އެކްޓިން ކޮމިޝަނަރު ހަމީދު: ފުލުހުންގެ މުއައްސަސާ އިން ރައްޔިތުންގެ އިތުބާރު އަލުން ހޯދާނެ ކަމަށް ވިދާޅުވި. --ފޮޓޯ: ނިޝާން އަލީ/މިހާރު
01 ޖެނުއަރީ 2019 - 08:37
ފުލުހުންގެ ޒިންމާއަކީ ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ގާއިމްކޮށްދިނުމެވެ؛ އެކަމަކު އެ އިތުބާރު ވަނީ ގެއްލިފަ އެވެ.
ފެބުރުއަރީ، 7، 2012 ގައި ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވިއިރު ބައެއް ފުލުހުން ހިންގި ޣައިރު ގާނޫނީ އަދި ލާއިންސާނީ އަމަލުތަކުން ދިފާއުވާން ދެއްކޭނެ ވާހަކައެއް ނެތެވެ. ގަސްތުގައި މީހުން މެރުން ފަދަ ބޮޑެތި މައްސަލަތަކުގެ ތަހުގީގުގައި އިހުމާލުވެފައިވާ ކަމުގެ ތުހުމަތު ވަނީ އެޅިފަ އެވެ. ސިޔާސީ މަގުސަދުތަކެއް ވަކި ބަޔަކަށް ހޯދައިދިނުމަށް ހެކި އުފެއްދުމާއި، ތަހުގީގުތައް އޮޅުވާލައިގެން ޝަރީއަތަށް މައްސަލަތައް ފޮނުވުމުގެ ފާޑުކިއުންތައް ގިނަ އެވެ. އެ ގޯސްތަކުގެ މައްޗަށް ކަންކަން ތަންފީޒުކޮށް، ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ފުލުހުންގެ މުއައްސަސާގެ ނަން ކިލަނބުވެއްޖެ އެވެ.
އެންމެ ބޮޑު އެއް ސަބަބަކީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގި ގާނޫނާ ޚިލާފު އަމަލުތަކަށް މަގު ކޮށައިދީ، ސިޔާސީ ބާރުވެރިކަން ދަމަހައްޓަން ވާގިވެރިވުމެވެ. ގާނޫނީ އިމުން ބޭރުވެ، ރައްޔިތުންގެ ހައްގުތައް ވެސް "މުށުތެރެއަށް" ލި އެވެ. ސިޔާސީ ބޭފުޅުންގެ ފަހަތުން ދުވެ، ގާނޫނީ ޒިންމާތައް ވެސް ހަނދާން ނައްތާލި އެވެ.
މި ހާލަތުގައި އޮތް މުއައްސަސާ ނުފޫޒުން އެއްކިބާކޮށް، ޕްރޮފެޝަނަލްކޮށް ހިންގުމަކީ ފަސޭހަ ކަމެއް ނޫނެވެ. އެކަމާ ކުރިމަތިލެއްވިއިރު، އެކްޓިން ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވި ގޮތުގައި، އެ ގޮންޖެހުންތައް އެނގިވަޑައިގަންނަވަ އެވެ. އިންޓެލިޖެންސްގެ އިސް ވެރިޔަކަށް ހުންނަވަނިކޮށް ވަޒީފާ އިން ވަކިކުރިތާ ހަ އަހަރަށް ފަހު، ފުލުހުންގެ ޚިދުމަތާ އަލުން ގުޅިވަޑައިގަތް ހަމައެކަނި ބޭނުމަކީ މުއައްސަސާ އަށް ބަދަލުތަކެއް ގެންނެވުން ކަމަށް ވިދާޅުވި އެވެ.
