ފުލުހުންގެ އިންޓަ ޑިޕާޓްމަންޓް މުބާރާތެއްގެ މެޗެއްގެ ތެރެއިން.
30 ޖުލައި 2016 - 08:21
ދިވެހި ފުޓްބޯޅަ މިހާރު އޮތީ ފުންވަޅުގަނޑަކަށް ވެއްޓިފަ އެވެ. ސަޕޯޓަރުން ދަނޑަށް ނުވަނުމުން ފެށިގެން ކްލަބްތަކުގެ މާލީ ހާލަތު ވެސް ދަށެވެ. ގައުމީ ޓީމަށް ވެސް ސަރަހައްދީ މުބާރާތްތަކުގައި އެކަށީގެންވާ ނަތީޖާ ނުނެރެވޭތީ ސަޕޯޓަރުން ތިބީ ހިތްހަމަނުޖެހިފަ އެވެ. މި ވަޅުގަނޑުން އަރައިގަތުމަށް، ކޮންމެ މީހަކު އަތްދިއްކޮށްލި ނަމަވެސް އެއަތުގައި ހިފަން ދިވެހި ފުޓްބޯޅަ އޮތީ ތައްޔާރަށެވެ. އެފްއޭއެމަށް އާ އެގްޒެކެޓިވް ކޮމިޓީއެއް އައިސް، އެކަމަށްޓަކައި އާ ޕްލޭންތައް އަންނަނީ ހަދަމުންނެވެ. އަދި ތަފާތު ނިންމުންތައް ނިންމައި ބަދަލުތަކެއް އަންނަނީ ގެންނަމުންނެވެ. އޭގެ ތެރެއިން އެއް ބަދަލަކީ، ސިފައިންނާއި ފުލުހުންނަށް ގައުމީ ފެންވަރުގެ ފުޓްބޯޅައިން ފުރުސަތު ދޭން ނިންމުމުންނެވެ. މިއީ ދިވެހި ފުޓްބޯޅަ، އަލުން ކޮޅަށް ޖެހުމަށް މަގުފަހިވެދާނެ ކަމެއް ހެއްޔެވެ؟
ސިފައިންނާއި ފުލުހުންނަށް މީގެ ކުރިން ދެ ފަހަރެއްގެ މަތިން ފުރުސަތު ދިނެވެ. އެންމެ ފުރަތަމަ 2007 ގައި އެ ފުރުސަތު ދިނުމަށް ފަހު 2009 ވަނަ އަހަރު ހުއްދަ ބާތިލްކުރިއިރު، 2013 ވަނަ އަހަރު ހުއްދަ ދިނުމަށް ފަހުން ދެ ވަނަ ފަހަރަށް ބާތިލްކުރީ މިދިޔަ އަހަރެވެ. އެ ދެ ފަހަރު ވެސް ސިފައިންނާއި ފުލުހުން އޮތީ، ތިން ވަނަ ޑިވިޝަނުން ފެށިގެން ވާދަކުރަމުން އައިސް ފުރަތަމަ ޑިވިޝަނަށް އެރުމާ ގާތުގަ އެވެ.
ޔަގީނުން ވެސް އެނގޭ ކަމަކީ، ހަރުދަނާކަމާ އެކު ހިންގާ އަދި ސަޕޯޓަރުން ވެސް ތިބި ދެ ކްލަބެއް ދިވެހި ފުޓްބޯޅައަށް އިތުރުވެއްޖެ ނަމަ ފޯރި އިތުރުވާނެ ކަމެކެވެ. އެކަމަކު އެ ކްލަބްތަކާ، ރާއްޖޭގެ އެހެން ކްލަބްތަކަށް ވާދަނުކުރެވި އެ ކްލަބްތައް ނެތިގެން ގޮސްފި ނަމަ ވެސް ޔަގީނުން ވެސް ފޯރިކެނޑޭނެ އެވެ. އެކަމަކު އެފްއޭއެމް އޮތީ، ރާއްޖޭގައި ޒަމާނުއްސުރެ ވާދަކުރަމުން އަންނަ ކްލަބްތަކަށް ދިމާވާނެ އުނދަގޫތައް ހައްލުކޮށްދޭން ތައްޔާރަށެވެ.
