ރިޕޯޓް / އެމްއެމްޕީއާރްސީގެ ކޮރަޕްޝަން

ހިޔާނާތުގެ ސައްލާ އާއި މަޖާގަނޑު ނެގި ކޮޓަރި

އެމްއެމްޕީއާރުސީގެ ކުރީގެ އެމްޑީ ޒިޔަތު: އޭނާގެ އޮފީސް ކޮޓަރިއަކީ ވަރަށް ސިއްރު ތަނެއް! --ފޮޓޯ/މިހާރު

20 ފެބުރުއަރީ 2019 - 08:17

54 comments

މިހާތަނަށް އެނގުނު ގޮތުން ނަމަ، އެއީ ސަރުކާރު ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރަކު އިންނަވަން ހެދި ސަލާމަތީ ކަންތައް އެންމެ ވަރުގަދަ ކޮޓަރި އެވެ. ފިންގަޕްރިންޓް ބޭނުންކޮށްގެން ދޮރު ހުޅުވޭ އިރު އެ އެކްސެސް ދީފައި އޮންނަނީ އެންމެ ފަސް މީހުންނަށެވެ.

ހައިރާން ވާން ޖެހޭ ސަބަބެއް ނެތެވެ. ދިވެހި ރައްޔިތުންގެ 1.3 ބިލިއަން ރުފިޔާއަށް ވީ އެ ބޮޑު ހިޔާނާތް ހިންގޭނީ ވީހާވެސް ބޮޑަކަށް ކަންކަން ސިއްރުކޮށް، ކަންކަން ރޭވިގެންނެވެ. އެހެންކަމުން އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ އޮފީސް ކޮޓަރިއަކީ، ކޮންމެ ކޮންމެ މީހަކަށް ވަދެ ނުކުމެ އުޅެވޭ ތަނަކަށް ވެގެން ނުވާނެ އެވެ. އެހެންކަމުން އެ ކޮޓަރި ހުންނަނީ ހަމައެކަނި ފިންގަޕްރިންޓް ބޭނުންކޮށްގެން ވަދެވޭ ގޮތަށް، ސަލާމަތީ ކަންކަން ވަރުގަދަކޮށްފަ އެވެ.

އޭސީސީގެ ތަހުގީގު ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ޒިޔަތުގެ ކޮޓަރިއަށް އޭނާ ފިޔަވައި ވެންނެވެނީ އޭރުގެ ޓޫރިޒަމް މިނިސްޓަރު އަދި ފަހުން ނައިބު ރައީސް އަހުމަދު އަދީބާއި ބަންޑާރަ ނައިބު މުހައްމަދު އަނިލް އާއި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީގެ އިތުރުން އެމްއެމްޕީއާރުސީގެ އިންވެސްޓްމެންޓް އެގްޒެކްޓިވްގެ މަގާމުގައި ހުންނެވި މުހައްމަދު ޝިފާއު އަށެވެ.

ކޮމްޕެނީ ސެކްރެޓަރީ އަށް ވެސް ޒިޔަތު އިތުބާރެއް ނުކުރައްވަ އެވެ. އެހެންކަމުން ކޮޓަރިއަށް ވަނުމުގެ އެކްސެސް އޭނާއަކަށް ނޯވެ އެވެ.

ޒިޔަތު ފިޔަވައި އެމްއެމްޕީއާރުސީގެ މުވައްޒަފުންގެ ތެރެއިން އެ ކޮޓަރިއަށް ވަނުމުގެ އެކްސެސް އޮންނަނީ ހަމައެކަނި ޝިފާއު ކަމަށް ވިޔަސް، އޭނާ ދެއްވާފައިވާ ބަޔާނުން ދޭހަވަނީ، އޭނާގެ މައިގަނޑު ކަމަކަށް އޮންނަނީ، ހެނދުނު އެ ކޮޓަރި ސާފުކުރާ އިރު އެކަން ބެއްލެވުން ކަމެވެ.

