ރިޕޯޓް

ތަހުގީގު އޮތީ އޮޅުވާލާފައި: ފައުޒިއްޔާ އާއި ރަޝީދާ އަށް އިންޑިއާގައި ލިބުނީ ނުހައްގު އަނިޔާތަކެއް

ފައުޒިއްޔާ އޭނާގެ ތަޖުރިބާ ރޭޑިއޯ ޕްރޮގްރާމެއްގައި ކިޔައިދެނީ: އޭނާ އާއި ރަޝީދާގެ މައްޗަށް އިންޑިއާ އިން ދޮގު ތުހުމަތުތަކެއް ކޮށް ޖަލަށް ލައި އަނިޔާކުރި.-- ފޮޓޯ: ޓުވިޓާ

02 ސެޕްޓެމްބަރ 2016 - 09:36

46 comments

ޗެންނާއީ (އޭރު ކިޔާ ގޮތުން މެޑްރާސް)ގެ އިންޓަނޭޝަނަލް ހޮޓަލަށް އެއީ އާދައިގެ މަތިން ބާރު ބޮޑު ދުވަހެކެވެ. އެކި ބޭނުންތަކުގައި، ދުނިޔޭގެ އެކި ގައުމުތަކުން މީހުން އައިސް ގޮސްވަމުން ދިޔަ އެވެ. އޭގެ ތެރޭގައި ވަރަށް ސިއްރު ބޭނުމަކު ޓްރިވެންޑްރަމުން އައިސް، އެ ހޮޓަލުގެ ފަސް ކޮޓަރި ހިފައިގެން ތިބި ހަތް މީހަކު ވެސް ހިމެނެ އެވެ. އެ މީހުން އެއްކޮށް، އެއް ރެއަކު ބައްދަލުކުރީ އެ ތަނުން އެކެެއްގެ ކޮޓަރީގަ އެވެ. ކޮތަޅަކަށް ލާފައި އޮތް ކުރެހުންތަކެއް ފާޑުގެ އެއްޗެއް އެ ތަނުގައި ހުރި އަންހެނެއްގެ އަތަށް ދިއްކޮށްލުމުން އޭގެ ސަައްހަކަން ޔަގީންކުރުމަށް ފަހު، މޭޒު މަތީގައި ބްރީފްކޭހެއް ބެހެއްޓި އެވެ. އެ ފޮށި ހުޅުވައި އޭގައި ހުރި ފައިސާ ގުނައި ޑީލް ނިންމާލުމަށް ފަހު އެ މީހަކު އެ މީހެއްގެ ކޮޓަރި އަށް އެނބުރި ދިޔައީ އެވެ.

ފިލްމެއްގެ މަންޒަރެއް ގޮތަށް ސިފަކުރެވުނަސް، އެއީ ދިވެހި ފިލްމީ ތަރި ފައުޒިއްޔާ ހަސަނާއި އެހެން ދިވެއްސަކު އިންޑިއާގައި ހައްޔަރުކޮށް، ޖަލަށް ލައި އަނިޔާކޮށްގެން އެ މީހުން ލައްވާ އެއްބަސްކުރުވި ކަންތައްތަކުގެ ތެރެއިން އެއް ކަންތަކެވެ. އިންޑިއާގެ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި)ން ފަހުން ހިންގި ތަހުގީގުން އެއީ ހުސް ދޮގުކަން ފަޅާ އެރިޔަސް އޭރު މުޅި އިންޑިއާ ކަހަލަ ގޮތަކަށް ގަބޫލުކުރި އެވެ. ޒަމާނުއްސުރެ ހަތުރެއްގެ ގޮތުގައި ބަލާ ޕާކިސްތާނަށް އިންޑިއާގެ ޖައްވީ ޕްރޮގްރާމުގެ ސިއްރުތައް ވިއްކި ކަމަށް ތުހުމަތުކޮށް އެ މީހުން ހައްޔަރުކުރި އިރު، ދެ ގައުމުގެ ގުޅުން އޮތީ އިންތިހާ އަށް ގޯސްވެފަ އެވެ.

