ބ. އަތޮޅުގައި ކުނިން އާމްދަނީ ހޯދުމާ ދިމާލަށް!

ރަށުގެ ހޭޅިފަށާއި ރީތި ދޮންވެލިގަނޑާއި ސާފު މޫދުގައި ވެސް ހުސް ކުނިބުންޏެވެ. ޕްލާސްޓިކާއި ދަޅު ފަދަ ތަކެއްޗެވެ. ކުނި ނައްތާލަން ކޮންމެ ދުވަހަކު އަލިފާން ރޯކުރުމުގެ ނަތީޖާއަކީ އެތައް ބައެއްގެ އާއްމު ސިއްހަތު ނުރައްކަލެއްގެ ތެރެއަށް ވެއްޓުމެވެ. ކުނި ނައްތާލެވޭނެ ރަނގަޅު ގޮތެއް ނެތުމަކީ ރާއްޖޭގެ ހުރިހާ ރަށަކަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ އެވެ.


މިއީ ތިމާވެއްޓަށް އޮތް ވަރަށް ބޮޑު ނުރައްކަލެއް ވެސް މެ އެވެ. ޕްލާސްޓިކާއި އެކި ބާވަތްތަކުގެ ކުނި މޫދާއި ކަނޑަށް އަޅައި ރާއްޖޭގެ ރީތިކަމަށް މިވަނީ ގެއްލުންތަކެއް ވާން ފަށައިފަ އެވެ. ޕްލާސްޓިކް ފަދަ ކުނިތައް ކެވި، އޮޅި، ކަނޑުގެ ދިރުންތައް ވަނީ ނުރައްކަލެއްގެ ތެރޭގަ އެވެ. ނަމަވެސް މި މައްސަލައަށް އުއްމީދުގެ ކޮންމެވެސް ވަރެއްގެ އަލިކަމެއް އެބަ ފެނެ އެވެ.

ތަފާތު މިސްރާބަކަށް

ކުނި އެންދުން ހުއްޓާލައި އެ ކުނި އަލުން ބޭނުން ކުރެވޭ ގޮތް ހަދަން ބ. އަތޮޅުގެ ތިން ރަށެއްގައި "އީކޯ- ސެންޓްރޯ"ތަކެއް ގާއިމުކޮށްދޭން ސޮނޭވާފުށި ރިސޯޓުން ވަނީ ނިންމާފަ އެވެ. އެ ރަށްތަކުގެ ތެރޭގައި ދަރަވަންދު އާއި މާޅޮހުގެ އިތުރުން ކިހާދޫ ހިމެނެ އެވެ. މިއީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށެއްގައި މިފަދަ ސެންޓްރޯތަކެއް ގާއިމްކުރާ ފުރަތަމަ ފަހަރެވެ. އެ ރަށްރަށުގައި ކުނި އެންދުން ވަރަށް އަވަހަށް ހުއްޓާލާނެ އެވެ.

ސޮނޭވާގައި ކުނިން ގަސްކާނާ އުފައްދަނީ: ތިމާވެށީގެ ގޮތުން ނަމޫނާ ރިސޯޓެއް -- ފޮޓޯ: ސޮނޭވާ

ސޮނޭވާފުއްޓަކީ ތިމާވެށީގެ ހިމާޔަތުގައި ވަރަށް ކުރީގައި އުޅޭ ރިސޯޓެކެވެ. އެ ރިސޯޓްގައި 2009 އިން ފެށިގެން އަންނަނީ އީކޯ ސެންޓްރޯއެއް ހިންގަމުންނެވެ. އެއީ ކުނި ނައްތާލުމުގެ ނަމޫނާއެކެވެ. އެ ރިސޯޓުގައި ބޭކާރުވާ ހުރިހާ ކާބޯތަކެތިން އުފައްދަނީ ގަސްކާނާ އެވެ. އެ ގަސްކާނާ ބޭނުންކޮށްގެން ގިނަ އަދަދެއްގެ ތަރުކާރީ ހައްދަ އެވެ. އުކާލާ ބިއްލޫރި، ފުނޑުކޮށްގެން އެއިން ހަދަނީ އިމާރާތްކުރަން ބޭނުންކުރާ ގަލެވެ. ލަކުޑިން ކޯލް ހަދަ އެވެ. އެހެންކަމުން ސޮނޭވާފުށީގެ އެ ނަމޫނާ މަސައްކަތް ދެން އޮތީ މުޅި ރާއްޖެއަށް ފުޅާކުރުމެވެ. ސެންޓްރޯ ގާއިމް ކުރުމަށް ސޮނޭވާއިން އެ ތިން ރަށަށް ކޮންޕެކްޓާ މެޝިނާއި ބިއްލޫރި ކުދިކުރާ މެޝިންގެ އިތުރުން ޓެކްނިކަލް އެހީތައް ވާން ވަނީ ނިންމައިފަ އެވެ.

