މުވައްޒަފުންގެ ހައްގުތަކަށް އިހުމާލުވުން، އަދިވެސް އާންމު ކަމެއް

ވަޒީފާއާ ބެހޭ ގާނޫނު އޮންނަނީ ވަޒީފާ ދޭ ފަރާތާއި ވަޒީފާ އަދާކުރާ މުވައްޒަފުންގެ ހައްގުތައް ހިމާޔަތްކުރާށެވެ. ދެ ފަރާތުގެ ހައްގުތަކާއި ޒިންމާތައް ބަޔާންކޮށް، އެއްވެސް ތަފާތު ކުރުމެއް ނެތި މުވައްޒަފުންނާ މެދު އަމަލު ކުރަން އެ ގާނޫނު ބާރު އަޅަ އެވެ. އެ ގާނޫނުން އިސްތިސްނާ ކޮށްފައިވާ ދާއިރާތައް ފިޔަވައި، އެހެން ހުރިހާ ދާއިރާތަކަށް އެ ގާނޫނުގެ އުސޫލުތައް ހިނގާނެ އެވެ. ދައުލަތުގެ އިިދާރާތަކާއި ޕްރައިވެޓް ސެކްޓާ ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.


އެ ގާނޫނަށް އަމަލު ކުރާތާ މިހާރު އަށް އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. އެކަމަކު ގާނޫނުން ފަހިކޮށްދޭ ހައްގުތައް ހަމަހަމަކަމާ އެކު ލިބެމުންދޭތޯ މިއީ އުފެދޭ ސުވާލެކެވެ. ޚާއްސަކޮށް މުވައްޒަފުންނަށް ލިބެން ޖެހޭ ހައްގުތައް ފުރިހަމަ އަށް ލިބޭ ކަމަކަށް ނުފެނެ އެވެ. ސަބަބަކީ ގާނޫނުގައި ސާފުކޮށް ބަޔާން ކޮށްފައި ހުރި ހައްގުތައް މުވައްޒަފުންނަށް ނުދިނުން ނުވަތަ ހަނިކުރުން އަދިވެސް އާންމުކަމުންނެވެ. ބައެއް މިސާލުތައް ފާހަގަކޮށްލާނަމެވެ.

އަހަރަކު 30 ދުވަހު ސަލާމް ބުނުމަކީ ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން ކޮންމެ މުވައްޒަފަކަށް ވެސް ލިބިގެންވާ ހައްގެކެވެ. އެކަމަކު އެ ހައްގު ބޭނުންކޮށް، ސަލާމް ބުނުމުން މުވައްޒަފުގެ މުސާރަ ނުވަތަ އިނާޔަތްތަކުން އެދުވަހަށް ޖެހޭ ފައިސާ އުނިކުރާ އޮފީސްތައް އެބަ ހުއްޓެވެ. މުވައްޒަފަކު ސަލާމް ބުންޏަސް، އޭނާގެ މުސާރަ އާއި އިނާޔަތުން އެއްވެސް ފައިސާއެއް އުނިނުކުރެވޭނެ ކަމަށް ހައި ކޯޓުގެ ހުކުމެއްގައި ސާފު އިބާރާތުން ވަނީ ކަނޑައަޅާފަ އެވެ.

ވަޒީފާއާ ބެހޭ ގާނޫނުގެ 42 ވަނަ މާއްދާ ބުނާ ގޮތުން ސަލާމް ބުނާ މުވައްޒަފުން މެޑިކަލް ސެޓްފިކެޓް ހުށަހަޅަން ޖެހޭނީ ޖެހިޖެހިގެން ދެ ދުވަހަށް ވުރެ ގިނައިން ސަލާމުގައި ހުންނަ ނަމަ އެވެ. މާނައަކީ ދެ ދުވަހު ނުވަތަ އެއަށް ވުރެ މަދުން ސަލާމް ބުންޏަސް މެޑިކަލް ސެޓްފިކެޓް ހުށަހަޅަން ލާޒިމެއް ނުކުރެވޭނެ އެވެ. އެކަމަކު މި މާއްދާއާ ޚިލާފަށް ވެސް ބައެއް ތަންތަނުން އަމަލުކުރެ އެވެ.