އިންޑިއާ ފުލުހުން ރާއްޖޭގެ ފިލްމީ ތަރި ފައުޒިއްޔާ ހައްޔަރުކުރީ ނޮވެމްބަރު 13، 1994 ގަ އެވެ. އަދި އޭރު އެހެން މައްސަލައެއްގައި ބަންދުކޮށްފައި ހުރި ގދ. ތިނަދު އަށް އުފަން މަރިޔަމް ރަޝީދާ ވެސް ޖެހިގެން އައި ދުވަހު، ޖާސޫސްކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި އެވެ. އޭގެ އިތުރުން، އިންޑިއާގެ ޖައްވީ އިދާރާ (އައިއެސްއާރުއޯ)ގެ އިސް ދެ ސައެންސްވެރިން ކަމަށް ވާ ނަމްބީ ނާރަޔަން އާއި ޑީ ސަސިކުމާރުގެ އިތުރުން ރަޝިއާގެ ޖައްވީ އިދާރާގެ ފަރާތުން އިންޑިއާގައި ހުންނަ މަންދޫބެއް ކަމަށްވާ ޗަންދުރަޝޭކަރު ހިމެނޭ ގޮތަށް ހަތަރު މީހަކު ހައްޔަރުކޮށް ހިންގި މި ތަހުގީގުގައި އިންޑިއާގެ އިންޓެލިޖެންސް ބިއުރޯ (އައިބީ)ގެ އެޖެންޓުން ބައިވެރިވި އެވެ.

"އައިއެސްއާރުއޯ މައްސަލަ ބެލި އެޖެންޓުންނާއި އިސް ވެރިން ހިމެނޭ ގޮތަށް އައިބީގެ އޮފިޝަލުން އަމަލުކޮށްފައި ވަނީ ޒިންމާދާރުކަން ކުޑަ ގޮތަކަށެވެ. އޭގެ ސަބަބުން އެއްވެސް ކުށެއް ނެތް ހަ މީހަކު ހައްޔަރުކޮށް، އެ މީހުންނަށް ނަފުސާނީ އަދި ޖިސްމާނީ ގެއްލުންތަކެއް ވަނީ ލިބިފަ އެވެ." -- ސީބީއައި

ކެރެލާ ފުލުހުންނާއި އައިބީ ގުޅިގެން ހިންގި ތަހުގީގުގައި އުސޫލުތަކާ ހިލާފު އެތައް ކަމެއް ކޮށް، ހައްޔަރުކުރި މީހުންނަށް ޖަލުގައި ބޮޑެތި އަނިޔާ ދީފައިވާ ކަމަށް ބެލެވިގެން އެކަން ބަލަން މައި ސަރުކާރުން ސީބީއައި އަށް އެންގި އެވެ. ކެރެލާ ފުލުހުންނާއި އައިބީގެ އޭރުގެ ވެރިންގެ އިހުމާލު ބަލަން ސީބީއައިން ވަކިން ހިންގި ތަހުގީގުގެ ފުރިހަމަ ރިޕޯޓު މިހާތަނަށް އާއްމުކޮށްފައި ނުވިޔަސް، 32 ސަފުހާގެ އެ ރިޕޯޓު ވަނީ މި ހަފުތާގައި ލީކުވެފަ އެވެ.

ޖައްވީ އިދާރާގެ މީހާއާ ދިމާވީ އިއްތިފާގަކުން

ފައުޒިއްޔާ އެންމެ ފުރަތަމަ އިންޑިއާ އަށް ދިޔައީ، ސީބީއައިގެ ރިޕޯޓުގައި ބުނާ ގޮތުން، ޖެނުއަރީ 24، 1994 ގަ އެވެ. އުމުރުން ދުވަސްވީ އެހެން ދެ ދިވެހި އަންހެނަކާ އެކު ފައުޒިއްޔާ ޗެންނާއީ އަށް ދިޔައީ އޭނާގެ އެ ދެ ރަށްޓެހިންގެ އާއިލާ މީހެއްގެ ކައިވެންޏަށް ބޭނުންވާ ސާމާނު ގަންނާށެވެ. އެހެންވެ، ފައުޒިއްޔާގެ ހުރިހާ ހަރަދެއް ބެލެހެއްޓީ އެ މީހުންނެވެ.