އަދީބާއި ޝައިނީ: އެމްއެމްޕީއާރުސީގައި ވަރަށް ގިނަ ވަގުތު ހޭދަކުރެއްވި --ރައީސް އޮފީސް ފޮޓޯ

މަސައްކަތު މީހުން "ކޮޓަރި ސާފުކޮށް ނިމެންދެން އެ ތަނުގައި މަޑުކުރުމަށް ޒިޔަތު ވިދާޅުވެފައި" އޮންނަ ކަމަށް، ޝިފާއު ދެއްވި ބަޔާނުގައިވެ އެވެ.

އެކަމަކު އޭސީސީގެ ތަހުގީގުގައި ޒިޔަތު ވިދާޅުވެފައި ގޮތުން ނަމަ އޭނާގެ ކޮޓަރިއަށް ވެންނެވުމުގެ ފުރުސަތު ޝިފާއު އަށް އޮންނަނީ "ރަށްތައް ކުއްޔަށް ދޫކުރުމުގެ ކަންކަމުގައި އުޅުއްވާ ފަރާތަކަށް ވާތީ" އެވެ.

މެންދުރު ފަހު އަދީބުގެ ހުރިހާ ވަގުތެއް އެމްއެމްޕީއާރުސީގައި

ނައިބު ރައީސަކަށް އަދީބު ވެވަޑައިގަތުމުގެ ކުރިން ޓޫރިޒަމް މިނިސްޓަރުގެ ގޮތުން އަދީބު މެންދުރު ފަހު ގިނަ ވަގުތު ހޭދަކުރެއްވީ އެމްއެމްޕީއާރުސީ އޮފީހުގަ އެވެ. އޭސީސީގެ ތަހުގީގު ފެށުމުގެ ކުރިން ވެސް އަޑުއަރާފައި އޮންނަނީ އެއީ ވަރަށް ފޯރި ނަގާ ތަނެއްގެ ގޮތުގަ އެވެ. އަބަދުވެސް ކެއުމާއި ސައި އެތަނުގައި ތައްޔާރުކޮށްފައި ހުރެ އެވެ. ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނާއި ވިޔަފާރިވެރިންނާއި ވީހާވެސް އަވަހަކަށް މަހުޖަނުންނަށް ވުމުގެ ހުވަފެން ދެކެމުން އަންނަ މީހުންތަކުން އެތަން އޮންނަނީ އެންމެ ޑިމާންޑް ބޮޑު އޮފީހަށް ވެފަ އެވެ.

"ގިނަ ފަހަރު ކެބިނެޓްގެ ބައެއް މިނިސްޓަރުން ވެސް އަދީބާ ބައިވެރިވެ ލަންޗު ނަންގަވަނީ ވެސް އެތަނުގައި،" އޭސީސީއަށް ދެއްވި ބަޔާނެއްގައި، އެމްއެމްޕީއާރުސީގެ ވަކީލެއް ކަމަށްވާ މުހައްމަދު ސައީދު ވިދާޅުވެފައިވެ އެވެ.

އޭނާ ވިދާޅުވި ގޮތުން ނަމަ އެދުވަސްވަރު ކޮންމެ ދުވަހަކު ހެން ރައްޔިތުންގެ މަޖިލިހުގެ ދެ ތިން މެމްބަރުންނާއި ވިޔަފާރިވެރިން އަދީބާ ބައްދަލުކުރަން ދެ އެވެ. އެ މީހުންނަށް އަދީބު ގޮވާލައްވަންދެން ތިބެ އެވެ. ބައްދަލުވުންތައް އޮންނަނީ، ސައީދު ވިދާޅުވި ގޮތުގައި، ޒިޔަތުގެ ކޮޓަރި ނުވަތަ މީޓިން ރޫމުގަ އެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްރަށާއި ފަޅުތައް ދިނީ ސީދާ ވައްކަމުގެ ތެރެއިން ކަމަށް ވާތީ އަދީބުގެ ވަރަށް ބޮޑު ރޯލެއް ޒިޔަތުގެ ކޮޓަރީގައި އޮންނާނެ އެވެ. ޒިޔަތަކީ އަދީބުގެ ބާރުގައި އެމްއެމްޕީއާރުސީއަށް ލާފައި ހުންނެވި ބޭފުޅެކެވެ. އެހެންކަމުން ރަށްރަށާއި ފަޅުތައް ދޫކުރުމުގައި އޭނާ އަމަލްކުރެއްވީ ސީދާ އަދީބު ވިދާޅުވި ގޮތަށް ކަމަށް، އޭސީސީގެ ތަހުގީގަށް ޒިޔަތު ދެއްވި ބަޔާންތަކުން އެނގެ އެވެ.

