ކެންސަރުގެ ފަރުވާ އަށް ދުވާލަކު ދެ ލައްކައެއްހާ ރުފިޔާ!

ރާއްޖޭގައި އެންމެ ނުރައްކާތެރި އަދި އެންމެ އާއްމު އެއް ބައްޔަކީ ކެންސަރޭ ބުނެފި ނަމަ އެއީ އާ ވާހަކައަކަށް ނުވެދާނެ އެވެ. އެކި ފަަހަރު މަތިން، އެކި ރަސްމިއްޔާތުތަކުގައި ކަމާ ބެހޭ އިދާރާތަކުން އަންނަނީ އެ ބަލީގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެކަމަކު މި ބައްޔަށް ކުރަން ޖެހޭ ހޭދައާ މެދު ގިނަ މީހުންނަށް ވިސްނާލެވިފައެއް ނުވެ އެވެ. ސަރުކާރުގެ ހެލްތު ސްކީމް، އާސަންދައިގެ ދަށުން ކެންސަރަށް ފަރުވާ ކުރެވޭއިރު މި ބައްޔަށް މިދިޔަ އަހަރު އެ ކުންފުނިން ވަނީ 60 މިލިޔަން ރުފިޔާ ހަރަދުކޮށްފަ އެވެ.


މިއީ ދުވާލެއްގެ މައްޗަށް ބަލާނަމަ 160،000 ރުފިޔާ އެވެ.

އާސަންދައިން އާއްމުކުރި ކެންސަރުގެ މިދިޔަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު މި ހުރިހާ ހަރަދެއް ކޮށްފައިވަނީ ވެސް ރާއްޖެއިން ބޭރުގައި ފަރުވާ ކުރުމަށެވެ. ރާއްޖެއިން ކެންސަރުގެ ގިނަ ފަރުވާ ލިބެން ނުހުންނާތީ މި ބައްޔަށް ފަރުވާ ކުރުމަށް ބޭރު ގައުމެއްގައި ގިނަ ދުވަސްތަކެއް ވާންދެން މަޑުކުރަން ޖެހެ އެވެ. އަދި ނަފުސާނީ ގޮތުން ވެސް މީހާ ބަލިކަށިކޮށްލާ މި ބައްޔާ ދެކޮޅަށް ހަނގުރާމަ ކުރާއިރު ކައިރީގައި އާއިލާ މީހެއް ވެސް ހުރުން މުހިންމުވާތީ، ބައްޔަށް ކުރަން ޖެހޭ ހަރަދުތަކުގެ ތެރޭގައި ބަލި މީހާ އާއި އާއިލާގެ ހުރުމާއި ކެއުން ފަދަ ހަރަދުތައް ހިމެނެ އެވެ.

ކީމޯ ހެދުމަށް މިދިޔަ އަހަރު ބޮލަކަށް 60،000 ނުވަތަ 70،000 ރުފިޔާ ވަނީ ހަރަދުކޮށްފައި-- އާސަންދަ

އާސަންދައިން ބުނިގޮތުގައި ކެންސަރަށް ފަރުވާ ކުރާ މީހާގެ އެހީތެރިޔާގެ ޓިކެޓަށް އެކަނި ވެސް މިދިޔަ އަހަރު 11 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. އަދި އެވްރެޖުކޮށް އާއިލާއަކަށް މަހަކު 500 ޑޮލަރު ނުވަތަ 7،000އަށް ވުރެ ގިނަ ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް އެތަނުން ބުންޏެވެ.

ކެންސަ ސެލް އެއް: ރާއްޖޭގައި މި ބަލި ޖެހޭ މީހުންގެ އަދަދު އަންނަނީ އިތުރުވަމުން

ވޭން ހުރި އެ ބައްޔަށް ފަރުވާ ކުރުމަށް ކުރަން ޖެހޭ ދަތުރު ދިގެވެ. ކީމޮތެރަޕީ އާއި ސާޖަރީ އާއި ރޭޑިއޭޝަން ހައްދަން ޖެހޭއިރު މިއިން ކޮންމެ ކަމަކަށް ވެސް ގިނަ އަދަދަކަށް ހަރަދު ވެ އެވެ. މީގެ ތެރެއިން ގިނަ ފަރުވާ ރާއްޖެއިން ލިބޭކަށް ނުހުރެ އެވެ.

އާސަންދައިގެ ތަފާސްހިސާބުތަކަށް ބަލާއިރު ކީމޯ ހެއްދުމަށް މިދިޔަ އަހަރު މީހަކަށް 60،000 ނުވަތަ 70،000 ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.

