30 ސެޕްޓެމްބަރ 2018 - 08:30
ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިހާބު ނާކާމިޔާބުވުމާ އެކު ސަރުކާރުގެ އެކި އިދާރާތަކުން ބައެއް ލިޔެކިޔުންތައް ނައްތާލާކަމުގެ އަޑު މިވަނީ ގަދަވެފަ އެވެ. ތުހުމަތުކުރަނީ އާ ސަރުކާރުން ހަވާލުވުމުގެ ކުރިން، މި ސަރުކާރުގެ ކޮރަޕްޝަނާއި ގާނޫނާއި ގަވާއިދާ ހިލާފަށް ހިންގާފައިވާ އަމަލްތަކުގެ ހެކިތައް ނައްތާލަނީ ކަމަށެވެ.
ސަރުކާރު ކުންފުނިތަކުގެ ތެރެއިން ކޮރަޕްޝަންގެ ތުހުމަތު އެންމެ ބޮޑަށް ކުރެވޭ ފެނަކަ ކުންފުނީގެ މައި އޮފީހަށް ހަވީރު 5:00 ގެ ފަހުން އެކުންފުނީގެ މުވައްޒަފުން ނުވަންނަން އަންގާފައިވާ ކަމަށްވެ އެވެ. އެ އެންގުން އެންގީ ރިޔާސީ އިންތިހާބުގެ ނަތީޖާއަށް ފަހު މިދިޔަ ހަފްތާގަ އެވެ. ބައެއް މުވައްޒަފުން ތުހުމަތުކުރަނީ "ހޭވި ހަޑިތަކުގެ ހެކިތަކެއް ނައްތާލަނީ" ކަމަށެވެ.
"މީގެ ކުރިން ބޭނުން ކޮންމެ އިރަކު މުވައްޒަފުންނަށް އޮފީހަށް ވަދެވޭ. މިހާރަކު ނުވަދެވޭ،" ފެނަކަ ކުންފުނީގެ މުވައްޒަފަކު، ނަން ނުޖަހާ ގޮތަށް، ބުންޏެވެ.
"ވޯޓުން ބަލިވީމަ ވެރިން ބުނިހާ ކަމެއް މުވައްޒަފުން ނުކުރޭ. އެހެންވެ މުވައްޒަފުން ވަނުން މަނާކޮށްފައި ހަވީރުން ފެށިގެން ހުރިހާ ކަމެއް އެކުރަނީ."
އެފަދަ އެހެން ކަމެކެވެ. ރިޔާސީ އިންތިހާބު ރައީސް ބަލިވެވަޑައިގަތުމާ އެކު މުލިއާގެއިން ވަނީ ލޮރީތަކެއް ފުރައި މުދާ ބޭރުކޮށްފަ އެވެ. ލިލީމަގުގައި ހުންނަ ސަރުކާރުގެ ގަރާޖަށް އެތަކެތި ގެންދިޔައީ ސަތަރި އަޅައި ފޮރުވައިގެންނެވެ. އިދިކޮޅު މީހުން އެތަނަށް އެއްވެ، އަޑުއުފުލުމުން، ފަހުން ވަނީ އެތަކެތި ގަރާޖުން ނެރެގެން އެހެން ތަނަކަށް ގެންގޮސްފަ އެވެ. އޭގެ ތެރޭގައި ހުރީ ދޮންނަ މެޝިނާއި ފަހާފޮއްޓާއި، އެނޫން ވެސް ގޭތެރޭގެ ބައެއް ކަންކަމަށް ބޭނުންކުރާ ސާމާނެވެ. މުލިއާގޭގައި އެ އެއްޗެހި ބަހައްޓާފައި ހުރީ، ބައެއް މީހުން ބުނާ ގޮތުގައި، ކެމްޕޭން ތެރޭގައި އެކި މީހުންނަށް އެހީވާށެވެ.
މުލިއާގެ އަކީ ރައީސް ޔާމީންގެ ކެމްޕެއިނަށާއި ޕީޕީއެމްގެ މީޓިންތަކުގެ އިތުރުން ރައީސް ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްގެ ވަރަށް ގިނަ ކަންކަން ވެސް ހިންގި އިމާރާތެވެ.