ދިވެހި ސިފައިންގެ ކްލަބުގެ އަންހެން ޓީމު ފުޓްސަލް ކުޅެނީ. --ފޮޓޯ: މޯލްޑިވްސޮކާ
ކްލަބްތަކުން އެންމެ ބޮޑަށް ޖައްސާ މައްސަލައަކީ، އެ ކްލަބްތަކަށް ކުޅޭ ކުޅުންތެރިންނަށް ސިފައިންނާއި ފުލުހުންގެ ޓީމަށް ކުޅެވޭ ގޮތަށް އޮވެ އެކަމަކު ސިފައިންގެ ނުވަތަ ފުލުހުންގެ ތެރޭގައި ވަޒީފާއަދާކުރާ ފަރާތްތަކަށް އެހެން ކްލަބްތަކަށް ނުކުޅޭވޭ ގޮތަށް އޮތުމެވެ. އެކަމަކު މި ފަހަރު ހުއްދަ ދިން އިރު އެކަމަށް ވަނީ ހައްލެއް ގެނެސްފަ އެވެ. އެއީ ސިފައިންނާއި ފުލުހުންގެ ޓީމުތައް ފީފާގެ ޓްރާންސްފާ އެއްބަސްވުމާ އެއްގޮތަށް އަމަލުކުރަން އެއްބަސްވާން ޖެހުމެވެ. އެހެންވެ އެ ދެ މުއައްސަސާގައި ވަޒީފާއަދާ ކުރާ ފަރާތްތަކަށް ވެސް، އެހެން ކްލަބްތަކަށް ސޮއިކުރުމުގެ ފުރުސަތު އޮންނާނެ އެވެ.
މީގެ އިތުރުން ސިފައިންނާއި ފުލުހުންގެ ޓީމަށް ދައުލަތުގެ ބަޖެޓް ހުޅުވާލެވިފައިވާ ކަމަށާއި އެހެން ކްލަބްތަކަށް ނުލިބޭ ފަސޭހަތައް އެ ދެ މުއައްސަސާގެ ޓީމުތަކަށް ލިބޭނެ ކަމަށް ބުނެ ބައެއް ކްލަބްތަކުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. ދިވެހި ސިފައިންގެ ކްލަބުގެ އިސް އޮފިޝަލަކު ވިދާޅުވީ ސިފައިންގެ ޓީމަށް ދައުލަތުން ނުވަތަ އެ މުއައްސަސާ އިން ވަކި ބަޖެޓެއް ނޯންނަ ކަމަށެވެ. ޖާޒީ ގަތުމުން ފެށިގެން ޕްރެކްޓިހާއި މެޗުގައި ބޭނުންކުރާ ފެނާއި މި ނޫން ވެސް އެހެން އެއްޗެހި ހޯދަނީ، ސްޕޮންސަރުން މެދުވެރިކޮށް ކަމަށް އޭނާ ވިދާޅުވި އެވެ. ވަޒީފާގެ ގޮތުން ސިފައިން އަދި ފުލުހުންނަށް ކެއުން ހަމަޖެހިފައި ވުމަކީ، އެހެން ކްލަބަކަށް ޖެއްސިދާނެ މައްސަލައެއް ހެއްޔެވެ؟
ރާއްޖޭގެ އާއްމު ކްލަބްތަކަށް ވުރެ ފަސޭހައިން ސިފައިންނާއި ފުލުހުންނަށް ސްޕޮންސަރުން ހަމަޖެހުމަކީ ވެސް ކްލަބްތަކުގެ ޝަކުވާއެކެވެ. އެކަމަކު އެފަދަ ގޮތްގޮތުން ރާއްޖޭގެ އެހެން ކްލަބްތަކަށް ކުރިމަތިވާނެ ގޮންޖެހުންތަކަށް ހައްލު ހޯދައިދޭނެ ކަމަށް އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގް (ޓޮމް) ވަނީ ވިދާޅުވެފަ އެވެ.