އެންމެ ދުވަހަކު ސަލާމް ބުންޏަސް، މެޑިކަލް ސެޓްފިކެޓް ހުށަހަޅަން ބައެއް އޮފީސްތަކުން މުވައްޒަފުންނަށް އަންގަ އެވެ. އަދި ސަރުކާރު ބަންދު ދުވަސްތަކުގެ ކުރިއަށް ނުވަތަ ފަހަތަށް އޮންނަ ދުވަހު ސަލާމް ބުނެފި ނަމަ މެޑިކަލް ސެޓްފިކެޓް ހުށަހަޅަން ވެސް ބައެއް ތަންތަނުން އަންގަ އެވެ. މެޑިކަލް ސެޓްފިކެޓް ހުށަނާޅައިފި ނަމަ، އެއީ ހާޒިރުނުވާ ދުވަހެއްގެ ގޮތުގައި ބަލައި އެ މުވައްޒަފުގެ މުސާރައިން ފައިސާ އުނިކުރެ އެވެ.

ރޯދަ މަހުގެ އިނާޔަތުގެ ގޮތުގައި ކޮންމެ ރޯދަ މަހެއް ފެށުމުގެ ކުރިން ކޮންމެ ދިވެހި މުވައްޒަފަކަށް މަދުވެގެން 3،000ރ. ދިނުން ގާނޫނުން ލާޒިމް ކުރެ އެވެ. އެކަމަކު ބައެއް ތަންތަނުން އެކަން ވެސް ކުރަނީ ހިތުހުރި ގޮތަކަށެވެ. ގާނޫނުގައި ކަނޑައަޅާފައިވާ މިންވަރަށް ވުރެ ކުޑަ އިނާޔަތެއް މުވައްޒަފުންނަށް ދޭއިރު، ރޯދަ މަސް ނިމެމުން ދަނިކޮށް ވެސް ބައެއް ތަންތަނުން އިނާޔަތް ދެ އެވެ.

މުސާރަ އާއި އިނާޔަތްތައް ލިބޭ ގޮތަށް އަހަރަކު 30 ދުވަހުގެ ޗުއްޓީއެއް ދިނުމަކީ ވަޒީފާއާ ގާނޫނުން ލިބޭ ހައްގެކެވެ. ނަމަވެސް އެ ހައްގުން މަހްރޫމްވާ މުވައްޒަފުން ވެސް މަދެއް ނޫނެވެ. ގާނޫނުގައި ބުނާ 30 ދުވަހުގެ ބަދަލުގައި އަހަރަކު 20 ވަރަކަށް ދުވަސް ނުވަތަ އެއަށް ވުރެ މަދުން ބައެއް އޮފީސްތަކުން ޗުއްޓީ ދެ އެވެ.

މިއީ ވަޒީފާއިން ވަކި ކުރުން ނުވަތަ ފިޔަވަޅު އެޅުމަށް ނުވާ ގޮތުން، މުވައްޒަފުން ހައްގުން މަހްރޫމް ކުރުމުގެ ބައެއް މިސާލުތަކެވެ. މީގެ އިތުރުން ގާނޫނުގައި ބުނާގޮތުގެ މަތިން، ވަޒީފާގެ ބަޔާން ނެތި މަސައްކަތް ކުރުވުމާއި ގާނޫނުގައި ބުނާގޮތަށް އިތުރު ގަޑީގެ ފައިސާ ނުދިނުމާއި ބަންދު ދުވަސްތަކުގައި މަސައްކަތް ކުރުވުމަކީ ވެސް ހިނގަމުންދާ ކަންކަމެވެ. ސަރުކާރުގެ އިދާރާތަކަށް ވުރެ، އަމިއްލަ އޮފީސްތަކާއި ވަޒީފާދޭ ތަންތަނުގައި މި މައްސަލަ ބޮޑެވެ.

