ރާއްޖޭގެ ފަނޑިޔާރުގެ، ތާރީޚީ ނަޒަރަކުން

ރާއްޖެއާ ބެހޭ ގޮތުން ލިޔެފައިވާ ގަދީމީ ލިޔުންތަކުގެ ގޮތުގައި ފެންނަން ހުރި ލޯމާފާނުތަކާއި ރާދަވަޅިން ލިބެން ހުރި މަޢުލޫމާތުތަކަށް ބަލާއިރު ރާއްޖެ އިސްލާމް ވުމާ ހަމައަށް ވެސް އަދުލު އިންސާފު ގާއިމްކުރަމުން އައިސްފައިވާކަން އެނގެ އެވެ. އިސްދޫ ލޯމާފާނުގައި ލިޔެފައިވާ ގޮތުން ރާއްޖެ އިސްލާމް ވުމާ ހަމައަށް ޢަދުލު އިންސާފު ޤާއިމްކުރާ މީހަކު ހުއްޓެވެ. އެމީހަކު ހުންނަނީ "އުތަޕަޑިޔާރު" ނަމުގަ އެވެ. ރާއްޖެ އިސްލާމްވިތާ ސާޅިހަކަށް އަހަރު ފަހުން އެނަން "ފަނޑިޔާރު"ގެ ނަމަށް ބަދަލުވި އެވެ.


އިސްދޫ ލޯމާފާނުން އެނގޭ ގޮތުގައި ރާއްޖެ އިސްލާމްވުމަށް ފަހު އިސްލާމީ އުޞޫލުތަކަށް ކަންކަން ނިންމަން ބަލަ އެވެ. ދައުލަތުގެ ކަންކަން ހިންގަވާ ފަސްފުރަދާން ބޭކަލުންގެ ތެރޭގައި ފަނޑިޔާރު ބޭކަލުން ތިއްބަވަ އެވެ.

ރާއްޖޭގައި ދީން ކިޔަވައިގެން ތިބި ބަޔަކު އޭރަކު ނެތެވެ. ފަތްލިޔާ ކަލޯގެ މަގާމުގައި (ރާއްޖެ އިސްލާމް ވުމުގެ ކުރިން ފަނޑިޔާރުން ކުރާ ބާވަތުގެ މަސައްކަތްކޮށް އުޅުނު މީހުންނަށް ކިޔައިއުޅުނު ނަމެއް) ޔަމަނަށް ނިސްބަތްވާ ޢީސަލް ޔަމާނީ ކިޔާ މީހަކު ހުއްޓެވެ. މީނައަށް ފަނޑިޔާރުކަން ދިނެވެ. އިބުނު ބަޠޫތާ ރާއްޖެއަށް ވަޑައިގެންނެވިއިރު ފަނޑިޔާރުކަމުގައި ހުންނެވީ އޭނާ އެވެ. މި ޢީސަލް ޔަމާނީ އަކީ ރަނގަޅަށް ޢިލްމު ދަންނަ މީހެއް ނޫން ކަމަށާއި، މީހުންގެ ތަރިކަމުދާ ބަހައިދޭއިރު އެއިން ދިހަބައިކުޅަ އެއްބައި ހިފާއުޅޭ ކަމަށް އިބުނު ބަޠޫތާ ލިޔުއްވި އެވެ.

ރެހެންދި ޚަދީޖާގެ ފިރިކަލުން ވަޒީރު ޖަމާލުއްދީންގެ އަމުރުފުޅަށް މި ޢީސަލް ޔަމާނީ އަތުން ފަނޑިޔާރުކަން ނެގުމަށް ފަހު، އިބުނު ބަޠޫތާއާ ފަނޑިޔާރުކަން ހަވާލުކުރީ، ވަޒީރު އަރިހުގައި މި ޝަކުވާތައް ކުރެއްވީމާ ކަމަށް އޭނާ ލިޔުއްވަ އެވެ.