އެކްޓިން ޕޮލިސް ކޮމިޝަނަރު ހަމީދު "މިހާރު"އާ ވާހަކަ ދައްކަވަނީ. --ފޮޓޯ: ނިޝާން އަލީ/މިހާރު
ހަމީދު، "މިހާރު" އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ ހުރިހާ ފުލުހުންގެ ބައިވެރިވުމެއް ނެތަސް މުއައްސަސާ އިން ގޯސްތަކެއް ހަދާފައިވާ ކަން ގަބޫލުކުރައްވާ ކަމަށެވެ. މިހާރު ފިޔަވަޅުތައް އަޅުއްވަމުން ގެންދަވަނީ އެކަން ތަކުރާރުވިޔަ ނުދިނުމަށް ކަމަށް ވިދާޅުވި އެވެ.
ފުލުހުންގެ މުއައްސަސާ އަށް ސިޔާސީ ނުފޫޒު ވަދެފައި ވަނީ ޔާމީންގެ ސަރުކާރުގައި އެކަންޏެއް ނޫނެވެ. ކުރީގެ ސަރުކާރުތަކުގައި ވެސް ކަން ހިނގީ އެ މަގުންނެވެ. ސިޔާސީ ބޭނުމަށް، ގާނޫނާ ޚިލާފަށް މީހުން ހައްޔަރުކުރި އެވެ.
އެކަމަކު ޔާމީންގެ ސަރުކާރުގައި ފުލުހުންގެ އަމަލުތައް ހުރި ގޮތާ، އެހެން އެއްވެސް ސަރުކާރަކާ އަޅައެއް ނުކިޔޭނެ އެވެ.
ރާއްޖޭގައި މިހާތަނަށް، އެންމެ ގިނަ ސިޔާސީ ލީޑަރުން ހައްޔަރުކުރީ އެމަނިކުފާނުގެ ވެރިކަމުގަ އެވެ. ކުރީގެ ރައީސުންނާއި ވަޒީރުންނާއި އިދިކޮޅު ޕާޓީތަކުގެ ލީޑަރުން އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހައްޔަރުކުރުމުގައި ފެނުނީ ގާނޫނީ އިމުން ބޭރުވެ، ޣައިރު ގާނޫނީ އަމަލުތަކެއް ފުލުހުން ހިންގި ތަނެވެ. އެކަން ފުލުހުންގެ މައްޗަށް ސާބިތުވަނީ، ސިޔާސީ ބައެއް ބޭފުޅުން، ހައްޔަރުކުރީ ގާނޫނާ ޚިލާފަށް ކަމަށް ކޯޓުތަކުން ކޮށްފައިވާ އަމުރުތަކުންނެވެ.
ހަމީދު ވިދާޅުވީ ސިޔާސީ ބޭފުޅުން ހިފައި ހައްޔަރުކުރީ ފުލުހުންގެ ތެރޭގައި އޮންނަން ޖެހޭ މިންވަރަށް ވުރެން މާ ބޮޑަށް ވެސް ނުފޫޒު ވަދެގެން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ސުޕްރީމް ކޯޓު ކައިރީގައި އެސްއޯ ފުލުހުންތަކެއް ހަރަކާތްތެރިވަނީ: ގާނޫނީ އިމުން ބޭރު އަމަލުތައް ހިންގި ކަމުގެ ތުހުމަތުން އެ މުއައްސަސާގެ ނަން ވަނީ ކިލަނބުވެފައި..---ފޮޓޯ: ނިޝާން އަލީ/މިހާރު
އޭނާ ވިދާޅުވި ގޮތުގައި ތަހުގީގުކޮށްދޭން އެދި ދައުލަތުގެ އިދާރާތަކުން ފުލުހުންނަށް ހުށަހަޅާ މައްސަލަތަކުގައި ވެސް ތުހުމަތުކުރެވޭ މީހުންނަށް އެ މައްސަލައިގެ ތަފްސީލާއި ހުށަހަޅާފައި ހުރި ހެކި ފުލުހުން ފޯރުކޮށްދީފައި އެބަ ހުއްޓެވެ. އަދި އެ މައްސަލަތަކުގެ ތަހުގީގު ގެންދަން ޖެހޭ އަވަސް މިނާއި ހާޒިރުކުރަން ޖެހޭ މީހުންނާއި ތަހުގީގު ގެންދަންވީ ގޮތާއި އަޅަން ޖެހޭ ފިޔަވަޅުތަކުގެ އިރުޝާދު ސިޔާސީ ބޭބޭފުޅުން ފުލުހުންނަށް ދީފައިވާ ކަމަށް ވިދާޅުވި އެވެ.
