ރިޕޯޓް / ނޫސްވެރިކަން

ދިވެހި ނޫސްވެރިކަމުގެ 75 އަހަރުގެ ފަސް ކާފު!

ދިވެހިރާއްޖޭގެ ފުރަތަމަ ރައީސް ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު އިނގިރޭސިންގެ ލިޔުމެއްގައި ސޮއިކުރައްވަނީ: "ސަރުކާރުގެ ހަބަރު" ނެރުއްވީ އަމީން އިސްކޮށްހުންނަވައިގެން.

ދެ ވަނަ ބޮޑު ހަނގުރާމަ ފެށި ދުނިޔެ ސުންނާފަތިވެ އެތައް ބަޔަކު ބަނޑަށް ޖެހެމުންދަނީ އެވެ. މިކުޑަކުޑަ ރާއްޖެ އަށް ކަހާތަން ހިރުވައި ވެސް ނުލަ އެވެ. ކަމެއް ވެގެން އުޅޭކަން ވެސް އެނގުނީ ހަނގުރާމަ ފެށިތާ 16 ދުވަސް ފަހުން، ވޯރާވިޔަފާރިވެރިޔާ އަކުބަރުއަލީގެ ބަނގަލާ ބޯޓް "ކިސްތީފަތޭ" އިން އައި ސިޓީއަކުންނެވެ. އެހިސާބުން ރައީސް ސުމުއްވުލް އަމީރު މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު ނިންމެވީ ހަނގުރާމައިގެ ހަބަރުތައް ރައްޔިތުންނާ ހަމަޔަށް ފޯރުކޮށްދޭން ނޫހެއް ނެރުއްވާށެވެ. ރާއްޖޭގައި އެންމެ ފުރަތަމަ ނެރުނު ނޫސް "ސަރުކާރުގެ ހަބަރު" ގެ ފެށުމަކީ އެއީ އެވެ. އެމަނިކުފާނު ފެއްޓެވި އެ މުހިއްމު މަސައްކަތްޕުޅަށް މާދަމާ 75 އަހަރު ފުރޭނެ އެވެ. ދިވެހި ނޫސްވެރިކަމުގެ ފަހުރުވެރި އަލިމަސްޔޫބީލެވެ.

ކާކު؟ ކީއްވެ؟ ކޮންތާކު؟ ކޮންއިރަކު؟ ކިހިނެއް؟

އެކަމަކު އޭގެ ކުރިން ވެސް މަޖައްލާގެ ސިފައިގައި ނޫސްވެރިކަން ރާއްޖޭގައި އޮތީ ފެށިފަ އެވެ. ތާރީހީ އިލްމުވެރިޔާ ހ. ޝަފީގުގޭ މަރްހޫމް އަހުމަދު ޝަފީގް ލިޔުއްވާފައިވާ ގޮތުގައި ރާއްޖެއަށް ނޫސްވެރިކަމުގެ ވަސް އެންމެ ފުރަތަމަ ދުވަން ފެށީ ޔޫރަޕަށް އައި ސިނާއީ އިންގިލާބާ އެކު ބަދަލުވެގެން ދިޔަ އޮއިވަރު އިންޑިއާ ކަނޑު ހުރަސްކޮށް 20 ވަނަ ގަރުނުގެ ކުރީކޮޅު ރާއްޖެ އަށް އައި އައުމުގެ ތެރެއިންނެވެ. އޭނާ ލިޔުއްވާފައިވާ ގޮތުގައި އޭރު ގިނަ ދިވެހިން ތިބީ "ތަނުން" އެނގުނު އެއްޗަކާއި ލިބުނު އެއްޗަކުން ފުއްދާލައިގެންނެވެ.

"އޭރު އަޅުގަނޑުމެންނަށް އިލްމަކީ، ދީނީ އިލްމެވެ. އިލްމު ލިބިގަންނަނީ އަރަބި ފޮތްފޮތުންނެވެ. އެ މީހަކު ދަންނަ އިލްމެއް، ހިތުން ހިތަށް އަނގަ ބަހުން ރައްދުކުރަމުން އަ އެވެ. އެއްވެސް ބަހަކުން ލިޔެ ކިޔަން ދަންނަ މީހުން ވަރަށް ވެސް މަދެވެ. މާދަރީ ބަސް މި ފެންވަރުގައި އޮތުމުން، ލިޔެވިގެންވާ ފޮތްތައް އެހައި ވެސް މަދެވެ. އޮތަސް އޮންނާނީ އެދުރެއްގެ އަތްމަތީގަ އެވެ،" ޝަފީގު ލިއުއްވި އެވެ.

