ސިވިލް ސާވިސްގެ ގިނަ އޮފީސްތަކެއް ހުންނަ ވެލާނާގޭ ބިލްޑިންގަށް، ސިވިލް ސާވިސްގެ ބައެއް މުވައްޒަފުން ވަންނަނީ --މިހާރު ފޮޓޯ: ނިޝާން އަލީ
09 މާޗް 2019 - 08:26
ގާނޫނީ ވަކީލް ކަމުގެ ދާއިރާއިން ޑިގްރީ ހާސިލް ކުރީ މުޅި ކޯހުން އެއް ވަނަ ހޯދައިގެންނެވެ. އެ ހިސާބުން އޭނާ އަމަލީ މައިދާނަށް ކުރިމަތިލީ ރަނގަޅު ވަޒީފާއަކާއި ރަނގަޅު އާމްދަނީއެއް ލިބޭނެ ކަމުގެ އުއްމީދާ އެކު އެވެ. ނަމަވެސް ކަންދިމާވި ގޮތް ވަރަށް ތަފާތެވެ. ވަޒީފާއެއް ހޯދަން އުޅޭތާ އަހަރެއްހާ ދުވަސް ވީއިރު އަދިވެސް ވަޒީފާއެއް ނުލިބެ އެވެ. ޖުމްލަ 19 އިންޓަވިއުއަށް ހިނގައްޖެ އެވެ.
"ޕީޖީ [ޕްރޮސިކިއުޓާ ޖެނެރަލް] އަށް ވެސް ދިޔައިން ފަސް ފަހަރަށް. އޭޖީ [އެޓާނީ ޖެނެރަލް އޮފީހަށް] ދެ ފަހަރު ދިޔައިން. މުޅިން ވެސް ދެވަނަ އިންޓަވިއުއިން ކަޓަނީ،" ނަން ހާމަނުކުރަން އެދި ވާހަކަ ދެއްކި ޒުވާން ވަކީލް ބުންޏެވެ.
އޭނާ ބުނިގޮތުގައި ވަޒީފާ ނުލިބޭ ސަބަބު ހޯދަން އެތައް ގޮތަށް މަސައްކަތް ކޮށްގެން ވެސް އެކަން ކާމިޔާބެއް ނުވި އެވެ. މުޅިން ވެސް ލިބޭ ޖަވާބަކީ އިންޓަވިއު ޕެނަލަށް ފެންނަ މީހަކު ނަގާފައިވާ ކަމެވެ. މިހާތަނަށް ކުރި އެތައް ތަޖުރިބާއިން އޭނާއަށް ގަބޫލުކުރެވެނީ ވަޒީފާތަކަށް އިއުލާން ކުރަނީ ވަކި މީހަކަށް އަމާޒުކޮށްގެން ކަމެވެ.
"އެހެން މީހުންނަށް 40 އަށް ވުރެ ދަށްކޮށް މާކްސް ދީފައި އެކަކަށް އެބަ ހުރޭ 95،97،96 މާކްސް ދީފައި، އެ ހިސާބުން އެނގޭ ޕްލޭން ކޮށްފައި ވަކި މީހަކަށް ވަޒީފާ ދޭން ކުރާ ކަމެއްކަން މިއީ،" އެ ޒުވާނާ ބުންޏެވެ.
ކުރީގެ ޔޫތު މިނިސްޓްރީން ބޭއްވި ޔޫތު ޗެލެންޖް: ޒުވާނުންނަށް ވަޒީފާ ނުލިބޭ މައްސަލަ ބޮޑު --ފޮޓޯ: ހުސެއިން ވަހީދު/މިހާރު
ޒަވާޖީ ހަޔާތެއް ފަށައިގެން އުޅޭ އަދި ކުއްޖަކު ވެސް ހުންނަ ވަކީލް ތައުލީމް ހާސިލްކުރީ ސަރުކާރުން ދޭ ސްޓޫޑެންޓް ލޯން ނަގައިގެންނެވެ. ހަ މަސް ފަހުން އެ ލޯނަށް ކޮންމެ މަހަކު 2،000ރ. ދައްކަން ޖެހޭއިރު ވަޒީފާއެއް ނުލިބުމަކީ ބޮޑު ގޮންޖެހުމަކަށް ވަނީ ވެފަ އެވެ.
