ތިމާވެށީގެ ފެތުން: އަޒުކާ ބުނަނީ ވަރަށް ސަޅި ކަމަށް!

ގިނަ ކުޅިވަރުތަކެއްގެ ހުނަރު އޭނާގެ ކިބައިގައި ހުއްޓެވެ. އެކަމަކު ދާހިއްލާތީ ކުޅެން ދާން ބޭނުންނުވީ އެވެ. އިސްކަންދަރު ސްކޫލުގެ ގްރޭޑް ދޭއްގައި ކިޔެވިއިރު އޭނާ ފެތުމުގެ ތެރެއަށް ވަނީ ދާނުހިއްލާ ކުޅިވަރެއްގައި އުޅެން ބޭނުންވާތީ އެވެ.


"ފަތަން ދަސް ކުރަން ގޮސް އައިސް މަންމަ ކައިރި ބުނީ ފެތުން ވަރަށް ސަޅިއޭ. ބޭނުމޭ ފަތަން ދާން. ދަލެއް ވެސް ނުހިއްލައޭ،" އުއްމީދީ ފެތުންތެރިޔާ އަޒްކާ އާދިލް ބުންޏެވެ.

އުމުރުން ހަ އަހަރުގައި ފެށި ގޮތަށް މިއަދު އުމުރުން 20 އަހަރުގައި އަޒްކާ މިހާރު އެ ދަނީ ވަރަަށް ބޮޑު ހިތްވަރެއް ދައްކަމުންނެވެ. ގައުމީ މުބާރާތްތަކާއި ބައިނަލްއަގުވާމީ މުބާރާތްތަކުގައި ފަތައި ކާމިޔާބީތައް ހޯދާފައިވާ އަޒްކާ، ތިމާވެށީގެ ފެތުމުގައި، މި ދުވަސްކޮޅު އުޅެނީ ބ. އަތޮޅުގެ އެކި ރަށްރަށަށް ފަތާފައި ދިއުމުގެ ހަރަކާތުގަ އެވެ.

ބ. އަތޮޅުގައި ފަތަމުން އަންނަ ފެތުންތެރިން

ކަނޑު ހުރަސްކޮށް އެއް ރަށުން އަނެއް ރަށަށް ފަތާފައި ގޮސް، ތިމާވެއްޓާ މެދު ހޭލުންތެރިކަން އުފައްދަން ފެށި "ސްވިމް މޯލްޑިވްސް ބާ ބީއާރް 2019" އޭނާއާ އެކު އިތުރު ހަ ފެތުންތެރިން ބައިވެރިވެ އެވެ. އެ ޓީމުގައި ހުރި އެންމެ ޒުވާން އަދި ހަމައެކަނި އަންހެން ފެތުންތެރިޔަކީ ފުވައްމުލަކަށް ނިސްބަތްވާ އަޒްކާ އެވެ.

އޭނާއާ އެކު ފަތަމުން ގެންދާ އަނެއް ހައި ބައިވެރިންގެ ތެރޭގައި، 24 ގަޑިއިރު ދުވެ ގަދަ ހިތްވަރު ސާބިތުކޮށްދިން އާތިފް އަހުމަދާއި ސްވިޑެންގެ އޯޕަން ވޯޓާ ޕެޑެރޭޝަންގެ ހެޑް ކޯޗް މީކޭލް ރޮސިއެން ހިމެނެ އެވެ. ޖުމްލަ 43.7 ކިލޯމީޓަރުގެ މި އިވެންޓް މިހާރު ވަނީ ދެބައި ވެފަ އެވެ. އެގޮތުން މިދިއަ ހަތަރު ދުވަހު އެ ޓީމު ވަނީ 23 ކިލޯމީޓަރަށް ވުރެ ދުރަށް ފަތައިފ އެވެ.

އަޒުކާގެ ހިތްވަރަކީ އަބަދުވެސް ޗެލެންޖްތަކާ ކުރިމަތިލާން ބޭނުންވުމެވެ.

އޭނާ އެންމެ ފުރަތަމަ ކަނޑު ހުރަސްކޮށް ފެތީ އުމުރުން 10 އަހަރުގަ އެވެ. ތިމާވެށީގެ ހަރަކާތެއްގައި، އެސްޓީއޯގެ ތެޔޮ ރައްކާކުރާ ރަށް ފުނަދޫން ފަށައިގެން މާލެ އަށެވެ. އެއީ ނިސްބަތުން ވަރަށް ކުރު ރާސްތާއެކެވެ. އޭގެ ފަހުން މިނިވަން 50 ފާހަގަކުރަން ބޭއްވި "ރައިވެރިބޭ ފެތުމު"ގައި ވިލިމާލެއިން މާލެއަށް ވެސް އޭނާ ފެތި އެވެ. އަދި ދާދި ފަހުން ކުރުނބާ އައިލެންޑް ރިސޯޓުން މާލެ އަށް ބޭއްވި ފެތުމުގައި ވެސް އަޒްކާ ބައިވެރިވި އެވެ. ނަމަވެސް އެ ހުރިހާ އިވެންޓަކަށް ވުރެ މިފަހަރުގެ ފެތުން އޭނާއަށް މާ ބޮޑަށް ތަފާތެވެ.

