އަދި ތަހުގީގަށް ބޭނުންވާ ލިޔުންތައް ހޯދަން ފުލުހުން އެމްއާރުޑީސީއަށް އެންގި.

ސިމެންތީގެ އެއްވެސް މުއާމަލާތެއް ނުކުރަން ކޯޓުން އަމުރު ކުރި!

އެމްއާރުޑީސީ އަށް ރެއިޒް ކްރައުނުން ގަނެފައިވާ 5000 ޓަނުގެ ސިމެންތިން އެއްވެސް މުއާމަލާތެއް ނުކުރުމަށް އޮގަސްޓް، 24، 2015 ގައި ކްރިމިނަލް ކޯޓުން އެމްއާރުޑީސީ އަށް އަމުރުކޮށްފައި ވެ އެވެ. އެހެންވެ، ފުލުހުން ވަނީ އެމްއާރްޑީސީގެ އޭރުގެ އެމްޑީ ނަޒީމަށް ސިޓީއެއް ފޮނުވައި، ސިމެންތި ބޭނުންކުރި މިންވަރާއި ބާކީ ހުރި މިންވަރު އޮޅުންފިލުވައިދިނުމަށް އެދިފަ އެވެ. އަދި ސިމެންތި ގަތުމުގެ މުއާމަލާތުގެ ލިޔެކިޔުންތަކުގެ ކޮޕީ ބޭނުންވާ ކަމަށް ބުނެފައިވެ އެވެ.

ކޯޓު އަމުރުގައި ވަނީ މެލޭޝިއާގެ ޕަވަ ޓްރޭޑް ސިންދްރަމް (ޕަވާ ޓްރޭޑް) އިން ރެއިޒް ކްރައުނަށް ފޮނުވި 5،000 މެޓްރިކް ޓަނުގެ ސިމެންތީގެ ބިލް އޮފް ލޭޑިންގެ އަސްލު، އެ މުދާތައް ރާއްޖެ އެތެރެކުރި އެޖެންޓް ކަމަށްވާ އެޕޯލޯ ހޯލްޑިންއާ ހަވާލުކުރުމަކާ ނުލައި އެ ކުންފުންޏަށް އޮޅުވާލައިގެން ރެއިޒް ކްރައުނުން އެ މުދާ ގެންގޮސް އެމްއާރުޑީސީ އަށް ވިއްކި ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ.

އެއްބަސްވުން އާ ނުކުރަން ނިންމި، ފަހުން ނިންމުން ބަދަލުކުރި

އެއް އަހަރަށް ސިމެންތި ސަޕްލައި ކޮށްދިނުމަށް ރެއިޒް ކްރައުނާ އެކު ވި އެއް އަހަރުގެ އެއްބަސްވުން ހަމަވުމާ ގުޅިގެން އެއްބަސްވުން އާކޮށް ދިނުމަށް އެދި އެ ކުންފުނިން އެމްއާރުޑީސީއަށް ސިޓީ ފޮނުވާފައިވެ އެވެ. އެކަމަކު ކުރީ އެއްބަސްވުމުގައިވާ ގޮތުން މުއްދަތު އިތުރުކޮށް ދެވެން އަންނަނީ އެ މުއްދަތުގެ ތެރޭގައި އެއްވެސް މައްސަލައެއް ދިމާފައި ނުވާ ނަމަ އެވެ. މުއްދަތު އިތުރުކޮށްދެވޭނީ ގިނަވެގެން ހަތަރު އަހަރަށެވެ.

ރެއިޒް ކްރައުންގެ ސިޓީއާ ގުޅިގެން އެ ކުންފުނީގެ މަސައްކަތަށް ބެލުމަށް ފަހު، ރަނގަޅު ކަމަށް ނުފެންނާތީ އެގްރީމަންޓް އާކުރަން ނުފެންނަ ކަމަށް މެއި، 9، 2016 ގައި ބޭއްވި ބޯޑުގެ ބައްދަލުވުމުގައި އެމްއާރުޑީސީން ނިންމި އެވެ. އަދި ސިމެންތި ގަތުމަށް އާ އިއުލާނެއް ކުރުމަށް ވެސް ބޯޑުން ނިންމި އެވެ. ނަމަވެސް ލީގަލް ޓީމުގެ ލަފާގެ މަތިން ރެއިޒް ކްރައުނާ އެކު އަލުން އާ އެއްބަސްވުމަކަށް ދިއުމަށް މެއި، 30، 2016 ގައި ބޭއްވި ބޯޑު ބައްދަލުވުމުގައި ނިންމި އެވެ. ލީގަލް ޓީމުން ހަމައެކަނި އެންގީ ރެއިޒް ކްރައުން އަދި އެމްއާރުޑީސީއާ ދެމެދު އެއްވެސް ޑިސްޕިއުޓެއް ނެތް ކަމާއި އިތުރު ޕޮއިންޓުތައް ހިމަނައިގެން ރެއިޒް ކްރައުންއާ އެކު އެއްބަސްވުމަކަށް ދިއުމަށެވެ.