މިއީ އެތައް ޒުވާނުންނެއްގެ ހާލެވެ. ރާއްޖެ އާއި ބޭރުން ތައުލީމު ހާސިލްކޮށްގެން އަހަރަކު އެތައް ހާސް މީހުން ރާއްޖެ އަންނައިރު އެމީހުންނަށް ބޭނުންވާ ވަޒީފާގެ ފުރުސަތު ރާއްޖެއަކު ނެތެވެ. ޕައިލެޓުން ފެށިގެން ވިޔަފާރި އާއި ސިއްހީ ދާއިރާގެ އިތުރުން އެހެން ފަންނުތަނުން މަތީ ތައުލީމު ހާސިލްކޮށްފައިވާ އެތައް ޒުވާނުންނެއް ތިބީ އެގޮތަށް ވަޒީފާއެއް ނެތިފަ އެވެ.
އެއް ސަބަބަކީ ޓެކްނިކަލް ގިނަ ވަޒީފާތަކުގައި ބިދޭސީން މާ ގިނަވުމެވެ. ދެން އޮތީ ސިޔާސީ ނުފޫޒުގެ ސަބަބުން ތައުލީމީ މީހުންގެ ބަދަލުގައި، ދަށް ފެންވަރުގެ މީހުންނަށް ވަޒީފާ ލިބުމެވެ.
އިއުލާންކުރާ ކޮންމެ ވަޒީފާއަކަށް މަޖިލިސް މެމްބަރުންނާއި ސިޔާސީ އެކި މީހުން ލިސްޓް ފޮނުވުން އަދިވެސް ނިމުމަކަށް ނާދެ އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ތައުލީމީ ބައެއް ޒުވާނުން ތިބީ ބާކީވެފަ އެވެ. އެ މީހުން ވެސް ވަޒީފާއެއް ބޭނުން ނަމަ ފަސޭހަ ގޮތަކީ ކޮންމެވެސް ސިޔާސީ މީހަކަށް އާދޭސްކުރުމެވެ.
ރާއްޖޭގައި 2014 ގައި އޮތް ބޯހިމެނުމުގެ ހިސާބުތަކުން އެނގޭ ގޮތުގައި ތަފާތު ސަބަބުތަކާ ހުރެ މަސައްކަތެއް ނުކުރާ 17،000 މީހުން ރާއްޖޭގައި އުޅެ އެވެ. އޭގެ ތެރޭގައި ޒުވާނުންގެ އަދަދަކީ 2،550 އެވެ.
ލޭބާ ރިލޭޝަންސް އޮތޯރިޓީ (އެލްއާރުއޭ)ގެ އިންފޮމޭޝަން އޮފިސަރު އަލީ ޝަރީފް ވިދާޅުވި ގޮތުގައި ވަކި މީހަކަށް އަމާޒުކޮށްގެން ސިވިލް ސާވިސް ވަޒީފާތައް ދިނުމަކީ މިހާރު އުނދަގޫ ކަމެކެވެ. މީހުން ހޮވުމުގައި ވަޒީފާ ދޭ ގޮތްތައް ވަނީ ވަރަށް ހަރުދަނާކޮށްފައި ކަމަށް އޭނާ ވިދާޅުވި އެވެ.
"ހޯދާފައިވާ ސެޓްފިކެޓާއި ތަޖުރިބާ ފަދަ ކަންކަމަށް ބަލާފައި ޕޮއިންޓް މިދެނީ. އެހެންވީމަ ވަކި މީހަކަށް ޓާގެޓްކޮށްގެން ވަޒީފާ ދިނުން ދަތިވާނެ މިހާރު،" އަލީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ދިމާވެފައިވާ މައްސަލައަކީ ސަރުކާރުގެ ތެރެއިން އޮތް ވަޒީފާގެ ފުރުސަތުތަކަށް ވުރެ ވަޒީފާ ބޭނުންވެފައިވާ މީހުން ގިނަވުމެވެ. ކޮންމެ އަހަރަކު ވެސް ވަޒީފާގެ ބާޒާރަށް އެތައް ޒުވާނުންނެއް ނުކުންނައިރު ސަރުކާރުގެ ތެރެއިން އެވަރަށް ވަޒީފާ ނޫފެއްދޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ވަޒީފާގެ ބާޒާރަށް އޮތް ޑިމާންޑް ހައްލު ކުރެވެން އޮތް ހަމައެކަނި ގޮތަކީ އަމިއްލަ ވިޔަފާރިތަކާއި އިންޑަސްޓްރީތަކުން ވަޒީފާތައް އިތުރުކުރުމެވެ. އެކަން އެގޮތަށް އޮތްއިރު އެކަމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ބިދޭސީންގެ މައްސަލަ އެވެ. ޓޫރިޒަމް ދާއިރާ އާއި އަމިއްލަ ވިޔަފާރިތަކުގެ މެޖޯރިޓީ ވަޒީފާތަކުގައި ތިބީ ބިދޭސީންނެވެ.