ބައެއް ލިއެކިއުންތައް ނައްތާލާ ވާހަކަ ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވަނީ ދޮގުކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ ސަރުކާރުގެ އެއްވެސް މުހިންމު ލިޔެކިޔުމެއް ނައްތާލުމުގެ މަސައްކަތް ކުރަމުން ނުދާ ކަމަށެވެ. އަދި މުލިއާގެއިން ހުސްކުރަން ވެގެން ނެރުނީ އަމިއްލަ ތަކެތި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވި ގޮތުގައި ދައުލަތުގެ އިމާރާތްތަކުގައި އަމިއްލަ މުދާ ބެހެއްޓުމާއި ގެންގުޅުމަކީ، ކޮރަޕްޝަން މަނާކުރުމުގެ ގާނޫނުން، ކުށެކެވެ. އެހެންކަމުން މުލިއާގެއިން ގެންދިޔައީ އަމިއްލަ ތަކެތި ކަމަށް ބުނި ނަމަވެސް ސީރިއަސް މައްސަލައެއްގެ ގޮތުގައި އެކަން ބަލަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ދަބަހަކަށް ލައިގެން ގެންދާވަރުގެ އެއްޗެއް ނޫން އެހެރީއެއް. ތިން ހަތަރު ލޮރީ ފުރެންދެން އެގެންދަނީ. އަނެއްކާ އަމިއްލަ މުދާ ކަމަށް ބުނާ ތަކެތި ދައުލަތުގެ އިމާރާތަކުން ދައުލަތުގެ ގުދަނަކަށް އެގެންދިޔައީ،" ގާނޫނު އުގޫބާތު ހެދުމުގައި އިސްކޮށް އުޅުއްވި ޝަމީމް ވިދާޅުވި އެވެ.
"ކޮރަޕްޝަންގެ ގާނޫނުން ކުށްވެރި ވާނެ ދައުލަތުގެ ތަނެއްގައި އަމިއްލަ މުދާ ބެހެއްޓުމާއި އެއް ތަނުން އަނެއް ތަނަށް އެގޮތަށް ގެންދިއުން."
އޭނާ ވިދާޅުވި ގޮތުގައި ކޮރަޕްޝަންގެ ހެކިތައް ނައްތާލަފާނެ ކަމަށް ބެލެވޭ ދުވަސްވަރަކަށް ވާތީ ފުލުހުން ވެސް އެކަމަށް ސަމާލުވާން ޖެހޭނެ އެވެ. އަދި ބަޔަކު ރިޕޯޓް ކުރަންދެން މަޑުނުކޮށް ފުލުހުން އިސްވެ އެކަންކަން ބަލަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.
"ކުށް ކުރުމުގެ މަސްލަހަތާއި ފުރުސަތު އެބަ އޮތް. ރޯދަ މަހު ދުވާލު ވައްކަން އިތުރުވާކަން ފުލުހުންނަން އެނގޭތީ ކުރިއާލާ އެކަމަށް އެބަ ސަމާލުވޭ. ހަމަ އެގޮތަށް މިއީ ހާއްސަ ހާލަތެއް އެފަދަ ކުށްތައް ކޮށްފާނެ. އެހެންވީމަ ފުލުހުން ސަމާލުވެ މަސައްކަތް ކުރަން ޖެހޭ،" ޝަމީމް ވިދާޅުވި އެވެ.
ބައެއް ހެކިތައް ނަންތާލާކަމުގެ އަޑު އަރާފައިވާ އިރު އެ މައްސަލަތައް ބަލާތޯ ސުވާލުކުރުމުން ފުލުހުން ޖަވާބެއް ނުދެ އެވެ.
ސަރުކާރުގެ އޮފީސްތަކުން ލިޔެކިޔުމުން ހިންގާ މުއާމަލާތްތައް، ސަރުކާރުގެ ނިޒާމް ތެރެއިން ފަސޭހައިން ނައްތާނުލެވޭނެ ކަމަށް، މައުލޫމާތު ހުރި ފަރާތްތަކުން ބުނެ އެވެ. އެގޮތުން، ސަރުކާރުގެ އޮފީސްތަކުގެ މެދުގައި ލިޔެކިޔުން ބަދަލުކުރުމަށްޓަކައި އިލެކްޓްރޯނިކް ވިއުގާ، ޖެމްސްގެ ނިޒާމު ބޭނުންކުރާތާ އެތައް ދުވަހެއް ވެއްޖެ އެވެ. އެހެންވެ، ހުރިހާ ޑޮކިއުމަންޓުތައް ވެސް ހުންނާނީ އެ ނިޒާމުގައި ރައްކާ ކޮށްފަ އެވެ. އެއްވެސް ޑޮކިއުމަންޓެއް ނައްތާލެވޭނީ އެކަމުގެ ހުއްދަ އޮންނަ ބަޔަކަށެވެ. ސިސްޓަމަށް ލޮގިން ވީ ބަޔަކު ފަސޭހައިން ސިއްރެއް ނުކުރެވޭނެ އެވެ. މި ނިޒާމު ސަރުކާރުގެ ބައެއް ކުންފުނިތަކުގައި ވެސް ބޭނުންކުރެ އެވެ.