މިއީ ހަމައެކަނި މިދިޔަ އަހަރުގެ ހަރަދުތަކެވެ. މި ބަލި ރާއްޖޭގައި ޖެހޭ މީހުންގެ އަދަދު ކަންބޮޑުވާ ދަރަޖައަށް އިތުރުވަމުން ދާއިރު، މި އަހަރުގެ މިހާތަނަށް ހާހެއްހާ މީހުން ވަނީ ރާއްޖެއިން ބޭރުން މި ބައްޔަށް ފަރުވާ ހޯދައިފަ އެވެ. އޭގެ ތެރެއިން 550 އަށް ވުރެ ގިނަ މީހުން ކީމޯ ފަރުވާ ހޯދާފައި ވެ އެވެ. އެހެންވެ، މި އަދަދަށް ބަލާއިރު މި އަހަރުގެ މިހާތަނަށް، ހަމައެކަނި ކީމޯ ހެއްދުމަށް އާސަންދައިން 38 މިލިޔަން ރުފިޔާ ވަނީ ހަރަދުވެފަ އެވެ.

އާސަންދައިގެ ބޭރުން ވެސް ރާއްޖޭގެ ބައެއް މީހުން ކެންސަރަށް ފަރުވާ ހޯދަ އެވެ. އެގޮތުން އެ ހިދުމަތް ނުލިބޭ ހޮސްޕިޓަލްތަކާއި މެލޭޝިޔާ އާއި ސިންގަޕޫރު ފަދަ ގައުމުތަކުން ވެސް ކެންސަރަށް ފަރުވާ ހޯދަ އެވެ.

ރާއްޖޭގައި ކެންސަރުގެ ހާލަތު ނުރައްކާތެރި

ކެންސަރު ބަލި ޖެހޭކަށް ވަކި އުމުރެއް ނޯވެ އެވެ. އެކަމަކު ހެލްތު ޕްރޮޓެކްޝަން އެޖެންސީން މި އަހަރުގެ ކުރީކޮޅު ވަނީ ނުރައްކާތެރި އިންޒާރެއް ދީފަ އެވެ. އެތަނުން ބުނިގޮތުގައި ރާއްޖޭގައި ކެންސަރު ޖެހޭ މީހުންގެ އުމުރުފުރާ މިހާރު ވަނީ ވަރަށް ހަގުވެފަ އެވެ. އެންމެ އާއްމުކޮށް ކެންސަރު ޖެހޭ ކަމަށް ކުރިން އެޗްޕީއަށް ބެލެވިފައިވަނީ 41-50އާ ދެމެދު އުމުރުފުރަ އެވެ.

ރާއްޖޭގައި ކެންސަރު ބަލި ޖެހޭ މީހުންގެ ނިސްބަތަށް ބަލާއިރު ގިނައީ އަންހެނުންނެވެ. އަދި މި ނިސްބަތް އަންނަނީ އަހަރުން އަހަރަށް މަތިވަމުންނެވެ.

އެޗްޕީއޭ އިން ބުނީ ދުނިޔޭގެ އެހެން ގިނަ ގައުމުތަކާ އެއްގޮތަށް ރާއްޖޭގައި ވެސް ކެންސަރު ޖެހޭ މީހުންގެ ނިސްބަތް އިތުރުވަމުން އަންނަ ކަމަށެވެ. އަދި މިއީ ކަންބޮޑުވާން ޖެހޭ، ދުރާލާ އެކަމަށް ތައްޔާރުވާން ޖެހޭ ކަމެއް ކަމަށް އެތަނުން ބުންޏެވެ.

"ދުނިޔޭގެ އެހެން ގައުމުތަކާ އެއްގޮތަށް ރާއްޖޭގައި ވެސް ކެންސަރު މި ޖެހެނީ ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތުން. ކެއުންބުއިމުގެ އާދަކާދަތައް ހުންނަ ގޮތުން. ކެންސަރަށް މަގުފަހިވާ ގިނަ ކަންތައްތަކެއް ހުންނައިރު، މި ކަންކަމަށް ދުރާލާ ތައްޔާރުވާން ޖެހޭ،" އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ރަޒާނާ ފާއިޒު ވިދާޅުވި އެވެ.

އެޗްޕީއޭ އިން ބުނިގޮތުގައި ރާއްޖޭގައި އެންމެ އާއްމުކޮށް ޖެހެނީ ފުއްޕާމޭގެ ކެންސަރާއި އުރަމަތީގެ ކެންސަރުގެ އިތުރުން ރަހިމުގެ ކެންސަރާއި އަނގައިގެ ކެންސަރެވެ. މިއިން ކޮންމެ ވައްތަރެއްގެ ކެންސަރު ވެސް ގިނައިން ޖެހެނީ ދިރިއުޅުމުގެ އާދަކާދަތައް ހުންނަ ގޮތުންނެވެ.

