ރިޕޯޓް / ޅ. ހިންނަވަރު

އިބޫގެ އެއްބަނޑު އެއްބަފާ އަދި ލޯފަން ތިން ހާފިޒުންގެ ވާހަކަ

ޝާޒް (ކ) އަދި މޫސަބެ މިދިޔަ ހުކުރު ދުވަހު "މިހާރު" އާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

05 އޯގަސްޓް 2018 - 10:21

113 comments

ހިތްވަރާއި ކެރުންތެރިކަމެވެ. އެކަކު އަނެކަކަށް އަޅާލުމާއި އޯގާތެރިކަމެވެ. މި ސިފަތަކާ އެކު، އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ އާއިލާ އެތައް ގޮތަކުން ތަފާތެވެ؛ އެއްބަނޑު އެއްބަފާ 12 ބޭފުޅުން ތިބި އެއީ ގައުމަށް ޚިދުމަތްތެރި ބައެކެވެ. މީގެ ތެރެއިން ވެސް އެންމެ ޚާއްސައީ، ލޯފަން، ތިން ހާފިޒުންގެ ވާހަކަ އެވެ.

އެއީ، މޫސާ މުހައްމަދު ސޯލިހް (މޫސަބެ) އަބްދުﷲ ޝާޒްލީގެ އިތުރުން ހުސެއިން ޝަޔާޒެވެ. ލޮލަށް ނުފެނުނަސް ކުޅަދާނަ އެވެ. ގުރުއާން ހިތުދަސްކޮށް، އިމާމު ކޯހާއި ގާރީ ކޯސް ފުރިހަމަކޮށް އަދިވެސް ކިޔަވަނީ އެވެ. މީގެ ތެރެއިން، މޫސަ އަކީ ހިންނަވަރު ބޮޑު މިސްކިތުގެ އިމާމެވެ.

އިބޫގެ ހަގަށް، އެ އާއިލާގައި އަށް ބޭފުޅުން ތިބިއިރު ލޯފަން ހަތަރު ބޭފުޅުން ހިމެނެ އެވެ. އޭގެ ތެރެއިން އަހްމަދު މުހައްމަދު ސޯލިހް (އަހުމަދުބެ) ހާފިޒު ކަމުގެ ކޯސް ފުރިހަމަ ނުކުރެއްވުނީ، ދިމާވި ސިއްހީ މައްސަލައަކާ ހެދި ކިޔެވުން މެދުކެނޑުމުންނެވެ. އެހެން ނޫން ނަމަ، އިބޫގެ އާއިލާގައި ހަތަރު ހާފިޒުން ތިއްބަވާނެ އެވެ.

އިބޫގެ އާއިލާގެ ތިން ހާފިޒުންގެ ތެރެއިން ހުސައިން

ހަތަރު ބޭފުޅުންގެ ވެސް ދުލު ކުރީގައި އޮތް ނަމަކީ އިބޫ އެވެ. ވަރަށް ކުޑައިރު ބައްޕަ އަވަހާރަވުމާ އެކު، އާއިލާގެ ހުރިހާ ޒިންމާތަކަކާ ހަވާލުވެވަޑައިގެން، ކާމިޔާބަށް މަގު ދައްކަވައި ދެއްވީ އިބޫ، ނުވަތަ އެ ބޭފުޅުންގެ ދޮންބެ އެވެ. އާއިލާގައި އަމިއްލައަށް ދިރިއުޅުމެއް ނުފައްޓަވައި ތިއްބެވި ބޭފުޅުންގެ ކަންކަން ބަލަހައްޓަވަނީ މިއަދު ވެސް އިބޫ އެވެ. ޚާއްސަކޮށް ލޯފަން ހަތަރު ބޭފުޅުންގެ ކަންކަމަށް އިބޫ ދެއްވާ ސަމާލުކަން އިންތިހާ އަށް ބޮޑެވެ. ދިރިއުޅުމުގައި ބޮޑު ކަމެއް ދިމާވެއްޖެ ނަމަ އެހީތެރިއަކީ ދޮންބެ އެވެ.

ލޮލުގެ ފެނުން ގެއްލުނީ ކުއްލިއަކަށް!