މިފަހަރު އެއްބަސްވުމަށް އިތުރު ކުރި ކަންތައްތަކުގެ ތެރޭގައި ރެއިޒް ކްރައުން އިން ސިމެންތި ވިއްކުމަށް ހުށަހަޅާ އަގަކީ ފްލޯޓިން އަގެއް ކަމަށް ވުމާއި ރެއިޒް ކްރައުން އިން ސިމެންތި ސަޕްލައި ކުރުމުގައި ޑިލޭވާ ނަމަ، އިތުރު މުއާމަލާތަކާ ނުލައި އެމްއާރުޑީސީން ބޭނުންވެއްޖެ ހިނދެއްގައި އެހެން ސަޕްލަޔަރުންގެ އަތުން ސިމެންތި ގަނެވޭނެ ކަމާއި ރެއިޒް ކްރައުން އިން ހުށަހަޅާ އަގަކީ ރާއްޖޭގެ މާކެޓްގައި ސިމެންތި ލިބެން ހުރި އަގަށް ވުރެ އެކަށީގެންވާ ކުޑަ އަގަކަށް ވުމާއި މާކެޓް އަގަށް އަންނަ ބަދަލު މޮނިޓާ ކުރުމަށް ދެ ފަރާތުގެ މަންދޫބުން ހިމެނޭ ކޮމެޓީއެއް އެކުލަވާލުން ހިމެނެ އެވެ.

ރެއިޒް ކްރައުން އަތުން ގަންނަ ސިމެންތިން ގެއްލުން!

އެމްއާރުޑީސީގެ ބޯޑު ބައްދަލުވުމެއް އޮގަސްޓް، 10، 2016 ގައި ބާއްވައި، ރެއިޒް ކްރައުންގެ އަތުން ސިމެންތި ގަތުމުގެ ސަބަބުން ކުންފުންޏަށް ގެއްލުންވަމުންދާ ކަން ބޯޑުގެ މެމްބަރުން ފާހަގަކުރެއްވި އެވެ. އަދި އެ ކުންފުނީގެ އަތުން އެމްއާރުޑީސީން ގަންނަ ސިމެންތިއާ ގުޅޭ ގޮތުން ތައްޔާރުކޮށްފައިވާ އެސެސްމަންޓް ރިޕޯޓެއް ހުށަހެޅި އެވެ. މި ރިޕޯޓުގައި ސިމެންތިއަށް ކުރާ ހަރަދުތަކުގެ ތަފްސީލް ހިމަނާފައިވެ އެވެ.

ހަމައެއާ އެކު، ކ. ތިލަފުށިން އެމްއާރުޑީސީގެ ޕްރޮޑަކްޝަން ސައިޓާ ހަމައަށް ގެނައުމުގެ ޖުމްލަ ހަރަދުގެ ކޮމްޕެރިސަނަށް އަލިއަޅުވާލި އެވެ. އެގޮތުން ކޮންމެ ސިމެންތި ބަސްތާއަކަށް އިތުރަށް 16ރ. ޖެހޭ ކަމާއި ގަނޑުވެފައި ހުރި ސިމެންތި ބަސްތާގެ އަދަދު 1000 އަށް ވުރެ މަތި ކަމަށް ރިޕޯޓުގައި ފާހަގަކުރި އެވެ. މި ރޭޓުގައި ސިމެންތި ގަނެގެން ޕްރޮޑަކްޝަން ކުރިއަށް ގެންދަން ވަރަށް ދަތިވާނެ ކަމަށާއި މައްސަލަ ދިމާވަނީ ސިމެންތި ބަސްތާއަކަށް 111ރ. ޖެހޭއިރު، ބަލްކްކޮށް ސިމެންތި ގެނަޔަސް، ހުރިހާ ހަރަދަކާ އެކު ސިމެންތި ބަސްތާއަކަށް 115ރ. ޖެހޭތީ ކަމަށް ރިޕޯޓުގައިވެ އެވެ.

އެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި 94ރ. އަށް ލިބޭ ސިމެންތި ބަސްތާއެއް ތިލަފުށިން މާލޭ ޕްރޮޑަކްޝަނާ ހަމައަށް ގެނެވޭއިރު 115ރ. އަށް އަރަ އެވެ. މާކެޓްގައި ސިމެންތި ވިއްކާ ފަރާތްތަކުގެ އަތުން އެމްއާރުޑީސީއަށް 111ރ. އަށް ސިމެންތި ބަސްތާއެއް ލިބެ އެވެ. އަދި ނަލަހިޔާ އިން 103ރ. އަށް ވެސް ސިމެންތި ބަސްތާއެއް ލިބިފައިވާ ކަން ރިޕޯޓުގައިވެ އެވެ. އެހެންވެ، އިތުރަށް ހަރަދު ކުޑަކުރުމަށް އެސްޓީއޯއާ ބައްދަލު ކުރުމުން އެންމެ ކުޑަ އަގަކަށް 90ރ. ގެ ރޭޓުން ސައިޓަށް ސިމެންތި ފޯރުކޮށްދޭނެ ކަމަށް އެސްޓީއޯ އިން އެއްބަސްވެފައިވާ ކަމަށް ބޯޑު މެމްބަރަކު ވިދާޅުވި އެވެ. އަދި ރެއިޒް ކްރައުނާ އެކު ވެފައިވާ އެގްރީމަންޓާ ގުޅޭ ގޮތުން ލީގަލް އޮޕީނިއަންއެއް ހޯދުމަށް ނިންމި އެވެ. ނަމަވެސް، އޭގެ ފަހުން އެގްރީމަންޓާ ގުޅޭ ގޮތުން ހޯދި ލީގަލް އޮޕީނިއަންއެއް އެނގޭކަށް ނެތެވެ.

އޭސީސީން ބުނީ ރެއިޒް ކްރައުނާ އެކު އެމްއާރުޑީސީން ހިންގި މުއާމަލާތުގައި އެމްއާރުޑީސީން ގެއްލުންވި ފައިސާ ހޯދަން އެ ކުންފުންޏަށް މިދިޔަ މަހު އަންގާފައިވާ ކަމަށެވެ. އެކަމަކު އޭގެ ފަހުން އެމްއާރުޑީސީން އޭސީސީ އަށް ވަކި ޖަވާބެއް ނުދެ އެވެ.

އެމްއާރުޑީސީއަކީ މަގު ހެދުމާއި ފުޓްސަލް ދަނޑު އެޅުމާއި ރަށްރަށުގައި ޖެޓީ ހެދުން ފަދަ، ތަރައްގީގެ މަޝްރޫއުތައް ރާއްޖޭގެ އެކި ރަށްރަށުގައި ހިނގަމުން އަންނަ ކުންފުންޏެކެވެ. އެ މަޝްރޫއުތައް ހިންގާ އިރު ހިޔާނާތަށް މަގުފަހިވާ ފަދަ ނިންމުންތައް ނިންމާކަމުގެ ތުހުމަތު އެޅެ އެވެ. މިއީ އޭގެ ތެރެއިން އެންމެ މުއާމަލާތެއްގެ ތަފްސީލެވެ.

ކޮންމެ ފަހަރަކު، ކޮރަޕްޝަންގެ މައްސަލައެއް ތިލަވުމާ އެކު، އެތަނެއްގައި ތިބޭ ވެރިން ވަކިކުރުމަކީ އޮތް ހައްލެއް ނޫނެވެ. ހިޔާނާތެއްވާ ނަމަ، ދައުލަތަށް ގެއްލުނު ފައިސާ އަވަސް މުއްދަތެއްގެ ތެރޭގައި ހޯދެން ވެސް އެބަ ޖެހެ އެވެ. އެއީ ހަމަ ރައްޔިތުންގެ ފައިސާ އެވެ.