ރާއްޖޭގައި ކެންސަރު ބަލީގެ ފަރުވާ

ހުޅުމާލޭ ހޮސްޕިޓަލުގައި ކެންސަރަށް ފަރުވާ ދޭ ސެންޓަރެއް ހުޅުވުމަށް އެމްއޯޔޫއެއްގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރާއި އާސަންދަ އަދި އެންސްޕާގެ އިސްވެރިން ބައިވެރިވެ ވަޑައިގަންނަވަނީ-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

ރާއްޖޭގައި ކެންސަރު ބަލި ޖެހޭ މީހުންގެ ނިސްބަތް މަތިވި ނަމަވެސް ރާއްޖެ އިން އެ ބައްޔަށް ކުރެވޭ ފަރުވާގެ ފެންވަރު ކުރިޔާ ބަލާއިރު ރަނގަޅެވެ. އެގޮތުން މާލޭގެ އިތުރުން ބައެއް ރަށްރަށުގައި ވެސް ކީމޯ ފަރުވާ ލިބެން އެބަހުއްޓެވެ. ހުޅުމާލޭ ހޮސްޕިޓަލުގައި އަލަށް ގާއިމު ކުރާ "މަނިޕާލް ހޮސްޕިޓަލް ކެންސާ ސެންޓަރަ'ކީ މި ހިދުމަތަށް އިތުރުވި ބޮޅެކެވެ.

ކެންސަރަށް ފަރުވާ ކުރުމުގައި އިންޑިއާގެ މަނިޕާލް ހޮސްޕިޓަލަކީ ގިނަބައެއްގެ އިތުބާރު ލިބިފައިވާ ވަރުގަދަ ތަނެކެވެ. އެ ހޮސްޕިޓަލުން ރާއްޖޭގައި ގާއިމު ކުރާ ކެންސާ ސެންޓަރުގައި ކީމޯގެ އިތުރުން ސާޖަރީ އާއި ރޭޑިއޭޝަންގެ ހިދުމަތް ދޭނެ އެވެ. އަދި އެތަނުގައި ފަރުވާ ދޭން ދިވެހި ޑޮކްޓަރުންނާއި ނަރުހުން ތަމްރީނުކޮށްދޭނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ. އެހެންވެ، ދިހަ އެނދުގެ މި ސެންޓަރު ހުޅުވުމުން، ރާއްޖެއިން ބޭރަށް އެ ބައްޔަށް ފަރުވާ ހޯދަން ނުގޮސް ފަރުޖެއްސިދާނެ އެވެ.

ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ މިއީ ކެންސަރަށް އާސަންދައިން ކުރަން ޖެހޭ ހޭދަ ވަރަށް ބޮޑުތަން ކުޑަވެގެންދާނެ ކަމެއް ކަމަށެވެ.

"ބަލި މީހާއެކޭ އެއްގޮތަށް، އޭނާ ގޮވައިގެން ބޭރަށް ދާ އާއިލާއަށް ވެސް އާސަންދައިން އެބަ ހަރަދުތަކެއް ކުރޭ. އެހެންވެ، ރާއްޖެއިން މި ފަރުވާ ދޭން ފެށުމަކީ އެ ހަރަދުތައް ސަލާމަތްވާނެ ކަމެއް،" ރާއްޖޭގައި މަނިޕާލް ހޮސްޕިޓަލުގެ ސެންޓަރެއް ހުޅުވުމަށް އާސަންދަ އަދި އެންސްޕާއާ އެކު ސޮއިކުރުމަށް މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރު ވިދާޅުވި އެވެ.

އޭގެ އިތުރުން ރާއްޖޭގެ ބައެއް ރަށްރަށުގައި ވެސް އެ ބައްޔަށް ފަރުވާ ހޯދޭނެ މަގެއް ފަހިކޮށްދޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ކެންސަރަކީ ރަނގަޅު ފަރުވާ ދެވިއްޖެ ނަމަ ގިނަ ފަހަރަށް ފަސޭހަކުރެވިދާނެ ބައްޔެކެވެ. އެކަމަކު ކުރިއާލާ ރައްކާތެރިވެގެން، ފައިދާހުރި ކާނާކައި، ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކޮށްގެން ނޫނީ މި ބައްޔަށް ނިމުމެއް ނެތެވެ.