އިބުނު ބަޠޫތާ ރާއްޖެ ވަޑައިގެންނެވިއިރު ޝަރީޢަތްކޮށް އުޅުނީ ރަސްކަލުންގެ ގަނޑުވަރު ތެރޭގައި ހުންނަ ޚާއްޞަ ފެންޑާއެއްގަ އެވެ. ރާއްޖޭގެ ޝާރުޢީ ނިޒާމަށް އިބުނު ބަޠޫތާ ގެންނެވި ބަދަލަކީ ބޮޑެތި ޝަރީޢަތް، ކުރިއެކޭ އެއްގޮތަށް، ގަނޑުވަރު ތެރޭގައި ކުރެއްވުމެވެ. ބައެއް އެހެން ޝަރީޢަތް އޭނާގެ ގޭގައި ކުރެއްވި އެވެ. އިބުނު ބަޠޫތާ ލިޔުއްވާފައިވާ ގޮތުގައި، ލިޔުން ހަވާލުކޮށްގެން (ޗިޓް ހަވާލުކޮށްގެން) ޝަރީޢަތަށް މީހުން ޙާޟިރު ކުރަން ފެށި އެވެ. ލިޔުން ފޮނުވީމަ ޝަރީޢަތަށް ޙާޟިރުނުވާ މީހުންނަށް (ޝަރީޢަތުގެ ހުރުމަތް ކެނޑުމުން) އަދަބު ދެއްވަން ފެއްޓެވި އެވެ. ޚަޞްމުގެ ބަދަލުގައި އެހެން މީހަކު (ބަދަލު ނުވަތަ ވަކީލު) ފަނޑިޔާރު ކުރިމައްޗަށް ހާޒިރުވުން ހުއްދަކުރެއްވި އެވެ.

ވަޒީރު ޢަބުދުލްﷲގެ މައްޗަށް އިބުނު ބަޠޫތާ ކުރެއްވި ޝަރީޢަތަކީ މަޝްޙޫރު ޝަރީއަތެކެވެ. މާލޭގައި ބާރާއި ނުފޫޒު ގަދަ މި ވަޒީރު މައްޗަށް ކުރެއްވި ޝަރީޢަތުގެ ސަބަބުން ކުރިމަތިވެވަޑައިގެންނެވި ދުއްތުރާތަކުގެ ވާހަކަ ލިޔުއްވި އެވެ. އިބުނު ބަޠޫތާ ފަނޑިޔާރުކަމުން ވަކިވެވަޑައިގަތީ ބޮޑުންގެ ފަރާތުން ކުރިމަތިކުރުވި އުނދަގޫތަކާއި ދުއްތުރާތަކަށް ކެތްނުކުރެއްވިގެންކަން އޭނާގެ ލިޔުންތަކުން އެނގެ އެވެ. މިކަލޭގެފާނަށް ފަހު، ސީރާޒްއިން ވަޑައިގެން ހުންނެވި ޢިލްމުވެރިއެއް ކަމަށްވާ ހަސަން ސީރާޒީ ކުރެއްވި ޝަރީޢަތާ މެދު ވެސް ރަސްގެފާނު ހިތްހަމަޖެހިވަޑައެއްނުގަތެވެ.

މުހައްމަދު އަމީން ލިޔުއްވާފައިވާ ގޮތުގައި ސީރާޒީ ފަނޑިޔާރަކީ މަރަށް މަރުހިފަން އަމުރުކުރެއްވި ފަނޑިޔާރެކެވެ. އެ ޙުކުމުގެ ސަބަބުން ފަނޑިޔާރުމަނިކުފާނު ދިރިހުންނަވަނިކޮށް ރޯކޮށްލި އެވެ.