36 ކޮމެންޓް, 122 ރިއެކްޝަންސް

icon happy icon happy 3%
icon sad icon sad 6%
icon angry icon angry 91%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނަޒީމއ ސޯ

30 December 2017

އަޑުއިވޭ ގޮތުގައި ނަޒީމްގެ ކޮރަޕްޝަން ފަޅާއެރުމުން، މަތިން އައީ ކޮމާންޑް އޭނާއަށް ހައުސިންގެ ޑެޕިއުޓީ މިނިސްޓަރުކަން ދޭން. ތިޔަ ކަންތައްގަނޑު ހިނގަނީ ވަރަށް މަތިން ފަށައިގެން.

The name is already taken The name is available. Register?

ގަލާ

17 December 2017

ހަމަ ކޮންމެ ބައެއްެގެ ވެސް ހާލަތު. ފެންކުންފުނިވެސް ހަމަ ތިފަދަ. ބަލާ ބަލަ މާލެހިޔާ 2 ފުލެޓުތެރޭ ދަންވަރު މީހުންނަށް މިހާރު އެކުރާ ދަރި އުނދަގޫ.....

The name is already taken The name is available. Register?

ސޯދު

16 December 2017

ދެން އަތުގެ ހުޅު ނެއްޓެން ދެން ކަށިން ވަރު ނެރެ ބާރައް އަތްޖަހާ. ހުރިހާ ދިމާލެއްގަ ކޮރަޕްޝަން.

The name is already taken The name is available. Register?

ސުޖާ

15 December 2017

ހުސޭނުބެ ނަމުގަ ކޮމެއްޓުކުރި ފާރާތައް ދައްނަވަން ސިންގަފޫރުގަ ވެސް ކޮރަފުސަން މިވަރުބޮޑުތަ؟ ގައިމު ހުނޅަގު ޔޫރަފުގެ ޖަރުމަން، އޮސްޓުއާ ޒުއިޒަލެންފަދަ ގައުމުތަކުގަ ކޮރަފުސަން ވަރައްމަދު އެކަހަލަ ކަމެއް ފެންމަތި ވެއްޖެއާ ވަކިމީހަކައް ނުބަލަ އަދަބުލިބޭ

The name is already taken The name is available. Register?

އޮޑި

14 December 2017

ބޮޑުސޯބު އެނބުރޭގޮތް ބަލައިގެން އެހެންސޯބުތައް އެނބުރެނީ

The name is already taken The name is available. Register?

ޢާދަނު

14 December 2017

ރެއިސްކުރައުން އަކީ އެމްއާރުޑީސީގެ އޭރުގެ ޗެއާމަން ރިޔާޒުގެ ހިއްސާ އޮންނަ ކުންފުންޔެކޭވެސް ކިޔާ.

The name is already taken The name is available. Register?

ލޯބިހޯދާ

14 December 2017

މިސަރުކާރަށް ވޯޓު ދެވިދާނެ އޮތީ ދެކަމެއް ކޮށްދީގެން. ފުރަތަމަ ކަމަކީ ކޮރަޕްޝަން ފްރީ ތަނަކަށް މިޤައުމު ހަދާނެ ކަމުގެ ޔަޤީންކަން ބާކީ އޮތް ދުވަސްތަކުގައި ދެއްކުން. ދެވަނަ ކަމަކީ މާލޭގެ ރަށްވެހިންނަށް އަޅުވެތި ވެގެން މިއުޅޭ އުޅުމުން މިންޖު ކުރުން. ބޮޑު ކުލިދެއްކުމާއި އެކު ބިންވެރިން ހިތުހުރި ގޮތަކަށް ކުލިދައްކައިގެން އުޅޭ ނިކަމެތި އަހަރުމެންނާއި މެދު އަމަލު ކުރާއިރު ޤާނޫނެއް ވެސް ކުޑަމިނުން ހަދާލަން ކީއްވާނީ އަހަރުމެންގެ ހައްޤުތަށް ހިމާޔަތް ކުރަން.ބުނިހާގޮތެއް ހަދައިފަ ބުނިހާ ވަރަކަށް އެޑްވާންސް ދީފަ ނުކުންނަމުން ތަން އަނުކޮށް ނުކުމެއްޖެއްޔާ ޑިޕޮސިޓް ގެއްލޭ.ވަދެފަ މަޑުނުވެ ފަންކާ، ފެން އިސްކުރު، ބޮކިތަށް ގޭސް އުނދުން ނަން ހުސްކޮށް ހުރިހާ އެއްޗެއް ބަދަލު ކޮށްފަ ދަމުންވެސް މިތަކެތި އާކޮށްދިނުން މީ އުސޫލެއްތަ

The name is already taken The name is available. Register?