(ސިފައިންނާއި ފުލުހުން ވާދަކުރަން ފެށުމަކީ) ބޮޑެތި ޓީމުތަކަށް ޗެލެންޖަކަށް ވެދާނެ. އެފަދަ ޓީމުތަކުގެ މެނޭޖްމަންޓް ހަރުދަނާ ކުރުމާއި އަދި މާލީ ގޮތުން އެ ޓީމުތަކަށް ހެޔޮ ގޮތްތަކެއް އެފްއޭއެމުން އަންނަނީ ރާވަމުން،" ތޯރިގް ވިދާޅުވި އެވެ.
ރާއްޖޭގައި ގިނަ އަދަދަކަށް މަތީ ފަންތީގެ ވިޔަފާރިތައް ހުރިއިރު، ސިފައިންނާއި ފުލުހުންގެ ފުޓްބޯޅަ ޓީމަށް ސްޕޮންސާ ލިބުމަކީ، އެހެން ކްލަބްތަކަށް ސްޕޮންސާ ނުލިބޭނެ ސަބަބެއް ނޫން ކަމަށް މާކެޓިން ދާއިރާގައި މަސައްކަތްކުރައްވާ ކުޅިވަރުގެ ބޭފުޅަކު ވިދާޅުވި އެވެ.
"ހަގީގަތުގައި ފައިދާތަކެއް ކުރާނީ. މިސާލަކަށް ޔަގީނުން ވެސް ދަނޑަށް މީހުން އިތުރުވާނެ. އެ ދެ މުއައްސަސާގެ މުއައްޒަފުން ވަންނާނެ. މީގެ އިތުރުން، ވާދަވެރި ދެ ޓީމެއް ފުޓްބޯޅައިގެ ތެރެއަށް އިތުރުވުމުން ފުޓްބޯޅައިގެ ވާހަކަދެކެވޭލެއް އިތުރުވެ، ފުޓްބޯޅަ އިތުރަށް މާކެޓްވާނީ. އޭގެ ސަބަބުން ސްޕޮންސަރުން ހޯދުމަށް އެހެން ކްލަބްތަކަށް ވެސް ފައިދާތަކެއް ވާނެ،" އޭނާ ވިދާޅުވި އެވެ.
އެފްއޭއެމްގެ ރައީސް ތޯރިގް (ކ): ސިފައިންނާއި ފުލުހުންނަށް އަލުން ފުރުސަތު ދޭން ނިންމީ ތޯރިގް އެފްއޭއެމްއާ ހަވާލުވުމަށް ފަހު.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ރާއްޖޭގެ ބައެއް ކްލަބްތައް އަމިއްލަ ފައި މައްޗަށް ނުތެދުވިފައި އޮތް އެންމެ ބޮޑު ސަބަބަކީ، އަދިވެސް މީހަކު އެއްޗެއް ދޭނެ ކަމަށް ބަލައިގެން ނުވަތަ ޗަންދާ ނަގައިގެން ކްލަބްތައް ހިންގަން މަސައްކަތްކުރުމެވެ. ސިފައިންގެ އަދި ފުލުހުންގެ ޓީމުތައް، ހިންގަނީ ތަފާތު ސަބަބުތަކާ ހުރެ އެއަށް ވުރެ ހަރުދަނާކޮށެވެ. ސިފައިންނާއި ފުލުހުން ވާދަކުރަން ފެށުމުގެ ސަބަބުން އެހެން ކްލަބްތަކަށް ގޮންޖެހުން ކުރިމަތިވާނެތީ، އެ ދެ މުއައްސަސާގެ ޓީމަށް ފުރުސަތު ނުދޭން ނިންމުމަކީ ހަމަޖެހޭނެ އުސޫލެއް ނޫނެވެ. އޭގެ ބަދަލުގައި، ކްލަބްތަކުން ވެސް އެ ފުރުސަތުގެ ބޭނުން ހިފައި، ނުވަތަ މި ގޮންޖެހުމާ ކުރިމަތިލައި ހިންގުން ހަރުދަނާ ކުރަން މަސައްކަތްކުރަންވީ އެވެ.