ޒިޔަތު ވިދާޅުވި ގޮތުގައި އޭނާގެ ކޮޓަރީގެ އެކްސެސް އަދީބަށް އޮންނަނީ "ޓޫރިޒަމް މިނިސްޓަރަށް ވީމަ" އެވެ.

"ވަރަށް ގިނައިން އޮފީހަށް ވަޑައިގެން އޭނާގެ ރޫމުގައި [އަދީބު] އިންނަވާނެ،" ކަމަށް ޒިޔަތު ވިދާޅުވި އެވެ.

ޝައިނީ ބަޔާން ދެއްވި އެކަމަކު އަނިލް "ފިއްލަވައިގެން"

އެމްއެމްޕީއާރުސީގައި ހުރި ސަލާމަތީ ގޮތުން އެންމެ ވަރުގަދަ ކޮޓަރިއަށް ވެންނެވުމުގެ އެކްސެސް ޝައިނީއަށް އޮތަސް، އޭނާގެ ބަޔާނުން އެނގެނީ، އެތަނުގައި ހިންގަމުން އައި އެއްވެސް ކަމެއް ރޭކާނުލައްވާ ކަމެވެ. އަދީބާއި އަނިލް އާއި ޒިޔަތާ އެކު ކިތައްމެ ގިނަ ވަގުތެއް، އެމްއެމްޕީއާރުސީގައި ހޭދަކުރެއްވިޔަސް، ރަށެއް ނުވަތަ ފަޅެއް ކުއްޔަށް ދިނުމުގެ ހަމަ ކުޑަ ވެސް އެއްޗެއް އޭނާއަށް އެނގިވަޑައިގަންނަވާ ކަމަކަށް ނުވެ އެވެ. އެކަމަކު އެމްއެމްޕީއާރުސީން ކުއްޔަށް ދިން ބައެއް ރަށްރަށާއި ފަޅުތައް، ޓޫރިޒަމް މިނިސްޓްރީއާ ހަވާލުކުރާ ތަނަކީ ޝައިނީގެ އެގްރިކަލްޗަ މިނިސްޓްރީ އެވެ.

ޝައިނީ ވިދާޅުވެފައި ގޮތުގައި އޭނާއަށް އެކްސެސް އޮންނަނީ ސުޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ކަންކަމުގައި އެމްއެމްޕީއާރުސީއަށް ވަރަށް ގިނައިން ވަޑައިގަންނަވާތީ އެވެ.

އޭގެ އިތުރުން "އެއްކޮށް މަސައްކަތްކޮށް، ގިނަ އިރު އެއްކޮށް އުޅޭ ބަޔަކަށް ވާތީ އޮންނަ ގާތް ކަމެއްގެ ސަބަބުން" ކަމަށް ޝައިނީ ވިދާޅުވި އެވެ.

