ސްކޫލަށް ކުދިން ގެންދަނީ: ދަރިން ލިބުމަށް ފަހު ވަޒީފާގައި ކުރިއަށް ދިޔުމަށް އަންހެނުންނަށް ހުރަސްތަކެއް އެބަހުރި. ފޮޓޯ: ހުސައިން ވަހީދު/ މިހާރު
10 މާޗް 2018 - 08:19
މާބަނޑުވީމާ އާމިނަތު ޝިޔާމް އޮފީހަށް ދިޔުން ހުއްޓާލީ އެވެ. އޮފީހުގެ ސިޔާސަތުތަކާއި އަމިއްލަ ދިރިއުޅުމުގެ ކަންކަން ހުރީ، ޅަދަރިމައެއްގެ ދައުރާއި ވަޒީފާގެ ޒިންމާތައް އެކުއެކީގައި އަދާކުރެވޭ ގޮތަކަށް ނޫނެވެ. އެކަމަކު، ފަހަރުގައި އާމިނަތަކީ އެހެން ބައެއް އަންހެނުންނަށް ވުރެ އެއްގޮތަކުން ނަސީބު ރަނގަޅު މައެކެވެ. ކޮންމެ ހާލެއްގައި ވިޔަސް އޮފީހަށް ނުކުންނަން މަޖުބޫރުވާ ޅަދަރިމައިންނާއި އެ ގޮތް އިޚްތިޔާރުކުރާ މައިން ވެސް، އުޅެން ޖެހެނީ ގަނަތެޅުމެއްގަ އެވެ. އެފަދަ އަންހެނުންނާއި އާމިނަތު ފަދައިން މަސައްކަތް ހުއްޓާލަން މަޖުބޫރުވާ އަންހެނުންގެ ވެސް އޮތީ އެއް ޝަކުވާއެކެވެ؛ ވިހެއުމާ ގުޅިގެން ލިބޭ ޗުއްޓީ އާއި ލުއިތައް ހުރީ، ޅަދަރިމައެއްގެ ޒިންމާ އުފުލަމުން ވަޒީފާގައި އުޅެވޭ ވަރަށް ވުރެ މާ އުނދަގޫކޮށެވެ.
ރާއްޖޭގައި، ވިހެއުމާ ގުޅިގެން މުސާރަ ލިބޭ ގޮތަށް ނެގޭނީ 60 ދުވަހުގެ ޗުއްޓީއެކެވެ. އަދި ދަރިއަކު ލިބުމުން ފިރިހެނަކަށް ޗުއްޓީގެ ގޮތުގައި ލިބެނީ އެންމެ ތިން ދުވަހެވެ. ގިނަ ބަޔަކު އެއްބަސްވާ ގޮތުގައި މި ދެ ޗުއްޓީއަކީ ވެސް އެކަށީގެންވާ ވަރަށް ވުރެ މާ ކުރު މުއްދަތުތަކެކެވެ.
"ވިހާތާ ތިން މަސް ފަހުން ޅަދަރިމައިން އެނބުރި މަސައްކަތަށް ނުކުންނަނީ ކިހިނެއްކަން ޚިޔާލަށް ވެސް ގެންނަން އަހަންނަށް އުނދަގޫ. ހީވާގޮތުން އިތުރު ޗޮއިސްއެއް ނެތީމަ ކޮންމެވެސް ގޮތެއް ހަދަން މަޖުބޫރުވަނީ."
އަންހެންމީހާ އަށް ލިބޭ ވިހެއުމުގެ ޗުއްޓީ ހަމަވުމުން، ކުއްޖާގެ މަންމަ ނުވަތަ ބައްޕަ އަށް ވެސް އެއް އަހަރު ދުވަހުގެ ޗުއްޓީއެއް ނެގިދާނެ އެވެ. އެކަމަކު މުސާރަ ނުލިބޭ ގޮތަށެވެ. މައްސަލައަކީ، މުސާރަ ލިބޭ ގޮތަށް ނެގެން އޮންނަ 60 ދުވަހުގެ މުއްދަތު މާ ކުރުވުމެވެ.
"ފަސްދޮޅަސް ދުވަހަކީ އަނެއްހެން ބުނަންޏާ ތިން މަސް. (އެ މުއްދަތު ކުރުވީމާ) ގިނަ ފަހަރަށް އަންހެނުން އަހަރީ ޗުއްޓީ ވެސް މިއާ ގުޅުވައިގެން ނަގަނީ. އެކަމަކު އޭރުން ވެސް ގާތްގަނޑަކަށް ހަތަރު މަސް، ކިތަންމެ ގިނަވެގެން ވެސް ލިބޭނީ،" މަދަނީ އަދި ވަޒީފާއާ ބެހޭ މައްސަލަތަކުގައި ވަކާލާތު ކުރައްވާ ގާނޫނީ ވަކީލު އަބްދުﷲ އަލީ ފާހަގަކުރެއްވި އެވެ.