ރާއްޖޭގެ ބައެއް ކްލަބްތަކުން ވަނީ މީގެ ކުރިން އެފަދަ މިސާލެއް ދައްކައިފަ އެވެ. ސީދާ ކްލަބުގެ ވެރިން ކްލަބަށް ފައިސާ ދިނުމުގެ ބަދަލުގައި ކްލަބެއް ފައިސާ ލިބޭނެ، ވަސީލަތެއް ހަމަޖެއްސީ އެވެ. އެތަނުން ލިބޭ ފައިސާ ބޭނުންކޮށްގެން ކްލަބް މެނޭޖްކުރުމުގެ ޒިންމާ ބޯޑާ ހަވާލުކުރީ އެވެ.
ސިފައިންގެ ތެރޭގައި އަދި ފުލުހުންގެ ތެރޭގައި އެތައް ޒުވާނުންނެއް އެބަތިއްބެވެ. އޭގެ ތެރޭގައި ފުޓްބޯޅައިގެ ހުނަރުވެރި ކުދިން ހިމެނޭނެ އެވެ. އެ ދެ މުއައްސަސާ އިން ފުޓްބޯޅަ ޓީމު ނެރެން ފެށުމުން އެއީ ގައުމީ ފުޓްބޯޅަ ޓީމަށް ކުޅުންތެރިން ނަގާ ޕޫލަށް އިތުރުކުރޭނެ ކުޅުންތެރިންތަކެކެވެ. މީގެ ކުރިން ސްޓެލްކޯ އިން ދެ ވަނަ ޑިވިޝަނުގައި ވާދަކުރިއިރު، އެތަނުން ވެސް ގިނަ ކުޅުންތެރިން ގަލޮޅު ދަނޑަށް ނެރުނެވެ.
"އަލީ އަޝްފާގް (ދަގަނޑޭ) އާ ޖެހިގެން ރާއްޖޭގެ ހުރި އެންމެ މޮޅު ކުޅުންތެރިޔާ އެތަނުން، މުއައްސަސާއެއްގައި ހުރުމުގެ ފުރުސަތު އޮވެދާނެ. އެހެންކަމުން އެފަދަ މުއައްސަސާތައް ފުޓްބޯޅައިގައި ބައިވެރިކޮށް ކުޅުންތެރިން ހޯދުމަކީ އެފްއޭއެމްގެ އަމާޒެއް،" އެފްއޭއެމްގެ ރައީސް ތޯރިގް ވިދާޅުވި އެވެ.
ވީއޭއެމް އެސޯސިއޭޝަން ކަޕުގައި ޕޮލިހާއި ސިފައިން ކުޅެނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
ރާއްޖޭގެ ވޮލީބޯޅައިގައި ވެސް މީގެ ކުރިން ރަސްކަން ކުރަމުން އައީ ނިއު ރޭޑިއަންޓާއި ވެލެންސިއާ އަދި ވިކްޓަރީ އެވެ. އެކަމަކު އެ ކްލަބްތަކުން އެ ކުޅިވަރުގައި ވާދަނުކުރަން ފެށި ހިސާބުން، ވޮލީބޯޅައިގެ ފޯރި ހިފަހައްޓައިދިނީ ސިފައިން އަދި ފުލުހުންނެވެ.
