ހޯރަ އިއްބެ: ހުކުމުގައި ހަތަރު އަހަރު ބާކީ އޮއްވައި މިނިވަންވާނެ.
05 ޑިސެމްބަރ 2018 - 07:34
އިބްރާހިމް ރަޝީދު (ހޯރަ އިއްބެ)ގެ އަދަބު ލުއިކޮށްދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމެވި ނިންމެވުމާ އެކު އޭނާ މިނިވަންވެގެންދާތީ ރުޅިވެރިކަން ފާޅުކުރަމުންދާ އެންމެންގެ ވެސް އޮތީ އެއް ކަންބޮޑުވުމެކެވެ؛ ކުޑަކުދިންގެ ހައްގުތަކާ ގުޅިފައިވާ އެންމެ ސީރިއަސް މައްސަލައިގެ ކުށް ސާބިތުވެފައިވާ މީހަކަށް ލުއިދިނުމަކީ އެކަން އާދައިގެ ކަމަކަށް ހެދުމެވެ.
ސަތާރަ އަހަރުގެ ކުއްޖަކާ ބަދުއަޚުލާގީ އަމަލު ހިންގިކަން ސާބިތުވެ 2013 ގައި 10 އަހަރަށް ޖަލަށް ލާފައިވާ އިއްބެ ފަހުން އެ ކުއްޖާއާ ކައިވެނިކޮށް ދަރިއަކު ލިބިފައި ހުއްޓަސް، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ކުށުން އޭނާ ބަރީއަވާނެ ގޮތެއް ނޯންނާނެކަން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ ފާހަގަކުރަމުންނެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އަށް ވެސް މައާފްކޮށްދެވޭ ކުށަކަށް ނުވާ އިރު، ރައީސް އޮފީހުން ބުނާ ގޮތުގައި، އިއްބެގެ އަދަބު ލުއިކޮށްދޭން 2016ގައި ކްލިމެންސީ ބޯޑުން ލަފާ ދީފައި އޮތީމާ، އަދަބު ލުއިކޮށްދެއްވަން ރައީސަށް އޮންނަ ބާރުގެ ދަށުން އެ ގޮތަށް އަމަލުކުރެއްވީ އެވެ. އެ ހުކުމުން ތިން ދުވަސް ފިޔަވައި އެހެން ދުވަސްތައް މައާފްކުރައްވަން ރައީސް އިބޫ ހޯމަދުވަހު ނިންމެވި އިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ނިންމަވާފައި އޮތީ ކްލިމެންސީ ބޯޑުގެ ލަފަޔަށް އަމަލު ނުކުރައްވާށެވެ. އިއްބެ އަށް އެކަން އަންގައި ރައީސް އޮފީހުން 2016ގައި ފޮނުވި ސިޓީން އެނގޭ ގޮތުގައި އެ ބޯޑުގެ ލަފަޔަކީ ހުކުމުން ތިން މަސް ދުވަސް ބޭއްވުމަށް ފަހު ބާކީ އޮތް މުއްދަތު ޝަރުތާ އެކު ލުއިކޮށްދިނުމެވެ. އެކަމަކު ރައީސް އިބޫގެ ނިންމެވުމާ އެކު، ބެލެވޭ ގޮތުގައި، އެމްޑީޕީގެ ވެރިކަމުގައި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީއަކަށް ހުރި އެ ޕާޓީގެ އެކްޓިވިސްޓް އިއްބެ މާދަމާ މިނިވަންވާނެ އެވެ.
ހޯރަ އިއްބެ ކުރިން އެމްޑީޕީގެ ޕޯޑިއަމެއްގައި ވާހަކަދައްކަނީ
ހުކުމުގައި ހަތަރު އަހަރަށް ވުރެ ގިނަ ދުވަސް ބާކީ އޮއްވާ އޭނާ މިނިވަންވާ ގޮތަށް އަދަބު ލުއިކޮށްދިނުމާ ގުޅިގެން ބޮޑެތި ފާޑުކިޔުންތައް ސޯޝަލް މީޑިއާގައި ވަނީ އަމާޒުވެފަ އެވެ. އެކަން ކުށްވެރިކޮށް ވާހަކަދައްކާ މީހުންގެ ތެރޭގައި ގާނޫނީ ވަކީލުންނާއި ސޯޝަލް ވޯކަރުން ވެސް ހިމެނެ އެވެ. އަދި އިއްބެ ދޫނުކުރަން ރައީސަށް ގޮވާލާ އޮންލައިން ޕެޓިޝަނެއްގައި މީހުން އަންނަނީ ސޮއި ވެސް ކުރަމުންނެވެ.
