ދޫނި ޖައްސަމުން އައި ތަނަށް މިހާރު ފްލައިޓް!

ހދ. ކުޅުދުއްފުށީގައި ހެދި ރަންވޭ އަށް ޓެސްޓް ފްލައިޓް މިއަދު ޖެއްސުމުން އުފާވިތޯ ސުވާލުކުރުން މި ރަށު ހަދީޖާ އިސްމާއިލް ދިން ޖަވާބަކީ މި އެވެ؛ "ހާދަ އުފަލުންނޭ މިހިރީ. މަ ހިޔެއް ނުކުރަން ދުވަހަކު ވެސް މި ރަށަށް ފްލައިޓެއް ޖައްސާނެ ކަމަކަށް. ތިޔަ ކުޅިއަކީ ކުރިން ފާވަސް ދުވާ ތަނެއް. މިއަދު އެ އޮތީ ފްލައިޓް ޖައްސާފައި."


ފްލައިޓް ޖެއްސި ތަން ބަލަން އެއްވެ ތިބި އެންމެން ވެސް ތިބީ ހަދީޖާއެކޭ އެއްގޮތަށް އުފަލުން ފޮޅިފަ އެވެ.

މިރަށު މިސްރުގަނދަކޮޅިގޭ، ހަސަން އަލީ، 65، ރަށުގެ ހުޅަނގު ފަރާތުގައި ހުއްޓިގެން ހުރީ އޭނާ ކުޑައިރު ކުޅެ މަޖާ ކުރި ސަރަހައްދުގަ އެވެ. އެއީ ބޮޑު ކުޅި އެކެވެ. ތަފާތު ދޫނިތަކާއި މަސްތައް އެ ތަނުގައި އުޅެ އެވެ. ނަމަވެސް އެއީ މާޒީ އެވެ. މިއަދު އޭނާ އަށް ފެނުނީ ޗަކަ ކުޅިއެއް ނޫނެވެ. އެ ކުޅީގެ 13 ހެކްޓަރާއި މޫދުން ބޮޑު ބައެއް ހިއްކައިގެން ހަދަން ފަށާފައިވާ އެއާޕޯޓެވެ. އޭނާއަށް ފެނުނީ އެތަނުގައި ހަދާފައިވާ ރަންވޭއަށް ޖެއްސި ޓެސްޓް ފްލައިޓެވެ.

ފްލައިޓް ޖެއްސުމުން މަރުހަބާ ދެއްނެވުން-- ފޮޓޯ: މިހާރު

އެއީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އިސްކޮށް ހުންނަވައި، ސަރުކާރުގެ ވަފުދުގެ ބޭފުޅުންނާއި ނޫސްވެރިންނާ އެކު ކުޅުދުއްފުށީ އެއާޕޯޓުގައި ޖައްސަން އަންނަ ޓެސްޓް ފްލައިޓެވެ. މިއަދު 2:20 ގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން 40 މިނެޓުގެ ދަތުރަކަށް ފަހު ކާމިޔާބު ކަމާއެކު ފްލައިޓް ޖެއްސި އެވެ. ފްލައިޓް ޖެއްސުމާއެކު ފްލައިޓު ތެރެއިން އިވެން ފެށީ އަތްތިލަ ބަޑި ޖެހުމާއި އުފާ ފާޅުކުރާ އަޑެވެ.

ފްލައިޓް ޖައްސާ މަންޒަރު ބެލުމަށް އަވިގަދަ އެ ހުސްބިމަށް މި ރަށު އެތައް ބަޔަކު އައިސް ތިއްބެވެ. އެ މީހުން ތިބީ ވަރަށް ވެސް އުފަލުންނެވެ. އެއީ އެ މީހުންގެ ހުވަފެނެއްގައި ހަގީގީ ކުލަ ޖެހުނީތީ އެވެ. ސަރުކާރުގެ ވަފުދަށް ވެސް މަރުހަބާ ކީ ސަފާގީ ނެށުމަކުންނެވެ.

"ދުވަހަކު ވެސް ހިޔެއް ނުކުރަން މި ރަށުގައި އެއާޕޯޓެއް އަޅައި ފްލައިޓުން ދަތުރުކުރަން ފަށާނެ ކަމަކަށް. ދުވަހަކު ވެސް ހިޔެއް ނުކުރަން،" ހަސަނު ބުންޏެވެ.

"ތިޔަ ކުޅިއަކީ ކުރިން ވަކި ކަމެއް ކުރާ ތަނެއް ނޫން. މީހުން ކުންޏާއި އޭތި މީތި އަޅަނީ."