"ސިފައިންނާއި ފުލުހުން ވޮލީބޯޅައިގައި ވާދަކުރަން ފެށުމަކީ ވަރަށް ރަނގަޅަށް ވީ ކަމެއް. ބޮޑު ކްލަބްތައް މަޑުމަޑުން ވޮލީބޯޅައާ ދުރަށް ގޮސް ވޮލީގެ ފޯރި ދަށްވެފައި އޮއްވާ، ސިފައިންނާއި ފުލުހުން އައިސް ވާދަކުރަން ފެށުމުން އެ ކުޅިވަރު މިއަދު އޮތް ހިސާބަށް އެއައީ. އަޅުގަނޑު ދެކޭ ގޮތުގައި އެއީ ރަނގަޅު ކަމެއް،" ކުރިން ވިކްޓަރީ އަށް ކުޅެ އަދި ފަހުން ސިފައިންގެ ޓީމަށް ގައުމީ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ހޯދައިދިން ކޯޗު މުހައްމަދު ޝާހު ބުންޏެވެ.
ޒަމާންވީ ކްލަބްތަކުން ފުޓްބޯޅައަށް ގިނަގުނަ ގުރުބާނީތަކެއް ވެއްޖެ އެވެ. އެކަމަކު އެ ގުރުބާނީގެ އަގު އަދާކުރުމުގެ ނަމުގައި، ފުޓްބޯޅައިގެ ތެރެއަށް އިތުރު ބަޔަކު ވެއްދުން ހުއްޓުވަންވީ ހެއްޔެވެ؟ ދަނޑަށް އެކަށީގެންވާ އަދަދަކަށް މީހުން ނުވަންނައިރު، ތަފާތު ގޮތްގޮތުން ފުޓްބޯޅަ ތަރައްގީކޮށް މީހުން އިތުރުކުރަން މިއީ ލިބޭނެ ރަނގަޅު ފުރުސަތެކެވެ. އެ ދެ މުއައްސަސާގެ ޓީމުތައް ބައިވެރިވުމުން ފުޓްބޯޅައަށް ނުރަނގަޅު އަސަރުތަކެއް ވެސް ކޮށްފާނެ އެވެ. އެކަމަކު އެކަންކަން ހައްލުކުރުމަށް ފަހު ވެސް، އެ ދެ ޓީމު ބައިވެރިކުރުން މުހިއްމު ވަނީ ދިވެހި ފުޓްބޯޅައަށް ދިރުމެއް ލިބޭނެ ކަމުގެ އުއްމީދު ބޮޑުކަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަސަންބެ
31 July 2016
ކޮމެންޓް ކުރާ މީހުން މީން ދުވަހަކު ދަނޑަށް ވަނިންތޯ؟. ހިލޭ ދަނޑަށް ވަދެވޭއިރު ކުޅިބަލަން ތިބެނީ ކިތައް މީހުންކަން އިނގޭބާ. ސްޓޭޑިއަމް ފުރި، ޓިކެޓް ހުސްވެ، ބްލެކުން ޓިކެޓް ގަނެގެން ވަދެ މެޗްބެލި ޒަމާން މިހާރު ނެތޭ. މެޗަކަށް 500 މީހުން ނުވަދޭ. އެހެންވީމަ އެކަންވާނެ ގޮތަކަށް ބަދަލުކުރާތީ އެކަމާ އުފާ ކުރަންވީ. މިފަހަރު ވޮލީ ޗެމްޕިއަނުންނަކީ ސިފައިންނެއް އަދި ފުލުހުންނެއްވެސް ނޫން. އެހެންވެ ނެތް އެހެން ބަޔަކަށް ފުރުސަތު ނެތޭ ކިޔޭކަށް.