އެ ވަރުގެ މުއްދަތެއް ވެސް ކަށަވަރީ ސިވިލް ސާވިސްގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެކަންޏެވެ. ވަޒީފާއާ ބެހޭ ގާނޫނުގައި، 60 ދުވަސް ދޭން ލާޒިމްކޮށްފައި އޮތް އިރު، އެ މުއްދަތު ގުނާނީ ބަންދު ދުވަސްތައް ލައިގެންތޯ ނުވަތަ ނުލާތޯ ބުނެފައެއް ނެތެވެ. ސިވިލް ސާވިސްގެ ގަވާއިދަށް އިސްލާހު ގެނެސް ބަންދު ދުވަސްތައް ނުހިމަނައި 60 ދުވަސް ގުނާ ގޮތަށް ހަމަޖެއްސި ފަހުން ސަރުކާރުގެ މުވައްޒަފުންނަށް ދެ މަހަށް ވުރެ ދިގު ޗުއްޓީއެއް މިހާރު ކަށަވަރެވެ. އެކަމަކު އަމިއްލަ ތަންތަނުގައި މަސައްކަތްކުރާ މީހުންނަށް އޮތީ އެ ތަނަކުން އަމިއްލަ އަށް ކަނޑައަޅާ ގޮތެކެވެ.
"މާބަނޑުވެ، ދަރިން ލިބުމަކީ ގައުމުގެ މުސްތަގުބަލަށް ބަލާ އިރު ވެސް ރަނގަޅު ކަމެއް. އޮގަނައިޒޭޝަނެއްގައި އެމްޕްލޯޔާގެ ނަޒަރުން ބަލާ ކަމަށް ވަންޏާ މިސާލަކަށް، އޭނާއާ ހަވާލުކުރާ ކަންތައް ވެސް ހުންނާނީ ނުކުރެވިއޭ، އެހާ ގިނަ ދުވަހު ޗުއްޓީގައި ހުރެއްޖެއްޔާ އިތުރު މުވައްޒަފަކު ނަގަން ޖެހޭނެއޭ، މިކަހަލަ ވިސްނުމެއް ރާއްޖޭގައި މި ގެންގުޅެނީ. އެކަމަކު ދުނިޔޭގެ އެހެން ތަންތާނގައި، ވިހެއުމާ ގުޅިގެން އަންހެނުންނަށް ލިބޭ އިނާޔަތްތައް އެބަ އިތުރުކުރޭ،" އެމްޕްލޯއިމެންޓް ޓްރައިބިއުނަލްގެ ނާއިބު ރައީސްކަން ކުރައްވާފައިވާ އަބްދުﷲ ވިދާޅުވި އެވެ.
ވިހެއުމާ ގުޅިގެން ދޭ ޗުއްޓީ 60 ދުވަހަށް އޮތުމުގެ އެންމެ ބޮޑު އެއް މައްސަލައަކީ ގާތުން ކިރުދިނުމުގެ ލަފަޔާ އެ މުއްދަތު ފުށުއެރުމެވެ. ސިއްހީ އިރުޝާދުތައް ބުނަނީ ކުއްޖާގެ އުމުރުގެ ފުރަތަމަ ހަ މަސް ދުވަހު މައިމީހާގެ ކިރު ފިޔަވައި އެހެން އެއްވެސް އެއްޗެއް ނުދޭށޭ އެވެ. އަދި އެންމެ ރަނގަޅު ގޮތަކީ ވަކި ވަގުތެއް ކަނޑަނާޅާ، ގަޑިއަށް ނުބަލާ، ކުއްޖާ ބޭނުންވެއްޖެ ކޮންމެ އިރަކު ބޭނުން ވަރަކަށް ކިރު ދިނުމެވެ. މިއީ ކުދިންގެ ހައްގުގައި ވަރަށް ގިނަ ޅަދަރިމައިން އަމަލުކުރަން ބޭނުންވާ ލަފަޔަކަށް ވާއިރު، ތިން މަސް ފަހުން އަނބުރާ އޮފީހަށް ނުކުންނަން ޖެހުމަކީ ވަރަށް ބޮޑު ބުރައެކެވެ. ވިހެއުމާ ގުޅިގެން ދޭ ޗުއްޓީ މަދުވެގެން ހަ މަސް ދުވަހަށް އިތުރުކުރަން ޖެހޭ ކަމަށް ގިނަ ބަޔަކު ދެކޭ ސަބަބަކީ މި އެވެ.
"ގާތުން ކިރު ނަގައި ރައްކާކުރާނެ ގޮތް ކިޔައިދޭ ވީޑިއޯތަކެއް މިދިޔަ އަހަރު އެޗްޕީއޭ އިން ޕޯސްޓްކޮށްފައި ހުއްޓާ ފެނުނީމަ އަހަރެންގެ ހިތަށް އެރީ އެންމެ ފުރަތަމަ، މުސާރަ ލިބޭ ގޮތަށް (ހަ މަސް ދުވަހުގެ) މެޓާނިޓީ ލީވް ހަމަޖައްސަންވީ ނޫންހޭ،" ވިހެއުމާ ގުޅިގެން ލިބުނު ޗުއްޓީ ހަމަވެގެން ނޯ ޕޭ ލީވްގައި ހުރި މަންމައަކު ބުންޏެވެ.
"ވިހާތާ ތިން މަސް ފަހުން ޅަދަރިމައިން އެނބުރި މަސައްކަތަށް ނުކުންނަނީ ކިހިނެއްކަން ޚިޔާލަށް ވެސް ގެންނަން އަހަންނަށް އުނދަގޫ. ހީވާގޮތުން އިތުރު ޗޮއިސްއެއް ނެތީމަ ކޮންމެވެސް ގޮތެއް ހަދަން މަޖުބޫރުވަނީ."