މި ރަށުން އަޅުގަނޑުމެންނާ ބައްދަލުވީ މޫސަ އާއި އަހްމަދުގެ އިތުރުން ޝާޒްއާ އެވެ. ހުސެއިން ހުންނެވީ މާލޭގަ އެވެ. އިބޫގެ އާއިލީ ގެ "ނޫރާނީއާގެ" ކައިރީގައި ހުރި ޖޯލި ފައްޗެއްގައި ތިން ބޭފުޅުން ތިއްބެވިއިރު މޫނުމަތިން އާދަޔާޚިލާފު ކަމެއް ނުފެނެ އެވެ. އެ ބޭފުޅުންގެ މައުލޫމާތު ކުރިން ލިބިފައި ނެތް ނަމަ، އެއީ ލޯފަން ބޭފުޅުން ކަމެއް ވެސް ނޭނގުނީހެވެ.

މޫސަބެ އިއްޔެގެ މެންދުރު ނަމާދަށް އެހީތެރިއަކާ އެކު މިސްކިތަށް ވަޑައިގަންނަވަނީ: އިބޫގެ އާއިލާގެ ލޯފަން ހަތަރު ބޭފުޅުންގެ ތެރެއިން މިވަގުތު އާންމުކޮށް ރަށުގައި އުޅުއްވަނީ މޫސަބެ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ވާހަކަ ދެއްކެވުމާއި ހަރަކާތްތެރިވެ އުޅުއްވާލެއް ފަރިތަ އެވެ. ޚާއްސަ އެޕްލިކޭޝަނެއް އަޅާފައިވާ ފޯނަކީ އެ ބޭފުޅުންގެ އެންމެ ބޮޑު އެހީތެރިޔާ އެވެ. މި ރަށުގެ މަގުތަކުގައި އެކަނި ހިނގަން އެނގިވަޑައިގަަތަަސް، ދިމާވެދާނެ ކަމަކުން ރައްކާތެރިވާން ހިނގައި އުޅުއްވަނީ އަބަދުވެސް މީހަކާ އެކު އެވެ.

މޫސަބެ ވިދާޅުވި ގޮތުގައި އުފަންވިއިރު، އެ ހަތަރު ބޭފުޅުންގެ ލޮލުގެ ފެނުން ރަނގަޅެވެ. މި ރަށުގެ ސްކޫލަށް ކިޔަވަން ވެސް ވަޑައިގެންނެވި އެވެ. ރަހުމަތްތެރިންނާ އެކު ރާޒުވާ އާއި ވޮލީ އާއި ފުޓްބޯޅަ ފަދަ ކުޅިވަރުތައް ވެސް ކުޅުއްވި އެވެ. އެކަމަކު ކިޔެވުން ވަކި ހިސާބަކަށް ދިއަތަނުން ހަތަރު ބޭފުޅުންނަށް ވެސް ފެނުމުގެ މައްސަލަތައް ކުރިމަތިވި އެވެ.

އިބޫގެ އާއިލާގެ ލޯފަން ހަތަރު ބޭފުޅުންގެ ތެރެއިން (ކ-ވ) ޝާޒް، މޫސަބެ އަދި އަހުމަދުބެ.---ފޮޓޯ: ނިޝާން އަލީ/މިހާރު

"އޭރު މިކޮޅުގައި ކިޔަވައި ދެނީ ގްރޭޑް ހަތަކާ ހަމައަށް. އެ ހިސާބަށް ކިޔަވަން ވެސް ކިޔެވިން. ކުޑައިރު ދޮންބެ [އިބޫ] އާ އެކު ރާޒުވާ ކުޅޭ ހަނދާން ވެސް އެބަހުރި. އުމުރު މައްޗަށް ދިޔަ ވަރަކަށް ލޮލުގެ ފެނުން ދަށްވަމުން ގޮސް ގެއްލުނީ. އަދިވެސް ރޭގަނޑު ދިއްލާފައި ހުންނަ ލައިޓްތަކުގެ އަލި ކޮންމެވެސް ވަރަކަށް ފެނޭ،" މޫސަ ވިދާޅުވި އެވެ.