ޙަސަންދީ
30 July 2016
އަލިފުތު މިސާލު ތިޔަ ނެންގެވި ކަންތައްތަކީ އޭގެން ބޮޑެތި ނަފާތަކެއް ލިބޭ ކަންކަން، އޭޑީކޭގެ ފެންވަރައް އައިޖީއެމްޗު ތަރައްޤީކޮއް ފެންވަރު ރަގަޅުކުރެވިދާނެ އެކަމަކު ރާއްޖޭގެ ފުޓްބޯޅަ މުޅިންތަފާތު ދުނިޔޭގެ ގިނަ ޤައުމުތަކުގެ ޓީމުތައް ހިންގަނީ އެމީހުންގެ އަމިއްލަ ސްޓޭޑިއަމް ހުރެމެ ގޭޓްފައިސާއިންނާއި ސަޕޯޓަރުންނާއި އަދި ބޮޑެތި ސްޕޮންސަރުންގެ އެހީގައި މިކަމުގައި ވިސްނުމައް ގެންނަންވީ އެއްކަމަކީ އެއީ އެތައް މިލިއަން ބައެއްކަން، ކަންމިހެން ހުރި އިރު މިޤައުގެ ފުޓްބޯޅަ މިދެންނެވި ކޮންމެ ކަމަކާ ދިމާ އިދިކޮޅު ޓީމްތަކައް ފައިސާ ލިބޭނެ ވަސީލަތެއްނެތް ސްޕޮންސަރުންގެ ފަރާތުންވެސް ލިބޭނީ ކިރިޔާ އެންމެ ކުޅުންތެރިއެއްގެ މުސާރަ ދެން އޭނަގެ ޖެއުމާއި ނިދުން އަދި އޮތީ ސިފައިންނާއި ފުލުހުން ނަކީ ސަރުކާރުގެ ދެ މުއައްސަސާ އެދެފަރާތުން ބޭނުންވާ ކުޅުންތެރިން ގެންދިޔާމަ ވާނެ ގޮތް ކުރިން ފާހަގަ ކުރިފަދައިން ވޮލީބޯޅައައްވީގޮތައްވާނީ އެއްވެސް ޙާލެއްގައި ކަމުނުގޮސްގެން މިއުޅެނީ އެއީ ފުލުންނާއި ސިފައިންނައް ވީމައެއްނޫން، ކިހިނެއްތޯވާނީ ސިފައިންނާއި ފުލުހުންނައްވެސް ޓީމްތަކައް ކުޅެވޭގޮތައް އޮތިއްޔާ!!!
ޢަލީ
30 July 2016
ޢަނެއްކާވެސް ފުޓްބޯޅާ ޓީޥައްޓަނީ އަދަވަޅަކަށް. ތިމީހުންނަށް ކޮންފުޓްބޯޅައެއް ކުޅެވޭނީ. ޢެމީހުންނަށް ގައުމު ހަލާކު ކުރެވޭނީ
ވަލިއްޔުލްވގ
30 July 2016
އެއްގޮތަކަށްވެސް ކަމަކު ނުދާނެ ޕެޕަރ ސްޕްރޭ ޖަހައިން މޮޅުވާނީ.
ޙަސަންދީ
30 July 2016
ވަރައް ސާފު އާންމު ރައްޔިތަކު ހިންގާ ކުލަބަކާ ސަރުކާރުން ހިންގާ ކުލަބަކާއި އަޅާ ނުކިޔޭނެ ދެން ފެންނާނީ ވޮލީ ބޯޅައިގަވެސް ފެންނަ މަންޒަރު ޕޮލިސްކުލަބާއި ސިފައިންގެ ކުލަބު ނޫނީ ދެންނުފެންނާނެ
ޢަލިފުތު.
30 July 2016
ހަސަންދީ ބުނަނީ މުޅިން ދޮގުވާހަކައެއްނޫން. އެކަމަކު ސިފައިންނާ ޕޮލިހުގެޓީމު ފެންވަރު ރަގަޅު ކުރި ވަރަކަށް ރައްޔިތުމީހާގެ ޓީމުވެސް ފެންވަރު ރަގަޅުކުރާނެ މިސާލަކަށް އައިޖީ އެމް އެޗްގެ ފެންވަރު މަތިކުރަންފެށީމާ ޢޭޑީކޭ ގެ ފެންވަރު މަތި އެބަކުރޭ. ޢަދި އެހެންނޫނަސް ދައުލަތު ބަޖެޓުން ސަރުކާރު އޮފީހަކުން ބައިވެރިކުރާޓީމަކަށް ޚަރަދުކުރާ އުސޫލެއް އޮންނާނެހެން ހީނުވޭ.