"[އެ ދަތުރުގައި] ފައުޒިއްޔާ އެކަނި އެއްވެސް ތަނަކަށް ނުދެ އެވެ. އެއްވެސް މީހަކާ ވެސް ބައްދަލެއް ނުކުރެ އެވެ،" ރިޕޯޓުގައިވެ އެވެ.

އޭގެ ފަހުން ފައުޒިއްޔާ އިންޑިއާ އަށް ކުރި ދަތުރުތަކަކީ:

- މޭ 13، 1994، ބެންގަލޫރު: އޭރު އުމުރުން 13 އަހަރުގެ ހަގު ދަރިފުޅާ އެކު އޭނާގެ ކިޔެވުމުގެ ކަންކަން ހަމަޖެއްސުމަށް.

- އޮގަސްޓު 27، 1994، ބެންގަލޫރު: މި ދަތުރުގައި ފައުޒިއްޔާ އާއި މަރިޔަމް އެއްކޮށް ރޭލުގައި ޓްރިވެންޑްރަމަށް ދިޔަ. ރާއްޖެ އައުމަށް ކުރި އެ ދަތުރުގައި ޓްރިވެންޑްރަމްގެ ހޮޓަލެއްގައި މަޑުކުރި.

ސިފައިންގެ ޕްރައިވެޓެއްގެ ރޭންކުގައި ކުރިން މަސައްކަތް ކުރި މަރިޔަމް އެންމެ ފުރަތަމަ އިންޑިއާ އަށް ދިޔައީ 1989-1990ގެ ތެރޭގައި ޗުއްޓީ ހޭދަ ކުރާށެވެ. އެ ދަތުރުގެ މާ ބޮޑު ތަފްސީލެއް ރިޕޯޓަކު ނެތެވެ. އޭގެ ފަހުން މަރިޔަމް އިންޑިއާ އަށް ކުރި ދަތުރުތަކަކީ:

- ޖޫން 6، 1994، ބެންގަލޫރާއި ޓްރިވެންޑްރަމް: މަރިޔަމް ދިޔައީ އޭނާގެ ދެބެންގެ ދެ ދަރި މީހަކާ އެކު.

- ޖޫން 20 އިން ޖުލައި 3، 1994، ބެންގަލޫރު: މަރިޔަމް ދިޔައީ މާލޭގައި ހުރި ފައުޒިއްޔާގެ ދޮށީ ދަރިފުޅު ދިން 1،700 ޑޮލަރު ފައުޒިއްޔާއާ ހަވާލުކުރަން.

- އޮގަސްޓް 8، 1994، ޓްރިވެންޑްރަމާއި ބެންގަލޫރު: ރާއްޖޭން ޓްރިވެންޑްރަމަށް ދިޔައީ ކޮލަމްބޯ މަގުން. ބެންގަލޫރަށް ދިޔައީ އެ ތަނުން.

މި މައްސަލައިގެ ތެރެ އަށް ފައުޒިއްޔާ އާއި މަރިޔަމް "ބޭނުނީ" އިއްތިފާގަކުންނެވެ. ފައުޒިއްޔާއާ ޑޮލަރު ހަވާލުކުރަން މަރިޔަމް ބެންގަލޫރަށް ކުރި ދަތުރުގައި، ރަޝިއާގެ ޖައްވީ އިދާރާގެ މަންދޫބު ޗަންދުރަޝޭކަރާ ޓްރިވެންޑްރަމް އެއާޕޯޓުން ދިމާވެގެން އުފެދުނު ގާތް ކަމެއްގެ ތެރެއިންނެވެ. އިމިގްރޭޝަން ކައުންޓަރުގައި މަރިޔަމަށް ކުރިމަތިވި މައްސަލައެއްގައި ޗަންދުރަޝޭކަރު އެހީތެރިވި އެވެ. އިއްތިފާގަކުން ޓްރިވެންޑްރަމުން ބެންގަލޫރަށް ދެ މީހުންނަށް ދަތުރުކުރެވުނީ ވެސް އެއް ފްލައިޓެއްގަ އެވެ.

