ރިޕޯޓް / އީކުއޭޓާ ވިލެޖް

އީކުއޭޓާ ވިލެޖުގެ ތަރައްގީގައި އަންހެނުންގެ ހިއްސާ ބޮޑު

ގަމުގައި ހުންނަ އީކުއޭޓާ ވިލެޖްގައި މަސައްކަތްކުރާ މުވައްޒަފުން: އެތަނުގެ ތަރައްގީގައި އަންހެނުންގެ ހިއްސާ ބޮޑު.

08 މާޗް 2018 - 11:48

1 comments

"އެންމެ ފުރަތަމަ މި މަސައްކަތްކުރަން ފެށިއިރު ހުރީ ވަރަށް ބިރުން. ނޭނގޭ މިއީ ކޮން ކަމެއްކަން ވެސް. އެއްވެސް ކަމެއް ކުރާކަށް ނޭނގޭ“ މީގެ 27 އަހަރު ކުރިން މިހާރުގެ އީކުއޭޓާ ވިލެޖުގައި މަސައްކަތް ކުރަން ފެށި އުމުރުން 50 އަހަރުގެ މަރިޔަމް ޝީޒާ ބުންޏެވެ.

މި ވާހަކަތައް އަޑުއަހަމުން، ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތް އެންމެ ފުރަތަމަ ފެށިއިރުގެ ވާހަކަތައް ކިޔައިދެމުން، މިހާރުވެސް އީކުއޭޓާ ވިލެޖުގައި މަސައްކަތް ކުރަމުން އަންނަ އުމުރުން 52 އަހަރުގެ މަރިޔަމް ރަޝީދާ ބުނީ "ބިރު ކަނޑާލާފައި މަސައްކަތް ކުރަން ފެށީ. ފެށިިއިރު ނުކެރޭ ގެސްޓުން ދޭ ޓިޕްސްގައި ހިފަން ވެސް“ ކަމަށެވެ.

މަރިޔަމް ރަޝީދާ މި ދާއިރާގައި މަސައްކަތް ކުރަން ފެށީ މީގެ 17 އަހަރުން ކުރިންނެވެ.

ސ. ގަމުގައި ހުންނަ އީކުއޭޓާ ވިލެޖުގެ މުޅި ހައުސްކީޕިން ސްޓާފް ޓީމުގައި ތިބެނީ އަންހެނުންނެވެ. އާންމުކޮށް ރާއްޖޭގެ ރިސޯޓުތަކުގެ ހައުސްކީޕިން ސްޓާފުންގެ ގޮތުގައި މަސައްކަތް ކުރަނީ ފިރިހެނުން ނަމަވެސް ފެށުނީއްސުރެ ވެސް އެތަނުގެ ހައުސްކީޕިންގެ ހުރިހާ ކަމެއް ބަލަހައްޓަނީ އަންހެނުންނެވެ. އެ ޓީމުގައި އެންމެ ގިނަ ދުވަހު މަސައްކަތްކޮށްފައިވާ ޝީޒާ ކިޔައިދިން ގޮތުގައި ގަމުގައި ހޮޓަލެއް ހަދައި އެތަނުގައި މަސައްކަތް ކުރުމަށް އަންހެން މުވައްޒަފުން ހޯދަން ރަށުގައި ހިނގައިގެން އޭރުގެ މެނޭޖްމަންޓުން ރެކްރޫޓް ކުރި މުވައްޒަފުންނަށް ތިން މަސް ދުވަހުގެ ކޯހެއް ހިންގި އެވެ. އޭރު ތަމްރީންކުރީ ރިސޯޓެއްގެ ހުރިހާ ދާއިރާއެއްގައި ވެސް މަސައްކަތް ކުރުމަށް ކަމަށާ ކޯސް ނިންމުމަށް ފަހު ރެސްޓޯރަންޓު ދާއިރާއަށާއި ހައުސްކީޕިން އަދި ފްރަންޓް އޮފީހުގައި މަސައްކަތް ކުރުމަށް މީހުން ބަހާލީ ކަމަށް އޭނާ ބުންޏެވެ.