އައްޝައިޚު ހަސަން ތާޖުއްދީނަކީ ދީނީ ޢިލްމު އުނގެނިވަޑައިގެން ހުންނެވި ބޭފުޅެކެވެ. އޭނާއަށް ފަނޑިޔާރުކަން ލިބިވަޑައިގަތުމާ އެކު ރާއްޖޭގެ ޝަރުޢީ ނިޒާމަށް ގިނަ، ހެޔޮ ބަދަލުތަކެއް ގެންނެވި އެވެ. ޙަސަން ތާޖުއްދީން އަވަހާރަވުމުން ދެން ފަނޑިޔާރުކަން ދެއްވީ އޭނާގެ ދޮށީ ދަރިކަލުން މުހައްމަދު ޚަޠީބު މަނިކުފާނަށެވެ. ފަނޑިޔާރުކަމަށް އިސްކުރެއްވުމާ އެކު އޭނާގެ ނަންފުޅަކަށް ނޑައެޅުއްވީ މުޙައްމަދު ޝަމްސުއްދީން އެވެ. ފަނޑިޔާރުކަން ލިބިވަޑައިގަތުމުން ރާއްޖޭގެ ޢަދުލު އިންސާފުގެ ނިޒާމު ހަރުދަނާކުރެއްވުމަށް މަސައްކަތްޕުޅު ކުރެއްވުމަށް ވުރެ ބޮޑަށް ފެންނަމުން ދިޔައީ، ރާއްޖެއަށް ދޭތެރެ ދޭތެރެއިން އުނދަގޫތަކާއި ދުއްތުރާތައް ކުރަމުން އަންނަ ބޭރުގެ މީސްމީހުންނާ ގުޅިގެން ރަސްކަން ހޯއްދަވަން މަސައްކަތް ކުރެއްވި ތަނެވެ.

ރަނގަޅަށް ރޭވިފައި ހުންނަ ކަންކަން ގޯސްކުރުމުގެ އާދައެއް

ރާއްޖޭގެ ޝަރުޢީ ނިޒާމުގެ ހާލަތު 18 އަދި 19 ވަނަ ގަރުނުގައި އޮތް ގޮތް ކްރިސްޓޮފާގެ ލިޔުއްވުންތަކުން އެނގެ އެވެ. ކްރިސްޓޮފާ ލިޔުއްވާފައިވާ ގޮތުގައި ފަނޑިޔާރަކަށް ހުންނަވާ ބޭފުޅާކާއި އޭނާގެ ނައިބުންނާއި ބައެއް ވަޒީރު ބޭކަލުންނަށް ޝަރުޢީ ކަންކަން ނިންމުމުގެ ބާރު އޮވެ އެވެ. ފަނޑިޔާރުގެ ކުރިމައްޗަށް މައްސަލައެއް ހުށަހެޅިއްޖެ ނަމަ އެ މައްސަލައެއްގައި ހިމެނޭ ދެ ފަރާތް ފަނޑިޔާރު ގެއަށް އައުމަށް އަންގަ އެވެ. ބައެއް ފަހަރަށް ހަގުބޭކަލުން (ފުލުހުން ކުރާ ބާވަތުގެ މަސައްކަތް ކޮށްއުޅުނު ބައެއް) ފޮނުވައިގެން ގެނެ އެވެ.

އޭގެ ކުރީގެ ޒަމާންތަކާ އަޅާބަލާއިރު މިދުވަސްވަރު ޝަރުޢީ ކަންކަމަށް ބަދަލުތަކެއް އައިސްފައި ވާކަން ފާހަގަކުރެވެ އެވެ. އަދި ގަވާއިދުތަކަކާއި އުސޫލުތަކެއް ގާއިމްކުރަމުން އަންނަ ކަމުގެ ސިފަތަކެއް ވެސް ދިޔައީ ފެންނަމުންނެވެ. ނަމަވެސް ޝަރުޢީ ނިޒާމު މިނިވަންވަމުން އައިކަމުގެ ނިޝާނެއް އެހާތަނަށް ވެސް ފެންނާކަށް ނެތެވެ.