ފުރަތަމަ މަޖައްލާ: ޒުވާނުންގެ އިސްނެގުމެއް

ކަން އެހެން އޮއްވައި އިންޑިއާ އާއި ސްރީ ލަންކާ އިން އަދި މިސްރުން ކިޔަވައިގެން މަދު ޒުވާންކޮޅެއް އައިސް ގައުމަށް ހިދުމަތްކުރައްވަން ފައްޓަވައިފަ އެވެ. ތައުލީމީ ޒުވާނުން އެއްވެ ދުނިޔެއަށް އަންނަމުން ދިޔަ އާ ހިޔާލުތަކުގެ ވާހަކަދައްކަން ފެށި އެވެ. އެ ޒުވާނުން މައިޒާންތަކުގައި ރޭގަނޑުގެ އެތައް ދަމެއް ވަންދެން ތިބެ ދެއްކި ވާހަކަތަކުގެ ތެރޭގައި ނޫސްވެރިކަމުގެ ތެރެއިން ލާފައި އާއްމުން ހޭލެއްވުމުގެ ވާހަކަ ހިމެނެ އެވެ. އެކަމަށް އަމަލީ ސިފަ ގެނެސް ނޫސްވެރިކަން ފަށަން ބޭނުންވި ނަމަވެސް ދިމާވި މައްސަލައަކީ އޭގެ ތެރެއިން ގިނަ ބޭފުޅުންނަކީ ތައުލީމް ހާސިލްކުރައްވަން ތުއްޕުޅުއިރުން ފެށިގެން ރާއްޖޭން ބޭރުގައި ތިއްބެވި ބޭފުޅުންނަށް ވާތީ ދިވެހި ބަހަށް ކޮށިވުމެވެ.

ދިވެހި ބަހުގެ އަދީބު އައްޝައިހް ހުސެއިން ސަލާހުއްދީން: އެންމެ ފުރަތަމަ ނެރުނު މަޖައްލާގައި އެޑިޓަރެއްގެ ދައުރު އަދާކުރެއްވި.

އެހެންވެ އެ ބޭފުޅުން ދިވެހި ބަހާއި ދިވެހި ތާރީހުގެ ތެރެއަށް ވެންނެވުމަށްޓަކައި ދިވެހި ބަހުގެ އުސްތާޒް އައްޝައިހް ހުސެއިން ސަލާހުއްދީންގެ އެހީފުޅު ހޯއްދެވި އެވެ. އުރުދޫ ބަހުންނާއި އިނގިރޭސި ބަހުން ހުންނަ ބައެއް މަޒުމޫނާއި އެކި ލިޔުން އެ ބޭބޭފުޅުން ދިވެހި ބަހަށް ތަރުޖަމާ ކުރައްވައި ސަލާހުއްދީންގެ އަރިހުން އިސްލާހު ކުރައްވަނީ އެވެ. އެހެންކަމުން އެއް ނަޒަރުން ބަލާއިރު ސަލާހުއްދީނަކީ ރާއްޖޭގެ ނޫސްވެރިކަމުގައި އެންމެ ފުރަތަމަ އެޑިޓަރެއްގެ ދައުރު އަދާކުރެއްވި ބޭފުޅާ ކަމަށް ބެލެވިދާނެ އެވެ.

ހުޅެނވި ހަނދަކުން ކަނުއަނދިރި ރެޔަކަށް އަލިކަމެއް ފޯރުކޮށްދެވިދާނެ ހެއްޔެވެ؟ ދިވެހި ތާރީހު ހެކިދޭ ގޮތުގައި އެއީ ވެދާނެ ކަމެކެވެ. އިލްމާއި ލިޔުންތެރިކަމުގެ ދުނިޔެ ރާއްޖެ އަށް އަނިދިރިކޮށް އޮއްވައި އެފަދަ އަލިކަމެއް ފޯރުކޮށްދިނީ ރާއްޖޭގައި ނެރުނު ފުރަތަމަ މަޖައްލާ "ހުޅެވިހަނދު" އެވެ. އެއީ ކުރިން ދެންނެވި ބޭފުޅުން ފެއްޓެވި މަސައްކަތްޕުޅުގެ ނަތީޖާ އެވެ. އެއްވެސް ސިފައެއްގައި ރާއްޖޭގައި އެންމެ ފުރަތަމަ ކުރެވުނު ނޫސްވެރިކަމުގެ މަސައްކަތަކީ އެއީ ކަމަށް ތާރީހު ހެކިދެ އެވެ. ރާއްޖޭގެ ފުރަތަމަ ގާނޫނު އަސާސީ ލިޔުމުގެ މަސައްކަތްކުރަމުން ދިޔަ އެ ދުވަސްވަރު "ނަޔާހިޔާލު" މި ނަމުގައި ވެސް މަޖައްލާއެއް ނެރުނެވެ. މި ދެ މަޖައްލާ އަށް މުހައްމަދު އަމީން ލިޔުއްވި އެވެ.