އައްޑޫ ރަދުން

14 December 2017

ރަނގަޅަށް ވެއްޖެއިޔާ ތިބުނާ 1000 ކޮތަޅު ގަނޑު ސިމެންތި އެތެރެކުރި ރެއިޒް ކްރައުން ކުންފުނި އިކޮނޮމިކް މިނިސްޓްރީގަ ރަޖިސްޓްރީ ކުރުމާ ސިމެންތިއަށް ބިޑުކުރުމާ އެގްރީމެންޓުގާ ސޮއެކުރުމާ އެޑްވާންސަށް 10 މިލިއަން ހަވާލުކުރުމަށް ނަގާނީ 48 ގަޑި...

The name is already taken The name is available. Register?

އެޑްމުންޑޯ

14 December 2017

ތީގެ މުއާމަލާތްތަކެއް ލަސްވެފައިވާކަން އެގިގެންދަނީ ، ތިކަމުގެ ސަބަބުން ދައުލަތަށް ނުވަތަ ކުންފުންޏަށް ލިބުނު މާލީ ގެއްލުމަކީ ކޮބާ ، ނުވަތަ ތިތަނުގެ ވެރިން ނަހަމަގޮތުގައި އެފައިސާ ބޭނުންކޮއްފައެއްވެސް ނެތް ، ލަހުންވިއަސް ސިމެންތިވަނީ ލިބިފައި ،

The name is already taken The name is available. Register?

ޢަދަނު

14 December 2017

ޢެގްރިމެންޓްގަ އޮންނާނެ މުދާލިބުން ލަސްވެއްޖެނަމަ ފައިން ނަގަން އަދި އެޑްވާންސްކޮށް ފައިސާދިނުމަކީ މާލިއްޔަތު ގާނޫނާޢި ކުންފުނީގެ ގަވައިދު ތަންދޭ ކަމެއްނޫން

The name is already taken The name is available. Register?

ޖޯޖް

14 December 2017

ކަލޭ މިހަބަރު ނުކިޔަމު ދޯ ބަލަގަ އެއޮތީ އެމީހުން އަތުން ސިމެންތި ބަސްތާއެއް ލިބެނީ ޖުމްލަކޮއް 115 ރ އަށޭ އެއސޓީއޯއިން ނަލަހިޔާއިން އެއަށްވުރެ ޑަ އަގުގައި ސަޕްލައި ކުރާ ވާހަކަ ސަރުކާރައް ސަނާ ކިއުމުގައި ތިމީހުން ނެތިވެގެން ވެސްދާނީ

The name is already taken The name is available. Register?

ބޮޑުމާމަ

15 December 2017

ދަހިވެތި ކަމުގަ ކޮނޑުއޮތް ފުރޯ ވަލުން ހޯދަން ު އުޅެ ދަރިން ތަކެއް މިނޫނީ ނުދެކެން. އެފަހަރުން ވިއްޔަ މުއްސަދިވާ އުޅެނީ. އަދި ވެސް ފުރަތަމަ ނަޒާހަތް ތެރިކަން ރައްޔިތުންނަ ދަކާ ވެރިން އިސްލާހުނުވެ

The name is already taken The name is available. Register?

ހާސަރު

14 December 2017

ތިޔައީ އެންމެ ކަމެއްގެ ހަގީގަތް! އަދި ހައުސިންގ މިނިސްޓްރީން ގަނެފަ ހުރި ގަނޑުތައް އެގިއްޖެ ނަމަ ބަޔަކު ހައިރާންވެ އަންތަރީސް ވާނެ! އަދި ވަރަށް ބާރަށް އަތްޖަހާނެ! މިދިޔަ އަހަރުވެސް ހައުސިން މިނިސްޓްރީން ކޮށްފާ ހުރި ކަންތައް ބަލަން އޮޑިޓްއޮފީހުން އަންގާ އަންގާވެސް ހަމަ ނުދެއްކި! ފިސާރި ކަންތައްކޮށްފަހުރީމަތާ!!! މުޅި ސަރުކާރުގަ މިއޮތީ ކަރަޕްޝަންް ބޮޑުވައިރަހެއް ހެންފެތުރިފަ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454