ރާއްޖޭގެ ސިޔާސި މަޞްރަހުގައި ވޯރާ މީހުންގެ ނުފޫޒު ގަދަވުމުގެ ސަބަބުން ހިނގަން މެދުވެރިވި ހަމަނުޖެހުންތަކާ ގުޅިގެން ޝަރީޢަތްތަކެއް ކުރަން ޖެހުނެވެ. އެކަމުގައި ބައިވެރިވި މީހުންގެ މައްޗަށް ކުރި ޝަރީޢަތްތަކާ މެދު ވިސްނާލާއިރާއި އެދުވަސްވަރު ވެސް ޝަރުޢީ ކަންކަން ގެންގޮސްފައިވާ ގޮތަށް ބަލާއިރު ލިޔެވިފައިވާ އުސޫލުތަކެއް އޮތްހެނެއް ހިއެއްނުވެ އެވެ. ޤާނޫނުލް ޢުޤޫބާތެއް ނެތެވެ. ނަމަވެސް އެކި ކުށްކުށަށް ކަނޑައެޅިގެން ދިޔައީ ތަފާތު އަދަބުތަކެވެ. އޭގެ ތެރޭގައި ނުހަނު ބޮޑެތި އަދަބުތައް ހުރިކަން ވެސް އެނގެ އެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގެ ނަތީޖާ ބާތިލްކުރަން ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލަ، އިދިކޮޅު ފަަރާތްތަކަށް ކާމިޔާބުވުމުން އުފާ ފާޅުކުރަނީ: ކޯޓުތަކުން އިންސާފު ލިބެން ޖެހޭނެ ---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ޙާޖީ ޢިމާދުއްދީން ރަދުން ރާއްޖޭގައި ނެތިސް، އަބުދުލް މަޖީދު ދީދީ ރަންނަބަނޑޭރިކިލެގެފާނުގެ ބާރާއި ނުފޫޒުން މުޙައްމަދު ޝަމްސުއްދީނަށް ރަސްކަން ޙަވާލުކުރުމުގެ ކަންކަން ހިނގި ދުވަސްވަރު ފަނޑިޔާރަކަށް ހުންނެވި އެއް ބޭފުޅަކީ ސ. މީދޫ އެޅަގޭ ޢަލީދީދީ އެވެ. އެކަމުގެ ތެރޭގައި އުޅުއްވަނިކޮށް އާލާސްކަންފުޅެއްގައި އޭނާ އަވަހާރަވީ އެވެ. ދެން ހުންނެވީ ފަނޑިޔާރުގެ މުޢާވިން މަޝްހޫރު ނާއިބު ތުއްތު އެވެ. އޭނާ މަސައްކަތްޕުޅު ކުރައްވަމުން ގެންދެވީ އަބުދުލް މަޖީދު ދީދީއާ ދިމާ އިދިކޮޅަށް ކުރީގެ ރަދުން އައްސުލްޠާން މުޙައްމަދު ޢިމާދުއްދީންގެ ރަސްކަން ދިފާއުކޮށްދެއްވާށެވެ. ނާއިބު ތުއްތު ގުޅަކުޅޭ ފަސްގަނޑަށް ނުކުންނަވައި، ހަވަރަށް ވިދާޅުވީ އެއްވެސް ރަސްކަލަކު ރަސްކަމުގެ ތަޚުތުގައި އިންނަވަނިކޮށް، އަދި އެ ރަސްކަލަކު ރަށުގައި ވަޑައިގެން ނެތިސް އަނެއް ބޭފުޅަކަށް ބައިޢަތު ހިފުމަކީ ހުއްދަވާނޭ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން އެކަން ހުއްދަވާނޭ ކަން ހަވަރު ބޭކަލުންނަށް އެނގުނީ ކިހިނަކުންތޯ ނާއިބު ތުއްތު އެއްސެވި އެވެ.

"ތިޔަ ފޮތް ދުށީ ކަލޭ އެކަންޏެއް ނޫނެވެ،" މިހެން ވިދާޅުވެފައި، އެއްވެ ތިބި މީހުންނާ މުޚާޠަބުކުރައްވައި ޢަބްދުލް މަޖީދުދީދީ އެންގެވީ އަވަހަށް ނާއިބު ތުއްތު ގެންގޮސް އޮޑިޔަށް ލުމަށެވެ. އެހިނދު ފަނޑިޔާރުކަލޭގެ ދަމާހަލާފައި ގެންގޮސް އޮޑިޔަށް ލީ އެވެ.