އިބޫގެ އެއްބަންޑު އެއްބަފާ ލޯފަން ހަތަރު ބޭފުޅުންގެ ތެރެއިން އަހުމަދުބެ، އޭނާގެ ބޮޑުދައިތައާ އެކު އިއްޔެ ފޮޓޯއެއް ނަންގަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ޑޮކްޓަރުންނާ ހަވާލާދީ، އާއިލާ އިން ބުނިގޮތުގައި، އުފަންވިއިރު، އެ ހަތަރު ބޭފުޅުންގެ ލޮލުގެ ނާރުތަކުގެ ބާރު އެހެން މީހުންނަށް ވުރެ ދެރައީ އެވެ. އެހެންވެ، އުމުރު މައްޗަށް ދިޔަ ވަރަކަށް، ވަކި ހިސާބަކުން ލޮލުގެ ފެނުން ގެއްލުނީ އެވެ.

އާއިލާގެ އެހެން ބޭފުޅުން، ކިޔަވަން މާލެ ބަދަލުވިއިރު މޫސަ އާއި އަހުމަދާއި ޝާޒްގެ އިތުރުން ހުސެއިން ކުރިއަށް ވަޑައިގަންނަވާނެ ރޮނގަކަށް، އާއިލާގެ ތެރޭގައި ވިސްނުން ގެންގުޅުނެވެ.

ޚިޔާލެއް، ހަގީގަތަކަށް ހެދީ އަޒުމާ އެކު

އެ ވިސްނުމުގެ ތެރެއިން، ހާފިޒުކަމުގެ ސަނަދު ހާސިލް ކުރައްވަން ހިޔާލު ދެއްވީ، އާއިލާއާ ގާތް ގުޅުމެއް އޮންނަ އަދި ރާއްޖޭގައި އުފެދުނު ކާމިޔާބު ފުޓްބޯޅަ ކޯޗުންގެ ތެރޭގައި ހިމެނޭ ވިކްޓަަރީގެ އަބްދުލް ޖަލީލް (އަބްޖީ) އެވެ. އެ ޚިޔާލުން އުފަންވި ހުވަފެން ހަގީގަތަކަށް ހެދީ، މަންމަ އާއި އާއިލާގެ އެހެން ބޭފުޅުންގެ ވެސް ވަރަށް ބޮޑު އެހީތެރިކަމާ އެކުގަ އެވެ.

"އަބުޖީ އާއި އާފިޔާގެ އެހީއާ އެކު ލިބުނު ފުރުސަތެއް. ކެއާ ސޮސައިޓީގައި ކްލާހެއް އުފެއްދީ ލޯފަން ކުދިންނަށް، ގުރުއާން ކިޔަވަން ދަސްކުރަން. އެއީ ފެށުމަކީ،" މޫސަ ވިދާޅުވި އެވެ.

އެ ކްލާސްތައް ނިމުމާ އެކު ފެށީ މައުހަދުގެ ގުރުއާން ކްލާސްތަކެވެ. ޓޭޕް ރެކޯޑަރު ޖައްސައިގެން ދަސްކޮށް، ކޮންމެ ދުވަހަކު ސޮފްހާއެއް މުދައްރިސަށް ކިޔައިދެއްވަމުން ގޮސް ގުރުއާން ހިތުދަސްކުރަން ނެގީ، ތިން އަހަރެވެ. މޫސަބެ ވިދާޅުވި ގޮތުގައި، ކްލާހުން އެންމެ މަތީ މާކްސް ހޯދައި، އެ ތިން ބޭފުޅުންނަށް، އެ އަށް ވުރެ އަވަހަށް ވެސް، ދަސްކުރެވެން އޮތެވެ. އެކަމަކު ކޯސް ފަރުމާކޮށްފައި އޮތީ ތިން އަހަރަށް ކަމަށް ވާތީ، އެ މުއްދަތަށް ފެއްތީ އެވެ.