އާވާޒް.ކޮމްގައި ހުޅުވާލާފައިވާ އެ ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުގައި ޖަލުގައި ހުރެފައި ގޭބަންދަށް އިއްބެ ބަދަލުކޮށް، އޭނާގެ ފަރާތުން އަނިޔާ ލިބުނު އަންހެންކުއްޖާއާ ކައިވެނިކުރަން ދައުލަތުން ފުރުސަތު ދިނުމުގެ އިތުރުން އެންމެ ފަހުން އޭނާ މިނިވަން ވެސް ކުރީ އެވެ. އެއީ ރާއްޖޭގެ ގާނޫނުތަކާއި ބައިނަލްއަގުވާމީ މުއާހަދާތަކަށް ބަލާ އިރު ވެސް ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށް ބުނެފައިވެ އެވެ.
"މިއީ މިފަދައިން އަނިޔާ ލިބޭ ކުދިންނަށް ރައްކާތެރިކަން ލިބިދޭ ގާނޫނީ ނިޒާމާ ޚިލާފު، މިފަދަ ކުށްތައް ކުރަން މަގުފަހިކުރާ އަދި މިފަދަ ކުށްވެރިންގެ ކުށްތަކަށް ހިތްވަރު ދިނުން ކަމަށް ބުނެވެން އޮތް ނިންމުމެއް،" ޕެޓިޝަނުގައި ލިޔެފައިވެ އެވެ.
ގާނޫނީ ވަކީލެއް ކަމަށްވާ ހަމްޒާ ލަތީފު ޓްވިޓާގައި ޝުއޫރު ފާޅުކުރަމުން ފާހަގަކޮށްފައިވާ ގޮތުގައި އުމުރު ހަމަނުވާ ކުޑަކުދިންނާ ޖިންސީ ގުޅުން ހިންގައިގެން ނުވާނެ ފަދައިން، އެފަދަ މީހުންނަށް ދައުލަތުން ލުއި ދީގެން ވެސް ނުވާނެ އެވެ. އެ ކުށް ކުރާ މީހާގެ ޝިކާރައަކަށް ހަދާ ކުއްޖާއާ ކައިވެނިކުރަން ކޯޓުން އޭނާ އަށް ފުރުސަތު ދީގެން ނުވާނެ ކަމަށާއި އޭނާގެ އަދަބު ލުއިކޮށްދޭން ކްލިމެންސީ ބޯޑުން ލަފާ ދީގެން ނުވާނެ ކަމަށާއި އަދި ރައީސުލްޖުމްހޫރިއްޔާ އޭނާގެ އަދަބު ލުއިކޮށްދެއްވައިގެން ނުވާނެ ކަމަށް ވެސް ހަމްޒާ ބުނެފައިވެ އެވެ.
ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި އުމުރުން 45 އަހަރުގައި އިއްބެ، ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކުއްޖެއް ކަމަށް ބުނެ 17 އަހަރުގެ އަންހެންކުއްޖާއާ އެކު ބަދުއަޚުލާގީ އަމަލު ހިންގުމަށް ފަހު އޭނާއާ ކައިވެނި ކުރިޔަސް، އޭނާ އަށް ވުރެ އުމުރުން މާ ހަގު ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަން އޮތީ ސާބިތުވެފަ އެވެ. އަދި މިއީ ކުޑަކުދިންނަށް ޖިންސީ އަނިޔާކުރާ މީހުންގެ ފަރާތުން ފެންނަ "ގްރޫމިން" ނުވަތަ މަޑުމަޑުން ކުއްޖާގެ ހިތް ލަންބުވަމުން ގޮސް ޖިންސީ ގުޅުމަށް ތައްޔާރުކުރުން ކަމަށް ބެލެވޭ މައްސަލައެއް ކަމަށް އެފަދަ ބައެއް މީހުން ދެކެ އެވެ.