އޭރުގެ ބަންޑާރަ ނައިބު އަނިލް: ވައްކަމުގެ އެއްވެސް ކަމެއް އެނގިވަޑައިގަންނަވާނެ ބާ؟ - ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭރުގެ އެޓާނީ ޖެނެރަލް އަނިލް ފެނުނީ، ރައީސްކަމުގެ ބާރުގައި ޔާމީން ހުންނެވި އިރު، ގާނޫނީ ގޮތުން ހުރިހާ ރޭވުމެއްގެ އެންމެ ބޮޑު މޭސްތިރީގެ ގޮތުގަ އެވެ. ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކޮށް، މާކެޓް ކުރަން އުފައްދާފައި އޮންނަ އާދައިގެ ކުންފުންޏަކަށް، ރާއްޖޭގެ ރަށްރަށާއި ފަޅުތައް ކުއްޔަށް ދިނުމުގެ ބާރު، ސަރުކާރުގެ ތެރެއިން ލިބުނު އިރު، އޭގެ ގާނޫނީ މަޝްވަރާ ދެއްވަން ޖެހޭނެ ފަރާތަކީ ބަންޑާރަ ނައިބެވެ.

އެކަމަކު އެ ބޮޑު ވައްކަމުގެ ތަހުގީގު އޭސީސީން ކުރި އިރު އަނިލް އެއްވެސް ބަޔާނެއް ދެއްވާފައެއް ނުވެ އެވެ. އެހެންކަމުން ޒިޔަތުގެ ކޮޓަރި އާއި އެމްއެމްޕީއާރުސީގެ ތެރޭގައި ވަގުތު ހޭދަކުރެއްވި ގޮތެއް އޭނާގެ ދުލުން އޭސީސީއަކަށް އެނގޭ ވަރެއް ނުވި އެވެ.

އެކަމަކު ޒިޔަތު ވަނީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ހިޔަނިން ޝައިނީ އާއި އަނިލް ނެރުއްވަން މަސައްކަތް ކުރައްވައިފަ އެވެ. ތަހުގީގަށް އޭނާ ބަޔާން ދެއްވި އިރު އަނިލް އަކީ އެޓާނީ ޖެނެރަލެވެ. އަދި ޝައިނީއަކީ ސަރުކާރުގެ ބާރު ގަދަ އަދި ރައީސް ޔާމީންގެ އެންމެ އަރިސް އެއް މިނިސްޓަރެވެ. އެހެންކަމުން ތަހުގީގުގައި ޒިޔަތު ވިދާޅުވީ، އޭނާގެ ކޮޓަރިއަށް، "އެ ބޭފުޅުން ހަމަ ވިޒިޓްކޮށްލަނީ" ކަމަށެވެ.

"ރަށްތަކާ ގުޅޭ ގޮތުން އެ ބޭފުޅުންނާ މަޝްވަރާކޮށްފައެއް ނުވާނެ،" ޒިޔަތުގެ ބަޔާނުގައިވެ އެވެ.

"ރަށްތައް ކުއްޔަށް ދޫކުރުމުގައި އެ ބޭފުޅުންގެ އެއްވެސް އިންވޯލްމެންޓެއް ނޯންނާނެ."

އަދީބާއި ޒިޔަތުގެ ދަށުގައި އޮތް އިރު އެމްއެމްޕީއާރުސީ ތެރޭގައި ފޯރި ހިފަނީ ވެސް ހަވީރު އަތަށް ޖަހާލީމާ ކަމަށް، އޭރުގެ ބައެއް މުވައްޒަފުން ބުނެ އެވެ. އެހެންކަމުން ރަށްރަށާއި ފަޅުތައް ކުއްޔަށް ދީގެން ދައުލަތަށް ވަންނަން ޖެހޭ 1.3 ބިލިއަން ރުފިޔާ އެސްއޯއެފަށް ކަހާލީ، އެ މަޖަލާއި ފޯރީގެ އަނެއް ފަރާތުގައި ރޭވިރޭވުމުގެ ތެރެއިންކަން މި އޮތީ އެނގޭށެވެ. ބޮޑު ވައްކަމުގެ ސިއްރުތައް އޭރު ހުރީ ޒިޔަތުގެ އެ ކޮޓަރީގަ އެވެ. ވަގު ނިންމުންތަކުގެ ސައްލާތަކާއި، ރޭވުންތައް ރާވަމުން ދިޔަ މައިގަނޑު ތަނަކީ ވެސް އެ އެވެ.