އޭރު އަދި ފައުޒިއްޔާއާ ޗަންދުރަޝޭކަރާ ބައްދަލެއް ނުވެ އެވެ. އެކަމަކު، ދަރިފުޅު ސްކޫލަށް ވެއްދުމުގައި ދަތިތަކެއް ކުރިމަތިވެގެން މަރިޔަމާ އެކު ފައުޒިއްޔާ ވެސް ޗަންދުރަޝޭކަރު ކައިރި އަށް ދިޔަ އެވެ. ޗަންދުރަޝޭކަރު އޭނާގެ ރަށްޓެއްސެއް މެދުވެރިކޮށްގެން ފައުޒިއްޔާގެ ދަރިފުޅަށް ސްކޫލަށް ވަދެވޭ ގޮތް ހަދައިދިނެވެ.

ދެ މީހުން އެއްކޮށް ރޭލުގައި ޓްރިވެންޑްރަމަށް ކުރި ދަތުރަށް އެރުމުގެ ކުރިން ފައުޒިއްޔާ އާއި މަރިޔަމް ޗަންދުރަޝޭކަރާ ބައްދަލުކުރި އެވެ. އެއީ ޓްރިވެންޑްރަމްގައި އުޅޭ މީހަކާ މަރިޔަމަށް ބައްދަލުކުރެވޭނެ ގޮތް ހަދައިދޭން އެދޭށެވެ. ބެންގަލޫރުގައި ފައުޒިއްޔާއާ އެކު އެ ގޭގައި އުޅުމުގެ ތެރޭގައި ދިމާވެ، "ހިތް ކިޔާފައިވާ" އެ މީހާއާ ބައްދަލުކުރެވޭނެ ގޮތް ހަމަޖައްސައިދޭން މަރިޔަމް އެދުމުން ޗަންދުރަޝޭކަރު ގުޅީ، މަސައްކަތުގެ ގޮތުން އޭނާއާ ދިމާވެ، ގާތް ގުޅުމެއް އުފެދިފައިވާ ސަސިކުމާރަށެވެ. ސަސިކުމާރުގެ އަންހުންނަކީ ޓްރިވެންޑްރަމްގެ ސަރުކާރު ހޮސްޕިޓަލުގައި މަސައްކަތް ކުރާ ޑޮކްޓަރަކަށް ވުމުން، މަރިޔަމްގެ ހިތުގެ ބައްޔަށް ފަރުވާ ކުރެވޭނެ ގޮތް ހަމަޖައްސައިދިނުމަށް ވެސް ޗަންދުރަޝޭކަރު ސަސިކުމާރު ކައިރިން އެދުނެވެ.

ފުރަތަމަ ވެސް ހެއްކެއް ނުފެނުނު

އެ ދަތުރު ނިންމާލުމަށް ފަހު މާލެ އަންނަން މަރިޔަމް ފުރަން ހަމަޖައްސާފައި އޮތް ދުވަހު ވެސް ދިމާވީ ވަރަށް ނަސީބު ދެރަ ގޮތެކެވެ. ޓްރިވެންޑްރަމްގައި ހަޅުތާލެއް ކުރާތީ އެއާޕޯޓަށް ދާން ދުއްވާ އެއްޗެއް ނުލިބުމުން އޭނާ ޓްރިވެންޑްރަމްގައި ތާށިވިއިރު، ވިސާ އޮތީ ހަމަަވާން ކައިރިވެފަ އެވެ. އެހެންވެ، ވިސާ އާކުރަން ފައުޒިއްޔާއާ އެކު މަރިޔަމް ޓްރިވެންޑްރަމްގެ ފުލުސް އޮފީހަށް ނޮވެމްބަރު 13، 1994 ގައި ދިޔަ އެވެ. ކެރެލާ ފުލުހުންގެ ރާޑަރަށް އެ ދެ މީހުން އެރީ އެ ހިސާބުންނެވެ.