ބިދޭސީންތަކެއް މަސައްކަތުގައި: ރާއްޖޭގެ ގިނަ ވަޒީފާތަކެއް ވަނީ ބިދޭސީންނަށް ދީފައި -- ފޮޓޯ: މިހާރު
އަލީ ވިދާޅުވި ގޮތުގައި ލޭބަރުންގެ ނަމުގައި ބިދޭސީން ރާއްޖެ އެތެރެކޮށް ރާއްޖޭގެ ގިނަ ރިސޯޓްތަކެއްގެ ގިނަ ވަޒީފާތައް އެ މީހުންނަށް ދީފައިވެ އެވެ. އޭގެ ސަބަބުން ދިވެހިންނަށް އެ ވަޒީފާތައް ގެއްލިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ވޯކް ޕާމިޓް ކާޑުގައި މި އިންނަނީ ލޭބަރު. އެކަމަކު މިހުންނަނީ ވޭޓަރެއްގެ ވަޒީފާގައި ކޮންމެވެސް ރިސޯޓެއްގައި. ނޫނީ އެސިސްޓެންޓް މެނޭޖަރަކަށް ވެސް ލާފާނެ ބިދޭސީއަކު. މިއީ އެ ސިސްޓަމް މިސްޔޫސް ކުރުން،" އަލީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެކަން ހުއްޓުވުމުގެ ގޮތުން ބައެއް ކުންފުނިތަކަށް އިންޒާރު ދިނުމާ އެކު ޓޫރިޒަމް މިނިސްޓްރީއަށް އެކަން ހުށަހަޅާފައި ކަމަށެވެ.
ކުރީގެ ސަރުކާރުގެ ވައުދުތަކުގެ ތެރެގައި 95،000 ވަޒީފާ އުފެއްދުން ހިމެނެ އެވެ. އަދި ވަޒީފާ ނެތް ޒުވާނުންގެ ދަފުތަރެއް އެކުލަވާ ލުމުގެ މަސައްކަތް ވެސް ކުރި އެވެ. ނަމަވެސް މާ އެދެވޭ ނަތީޖާއެއް ފެނިފައެއްނުވެ އެވެ. އެ ބުނި އަދަދަކަށް ވަޒީފާ އުފައްދަން އާ މަޝްރޫތަކެއް ފަށާފައެއް ވެސް ނުވެ އެވެ. އާ ވަޒީފާތައް އުފެއްދޭ ކަމަށް އެ ސަރުކާރުން ބެލީ، އަލަށް ހަދާ ރިސޯޓަކަށް ބޭނުންވާ މީހުންގެ އަދަދުންނެވެ. އެކަމަކު އެ ވަޒީފާތަކުގައި ދިވެހިންނެއް ނޫޅެ އެވެ.
ޒުވާނުންނަށް ވަޒީފާ ހޯދައިދިނުމަކީ މި ސަރުކާރުގެ ވެސް ވައުދެކެވެ. ވަޒީފާ ހޯދަން މަސައްކަތް ކުރާ މީހުންނަށް މަހަކު 1،500-2،500ރ. އާ ދެމެދުގެ އިނާޔަތެއް ސަރުކާރުން ދޭން ޖެހޭ ގޮތަށް އެމްޑީޕީން ވަނީ ދެން އުފެދޭ ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅަން ވެސް ނިންމައިފަ އެވެ. އަދި ޒުވާނުން ވަޒީފާއަށް އަހުލުވެރި ކުރުވުމަށް ތަފާތު ޕްރޮގުރާމުތަކެއް ކުރިއަށް އޮތް ތަނުގައި ހިންގަން ވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ.