ނަފާ ހޯދަނީ ކިހިނެއް؟

އީކޯ ސެންޓްރޯތަކުން ޕްލާސްޓިކް ކުނިތައް ކޮންޕެކްޓް ކުރުމަށް ފަހު ހަދިޔާ ކުރާނީ، ޕްލާސްޓިކް ކުނިން ކަނޑު ސަރަހައްދު ސަލާމަތްކުރުމުގެ ބުރަ މަސައްކަތް ކުރަމުން އަންނަ ތިމާވެށީގެ ޖަމާއަތެއް ކަމަށް ވާ ޕާލޭއަށެވެ. ދަޅު ފަދަ ތަކެތި ކޮންޕެކްޓް ކުރުމަށް ފަހު ކިރައިގެން ވިއްކާނީ އެވެ. ކާބޯތަކެތީގެ ތެރެއިން އިސްރާފުވާ ތަކެއްޗާއި ލަކުޑިފަދަ ތަކެތިން ހަދަނީ ގަސްކާނާ އެވެ. އެތަކެތި ވިއްކައިގެން ނަފާ ހޯދެން އެބަ އޮތެވެ. އުކާލާފައި ހުންނަ ބިއްލޫރި ކުނޑިކޮށްގެން ހިލަވެލީގެ ބަދަލުގައި ބޭނުން ކުރެވެ އެވެ. މިއިން އެއްވެސް ދާއިރާއެއްގައި ބޭނުންނުކުރެވޭ ކުނި ގެންދާ ގޮތަށް ހަމަޖައްސާފައި ވަނީ ތިލަފުއްޓަށެވެ.

ޕްލާސްޓިކް ފުޅީގެ މަތިން ތަކެތި އުފައްދަނީ: ކުންޏަކީ މިހާރު އަލުން ބޭނުންކުރެވޭ އެއްޗެއް -- ފޮޓޯ: ސޮނޭވާ

ބ. މާޅޮހުގައި 2015 އިން ފެށިގެން ކޮންމެވެސް ވަރަކަށް އެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެގޮތުން އުކާލާ ކާނާގެ ބާވަތްތައް ބޭނުންކޮށްގެން ގަސްކާނާ އުފައްދައިގެން ވިއްކަ އެވެ. އެރަށު ކުނިކޮށީގައި ކައުންސިލްގެ މުވައްޒަފުން އެ ކުނިން އުފައްދާ ގަސްކާނާ ކިލޯއެއް ދެ ރުފިޔާ ނުވަތަ ތިން ރުފިޔާއަށް ވިކެ އެވެ. ނަމަވެސް އެހެން ބާވަތުގެ ކުނި އެ ރަށުގައި ނައްތާލަމުން ދަނީ، ތިމާވެއްޓާ ބީރައްޓެހި ގޮތަކަށް، އަންދައިގެންނެވެ.

މާޅޮހުގެ ކައުންސިލްގެ ނައިބު ރައީސް އަހުމަދު މުޖުތަބާ ވިދާޅުވީ އީކޯ ސެންޓްރޯ ގާއިމްކުރުމާ އެކު އިތުރު ކުނިން ވެސް ނަފާ ހޯދޭނެ ކަމަށެވެ.

"މެޝިނުން ދަޅު ފަދަ ތަކެތި ފިއްތާފައި އެތަކެތި ވިއްކާލެވޭނެ. ބިއްލޫރި ވެސް ކުދިކޮށްގެން ވިއްކޭނެ. ޕްލާސްޓިކް ހަދިޔާ ކުރާނީ ޕާލޭއަށް،" މުޖުތަބާ ވިދާޅުވި އެވެ.

ކުނި ފިއްތާ މެޝިނަކުން ކުނި ފިއްތަނީ: ސޮނޭވާފުށިން މީގެ މެޝިންތައް ތިން ރަށަކަށް ހަދިޔާކުރާނެ

ކުނީގެ މައްސަލަ އިންތިހާއަށް އޮތް ކިހާދޫ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ޝަރީފް ވިދާޅުވި ގޮތުގައި އަވަހަށް ފަނާނުވާ ކުނި ނައްތާލުމަކީ މިހާރު އެރަށަށް ދިމާވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމެވެ. އެކަމަކު އީކޯ ސެންޓްރޯ ގާއިމްކުރުމުން ކުނީގެ މައްސަލައަށް ބޮޑު ހައްލެއް ލިބޭނެ ކަމަށް އޭނާ އުއްމީދުކުރައްވަ އެވެ.

"ބަލިމަޑުކަމެއް ފެތުރޭހާ ހާލުގައި އޮތީ. ހުސް ނެޕީ ވެސް އެބަ އޮތް ފުރިފައި ބޭރު ނުކުރެވި،" ރަށުގެ ކުނީގެ ހާލަތު ކިޔައިދެއްވަމުން، ޝަރީފް ވިދާޅުވި އެވެ.

"އެކަންކަމަށް ހައްލު ގެނެވޭނެ މި ނިޒާމުން."

އޭނާ ގަބޫލުކުރައްވާ ގޮތުގައި، ގާތްގަނޑަކަށް 500 މީހުންގެ އާބާދީއެއް އޮތް ކިހާދުއަށް، އީކޯ ސެންޓްރޯގެ ސަބަބުން ކުނީގެ މައްސަލަ ހައްލުވުމުގެ އިތުރުން ކުނިން ނަފާ ވެސް ހޯދޭނެ އެވެ.

"މިރަށަށް ވަރަށް ގަސްކާނާ ވިއްކޭނެ. އެއީ އާމްދަނީ ހޯދިދާނެ ކަމެއް،" ޝަރީފް ވިދާޅުވި އެވެ.

ސޮނޭވާފުށީގެ އެހީތެރިކަން ވާނީ މި ތިން ރަށަށް ލިބޭނެ ވަރަށް ބޮޑު ފުރުސަތަކަށެވެ. އެއީ ތިމާވެށީގެ ހިމާޔަތުގައި ވެސް އެ ރިސޯޓުން އަޅާ ބޮޑު ފިޔަވަޅަކަށް ވާނެ އެވެ. މިއީ ޔަގީނުން ވެސް ރަނގަޅު ފެށުމެކެވެ.