އެއް ކަމަކީ، ކުރީގެ ރައީސް ޔާމީނަށް ތުހުމަތު ކުރެވޭ މަނީ ލޯންޑެރިންގެ މައްސަލަ އެވެ. ޝައްކު އުފެދޭ މާލީ މުއާމަލާތްތަކެއް ހިންގެވި މައްސަލަ ބަލައިދޭން ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުން ފުލުހުންނަށް ހުށަހެޅުމުން، އެ މައްސަލައިގެ ތަފްސީލުތަކާއި ހެކިތައް ވެސް ވަނީ ޔާމީނަށް ފޯރުކޮށްދީފަ އެވެ.
"އެއީކީ ފުލުހުންގެ މުއައްސަސާ މަސައްކަތް ކުރަން ޖެހޭނެ ގޮތެއް ނޫން. މިފަދަ ކަންކަން ހިނގާފައި ހުރި ކަމުގެ މައުލޫމާތު އެބަހުރި،" ހަމީދު ވިދާޅުވި އެވެ.
ސިޔާސީ ވަކި މަގްސަދެއް ހާސިލްކުރަން، ނުވަތަ ސިޔާސީ ގޮތުން އިދިކޮޅު ބޭފުޅަކަށް ވަކި އުނދަގުލެއް ކުރިމަތި ކުރަން ފުލުހުންގެ ވަސީލަތްތައް ބޭނުންކުރުވާ ހިސާބުން މައްސަލައަކަށް ވާނެ.
ފުލުހުންނާއި ފުލުހުންގެ އާއިލާތައް، ސަރުކާރު ހިންގާ ޕާޓީގެ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާން އިރުޝާދުދީ ނުވަތަ މަޖުބޫރުކުރުވުން ފަދަ ކަންކަމަކީ ވެސް ހިތާމަ ހުރި ކަމެއް ކަމަށް ހަމީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޖިނާއީ މައްސަލަތަކުގެ ތަހުގީގު ގެންދަން ޖެހޭ ގޮތް ކިޔައިދިނުމަކީ ސަރުކާރުގެ ތެރޭގައި ތިއްބަވާ ސިޔާސީ ބޭފުޅުންގެ މެންޑޭޓެއް ނޫނެވެ. ކުށް މަދުކުރުން ފަދަ ކަންކަމުގައި ސަރުކާރުން ކަނޑައަޅާ ސިޔާސަތުތައް ފުލުހުން ތަންފީޒުކުރަން ޖެހުނު ނަމަވެސް ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގެ ހުރިހާ ބާރަކާއި ފުރިހަމަ އިޚްތިޔާރު އޮންނާނީ ފުލުހުންނަށް ކަމަށް ވިދާޅުވި އެވެ.
"އޭގެ އިތުރުން ސިޔާސީ ވަކި މަގްސަދެއް ހާސިލްކުރަން، ނުވަތަ ސިޔާސީ ގޮތުން އިދިކޮޅު ބޭފުޅަކަށް ވަކި އުނދަގުލެއް ކުރިމަތި ކުރަން ފުލުހުންގެ ވަސީލަތްތައް ބޭނުންކުރުވާ ހިސާބުން މައްސަލައަކަށް ވާނެ. އޮޕަރޭޝަނަލް އިންޑިޕެންޑެންސޭ އަޅުގަނޑުމެން އަބަދުވެސް މިކިޔަނީ އެއަށް،" ހަމީދު ވިދާޅުވި އެވެ.