މަހަކު އެއް ފަހަރު ނެރެމުން އައި އަށެއްކަ އިންޗީގެ ދިގު މިން ހުންނަ ފަސްދޮޅަހަކަށް ސަފުހާގެ މި ދެ މަޖައްލާގެ ތެރެއިން "ހުޅެވިހަނދު" ގައި ބޮޑަށް ހުންނަނީ އަހްލާގީ، ތާރީހީ، އަދި ސަފާގީ މަޒްމޫންތަކެވެ. މަޖައްލާ ނުކުތީމާ އެ ބޭފުޅުންގެ އާއިލީ އެކި ގަނޑުވަރުތަކަށް ގެންދަވައި ފަރިތަކޮށް ކިޔާ މީހުން ލައްވައި ކިޔުއްވަނީ އެވެ.

އަތުން ލިޔެގެން މި ދެ މަޖައްލާ ނެރެމުން ގެންދިޔައިރު ޗާޕްކޮށްގެން ނޫސް މަޖައްލާ ނެރުމުގެ ހިޔާލު ވެސް ވަނީ އައިސްފަ އެވެ. އެ ހިޔާލު އެންމެ ފުރަތަމަ ފާޅުކުރެއްވި ބޭފުޅުންގެ ތެރޭގައި ސަލާހުއްދީނާއި ކަކާގޭ އައްނަބީލް އިސްމާއިލް ދޮށިމޭނާ މަނިކުފާނު ހިމެނިވަޑައިގަތެވެ. ބުނެވޭ ގޮތުގައި އެ ހިޔާލު ނުކުތީ، ރާއްޖެ އަށް ގެނައި ފުރަތަމަ ޗާޕް މެޝިން އައްޝައިހް އިބްރާހިމް ބަހާއުއްދީން އައްޑޫ އަށް ގެންދެވުމަށް ފަހު އޭގެ އެންމެ ފުރިހަމަ ބޭނުން ހިފޭނެ ގޮތެއް ހޯދަން ވެގެން މާލެ ގެނައި ދަނޑިވަޅުގަ އެވެ. އެކަމަކު އެކަމަށް އަމަލީ ސިފައެއް އައިސްފައެއްނުވެ އެވެ.

ޗާޕްކޮށްގެން ފުރަތަމަ ފަހަރަށް މަޖައްލާއެއް ނެރުން

އެހެންކަން އޮއްވާ އެއްކަލަ ނޫސްވެރިކަން ފެށުމަށް ބާރު އެޅި ޒުވާނުން ހިމެނިގެން، އޭރުގެ ރަސްގެފާނު އައްސުލްތާން މުހައްމަދު ޝަމްސުއްދީ ރާއްޖޭގެ ފުރަތަމަ ގާނޫނު އަސާސީ އެކަށައެޅުމަށް މަޖިލީހެއް އުފެއްދެއްވި އެވެ. އޭގެ ތެރޭގައި އަހުމަދު ކާމިލް ދީދީ އާއި ހުސެއިން ހިލްމީ ދީދީ އާއި މޫސާ މުހައްމަދު ދީދީ އަދި މުހައްމަދު އަމީން ހިމެނިވަޑައިގަތެވެ.