މިނިސްޓަރު މޫސާ ޒަމީރާއި ސަރުކާރުގެ އިސް ބޭފުޅުން ކުޅުދުއްފުށީ އެއާޕޯޓުގައި-- ފޮޓޯ: މިހާރު

ނުވަ ހާހަށް ވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ކުޅުދުއްފުއްޓަކީ ރާއްޖޭން އުތުރުގެ މައި ރަށެވެ. ހއ. އާއި ހދ. ގެ އިތުރުން ށ. އަތޮޅުން ވެސް ގިނަ އަސާސީ ބޭނުންތަކަށް އަންނަ ރަށެވެ. ފެރީގެ ނިޒާމުން އެ ހުރިހާ އަތޮޅަކާ ގުޅިފައިވާ ހަމައެކަނި ރަށަކީ ކުޅުދުއްފުއްޓެވެ. މި ރަށުގައި ހުންނަ ރީޖަނަލް ހޮސްޕިޓަލަށް އަންނަ މީހުންގެ އިތުރުން ވިޔަފާރީގެ ބޭނުމަށް ގިނަ ބަޔަކު މިރަށަށް އަބަދު ވެސް އާދެ އެވެ.

"ހަފްތާއަކު ތިން ހަތަރު މީހުން ބަލި ޖެހިގެން އެ ގެންދަނީ ހަނިމާދު އަށް. މާލެ ފޮނުވަން. ދެން ކިހާ ފަސޭހަ ވާނެ. އެ ހާލުގައި އިތުރު ތެޅުވުންތަކެއް ނެތި މާލެ ގެންދެވޭނު،" ހަސަން ބުންޏެވެ.

ކުޅުދުއްފުށިން ލޯންޗެއްގައި 15 ވަރަކަށް މިނެޓުގެ ދަތުރަކަށް ފަހު ހދ. ހަނިމާދު އަށް ގޮސް މާލެ ދެވެ އެވެ. އެއީ ގިނަ ބަޔަކު މާލެ ދާ ގޮތެވެ. ހަނިމާދޫ ކައިރި ނަމަވެސް އާބާދީ ބޮޑު ކުޅުދުއްފުށީ ރައްޔިތުން ބުނަނީ އެ ދަތުރަކީ އުފެލޭވަރަށް ވުރެ ބޮޑު ތަކުލީފެއް ކަމަށެވެ.

މި ސަރަހައްދުގައި ވެސް އެންމެ ފާހަގަކޮށްލެވޭ އެއް ވިޔަފާރިވެރިޔާ މުހައްމަދު ޒުހެއިރު (މިތުރު މުހައްމަދު) ބުނިގޮތުގައި ކަނޑު ގަދަ ދުވަސްވަރު ހަނިމާދު އަށް ދަތުރު ނުކޮށް ތިބެން ޖެހޭ ދުވަސް އަންނަ ކަމަށެވެ. ވިޔަފާރީގެ ބޭނުމަށާއި ބޭސް ފަރުވާއަށް ގިނަ ދަތުރުތަކެއް ކުރާ މުހައްމަދު ބުނިގޮތުގައި އެއާޕޯޓަކާއެކު އެ ފަސޭހައިގެ އިތުރުން ރަށުގެ ތަރައްގީ އިތުރުވެގެންދާނެ ކަމަށެވެ.

ފްލައިޓް ޖެއްސުމުން މަރުހަބާ ދެއްނެވުން-- ފޮޓޯ: މިހާރު

"މި ރަށުގެ ދަތުރުފަތުރު އޮތް ގޮތުން ހުރިހާ ރަށަކާ ވެސް މިރަށް ކައިރިވާނެ. އެހެންވީމަ ގިނަ ބަޔަކު ރަށަށް އައިސް ގޮސް އުޅުމަކީ ރަށް ތަރައްގީވާނެ ކަމެއް. ވިޔަފާރިތައް ކުރިއަރާނެ މީހުން އައުމުން،" އުފަލުން ހުރި މަޝްހޫރު ވިޔަފާރިވެރިޔާ ބުންޏެވެ.

ވިޔަފާރިތަކަށް އިތުރު ފުރުސަތުތައް ލިބުމުގެ އިތުރުން ކުޅުދުއްފުށީ ބިމުގެ އަގު އަރައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މިއީ ރަނުގެ ފުރުސަތެއް ކަމަށް މުހައްމަދު ބުންޏެވެ.

މި ރަށުގައި އެއާޕޯޓެއް ހެދުމަކީ ރައީސް އަބްދުﷲ ޔާމީންގެ 2013 ވަނަ އަހަރުގެ ރިޔާސީ ވައުދެކެވެ. ސަރުކާރުގެ ހަރަދުގައި ކުޅުދުއްފުށީގައި އެއާޕޯޓް ހަދަން މަސައްކަތް ފަށައި ޓެސްޓް ފްލައިޓް މިހާރު މިވަނީ ޖައްސައިފަ އެވެ. ނަމަވެސް އަދި ހަދާފައިވަނީ ހަމައެކަނި ރަންވޭ އެވެ. އެ ނޫން އިމާރާތެއް ނެތެވެ.

ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ މާދަމާއިން ފެށިގެން ވެސް މި އެއާޕޯޓުގައި ޗާޓާ ފްލައިޓް ޖެއްސޭނެ ކަމަށެވެ. އަދި ވަރަށް އަވަހަށް ޝެޑިއުލް ދަތުރުތައް މި ރަށަށް ފަށާނެ ކަމަށް ސިވިލް އޭވިއޭޝަނުން ބުނެ އެވެ.