ތެދެކެވެ؛ ކޮންމެ ހާލެއްގައި ވެސް އެ ތަކުލީފު އުފުލާ އަންހެނުން ގިނަ އެވެ. އަތްމަތި ތަނަވަސް ނުވަތަ އާމްދަނީ މެދުކެނޑުނަސް އުޅެވޭ ވަރު މީހުންނަށް ނޯ ޕޭ ލީވް ނަގައިގެން ގޭގައި ތިބެވިދާނެ އެވެ. އެކަމަކު އެ ނަސީބު ނެތް މީހުންނާއި ޗުއްޓީ އިތުރުކޮށްފި ނަމަ ވަޒީފާ ގެއްލިދާނެ ކަމުގެ ބިރު ހީވާން ޖެހޭ މުވައްޒަފުންނަށް އިތުރު ގޮތެއް ނޯވެ އެވެ.
"(ވިހައިގެން) އެހާ އަވަހަށް އޮފީހަށް ނުކުތުން ވީ ވަރަށް ބޮޑު ތަކުލީފަކަށް. އުނދަގޫވާލެއް ބޮޑު ކަމުން އޮފީހަށް ޕަމްޕު ހިފައިގެން ގޮސް ފާޚާނާ ތެރޭ ކިރު ނަގަނީ. ބްރޭކް ގަޑީގައި ދެކޮޅަށް (އޮފީހަށް އަދި ދަރިފުޅު ގާތަށް) ދުވެ، އެއްފަހަރާ ދެ ޒިންމާ އުފުލުން ވީ ނަފްސާނީ ގޮތުން ވެސް ވަރަށް ބޮޑު ބުރައަކަށް. އިހުސާސްވީ، އަހަންނަށް ރަނގަޅު މަންމައަކަށް ވެސް ނުވެވެއޭ، ރަނގަޅު މުވައްޒަފަކަށް ވެސް ނުވެވެއޭ،" ސަރުކާރުގައި ވަޒީފާ އަދާކުރާތާ މިވީ 13 އަހަރު ތެރޭ ދެ ކުދިން ލިބިފައިވާ ސިވިލް ސާވިސް މުވައްޒަފަކު ކިޔައިދިނެވެ.
ވިހައިގެން ލިބޭ ޗުއްޓީ ދިގު ކުރަން އޭނާ ހުރީ، އަހަރީ ޗުއްޓީ އާއި ދެން ވެސް ނެގެން ހުރި ދުވަސްތައް ފަހަށް ރައްކާކޮށްފަ އެވެ. އެކަމަކު އެކަން ވެސް ވީ ބޮޑު ތަކުލީފަކަށެވެ.
"ބަނޑުބޮޑު އިރު ވަރަށް ބޭނުންވި ޗުއްޓީ ނަގަން. އެކަމަކު އެންމެ އުނދަގޫ ދުވަސްތަކުގައި ވެސް އޮފީހަށް ނުކުތީ. ހޮޑުލެވުނަސް ނުކުތީ،" އެ މަންމަ ބުންޏެވެ.
"ހޮޑުލެވިދާނެތީ ފެރީ އަށް އަރަނީ ކޮތަޅު ހިފައިގެން. ކިތަންމެ ދުވަހަކު، އަނގަމަތީ އަތް އަޅައިގެން ފިންގަޕްރިންޓް މެޝިން ކައިރި އަށް ދާ ގޮތަށް ދުވެފައި ފާޚާނާއާ ހަމައަށް ދެވެނީ ކިރިޔާ. ގަޑި ޖެހުނީމަ ލާރި ވެސް ކަނޑާ. އެއްވެސް ދުލެއް ވެސް ނުދޭ."
ޗުއްޓީ އަށް ފަހު ވަޒީފާ އަށް ނުކުންނަ ޅަދަރިމައިންނަށް، ކުއްޖާ އަށް އަހަރު ފުރެންދެން އޭނާ ގާތަށް ދާން 30 މިނިޓުގެ ހުސް ވަގުތުކޮޅެއް ދުވާލަކު ދެ ފަހަރު ލިބެ އެވެ. އެ ދެ ބްރޭކް އެއްކޮށްލައިގެން އެއްގަޑި އިރު ވެސް ނެގިދާނެ އެވެ. އަދި ބައެއް އޮފީސްތަކުގައި، ލަންޗް ބްރޭކުގެ އެއް ގަޑިއިރާ ގުޅުވައިގެން ދެ ގަޑި އިރު ލިބޭ ގޮތަށް ވެސް އޮވެ އެވެ. އެކަމަކު މިއީ ވެސް، އެންމެ ރަނގަޅު ހައްލަކަށް ނުވެ އެވެ.
"މާލޭގެ ޓްރެފިކަށް ބަލާ އިރު އަދި ބައެއް މީހުން ވިލިމާލެ އަދި ހުޅުމާލޭގައި ދިރިއުޅޭ އިރު، ގެ އަށް ދާން ލިބޭ ދެ ގަޑިއިރަކީ އެއްވެސް އެއްޗެއް ނޫން،" ކުރިން ވާހަކަދެއްކި ސިވިލް ސާވިސް މުވައްޒަފު ބުންޏެވެ.