ގޮން ޖެހުންތައް

ޝީޒާއާ އެކު މިއަދު ޖުމްލަ ހަތް އަންހެނުން ހައުސްކީޕިންގައި މަސައްކަތްކުރެ އެވެ. އެކި އުމުރުގެ އެކި އަންހެނުންނެވެ. ކޮންމެ މީހެއްގެ ތަޖުރިބާ ވެސް ތަފާތެވެ. ހުރިހާ އަންހެނުން ވެސް ބުނި އެއް ވާހަކައަކީ މީގެ 30 އަހަރު ކުރިން މި ދާއިރާގައި އަންހެނުން މަސައްކަތް ކުރުމަކީ މުޖުތަމައުގައި އެއްގޮތަކަށް ވެސް ބަލައިގަތް ކަމެއް ނޫން ކަމަށެވެ. މަގުމަތިން ހިނގާފައި ދާއިރު ”އެއީ ނައިޓް ކްލަބު“ މީހުންނޭ ބުނެ ފުރައްސާރަ ކުރާ ކަމަށެވެ. ނަމަވެސް މީހުން ބުނާ އެއްޗަކަށް ބެލުމެއް ނެތި މަސައްކަތައިގެން ކުރިއަށް ދިޔައީ އެވެ. މަރިޔަމް ރަޝީދާ އާއި ޝީޒާ ބުނީ ބައެއް ފަހަރު މީހުން ބުނާ އެއްޗެތިން ލަދު ވެސް ގަންނަ ކަމަށެވެ. ނަމަވެސް އަމިއްލަ މަސައްކަތުން އާމްދަނީ ހޯދައި ދިރިއުޅެވޭތީ އުފާވާ ކަމަށް އެ މީހުން ބުނެ އެވެ.

މިހާރު އިކުއޭޓާ ވިލެޖުގެ ހައުސްކީޕިންގައި މަސައްކަތްކުރާ ހަދީޖާ ސާމިޔާއަކީ އޯޝަން ރީފް ކްލަބްގެ މޫދު ކުޅިވަރު ތައާރަފުކުރުމުގައި މަސައްކަތް ކުރި މީހެކެވެ. އޭނާއަކީ ބައެއް ފަހަރު އާމްދަނީ ހޯދަން ކާރާއި ޕިކަޕް ވެސް ދުއްވާ މީހެކެވެ. އެކަމަކު ފަތުރުވެރިކަމުގެ ދާއިރާއަށް އަބަދުވެސް އޭނާގެ ޝައުގުވެރިކަން ހުރެ އެވެ.

ސާމިޔާ ބުނީ ކުދިން ބަލަމުން އާއިލާގެ އެހެން ކަންކަން ވެސް ބަލަހައްޓަމުން މަސައްކަތް ކުރަނީ ”ހަމަ ކުރާ ހިތުން“ ކަމަށެވެ.

މިނިވަންކަމާ އެކު އާމްދަނީ ލިބުމުން ހިތްހަމަޖެހޭ

ހައުސްކީޕިންގައި މަސައްކަތް ކުރާ އަންހެން މުވައްޒަފުން ކިޔައިދިނީ މިއީ ވެސް ބުރަ މަސައްކަތެއް ކަމެވެ. ވަކި ގޮތަކަށް އެނދު ތައްޔާރުކުރުމާއި ކޮޓަރި ސާފުކުރުމާއި ވެއިޓަރުކަން ކުރުމަށް ޓްރޭނިން ލިބުނު ކަމަށެވެ. އަދި އީކުއޭޓާ ވިލެޖުގައި މިހާރު ހުރި ސްވިމިން ޕޫލް ހެދުމާއި އިނގިރޭސިން ތިބި އިރު ހެދި އިމާރާތްތައް މަރާމާތުކުރުމުގައި ވެސް އެ މީހުން ބައިވެރިވި އެވެ. މަސައްކަތް ބުރަޔަސް "ގޭގައި މާޔޫސްވެގެން" ތިބުމުގެ ބަދަލުގައި މިނިވަންކަމާ އެކު އާމްދަނީ ލިބޭނެ މަސައްކަތެއް ކުރެވޭތީ އެ މީހުން ތިބީ ހިތްހަމަޖެހިފަ އެވެ.

އީކުއޭޓާ ވިލެޖުގެ ހައުސްކީޕިން ޓީމުގައި މަސައްކަތް ކުރާ އުމުރުން 35 އަހަރުގެ ފާތުން ބުނީ "ބޭނުން ވަނީ އަމިއްލައަށް މަސައްކަތްކޮށްގެން އާމްދަނީ ހޯދަން" ކަމަށެވެ.

"އެއްވެސް ހާސްކަމެއް ނެތި މިހާރު ދިރިއުޅެވޭ،" އޭނާ ބުންޏެވެ.