އެހެންކަމުން، ނައްތާލާ ކަމަށް އަޑުއަރާފައިވާ އެއްޗިއްސަކީ ކޮބައިކަން ސާދާ ބުނާކަށް ނޭނގެ އެވެ.
އިދިކޮޅު ފަރާތްތަކުން އެކަމަށް ސަމާލުވެގެން އުޅެނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. ސަރުކާރުގެ ބައެއް މިނިސްޓްރީތައް އޮޑިޓްކުރަން ބޭނުންވާ ބައެއް ލިޔެކިޔުންތައް "ވީ ތަން ނޭނގުން" ފަދަ ޖަވާބު ލިބިފައި އެބަ ހުއްޓެވެ.
ޓޫރިޒަމް މިނިސްޓްރީ އާއި އިސްލާމިކް މިނިސްޓްރީ އޮޑިޓް ކުރުމަށް ބޭނުންވާ ބައެއް ލިއުންތައް ނުލިބުމުގެ މައްސަލަ މި ފަހުން ފެންމަތިވި އެވެ. އެ ލިއެކިއުންތައް ދޭން އެދުމުން ލިބުނު ޖަވާބަކީ، އެނގިފައިވާ ގޮތުގައި، "އެ ތަކެތި ވީ ތަނެއް ނޭނގޭ" ކަމަށެވެ.
މާލީ ގާނޫނު ބުނާ ގޮތުން ކޮންމެ އިދާރާއަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ލިޔެކިޔުންތަކަށް ޒިންމާދާރުވާން މާލީ ޒިންމާދާރު ވެރިއަކު ހުންނަން ޖެހެ އެވެ. މި ސަރުކާރުގެ ކުރިން އެ ޒިންމާ އަދާކުރަމުން ދިޔައީ މިނިސްޓްރީތަކުގެ ޕާމަނަންޓް ސެކެޓަރީންނާއި ކޮމްޕެނީ ސެކެޓަރީންނެވެ. އެއީ ސިޔާސީ މަގާމުތަކަކަށް ނުވުމުން ސަރުކާރު ބަދަލުވި ނަމަވެސް މަގާމުތަކުގައި މީހުން ދެމިތިބޭނެ އެވެ.
ނަމަވެސް މި ސަރުކާރުގައި އެ ޒިންމާތައް ހަވާލުކުރީ ސިޔާސީ މީހުންނާ އެވެ.
"މާލީ ޒިންމާދާރު ވެރިޔާގެ ޒިންމާ ޑެޕިއުޓީ މިނިސްޓަރުންނާއި ކޯޑިނޭޓަރުންނާ ހަވާލުކޮށްފައި ހުންނަނީ. އެހެންވީމަ ކަންކަން މިދިމާވަނީ. އޮޑިޓް ކުރާއިރު އޮބްޒަވޭޝަން ފުރިހަމައެއް ނުވޭ. ޑޮކިއުމެންޓް ނެތީމައި ޒިންމާދާރެއް ނުކުރެވޭ،" ތަޖުރިބާކާރު އޮޑިޓަރަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވި އެވެ.
ހެކި ނައްތާލުމާއި ލިޔެކިޔުން ނައްތާލުމުން އެޅޭނެ ފިޔަވަޅުތައް ގާނޫނުގައި ކަނޑައަޅާފައިވެ އެވެ. ނަމަވެސް މާލީ ނިޒާމް ބެލެހެއްޓުމުގެ ހަރުދަނާ އުސޫލެއް ނެތުމުން ޒިންމާދާރު ކުރުވަން ދަތިތަކެއް ހުންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ހައްލަކީ، އޮޑިޓަރު ވިދާޅުވި ގޮތުގައި، މާލީ ޒިންމާދާރު ވެރިޔާގެ މަސްއޫލިއްޔަތު ސިޔާސީ ނޫން މީހުންނާ ހަވާލުކުރުމެވެ.