"ޚާއްސަކޮށް، ހަމައެކަނި ގާތުން ކިރު ދޭން ޖެހޭ މުއްދަތުގެ ތެރޭގައި ކުރަން ޖެހޭ ކަންކަމަށް އެ ވަރުގެ ވަގުތުކޮޅަކުން ނުފުދޭ. ދަރިފުޅަށް ހަ މަސް ނުވަތަ އަހަރު ވަންދެން ދަރިފުޅު ގާތުގައި ހުރުމުގެ ފުރުސަތު، ޖަލުގައި ތިބޭ ކުށްވެރިންނަށް ވެސް ލިބޭ."
އުމުރުން އެއް އަހަރު ނުވާ ކުޑަކުދިން ގެންގުޅޭ އަންހެން މުވައްޒަފުންނަށް ލުއިކޮށްދެވޭތޯ ބަލަންވާނެ ކަމަށް ސިވިލް ސާވިސްގެ ގަވާއިދުގައި އޮވެ އެވެ. އަދި މާބަނޑުވުމާއި ޅަދަރިމައިވުމުގެ ސަބަބުން ދަތިތަކާ ކުރިމަތިލާން ޖެހޭ މުވައްޒަފުންނަށް ފްލެކްސިބަލްކޮށް މަސައްކަތްކުރެވޭނެ ގަޑިތަކެއް ހަމަޖައްސައިދިނުމުގެ އިޚްތިޔާރު އޮފީސްތަކަށް އޮންނަނީ ދީފަ އެވެ. ސަރުކާރުގެ ބައެއް އޮފީސްތަކުގައި އެ ފުރުސަތު މިހާރު ދެ އެވެ. އެކަމަކު ހުރިހާ ތާކު ނޫނެވެ.
"އަހަރެން އުޅޭ ތަނުގައި އޮންނަނީ ދަރިފުޅަށް ތިން އަހަރު ވަންދެން، މަދުވެގެން ހަތަރު ގަޑި އިރުގެ ފްލެކްސިބަލް ޑިއުޓީއެއް ހަމަޖައްސައިދޭން އެދެވޭ ގޮތަށް،" ވިހައިގެން 15 މަސް ވަންދެން ވަޒީފާ އަށް ނުގޮސް ހުރެފައި އަލުން މަސައްކަތަށް ނުކުންނަން ތައްޔާރުވަމުން އަންނަ ސިއްހީ ދާއިރާގެ މުވައްޒަފަކު ބުންޏެވެ.
"ފްލެކްސިބަލް ޑިއުޓީއަކީ ރަނގަޅު އުސޫލެއް. އެކަމަކު އެ ޗޮއިސް ލިބެނީ އޮފީހުން އެ ގޮތަށް އެއްބަސްވަންޏާ. އެހެންވީމަ ހުރިހާ ސިވިލް ސާވެންޓުންނަކަށް އެ ފުރުސަތު ޔަގީނެއް ނޫން."
ޕްރައިވެޓް ސެކްޓާގެ މުވައްޒަފުންނަށް ގާނޫނީ ގޮތުން އެ ލުއި ލިބިދީފައެއް ވެސް ނެތެވެ.
ކުދިން ތިއްބަސް ވަޒީފާގައި ކުރިއަށް ދާން ބޭނުންވާ އާމިނަތު ފަދަ އަންހެނުންނަށް ފްލެކްސިބިލިޓީ ވަރަށް މުހިއްމެވެ.
"ފްލެކްސިބިލިޓީއެއްގެ ތެރެއިން މަސައްކަތްކުރެވޭ ގޮތްވުން އަހަންނަށް ރަނގަޅީ. އެއްގޮތަކަށް ވެސް ވަޒީފާ އަށް ނުނުކުމެ ގިނަ ދުވަސްވީމާ، އަޕްޑޭޓް ނުވުމާއި މަސައްކަތާ ގުޅުން ކެނޑުމުގެ ސަބަބުން މީހާ އަށް އޭގެ އަސަރު ފޯރާ،" އޮފީހުން ކެނޑިގެން ތިން ކުދިން ބަލަން ގޭގައި އިންނަ މަންމަ ކިޔައިދިނެވެ.
ގާތުން ކިރުދިނުމުގެ އިތުރުން ވިހައި ގަދަވެ، އެނބުރި މަސައްކަތަށް ނުކުންނަން ތައްޔާރުވާން މަދުވެގެން ހަ މަސް ބޭނުންވާ ކަމަށް ގިނަ ބަޔަކު އެއްބަސްވެ އެވެ. ވިހެއުމާ ގުޅިގެން ދޭ ޗުއްޓީ އެ މުއްދަތަށް އިތުރުކުރަން އެމްއެމްއޭ އިން 2014 ވަނަ އަހަރު ނިންމި ނިންމުމަށް ތައުރީފް އޮހިގެންދިޔަ ސަބަބަކީ އެއީ އެވެ. އެމްއެމްއޭ އިން ފާހަގަކުރާ ގޮތުގައި ވޭތުވެދިޔަ ތިން އަހަރުގެ ތަޖުރިބާ އަށް ބަލާ އިރު، އެއީ ހުރިހާ ގޮތަކުން ވެސް ފައިދާހުރި ސިޔާސަތަކެވެ.