ވަޒީފާގެ މައްސަލައަށް ހައްލެއް ގެންނަން ޖެހެ އެވެ. ކިޔަވައިގެން ތިބި ރަނގަޅު އެތައް ޒުވާނުންނެއް އެ ގެންދަނީ ވަޒީފާގެ ފަހަތުން ދުވަމުންނެވެ. އިންޓަވިއުތަކަށް ދިޔަ ނަމަވެސް ލިބެނީ މާޔޫސްވާ ކަހަލަ ނަތީޖާތަކެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަޒީރު
11 March 2019
ނޮލެޖަށް ބަލާފަ ޝޯޓްލިސްޓު ކުރީ ސްކިލްސް ނެތީމަ ކެޓީ
ސާބަސްބުނަން
11 March 2019
ދެން ތި ބުނީ 1 ވަނަ ލިބުނީ ސްކިލްސްއެއް ނެތިއޭ؟ ކޮން ގޮތަކަށްތަ ސްކިލްސް ހުރިތޯ ބަލަނީ ތި އޮފީހުން؟
ހައްވާ ނާފިޒާ
10 March 2019
ރާއްޖޭގައި ކުކުޅުހާ ވެސް ޤާނޫނު ކިޔަވާ. 4 އަހަރު ކޯހެއްގައި ބައިވެރި ވެގެން އެކި މީސްމީހުން ލައްވާ އެސައިންމެންޓް ހަދާލީމަ އެކޯހުން ފާސްވީ. ނިމޭއިރު އެގަހު ކޭލެއް މިގަހު ކޭލެއް ވަކި ކުރާކަށް އެކުދިންނަކަށް ނޭނގޭ. ނަމުގެ ކުރިއަށް އަލްއުސްތާޒު އަންނާތީ އެކުންނާއި އެކު މައިން ބަފައިން ވެސް ހީކުރަނީ ހަމަ އަސްލުވެސް އުސްތާޒުން ކަމަށް.
ހަނާން
10 March 2019
މަވެސް އަޖައިބުވެ އަންތަރީސްވި މަ ރާއްޖެއިން ބޭރުން ސަނަދުތަކާއި އަދި އެ ސަނަދުތަކާއި އެއްވަރަށް ތަޖުރިބާ ހޯދައިގެން އައިމަ ތި ކޭލެއް އެކޭލެއް ނޭނގޭ މީހުން އިންޓަވިއުއިން ފާސްކުރާ ގޮތް ފެނިފައި. ޕީޖީ އޮފީހުގެ އިންޓަވިއުއަށް ގޮސްއިންއިރު ޝޯޓްލިސްޓު ކޮށްގެން އިންޓަވިއުއަށް ކިޔާފައިތިބި އެހެން ކުދިންނާ ވާހަކަ ދައްކާލުމުގެ ފުރުސަތު ލިބުނު. ބުނަން، ބޮލުން ދުން އަރާފަ ދިޔައީ އެ ކުދިން ދެއްކި ވާހަކައިން. ހިތައްއެރި ފުރަތަމަ ޝޯޓްލިސްޓު ވީ ކިހިނެއްހޭ؟
ހަނާން
10 March 2019
އެހެންވީމަ މި ބުނަނީ އިންޓަވިއު ޕެނަލަށް މޮޅު މީހުން ލައިގެންނޭ ތި ކަން އިސްލާހުކުރެވޭނީ. އެހެންނޫނީ އަބަދުވެސް އެ ކޭލެއް މި ކޭލެއް ނޭނގޭ މީހުން ވައްދާނީ. މިހާރުވެސް އެ ތަނުގައި އޮތް ވަކީލުންގެ ޕޫލްގެ %90 އަކީ އެމް.އެން.ޔޫ، ވިލާ ކޮލެޖް އަދި އައި.އެމް.ޔޫ ގްރެޖުއޭޓުން. ދެ ތިން ކުއްޖެއް ބޭރު ގުރެޖުއޭޓުންނަށް އުޅެނީ. ދެރަވޭ ގައުމުގެ އިޖުތިމާއީ ފޭރާން މި ގޮތަށް ނެތިގެންދާ މަންޒަރު ބަލަން ހުންނަންވެސް.
ވަހީދު
10 March 2019
ލޭބަރ އޮތޯރިޓީއަށް ވެސް މީހުން ނަގަނީ ނުފޫޒާއި އަމިއްލަ އެދުން އިސްކޮށްގެން. އަމިއްލައަށް ތަޖުރިބާ ކޮށްފައި މިބުނަނީ.
މީނަ
10 March 2019
ސަރުކާރުންވީ މި ކުންފުނިތަކަށް ވަކި % ގެ ދިވެހިންނަށް ވަޒީފާ ފުރުސަތު ދޭންޖެހޭނެ ކަމަށް ޤަވައިދެއް ހަދާށެވެ. އޭރުން މި މައްސަލަ ރަނގަޅުވެދާނެއެވެ.