ރާއްޖޭގެ ރަސްކަމުގެ ނިޒާމަށް 20 ވަނަ ގަރުނުގެ ފުރަތަމަ ތިރީހަކަށް އަހަރު އައި އިންޤިލާބީ ބަދަލަކީ ދުސްތޫރީ ރަސްކަމެއް ބަލައިގަތުމެވެ. އެގޮތުން 1932 ގައި ރާއްޖޭގެ ފުރަތަމަ ޤާނޫނުއަސާސީ ހެދި އެވެ. އެ ޤާނޫނުއަސާސީ ވުޖޫދުވެގެން އައީ ވެރިކަމުގެ އާރާއިބާރުގައި ތިއްބެވި ބޮޑުން ބޭނުންވެގެންނެއް ނޫނެވެ. ވެރިކަމުގެ އާއިލާގެ ތެރެއިން އުފަންވި އަދި ރާއްޖޭން ބޭރުން ކިޔަވައިވިދާޅުވެގެން ވަޑައިގެންނެވި ޒުވާން ބޭފުޅުންކޮޅެއްގެ ނުފޫޒާއި ބާރުންނެވެ.

ފުރަތަމަ ޤާނޫނުއަސާސީން ފެށިގެން ފުރަތަމަ ޖުމްހޫރިއްޔާއާ ހަމައަށް ޢަމަލުކުރި ޤާނޫނުއަސާސީތަކުގެ ތެރެއިން މަޝްހޫރު ކުޑަ ޤާނޫނުއަސާސީ ފިޔަވައި ހުރިހާ ޤާނޫނުއަސާސީއެއްގައި ވެސް ފަނޑިޔާރުންގެ މިނިވަންކަމާ ބެހޭ ވަރަށް ސާފު މާއްދާތަކެއް ހުއްޓެވެ. އަދި މިނިވަން ޝަރުޢީ ނިޒާމެއްގައި ހުންނަން ޖެހޭ އަސާސީ ސިފަތައް ވެސް ހިމެނެ އެވެ.

އެކަމަކު ފޮތުގައި އެހެން އޮތަސް އެ ދުވަސްވަރުގެ މަޝްހޫރު ބޮޑެތި ޝަރީޢަތްތަކުން ފެންނަ މަންޒަރުތައް ވަރަށް ތަފާތެވެ. މިސާލަކަށް ހުވަދޫ ބަގާވާތާ ގުޅިގެން ހުވަދޫ ބައެއްގެ މައްޗަށް ކުރި ޝަރީޢަތްތަކާއި މަޝްހޫރު "ބޮޑު އުތުރު"ގައި ބައިވެރިވި އިސް ވެރިންގެ މައްޗަށް ޝަރީއަތް ހިންގި ގޮތެވެ.

މުޙައްމަދު އަމީން ރައީސްކަމަށް ވަޑައިގަތުމުގެ ކުރިން ޝަރުއީ ދާއިރާއަށް ބަދަލުތަކެއް ގެންނެވި އެވެ. އެގޮތުން ރާއްޖޭގައި ޝަރީޢަތްކުރުމުގެ ވައްޓަފާޅި ޒަމާނީ ގޮތަށް ބަދަލުވުމުގެ ފެށުމަކީ ވެސް އެއީ އެވެ.

ދިވެހި ދުސްތޫރުގައި 1932 އިން ފެށިގެން ލިޔަމުން އައި ފަނޑިޔާރުގޭގެ މިނިވަންކަމާ ބެހޭ މާއްދާތައް ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ޤާނޫނުއަސާސީން އުނިކުރި އެވެ. އެ ޖުމްހޫރީއްޔާ ވަރަށް ޅަފަތުގައި އުވިގެން ދިޔައިރު، މުހައްމަދު އަމީންގެ މައްޗަށް ކުރި ޝަރީޢަތުން، އޭގެ ނުރަނގަޅު އަސަރުތައް ފެނުނެވެ.

އެ ޖުމްހޫރިއްޔާ އުވި އަލުން ރަސްކަން ފެށުމާ އެކު، ކުރިން އުނިކުރި ޝަރުއީ ދާއިރާގެ މިނިވަންކަމާ ބެހޭ މާއްދާތައް އަލުން ޤާނޫނުއަސާސީއަށް ލި އެވެ.