ބ. އަތޮޅުގެ އެކި ރަށްރަށަށް ފަތާފައި ދާ ޓީމުގައި އަޒްކާ އެހެން ބައިވެރިންނާ އެކު ރަށެއްގެ ފަޅުތެރޭގައި -- ފޮޓޯ: ސްވިމް މޯލްޑިވްސް

"އަސްލު ހީކުރި ވަރަށް ވުރެ ބޮޑު ކަމެއް މިއީ. މި ޓީމާ އެއްހަމައެއްގައި ފަތަން އަޒްކާ ޖެހޭ އެތައް ސްޓްރޯކެއް ޖަހަން. އެހެން މީހުންގެ ނޯމަލް ސްޕީޑް އެއީ އަޒްކާ ވަރަށް ބާރަށް ފަތައިގެން ވާވަރު،" ގަދަ އޮއިގައި ކަނޑު ހުރަސްކޮށް ފަތާ ފެތުމުގެ ތަޖުރިބާ ހިއްސާ ކުރަމުން ބުންޏެވެ.

މިއީ ކުރިމަގަށް އޭނާ އަށް ލިބުނު ވަރަށް ބޮޑު ހިތްވަރެކެވެ. ކުރިއަށް އޮތް ތަނުގައި އޭނާ ކޮންމެ ފެތުމެއް ވެސް ފަށާނީ މި ދުވަސް ހަނދާކޮށް، ކޮންމެ ކަމަކީ ވެސް ބުރަ މަސައްކަތާއި ހިތްވަރުން ކުރެވިދާނެ ކަމެއްކަން ދަނެގެންނެވެ.

"މިހާތަނަށް އެންމެ ހާޑް ފެތުމަކީ ސޮނޭވާއިން މާޅޮހަށް ފެތި ދުވަސް. ގަޑި ބަލައިލިއިރު 3.7 ކިލޯ މީޓަރު ފެތިފައި އިނީމަ އުފަލުން ބަލައިލިއިރު އަދި މާޅޮސް ލޮލުކޮޅަށް ނުފެނޭ. ކިރިޔާ ނުރޮވުނީ،" މި އިވެންޓުގެ ފުރަތަމަ ދުވަހު އޮއި ގަދަވުމުން ދިމާވި ގޮންޖެހުން އަޒްކާ ކިޔައިދިނެވެ.

އެހެން ފެތުންތެރިންނާ އަޒްކާގެ ތަފާތަކީ ކޮބާ ހެއްޔެވެ؟

"އަބަދުވެސް ބޭނުންވަނީ މީހާ އެހެން ލެވެލްއަކަށް ޓެސްޓް ކުރަން. އަޒްކާއަށް ވުރެ މާ މޮޅު ފެތުންތެރިން އުޅޭނެ. އަޒްކާގެ ތަފާތަކީ މިކަންކަން ކުރާކަން،" އަމީނިއްޔާ ސްކޫލުގެ ކެޕްޓަންކަން ކޮށްފައިވާ އަޒްކާ ބުންޏެވެ.

އަޒްކާ އޭނާގެ ޓީމާ އެކު: ފެތުމަކީ ދިރިއުޅުމުގެ އެއް ބައި -- ފޮޓޯ: ސްވިމް މޯލްޑިވްސް

މިފަހަރުގެ ތަޖުރިބާއާ އެކު ދެން އަޒްކާގެ އަމާޒު ވެސް ތަފާތެވެ. އޭނާ ބޭނުންވަނީ އެއް ރަށުން އަނެއް ރަށަށް ފަތައި މުޅި ރާއްޖެ ހުރަސް ކުރާށެވެ.

"މިހެން އެޑްވެންޗަރަލް ސްވިމިން މާ ސަޅި. ފަތާފައި ބަލާލަނިކޮށް ފެނޭ ރަށެއް. ދެން ފަތާލީމަ ވެލިގަނޑު ފެނޭ. ދެން ފަތާލާއިރަށް ގަސްތައް މާ ގާތުން ފެނޭ. ދެން މީހުން ފެނޭ. އެގޮތަށް ވަރަށް ސަޅި،" ފެތުމަށް އާދަޔާހިލާފު ލޯތްބެއް ޖެހިފައިވާ އަޒްކާ ބުންޏެވެ.

މަތީ ތައުލީމް ހާސިލް ކުރުމަށް ޖޫން މަހު ނިއުޒި ލެންޑަށް އޭނާ ފުރާނެ އެވެ. އެކަމަކު ކިޔެވުމާ އެކު އެކޮޅުގައި ފެތުން ވެސް ކުރިއަށް ގެންދާނެ އެވެ. މިއަދު ފެތުމަކީ އޭނާގެ ދިރިއުޅުމުގެ މުހިއްމު ބައެކެވެ.