ޖިންސީ ފުރައްސާރައާ ދެކޮޅަށް "މިވެރިން ކޮބާ"ގެ ނަމުގައި ހިންގާ ހަރަކާތުން ފާހަގަކުރާ ގޮތުގައި އިއްބެ އަށް ލުއި ދިނުމަކީ ކުޑަކުދިންނަށް ޖިންސީ އަނިޔާކުރުމާއި އަންހެނުންނަށް އަނިޔާކުރުމުގެ މައްސަލަތައް ސަރުކާރުން ސީރިއަސްކޮށް ނަގާކަމުގެ އިތުބާރު ގެއްލޭނެ ކަމެކެވެ.
"Hoara Ibbe", a convicted pedophile who was sentenced to 10 years in jail is now a free man. Showing leniency to man accused of child abuse doesn't inspire confidence in the ability of the government to take child abuse and #VAW seriously. #16DaysOfActivisim #HearMeToo https://t.co/95kCFvfRrE
— Miverin Koba (@MiVerinKoba) December 4, 2018
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ އަދަބު ލުއިކޮށްދެވޭ ގޮތަށް އޮތުމަކީ ވެސް މައްސަލައެއްކަން ބައެއް މީހުން ފާހަގަކުރެ އެވެ. އެއީ ގާނޫނީ ލޯވަޅެއް ކަމަށާއި އެކަން އިސްލާހުކުރަން ޖެހޭ ކަމަށް ބުނެ ގާނޫނީ ދާއިރާގެ ބައެއް މީހުން އަންނަނީ ވާހަކަދައްކަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިރިޔާ
24 November 2019
ވަރަށް ފުޅާކޮށް ބަހުސް ކުރެވިދާނެ މައުލޫއެއް.އަމަލުގެ އަސްލައް ރުޖޫއަވެ އަލުން ގޮތެއް ނިންމަންވީ ވަގުތު ފަހަނަޅައިފި. ގާނޫނީ ގޮތުން އޭރު އެއީ ކުޑަކުއްޖެއް ނަމަވެސް ހުކުމަކާ ހަމައަށް ދިޔަ އިރު އެއީ ޝަރުއީ ގޮތުން އަދި ގާނޫނީ ގޮތުންވެސް އިއްބެގެ ހަލާލު އަންބިމީހާ
Phaalih
06 December 2018
ޖިންސީ އަނިޔާ އަކީ ގޯހެއް. އިއްބެ ގެ ކޭސްގައި އެއީ ފާޙިޝް ޢަމަލެއް. އެ ޖިންސީ ގޯނާއަށް ވާގޮތް ނޭންގެނީ. އޭނާއަށް އަލުން ދައުވާކޮށް ފާހިޝް ޢަމަލް ކުރީތީ ތަޢުޒީރުކުރުން އެބައޮތް. އެކަމަކު ޖިންސީ އަނިޔާ އާއި ކުޑަކުދިންނާ ބެހޭ މީހެކޭ ކީމަ ކަމަކު ނުދޭދޯ؟
ތަކި މޫނާ
06 December 2018
ދެންފާޑު ކިޔާނެ ކަމެއް ނެތް. ކަލޭމެން ބޭނުންވެގެން ތި އުޅުނު އިންތިހާއަށް އޯގާތެރި ސަރުކާރު މިއަދު ތިއޮތީ ލިބިފަ. ދެން ބަލަން ތިބޭ ކުއްކުރާ ގާތް މީހުންތަށް މިނިވަން ވާތަން ބަލަން.