ރާއްޖޭގައި އެންމެ ފަހުން ހުންނެވި ރަސްކަލުން ކަމަށްވާ މުޙައްމަދު ފަރީދުގެ ރަސްކަމުގެ ފުރަތަމަ ބޮޑުވަޒީރުގެ ދައުރުގައި އޮތް ޤާނޫނުއަސާސީން ރާއްޖޭގެ ޝަރުޢީ ދާއިރާއަށް މިނިވަންކަމުގެ ތަޞައްވުރެއް ގެނެސްދިނެވެ. ނަމަވެސް އިބްރާހިމް ނާސިރަށް ބޮޑުވަޒީރުކަން ލިބިވަޑައިގަތުމާ އެކު، ޤާނޫނުއަސާސީން އެ މާއްދާތައް ނިއުޅިގެން ދިޔައީ އެވެ. ފަނޑިޔާރުގޭގެ މިނިވަންކަމާ ބެހޭ ގޮތުން ހުރި މާއްދާތައް އަނެއްކާވެސް ޤާނޫނުއަސާސީން އުނިކުރީ އެވެ. އެހާތަނުން ރާއްޖޭގެ ޝަރުޢީ ދާއިރާގެ މިނިވަންކަމަށް ކުރިމަތިވި އަނދިރިކަން ދިގުދެމިގެން ދިޔަ އެވެ.

އުއްތަމަފަނޑިޔާރު މުހައްމަދު ޖަމީލް ދީދީގެ އިސްތިއުފާ

ރާއްޖޭގެ ދެ ވަނަ ޖުމްހޫރިއްޔާ ނޮވެމްބަރު 11، 1968 ގައި ފެށުނު އިރު ޝަރުޢީ ނިޒާމުގެ މިނިވަންކަމުގެ ހާލަތު އޮތީ ނާޒުކު ގޮތަކަށެވެ. ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ޤާނޫނުއަސާސީން ޝަރުޢީ ނިޒާމަށް އިދާރީ ގޮތުންނާއި ފަންނީ ގޮތުން ޒަމާނީ ރަނގަޅު ބަދަލުތަކެއް ގެނައި ނަމަވެސް ޝަރުޢީ ނިޒާމުގެ މިނިވަންކަން އޮތީ ހިފެހެއްޓިފަ އެވެ. އެ ގާނޫނުއަސާސީ، ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި 1997 އާ ހަމައަށް ދެމިގެން ދިޔަ އެވެ.

ރާއްޖޭގެ ކުރީގެ އުއްތަމަފަނޑިޔާރު މުހައްމަދު ޖަމީލް ދީދީ: މަގާމުން އިސްތިއުފާ ދެއްވަން މަޖުބޫރުވެވަޑައިގެންނެވި

ނާސިރުގެ ވެރިކަމުގައި ޢަދުލުއިޞާފުގެ ދާއިރާ އޮތީ ރައީސުލްޖުމްހޫރިއްޔާގެ ފުރިހަމަ ބެއްލެވުމުގެ ދަށުގަ އެވެ. ޤާނޫނުއަސާސީގައި ޢަދުލުއިންޞާފާ ބެހޭ ގޮތުން ބަޔާންކުރާ ދެ މާއްދާއެއް އޮތެވެ. އެއް މާއްދާގައި ވަނީ މިފަދައިންނެވެ: "ޢަދުލު އިންސާފު ޤާއިމްކުރުމާއި ޝަރީޢަތުގެ އެންމެހައި ކަންތައް ހިންގާނީ ރައީސުލްޖުމްހޫރިއްޔާ އިސްކުރާ ބައެކެވެ."

ފަޟީލަތުއްޝައިޚް މުހައްމަދު ޖަމީލު ދީދީ އުއްތަމަފަނޑިޔާރުކަމުން އިސްތިއުފާ ދެއްވީ ޖޫން 13، 1967 ގަ އެވެ. އެމަނިކުފާނު އިސްތިއުފާ ދެއްވަން ޖެހިވަޑައިގެންނެވި ސަބަބު ވަރަށް ތަފްޞީލުކޮށް ބައެއް ބޭފުޅުން ލިޔުއްވާފައި އެބަ ހުއްޓެވެ.

އޭރުގެ ބޮޑުވަޒީރު ނާޞިރު، ބައެއް ފަހަރަށް ޝަރުޢީ ކަންކަން ގެންދަވަންވީ ގޮތުގެ އިރުޝާދު ފަނޑިޔާރަށް ދެއްވާ ކަމަށްވެ އެވެ. އެކަމާ ފިކުރާނުވެ، ޖަމީލް ދީދީ ދެންނެވި ކަމަށް ވަނީ ޝަރުޢީ ކަންކަމާ ބޮޑުވަޒީރަށް ވެސް ބެހިވަޑައިނުގެންނެވޭނެ ކަމަށެވެ.