މޫސަބެ އޭނާގެ ދަރިފުޅާ އެކު.---ފޮޓޯ: ނިޝާން އަލީ/މިހާރު

ހާފިޒު ކަމުގެ ކޯސް ނިމުމާ އެކު ދެން ކުރިމަތިލެއްވީ، ގާރީ ކޯހާއި އިމާމު ކަމުގެ ކޯހަށެވެ. އެ ހުރިހާ ކޯސްތަކެއް ވެސް ފުރިހަމަކުރެއްވީ ތިން ބޭފުޅުން އެކުގަ އެވެ. މިހާރު އެ ތިން ބޭފުޅުންނަކީ ވެސް ހާފިޒުންނެވެ. ގާރީންނެވެ. ހިންނަވަރުގެ ބޮޑު މިސްކިތުގެ އިމާމެއްގެ ގޮތުގައި މޫސަބެ އުޅުއްވާތާ ހަތް އަހަރު ވެއްޖެ އެވެ. މި އަހަރުގެ ރޯދަ މަސް ފިޔަވައި އެހެން ހުރިހާ އަހަރެއްގައި އެ މިސްކިތުގައި އިމާމުވެ ތަރާވީސް ނަމާދު ކުރެއްވީ ވެސް މޫސަބެ އެވެ. މި އަހަރުގެ ރޯދަ މަހު އެކަން ނުކުރެއްވުނީ ޓެސްޓަކަށް މާލެ ވަޑައިގަންނަވަން ޖެހިވަޑައިގަތުމުންނެވެ.

މޫސަބެ އާއި އަހުމަދުބެ އަދި ޝާޒް އިއްޔެގެ މެންދުރުގެ ކެއުމަށް އިންސާފު ކުރައްވަނީ.

މޫސަބެގެ އިތުރުން ޝާޒްލީ އާއި ޝަޔާޒް ވެސް ރޯދަ މަހު، މާލޭގެ ބައެއް މިސްކިތްތަކުގައި އިމާމުވެ ތަރާވީސް ނަމާދު ކުރައްވަ އެވެ.

"އިމާމު ކޯސް ފުރިހަމަވިއިރު، އޮތީ މި ރަށަށް [ހިންނަވަރަށް] އިމާމަކު ބޭނުންވެގެން ދެތިން ފަހަރަކު އިއުލާން ކޮށްފައި. ސެޓްފިކެޓް އޮތް އިމާމަކު ނުލިބިގެން ވަޒީފާ ހަމަނުޖެހިފައި އޮތީ. ދެން މި ރަށުގެ ގިނަ ބަޔަކާއި ކައުންސިލް އިދާރާ އިން އަޅުގަނޑުގެ ގާތު އެދުނީ އެކަމަށް ކުރިމަތިލާން،" މޫސަބެ ވިދާޅުވި އެވެ.

އޭރު އޮތް ގޮތުން ނަމަ، ތިން ވަނަ ފަހަރަށް އިއުލާން ކޮށްގެން ވެސް އިމާމަކު ނުލިބިއްޖެ ނަމަ ހިންނަވަރުގެ އެ ވަޒީފާ ކެންސަލްވާނެ އެވެ. އޭރުން، މިސްކިތުގެ އެ ވަޒީފާ ބަދަލުވާނީ ވަގުތީ ވަޒީފާއަކަށެވެ. މާލެއިން ހަމަޖެހެން އޮތް ވަޒީފާ ދޫކޮށްލައްވާފައި މޫސަ ރަށަށް ބަދަލުވީ ރަށަށް ޚިދުމަތް ކޮށްދެއްވުމުގެ ނިޔަތުގަ އެވެ.

ހިންނަވަރުގެ ބޮޑު މިސްކިތުގައި މޫސަބެ ބަންގި ގޮވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ހިންނަވަރުގެ ބޮޑު މިސްކިތުގެ އިމާމު ކަމުގައި ހަތް އަހަރު ހޭދަކުރައްވާފައިވާ، މޫސަ އަކީ މި ރަށުގެ އެންމެން ލޯބިވާ، އިހްތިރާމް ކުރާ ބޭފުޅެކެވެ. އޭނާގެ ކައިވެންޏަށް މިހާރު ފިރިހެން ދަރިއަކު ވެސް ލިބިއްޖެ އެވެ. އެކަމަކު އަދިވެސް ކިޔެވުން ނިންމައެއް ނުލައްވަ އެވެ.

"އަޅުގަނޑުމެން ތިން މީހުން، މިހާރު މި ކިޔަވަނީ ގައުމީ ޔުނިވާސިޓީގައި ބްލޮކް މޯޑަށް އިމާމު ޑިޕްލޮމާ. ނޮވެމްބަރު މަހުގެ ތެރޭގައި ނިމެނޭ،" މޫސަ ވިދާޅުވި އެވެ.

