ރިޕޯޓް / ރައްޔިތުންގެ މަޖިލިސް

މެޖޯރިޓީ ގެއްލުމުން މަޖިލީހުން ގޯހަކަށް ފަހު ގޯހެއް

މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ދަނީ. -

ދައުލަތުގެ ތިން ބާރުގެ އިމަކީ ކޮބައިކަން ބަޔާންކުރަމުން، ގާނޫނުއަސާސީގެ އަށް ވަނަ މާއްދާގައި ބުނެފައިވަނީ، ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ހިންގާން ވާނީ ގާނޫނުއަސާސީގައިވާ ގޮތުގެ މަތީން ކަމަށެވެ. އެ އިމުގެ ތެރޭގައި ދައުލަތުގެ ބާރުތައް ހިފަހައްޓާފައި އޮތުމުގެ ބޭނުމަކީ، ގާނޫނުއަސާސީގެ 70، 106، 142 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ފަދައިން, ދިވެހި ދައުލަތުގައި ގާނޫނުގެ ވެރިކަން ނަގަހައްޓައި ދެމެހެއްޓުމެވެ.

ގާނޫނަށް ކިޔަމަންވުމާއި ގާނޫނާ އެއްގޮތަށް ކަންތައް ކުރުމުގައި ދައުލަތުގެ އެއްވެސް ބާރަކަށް ވަކި ޚާއްސަ އިމްތިޔާޒެއް ލިބިގެން ނުވެ އެވެ. ގާނޫނުއަސާސީ އާއި އިސްލާމީ ޝަރީއަތާ ޚިލާފަށް ގާނޫނެއް ހެދުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ލިބިގެނެއް ނުވެ އެވެ. ދައުލަތުގެ މުއައްސަސާއަކުން ކުރާ އެއްވެސް ކަމެއް، ގާނޫނަކާ ޚިލާފަށް ކުރުމުގެ ބާރު، ވެރިކަން ހިންގުމުގެ ބާރަށް ލިބިގެނެއް ނުވެ އެވެ. ހަމަ އެފަދައިން ގާނޫނުއަސާސީ އާއި ގާނޫނުތަކާ ޚިލާފަށް ޝަރީއަތް ކޮށް ހުކުމް ކުރުމުގެ ބާރު، ޝަރުއީ އެއްވެސް ކޯޓަކަށް ވެސް ލިބިގެން ނުވެ އެވެ.

މިއިން އެނގެނީ ގާނޫނުއަސާސީން ދިވެހި ރާއްޖޭގައި ދުސްތޫރީ ސިޔާދަތެއް ގާއިމުކޮށް، ގާނޫނުގެ ވެރިކަން ކަނޑައަޅައިދީފައި އޮތް ކަމެވެ. މާނައަކީ ދައުލަތުގެ ތިން ބާރު ވެސް ބޯލަނބައި ކިޔަމަން ވާންވާނީ ގާނޫނުއަސާސީ އާއި ގާނޫނުތަކަށެވެ.

ނަމަވެސް މަޖިލީހުން އަމަލު ކުރަމުންދާ ގޮތުން، ގާނޫނުއަސާސީން ގާއިމުކޮށްދީފައިވާ ދުސްތޫރީ ސިޔާދަތާއި ގާނޫނުގެ ވެރިކަން ނެގެހެއްޓެނީ ކިހާ ވަރަކަށްތޯ ސުވާލު އުފެދޭ ހިސާބަށް ކަންތައް ވަނީ ބޮއްސުންލައިފަ އެވެ.

އެ ކަމުގެ އެއް ހެއްކަކީ، ރައްޔިތުން އެ މައްޗަށް އަމަލު ކުރުން ލާޒިމުވާ ކަންކަން ފާސްކުރެވޭނީ މަޖިލީހުގެ ދެ ބައިކުޅަ އެއްބައި މެމްބަރުން ހާޒިރުވެ ތިބޭ ޖަލްސާއެއްގައި ކަމަށް ވިޔަސް، "ޒަރޫރީ ހާލަތުގައި" އެފަދަ ކަމެއް ފާސްކުރަން ޖެހިއްޖެ ނަމަ، އެ އަދަދަށް މެމްބަރުން ނެތަސް ވޯޓު ނެގިދާނެ ކަމަށް އިއްޔެ މަޖިލީހުން ފާސް ކުރުމެވެ.

މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ. - ފައިލް ފޮޓޯ: މަޖިލިސް

މިއީ ކަނޑައެޅިގެން ގާނޫނުއަސާސީއާ ޚިލާފު ނިންމުމެއް ކަމަށް ނޫނީ ނުބުނެވޭނެ އެވެ. އޭގެ އިތުރުން، ރައްޔިތުން އެ މައްޗަށް އަމަލުކުރުން ލާޒިމުކުރާ ކަންކަން ފާސްކުރުމަށް، މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ދެ ބައިކުޅަ އެއްބަޔަށް ވުރެ ގިނަ މެމްބަރުން ހާޒިރުވެ ނެތި ނަގާ ވޯޓެއްގެ ސައްހަ ކަން ކަނޑައެޅުމަށް މީގެ ކުރިން ރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައި ހުރި ދުސްތޫރީ ނިންމުންތަކާ ވެސް ކަނޑައެޅިގެން ޚިލާފު ނިންމުމެކެވެ.

ގާނޫނުއަސާސީގެ 87 ވަނަ މާއްދާގައި ބުނަނީ "ރައްޔިތުން އެ މައްޗަށް އަމަލުކުރުން ލާޒިމްކުރާ އެއްވެސް ކަމެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށްޓަކައި ވޯޓަށް އަހަންވާނީ އެ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ދެ ބައިކުޅަ އެއްބަޔަށް ވުރެ ގިނަ މެމްބަރުން އެ ވޯޓެއް ނަގާ ޖަލްސާގައި ހާޒިރުވެ ތިބޭ ވަގުތެއްގައި" ކަމަށެވެ. މަޖިލީހުގެ ގަވައިދުގެ 37 ވަނަ މާއްދާގެ (ބ) ގައި ވެސް ބުނެފައިވަނީ ހަމަ އެ ވާހަކަ އެވެ. މަޖިލީހުގައި މިހާރު ތިއްބަވަނީ 85 މެމްބަރުން ކަމަށްވާ އިރު ގާނޫނުއަސާސީގައި އެ ބުނާ އަދަދަކަށް ވާނީ 43 މެމްބަރުންނެވެ.

ނަމަވެސް ގާނޫނުއަސާސީއާ ޚިލާފު އެ ނިންމުން ފާސް ކުރުމަށް މަޖިލީހުގެ ރިއާސަތުން އިއްޔެގެ ޖަލްސާ އަށް ހުށަހަޅުއްވަމުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު އަމަލު ކުރެއްވީ ވެސް، އެކަން ކުރައްވަނީ ޒަރޫރީ ހާލަތެއް އޮވެގެންތޯ ނުވަތަ އެހެން މަގްސަދެއްގައިތޯ ސުވާލު އުފެދޭ ފަދަ ގޮތަކަށެވެ.

ސަބަބަކީ މިއެވެ؛ ރައްޔިތުން އެ މައްޗަށް އަމަލު ކުރުން ލާޒިމުވާ ކަންކަމަށް ވޯޓަށް އަހާއިރު، މަޖިލީހުގެ ޖަލްސާގައި ވަކި އަދަދަކަށް މެންބަރުން ތިބުން ލާޒިމުކުރީ ގާނޫނު އަސާސީންނެވެ. ނަމަވެސް ޒަރޫރީ ހާލަތްތަކުގައި އެފަދަ ކަމެއް ފާސްކުރަން ވޯޓަށް އަހާއިރު، އެ އަދަދަށް މެމްބަރުން ތިބުން ލާޒިމް ނުވާނެ ކަމަށް ފާސްކުރަން ވޯޓަށް އެހި އިރު، ގާނޫނުއަސާސީގައި އެކަން ކަނޑައަޅާފައި އޮތް 87 ވަނަ މާއްދާއާ ހަވާލައިދެއްވުމުގެ ބަދަލުގައި، މަސީހު ހަވާލައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ 37 ވަނަ މާއްދާ އަށް އެކަންޏެވެ.

ނަތީޖާއެއްގެ ގޮތުން، މަޖިލީހުގެ އިއްޔެގެ ޖަލްސާ ބެލި އަދި އަޑުއެހި މަދު މީހެއް ފިޔަވައި ގިނަ މީހުންނަށް ގަބޫލު ކުރެވުނީ، އެ ޖަލްސާގައި އެ ބަދަލު ގެނައީ މަޖިލީހުގެ ގަވާއިދުގައި ކަނޑައަޅާފައި އޮތް ކަމަކަށް ކަމަށެވެ. ނަމަވެސް ހަގީގަތުގައި އިއްޔެ ފާސްކުރި ނިންމުން ނިސްބަތް ވަނީ ގާނޫނުއަސާސީގެ 87 ވަނަ މާއްދާއަށެވެ.

ބޭރު ގައުމެއްގެ ރައްޔިތުކަން ހޯދައިގެން އުޅޭ މީހުންނަށް ވެރިކަމަށް ކުރިމަތިނުލެވޭ ގޮތަށް ފާސްކުރި އިސްލާހު އަމާޒު ކުރެވުނު ޕްރޮފެސަރު އުގެއިލް (ވ) އަށް ތ. ވަންދޫން މަރުހަބާ ދަންނަވަނީ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަކީ، ގާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ހ) އިން ބާރު ލިބިގެން ހަދާފައި އޮތް ގަވާއިދެކެވެ. އެހެންކަމުން ގާނޫނުއަސާސީން ދީފައި ނުވާ ބާރެއް ރައްޔިތުންގެ މަޖިލީހަކަށް ވެސް ނުލިބޭނެ އެވެ.