ވިސާ އާނުކުރެވުމުގެ އިތުރަށް ފައުޒިއްޔާ އާއި މަރިޔަމަށް އަވަސް ފުރުސަތެއްގައި ރާއްޖެ އާދެވޭ ގޮތެއް ނުވި އެވެ. މި ފަހަރު ވީ ގޮތަކީ ރޯގާއެއް ފެތުރުމުގެ ބިރު އޮތުމުން، ޓްރިވެންޑްރަމުން ފުރަން އޮތް ހުރިހާ ފްލައިޓުތަކެއް ކެންސަލް ކުރީ އެވެ. އެެހެން ތިއްބާ، އޭގެ ދެ ދުވަސް ފަހުން ފުލުހުންނަށް އެނގުނީ އެ ދެ މީހުން ޓްރިވެންޑްރަމްގެ ހޮޓަލެއްގައި އަދިވެސް ތިބި ކަމެވެ. އެ ހޮޓަލުގައި އެ މީހުން ތިބޭ ކޮޓަރީގެ ފޯނުން ސަސިކުމާރަށް ގުޅާފައިވާކަން ވެސް އިތުރަށް ބެލި ބެލުމުން އެނގުނެވެ. އެހެންވެ، ހަމަ އެ ދުވަހު ދެ މީހުން ހާޒިރުކޮށް ސުވާލުކުރި އެވެ. ދަރިފުޅަށް ކިޔަވައިދޭން އިންޑިއާގައި އުޅޭތީ ފައުޒިއްޔާގެ ވިސާ އޮތުމާ އެކު އޭނާ އަށް ސަލާމަތް ވެވުނަސް، އިންޑިއާގައި އެހާ ގިނަ ދުވަހު ހުރި ސަބަބު މަރިޔަމަށް ބުނެ ނުދެވުނު ކަމަށް ކެރެލާގެ ފުލުހުން ބުންޏެވެ.

އެ ހިސާބުން ފައުޒިއްޔާ ގެ އަށް ފޮނުވާލައި މަރިޔަމް ބަންދުގައި ބަހައްޓައިގެން އައިބީގެ އެޖެންޓުން ސުވާލުކުރަން ފެށި އެވެ. އެކަމަކު، އޭނާއާ ދެކޮޅަށް އެއްވެސް ހެއްކެއް ނެތުމުން ކެރެލާ ފުލުހުންނާއި ޓްރިވެންޑްރަމްގައި ހުންނަ އައިބީގެ އޮފީހުގެ ވެރިން މަޝްވަރާ ކުރުމަށް ފަހު ނިންމީ މަރިޔަމާ ދެކޮޅަށް ރަސްމީކޮށް މައްސަލައެއް ފައިލް ކުރާށެވެ. އެެހެންވެ، ބޭރު މީހުންނާ ބެހޭ ގާނޫނުގެ ދަށުން، ވިސާގެ މުއްދަތަށް ވުރެ އިތުރަށް އިންޑިއާގައި ހުރި މައްސަލަ އޮކްޓޯބަރު 20، 1994 ގައި ރަޖިސްޓްރީކުރުމަށް ފަހު އޭނާ ރަސްމީކޮށް ހައްޔަރުކޮށް، ޖެހިގެން އައި ދުވަހު ބަންދުގެ މުއްދަތު ކޯޓުން ޖެހި އެވެ.

އޭރު ވެސް ފުލުހުންނާއި އައިބީ އެޖެންޓުން ޝައްކުކުރަމުން ދިޔައީ ޖާސޫސް ކުރުމުގެ ކަންތައްތަކެއްގައި މަރިޔަމް އުޅޭ ކަމަށެވެ. އެކަމަކު ހަތަރު ދުވަސް ވަންދެން ފުލުހުންނާއި އައިބީގެ އެޖެންޓުން ސުވާލުކޮށްގެން ވެސް އެއްވެސް ހެއްކެއް ނުހޯދުނެވެ. އެހެންވެ، އޭނާ އިތުރަށް ބަންދުގައި ބަހައްޓާނީތޯ މަޝްވަރާ ކުރި އެވެ. އެންމެ ފަހުން ނިންމީ އިތުރު ހެކި ފެނޭތޯ، ދިވެހި ބަހުން ލިޔެފައިވާ އޭނާގެ ޑައިރީ ތަރުޖަމާ ކުރުމަށެވެ.