މިހާރު އަރައިގެން އުޅޭ އަޑުތަކާ އެކު އޮޑިޓް އޮފީހުން އަންގާފައި ވަނީ ދައުލަތުގެ ޚަރަދުތައް އޮޑިޓްކުރުމާ ގުޅޭ އެއްވެސް ލިޔެކިޔުމެއް ނައްތާނުލައި ރައްކާތެރިކަމާ އެކު ބަލަހައްޓާށެވެ. އޭގެ ތެރޭގައި މެމޯތަކާއި އީމެއިލްތަކާއި ޔައުމިއްޔާ ފަދަ ލިއުންތައް ވެސް ހިމެނޭނެ ކަމަށް އޮޑިޓް އޮފީހުން ދާދި ފަހުން ނެރުނު ސާކިއުލާއެއްގައިވެ އެވެ.
ސަރުކާރެއް ބަދަލުވާ އިރު ތަފާތު ވާހަކަތައް ފެތުރެ އެވެ. ހާއްސަކޮށް މި ސަރުކާރަށް ކުރާ ކޮރަޕްޝަންގެ ތުހުމަތުތައް ގިނަކަމުން، އެ އަޑުތައް އަދި މާ ގަދަ އެވެ. މީގައި މުހިންމީ ކަމާ ބެހޭ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދީގެން އެކަންކަން ބެލުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފެންކައްކާ
30 September 2018
ފެނަކައިގެ މުވައްޒަފުން ގަދަކަމުން ނަމަވެސް އެތަނަށްވަދެ އެކުރާކަމެއް ބަލަންވީ.
އިހުސާން
30 September 2018
ރައީސް ޔަމީން ބަލިކުރީ , ހަގީގަތެއްނެތް ދޮގު ވާހަަކަތަަކެއް ރާއްޖެއާއި ރާއްޖެއިންބޭރުގައި ފަތުރައި އެކަން ދިވެހިންގެ ހިތްތަކަށް ވައްދައިގެން. ލަސްތަކެއްނުވެ ހަގީގަތް ސާފުވާނެ. އެމެރިކަން ގްރެޖުއޭޓަކަށް ސައިތުއީސްޓް އޭޝިޔާގެ ޕްލިޓިކްސްގައި ސަވައިވް ވެވޭނީ ނަޝީދު އުޅޭގޮތަށް އުޅެގެން. ސަރަހައްދުގެ ފަގީރުކަން އަދިވެސް ޕްރޮމޯޓްކޮށް ފަގީރުކަމަށް ލޯބިކުރަންޏާ ވޯޓް ލިބޭނެ. މިސަރައްހައްދަކީ މުޅިދުނިޔެއަށްބެލިޔަސް އެންމް ތަހުޒީބުކަންކުޑަ ސަރަހައްދު. ފެކްޓްއަކީ ސްޓެޓިސްޓިކްސް.
އަމާ
30 September 2018
މި އާޓިކަލްގަ އެބައޮތް ލިޔެކިޔުންތައް ނެތިގެން އޯޑިޓް ނުކުރެވުނުވާހަކަ؟ ކޮންބައެއްބާ އެއީ. ހެކިނައްތާލި މީހުންގެވާހަކަތައްބާ؟ އަބަދުވެސް ކުރީބައިގަ އެކަހަލަވާހަކަ ދެއްކޭނީވެސް ކަމެއްކުރިބަޔަކަށްބާ؟
--ޑަސް ބިން
30 September 2018
5 ން 6 ށް އިތުރު ގަޑި ދީގެންތަ ނައްތަނީ
އުމަރުބެ
30 September 2018
އަބަދުވެސް ކޮންމެވެސް ކަމެއްގައި ހިފައިގެން ދެމުން ކުރިން ވޯޓް އޮޅުވާލާ ވާހަކަ ވޯޓާލިސްޓް ސައްހަ ނުވާވާހަކަ އެކަން ނިމުނީމައި ރައީސް ބަލިގަބޫލު ނުކުރާނެވާހަކަ މިހާރު ހެކި ނައްތާލާވާހަކަ
ފަލަކި
30 September 2018
ފަހުގެ ހިސާބުތަކުން ދައްކާގޮތުންނަމަ ދިވެހި ރާއްޖޭގެ ރައްޔިތުން ރައީސް ޔާމީނަށާއި އޭނަގެ "އެކުވެރި"ންނަށް އިތުބާރެއް ނުކުރެވޭ. އެއީ ވޯޓު ނުދިން އެއް ސަބަބު ކަމުގައިވޭ.