އެ ގާނޫނު އަސާސީގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގު ރައްޔިތުންނަށް ދީފައި އޮތްއޮތުމަކީ މިއަދު ވެސް އަޅުގަނޑުމެން އެކަމާ މެދު ފަހުރުވެރިވާ ކަމެކެވެ. އެކަމަކު "ޝަރީއަތާއި ގާނޫނު ހިލާފު ނުވާ ގޮތުން، މީސްތަކުންގެ ބުއްދިއަށް ފެންނަ ކަންކަން ދުލާއި ގަލަމުން ފާޅުކުރުމަކީ ހުއްދަވެގެންވާ ކަމެއް ކަމަށް" ލިޔެވި ގަރާރު ކުރެވުނީ ހަގީގަތުގައި ދެ ތިން ބޭފުޅެއްގެ ގަދަބާރު އެޅުއްވުމާ އެކު ހޫނު ބަހުސްތަކެއް ހިނގުމަށް ފަހު އެވެ. އެ ގާނޫނު އަސާސީ އަކީ އެއް ވިސްނުމުން ބަލާއިރު ދިވެހިރާއްޖޭގެ ނޫސްވެރިކަމުގެ ފެށުމެވެ. ގާނޫނީ ހަމަތަކުން ބާރު ލިބިގެން ދިވެހި ރާއްޖޭގައި ނޫސްވެރިކަން ފެތުރެން ފެށީ ލިޔެވިގެންވާ ގާނޫނު އަސާސީއަކުން ބާރު ލިބިގެން އުފެދުނު ސަރުކާރުން ކުރި މަސައްކަތުންކަން ތާރީހު ހެކިދެ އެވެ.

ޗާޕުކޮށްގެން ރާއްޖޭގައި ނެރުނު ފުރަތަމަ މަޖައްލާ "އަލް-އިސްލާހް" ގެ ފެށުމަކީ އެއީ އެވެ. އެ މަޖައްލާ ނެރެން ސަރުކާރުން ފެށީ މީސްތަކުން ގާނޫނުގެ މައްޗަށް ހޭއެރުވުމުގެ ގޮތުން ދުލާއި ގަލަމުން ސިޔާސަތު ހާމަކުރަމުން ގެންދާނެ ކަމަށް ފެނިގެންނެވެ. ދިވެހިރާއްޖޭގައި ލިޔުންތެރިކަމުގެ ދުވަސް ފާހަގަކުރަނީ މި މަޖައްލާ ނެރުނު ދުވަސް ކަމަށްވާ ޖުލައި 8، 1933 އާ ދިމާކޮށެވެ. ފުރަތަމަ އަދަދުގައި 54 ސަފުހާ ހިމެނުނެވެ. އެޑިޓަރަކީ އާ ސަރުކާރުގެ ވަޒީރުއްދާހިލިއްޔާ (ހޯމް މިނިސްޓަރު) އަދި ވަޒީރުލްމައާރިފް އަހުމަދު ކާމިލް ދީދީ އެވެ.

އަލްއުސްތާޒް އަޙްމަދު ކާމިލް ދީދީ: ފުރަތަމަ އެޑިޓަރ --ފޮޓޯ: މަޖްލިސް ވެބްސައިޓް

މި މަޖައްލާގައި ވަރުގަދަ ގަވާއިދެއް ނުވަތަ ކޯޑް އޮފް އެތިކްސްއެއް އޮތެވެ. އަސާސީ މަގުސަދަކީ "ދިވެހީން ދީނާއި ދުނިޔޭގެ ފަރާތަށް ހޭ" އެރުވުމެވެ. ގާނޫނަށް އަހުލުވެރިކުރުމަށް ހެދި މަޖައްލާއެއް ކަމުގައިވީ ނަމަވެސް މަގުސަދުތަކުގެ ތެރޭގައި ސިޔާސީ، އިގްތިސާދީ، އަދި އިޖްތިމާއީ، ތައުލީމީ، ގޮތް މަތީން ދުނިޔޭގެ އެކިއެކި ތަންތަނުގައި ހަބަރުތަކާއި ރާއްޖޭގެ ތާރީހީ ހަބަރުތަކާއި ރާއްޖޭގެ އެކިއެކި ތަންތަނުގެ ހާލުތަކާއި ހަބަރުތައް ލިޔުން ހިމެނެ އެވެ. ހަމަ އެހެންމެ އެކިއެކި ބާވަތް ބާވަތުގެ އިއުލާންތަކާއި އިޝްތިހާރުތައް ލިޔުން ހިމެނެ އެވެ.