ރައްޔިތުންގެ މަސްލަހަތާ ގުޅުން ހުރި ކަންކަމުގައި އިހުމާލުވެ ފުލުހުންގެ ޚިދުމަތް އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްނުދެވޭ ނަމަ ޒިންމާދާރުކުރުވުމުގެ ފިޔަވަޅުތައް، ފުލުހުންގެ މައްޗަށް ބަސްވިދާޅުވެވޭ ސިޔާސީ ބޭފުޅުންނަށް އެޅިދާނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ. އެކަމަކު ސިޔާސީ ގޮތުން ސަރުކާރުން ބޭނުންވާ ކަންކަން ހާސިލްކުރަން ނުވަތަ އިދިކޮޅު ބަލިކުރަން ފުލުހުންގެ މުއައްސަސާ ބޭނުން ކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު އުއްމީދުކުރަނީ ފުލުހުން ލައްވައި އެފަދަ ކަންކަން މިއަދުގެ ސަރުކާރުން ނުކުރައްވާނެ ކަމަށް،" ހަމީދު ވިދާޅުވި އެވެ.
އެކްޓިން ޕޮލިސް ކޮމިޝަނަރަކަށް ހުންނަވާ، ފުލުހުންގެ މުއައްސަސާގެ މިނިވަން ކުރެއްވުމުގެ ވާހަކަތައް ހަމީދު ދައްކަވާއިރު، އެކަން އޭނާ އަށް ކުރެއްވިދާނެ ކަމާ މެދު ބައެއް މީހުން ސުވާލު އުފައްދަ އެވެ.
ރައީސަށް ވެސް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ އަޅުގަނޑަކީ ޕްރޮފެޝަނަލް މިންގަނޑުތައް ހިފަހައްޓާނެ މީހެއް ކަން. --ހަމީދު
އޮޕަރޭޝަނަލީ މިނިވަންކޮށް ފުލުހުންގެ މުއައްސަސާ ހިންގަވަން ރައީސްގެ ވިސްނުންފުޅުގައި އޮތް ނަމަ، އެތަން ހިންގެވުމަށް އާއިލީ ބޭފުޅަކު އައްޔަން ކުރައްވަންވީ ސަބަބެއް ނެތް ކަމަށް ދެކޭ ބަޔަކު ވެސް އެބަ ތިއްބެވެ. ހަމީދު ކައިވެނި ބައްލަވައިގެން އުޅުއްވަނީ ރައީސްގެ އަނބިކަނބަލުން ފަސްޓް ލޭޑީ ފަޒްނާ އަހްމަދުގެ ކޮއްކޯފުޅަކާ އެވެ.
އާއިލީ ގޮތުން ރައީސާ އޮތް ގުޅުމަކީ ފުލުހުންގެ މުއައްސަސާ މިނިވަންކުރަން އޮތް ހުރަހެއް ނޫންތޯ ދެންނެވުމުން، ހަމީދު ވިދާޅުވީ "އަބަދުވެސް ޕްރޮފެޝަނަލިޒަމް ހިފަހައްޓާނަން" ކަމަށެވެ. އަދި އެ އާއިލާ އަށް ނިސްބަތްވުމަކީ އިއްތިފާގެއް ކަމަށް ވިދާޅުވި އެވެ.
ވެރިކަމުގެ ހުވާކުރެއްވުމުގެ ކުރިން ފުލުހުންގެ އިސް ވެރިންނާ އެކު ރައީސް ބޭއްވެވި ބައްދަލުވުމެއްގައި ހަމީދު (ކ) ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ/އެމްޑީޕީ
އޭނާ ވިދާޅުވި ގޮތުގައި ތުހުމަތުތަކަކާ އެކު 2012 ގައި އޭނާ ވަޒީފާ އިން ވަކިކުރިއިރު ވެސް ވިސްނުން ގެންގުޅުއްވީ ފުލުހުންގެ ޚިދުމަތާ އަލުން ގުޅިވަޑައިގަތުމަށެވެ.
"އަޅުގަނޑު ކަނޑާލިއިރު ނިސްބަތްވަނީ ރައީސް މުހައްމަދު ސޯލިހްގެ އާއިލާއަކަށް ނޫން. އަދި އަޅުގަނޑު އެ އާއިލާ އަށް ދިޔައީ ފުލުހުންގެ މުއައްސަސާ އަށް ވަދެވޭނެ މަގެއް ފެންނާތީކީ ވެސް ނޫން،" ހަމީދު ވިދާޅުވި އެވެ.