ތަފާތު، އަޖައިބެއް ފަދަ ތިންބެއިން!

ހަމައެކަނި ކޯސްތަކެއް ފުރިހަމަ ކޮށްލާފައި ނިންމާލައްވަނީކީއެއް ނޫނެވެ؛ އެކުގައި ހޭދަކޮށްފި މީހަކު އަޖައިބުވާ މިންވަރަށް އެ ބޭފުޅުންގެ މައުލޫމާތު ވެސް މުއްސަންޖެވެ.

އެކި ބޭފުޅުންގެ ހުނަރު ފެންނަނީ އެކި ކަންކަމުންނެވެ. މި ރަށުގެ ހުރިހާ ގެއެއްގެ ނަމާއި އެ ގޭގޭގައި ދިރިއުޅޭ މީހުންނާއި ވަރަށް ގިނަ މީހުންގެ ފޯން ނަމްބަރު ޝާޒްލީގެ ސިކުނޑީގައި އެބަ ހުއްޓެވެ. އެގޮތުން، 300 އަށް ވުރެ ގިނަ މީހުންގެ ފޯން ނަމްބަރު ޝާޒްލީ ވިދާޅުވަނީ އެހާމެ އަވަހަށެވެ. ރަށުގެ އެތައް ސަތޭކަ ގެއެއްގައި ދިރިއުޅޭ ހުރިހާ އެންމެންގެ މައުލޫމާތު އޭނާގެ ސިކުނޑީ ގައި ވަނީ ރައްކާކޮށްފަ އެވެ. އެ މައުލޫމާތު ދަސްކުރެއްވީ، ޝާޒްލީ ވިދާޅުވި ގޮތުގައި، ސިޔާސީ މަސައްކަތުގައި، އިބޫ އަށް އެހީތެރިވާން ހިންނަވަރު އެމްޑީޕީ އޮފީހުގައި ކުރެއްވި މަސައްކަތުގެ ތެރެއިންނެވެ.

ޝާޒް، މޮބައިލް ފޯނުން މީހަކާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

"އަޑު އަހައިގެން ދަސްވީ. ވަރަށް ގިނަ މީހުންގެ ފޯނު ނަމްބަރުތައް ވެސް އެނގޭ. ހިންނަވަރުގެ ގެއެއްގެ ނަން ބުނެފި ނަމަ އެނގޭނެ އެ ގޭގައި ދިރިއުޅޭ މީހުން ވެސް،" ޝާޒް ވިދާޅުވި އެވެ.

ލޯފަން ބޭފުޅަކަސް، އަންނަ މަހު ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބަށް ހިންނަވަރުގެ އެމްޑީޕީ އޮފީހުން ކުރާ މަސައްކަތުގައި ޝާޒްގެ ދައުރު ބޮޑެވެ. ރީ-ރަޖިސްޓްރޭޝަނާއި އެ ދާއިރާގެ ވޯޓު ހައްގުވާ މީހުންގެ މައުލޫމާތު ވަނީ އޭނާގެ ސިކުނޑީގަ އެވެ.

ޝާޒް، އިއްޔެގެ މެންދުރުގެ ކެއުމަށް އިންސާފު ކުރައްވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ހުސެއިން ޝަޔާޒް ކުރިން ޚާއްސަވީ ކުޅިވަރުގެ ދާއިރާ އަށެވެ. ރާއްޖޭގެ ކުޅިވަރުތަކާއި ބޭރު ދުނިޔޭގެ ކުޅިވަރުގެ ތާރީޚު ހިތުދަހެވެ. ކުޅިވަރުގެ ދާއިރާ އިން ކޮންމެ ސުވާލެއް ކުރިއަސް ވަގުތުން ޖަވާބު ދެއްވަ އެވެ. އެކަމަކު، އެ ދާއިރާ އަށް ވުރެ ބޮޑަށް މިހާރު ހުސައިންގެ ހުރިހާ ވަގުތެއް ދޫކޮށްލާފައި ވަނީ ދީނީ މައުލޫމާތު އެއްކުރުމަށެވެ. ދީނީ ކަންކަމަށް ސަމާލުކަން ދެއްވާއިރު، ބައެއް ހަދީސްތައް ވަނީ ހިތު ދަސްކުރައްވައިފަ އެވެ. އެއީ ހުސައިންގެ ކާމިޔާބީތަކުގެ ލިސްޓުން މިހާރު ފާހަގަކުރެވޭ ކަމެކެވެ.