އާސިލް
30 September 2018
ތިއަ ހުރިހާކަމެއްގެ ޒިންމާ ނަގަން ޖެހޭނީ އެންމެމީހަކު އެއީ ކުރީގެ ރައީސް ޔާމީނު
އުނބުށެން
30 September 2018
ޖެމްސްގެ ސަބަބުން ނައްތާލަން އުނދަގޫވިއްޔާ ވާނީ ދައުލަތުގެ އެއްތަނުން އަނެއްތަނަށް ފޮނުވާ ލިޔުންތަކެވެ. އެނޫން ކޮންމެ ލިޔުމެއްވެސް ނައްތާލެވިދާނެއެވެ. މިސާލަކަށް އެކިއެކި މަސައްކަތް ހަވާލުކުރުމާ ގުޅޭގޮތުން ބޭނުންކުރެވޭ ލިޔުންތަކަކީ މަދު ހާލަތެއްގައި ނޫނީ ޖެމްސްއަށް ވަންނާނެ ލިޔުންތަކެއްކަމަށް ގަބޫލެއް ނުކުރެވެއެވެ.
އިބްރާ
30 September 2018
މީހުންނޫޅޭގަޑީގައި އިދިކޮޅަށް ސަޕޯޓްކުރާ މުވައްޒަފުން ސަރުކާރަށް ނިސްބަތްވާ ތަންތަނަށްވަދެ ފައިސާ ވަގަށްނެގިކަމަށް ދައްކާ ހެކި ވެއްދުމަކީ ވުންވަރަށް ގާތްކަމެކެވެ. އެހެނީ އިންތިޚާބު އިދިކޮޅުން ކާމިޔާބުކުރީ ރައްޔިތުންގެ ސިކުނޑިތަކަށް ސަރުކާރުން ވައްކަންކުރިކަމަށް ދައްކައިގެންނެވެ.
ކޮސްތަ
30 September 2018
ބަލަ ރައްޔިތުން ތިބީ ބަލަންށޭ ފާޅުގަ ކުރިހާ ވައްކަން، ބަޔަކު ކިޔައިގެނެއް ނޫން.
ޏގދހގ
30 September 2018
ބަނީއިސްރާއިލް ދަރިކޮޅުމީހުންނަކީ ޝައްކާ ވަހުމްވަރަށްގިނަބައެ. އެގޮތުން މޑޕއާ އެޕާޓީއަށް އެހީވާމީހުންގެވެސް ހުންނަނީ މިބަލި ޝައްކާ ވަހުމަކީ ނަފްސާނީ ބަލިމަޑުކަމެ. ވެރިކަންކުރާހިތްވުމާ ވެރިކަންހޯދަން ހިންގާޖަރީމާތަކަކީ މިބުނިފަދަ ބަލިމީހުންގެ ސިފައެ.1ފެބްރުއަރީގަ ގައުމަށްގެނައި ބަޢާވާތުގަ ތިބުނިޖެމްއެ މަސައްކަތެނުކުރި ހެއްކެވެސްނެތް ބޭނުންކުރިބައެއްމީހެނެތް. ނޫސްވެރިން ބޭނުންވަނީ ގައުމުހަލަބޮލިކުން އެހެންކަމަށްވާނަމަ އިބޫއަށްތިކުރަނީ ޖެއްސުމެ.
އަބްދުﷲ
30 September 2018
ނަޝީދު ވެރިކަން ދޫކޮށްލާފަ ދިޔައިރު މުލިއާގެއިން ނެެރުނު ރާފުޅިތައް ފުރަތަމަ ތަހުގީގް ކޮށްބަލަ. ކުރިން ދިމާވިކަމެއް ކުރިން ބަލަމާ.. އެވާހަކަވެސް ލިޔެލަބަލަ.
ހަނދުކޭތަ
30 September 2018
އެކަން ތަހުގީގު ކުރީމަ އެކަން ބޮލުގައި އެޅެނީ މިހާރު ވެރިކަގައި ތިބި މީހުން