ހެލިކޮޕްޓަރު: އިންޑިއާގެ ބިރުވެރި "ހަދިޔާ"

ބޮޑު ކަމެއް ޖެހޭ ކޮންމެ ވަގުތަކު އިންޑިއާ އިން ރާއްޖެއަށް އެހީ ވިޔަސް، އިންޑިއާއާ މެދު ދިވެހިން ދެކޭ ގޮތް ވަރަށް ބޮޑަށް ބަދަލުވެއްޖެކަން އެއީ ހަގީގަތެކެވެ. އިންޑިއާ އިން ރާއްޖެއަށް ހަދިޔާކުރި ކަމަށް ބުނާ ދެ ހެލިކޮޕްޓަރު ގެންދަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އަންގާފައިވާ އެންގުން ބަދަލުކޮށް، އާ ސަރުކާރުގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވާހަކަ ދެއްކެވުމުން ބަޔަކު އެކަމަށް ތާއީދުކުރި ކަމުގައި ވިޔަސް އެކަމާ ދެކޮޅަށް ތިބި މީހުން ވަރަށް ގިނަކަން ސޯޝަލް މީޑިއާގެ ރައްދުތަކުން އެނގެ އެވެ.


ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރައީސްކަމުގެ ހުވާކުރެއްވި ރަސްމިއްޔާތަށް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް އަލަތު ދަތުރު ކުރެއްވުމާ ދިމާކޮށް މޯދީ އަށް ދިވެހިން އަމާޒުކުރި ނުރުހުން ވެސް އެއީ މިކަމުގެ ހެއްކަކަށް ފުދެ އެވެ.

އިންޑިއާ އަކީ ރާއްޖެއަށް މުހިންމު އަވަށްޓެރިއެކެވެ. މުހިންމު ބައިވެރިއެކެވެ. އެކަމަކު އިންޑިއާ އަށް ނަފުރަތުކުރާ ދިވެހިން އިތުރުވަނީ ކީއްވެތޯ އިންޑިއާ އިން ވެސް ވިސްނަން އެބަ ޖެހެ އެވެ.

އިންޑިއާ އިން ރާއްޖެއަށް ދެ ހެލިކޮޕްޓަރު ހަދިޔާކުރި ކަމަށް ބުންޏަސް އެއީ ދެ އަހަރުން އާކުރާ ގޮތަށް 2010 ގައި ހެދި އެއްބަސްވުމެއްގެ ދަށުން އިންޑިއާ ސިފައިން ރާއްޖޭގައި އޮޕަރޭޓްކުރަން ރާއްޖޭގައި ބޭއްވި ދެ ހެލިކޮޕްޓަރެވެ. އެއީ އޭވިއޭޝަން ސަޕޯޓެއްގެ ގޮތުގައި، ދިވެހި ސިފައިންގެ ވައިގެ ލަޝްކަރެއް އުފެއްދުމަށް އެހީއެއްގެ ގޮތުގައި ވެސް ބެލި އެވެ. ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން، މި "ހަދިޔާ" ބޭނުމެއް ނޫނޭ ގެންދާށޭ ބުނުމުން ވެސް އިންޑިއާ އަށް އެ އަޑު އިވޭ ކަމަކަށް ނުވި އެވެ. އެއްބަސްވުމުގެ މުއްދަތު ހަމަވެ، ހެލިކޮޕްޓަރާ އެކު ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ވިސާ ހަމަވުމުން ވެސް ހަމަ ތިބީ އެވެ. މޫނުމައްޗަށް ހެލިކޮޕްޓަރެއް ދެއްކިޔަސް ފަހަތުގައި ކަންތައްތަކެއް ފޮރުވިފައިވާކަން މި ގޮތް ދޫނުކުރުމުން އެނގެ އެވެ.

އިންޑިއާގެ މީޑިއާ އިން ބުނަމުން ދިޔައީ އިންޑިއާގެ އަސްކަރީ ބާރު ރާއްޖޭގައި ކުޑަކުރުމަށް، ޗައިނާ އިން އެދިގެން އެ ހެލިކޮޕްޓަރުތައް ގެންދަނީ ކަމަށެވެ. ޔާމީންގެ ވެރިކަމުގައި ޗައިނާއާ އެކު ބޭއްވި އާދަޔާ ޚިލާފު ގާތް ގުޅުމުގެ ސަބަބުން، އެކަން އެގޮތަށް ގަބޫލުކުރެވިދާނެ އެވެ. އެކަމަކު އިންޑިއާއާ އެއްކޮޅަށް ގޮސް ހުސްވުމަކީ ވެސް ރާއްޖެއަށް މަޖުބޫރުކަމެއް ނޫންކަން އިންޑިއާ ދަންނަން ޖެހެ އެވެ.