54 ކޮމެންޓް, 329 ރިއެކްޝަންސް

icon happy icon happy 3%
icon sad icon sad 2%
icon angry icon angry 95%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނަޖްވާ

21 February 2019

ތީނު ތަނަކީ އެހެންވީރު!

The name is already taken The name is available. Register?

އަޙުމަދު/ އުތީމު

21 February 2019

ތިޔަ ޝައިނީ އަކީ މަސްބޯޓަކަށް އަރައިގެން ތެޔޮހުރިތޯ ބަލަނިއްޔޭ ކިޔާ ތެލުގެ ވައުދު ފުއްދައިދިން މީހާ. މިހާރު މިއުޅެނީ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައިގެން. ރައްޔިތުން މިހާރު މިމީހުންނަށް ބުނާނީ ބޮޑުކޮށް ނޫނެކޭ.

The name is already taken The name is available. Register?

ޢެއްލާބެ

20 February 2019

ޝައިނީ ހަދަނީ ދޮގު. އޭނާޔަށް އަދީބު އަތުން ވަރަސް ފައިސާ ލިބިފައި ހުންނާނެ. ވީކްއެންޑް ގައި ދުބާއި އަށާއި ލަންޑަނަށް ޝައިނީ ދާނެ އަދީބާއެކު. އަދީބާ ޝައިޏ އަދި އަނިލް އަކީ ކެުމަށް މަރުދޭ ބަޔެއް. އެހެންވީާ ވަރަށް ގުޅޭނެ. ފިޝަރީޒް އަށް ވެސް އަނިލް އަންނާނެ ވަރަށް ގިނައިން. އަންނަނީ ހަމަ ކާން.

The name is already taken The name is available. Register?

ދަވާލި އާދަނު

20 February 2019

ތި ކޮޓަރި އިންތަނުގަ އިން މިސްކިތް ބޮޑުކުރާށޭ ކިޔާފަ ރޯދަމަހު އެހެން ފްލޯއަކަށް ބަދަލުކުރި އިރުވެސް ހީވި ގޯހެއް އުޅެޔޭ އެބަ.

The name is already taken The name is available. Register?

ރަނާ

20 February 2019

ކީއްވެހޭ ޒިއަތު ގެއަށް ބަދަލު ކުރީ އަލްހާން އރދައްjކާ ވަހަކައާ ގުޅުމެއް ވަނީބާ

The name is already taken The name is available. Register?

އަޖައިބު

20 February 2019

ފޮޓޯއިން ހާދަ އުފަލުގައޭދޯ

The name is already taken The name is available. Register?

ފޮނިޓައްޕު ހަސަނު

20 February 2019

އަދިވެސް މިބައިގަނޑު ތަރައްގީއޭ ކިޔައި ކަރުފުއްޕާނެ.

The name is already taken The name is available. Register?

ދޮނާ

20 February 2019

އނެއްކާ މިހާރު އެބުނާ ޒިޔަތަކު ގެއަށް މިބަދަލުކުރީ ކީއްވެބާ

The name is already taken The name is available. Register?

އަދުރު

20 February 2019

މިހާރު އަޅެ ޒިޔަތުގެ ބަޔާނެއް ނަގާލަބަލަ! ކިހިނެއްތޯ ބަޔާން އޮންނަނީ!

The name is already taken The name is available. Register?

މަންނާނު

20 February 2019

ޝައިނީ އާއި އަނިލް ހީކުރީ ރައްޔިތުންނަށް އޮޅުވާލައިގެން ބައިތުލްމާލުން ކާލަކާލާ ދުނިޔެ އުމުރަށް ތުބެވިދާނެ ކަމަށް ޚާއިނުން އަވަހަށް ހިފާ ހައްޔަރުކުރޭ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454