"ވަރަށް ޕޮޒިޓިވް، ރަނގަޅު ބަދަލެއް އަޅުގަނޑުމެންނަށް ފެނިއްޖެ،" އެމްއެމްއޭގެ ހިއުމަން ރިސޯސަސް ޑިވިޝަންގެ އެގްޒެކެޓިވް ޑިރެކްޓަރު ލުބްނާ އަބްދުލްގާދިރު ވިދާޅުވި އެވެ.
"ކުރިން ތިން މަސް ކޮށްފައި އަންނަ އިރު މުވައްޒަފުން މަސައްކަތުގައި އެ އުޅޭހާ ސްޓްރެސްފުލްކޮށް އުޅޭ ތަނެއް އަޅުގަނޑުމެންނަކަށް މިހާރަކު ނުފެނޭ، ހަ މަސްކޮށްފައި ނުކުންނަ އިރަކު. އެހެންވީމާ މުވައްޒަފުންގެ އުފެއްދުންތެރިކަމަށް ބަދަލު އެބަ އާދޭ. މަސައްކަތަށް މާ ރަނގަޅު އެބަ ވޭ. މަސައްކަތުގެ ހާސްކަމުން ދުރުވެ، އެ ދުވަސްތައް ދަރިފުޅާ އެއްކޮށް ހޭދަކުރަން ފުރުސަތު ދިނީމާ، ހަ މަސް ވަންދެން ގާތުން ދީފައި ދަރިފުޅު ކާން ފެށީމަ ހަމަޖެހިލައިގެން އަނބުރާ އޮފީހަށް ނުކުތީމަ މަސައްކަތުގައި މާ އުފެއްދުންތެރި. އަދި މާލީ ގޮތުން ދަތިވެގެން އަނބުރާ ނުކުންނަން ޖެހުމުގެ ބުރަ ވެސް މުވައްޒަފަށް އެބަ ލުއިވެގެންދޭ."
އެމްއެމްއޭގެ މުވައްޒަފުންތަކެއް މިދިޔަ ބުދަދުވަހު މަސައްކަތުގައި: އަންހެން މުވައްޒަފަކު ވިހައިފި ނަމަ މުސާރައާ އެކު ހަ މަސް ދުވަހުގެ ޗުއްޓީއެއް ދޭ. ފޮޓޯ: ހުސައިން ވަހީދު/ މިހާރު
މާބަނޑުވުމާއި ވިހެއުމާއި ޅަދަރިމައެއްގެ ޒިންމާތައް އުފުލަން ޖެހުމުގެ ސަބަބުން، މަސައްކަތްކުރުމުގެ ފުރުސަތު ގެއްލޭ އަންހެނުން މަދެއް ނޫނެވެ. ވަޒީފާގައި އުޅެން ބޭނުންވިޔަސް، ދެ ކަންތައް އެއްފަހަރާ ކުރެވޭނެ ގޮތެއް ނެތިގެން، އޮފީހަށް ދިޔުން ހުއްޓާލަން އާމިނަތު ފަދަ ބައެއް މީހުންނަށް މަޖުބޫރުވެ އެވެ. އަދި އެހާ ހިސާބުން އެ މީހެއްގެ މަސައްކަތު ހަޔާތް ނިމި، އޭނާގެ ހުނަރު ބޭކާރުވެގެންދިއުމަކީ ގެއްލުމެކެވެ. ބައެއް މީހުން އެ ހިސާބަށް ދާން ޖެހޭ އެއް ސަބަބަކީ ވެސް ޗުއްޓީ ކުރުވުމެވެ.
"ވިހައިގެން އެންމެ އުނދަގޫ ދުވަސްވަރު ޑިޕްރެޝަން ކަހަލަ ކަންކަން ވެސް އެބަ ކުރިމަތިވޭ. އެހެންވީމާ ބައެއް ފަހަރު ވާ ގޮތަކީ ހާސްކަމުގެ ތެރޭގައި ކުއްލިއަކަށް ބޮޑެތި ޑިސިޝަންތައް މި ނެގެނީ، ވަޒީފާއަކަށް ދެން ނުދެވޭނެއޭ، ނުދާނަމޭ. ކޯޕް ނުކުރެވިގެން ނަގާ މި ކަހަލަ ޑިސިޝަންސް މިހާރު (ހަ މަހުގެ ޗުއްޓީއެއް ދިނީމަ) މަދުވާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" އެމްއެމްއޭގެ ތަޖުރިބާ ކިޔައިދެއްވަމުން ލުބްނާ ވިދާޅުވި އެވެ.
"ސްޓްރެސް އިން ސަލާމަތްވެވޭ އިރު އޮންނަނީ ވަޒީފާ ގެއްލިފައި. ދެން އަލުން ރަނގަޅު ވަޒީފާއެއް ހޯދަން ވެސް އުނދަގޫ. އެ ހިސާބުން އަންހެނަކަށް އޭނާގެ ކެރިއަރު އެ ގެއްލެނީ. އެހެންވީމާ މެޓާނިޓީއާ ހެދި ވަޒީފާ އިން ކެނޑިގެން ދާން ޖެހުމާ ގުޅިގެން، އޭނާ އަށް ވަރަށް މަތީ ޕްރޮމޯޝަންތައް ލިބެމުންދާން އޮތް ފުރުސަތު ގެއްލިގެންދާ މައްސަލައިގެ ހައްލަކަށް ވެސް އެބަ ވޭ ހަ މަހުގެ ޗުއްޓީއެއް ދިނުން."