"އެއީ ކަނޑައެޅިގެން ގާނޫނުއަސާސީއާ ޚިލާފު ނިންމުމެއް. ރައްޔިތުންގެ މަޖިލީހުން ވެސް އެބަ ގަބޫލުކުރޭ، ރިއާސީ އިންތިޚާބުގެ ގާނޫނާއި އިންތިޚާބުތަކާ ބެހޭ ގާނޫނުތަކަކީ، ރައްޔިތުން އެ މައްޗަށް އަމަލު ކުރުން ލާޒިމްވާ ގާނޫނުތަކެއް ކަން. އެހެން ކަމަށްވާ އިރު، އެފަދަ ގާނޫނުތަކަށް ގެންނަ ކޮންމެ އިސްލާހަކަށް ވެސް ވޯޓަށް އަހަން ވާނީ، ގާނޫނުއަސާސީގެ 87 ވަނަ މާއްދާގެ (ށ)ގައި ބުނާ އަދަދަށް މެންބަރުން ތިބޭ ޖަލްސާއެއްގައި،" ރާއްޖޭގެ ގާނޫނީ ވަކީލަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރައްޔިތުން އެ މައްޗަށް އަމަލު ކުރުން ލާޒިމްވާ ގާނޫނުތަކަށް ގެންނަ އިސްލާހަކަށް ވޯޓަށް އަހާއިރު، މަޖިލީހުގެ ދެ ބައިކުޅަ އެއްބަޔަށް ވުރެ ގިނަ މެމްބަރުން އެ ޖަލްސާގައި ހާޒިރުވެ ނެތިއްޔާ ވޯޓަށް އަހައިގެން ވެސް ނުވާނެ އެވެ. އަދި އެ އަދަދަށް މެންބަރުން ނެތި ނަގާ ވޯޓެއްގެ ގާނޫނީ ހައިސިއްޔަތެއް ވެސް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ގާނޫނުއަސާސީގެ 87 ވަނަ މާއްދާގައި ބުނާ އަދަދަށް މެމްބަރުން ނެތަސް، އެ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމުގައި ވޯޓު ނެގުން ހުއްދަ ކުރުމަށް މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ފާސްކުރީ، ޒަރޫރީ ހާލަތެއް ކަމަށް ބަލައިފަ އެވެ. އެއީ އިއްޔެ ވޯޓަށް އަހަން ތާވަލުކުރި ބިލުތަކާ މެދު ގޮތެއް ނިންމުމަށް އޭގެ ކުރިން ދެ ދުވަހަކު ޖަލްސާއެއް ބާއްވަން ތާވަލު ކޮށްގެން ވެސް، 43 މެމްބަރުން ހާޒިރުނުވާތީ، އިއްޔެ ވޯޓަށް އަހަން ހުރި ބިލްތަކަކީ ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް މީހަކު އިންތިޚާބުކުރުމާ ގުޅިފައިވާ ބިލްތަކަކަށް ވާތީ އެވެ.

"ގާނޫނުއަސާސީގައި ކަޅާއި ހުދުން ކަނޑައަޅާފައި އޮތް ކަމެއް ނަފީކޮށްލަން ބޭނުންވުމުން، އެއީ ޒަރޫރީ ހާލަތެއް ކަމަށް ކަނޑައެޅުމަށް މަޖިލީހުގެ ރިއާސަތަށް ލިބިފައި އޮތީ ކޮން ހައިސިއްޔަތެއްތޯ؟ ޒަރޫރީ ހާލަތެއް ކަމަށް ކަނޑައެޅުމަކީ މަޖިލީހުގެ ރައީސްގެ ޒިންމާއަކަށް ވީ ކޮން އިރަކުތޯ؟ މީގެ ކުރިން ވެސް ޒަރޫރީ ހާލަތު ކަނޑައަޅާފައި ހުރީ ސުޕްރީމް ކޯޓުން. ޒަރޫރީ ހާލަތު ކަނޑައެޅުމަކީ މަޖިލީހުގެ ބާރެއް ނޫން،" ރާއްޖޭގެ މަޝްހޫރު ގާނޫނީ ވަކީލަކު ވިދާޅުވި އެވެ.