"މީހެއްގެ ޒާތަކާއި ނުވަތަ މީސްތަކުންގެ އަބުރުތަކާއި ބެހޭ ނުވަތަ ދައުލަތަށް ނުވަތަ މީހަކަށް އެ ވާހަކައަކުން ގެއްލުމެއް ލިބޭނެ އެއްވެސް ހަބަރެއް ޝާއިއެއް ނުކުރެވޭނެ އެވެ،" މަޖައްލާގެ ގަވާއިދުގެ ނުވަ ވަނަ މާއްދާގައި ބުނެފައިވެ އެވެ.

އޭގެން ކޮންމެ ކަމަކާ ބެހޭ މަޒްމޫނެއް ވެސް ކޮންމެ މީހަކު ފޮނުވިޔަސް މަޖައްލާގެ އިދާރާއިން ފާސްވުމުން ޖަހައިދޭނެ އެވެ. މީގެ ތެރެއިން އާއްމު މަސްހަލަތަށް ފައިދާހުރި މަޒްމޫންތައް ޗާޕްކޮށްދެނީ ހިލެ އެވެ. އެކަމަކު އަމިއްލަ ބޭނުންތަކަށް ނަމަ އަގު ދީގެންނެވެ.

ފުރަތަމަ އަދަދުގައި ސަލާހުއްދީން ވަނީ ހަދީސެއްގެ ތަރުޖަމާ ލިޔުއްވައިފަ އެވެ. އޭރު ހިނގަމުން ދިޔަ ގާނޫނީ ދައުލަތާ ބެހޭ ގޮތުން އަހުމަދު ކާމިލް މަޒްމޫނެއް ލިޔުއްވާފައި އޮތްއިރު ސަލާހުއްދީން ވަނީ ދިވެހިރާއްޖޭގެ ތާރީހާ ބެހޭ ގޮތުންނާއި ދިވެހި ހަކުރު އަދި ދިވެހިރާއްޖޭގެ އަޖާއިބުތަކާ ބެހޭ ގޮތުން ލިޔުއްވާފަ އެވެ. މީގެ އިތުރުން ދިވެހި ދައުލަތަށް އާގުބޯޓެއް ނުހޯއްދަވައި ތިއްބެވުން ހެޔޮނުވާނެ މިނަމުގައި ދާހިލީ ވުޒާރާގެ ފަރާތުން ކާމިލް ލިޔުއްވި މަޒްމޫން ފާހަގަކޮށްލެވެ އެވެ. ފުރަތަމަ އަދަދުގައި މުޅިން ވެސް ހިމެނެނީ މި ދެ ބޭފުޅުންގެ ލިޔުއްވުންތަކެވެ. އެކަމަކު ދެ ވަނަ އަދަދުން ފެށިގެން އެކި ބޭފުޅުން ލިޔުއްވި އެވެ. އޭގެ ތެރޭގައި އަލްއަމީރު މުހައްމަދު ފަރީދާއި މުހައްމަދު އަމީނާއި ޝައިހް މުހައްމަދު ޖަމީލްދީދީ ހިމެނިވަޑައިގަތެވެ.

ގާނޫނު އަސާސީ އުވި ސަރުކާރު ވެއްޓުމާ އެކު އެ ނޫސް ހުއްޓި ނޫސްވެރިކަން ވެސް އަނދަވަޅަކަށް ވެއްޓުނީ އެވެ. މަހަކު އެއް ފަހަރުގެ ގޮތުގައި އަށް އަދަދު ނުކުމެފައި ވަނިކޮށް އޭރުގެ ސަރުކާރު އިންގިލާބަކުން އުވުމާ ގުޅިގެން މަޖައްލާ ވެސް އުވައިލެވުނީ އެވެ.