"ރައީސަށް ވެސް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ އަޅުގަނޑަކީ ޕްރޮފެޝަނަލް މިންގަނޑުތައް ހިފަހައްޓާނެ މީހެއް ކަން. އަޅުގަނޑުގެ މައްޗަކަށެއް ވަކި ކަންތައްތަކެއް ކުރަން އަމުރެއް، މިހާތަނަކަށް ނުވެސް ކުރައްވާ،" ހަމީދު ވިދާޅުވި އެވެ.
އެއީ، ކޮންމެ ޕޮލިސް ކޮމިޝަނަރަކު ވެސް ވިދާޅުވާ ބަސްފުޅެއް ކަން އަމިއްލަ އަށް ފާހަގަކުރައްވަމުން ހަމީދު ވިދާޅުވި ގޮތުގައި "އަމިއްލަ ނަފްސުގެ މައްޗަށް އަޅުގަނޑަށް އިތުބާރު އެބަ އޮތް" ކަމަށެވެ.
އާއިލީ ގޮތުން އޭނާ އާއި ރައީސާ ގުޅުން އޮތުމަކީ ދެ ބޭފުޅުންނަށް ވެސް އުނދަގޫ، އަދި އާއްމުންގެ ފާޑުކިއުމާއި ޝައްކުކުރާނެ ޖާގަ ލިބޭ ކަމެއް ކަމަށް އޭނާ ވެސް ގަބޫލުކުރައްވަ އެވެ.
"އަޅުގަނޑު އަލުން މި ޔުނިފޯމު އެޅީ ވަރަށް ސާފު، ހެޔޮ ނިޔަތުގައި މުއައްސަސާއަށް ކުރިމަތިވެފައި ހުރި ގޮންޖެހުންތަކުން އަރައިގަނެ ރައްޔިތުންނަށް ވަރަށް ރަނގަޅު ޚިދުމަތްތަކެއްދީ، މުއައްސަސާގެ ނަން ރީތި ކުރަން،" އެކްޓިން ކޮމިޝަނަރު ވިދާޅުވި އެވެ.
ފުލުހުންގެ އިންޓެލިޖެންސްގެ ވެރިއަކަށް ހުންނަވައި މައުލޫމާތުތަކެއް ލީކުކުރެއްވި ކަމަށް ވެސް ހަމީދުގެ މައްޗަށް ތުހުމަތު ކުރެ އެވެ. އެ ތުހުމަތާ ގުޅިގެން ވިދާޅުވީ އެއްވެސް މައުލޫމާތެއް ލީކު ނުކުރައްވާ ކަމަށެވެ.
"ފެބުރުއަރީ، 6، 7، 8 ގައި ހިނގައިދިޔަ ކަންތައްތަކަކީ ކޮބައިކަން މިއަދު ވެސް އަޅުގަނޑު ކިޔައިދޭނަން. އެއީ މައުލޫމާތުތައް ލީކުކުރުމެއް ނޫން، އަދި މަގާމުގެ ހައިސިއްޔަތުން ބަޔަކަށް ސިއްރު މައުލޫމާތުތަކެއް އާއްމުކުރުމެއް ވެސް ނޫން،" ހަމީދު ވިދާޅުވި އެވެ.
އެކްޓިން ކޮމިޝަނަރު ވިދާޅުވި ގޮތުގައި ރައްޔިތުންނަށް ރައްކާތެރިކަން ގާއިމްކޮށްދީ، ހަމަހަމަކަމާއި އިންސާފުން ކަންކަން ކޮށްދޭން ޖެހޭ މުއައްސަސާގައި ވެސް ހަމަހަމަ ކަމެއް ނެތެވެ. ފުލުހުންގެ މުއައްސަސާގެ ތެރޭގައި ހިނގާ އެކި ކަންކަމާ ގުޅިގެން ފުލުހުންނާ ދޭތެރޭގައި އިދާރީ ފިޔަވަޅު އެޅުމުގައި ތަފާތުކުރުން ބޮޑެވެ. ވޭތުވެދިޔަ ތަނުގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، އެއީ ކަންބޮޑުވުން އޮތް، އަވަހަށް ހައްލުތަކެއް ހޯދަން ޖެހޭ މައްސަލައެއް ކަން ފާހަގަކުރެއްވި އެވެ.
