ރިޕޯޓް / ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން

ކުޑަކުދިންނާ ބެހުމުން އަދަބު ދޭ ގާނޫނު ނާޖާއިޒް ގޮތުގައި ބޭނުންކުރެވިދާނެތަ؟

ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅު ކުރެހުމެއް: ކުޑަކުދިންނާ ބެހުމުގެ ކުށް ސާބިތުކުރާ މިންގަނޑާ މެދު ބައެއް ވަކީލުންގެ ކަންބޮޑުވުން އެބަހުރި --ފޮޓޯ/ޕޮލިސް

20 ޖުލައި 2016 - 05:16

7 comments

މީގެ ހަތް އަހަރު ކުރިން ޖޫން، 2009 އެވެ. މާލޭގައި އެންމެ އަށް މަހުގެ ތުއްތު ކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ސަބަބުން އެ ކުއްޖާ މަރުވުމާ އެކު މުޅި ރާއްޖެ ސިހިގެންދިޔަ އެވެ. ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް އެތައް ބަޔަކު ނުކުމެ، އަޑު އުފުލަމުން ދިޔަ އެވެ. އެ ހޫނުކަމުގެ ތެރޭގައި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނަށް ބޮޑެތި އަދަބު ދެވޭ ގޮތަށް އެ އެދުވަސްވަރު ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅި އެވެ.

މާ ގިނަ ދުވަސްތަކެއް ނުވަނީސް ބޮޑެތި އަދަބުތަކާއި ފަސޭހައިން އެފަދަ ކުށްތައް ސާބިތުކުރެވޭ ގޮތަށް އެ ބިލް ފާސްކޮށް، ގާނޫނަކަށް ބަދަލުވި އެވެ. އެއީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކުން އަމަލުކުރުމުގެ ގާނޫނެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނަށް އެ ގާނޫނުގެ ދަށުން ދައުވާކޮށް، ބޮޑެތި ޖަލު ހުކުމްތައް އިއްވަމުންދާއިރު އެ ގާނޫނު ނިވައިފަތްގަނޑަކަށް ބޭނުންކޮށްގެން މީހުންނަށް އަދަބު ދެވުމުގެ ފުރުސަތު އޮތްތޯ މިއީ ވެސް ސުވާލު އުފެދޭ ކަމެކެވެ.

ބޮޑެތި އަދަބުތައް ހިމެނޭ އެ ގާނޫނުގެ 47 ވަނަ މާއްދާގައި، އެ ގާނޫނުގެެ ދަށުން ކުށް ސާބިތުކުރަން ބޭނުންކުރެވޭ ހެކީގެ މިންގަނޑު ބުނާ ގޮތުން 12 ބާވަތެއްގެ ހެއްކެއް ބަލައިގަނެވެ އެވެ. އޭގެ ތެރޭގައި އަނިޔާ ލިބޭ ކުއްޖާ ތަހުގީގަށް ކިޔައިދޭ ކިޔައިދިނުމާއި ޝަރީއަތަށް ކިޔައިދޭ ކިޔައިދިނުމާއި އެ ކުއްޖާ ބުނި ކަމަށް ބުނެ އެހެން މީހުން ދޭ ހެކިބަހާއި ފޮރެންސިކް ހެއްކާއި ވީޑިއޯ ފުޓޭޖާއި މަންޒަރު ފެންނަ މީހުންގެ ބަހާއި މެޑިކަލް ރިޕޯޓްތައް ހިމެނެ އެވެ.

އޭގެ ތެރެއިން ކޮންމެވެސް ފަސް ހެއްކެއް ހުރެއްޖެ ނަމަ ދައުވާ ލިބޭ މީހާ ކުށްވެރިވާ މިންވަރަށް ހެކި ލިބުނީ ކަމަށް އެ ގާނޫނުގައި ބުނާއިރު ގާނޫނީ ބައެއް ފަރާތްތަކުގެ ކަންބޮޑުވުމަކީ ވެސް އެ ގާނޫނުގައި ހެކި ވަޒަންކުރެވޭ ގޮތެވެ. މިސާލަކަށް އަނިޔާ ލިބޭ ކުޑަކުއްޖާ އެކި ފަރާތްތަކަށް ކިޔައިދޭ ކިޔައިދިނުން ވަކި ހެކިތަކެއްގެ ގޮތުގައި ބަލައިގަނެވޭ ގޮތަށް އޮތުމުން އެ ގާނޫނުގެ ދަށުން ކުށް ސާބިތު އެކުރެވެނީ "ބުންޏޭ ބުންޏޭ" އުސޫލުން ކަމަށް ބައެއް ވަކީލުން ދެކެވަޑައިގަންނަވަ އެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާއާ ދައްކުވައިދޭ ފޮޓޯއެއް: ކުޑަކުދިން ހިމާޔަތްކުރަން ހަރުކަށި ފިޔަވަޅުތަކެއް ވެސް އަޅަން ޖެހޭ ވަރަށް ރާއްޖޭގައި އެ މައްސަލަ އޮތީ ނާޒުކުވެފައި