މާލޭގެ އުސް ފަސްގަނޑުގައި ހަދާފައިވާ ހެލިޕޭޑަށް ސިފައިންގެ ޖައްސާފައި -- މިހާރު ފޮޓޯ: ހުސެން ވަހީދު

"ހަދިޔާކުރި" ހެލިކޮޕްޓަރުގެ ހަގީގަތް

މިއީ އިންޑިއަން ކޯސްޓް ގާޑް ކޮންޓިންޖެންޓުގެ "ކޮމާންޑް އެންޑް ކޮންޓްރޯލް" ގެ ދަށުން، ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރަށް ޖަވާބުދާރީވާން ޖެހޭ ގޮތަށް، އޮޕަރޭޓްކުރާ ހެލިކޮޕްޓަރުތަކެކެވެ. ހެލިކޮޕްޓަރު އޮޕަރޭޓްކުރުމުގެ ބޭނުމަށް ރާއްޖޭގައި ތިބޭ އިންޑިއާ މީހުންގެ މައްޗަކަށް އަދި އެ މީހުން ތިބޭ ތަނަކަށް ވެސް ރާއްޖޭގެ ގާނޫނުތަކެއް ނުހިނގާނެ އެވެ. އެއީ ފުރިހަމަ ޑިޕްލޮމެޓިކް އިމިއުނިޓީގައި ތިބޭ ބައެކެވެ. އެ މީހުންގެ މައްޗަށް ހިނގާނީ އިންޑިއާގެ ކޯސްޓް ގާޑުގެ ގާނޫނެވެ. ޑިސިޕްލިނަރީ ފިޔަވަޅު އަޅާނީ އެ ގާނޫނުގެ ދަށުންނެވެ. ދިވެހި ސަރުކާރުން މިއިން މީހަކާ މެދު ފިޔަވަޅެއް އަޅާ ނަމަ، ފުރިހަމަ ހެއްކާ އެކު ކޮމާންޑަރަށް ރިޕޯޓެއް ހުށަހަޅައި، އެ މީހަކު ރާއްޖޭން ފޮނުވާލަން އެދެވިދާނެ އެވެ.

ހެލިކޮޕްޓަރު ދުއްވަން ދިވެހިން ތަމްރީނުކޮށްދޭނެ ކަމަށް ބުނި ކަމުގައި ވިޔަސް، އެއްބަސްވެފައި ވަނީ މި ހެލިކޮޕްޓަރުތައް އޮޕަރޭޓްކުރާނީ އިިންޑިއާގެ ކޯސްޓް ގާޑުގެ އެއާކްރޫއިން ކަމަށާއި މެއިންޓަނަންސް ކަންތައް ބަލަހައްޓާނީ އިންޑިއާ ކޯސްޓް ގާޑާއި، ހެލިކޮޕްޓަރު އުފެއްދި ކުންފުނި ކަމަށްވާ ހިންދުސްތާން އެއަރޮނޮޓިކްސް ލިމިޓެޑުގެ ޓެކްނީޝަނުން ކަމަށް ބުނެފައިވެ އެވެ. ކޮންމެ ހެލިކޮޕްޓަރަކަށް އިންޑިއާގެ 26 މީހުން ހާއްސަކޮށްފައިވެ އެވެ. އެއީ ތިން ޕައިލެޓުންނާއި ދެ ޓެކްނިކަލް އޮފިސަރުންނާއި އިންޖިނިއަރަކާއި ޓެކްނީޝަނަކާއި އިތުރު ނުވަ މީހެކެވެ.

ރާއްޖޭގެ ވައިގެ ސަރަހައްދުގައި މި ހެލިކޮޕްޓަރުތައް އޮޕަރޭޓްކުރާނީ ސާޗް އެންޑް ރެސްކިއު އާއި ސަވައިލެންސާއި އިމަޖެންސީ އިވަކުއޭޝަން އާއި ކޮމިއުނިކޭޝަން ޑިއުޓީސްގެ އިތުރުން ވެސް ދެ ގައުމުން އެއްބަސްވާ އެހެން ކަންކަމަށެވެ. މި ކަންކަމަށް ހެލިކޮޕްޓަރު ބޭނުންކުރާނީ ދިވެހި ސަރުކާރާއި އިންޑިއާގެ ކޮންޓިންޖެންޓް ކޮމާންޑަރުގެ މަޝްވަރާއާ އެކުގައި ކަމަށް ބުނެފައި ވިޔަސް ފީޒިބިލިޓީ އާއި ސޭފްޓީ އަށް ބަލައި، ހެލިކޮޕްޓަރު އޮޕަރޭޓްކުރުމަށް ދެކޮޅުހެދުމުގެ ބާރު އިންޑިއާގެ ކޮންޓިންޖެންޓް ކޮމާންޑަރަށް އޮވެ އެވެ.