މަޖިލީހުގެ ރައީސް މަސީހު ޖަލްސާއެއް ކުރިއަށް ގެންދަވަނީ. - ފޮޓޯ: މަޖިލިސް

އިންތިޚާބުތަކާ ބެހޭ ގާނޫނުތަކަށް ހުށަހެޅި ތިން އިސްލާހު ފާސް ކުރުމަށްޓަކައި، ގާނޫނުއަސާސީގެ 87 ވަނަ މާއްދާގެ (ށ)ގައި ބުނާ އަދަދަށް މެމްބަރުން ނެތަސް ވޯޓަށް އެހޭނެ ކަމަށް ފާސްކޮށްދިނުމަށް، މަޖިލީހުގެ ރައީސް މަސީހު، އިއްޔެގެ ޖަލްސާގައި ހާޒިރުވެ ތިއްބެވި މެމްބަރުންގެ އަރިހުން އެދިވަޑައިގަތީ، މި އަހަރުގެ ތެރޭގައި ސުޕްރީމް ކޯޓުން ނިންމި ދެ ގަޒިއްޔާއަކާ ހަވާލާ ދެއްވަމުންނެވެ. އެއީ، 43 މެމްބަރުން ނެތް ޖަލްސާއެއްގައި އެންޓި-ޑިފެކްޝަން ބިލް ފާސްކުރި މައްސަލައިގެ ގަޒިއްޔާ އާއި ޝަރުއީ އެންމެ ފަހު މަރުހަލާގައި ފަނޑިޔާރަކު ކުށްވެރިވުމުން މަގާމުން ވަކިވާނެ ކަމަށް، ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހު ފާސްކުރި މައްސަލައިގެ ގަޒިއްޔާ އެވެ.

އެ ދެ ގަޒިއްޔާ އަށް ރިއާޔަތް ކުރައްވައި، މަޖިލީހުގެ ދެބައިކުޅަ އެއްބައި ހާޒިރު ނުވިޔަސް، އިންތިހާބުތަކާ ބެހޭ ގާނޫނުތަކަށް ހުށަހެޅި އިސްލާހު ފާސްކުރުމަށް ވޯޓު ނެގޭނެ ކަމަށް ފާސް ކޮށްދިނުމަށް މަސީހު ހުށަހެޅުއްވި އިރު، އެ ދެ ގަޒިއްޔާގައި އެކަމަށް ހުއްދަ ދީފައި އޮތްތޯ، މަޖިލީހުގެ ގާނޫނީ ޓީމުން ކަށަވަރު ކުރި ބާވަ އެވެ؟

އެންޓި-ޑިފެކްޝަން ގާނޫނުގެ މައްސަލަ ނިންމި ގޮތުގެ ޚުލާސާ ރިޕޯޓްގެ 45، 46 ވަނަ ސޮފުހާގައި ބުނެފައިވާ ގޮތުގައި، ގާނޫނުއަސާސީގެ 87 ވަނަ މާއްދާގެ (ށ)ގައި ބުނާ އަދަދަށް މެމްބަރުން ނެތް ޖަލްސާއެއްގައި އެންޓި-ޑިފެކްޝަން ބިލް ފާސްކުރި ކުރުމަކީ، ޒަރޫރީ ހާލަތުގައި ދުސްތޫރީ ގޮތުން ކުރި ސައްހަ ކަމެއް ކަމަށް ޝަރީއަތުން ކަނޑައެޅުމަކީ، ގާނޫނުއަސާސީގެ 87 ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވާ އިޖުރާއާތާ ޚިލާފަށް، ރައްޔިތުން އެ މައްޗަށް އަމަލު ކުރުން ލާޒިމް ކުރާ ބާވަތުގެ ގާނޫނުތައް ފާސްކުރުމަށް ދެވޭ އާންމު ރުޚުޞަތެއް ނޫނެވެ.

ހަމަ އެފަދައިން، ޖިނާއީ ކުށެއް ސާބިތުވުމުން ފަނޑިޔާރުން މަގާމުން ވަކިވާނެ ކަމަށް، ފާސްކުރި ބިލްގެ މައްސަލަ ނިންމި ގޮތުގެ ޚުލާސާ ރިޕޯޓްގައި ވެސް ބުނެފައި އޮތީ އެ ވާހަކަ އެވެ. އެ ރިޕޯޓްގެ 47 ވަނަ ސޮފުހާގައި ބުނެފައި އޮންނަނީ، ގާނޫނުއަސާސީގެ 87 ވަނަ މާއްދާގެ (ށ)ގައި ބުނާ އަދަދު ހަމަނުވާ ޖަލްސާއެއްގައި އެ ބިލް ފާސްކުރި ކުރުމަކީ، ޒަރޫރީ ހާލަތުގައި ދުސްތޫރީ ގޮތުން ކުރި ސައްހަ ކަމެއް ކަމަށް ޝަރީއަތުން ކަނޑައެޅުމަކީ، ގާނޫނުއަސާސީގެ 87 ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވާ އިޖުރާއާތާ ޚިލާފަށް، ރައްޔިތުން އެ މައްޗަށް އަމަލު ކުރުން ލާޒިމް ކުރާ ބާވަތުގެ ގާނޫނުތައް ފާސްކުރުމަށް ދެވޭ އާންމު ރުޚުޞަތެއް ނޫން ކަމަށެވެ.