ފުރަތަމަ ނޫހުގެ ފެށުށް: 75 އަހަރު ކުރިއަށް

ފަހުން ނޫސްވެރިކަމައިގެން އުޅޭނެ މީހަކު ނެތި ދިޔަ އެވެ. "ހުޅެވިހަނދު"ން ދިން އަލިކަމުގެ މައްޗަށް "އަލް އިސްލާހު"ން ގެނައި އަލިކަން މަޑުވެ ދިވެހި އުދަރެސް އޮތީ މައުލޫމަތު ފެތުރުމުގެ ގޮތުން އަނދިރިވެފަ އެވެ. އެކަމަކު ހަނގުރާމައިގެ ސަބަބުން ދުނިޔެ މައްޗަށް ވެސް ވެރިފައި އޮތް އަނދިރިކަމުގެ އިހުސާސް ސަރުކާރަށް ކުރެވި ދިވެހި ރައްޔިތުންނަށް އަލިކަމެއް ފޯރުކޮށްދިނުމުގެ އެދުން ބޮޑުވި އެވެ. "ސަރުކާރުގެ ހަބަރު" ނެރުއްވަން ރައީސް އަމީން ނިންމެވީ ސަބަބަކީ އެއީ އެވެ. ދެ ވަނަ ބޮޑު ހަނގުރާމައާ އެކު ސަރުކާރުން ބޮޑު އިސްޓޯރު އުފެއްދުމާއި ކާބޯތަކެތި ރޭޝަންކުރުމާ އެކު ގެނައި އެންމެ ބޮޑު އެއް ބަދަލަކީ "ސަރުކާރުގެ ހަބަރު" ނެރެން ފެށުމެވެ. އެޑިޓަރަކީ އަމީން ދީދީ އެވެ.

ރާއްޖޭގައި ޗާޕުކޮށްގެން ނެރުނު ފުރަތަމަ ދުވަހު ނޫސް "ސަރުކާރުގެ ހަބަރުގެ" ފުރަތަމަ ކޮޕީ.

މާދަމާ އަޅުގަނޑުމެން ފާހަގަކުރާ ނޫސްވެރިކަމުގެ އަލިމަސްޔޫބީލަކީ މި ނޫސް ފެށުމުގެ މުނާސަބަތެވެ. މީގެ 75 އަހަރު ކުރިން ޖޫން 5، 1943 ގައި ނުކުންނަން ފެށި ސަރުކާރުގެ ހަބަރަކީ ފޫޓެއްހާ ދިގު މިނުގެ ހަ ސޮހުފާގެ ނޫހެކެވެ. ކޮންމެ ހިޖްރީ މަހެއްގެ ފުރަތަމަ ދުވަހު ނެރެމުން އައި ނޫހުގެ ހާއްސަ އަދަދެއްގެ ގައުމީ ދުވަހު ނެރުނެވެ. ނޫހުގެ އަގަކީ 30 ލާރި އެވެ.

ދުނިޔޭގެ ބޮޑު ހަނގުރާމަ ނިމެންދެން މައިގަނޑުކޮށް ހުރީ ހަނގުރާމައިގެ ހަބަރުތަކާއި މައުލޫމާތު އަދި ޗާޓްތަކެވެ. ރާއްޖެ އޮތީ އިނގިރޭސިންގެ ހިމާޔަތުގެ ދަށުގައި ކަމަށްވުމުން އެފަދަ ހަބަރުތައް ގެނެސްދޭން ޖެހުނީ ވަރަށް ބަލައިގެންނެވެ.

އަމީން ދީދީ އަކީ ބަހުގެ އުސްތާޒަކަށް ވާތީއާ އެކު އާއްމު ދިވެހިންގެ ބަހަށް އަހުލުވެރިކުރުވަން އާ ބަސްތަކާއި މިސާލު ބަސްތައް މި ނޫހުގައި ބޭނުންކޮށްފައި ހުއްޓެވެ. އެގޮތުން ބޭނުންކުރި އާ ބަސްތަކުގެ ތެރޭގައި ޕެސިފިކް ކަނޑަށް ތެމާކަނޑު، މެޑިޓެރޭނިއަން ކަނޑަށް، މެދުތެރޭގެ ކަނޑު އޭޝިއާ ސަރަހައްދަށް އެތެރެވަރި، އަދި އިންޑިއާއާ ގާތް ސަރަހައްދަށް މެދުތެރޭގެ އެތެރެވަރި، ފާއީސްޓް އޭޝިއާ އަށް ދުރުއިރުމަތި، މިޑްލްއީސްޓަށް މެދުއިރުމަތި ކިޔުނެވެ. އަދި ހިތްވަރުގެ ބަސްތައް ބޭނުންކުރި އެވެ. އެގޮތުން ލިޔުމެއްގައި ވެ އެވެ. "ސިންގާ އެއް ފަދަ ޗާޗިލްގެ މިއަލަނިއަތުން ވަރު ހުރެގެން ހިޓްލަރުގެ ކަންކަށިމަތީގައި ތަފާލެއް އަޅައިފި އެވެ."