"ސޯޝަލް މީޑިއާގައި ފުލުހަކު ވަކި ޝުއޫރެއް ފާޅުކުރީމަ ފިޔަވަޅު އަޅާފައި، ހަމައެފަދަ މޭރުމަކުން އެހެން ފުލުހަކު ޝުއޫރު ފާޅުކުރީމަ އެ ކަންކަމާ ދޭތެރޭގައި ފިޔަވަޅު ނާޅައި އެބަހުރި،" ހަމީދު ވިދާޅުވި އެވެ.
"ފުރަތަމަ ކަމަކީ މިތަނުގެ ތެރޭގައި ވެސް ހަމަހަމަކަން ގެއްލިފައި އޮތީ. ފުލުހުންގެ އެކިއެކި ރޭންކްތަކުގައި ތިބި މީހުންނާ މެދު އިންސާފުން އަޅަން ޖެހޭ ފިޔަވަޅު އެޅުމުގައި އިހުމާލުވެފައި އޮތީ."
އެމްޑީޕީގެ މުޒާހަރާއެއް ހުއްޓުވަން ހަރަކާތްތެރިވި ފުލުހުންތަކެއް ވެހިކަލެއްގައި. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
ހަމީދު ގަބޫލުކުރައްވާ ގޮތުގައި ފުލުހުންގެ ތެރޭގައި ހަމަހަމަކަމާއި އިންސާފު ގާއިމްކޮށްގެން ނޫން ގޮތަކަށް ރައްޔިތުންގެ ތެރެއަށް ނުކުމެ އިންސާފު ހޯދައެއް ނުދެވޭނެ އެވެ.
ފުލުހުންގެ މުއައްސަސާ އިން ގޯސްތަކެއް ހަދާފައި ހުއްޓަސް މިހާރު މަސައްކަތް ފަށާފައި ވަނީ އެ ކަންކަން އިސްލާހު ކުރުމަށެވެ. ވަގުތު ނެގިއަސް އެކަން ކުރެވޭނެ ކަމަށް ހަމީދު ވިދާޅުވި އެވެ.
އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ފުލުހުން ފުރަތަމަ ފަށަން ޖެހެނީ، ރީތި ބަހުން އާއްމުންނާ މުއާމަލާތު ކުރުމާ ހަމައިންނެވެ. އޭގެ ފަހުން ފުލުހުންނާ މަތިކޮށްފައިވާ ޒިންމާ އިން ރެކިނުގަތުމާއި ޖަވާބުދާރީވާން ދަސްކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
ފުލުހުން ދަންނަން ޖެހޭނެ، ފުލުހުން ކުރާ ކޮންމެ ކަމަކަށް ޖަވާބުދާރީވާން ޖެހޭނެ ކަން. --ހަމީދު
އެންމެ މުހިއްމު ކަމަކަށް، އޭނާ ފާހަގަކުރެއްވީ، ފުލުހުންނަކީ ޣައިރު ގާނޫނީ އަމުރުތަކަށް ތަބާވާން ނުޖެހޭ ބައެއް ކަމުގެ ސިފަ މުއައްސަސާ ތެރޭގައި އަށަގަންނުވަން ޖެހޭ ޖެހުމެވެ. ޕޮލިސް ކޮމިޝަނަރު ނަމަވެސް ގާނޫނީ އިމުން ބޭރުގައި ހަރަކާތްތެރިވާން ފުލުހަކަށް އަމުރުކޮށްފި ނަމަ ނޫނެކޭ ބުނުމުގެ ހިތްވަރު ފުލުހުންގެ ކިބައިގައި ހުންނަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
އެކަން ހުރިހާ ފުލުހުން ވެސް ހަނދާނުގައި ބަހައްޓަން އެދިވަޑައިގަތެވެ.