"ރަހުމަތްތެރިއަކު ނުވަތަ އާއިލާ މީހެއް ގާތު ކުޑަކުއްޖަކު މި ބުނަނީ މިވެނި މީހަކު ތިމަންނައާ ބެހުނޭ. އެ ހިސާބުން އެ ކުއްޖާ ބުންޏޭ ކިޔާފައި އެއްކަލަ ރަހުމަތްތެރިޔާ ދޭ ހެކިބަސް ވެސް އެއީ ވަކި ހެއްކެއް. އަދި އެ ކުއްޖާ ތަހުގީގަށް ކިޔައިދޭ ކިޔައިދިނުން ވެސް އެއީ ވަކި ހެއްކެއް. އެކަމަކު ހަމަ އެއް ވާހަކަތަކެއް އެ ކުއްޖާ މި ކިޔައިދެނީ. އެކަމަކު މި ގާނޫނު ބުނަނީ އެއިން ކޮންމެ ހެއްކަކީ ވަކި ހެއްކެއް ކަމަށް ބަލާށޭ. މިހެން ގޮސް ފަސް ހެކި ހަމަވީމަ ކުށް ސާބިތުވޭ،" ނަން ނުޖަހަން އެދިވަޑައިގެން ވާހަކަ ދެއްކެވި ވަކީލަކު ވިދާޅުވި އެވެ.

އާންމު އުސޫލުން ހެކިބަސް ދިނުމަކީ އަމިއްލަ ލޮލުން ދުށް ނުވަތަ އަޑުއެހި ނުވަތަ އެ މީހެއްގެ ފަސް ހިއްސުން ކުރެ ހިއްސަކަށް އެނގިފައިވާ ކަމަކާ ބެހޭ ގޮތުން ދޭ ހެކިބަހެވެ. މީހަކު ބުނި ކަމަށް ބުނެ އެހެން މީހަކު ހެކިބަސް ދިނުން ނުވަތަ (ހިޔާސޭ އެވިޑެންސް) އަކީ ވަރަށް މަދު ހާލަތްތަކެއްގައި ނޫނީ ޖިނާއީ މައްސަލަތަކުގައި ބަލައިގަނެގެންވާނެ އެއްޗެއް ނޫން ކަމަށް އެ ވަކީލް ވިދާޅުވި އެވެ.

"އެހެން ގައުމުތަކުގައި ހިޔާސޭ އެވިޑެންސް އަކީ ވަރަށް ބޮޑަށް ލިމިޓްކޮށްފައި އޮންނަ އެއްޗެއް. ވަރަށް މަދު ހާލަތްތަކެއްގައި ބޭނުންކުރެވޭ އެއްޗެއް އެއީ. އެކަމަކު މި ގާނޫނު އޮންނަނީ އެންމެ ބޮޑު އެއް ހެއްކެއްގެ ގޮތުގައި އެ ހެކި،" އޭނާ ވިދާޅުވި އެވެ.

ކުށްވެރިވަންޏާ އެކަމަށް ބޮޑު އަދަބު ދިނުން އަޅުގަނޑުގެ ނަޒަރުގައި މައްސަލައެއް ނޫން. އެކަމަކު ބޮޑެތި އަދަބު ދޭއިރު ކުށްނުކުރާ ބަޔަކަށް އަދަބު ދެވުމުގެ ފުރުސަތު އޮތުން މައްސަލައަކީ.

އެ ގާނޫނު އޮތީ ކުށް ނުކުރާ ބަޔަކަށް ވެސް ކުޑަކުދިން ބޭނުންކޮށްގެން އަދަބު ދެވޭ ގޮތަށް ކަމަށް ބައެއް ވަކީލުން ދެކެވަޑައިގަނެ އެވެ. މިހާތަނަށް އެ ގާނޫނުގެ ދަށުން ދައުވާކުރި ބައެއް މައްސަލަތަކުގެ ތަޖުރިބާ އަށް ބަލާއިރު އެކަން ފާހަގަވާ ކަމަށް ވެސް ވަކީލުން ވިދާޅުވެ އެވެ.