ޖަރުމަނުގެ ސިޔާސީ ހިމާޔަތުގައި އުޅުއްވާ ގާސިމް އިބްރާހީމް (ވ-2) އާއި އިނގިރޭސި ވިލާތުގެ ހިމާޔަތުގައި އުޅުއްވަމުން ގެންދަވާ އަލީ ވަހީދު (ވ)، އަމީން އިބްރާހީމް (ކ) އަދި ޑރ. ޖަމީލު.

އިސްވެ ދެންނެވި ދެ ގަޒިއްޔާ އިން އެނގުނީ، ގާނޫނުއަސާސީގެ 87 ވަނަ މާއްދާގެ (ށ)ގައި ބުނާ އަދަދު ހަމަނުވާ ޖަލްސާއެއްގައި ފާސްކުރި ފާސްކުރުމެއް، ޒަރޫރީ ހާލަތުގެ އުސޫލުން ސައްހަ ކަމަށް ޝަރުއީ ކޯޓަކުން ކަނޑައެޅުމަކީ، ރައްޔިތުންގެ މަޖިލީހުން ބޭނުންވީމާ، މިއީ ޒަރޫރީ ހާލަތެކޭ ބުނެ، ގާނޫނުއަސާސީގެ 87 ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވާ އިޖުރާއާތާ ޚިލާފަށް ގާނޫނުތައް ފާސްކުރުމަށް އެ މަޖިލީހަށް ދެވޭ އާންމު ލުޔެއް ނުވަތަ ހުއްދައެއް ނޫން ކަމެވެ.

އޭގެ އިތުރުން، ފަނޑިޔާރުން ވަކިވާ ގާނޫނުގެ ޝަރީއަތް ނިންމި ގޮތުގެ ޚުލާސާ ރިޕޯޓްގެ 31 ވަނަ ސޮފުހާގަޔާއި އެންޓި-ޑިފެކްޝަން ގާނޫނުގެ ޝަރީއަތް ނިންމި ގޮތުގެ ޚުލާސާ ރިޕޯޓްގެ 27 ވަނަ ސޮފުހާގައި ބުނެފައި އޮންނަ ގޮތުގައި މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ދެ ބައިކުޅަ އެއްބައި މެމްބަރުން ހާޒިރުވެ ތިބެގެން ވޯޓު ނަގަންޖެހޭ ކަންކަމުގައި، އެ ނޫން ގޮތަކަށް ނަގާ ވޯޓަކީ ދުސްތޫރީ ގޮތުން ސައްހަ ވޯޓެއް ކަމުގައި ނުބެލެވޭނެ އެވެ.

އޭގެ އިތުރުން، ޒަރޫރީ ހާލަތެއް ކަމަށް ބަލައި، މަދު އަދަދެއްގެ މެމްބަރުންކޮޅެއްގެ ވޯޓާ އެކު އިއްޔެ ފާސްކުރި އިސްލާހަކީ ވެސް އޭގެ ޒާތުގައި މަޖިލީހަށް ފާސް ކުރެވޭނެ އިސްލާހެއް ނޫން ކަމަށް ގާނޫނީ ވަކީލުން ވިދާޅުވެ އެވެ. ސަބަބަކީ، ރިއާސީ އިންތިޚާބަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތައް ކަނޑައަޅާފައިވަނީ ގާނޫނުއަސާސީގައި ކަމަށް ވެފައި، ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ ގޮތާ ޚިލާފަށް ކަމެއް ފާސް ކުރުމުގެ ގާނޫނީ ބާރު މަޖިލީހަށް ވެސް ލިބިގެން ނުވާތީ އެވެ.

މަޖިލީހުން މީގެ ކުރިން އަމަލު ކުރި ގޮތަށް ބަލާއިރު ވެސް، ރިއާސީ ކެންޑިޑޭޓުންގެ ޝަރުތުތަކަށް ބަދަލު ގެނައުމަކީ، ގާނޫނުއަސާސީގެ ހުދޫދުން ބޭރުން، ރިއާސީ އިންތިޚާބުގެ ގާނޫނަށް ގެންނަ އިސްލާހަކުން ކުރެވޭނެ ކަމެއް ނޫން ކަން އެނގެ އެވެ. އެއީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބަށް އެ މަގާމު ގެނައުމަށާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ވެރިކަމަށް ކުރިމަތި ނުލެވޭ ގޮތް ހަދަން ބޭނުންވި ހިނދު މަޖިލީހުން އަމަލު ކުރި ގޮތެވެ.