ސާމީ
30 July 2016
ޗެލެންޖްތައ ކުރިމަތިވީމާ މެނޭޖްމެންޓް ރަނގަޅުކޮށް ޓީމްތައް ހަރުދަނާ ކުރާނީ، ބޮޑާހާކާނީއެއްނޫން. ރާއްޖޭގެ ބޮޑެތި ކްލަބުތަކުން މިހާތަނަށް ތި ގެނގުޅެމުންދަނީ ބޮޑާހޭކުމުގެ އުސޫލު، ފުޓްބޯޅަ ކުރި އެރުވެނީއެއްވެސް ނޫން މިހާރު، އެކަމަކުވެސް އެމީހުންނަށް ވުރެ ހަރުދަނާ ބަޔަކު ފުޓްބޯޅައިގެ ތެރެއަށް ވަންނަން ފުރުސަތު ދޭކަށްވެސް ބޭނުމެއް ނުވޭ.
ރަންގީލާ
30 July 2016
މިނިންމުމަކީ އަސްކަރިއްޔާ އާއީ ފުލުހުންނަކީ ވަކި ބަޔަކަޢް ހަދާ އެމީހުންގެ އާރާއި ބާރު ގަދަކުރަން ބޭނުންވާ ސިޔާސީ ޕާޓީ ތަކައް ވަރަށް ކަމުދާނެ ކަމެކެވެ. ވިޔަފާރި އާއި ރިސޯޓް ހިންގުމުގެ އިތުރުން ފިލްމް ކުޅުމާއި މިހެންގޮސް އެތައް ކަމެކެވެ. ފޯޓޯ ގައި އެެފެންނަ ބޭފުޅާ ހެން ތި އެސޯސިޔޭޝަންވެސް އެވަނީ ސިޔާސީ ވެފައެވެ. އެބޭފުޅާ ގެ ޕާޓީގެ ފިކުރު ނުވަންނާނެ ގޮތަކައް އެބޭފުޅާ އަށް ތިޔަ އެސޯސިޔޭޝަން ހިންގޭނެ ހެއްޔެވެ.
ނަދީމް
30 July 2016
ސިފައިންނާ ފުލުހުން މިގައުގަ ފުބޯޅަ ކުޅެން ވީވެސް ފިލުމު ކުޅެންވީވެސް އުތުރު ކޮރިއާއަށްވެ ގައުމު ހަލާކުވެއްޖެ
ރޯނުއެދުރު
30 July 2016
މީ ފުޓުބޯޅާގެ ފޯރި ވަރަށް ގަދަ ކޮށްލެވޭނެކަމެއް...މިހާރ ވާއެއްޗަކީ ކުލަބުތަކުން އސްލު ވަރަށް ދޯހަޅި ކުޅުންތެރިން ގެންގުޅާލެއް ...އެކުޅުންތެރިންގަޔކު ސީރިޔަސްކަމެއް ނުފެނޭ ..ހިތަށް އެރިއިރަކު ނިދާލާ ކޮފީ ބޯލާ މަޖާކޮށްލާ ސިގިރޭޓް ބޮއެ ދެންމެޗް ކުޅެން ގޮސް އެއްވެސް ސީރިޔަސް ކަމެއް ދައްކަނީކީނުން ،،،ސިފައިންނާ ފުލުހުންނަކީ ވަކި ޑިސިޕުލިންއަކަށް އުޅުމަށް އަބަދުވެސްމަޖުބޫރުބައެއް ވުމާއެކު އެ ފަރާތްތަކުގެ ބުންވަރު އެއްޗިހި މާބޮޑުތަން ރަގަޅު...ހަމަފުރުސަތު ދޭންވީ އޭރަށް މިކުލަބްތަކު ކުޅުންތެރިން ފުޓްބޯޅަޔަށް ސީރިޔަސްވާނީ...