ހަމީދު "މިހާރު"އާ ވާހަކަ ދައްކަވަނީ. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު
"ފުލުހުން ދަންނަން ޖެހޭނެ، ފުލުހުން ކުރާ ކޮންމެ ކަމަކަށް ޖަވާބުދާރީވާން ޖެހޭނެ ކަން. އެއީ، ކުރަން ޖެހޭ ކަމެއް ނުކޮށް ދޫކޮށްލުން ކަމަށް ވިއަސް ކުރަން ޖެހޭ ކަންތައް ކުރުމުގައި އަދި ބުނާ ބަހަކާ ގުޅިގެން ވެސް ކޮންމެ މީހަކީ ޖަވާބުދާރީވާން ޖެހޭނެ މީހެއް. އަޅުގަނޑަކީ ވެސް ޖަވާބުދާރީ ވާން ޖެހޭނެ މީހެއް،" ހަމީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޕްރޮފެޝަނަލްކަމާ އެކު ފުލުހުންގެ މުއައްސަސާ ހަރަކާތްތެރިވެ، ރައްޔިތުންގެ އިތުބާރު ހޯދާނެ އެވެ. އަދި އެ އިތުބާރު ހޯދާނީ ވަކި ފިކުރަކަށް ނިސްބަތްވާ ރައްޔިތުންގެ އެކަނި ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
ފުލުހުންގެ އަގާއި އިތުބާރު ވެއްޓުނު އިތުރު އަހަރެއް މާޒީއާ އެކުވެ، އާ އަހަރެއް މިއަދު ފެށިގެން މި އައީ، މިވަގުތު ފުލުސް އޮފީސް ހިންގަވަން ހުންނެވި ވެރިޔާގެ އުއްމީދީ ބަސްތަކަކުންނެވެ. އެކަން ގާތުން ބެލުމުގެ ޒިންމާ އޮތީ ރައްޔިތުންނަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުނިލް
27 July 2019
"އެންމެ ބޮޑު އެއް ސަބަބަކީ، ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ހިންގި ގާނޫނާ ޚިލާފު އަމަލުތަކަށް މަގު ކޮށައިދީ، ސިޔާސީ ބާރުވެރިކަން ދަމަހައްޓަން ވާގިވެރިވުމެވެ. ގާނޫނީ އިމުން ބޭރުވެ، ރައްޔިތުންގެ ހައްގުތައް ވެސް "މުށުތެރެއަށް" ލިއެވެ." މިކަން ހިގަނީ މިހާރު. މުޅިގައުމު މުށުތެރެއަށްލުމުގެ އަމަލު. އަމއްލަ ގޭތެރެއަށް ޕޮިލިސް ލީޑަރޝިޕް ވައްދައިގެން ހިންގާ ޖަރީމާތައް ރައްޔިތުންގެ ލޯތަކަށް ފެނޭ. އިގްތިސާދު ވަލުޖަހަންފެށީމަ ދެން ނުތިބޭނެ ޕޮލިސްވެސް!
ޑާރޓީޑާރޓީ
11 January 2019
ތީ ހަމަ ތެދެއް. މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފާ ބައެއްތީ! ބިޓު ހިއްލުމު ކަންތައް ކުރަން އުޅެނީ ވަޒީފާގެ ބޭނުް ހިފައިގެން. ދެމަފިރިން ދޭތެރެއަށްވަނުމާއި ފުރާވަރު ކުދިން މަގުފުރެއްދުމާއި. ތަހުގީގު ކުރުންތައްވެސް އޮންނަނީ ހަމައެހެން. ފައިސާއާއި އަންހެންކުދިންގެ ކަންތަކަށް ގޮސް ހުސްވެފައި.