ތިން ބޭފުޅުންގެ ވެސް އެންމެ ބޮޑު ހިތްހަމަޖެހުމަކީ، އާއިލާގެ ތެރޭގައި އޮންނަ ގާތް ގުޅުމެވެ.

"އެ ގުޅުމާ އެކު މިހާ ހިސާބަށް އާދެވުނީމަ ވަރަށް އުފާވޭ، ހިތްހަމަޖެހޭ،" ޝާޒް ވިދާޅުވި އެވެ.

އިބޫގެ އާއިލާގެ ލޯފަން ހަތަރު ބޭފުޅުންގެ ތެރެއިން (ކ-ވ) މޫސަބެ، ޝާޒް އަދި އަހުމަދުބެ.---ފޮޓޯ: ނިޝާން އަލީ/މިހާރު

އަޅުގަނޑުމެން އިންޓަވިއުގައި ހޭދަކުރި ދޮޅުގަޑިއިރު އޮތީ، މަދުވެފަ އެވެ. މި ރަށުގެ ތާރީޚުން އެތައް ވާހަކައެއް ހިއްސާކޮށްދެއްވި އެވެ. މައުލޫމާތުން ފުރިފައިވާ، އެތައް ވާހަކައެއް ހިމެނޭ ޝައުގުވެރި ދިރިއުޅުމެކެވެ. އެއީ، ލޮލަށް ނުފެނުނަސް ކާމިޔާބީއާ ހަމައަށް ވާސިލްވެވިދާނެކަން ސާބިތުކޮށްދެއްވި ނަމޫނާ ތިން ބޭފުޅުންނެވެ. ހުރިހާ ގޮތަކުން ވެސް ޚާއްސަ އެވެ.

113 ކޮމެންޓް, 1352 ރިއެކްޝަންސް

icon happy icon happy 94%
icon sad icon sad 4%
icon angry icon angry 2%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވަތުބަތާނަ

01 July 2020

ކޮންމެހެން އިބޫގެ ވާހަކަ ނުގެނަޔަސް އެ އާއިލާގެ ހެއުލަފާ ހުރިހާ ބޭފުޅުންނަށް ރަޙުމަތްލައްވައި ފާގަތިކަމާއި ދެއްވާށި.

The name is already taken The name is available. Register?

ރަނގަބީލު

07 August 2018

ޢިބޫ ތިޔަ ކުދިންފެނުނީ ސިޔާސީ މައިދާނަށް އިބޫ ނިކުންފަހުންނެވެ.އޭގެ ކުރިން އިބޫ އެކުދިންނަށް އަޅައެއް ނުލާ

The name is already taken The name is available. Register?

ހައިރާން

06 August 2018

ވަރަށް އުފާވެރި ހަބަރެއް. ހިތާމަވެސް އެބަހުރި. ﷲ މި ބޭފުޅުންގެ ފެނުން ގެންދެވީ މިބޭފުޅުންނަށް އާޚިރަތް ބާއްޖަވެރި ކުރެއްވުންކަމުގައިވެސް ވެދާނެއެވެ. ވަﷲ އަޢުލަމް. އެހެނީ ލޮލުގެ ފެނުން ނެތުމުން ވިސްނުންތޫނު ވުމަކީ އެގޭ ހަޤީގަތެކެވެ. ކޮންސެންޓްރޭޓް ކުރެވޭލެއް އިތުރުވެއެވެ. ފެނުމުގެ ސަބަބުން އަންނަ ޑިސްޓްރެކްޝަން މަދުވުމަކީ ހިތުދަސްކުރަން ފޯކަސްކުރެވިފައި ހުންނަން ފަސޭހަވާކަމެއް ކަމަށް ތަޖުރިބާކާރުން ވިދާޅުވެފައިވެއެވެ. ވީމާ އަލްހަމްދު ލިﷲ. މިބޭފުޅުނުންނަށް އިތުރުކާމިޔާބާއި ދެދުނިޔޭގެ ބާއްޖަވެރިކަން ދެއްވާށި. އާމީން

The name is already taken The name is available. Register?