ފަސްކިލަނބު
10 March 2019
ޤާނޫނީ ވަކީލު ކަން ކިޔަވާ ގިނަ ކުދިން، ވަޒީފާއެއް ލިބެންދެން ހުންނަނީ. ބައެއް ތަންތަނަށް 3 ފަހަރު އިންޓަވިއުއަށް އަންނަ އިރުވެސް ޕްރެކްޓިކަލް ނުނިންމޭ. ވަކީލުކަން ކިޔަވައިގެން ނިކަން ވަޒީފާއެއް ލިބެންދެން އަމިއްލައަށް ކްލައިންޓުންނަށް ކަންކަން ކޮށްލަދީބަލަ. ލާރި ލިބޭނެ. ވަޒީފާ އެއް ލިބިގެން ތަޖުރިބާ ހޯދާން މަޑުނުކޮށް.
ބޯހަލާކުރާއްޖެ
10 March 2019
ދެން ތިޔަ ބުނާ ކުލައިންޓުން ބޭނުންވަނީ ތަޖުރިބާ ލިބިފައި ތިބި ވަކީލުން. އެހެންވީމަ މިތާ ވާ އެއްޗެއް ނުވާ އެއްޗެއް އެބަ އިނގޭތަ؟
އެމް.އެން.ޔޫ ވާނުވާ ގްރޫޕް
10 March 2019
ވާނުވާގައި ކޮމެންޓު ކޮށްފައި މި އޮތީ ހަމަ ވަކީލެއްހޭ ހިތައްއަރާ؟ ދުނިޔޭގެ ތަރައްގީވެފައިވާ ގައުމު ތަކުގައި އެންމެ ފުރަތަމަ ކަމަކަށް ވަކާލާތު ކުރުމުގެ ހުއްދަ ލިބެނީވެސް ތިޔަ ބުނާ ތަޖުރިބާ ނުވަތަ ޕްރެކްޓިކަލް ބައި ނިމުނީމަ. ބައްލަވާ މިސާލަކަށް މެލޭޝިޔާ، އެތަނުގައިވެސް ލޯ ސްކޫލް ނިމުމަށްފަހު ޗެމްބަރިން ހަދަންޖެހޭ 9 މަސް ދުވަސްވަންދެން. ރާއްޖޭގައި މިފަދަ އުސޫލެއް ގާއިމުވެފައި ނެތްއިރު ޕްރެކްޓިކަލް ބައި ފުރިހަމަ ކުރެވޭނީ ވަޒީފާ ލިބިގެން ނޫންތޯ؟
ކާށިދޫހުސެންފުޅު
10 March 2019
ހައުސިންގ މިނިސްޓްރީ އާއި ޕަބްލިކް ވަރކްސް ވެސް އެއީ ތީގެ ދެތަން..ވަރަށް ގިނަ ކަތުރު ފަނި އުޅޭނެ..ޕަބްލިކް ވަރކްސްގެ އެޗް.އާރް މެނޭޖް ކުރާނީ ހުސް އަންހެން ކުދިން...އެމީހުން ބޭނުން ބަޔަކަށް ވަޒީފާތައް ދޭނީ..އިސްލާމިކް ޔުނިވަރސިޓީ ވެސް..ސަރުކާރުން ވަރަށް ސަމާލުވާން ޖެހޭ އިދާރާ ތަކެއް މީ
ސަމީމް
10 March 2019
ޖޯކެއް ނޫންތޯ މީހުންނަށް ނުހައްގުން ވަޒީފާދިނީމަ ދައުވާކުރަން ފައިލް ބޮނޑި ހިފައިގެންދާ ޕީޖީ އޮފީހުގައިވެސް އިންޓަވިއުކޮށްގެން މާކްސްދީ ހަދާ ހަރުދަނާ އެޗްއާރު ޕޮލިސީއެއް ނެެތޭ ބުނީމަ؟ މި މީހުން ހިފައިންގެންދާ ދައުވާތަކުގެވެސް ފެންވަރު ނުހުންނަނީ މިހެންވީމަތާ!