"ބައެއް ކޭސްތަކުގައި ތަހުގީގު މަރުހަލާގައި އެބަ ބުނޭ ވަކި މީހަކު ޖިންސީ ގޯނާކުރިއޭ. އެކަމަކު ޝަރީއަތުން ސުވާލު ކުރީމަ އެބަހުރި ބުނެފައި އަސްލު އެއްވެސް ކަމެއް ނުކުރެއޭ، ކޮންމެވެސް މީހަކު ބުނެގެންނޭ އެހެން ބުނީ. ބައެއްގެ ޒާތީ ހަސަދަތަކެއް ފިލުވާލަން ކުޑަކުދިން ބޭނުންކޮށްގެން އެ ގާނޫނުގެ ބޭނުން ހިފާ ކަމަށް ބެލެވޭ ބައެއް މައްސަލަތަކުގައި،" އެފަދަ ބައެއް މައްސަލަތަކުގައި ވަކާލާތުކުރެއްވި އެ ވަކީލް ވިދާޅުވި އެވެ.

އޭނާ ސިފަކުރެއްވި ގޮތުގައި އެއީ "ޖަޒްބާތީ" ގާނޫނެކެވެ.

"ކުށްވެރިވަންޏާ އެކަމަށް ބޮޑު އަދަބު ދިނުން އަޅުގަނޑުގެ ނަޒަރުގައި މައްސަލައެއް ނޫން. އެކަމަކު ބޮޑެތި އަދަބު ދޭއިރު ކުށްނުކުރާ ބަޔަކަށް އަދަބު ދެވުމުގެ ފުރުސަތު އޮތުން މައްސަލައަކީ. ގާނޫނު ފާސްކުރިއިރު މަސްރަހު އޮތް ގޮތުން ވަރަށް ބޮޑަށް ޖަޒްބާތީވެގެން ހަދާފައިވާ ގާނޫނެއް ކަމަށް ބެލެވެނީ،" އޭނާ ވިދާޅުވި އެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ކުށް ސާބިތުކުރަން ގާނޫނުގައި ބުނާ ހެކީގެ މިންގަނޑާއި ބޭނުންކުރެވޭ ހެކީގެ ބާވަތް ބަޔާންކުރާ 47 ވަނަ މާއްދާ ބާތިލްކުރަން ވަކީލަކު ވަނީ ހައި ކޯޓަށް މައްސަލައެއް ވެސް ހުށަހަޅުއްވައިފަ އެވެ. އެ މައްސަލަ މިހާރު އޮތީ ނިމުމަކާ ގާތަށް ގޮސްފަ އެވެ. އެ ޝަރީއަތުގައި ވެސް އެންމެ ބޮޑަށް ފާހަގަކޮށްފައިވާ އެއް މައްސަލައަކީ ހެކީގެ މިންގަނޑު ކަނޑައަޅާފައިވާ ގޮތެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ވަބާ ބޮޑުވެފައިވާ މިންވަރަށް ބަލާއިރު އެކަން ކުރާ މީހުންނަށް ބޮޑެތި އަދަބު ދޭން ޖެހެ އެވެ. އެއީ ދެބަސްވެވެން ނެތް ހަގީގަތެކެވެ. ނަމަވެސް ކުށް ނުކުރާ ބަޔަކަށް އެކަމުގެ އަދަބު ލިބިދާނެ ފަދަ ގޮތަކަށް ފުރުސަތު ތަނަވަސްވަންޏާ އެކަމާ މެދު ވެސް، ރައްޔިތުންގެ މަޖިލިހާއި ކަމާ ގުޅޭ އެހެން އިދާރާތަކުން ފުންކޮށް ވިސްނާލަން ޖެހެ އެވެ.

7 ކޮމެންޓް, 14 ރިއެކްޝަންސް

icon happy icon happy 86%
icon sad icon sad 7%
icon angry icon angry 7%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކޫލް

20 July 2016

މި ފަދަ ލިއުން ތައް އިތުރު ވި ވަރަކަށް ޢާއްމުން ގެ ހޭލުން ތެރިކަން އިތުރު ވާނެ ކަން ކަށަވަރު، ވަރަށް ފުރިހަމަ ލިއުމެއް، ޝުކުރިއްޔާ ..

The name is already taken The name is available. Register?