ރުޅި
06 December 2018
މީ ވަރަށް ދެރަކަމެއް. ޔާމިނުގެ އަނިޔާވެރި ވެރިކަމޭ ކިޔާފަ އައިސް އެޔަށްވުރެ އަނިޔާވެރި ވެވުނީމަ މާ މޮޅު ވަނީތަ؟؟
ޖުނައިދު
06 December 2018
ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އަށް ވެސް މައާފްކޮށްދެވޭ ކުށަކަށް ނުވާ އިރު ރަނގަޅު ވެރިކަމެއްކުރަން އައި ބަޔަކު ވެރިކަމަށް 01 މަސް ނުވަނީސް މިފަދަކަންކަން ކރަމުންދިއުމަކީ ރަނގަޅުވެރިކަމެއްފެންނާނެކަމަށް އުއްމީދުކޮށްގެންތިބިބަޔަކު މާޔޫސް ވާކަމެކެވެ.ގާނޫނުންވެސް ހޯރަ ހިމާޔަތްކޮށްފަ އޮވޭ.އެއީ ހޯރަ އިއްބެގެ ވާހަކައެއްނުން.ތިހެންތިކަން ވާނަމަ އެފަދަ ކުށްތަކުގަ ހައްޔަރުގަތިބި އެންމެނަށްވެސް މާފުލިބެންޖެހޭނެ.ހެޔޮވެރިކަމަކީ އެއީ
Male
06 December 2018
ޖިންސީ ފުރައްސާރަޔާ ކުޑަކުދިން ނާ ބެހުން އާންމު ތިޔަކުރަނީ....ސޯލިހް ނަމުން ކިތަންމެ ސޯލިހެއް ކަމަކު މިފަހަރަކު ނުވާނެ....
ޢާސީ
06 December 2018
ޟމިގޮތައް ކަންކަން ކުރުމުން މިހާރު ގާނޫނުގެ ބާރު ދަނީ ދުވަހުންދުވަހައް ފެއިލްވަމުން ކަމައް ފެންނަނީ..
އަޙުމަދު ޢަބުދުއްލަތީފް
06 December 2018
ލަދުހުރިކަމެއް، ދެރަކަމެއް، ދޫނުކޮށްލާ، ހުކުމް ތަންފީޒް ކުރަން 10އަހަރު ޖަލުގަ ބޭންވުށް އެއްމެ ރަގަޅު ގޮތަކީ، (ހަމަހަމަ ކަން އެހެން ނޫނީ ގެއްލޭނެ)، ވަރަން ވާހަކަ މީ، އުށްމީދު ކުރަން ސަރުކާރުން ހުކުމް ދަމަ ހަންޓާނެ ކަމަން، އެހެން ނޫނީ މި ސަރުކާރުއް ކޮން ކަމެން ތޯ ކުރަން ވަން ތިއުޅުން ވަނީ؟ އަހަރެމެންގެ ޅަދަރިން ނަން ގަސްތުގައި ސަރުކާރުން ތި ދެނީ އަނި އާޔަން ނޫނީ ނުވާނެ. މިކަމުގައި އަނޑު އުފުލަން ޖެހުނު އެތްމެ ފުން މިނަކަން އަނޑު އުފުލާނަން!
ޢަބްދުﷲނާފިޒް
05 December 2018
ކައިވެނި ނުކޮށް ޖިންސީ ގުޅުން ހިންގިކަމުގެ ކުށް ސާބިތު ނުވޭ ދެއްތޮ، އެކަމަކު 17އަހަރުގެ ކުޑަ ކުއްޖަކާ ބަދުއަޚުލާގީ އަމަލު ހިންގިކަން ސާބިތު ވެއްޖެ އުތަ، މީ މަޖާކަމެއް.
ގިރާވަރު
05 December 2018
ޤާނޫނުއަސާސީގާބުނަނީ ޢުމުރުން18އަނހަރުނުފުރެންޏާ އެއީކުޑަކުއްޖެއްކަމައްއެހެންވީމާ17އަނހަރުގެކުއްޖަކާބެހުނީމާ ނުވާނެ ކުޑަކުއްޖަކާނުބެހޭކަމަކައް ދެންއޮތީ ހައްޔަރުކުރުން ހައްޔަރުކުރެވޭނީވެސް ހެކިލިބިގެން މަންޒަރުފެނިހެކިވެސްލިބިގެންހައްޔަރުކުރިކަމައްވަނީ ދޫކޮއްލަންޖެހޭނީ މުއްދަތުހަމަވީމާ ބެހުނީކުޑަކުއްޖަކާ