އިނގިރޭސި ވިލާތުގެ ހިމާޔަތުގައި އުޅުއްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު، ގައުމުތަކުގެ ގުޅުމާ ބެހޭ ކޮންފަރެންސެއް ޝަރަފްވެރި ކޮށްދެއްވުމަށް ނިއު ދިއްލީ އަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން.

އެ ފަހަރު ވެސް، ހަމައެކަނި ރިއާސީ އިންތިޚާބުގެ ގާނޫނުގެ ހަތް ވަނަ މާއްދާ އިސްލާހު ކޮށްލައިގެން އެކަން ކުރެވެން އޮތެވެ. ނަމަވެސް އެއީ ގާނޫނުއަސާސީއާ ޚިލާފު ކަމަކަށްވާތީ، އެ ފަހަރު އެ ބަދަލުތައް ގެނައީ ގާނޫނުއަސާސީގެ 109 ވަނަ މާއްދާ އަށް ގެނައި އިސްލާހަކުންނެވެ.

ރިއާސީ ކެންޑިޑޭޓުންގެ ޝަރުތުތައް ކަނޑައަޅާފައި އޮތީ ގާނޫނުއަސާސީގެ 109 ވަނަ މާއްދާގަ އެވެ. އޭގެ އިތުރުން ރިއާސީ އިންތިޚާބުގެ ގާނޫނުގެ ހަތް ވަނަ މާއްދާގައި، ރިއާސީ ކެންޑިޑޭޓުންގެ ޝަރުތުތައް ބަޔާންކުރުމުގެ ގޮތުން ހަމައެކަނި ބުނެފައި އޮތީ، އެފަދަ މީހެއްގެ ކިބައިގައި ގާނޫނުއަސާސީގެ 109 ވަނަ މާއްދާގައި ބުނާ ޝަރުތުތައް ފުރިހަމަވާންޖެހޭނެ ކަމަށެވެ. ގާނޫނުއަސާސީގައި ބަޔާންކުރި ޝަރުތުތަކުގެ އިތުރުން އެހެން ޝަރުތެއް ހިމަނާފައެއް ނުވެ އެވެ. އަދި ގާނޫނުއަސާސީގައި ބުނާ ޝަރުތައް އިތުރަށް މާނަކޮށްދީ ތަފްސީލު ކޮށްދީފައެއް ވެސް ނުވެ އެވެ.

ވީއިރު، ގާނޫނުއަސާސީގެ 109 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ޝަރުތުތަކުގެ ތެރެއަށް، ގާނޫނަކުން އިތުރު ޝަރުތުތަކެއް ކަނޑައެޅިދާނެތޯ ސުވާލު އުފެދެ އެވެ. އެކަން ކުރެވިދާނެ ކަމަށްވާ ނަމަ، މިފަހަރު ސަރުކާރުގެ ފަރާތުން ރިއާސީ އިންތިޚާބުގެ ގާނޫނަށް ހުށަހެޅި، ރިއާސީ ކެންޑިޑޭޓުންގެ ޑިޕޮސިޓް ބޮޑުކުރުމުގެ އިސްލާހާ އެކު، ރިއާސީ ކެންޑިޑޭޓުންގެ ޝަރުތުތައް އިސްލާހު ކުރަން ހުށަނޭޅީ ކީއްވެ ހެއްޔެވެ؟

އެނގިފައިވާ ގޮތުގައި، ބޭރު ގައުމެއްގެ ހިމާޔަތް ހޯދައިގެން އުޅޭ މީހުންނާއި، ބޭރު ގައުމެއްގެ ރައްޔިތުކަން ހޯދައިގެން އުޅޭ މީހުންނަށް، ރާއްޖޭގެ ވެރިކަމަށް ކުރިމަތި ނުލެވޭ ގޮތަށް، ރިއާސީ އިންތިޚާބުގެ ގާނޫނު އިސްލާހު ކުރަން ސަރުކާރުން ބޭނުންވުމުން، އެކަމާ މެދު ބަންޑާރަ ނައިބުގެ އޮފީހުގެ ގާނޫނީ ބޭފުޅުންގެ މެދުގައި ވަރަށް ވަރުގަދަ ބަހުސްތަކެއް ކުރެވުނެވެ. ނަމަވެސް އެ ބޭފުޅުންގެ މެދުގައި ޚިޔާލު ތަފާތުވުން އުފެދި، ގާނޫނުއަސާސީ އިސްލާހު ކުރުމަކާ ނުލައި، ރިއާސީ އިންތިހާބުގެ ގާނޫނަށް ގެންނަ އިސްލާހަކުން އެފަދަ ޝަރުތެއް އިތުރު ކުރުމަކީ ގާނޫނުއަސާސީއާ ޚިލާފު ކަމެއް ކަމަށް، އޭޖީ އޮފީހުގެ ގިނަ ވަކީލުންނަށް އެއްބަސްވެވުމުން، ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލްގައި އެބައި ނުހިމެނީ އެވެ.

މަޖިލީހުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ، ބައެއް މެމްބަރުން ސުޕްރީމް ކޯޓުގެ ބޭރުގައި ނޫސްވެރިންނާ ބައްދަލު ކުރައްވަނީ. ---ފޮޓޯ: ހުސައިން ވަހީދު/ މިހާރު

އޭގެ ބަދަލުގައި ސަރުކާރާއި ޕީޕީއެމަށް އެއްބަސްވެވުނީ، އެ އިސްލާހު ސަރުކާރުގެ ނަމުގައި ހުށަހެޅުމުގެ ބަދަލުގައި، މަޖިލީހުގެ މެމްބަރަކު އަމިއްލަ އަށް ހުށަހަޅާ އިސްލާހެއްގެ ގޮތުގައި މަޖިލީހަށް އެ އިސްލާހު ފޮނުވުމަށެވެ. އެހެންކަމުން، ވިލިމާފަންނު ދާއިރާގެ މެމްބަރު އަހްމަދު ނިހާންގެ ނަމުގައި އެ އިސްލާހު މަޖިލީހަށް ހުށަހަޅައި، ވެރިކަން ކުރާ ޕީޕީއެމާއި އެމްޑީއޭ ކޯލިޝަންގެ މެމްބަރުންގެ ވޯޓުން އެ އިސްލާހުތައް ފާސްކުރީ އެވެ.

މަޖިލީހުގެ ކަންކަން މިހާ ވަރަށް ބޮއްސުންލައިގެން މި ދަނީ، މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތް ކަމަށް، މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ދެ ބައިކުޅަ އެއް ބަޔަށް ވުރެ ބޮޑު އަޣުލަބިއްޔަތަކުން ހުށަހެޅުމުން ވެސް އެ ކަމަށް ރިއާޔަތް ކުރެއްވުމެއް ނެތި، އެ މައްސަލަ ހުށަހެޅި މެމްބަރުންގެ ތެރެއިން 12 މެމްބަރަކު މަޖިލީހުން ވަކިވެއްޖެ ކަމަށް، އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން ލައްވައި ކަނޑައަޅައި، އެ މައްސަލަ ބޭރުކޮށްލި ހިސާބުންނެވެ.

އޭގެ ފަހުން، އޮމާންކަމާއި އަމާންކަމާ އެކު މަޖިލީހުގެ ޖަލްސާއެއް ބޭއްވިފައެއް ނުވެ އެވެ. އިދިކޮޅު މެމްބަރުން މަޖިލީހުގެ ޖަލްސާތައް ބޮއިކޮޓް ކުރައްވައިގެން އުޅުއްވާތާ މިހާރު އަހަރު ދުވަސް ވަނީ އެވެ. އެހެންކަމުން މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ދެ ބައިކުޅަ އެއްބައިގެ ހާޒިރީއެއް ފުރިހަމަނުވާތާ ވެސް އަހަރު ދުވަސްވަނީ އެވެ.

41 ކޮމެންޓް, 94 ރިއެކްޝަންސް

icon happy icon happy 65%
icon sad icon sad 7%
icon angry icon angry 28%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދިއްދު އަހަމްދު

06 July 2018

ވަރަށް ފުރިހަމަ ރަނގަޅަށް ދިރާސާ ކުރެވިފައިވާ ލިޔުމެއް. މައުލޫމާތު ވަރަށް ފުރިހަމަ އަދި ފަހުމުވާން ވަރަށް ފަސޭހަ.

The name is already taken The name is available. Register?

ޣގފފފ

05 July 2018

ހުވާމިބުނީ ޔާމީން ޕޯޑިއަމަށްއަރާ ނިތްއަރުވާފަ ދައްކާވާހަކައިވުނީމަ ހަމަ ހިނިއަންނަނީ. ކޮންހައްގެއް ހެއްޔޯނެތީ. މިއުޅެނީ ރިޔާސީ އިންތިހާބަށް ތިމާނޫންމީހަކު ލާފާނެތީ ދެފަޔަށްހިނިއަރައިގެން ގާނޫނުތައް ބަދަލުނުކުރެވިގެން

The name is already taken The name is available. Register?

މާލޭމީހާ

05 July 2018

ޒހ އަށް ސަލާމް

The name is already taken The name is available. Register?

ވަރަށްވާހަކަ

05 July 2018

ގުޅަކުޅޭ ފަސްގަޑަށް ނުދިޔަޔަސް ގާނޫނު އަސާސީ ވަނީ ނެތިކޮށްލާފަ

The name is already taken The name is available. Register?