އަބްދުﷲ ފާހަގަކުރެއްވި ފަދައިން، ކުރިއަރާފައިވާ ގައުމުތަކުން އަންނަނީ ވިހެއުމާ ގުޅިގެން ދޭ ޗުއްޓީ އިތުރުކުރަމުންނެވެ. ބައެއް ގައުމުތަކުގައި އަހަރު ވަންދެން މުސާރަ ނުވަތަ މުސާރައިން ބައެއް ލިބޭ ގޮތަށް ވެސް ޗުއްޓީ ދެ އެވެ. އޭގެ އިތުރުން، ބައްޕައިންނަށް ވެސް، މުސާރަ ލިބޭ ގޮތަށް ދިގު މުއްދަތުގެ ޗުއްޓީ ދޭން ބައެއް ގައުމުތަކުން ވަނީ ފަށައިފަ އެވެ. އަދި ބައެއް ތަންތަނުގައި މަންމަ އަށާއި ބައްޕަ އަށް ޗުއްޓީގެ މުއްދަތު އެއްވަރެކެވެ.
ގާނޫނުގައި ތިން ދުވަހުގެ މުއްދަތެއް ދީފައި އޮތަސް އެމްއެމްއޭގެ ފިރިހެން މުވައްޒަފުންނަށް މިހާރު 10 ދުވަހުގެ ޗުއްޓީއެއް ލިބެ އެވެ. ލީނާ ފާހަގަކުރެއްވި ގޮތުގައި، ދަރިއަކު ލިބުމަކީ ބައްޕައިންނަށް ވެސް ބުރަ އަދި ހާސްކަން ބޮޑު ދަނޑިވަޅެއްކަން ގަބޫލުކުރަން ޖެހެ އެވެ. އަދި އަނބިމީހާ ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭން ވެސް އޭނާ އަށް ލުޔެއް ދިނުން މުހިއްމުކަން ލީނާ ފާހަގަކުރެއްވި އެވެ.
ބައެއް ގައުމުތަކުގައި، ދަރިއަކު ލިބުމާ ގުޅިގެން ދެ ޖިންސުގެ މީހުންނަށް ވެސް ދިގު މުއްދަތުގެ ޗުއްޓީ ލިބޭ. ފޮޓޯ: ހުސައިން ވަހީދު/ މިހާރު
އާމިނަތު ވެސް ދެކެނީ ދަރިއަކު ލިބުމާ ގުޅިގެން ފިރިހެނުންނަށް ލިބޭ ޗުއްޓީ ތިން ދުވަހަށް ވުރެ ދިގުވާން ޖެހޭ ކަމަށެވެ. އޭނާ ބުނީ ތިން ގޮތަކުން އެކަން މުހިއްމު ކަމަށެވެ. ފުރަތަމަ ދެ ކަމަކީ ބައްޕަ އާއި ދަރިފުޅާ ދެމެދު ބަދަހި ގުޅުމެއް އުފެއްދުމާއި ދަރިފުޅު ގެންގުޅޭނެ ގޮތް ފިރިހެންމީހާ ވެސް ދަސްކޮށް އެ ކަންކަމުގައި ހިއްސާވުމެވެ. އަނެއް ކަމަކީ ވިހައިގެން އުޅޭ އިރު ފިރިމީހާގެ ފަރާތުން އަނބިމީހާ ބޭނުންވާ އަޅާލުން ދިނުމެވެ.
"މަންމައެކޭ އެއްވަރަށް ބައްޕަ ވެސް ދަރިފުޅުގެ ކަންކަން ކޮށްގެން ނޫނިއްޔާ، މަންމަ އަށް ކުޑަ ވަރެއްގެ އަމިއްލަ ވަގުތުކޮޅެއް ވެސް ނުލިބިފައި އޮންނާނީ، ޚާއްސަކޮށް ދެމަފިރިން އާއިލާއާ ވަކިން ދިރިއުޅެންޏާ. ކުރަން ޖެހޭ މަސައްކަތްތަކުގައި އެހީތެރިވާން އެކަންޏެއް ވެސް ނޫން. މެންޓަލީ ވެސް ފިރިމީހާގެ ސަޕޯޓް ވަރަށް ބޮޑަށް ބޭނުންވޭ،" އާމިނަތު، 29، ބުންޏެވެ.
"ނަސީބު ރަނގަޅުކަމުން މިހާރު އަހަރެންގެ ފިރިމީހާ އަށް، މަގާމުގެ ގޮތުން، މަސައްކަތުގެ ވަގުތު އޮންނަނީ ފްލެކްސިބަލްކޮށް. އެހެންވެ އަހަންނަށް ވީ ފަސޭހަ ތަޖުރިބާކުރެވުނީމަ، އަހަަރެން ދެކޭ ގޮތުގައި އެންމެންނަށް ވެސް މި ފުރުސަތު ލިބެން ޖެހޭނެ."