މެންޓަލިސްޓް
30 July 2016
ދުނިޔޭގެ ކުރިއަރާފައިވާ ގައަމުތަށް ކަމަށް ބަލާ ގައުމުތަކުގައި ފުލުހުންނާއި ސިފައިން އާންމުންނާ ވާދަކުރުމުގެ ފުރުސަތުތިަޔަގޮތަށް ދީއުޅޭތޯ ؟ ހިއެއްނުވޭ ، އެއީވަރަށް ބޮޑުސަބަބުތަކެއްހުރީމައި ، އެއްވެސް ހާލެއްގައި ފުލުހުންނަކީ އާންމުންނާއި ވާދަކުރަންޖެހޭބައެއްނޫން ، އަދި އެކަމުން އުފެދޭ ވާދަވެރިކަމުގައި ، ހަސަދަވެރިކަމާޢި އަނިޔާވެރިކަން އޭގެތެރެއިން އުފަންވެގެންދާނެ ، މިހުރިހާކަމަކަށް ބަލާފައި އެއްގޮތަކަށްވެސް ކުރަންހޮޔޮވާވަރުގެ ކަމެށްނޫން ތީކީ ، ޙުދުމުހުތާރު ވެރިން ބޭނުންވާނީ ރައްޔަތުންނާއި ސަލާމަތީބާރުތަކާއި އަބަދުވެސް ޖައްސާފައި ބަހައްޓަން އޭރުންނޫންތޯ ރައްޔަތުންގެ ކޮޅަށް އެމީހުންއަރާ ވެރިކަން ވައްޓާނުލާނީ ، އެހެންވެ ރައީސްޔާމިން ކުރާކަމެށްތީ ،، ،
ރަންގީލާ
30 July 2016
އެފް. އޭ. ޢެމް ގެ ބޮޑުންގެ ތެރޭގައި ތިބީ ޕާޓީ ތަކަށް ނިސްބަތްވާ މީހުން އެހެންވީމާ ތިޔަކަންތަށް ވެސް ތިވީ އެހެން .. ޕާޓީގެ ފިކުރަކީ އަސްކަރިއްޔާ އާއި ފުލުހުން ހިތުހުރިހާ ގޮތަކަށް އުޅެ އެމީހުން ހިތްހަމަ ޖައްސާދީފަ ބޭތިއްބުން.
ޑަގޭ
30 July 2016
ބަލަ އަހަރުމެންގެ ދަގޭވެސް އުޅުނީ މެލޭސިއާގެ ޕޑރމ ގަ. ޢެއޯ އެތަނުގެ ޕޮލިސް ކިލަބް. ކޮބާ މައްސަލަ އަކީ
ކަމާ
30 July 2016
ސިންގަޕޫރު އަދި މެލޭ ވައްސަލާމް
އަޖާއިބު
30 July 2016
ހަމަހުރެފަ ހިތައް އައިހާ އެއްޗެއް ލިޔުނަކަސް ކަމަކު ނުދާޏޭ. ދަގަނޑޭ މެލޭޝިޔާގައި ކުޅުނީ އެތަނުގެ ޕޮލިސްކުލަބަށް. ނޭޕާލުގައި އާރމީކުލަބު އޮވޭ. ސިންގަޕޯރގައި ވެސް އޮވޭ. ދުނިޔޭގެ ގިނަ ޤައުމުތަކުގައި އެތަންތަނުގެ ޕޮލޮސް އަދި އާރމީގެ ކުލަބުތައް ވާދަކުރާނެ. ތިމާއަށް ކަންކަން އޮންނަ ގޮތް ނޭނގުމަކީ އެއީ ކަންކަން ދުނިޔޭގައި ނުހިނގާ ކަމަކަށް ނުވާނެ. ވިސްނާށޭ ޤައުމު