ނޮނޮ

05 July 2018

ޒަރޫރީ ހާލަތަކީ ވައްކަމާއި ފަސާދަޔަށް މަގުފަހިކުރުވުން ނޫން އެހެން ކޮންކަމެއްތޯ?

The name is already taken The name is available. Register?

ދިމިކްރާތީ

05 July 2018

ރައްޔިތުންގެ ހަގީގީ ތާއީދު ނެތް މީހަކަށް އަބަދުވެސް ވެރިކަން ކުރެވޭނީ ހުދުމުހުތާރުކޮށް. އެހެން ނޫނީ ވެރިކަމުގަ ހިފަހައްޓައެއް ނުލެވޭނެ. މިއީ އަބަދުވެސް ދުނިޔެއިން ފެންނަ ހަގީގަތް. އަދި ތާއީދު ކުޑަވަމުންދާވަރަކަށް ކަންކަން ދާނީ ގޯހުން ގޯހަށް. ހައްގުތަށް ދާނީ ހަނިވަމުން ހަނިވަމުން. ގަދަ ބާރުން ނޫން ގޮތަކަށް ނުހިފެހެއްޓޭނެ. ރައްޔިތުންނަށް ކެތްނުވާވަރުވެގެން އިންގިލާބަކުން ވައްޓަންދެން މިކަން ދާނީ މިހެން. އަރަބި ދުނިޔެއަށް ބަލާލީމަ މިހަގީގަތް ވަރަށް ރީއްޗަށް ފެންނާނެ.

The name is already taken The name is available. Register?

އަލިބެއްޔާ، އެކުވެރިސުވައިދީބް

05 July 2018

ދިވެހި ޤައުމު އޮންނާނެ، ދިވެހި ރައްޔިތުން ތިބޭނެ އަދި ޤާނޫނުއަސާސީ ވެސް އޮންނާނެ އެހެނަސް ޢަމިއްލަ މަސްލަހަތާއި ވަގުތީ މަންފާއަށް ޤާނޫނުތަކައް ބަދަލުގެނައި މީހުންނައް އޮތި ޖަލުގެ ކުޑަ ގޮޅި ތަކެވެ. ދަންނާށެވެ! ދުނިޔެ ހިނގަމުން ދަނީ ތޮށަލި ދުޅައަށެވެ. މިވަގުތު ޖަލުތަކުގައި ތިބި ފަރާތްތަކައް ނަޒަރު ހިންގާލުމުން އެނގެނީ ކޮންމެ މީހަކާ ވެސް ޤާނޫނު އަރާ ހަމަ ކުރާނެކަމެވެ.

The name is already taken The name is available. Register?

ކަޓޭ

05 July 2018

ދެން ކިހިނެއް ހަދާނީ، ގާނޫނު ހަދަންތިބި މީހުން އެދަނީ ގާނޫނު ވީދަމުން. ދައުލަތުގެ ހުރިހާ މުއައްސަސާތަކުން ގާނޫނު ވީދަމުން ދާއިރުވެސް ރައްޔިތހުން ހަމަ ހެވިފަ ތިބެންވީތަ؟ މީ ސަރުކާރާ ގުޅިގެން ދައުލަތުގެ ހުރިހާ މުއައްސަސާތަކުން ގައުމަށް ގައްދާރުވަނީއެއް ނޫންތަ؟

The name is already taken The name is available. Register?

މަރަދޫމީހާ

05 July 2018

މިހާރު ރައްޔިތުންޖެ މަޖިލިސް އެއްބޭނުމެއްނެތޭ...ސުޕރީމްކޯއްޓެއްބޭނުމެއްނޫން...ރައީސްއޮފީހުން ނިއްމާލީމަ ނިމުނީ...ދެންނިހާނު ނިއުސްކޮންފަރަންސަބޭއްވިހަމަޖެހުނީ.....

The name is already taken The name is available. Register?

މަގޭ ހިޔާލު

05 July 2018

ހާދަ ދިގު އާޓިކަލްއެކޭ. ސިޔާސީ ކުޅިވަރަކީ އާކަމެއްނޫން. މީ އަބަދުވެސް ހިނގާކަންތައް..ސިޔާސީ ހަޑި ކުޅިވަރުގަގެ ހަަބަރު ކިޔަންވެސް ފޫހިވޭ. ޢެމްޑީޕީއާއި ޕީޕީއެމްއާއ ގާސިމްއަކީ ހަަމަ އެކައްޗެއް އެކި ކުލަކުލަ ޖެއްސިޔަސް. ތަފާތަކީ ޔަމިންގެ ސަރުކާރުގައ މެގަ ޑިވެލޮޕްމެންޓް ޕްރޮޖެކްޓްތައް ހިނގާކަން. ޢެކަމަކު ސިޔާސީގޮތުން ހަަމަ އެކައްޗެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454