ލޭބަ ރިލޭޝަން އޮތޯރިޓީގެ ޗެއާމަން ނާފިޒް --ފޮޓޯ/މިހާރު

މުވައްޒަފުންގެ ހައްގުތައް ގާނޫނުގައިވާ ގޮތުގެ މަތިން ލިބޭތޯ ބެލުމަށް އޮންނަ ލޭބާ ރިލޭޝަންސް އޮތޯރިޓީއަށް ވެސް މިފަދަ މައްސަލަތައް ދަނީ ފާހަގަވަމުންނެވެ. އެ އޮތޯރިޓީން މިހާތަނަށް ކުރި އިންސްޕެކްޝަންތަކުގައި 60 ޕަސެންޓަށް ވުރެ ގިނަ ތަންތަނުގައި ގާނޫނުގައިވާ ހައްގުތައް މުވައްޒަފުންނަށް ނުދޭ ކަން ވަނީ ފާހަގަވެފަ އެވެ. އެކަންކަން އިސްލާހު ކުރަން އެ އޮތޯރިޓީން ދަނީ ފުރުސަތު ދެމުންނެވެ. އެކަންކަން އިސްލާހު ނުކޮށްފި ނަމަ ގާނޫނުގައިވާ ގޮތުގެ މަތިން ދަނީ ޖޫރިމަނާ ވެސް ކުރަމުންނެވެ.

"ބައެއް ތަންތަނުން އެބަ ބުނޭ ގާނޫނުގައި އެހެން އޮންނަ ކަމެއް ނޭނގެއޭ. އެކަމަކު އެއީކީ އެކްސްކިއުޒެއް ނޫން. ދެން އަޅުގަނޑުމެން މިދެނީ އިތުރު ފުރުސަތެއް އެކަންކަން ރަނގަޅު ކުރަން. ރަނގަޅު ނުކޮށްފިއްޔާ ޖޫރިމަނާ ކުރާނެ. އެކަމަކު ބައެއް ޖޫރިމަނާތައް އެބަހުރި ނުދައްކާ ވެސް." ލޭބާ ރިލޭޝަންސް އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒް ވިދާޅުވި އެވެ.

ޖޫރިމަނާ ފައިސާ ނުދައްކާ ނަމަ ދައުލަތުގެ އެހެން އިދާރާތައް މެދުވެރިކޮށް ފިޔަވަޅު އެޅުމަށް ވެސް އެ އޮތޯރިޓީން ދަނީ މަޝްވަރާ ކުރަމުންނެވެ. އެގޮތުން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް ޖޫރިމަނާ ފައިސާ ނެގުމާއި ވިޔަފާރިތައް ރަޖިސްޓް ކުރާއިރު އެފަދަ ރެކޯޑެއް އެ ފަރާތެއްގެ އޮތްތޯ ބެލޭނެ ނިޒާމެއް ގާއިމް ކުރަން ވެސް ދަނީ މަސައްކަތް ކުރަމުންނެވެ.

މީގައި ދިމާވާ އެހެން މައްސަލައެއް ވެސް އެބައޮތެވެ. އެއީ ގިނަ ފަހަރަށް މިފަދަ ކަންކަން ސިއްރު ކޮށްފައި އޮތުމެވެ. މިކަންކަން އާންމުވެފައިވާ މިންވަރަށް ބަލާއިރު، ހައްގު ހޯދަން މަސައްކަތް ކުރާ މުވައްޒަފުންގެ އަދަދު ނިސްބަތުން މަދެވެ. މިކަން މިގޮތަށް ދިމާވާ ސަބަބުތަކެއް ވެސް އެބަހުއްޓެވެ.

ކިތަންމެ ބޮޑު ހައްގަކުން މަހްރޫމް ވިޔަސް، އެ ވާހަކަަ ނުދައްކައި މުވައްޒަފުން އަނގަ ބަންދު ކޮށްލައިގެން ގިނަ ފަހަރަށް ތިބެނީ ބުރަ މަސައްކަތުން ހޯދި ވަޒީފާ ގެއްލިދާނެތީ ނުވަތަ ވަޒީފާގެ ކުރިއެރުމަށް ހުރަހެއް އެޅިދާނެ ކަމުގެ ބިރަށްޓަކަ އެވެ. އެކަށީގެންވާ މުސާރައެއް ލިބޭ ވަޒީފާއެއް ހޯދުމަކީ އުނދަގޫ ކަމަކަށް ވެފައިވާއިރު، ހައްގާ ގުޅޭ ޝަކުވާ ހުށަހަޅަން މުވައްޒަފުން ޖެހިލުން ވަނީ އެވެ. އެކަމަކު ލޭބާ ރިލޭޝަންސް އޮތޯރިޓީން ދޭ ޔަގީން ކަމަކީ އެފަދަ ގެއްލުމެއް މުވައްޒަފަކަށް ލިބުމުގެ ފުރުސަތު ނުދޭނެ ކަމެވެ.