މަސައްކަތް ކުރަނީ ލޯބިން

މި ހުރިހާ އަންހެނުން ވެސް އެންމެ ބޮޑަށް ބޭނުންވަނީ އެތަނަށް އަންނަ ފަތުރުވެރިންގެ ހިތްހަމަޖެހުމެވެ. އެހެންކަމުން މަސައްކަތް ކުރަމުން އަންނަނީ "ވަރަށް ލޯބިން" ކަމަށް ފާތުން ބުންޏެވެ.

ޝަކީބާ އާދަމް، 52، މަސައްކަތަށް ނުކުތީ 2014 ގައި ކުއްލި ގޮތަކަށް ފިރިމީހާ ނިޔާވެ، އާމްދަނީ ލިބޭނެ އެހެން ގޮތެއް ނެތިގެންނެވެ. އީކުއޭޓާ ވިލެޖުގައި މަސައްކަތް ކުރަމުން ހަތަރު ކުދިންނަށް ހަރަދަކުރަމުން މިހާރު ޝަކީބާއަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކުރަން ބޭނުންވާ މީހެކެވެ.

"މި މަސައްކަތުގައި ހުރެވުނުހާ ދުވަހަކު ހުންނަން ބޭނުންވަނީ،“ ޝަކީބާ ބުންޏެވެ.

މިހާރު ކަންކަން ކުރަން ފަރިތަ އެވެ. އަދި ފަސް ތަރީގެ ރިސޯޓުތަކުގައި މަސައްކަތް ކުރަން ވެސް ޖެހިލުން ނުވާނެ ކަމަށް އޭނާ ބުންޏެވެ.

ސ. ގަމުގައި ހުންނަ އީކުއޭޓަ ވިލެޖް

ފަނަރަ ޕަސެންޓް އަންހެން މުވައްޒަފުން

އީކުއޭޓާ ވިލެޖުގެ މުވައްޒަފުންގެ 15 ޕަސެންޓަކީ އަންހެނުންނެވެ. އެކައުންޓިން، ރެސްޓޯރަންޓް އަދި ފްރަންޓް އޮފީހުގައި ވެސް އަންހެން މުވައްޒަފުން މަސައްކަތް ކުރެ އެވެ. ފްރަންޓް އޮފީހުގައި މަސައްކަތް ކުރަމުން އަންނަ ހުރިހާ އަންހެން މުވައްޒަފުން ވެސް ވަނީ ސްކޫލްގައި ޓްރެވެލް އެންޑް ޓޫރިޒަމް ކިޔަވައިފަ އެވެ. އެހެންކަމުން މި ދާއިރާއަށް ޝައުގުވެރިކަން ބޮޑެވެ.

އީކުއޭޓާ ވިލެޖުގެ ސީނިއަ އެކައުންޓަންޓް ފާތުމަތު އިދުރީސް ބުނީ މީގެ 30 އަހަރު ކުރިއާ އަޅާބަލާއިރު، ޓޫރިޒަމް ދާއިރާގައި އަންހެނުން މަސައްކަތްކުރުމާ މެދު މީހުން ދެކޭ ގޮތް ތަފާތު ކަމަށެވެ.

ފާތުންއާ އެކު މަސައްކަތްކުރާ އުމުރުން 24 އަހަރުގެ އާއިޝަތު ހުސައިން ބުނި ގޮތުގައި އޭނާ ބޭނުންވަނީ "އައްޑޫގައި ކެރިއާ ބިލްޑް ކުރާ"ށެވެ. މި ދާއިރާގައި މަސައްކަތް ކުރަން ފިރިމީހާ އާއި އާއިލާގެ ސަޕޯޓު ވަރަށް ބޮޑަށް ލިބޭ ކަމަށެވެ. އީކުއޭޓާ ވިލެޖުގައި މަސައްކަތް ކުރަމުން ފަޔާ ފައިޓިން ޓްރެއިނިން ހަދައި، މިހާރު އައިޝާއަކީ ހޮޓަލުގެ ސްޕެޝަލް ސްކުއަޑްގެ މެންބަރެއް ވެސް މެ އެވެ.