ކުއްޖާ

20 July 2016

މިއާރޓިކަލްގައި ހަވާލާދީފައިވާ ވަކީލާ ހަވާލާދީ ޤާނޫނު މާނަކޮށްފައިވަނީ ރަނގަޅަކަށް ނޫން. އަދި ކުއްޖާ ތަޙްޤީޤީު ކުރި ފަރާތަށް ކިޔާދޭ ކިޔާދިނުމާއި، ރަޙްމަތްތެރިއަކަށް ކިޔާދޭ ކިޔާދިނުން ގުނާނީ އެއްހެއްކެއްގެ ގޮތުގައި، 2 ހެކީގެ ގޮތުގައެއް ނޫން. އަދި މިބާވަތުގެ މައްސަލަތަކުގައި ކުއްޖާ ކިޔާދޭ ފަރާތްތަކުގެ ހެކިބަސް ފުރިހަމަ ހެއްކެއްގެ ގޮތުގައި، އެމެރިކާ، އިނގރޭސިވިލާތް ކެނެޑާ ފަދަ ޤައުމުތަކުންވެސް ޤަބޫލުކުރެވޭ. ހިއަރސޭ އަށް އޮންނަ އިސްތިސްނާއެއްގެ ގޮތުގައި. ސަބަބަކީ މިފަދަ މައްސަލަތަކަކީ ވަރަށް ވަންހަނާކަމާއެކު ހިންގޭ ކުށްތަކެއްކަމަށް ވުން

The name is already taken The name is available. Register?

ފަލާ

21 July 2016

ޤާނޫނު އަދި އެއްފަހަރު ކިޔާލުން މުހިއްމު. ސުކުރިއްޔާ

The name is already taken The name is available. Register?

ސްޓޫޑެންޓް

20 July 2016

ކްރިމިނަލް ލޯ ގެ އަސާސީ އިންޓަރނޭޝަނަލް އުޞޫލުތަކާއި އިސްލާމީ ޝަރީޢަތުގެ ޖިނާއީ ޢަދުލުގެ އެންމެ އަސާސީ އުޞޫލު ތަކާއި ކަނޑައެޅިގެން ޚިލާފު މިފަދަ ކަންކަން ހިމެނޭ ޤާނޫނެއްމީ. މި ޤާނޫނު މިހެން އޮތުމުން އެއްވެސް މީހަކަށް ރައްކާތެރިކަމެއް ނެތް. %100 މައުސޫމް މީހަކަށްވެސް ކުށް ސާބިތު ކޮށް އަދަބު ދިނުމުގެ ފުރުޞަތު އެބަ ލިބޭ އެހެން މީހުން ރާވައިގެން.

The name is already taken The name is available. Register?

ޒަބީބު

20 July 2016

މިލިޔުމުގައި މިވަނީ ވަރަށް ރަނގަޅުވާހަކައެކެވެ. މީހަކު މީހަކަށް އަދަބުދީ ބަދަލުހިފަން ބޭނުން ވެއްޖެނަމަ މި ގާނޫނުގެ ދަށުން އެކަން ކުރުމަކީ މާބޮޑުކަމެއް ނޫނެވެ. ހެކިބަހާއި ޤަރީނާތަކާއި ދަލީލުތަކާއި އަދިވެސް އެހެނިހެން ކަންކަމަކީ ޤާނޫނީ އުސޫލުތަކާއި ހަމަތަކުގެ ތެރޭ ހިމެނެންޖެހޭ ކަންތައްތަކެވެ. ވަކި ކަމަކަށް ނުވަތަ ވަކި މީހަކަށް އަމާޒުކުރެވޭ އެއްޗަކަށް ވެގެންނުވާނެއެވެ. ކަމަކާ ގުޅިގެން ޤާނޫނެއް ވުޖޫދަށް އަޔަސް އެ ޤާނޫނަކީ އާންމު ހަމަތަކުން ބޭރުވާ ކަންތައްތަކެއް ކަނޑައަޅާ ޤާނޫނަކަށްވެގެން ނުވާނެއެވެ. ވަޒީފާއާ ބެހޭ ގާނޫނަކީވެސް ވަޒީފާ ދޭފަރާތާއި ވަޒީފާ އަދާކުރާފަރާތާއި ދެފަރާތުގެ ހައްގުތައް ރައްކާތެރިކުރެވޭ އެއްޗަކަށްވާންޖެހޭއިރު މި ރާއްޖޭގައި އެކަންވެސް މިއޮތީ އެއްކޮޅަށް ބުރަވެފައެވެ. އެއީ ވަޒީފާ އަދާކުރާފަރާތް ހިމާޔަތްކުރާއިރު އެވަރަށް ވަޒީފާދޭފަރާތް ހިމާޔަތްކޮށްފައި ނެތުމެވެ. މިހެންވަނީ ހުރިހާ މީހުން މާ މޮޅުވީމައެވެ.

The name is already taken The name is available. Register?

މުނާ

20 July 2016

ވަރަށް ރަނގަޅު ލިޔުމެއް.

The name is already taken The name is available. Register?

އައިޝާ

20 July 2016

ނުބައި މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ލިޔުމެއް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454