މިއަދު ދިވެހިން ފައިތިލަ ސާބިތުކޮށްގެން މިތިބީ މިހާތަނަށް ދުށް އެންމެ ޒަމާނީ ޑިމޮކްރަސީގެ އުސޫލުތަކުގެ މައްޗަށް ހަދާފައިވާ ޤާނޫނުއަސާސީއަށް ތަބާވެގެންނެވެ. ދައުލަތުގެ ތިން ބާރު ވަކިކުރި ޤާނޫނުއަސާސީގެ ހިޔަލުގަ އެވެ. މިނިވަން ޝަރުޢީ ނިޒާމެއްގެ ތަޞައްވުރު ގެނެސްދިން ޤާނޫނުއަސާސީ ތަޖުރިބާކުރުން މަތީގަ އެވެ. ކަންކަން ނިއުޅި ފުރޮޅިގެންދާލެއް އަވަސްކަމުން ވަކި ގޮތަކަށް ނިންމުން އަދި އަވަސް ނޫންތޯ އެވެ.

އުއްތަމަފަނޑިޔާރުގެ އެ ވާހަކަފުޅު ބޮޑުވަޒީރަށް ކަމަކުނުދިޔަ އެވެ. އަދި އެ ދުވަހުން ފެށިގެން މަޙުކަމަތުއް ޝަރުޢިއްޔާގެ އެއްވެސް ކަމަކާ ސަރުކާރުން ނުބެހޭނެ ކަމަށް ނާސިރު ވިދާޅުވި ކަމަށް ވެ އެވެ.

ނާސިރު އެންގެވި ކަމަށް ވަނީ މަޙުކަމަތުއް ޝަރުޢިއްޔާ ހިންގާނެ ޢިމާރާތާ ގުޅޭ ކަންކަމާއި، ގޮނޑިމޭޒު ހޯދުމާއި، މުވައްޒަފުން ހޯދުމާއި، އެމީހުންނަށް މުސާރަ ދިނުމަކީ، އުއްތަމަފަނޑިޔާރު ކުރައްވަން ޖެހިވަޑައިގަންނަވާ ކަމެއް ކަމަށެވެ.

އުއްތަމަފަނޑިޔާރާއި ސަރުކާރާ ގުޅުން ކެނޑި މަޙުކަމަތުއް ޝަރުޢިއްޔާ އާއި ޝަރުޢީ ކަންކަން ހިންގަން ދަތިވާ ހިސާބަށް ދިޔަ އެވެ. އެންމެ ފަހުން އުއްތަމަފަނޑިޔާރު އިސްތިއުފާ ދެއްވަން މަޖްބޫރުވެވަޑައިގަތީ އެވެ.

މުހައްމަދު ޖަމީލް އިސްތިއުފާދެއްވިއިރު، ޤާނޫނުއަސާސީއަށް ބަދަލު ގެނެސް ފަނޑިޔާރުން ޢައްޔަނު ކުރުމުގެ ބާރު ބޮޑުވަޒީރު ވަނީ ހޯއްދަވައިފަ އެވެ. އެހެންކަމުން ފަނޑިޔާރުމަނިކުފާނުގެ އިސްތިއުފާ ވެގެން ދިޔައީ، ބޮޑުވަޒީރު ބޭނުންފުޅުވި ވަކި ބޭފުޅަކު އެ މަގާމަށް ގެންނަވަން ލިބިވަޑައިގެންނެވި ފުރުސަތަކަށެވެ.

އެ މަގާމަށް ދެން ގެންނެވީ ބޮޑުވަޒީރު އަރިހުގައި މަސައްކަތް ކުރެއްވި، އޭރު ވަޒީރުލްއަޢުޒަމްގެ އޮފީހުގެ ޚާއްޞަ ވަކީލު ފަޟީލަތުއް ޝައިޚު މޫސާ ފަތުޙީ އެވެ. އުއްތަމަފަނޑިޔާރުގެ މަގާމަށް އެމަނިކުފާނު ޢައްޔަން ކުރެއްވީ ޖޫން 16، 1967 ގަ އެވެ.