އަބްދުﷲ ދެކެވަޑައިގަންނަވާ ގޮތުގައި ޅަދަރި މައިންނަށާއި ބައްޕައިންނަށް އެއްފަހަރާ ދިގު މުއްދަތުގެ ޗުއްޓީ ދިނުމަކީ ރާއްޖެ އަށް އެހާ އެކަށީގެންވާ ކަމަށް ނުވެ ހިނގައިދާނެ އެވެ.
"ރާއްޖޭގައި މި އޮތީ ވަޒީފާގެ ކުޑަކުޑަ ބާޒާރެއް. އަނެއްކާ ދިވެހިން ވަޒީފާ އަށް ދޭ ސަމާލުކަން ވަރަށް ކުޑަވޭ ބައެއް ދާއިރާތަކުގައި. އެކަހަލަ ހާލަތްތަކުގައި ކޮންމެ ކަމެއް ކޮށްލަން ވެސް ބޭރު މީހުން މި ގެންނަނީ،" އޭނާ ފާހަގަކުރެއްވި އެވެ.
"އެހެންވީމަ އެ ހުރިހާ ކަމަށް ވެސް ބަލާ އިރު، ފިރިމީހާ އަށް ވެސް މި އިނާޔަތްތައް ލިބޭ ގޮތަށް އޮވެއްޖެއްޔާ އެހެން މައްސަލަތަކެއް ނިކުމެދާނެ ހެން އަޅުގަނޑަށް ހީވަނީ."
ބައެއް އަންހެނުން ދެކޭގޮތުގައި މަންމައިންނާއި އެއްވަރަކަށް ނޫނަސް، މިހާރަށް ވުރެ ދިގު ޗުއްޓީއެއް ބައްޕައިންނަށް ދޭން ޖެހެ އެވެ.
"މުސާރަ ލިބޭ ގޮތަށް، މަދުވެގެން މަސް ދުވަހުގެ ޗުއްޓީއެއް ބައްޕައިންނަށް ދިނުން ރަނގަޅު،" ސިއްހީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފު ބުންޏެވެ.
ޅަދަރިމައިންގެ ޗުއްޓީ ހަ މަސް ދުވަހަށް އިތުރުކުރަން ތާއީދުކުރައްވަމުން އަބްދުﷲ ފާހަގަކުރެއްވިގޮތުގައި މުވައްޒަފުން މަދު އޮފީސްތަކަށް ދިމާވެދާނެ ދަތިތަކެއް ހުއްޓަސް، އެ ބަދަލު ގެނައުން މުހިއްމެވެ.
"އޮފީހުގެ އެންމެންނެއް ނުވިހާނެ. ހަގީގަަތަކީ މިއީ. މިސާލަކަށް ބަލާ ނަމަ، ތިރީހަކަށް މުވައްޒަފުން އުޅޭ ތަނެއްގައި، ފަހަރެއްގައި އަހަރެއްގެ ތެރޭ އެކަކު ނުވަތަ ދެ މީހަކު ވިހާފާނެ. އެހެންވީމާ މާ ބޮޑު އަސަރެއް ނުކުރާނެ، ގިނަ މީހުން ތިބޭ ތަނެއްގައެއް،" އޭނާ ވިދާޅުވި އެވެ.
"މީހުން މަދު ތަނެއްގައި ކޮންމެވެސް ކަހަލަ އުނދަގޫތަކެއް ހުރެދާނެ. އެކަމަކު ގާނޫނާއި ގަވާއިދުގައި އެ ގޮތަށް ލާޒިމްކޮށްފައި އޮތިއްޔާ ވަޒީފާ ދޭ ފަރާތަށް ވެސް މަޖުބޫރުވާނެ އެކަން އެގޮތަށް ކުރަން."
ވިހެއުމާ ގުޅިގެން ދޭ ޗުއްޓީ އިތުރުކުރުމަކީ ދެ ފަރާތަށް ވެސް ފައިދާ ހުރި ކަމެއްކަން އެމްއެމްއޭގެ ތަޖުރިބާ އިން އެނގެ އެވެ. ލީނާ ފާހަގަކުރެއްވި ގޮތުގައި ވިހެއުމާއި ޅަދަރިމައިވުމުގެ ޒިންމާ އަދާކުރަން ޖެހޭތީ އަންހެނުން ޗުއްޓީ ނެގުމަކީ ވަޒީފާ ދޭ ފަރާތަށް ގެއްލުމެއް ހުރި ކަމެއް ނޫނެވެ.
"އެއް ނަޒަރަކުން އެ ބަލަނީ ކޮސްޓަށް ކަމަށް ވެދާނެ. އެކަމަކު އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި މުވައްޒަފަކު ސްޓްރެސްގެ ތެރޭގައި އޮފީހަށް އައިސް އުފެއްދުންތެރިކަމެއް ދެއްކޭ ގޮތް ނުވުން އެއީ މާ ބޮޑު ގެއްލުމެއް،" އޭނާ ވިދާޅުވި އެވެ.
"އަދި އޭނަ އަށް ވަޒީފާ އިން ވަކިވާން މަޖުބޫރުވީމަ، އޮފީހަށް ޚިދުމަތްތަކެއް ކޮށްދީފައި ހުރި، ތަޖުރިބާ ހުރި މީހަކު ގެއްލިގެން އެ ދަނީ. (ޗުއްޓީގެ މައްސަލައިގައި) އޭނަ ކެނޑިގެން ދިޔައިމަ އަލުން މީހަކު ނަގަން ޖެހޭނީ. އެ އަށް ވުރެ މާ ރަނގަޅު އެއްކަލަ ތަޖުރިބާ ހުރި މީހާ، ހަ މަސް ފަހުން ވެސް އޮފީހަށް އަންނަންޏާ."