އަހުމަދުބޭ
10 March 2019
ވަޒީފައިގެ މައްސަލަ ރާއްޖޭގެ ރައްޔިތުންނަށް ކުރިއަށްއޮތަނުގައި ވެސް ދާނީ ބޮޑުވަމުންނެވެ، އެއީ ރާއްޖޭގައި ފޯރުންތެރިކަން ބޮޑުވެ ތަޢުލީމް އުގެނުމުގެ ފުރުސަތު ބޮޑުވެ، ހުރިހައިކުދިންވެސް ކިޔެވީއެވެ، ޑިގްރީހެދީއެވެ، މާސްޓަރވެސް ހެދީއެވެ، މިހުރިހައި ކުދިންނަށް ދޭނެ ވަޒީފައި ރާއްޖޭގެ ބާޒާރުގައި ނެތީއެވެ. ހުރިހައި ދައްފަންތީގެ ވަޒީފައި އާއި ވަކި ލެވެލްއެއް އެއްގެ ވަޒީފައި ބޭރުމީހުން ހިސޯރުކުރީޢެވެ،
އުސޫލީބަދަލު
10 March 2019
ސިޔާސީ ފަރާތަކާއި ގުޅުން އޮންނަ މީހަކަށް ވަޒީފާ ލިބޭގޮތަށް ކުއްޖާއަކީ ކިތަންމެ މޮޅު ކުއްޖަކަށް ވިޔަސް ހަމަ ސިޔާސީ ފަރާތަކާއި ގުޅުން އޮވެގެން ވަޒީފާ ނުލިބޭ ހާލަތުވެސް އާދޭ. ހާއްސަކޮށް އޭނާއާ ސިޔާސީގޮތުން ގުޅުންއޮންނަ ފަރާތަކީ ތި ވުޒާރާތަކުން ހިންގާ ބޮޑެތި ޖަރީމާތަކުގެ ވާހަކަ ދައްކާ އަޑުއުފުލާ މީހެއް ކަމުގައި ވަންޏާ މަތިޖަހާ. މިކަން ބަދަލުކުރެވޭނީ އުސޫލުތަކުގައި ހިފަހައްޓާ ހަރުދަނާ މީހުން އިސް މަގާމުތަކަށް ގެނެސްގެން. ޕީޖީ މަތިފަޑި ބަދަލުކުރޭ.
ހެޔޮބަދަލު
10 March 2019
އަދި ތި މަތިފަޑި ބަދަލުވެ ތިމާ ކެހި ކަނޑުލުގެ ހިތި ފިލުވަން ތިމާއަށްޖެހޭ ދުވަސްވެސް އަންނާނެ! ކެތްކޮށްލާ! ރައީސް ޔާމީނުގެ މިސާލަކީ މިކަމުގައި އިބުރަތްތެރި މިސާލެއް!
ޕެނަލްކަޑަ
10 March 2019
މިތަނުގައި ކޮންމެވެސް ބޭފުޅަކު ބުނެފައި އެބައޮތް ޕީޖީ އޮފީހުގެ 2 ވަނަ އިންޓަވިއުގައި ހުންނަ ފިރިހެން ބޭފުޅާގެ ވާހަކަ. އަޅުގަނޑުގެ އިންޓަވިއުގައި އިނގިރޭސި ލީގަލް ޓާމްއެއް ބޭނުންކުރުމުން ސަލީމްއަށް ނޭގުނު. ދެން ދެއްކީ ކޮންމެވެސް އެހެންވާހަކައެއް. މިހެން ކަންތައް ވުމުން އަޅުގަނޑު ގެއަށް އައިސް ސަލީމްގެ ވަނަވަރު ބެލިއިރު އޯލެވެލް އޭލެވެސް ފާހެއް ނެތި އެމް،އެން.ޔޫ އިން ސަނަދު ހޯދާފައި މި އޮތީ. ދެން ކިހިނެއްތޯ މިކަން ހިނގާނީ؟
ަދޮރާށި
10 March 2019
އައްދޭ ތިކަހަލަ ވާނުވާ ނޭނގި އުޅޭ ލޯޔަރުން ވަނަހޯދައިގެން ވަންނަންވީ ދިފާއީ ހިދުމަތްތަކަށް.
ޕެނަލްކަޑަ
10 March 2019
ކޮންމެ މައްސަލައެއްގައިވެސް 2 ފަޅި އޮންނައިރު ދިފާއު ކުރުމަކީ ގާނޫނީ ވަކީލުކަން ކުރުމުގެ %50. ޤާނޫނު ބުނާގޮތުން އެމީހަކަށް ދިފާއު ނުކުރެވޭ ވާހަކައެއް ދެއްކުމުގެ ބާޑަން ނަގަންޖެހޭނީ އެމީހެއް. އެހެންވީމަ ދައްކާ ވާހަކައެއް ދިފާއު ނުކުރެވޭ މީހެއް ވަކާލާތު ކުރުމުގެ ބޭނުމެއް ނެތް. އެއީ ދިފާއީ ހިދުމަތެއް ނޫން އެޔަށް ކިޔަނީ ލީގަލް ސްކިލްސް އިނގޭތޯ