ނާސިރުގެ ވެރިކަމުގައި ހެއްދެވި ގާނޫނުއަސާސީގެ ބަދަލުގައި އާ ގާނޫނުއަސާސީއެއް ރައީސް މައުމޫންގެ ވެރިކަމުގައި ހެދީ، 17 އަހަރުގެ މަސައްކަތަށް ފަހު 1997ގަ އެވެ. ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު އެންމެ ފުރަތަމަ ކުރައްވާނެ ކަންކަމުގެ ތެރޭގައި ހިމަނުއްވައިގެން މައުމޫން ފެއްޓެވި މަސައްކަތަށް އެހާ ދިގު މުއްދަތެއް ހޭދަވުމުން އާންމުން މަލާމަތް ވެސް ރައްދުވި އެވެ.

މިއީ ޑިމޮކްރެޓިކް އުޞޫލުން ވެރިކަންކުރުމުގެ ބަދަލުގައި ވެރިކަމުގެ ބާރު ދަމަހައްޓަން އިސްކަން ދީފައިވާ ޤާނޫނުއަސާސީއެކެވެ. އޭގައި އޮތީ ދައުލަތުގެ ތިން ބާރު މަސްހުނިކޮށްގެން ވެރިކަމުގެ ނިޒާމު ތަރުތީބުކޮށްފަ އެވެ. ޝަރުޢީ ދާއިރާގެ އިސް ވެރިޔަކީ ރައީސުލްޖުމްހޫރިއްޔާ އެވެ.

އެކަމަކު މައުމޫންގެ ދިގު 30 އަހަރުގެ މުއްދަތުގައި ރާއްޖޭގެ ޝަރުޢީ ނިޒާމަށް ލިބުނު ކުރިއެރުންތައް ގިނަ އެވެ. ތަފާތުވީ ކުރެވުނު މިނިވަންކަމުގެ ތަޖުރިބާތަކެވެ. އެ ތަޖުރިބާތަކުގެ މައްޗަށް ބަލައި ލިޔަން ހުރި ވާހަކަތައް ގިނަކަމުން މި މަޒުމޫނުގައި ނުހިމެނީ އެވެ.

މިއަދު ދިވެހިން ފައިތިލަ ސާބިތުކޮށްގެން މިތިބީ މިހާތަނަށް ދުށް އެންމެ ޒަމާނީ ޑިމޮކްރަސީގެ އުސޫލުތަކުގެ މައްޗަށް ހަދާފައިވާ ޤާނޫނުއަސާސީއަށް ތަބާވެގެންނެވެ. ދައުލަތުގެ ތިން ބާރު ވަކިކުރި ޤާނޫނުއަސާސީގެ ހިޔަލުގަ އެވެ. މިނިވަން ޝަރުޢީ ނިޒާމެއްގެ ތަޞައްވުރު ގެނެސްދިން ޤާނޫނުއަސާސީ ތަޖުރިބާކުރުން މަތީގަ އެވެ. ކަންކަން ނިއުޅި ފުރޮޅިގެންދާލެއް އަވަސްކަމުން ވަކި ގޮތަކަށް ނިންމުން އަދި އަވަސް ނޫންތޯ އެވެ.

އެޑިޓަރުގެ ނޯޓު

ފާއިޒަކީ މިހާރުގެ ގާނޫނުއަސާސީގެ ދަށުން އެކުލަވާލީ ދާއިމީ ސުޕްރީމް ކޯޓުގެ ފުރަތަމަ އުއްތަމަފަނޑިޔާރެވެ. އެމަނިކުފާނު މަގާމުން ވަކިކުރީ، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ގެންގުޅުނު ސިޔާސީ މަގުސަދުތަކެއް ފުރިހަމަކުރުން މަގުސަދަކަށް ހަދައިގެން ކަމަށް، ގާނޫނީ ބައެއް ފަރާތްތަކުން ދެކެ އެވެ. ފާއިޒް މި މަޒުމޫން ލިއެދެއްވީ "މިހާރު"ގެ ދައުވަތަކަށެވެ.