ސިސް
03 January 2019
ކަލޭ ތިއީ ކާކު ތިވާހަކަ ދައްކަން
ނާނަ1
02 January 2019
"އަޅުގަނޑަކީ ޕްރޮފެޝަނަލް މިންގަނޑުތައް ހިފަހައްޓާނެ މީހެއް ކަން." ހަމަ ހިނި އަންނަނީ.
ކިނބޫ
02 January 2019
"...... ވިދާޅުވީ ހުރިހާ ފުލުހުންގެ ބައިވެރިވުމެއް ނެތަސް މުއައްސަސާ އިން ގޯސްތަކެއް ހަދާފައިވާ ކަން ގަބޫލުކުރައްވާ ކަމަށެވެ." އެންމެ ބޮޑު ގޯސް ހެދި އެކަކަށް މާ ރަނގަޅަށްވެސް ތިކަން އެނގޭނެތާ.
ކިނބޫ
02 January 2019
"ފެބުރުއަރީ، 6، 7، 8 ގައި ހިނގައިދިޔަ ކަންތައްތަކަކީ ކޮބައިކަން މިއަދު ވެސް އަޅުގަނޑު ކިޔައިދޭނަން. އެއީ މައުލޫމާތުތައް ލީކުކުރުމެއް ނޫން، އަދި މަގާމުގެ ހައިސިއްޔަތުން ބަޔަކަށް ސިއްރު މައުލޫމާތުތަކެއް އާއްމުކުރުމެއް ވެސް ނޫން،" ކަލޭ މަގާމުން ވަކި ކުރުން އެއީ ވަޒީފާއިން ވަކި ކުރުމެއްވެސް ނޫންތާ އެހެންވީއިރު.
އަބްދުﷲ
02 January 2019
ފުލުހުން ފެނުމުން ވަނިފޫހި. ސަބަބަކީ ބަސްމަގު ހުންނަގޮތުން.
ހާބުނާ
02 January 2019
(އެކަން ފުލުހުންގެ މައްޗަށް ސާބިތުވަނީ، ސިޔާސީ ބައެއް ބޭފުޅުން، ހައްޔަރުކުރީ ގާނޫނާ ޚިލާފަށް ކަމަށް ކޯޓުތަކުން ކޮށްފައިވާ އަމުރުތަކުންނެވެ.) ބުނަން މިއުޅެނީ، ކޯޓުން ހެނދުނު ކުރާ ހުކުމް އޮންނަނީ ހަވީރަށް މޯޅިވެ އަނެއް އަތައް ތިރިވެފައޭ. ވިލާގަނޑު ނެގުމުން ރަށުތެރެ އަނދިރިވާފަދައިން ކޯޓުން ހުކުމްކުރާގޮތަކުން ތިބުނާގޮތުުން ފުލުހުން ރަނގަޅު،ނުރަނގަޅު މިވަނީ ދޯ ކަލޯ. ޙަމަ އެކޯޓުތަކުން ކުރިން ތިހުކުމްތައް ކުރީ މިހާރުގެ އިދިކޮޅަށް
ރަންބުއްދި
02 January 2019
ފުލުހުންގެ ތެރޭގަތިބި ކަރަޕްޓު އަދި ކަމަށް ގާބިލް ނޫން މީހުން ފުލުހުންގެ ހިދުމަތުން ވަކިކުރުން އަވަސް ކުރަންވީ.ފުލުހުންގެ އިދާރާގަ ރއްޔިތުން ނަށް އިހުލާސްތެރި މީހުން ތިބެގެން އިންސާފު ގާއިމް ކުރެވޭނީ
ޝަރފި
01 January 2019
ރައްޔިތުންގެ މަސްލަހަތާ ގުޅުން ހުރި ކަންކަމުގައި އިހުމާލުވެ ފުލުހުންގެ ޚިދުމަތް އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްނުދެވޭ ނަމަ ޒިންމާދާރުކުރުވުމުގެ ފިޔަވަޅުތައް، ފުލުހުންގެ މައްޗަށް ބަސްވިދާޅުވެވޭ ސިޔާސީ ބޭފުޅުންނަށް އެޅިދާނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.