"މުވައްޒަފަކު ޝަކުވާއެއް ކޮށްފިކަން އެނގިއްޖެއްޔާ ވަޒީފާ ބަދަލު ކޮށްފާނެ ކަމަށް ނުވަތަ އެހެން ވެސް ކަމެއް މުވައްޒަފަކާ މެދު ކުރުމުގެ ފުރުސަތު އޮންނާނެ. އެހެންވެ އަޅުގަނޑުމެން އެއްވެސް ގޮތަކަށް ހާމައެއް ނުކުރާނެ ޝަކުވާ ހުށަހަޅާ މުވައްޒަފުގެ މައުލޫމާތެއް. އެ މައުލޫމާތު ސިއްރު ކޮށްދޭނަން އަޅުގަނޑުމެން. އަދި އަޅުގަނޑުމެން އިންސްޕެކްޓް ކުރާއިރު ވެސް ނޭނގޭނެ އެއީ ޝަކުވާއެއް ހުށަހަޅައިގެން ކުރާ އިންސްޕެކްޝަނެއް ކަމެއް،" ނާފިޒް ވިދާޅުވި އެވެ.

އަނެއް ސަބަބަކީ ގާނޫނީ ގޮތުން މުވައްޒަފުންނަށް ލިބިގެންވާ ހައްގުތައް ފުރިހަމަ އަށް މުވައްޒަފުންނަށް ނޭނގުމެވެ. ވަޒީފާ ލިބުމުން އަވަހަށް ވަޒީފާއަށް ނިކުންނަނީ ކޮންމެ ގޮތެއް ވިޔަސް ވަރިހަމަ ކަމަށް ދެކިގެންނެވެ. އެހެންވެ، ގާނޫނީ ގޮތުން މުވައްޒަފުންނަށް ލިބިގެންވާ ހައްގުތައް ގިނަ ފަހަރަށް މުވައްޒަފުންނަށް ވެސް ނޭނގެ އެވެ. ވަޒީފާއެއްގައި އުޅެން ޖެހޭނީ ކޮންމެވެސް ކަންތައްތަކެއް ގުރުބާން ކޮށްލައިގެން ކަމަށް ދެކި، ހައްގުތަކަކީ ކޮބައިކަން އެނގެން ގިނަ ފަހަރަށް މުވައްޒަފުން ބޭނުން ވެސް ނުވަނީ އެވެ.

"ހުކުރު ދުވަސް ދުވަހު ވެސް ބައެއް ތަންތަނުގައި އެބަ މަސައްކަތް ކުރުވާ. ގާނޫނުގައި ހައްގުތައް އެބަހުރި ބަޔާންކޮށް ދީފައި. މުވައްޒަފުންނަށް ލިބިގެންވާ ހައްގުތައް މުވައްޒަފުންނަށް ނޭނގުމަކީ އެއީ މައްސަލައެއް. އެހެންވީމަ ވަޒީފާއަކަށް ނިކުންނައިރު ގާނޫނު ބަލައިލުން ރަނގަޅު ތިމާއަށް ލިބެނީ ކޮން ހައްގުތަކެއްތޯ،" ނާފިޒް ވިދާޅުވި އެވެ.

މުވައްޒަފުންނަށް ވަޒީފާގެ ގޮތުން ލިބޭ ހައްގުތަކަކީ ކޮންމެހެން ވަޒީފާ ދޭ ފަރާތުގެ ހެޔޮ ކަމުން ދޭ އެއްޗެއް ނޫނެވެ. އެއީ ގާނޫނުގައި ކަނޑައަޅާފައި ހުރި ހައްގުތަކެވެ. ވަޒީފާއާ ބެހޭ ގާނޫނުން އިސްތިސްނާ ކުރެވިފައިނުވާ ކޮންމެ މުވައްޒަފަކަށް ވެސް އެ ހައްގުތައް އެއްވެސް ތަފާތު ކުރުމެއް ނެތި ދޭން ޖެހޭނެ އެވެ. ގާނޫނުގައިވާ ގޮތުގެ މަތިން ހައްގުތައް ނުދޭ ނަމަ ނުވަތަ ހައްގު ހަނިކުރާ ނަމަ އެކަން ކަމާ ބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެނައުމަކީ މުވައްޒަފުންގެ މަސްއޫލިއްޔަތެކެވެ. މިކަމުގައި މުވައްޒަފުންގެ ޒިންމާ ވެސް ވަކި ކުޑައެއް ނޫނެވެ.