ތާޒާ ހަބަރު ހޯދީ އާރްއޭއެފް އިން ބަހައްޓައިދިން ވަޔަލެސް ވަޔާލެސްސެޓް މެދުވެރިކޮށްގެން އަދި ސަރުކާރުގެ ރޭޑިއޯ އިންނެވެ. މީހެއްގެ ފޮޓޯ އަތުކުރެހުމެކުން ފުރަތަމަ ޗާޕްކުރީ މިސްރުގެ ފުރަތަމަ ރައީސް ޖެނެރަލް ނަޖީބުގެ ފޮޓޯއަކުން ބައްލަވައިގެން އަލްއުސްތާޒް ނ.ތ ހަސަން ދީދީ ކުރެއްސެވި ކުރެހުމެކެވެ.

ހަނގުރާމައިގެ ހަބަރުތަކުން ނޫސް ފުރިފައި އޮތްއިރު އިލްމީ މަޒްމޫންތަކާއި ގާނޫނާއި ގަވާއިދުތަކާއި އަދި އެކި ކަހަލަ ގައުމީ މުބާރާތްތަކުގެ ނަތީޖާ ގެނައުމަށްޓަކައި އެ ދުވަސްވަރު ސަރުކާރުގެ ހަބަރުގެ ހާއްސަ އަދަދެއް ވެސް ނެރުނެވެ. ރާއްޖޭގައި ގައުމީ ފެންވަރުގައި ހުޅުވާލި ފުރަތަމަ ދިވެހި ބަހުގެ އަދަބީ މުބާރާތް ބާއްވައި، ޅެމާއި މަޒްމޫންގެ ނަތީޖާ ޝާއިއުކޮށްފައިވަނީ ހާއްސަ އަދަދުގަ އެވެ. އެހެންވެ އެ ނޫސް ވެގެންދިޔައީ ދިވެހި އަދަބާއި ބަހާއި ލިޔުންތެރިކަމަށް ވެސް ކުރިއެރުން ގެނެސްދިން ނޫހަކަށެވެ.

އެކަމަކު މުހައްމަދު އަމީން އިންދެވި އެ ގަހުގެ ފަތްތައް ވެރި އިސާހިތަކު މަރުވި އެވެ. ނެރެވުނީ 197 އަދަދެވެ. އެކަމަކު އޭރު މަދަރަސާތަކުގައި ނޫސްވެރިކަމުގެ ފޯރި އޮތީ ގަދަވެފަ އެވެ. ރާއްޖޭން ބޭރުގައި ކިޔަވަން ތިބި ދަރިވަރުން ވެސް ކުދިކުދި ނޫސް މަޖައްލާތައް ތައްޔާރުކުރަމުން ދިޔަ އެވެ. އެހެންވެ ކުދި ގަސްތައް ފަޅައި ބިޔަ ބޮޑު ގަހެއް ހެދެމުން އަންނަ ކަމުގެ ކުލަވަރުތައް ދައްކާލި އެވެ. "ވިޔަފާރި މިއަދާ"އި، "މޫންލައިޓު"ން ފެށިގެން "ފަތިސް"، "ހަފުތާ" ފަދަ މާތައް އެ ގަހުގައި ފޮޅުނެވެ. އަދި ނޫސްވެރިކަމުގެ ރަން ޔޫބީލް 1993ގައ ފާހަގަކުރި އިރު އެ ގަހުގައި މޭވާ އަޅަން ފަށައިފި އެވެ. "ހަވީރު"، "އާބާރު"، "ސަންލައިޓް" އަދި "އާފަތިސް" ފަދަ ރަހަމީރު މޭވާތެކެވެ. މިއަދު އަލިމަސްޔޫބީލް މި ފާހަގަކުރަނީ އެ ބިޔަ ބޮޑު ގަހުގެ ހިޔަލުގައި ތިބެ އެވެ.

1 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުހައްމަދުގެދަރި

04 June 2018

ވަރަށް މުއްސަނދި ލިޔުމެއް. މަރުހަބާ އާއި ތަހުނިޔާ ލިޔުންތެރިޔާގެ ހަމްދޫން! ފަހަކަށް އާއި އިސް މިފަންނުގައި ހަމްދޫން ތިޔަ ވިދަނީ މެދު އުޑުގައި. ކުރިޔަށް ބާރަށް ކުރިޔަށް. އިންތިޒާރު ގައި އެބަތިބީމު. އަރުތައަށް އެދެން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454