ދަރިން ލިބުނަސް ވަޒީފާ އަދާކޮށް ކުރިއެރުން ހޯދުމުގެ ފުރުސަތު އަންހެނުންނަށް ވެސް އޮންނަން ޖެހެ އެވެ. އެކަމަކު ޗުއްޓީ އާއި ލުއިތައް މިހާރު ހުރީ އެކަމަށް އެންމެ ފަސޭހަ، ފަހި ގޮތަކަށް ނޫނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޭޕީ މީހާ
11 March 2018
މިސާލަކަށް އަންހެން މުވައްޒަފު އަހަރުގެ ދެކޮޅުގަ ވިހެއިއްޔޯ؟ ދެން ކޮބާތޯ އޭގެން އޮފީހުގެ ޓާރގެޓްތައް ހާސިލްކުރެވޭނެ ގޮތެއް؟
ޝިން
10 March 2018
ވިހެއުމަކީ ކިހާވަރެއްގެ ކަމެއްކަން އިހްސާސް ކޮށްނުލެވޭ މީހުން މިކަމާ ވަރަށް ދެކޮޅުވާނެ. ބްރެސްޓްފީޑް ކުރުމކީވެސް ފިރިހެނުން ހީކުރާހާ ފަސޭހަކަމެއްނޫން.
ކެނޑޭ
10 March 2018
ވަޒީފާ އިން ކެނޑުނީމަ ނިމުނީނު. އެހެންޏާ ފަހެ މުޅި އަހަރު ޗުއްޓީގަ.
މޭލިސްޓް
10 March 2018
ބަލަ ވިހާ ތަނުނުން އުމުރު ދުވަހަށް ވަޒީފާއިން ޗުއްޓީ ދިނީމަ ރަނގަޅުވާނެ.
މިކަލޭގެ
10 March 2018
އެކަމަކުވެސް އަންހެނުނާއި ފިރިހެނުން ހުރިހާ ކަމެއްގަ ހަމަހަޔޯލަ
60 ދުވަސް
10 March 2018
60 ދުވަހަކީ 2 މަސް...
އައްޓަމަސް
10 March 2018
މަށައްފެންނަނީ ލިބޭދަރިޔަށް 18 އަހަރުވަންދެން ޗުއްޓީދޭން
ސޮފާ
10 March 2018
މަދުވެގެން 6 މަސް ދުވަސް ދޭންޖެހޭ.. އަންހެންމީހާ ސައީކޮލޮޖީކަލްކޮއް ދުޅަހެޔޮވެލާ ހަމައަކައް އެޅެން.. ތީ ހުރީހާ ސީއެސްއާރަކާއީ ބޭކާރު މުބާރާތްތަކައް ޚަރަދުކުރުމައްވުރެ އަންހެނުންނައް ބަލީވެއީނީއްސުރެ ވީހާ ދުޅަހެޔޮވަންދެން ޕޭލީވް ދީނީއްޔާ ގައުމައް މާ ފައީދާކުރާނެ...
ބޯގޯސް
10 March 2018
ކަންކަމުގައި ޒިންމާ ނަގާމީހަކީ ޢާއިލާއެއްގައި ބައްޕަ (ފިރިމީހާ) އެކަމަކު ދަރިފުޅު ހިތާނު ކުރުމަށްވެސް 3 ދުވަސް. އެވަރުން އެމީހުންނަށް ވަންޏާ ކީއްވެ 60 ދުވަހުން ނުވާންވީ. ވާނެ. ނުވާންވީ ސަބަބެއްނެތް. އަންހެނުންނާއި ފިރިހެނުން ހަމަހަމަ ކަމައްބުނާމީހުން ކީއްވެގެން މި 60 ދުވަސް ފިރިހެނުންނަށް ހޯދާއިދޭން ބަހުސްނުކުރަނީ. ހުއްޓީ ލިބެންވީމަ ހަމަ ހަމަ ނޫން. ވަފީޒާ ހޯދަން އުޅޭއިރު ހަމަހަމަ.
ނަރީނާ
10 March 2018
ސްކޫލް ތަކަށް ވަރަށް ބޮޑަށް ދަތިވޭ. ކިޔަވަދޭން ފަށަނީ ޓީޗަރުން ހަމަކޮއްގެން. ޢިތުރު އެެންމެ މުވައްޒަފެއްވެސް ނުހުރޭ ދީފައެއް. މީހަކުބަލިވިޔަސް ނޫނީ ވިހެޔަސް އޭނަގެ ކުުލާސް ބިކަވީ.
ޝަފީނާޒު
10 March 2018
ތީ މެނޭޖުމަންޓުގެ މައްސަލައެއް.. ވީހަނީ ހަަމަ ކުއްލީއަކަށެއްނޫން.. ޕުރެގުނެންޓުކަން ރީޕޯޓް ކުރާއީރައް ޖެހޭނެ ޕުލޭންކުރަން ޓެމްޕޮރެރީ ޓީޗަރުން ހަމަ ޖައްސަން..