މައިސޯބު

06 August 2018

ޔާމީނުގެ އެންމެ ގާތް ސެކެޓްރީ އަކީ މިހާރު ފާތިމަތު މުހައްމަދު ސޯލިހް. އޭނާ ނޭގުނީތީ ހިތާމަ ކުރަން. އެއީ އިބޫގެ ދައްތަތޯ ނުވަތަ ކޮއްކޮތޯ އާއި އުޅުއްވާ ވަޒީފާގެ އަސްލު ނަމާއި އަޅެފަހެ ބުނެދީބަލަ.

The name is already taken The name is available. Register?

ތިޔައީ

06 August 2018

ގިނަބައެއްގެ ޖަޒްބާތާކުޅެލާ ކަހަލަ ލިއުމެއް. އިބޫއަކީ ދެއަހަރާ ބައިގެ ވެރިކަމެއް ކުރަން އަރާ މީހެއްކަން ހަނދާންނައްތުވާލާފަދަ ލިއުމެއް. މިހާރު ޖަޒުބާތުގަ ޖެހި ލޮލުން ކަރުނަފާއްދާލައިގެން ތިބެ އިބޫއަށް ލާ ރަގަޅު ފާހަގައަކީ އަވާމެންދުރެއްފަދަ ކަމެއް. ފުރިހަމަ ދައުރަކަށް އިބޫ ނުހުންނާނެނަމަ، ރަގަޅު އޯގާތެރި އަޅާލާ އިބޫއަކާ ފައިސަލަކީ، ހަގީގަތުގައި މަންޒަރުގައި ތިބި ބައެއްނޫން.

The name is already taken The name is available. Register?

ރުމާލު ފޯ

05 August 2018

އާޓިކަލް ނުކިޔާ ކޮމެންޓް ކުރަނީ. އެ ބުނަނީ ނުން އެމީން އުޅެނީ މާލޭގައޭ

The name is already taken The name is available. Register?

ހިތަދޫ ރައްޔިތުމީހާ

06 August 2018

އާޓިކަލްގައި އެއޮތީ އޭގެތެރެއިން އެކަކު ފިޔަވައި އެންމެން އުޅެނީ ރަށުގައޭ

The name is already taken The name is available. Register?

ޤައުމު

05 August 2018

ވަރަށް މޫވިންގ ރިޕޯރޓެއް! މައި ފުލް ރެސްޕެކްޓް

The name is already taken The name is available. Register?

އިބްރާ

05 August 2018

ކުލުނާއި ލޯބި އެއީ ކިހާމަތިވެރި އެއްޗެއްކަން މިއާއިލީ ގުޅުމުން އަޅުގަނޑަށް ހަދާން ކޮށް ދީފި... ވަރަށް އެހެން ކަހަލަ އިހުސާސްތަކެއް ވެއްޖެ... އުބޫއަށް ކުރާ ގަދަރު އިތުރު ވެއްޖެ.. ޝުކުރިއްޔާ އިބޫގެ ފެެމެލީ... މިފަހަރު ވޯޓް ލާނީ އިބޫއަށް...

The name is already taken The name is available. Register?

ނަސީމާ

05 August 2018

އިބޫ އަކީ ކިހާ އަހްލާގް ރަގަޅު މީހެއްކަން މި އާރޓިކަލް ކިޔާލުމުން އެގިއްޖެ... ވަރަށް އަސަރުކޮށްފި... ދުވަހަކު ވޯޓް ހޯދަން މަގޭ ކައިރިއަށް އިބޫ ނަޔަސް މަގޭ ވޯޓް އިބޫއަށް ޔަގީންކޮށް ދީފިން...

The name is already taken The name is available. Register?

މަލިކު ޢަލީ

05 August 2018

އާއިލީ ގުޅުން ދަމަހައްޓާނަމަ އެހެންމީހުންގެ އިހުސާސްތަށް ދެނެގަނެ އެކުވެރިކުރުވާ ގުޅުން ދަމަހައްޓަން އެނގޭނެ...

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454