އައިމިނަތު އިރުފާ، 24، މާލޭގައި ސްކޫލް ނިންމައި އާއިލާއާ އެކު އައްޑުއަށް ދިރިއުޅުން ބަދަލުކޮށް މިހާރު އަންނަނީ އީކުއޭޓާ ވިލެޖުގެ ފްރަންޓް އޮފީހުގައި މަސައްކަތް ކުރަމުންނެވެ. އާއިޝަތު ވަލީދާ އާއި އިރުފާއަކީ ހޮޓަލުގެ އެކްސްކާޝަންތަކާއި އައްޑޫ ދައްކާލުމުގައި ފަތުރުވެރިންނާ އެކު ގިނަ ވަގުތު ހޭދަކުރާ ދެ ޒުވާނުންނެވެ. ސްކޫލުގައި ޓުއަރިޒަމް ކިޔަވަން ފެށީއްސުރެ ވެސް މި ދާއިރާގައި މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ހުންނަ ކަމަށް އިރުފާ އާއި ވަލީދާ ބުންޏެވެ.

އަންހެނުންނާއި ފަތުރުވެރިކަން

ރާއްޖޭގެ އެންމެ ފުރަތަމަ އުފެދުނު ފަތުރުވެރިކަމުގެ އެއް ކުންފުނި ކަމަށްވާ ކައިމޫ ޓްރެވެލް އެންޑް ހޮޓެލް ސާވިސަސް އިން މިހާރު ހިންގާ އީކުއޭޓާ ވިލެޖަކީ ތާރީހީ ތަނެކެވެ. އޯޝަން ރީފް ކްލަބް އެންމެ ފުރަތަމަ ހުޅުވިއިރު މަސައްކަތްކުރެއްވި ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ފުރަތަމަ އަންހެން ވިޔަފާރިވެރިޔާ ސަލީމާ މުހައްމަދު ވިދާޅުވީ "އެންމެ ފުރަތަމަ އަންހެން މުވަައްޒަފުން ހޯދަން ބޭނުންވީ ދިވެހި އަންހެނުންނަށް މާލީ މިނިވަންކަން ހޯދައިދިނުމަށް" ކަމަށެވެ.

"ފަތުރުވެރިކަމަށް އަންހެނުންގެ ހިއްސާ ބޭނުންވާތީ،" އޭނާ ވިދާޅުވި އެވެ.

ސަލީމާ ވިދާޅުވި ގޮތުގައި އަންހެން މުވައްޒަފުން ހޯދަން ގޮންޖެހުންތަކާ ކުރިމަތިވެ އެވެ.

"ބައެއް ފަހަރު އާއިލާއާ ބައްދަލުކޮށް އެ ކުދިންނަށް ދެރަ ގޮތެއް ވިޔަނުދޭނެކަމުގެ ޔަގީންކަން ވެސް ދޭން ޖެހުނު،" ސަލީމާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ "މި ދާއިރާއިން ކުރިއަށް ދާން ބޭނުންވާ ކޮންމެ އަންހެނަކު ވެސް ދާއިރާގެ އެންމެ މަތީ ހަރުފަތަށް އަމާޒުކޮށްގެން މަސައްކަތް ކުރީމާ އެކަން ހާސިލްވާނެ" ކަމަށެވެ.

"އަޅުގަނޑުގެ އުންމީދަކީ ގިނަ ދިވެހި އަންހެނުން މި ވިޔަފާރި ފަށައި، ގެސްޓް ހައުސް ފަދަ ވިޔަފާރިތައް ވެސް ފެށުން،“ އޭނާ ވިދާޅުވި އެވެ.

ކައިމޫގެ އެކި މަގާމުތަކުގައި އަންހެނުން މަސައްކަތް ކުރަމުންދެ އެވެ. އެގޮތުން ކުންފުނީގެ ޗެއާމަން މޫމިނާ ހަލީމް އަކީ ރާއްޖޭގެ އެންމެ ފުރަތަމަ އިންތިހާބުވެވަޑައިގެންނެވި އަންހެން މަޖިލިސް މެމްބަރެވެ. އަދި އެންމެ ފުރަތަމަ އަންހެން ކެބިނެޓް މިނިސްޓަރު ވެސް މެ އެވެ. މީގެ އިތުރުން ކައިމޫގެ ޑިރެކްޓަރުންނާއި މެނޭޖަރުންނާއި އަދި ރިސޯޓު މެނޭޖަރުގެ މަގާމުތަކުގައި ވެސް އަންހެނުން މަސައްކަތް ކުރެ އެވެ.

1 ކޮމެންޓް, 17 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މޫސުމް

08 March 2018

އީކުއޭޓަރުވިލެޖްގެ ހައުސްކީޕިންގައި އަބަދުވެސް ފިރިހެނުން މަސައްކަތްކުރޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454