ހެލިކޮޕްޓަރަށް ބޭނުންވާ ތެލުގެ ބާވަތްތައް ފޯރުކޮށްދޭނީ އިންޑިއާ އިން ކަމަށް ވިޔަސް ހޭންގަރާއި ސްޓޮވޭޖާއި އެއާފީލްޑް ސާވިސް އާއި ޓެކްނިކަލް ސަޕޯޓް ފެސިލިޓީސް އާއި އޮފީސް ސްޕޭސް ފަދަ ކަންކަމުގައި ދިވެހި ސަރުކާރުން ޒިންމާވާން ޖެހޭނެ އެވެ.

ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންނަށް ދިވެހި ސަރުކާރުން، ކާކުކަން އަންގައިދޭ ކާޑެއް ދީފައި އޮންނަން ޖެހެ އެވެ. އެކަމަކު އެ މީހުންނަކީ ކަސްޓަމްސް އާއި އިމިގްރޭޝަން ކްލިއަރެންސްގައި ރާއްޖެއިން ހާއްސަ ކަމެއް ދޭންޖެހޭ ބައެކެވެ. ރާއްޖޭގައި ތިބުމަށް އެއްވެސް ޓެކްސްއެއް އަދި ޑިއުޓީއެއް ދައްކާކަށް ނުޖެހޭނެ އެވެ.

ހެލިކޮޕްޓަރު އޮޕަރޭޓްކުރަން ދިވެހި ސިފައިން ތަމްރީނުކުރަން "އެހީވާން" އިންޑިއާ އިން އެއްބަސްވެފައި ވިޔަސް، އެއްބަސްވެފައި ވަނީ މި ބުނި ހުރިހާ ކަމަކާ އެކު، އިންޑިއާގެ ފުރިހަމަ ބާރުގެ ދަށުގައި ހެލިކޮޕްޓަރުތައް އޮންނަ ގޮތަށެވެ.

ކުރަނގި ހެލިކޮޕްޓަރުގައި މާލެ އަށް ގެނައި ބަލި މީހަކު ހެލިކޮޕްޓަރުން ބާލަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ވަކި ގައުމަކަށް ހުސްވާކަށް ނުޖެހޭ

ޗައިނާއާ ގާތް ގުޅުމެއް އޮތް ސަރުކާރު ބަދަލުވެ، އިންޑިއާ އަށް އިސްކަންދޭ ވެރިކަމެއް މިހާރު މި ވަނީ ގާއިމުވެފަ އެވެ. ރާއްޖެ އޮތް ސަރަހައްދުގެ ގޮތުން އިންޑިއާ އަށް އިސްކަން ދިނުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް ޗައިނާގެ މާލީ ދަންތުރައިން ސަލާމާތްވާން ކަމަށް ބުނެ އިންޑިއާގެ އުނގަށް ވެއްޓިއްޖެ ނަމަ އެއީ ލިބޭ ކާމިޔާބީއެއް ނޫނެވެ. އެއީ ކުރިމަގަށް އޮތް ބިރެކެވެ.

ރާއްޖެ ތަރައްގީކޮށް، އަމިއްލަ ފައިމައްޗަށް ތެދުވަން ބޭނުންވާ މުހިންމު ދާއިރާތައް ހުއްޓާ އިންޑިއާ އިން އަސްކަރީ ދާއިރާ އަށް މާ ބޮޑު ސަމާލުކަމެއް ދީ އެހެން ދާއިރާތަކަށް މާ ބޮޑު ސަމާލުކަމެއް ނުދިނުމަކީ ޗައިނާ އިން ރާއްޖެއަށް ގަދަވާން ލިބުނު ފުރުސަތެވެ. އެތައް ބައެއްގެ ޝަކުވާއަކަށް ވެފައި ވަނީ އިންޑިއާ އިން ރާއްޖެއަށް އެތެރެކުރާ އަސާސީ މުދަލާއި ރާއްޖެއަށް 1988 ގައި ދިން އަސްކަރީ އެހީގެ ބަދަލުގައި އިންޑިއާ ބުނާހާ ގޮތަކަށް ހެދިގެން ތިބެން ޖެހޭނެ ކަމަށް ބުނާ ފަދަ ގޮތަކަށް އަމަލުތައް ބަހައްޓާތީ އެވެ.

ރާއްޖެ އަށް ޑޮކްޓަރުން ފޮނުވިޔަސް، ޕޮލިސް އެކަޑަމީއެއް ހަދަން ބަޔަކު ފޮނުވިޔަސް ނުވަތަ އެހެން ކަމަކަށް ބަޔަކު ފޮނުވިޔަސް ބޮޑެތި ހިމާޔަތްތަކާ އެކު، އިންޑިއާ ބޭނުންވާހާ ގޮތަކަށް ހުރިހާ ކަމެއް ބައްޓަންކުރަން ޖެހުމަކީ އިންސާފެއް ނޫނެވެ. ހެލިކޮޕްޓަރު "ހަދިޔާ" ވެސް ހަމަ އެހެންނެވެ.