ދިވެހި ސަރުކާރަށް ޖާސޫސް ކޮށްދިން؟

ޑައިރީގެ ތަރުޖަމާ ވީ އިންޑިއާގެ ފުލުހުންނާއި އައިބީ އެޖެންޓުން ބޭނުންވި ގޮތަށް ތަހުގީގު އަނބުރާލަން ލިބުނު ރަނުގެ ފުރުސަތަކަށެވެ. އޭގައި، ރާއްޖޭގެ އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ދެކޮޅަށް ބެންގަލޫރުގައި ދިވެހިން ހިންގާ ހަރަކާތްތަކުގެ ވާހަކަތައް، އެ އަހަރުގެ އޮގަސްޓް އަދި ސެޕްޓެމްބަރު މަހު މަރިޔަމް ލިޔެފައިވެ އެވެ.

"އެކަމަކު، އޭނާގެ މައްޗަށް އަސްލު ކުރި ތުހުމަތާ ގުޅޭ އެއްވެސް ވާހަކައެއް [ޑައިރީއަކު] ނެތެވެ،" ރިޕޯޓުގައިވެ އެވެ.

ފައުޒިއްޔާ އާއި މަރިޔަމް (މެދުގައި) އަދި ނަމްބީ (ވ) ހައްޔަރުކޮށްގެން ގެންދަނީ.-- ފޮޓޯ: ޓައިމްސް އޮފް އިންޑިއާ

ދިވެހި ސަރުކާރަށް ޖާސޫސް ކޮށްދިން ކަމަށް މަރިޔަމް ބުނީ ކޮލަމްބޯ މަގުން ބެންގަލޫރަށް ދިޔަ ދަތުރުގަ އެވެ. އޭނާ ބުނި ކަމަށް ސީބީއައިގެ ރިޕޯޓުގައި ވަނީ، އެ ދަތުރުގެ ހުރިހާ ހަރަދެއް ހަމަޖައްސައި ދިނީ ވެސް ދިވެހި ސަރުކާރުން ކަމަށެވެ. އެކަމާ ދިވެހި ސަރުކާރުން ފަހުން ހަވާލު ނުވިކަން ރިޕޯޓުގައި ފާހަގަކޮށްފައި ވިޔަސް، މިއީ އެހެން މައްސަލައެއްގައި ހިންގާފައިވާ ތަހުގީގެއް ކަމުން ރާއްޖޭގެ ޖާސޫސީ އެެޖެންޓެއްގެ ގޮތުގައި އިންޑިއާގައި ހަރަކާތްތެރިވި ކަަމަށް ބުނާ މައްސަލަ އަށް މާ ބޮޑަށް އަލިއަޅުވާފައެއް ނުވެ އެވެ.

އެކަމަކު ވިސާއާ ގުޅުން ހުރި އާދައިގެ މައްސަލައެއްގައި އެހެން ކުރިއެއް ފަޅައި އިންޑިއާގެ ގައުމީ ސަލާމަތާ ގުޅުން ހުރި ބޮޑު މައްސަލަގަނޑަކަށް ބަދަލުވުމުގެ އަސްލަކީ، ރިޕޯޓުގައިވާ ގޮތުން، ޑައިރީގައި ހުރި ވާހަކަތަކެވެ. އޭގެ މައްޗަށް ބިނާކޮށް މަރިޔަމާ އިތުރަށް ސުވާލުކުރުމުން، އިންޑިއާގެ ޖައްވީ މަސައްކަތާ ބެހޭ ބޮޑެތި ސިއްރުތަކެއް ވިއްކުމުގައި ހަރަކާތްތެރިވާ ފުޅާ ނެޓްވޯކެއްގައި އަމަލީ ގޮތުން ބައިވެރިވާ ކަމަށް އޭނާ އެއްބަސްވި އެވެ. ފައުޒިއްޔާ އާއި ދެން ތިބި އިންޑިއާ މީހުން ނޮވެމްބަރު 13، 1994 ގައި ހައްޔަރުކޮށް، މަރިޔަމް ވެސް ރަސްމީކޮށް މި މައްސަލައިގެ ތަހުގީގަށް، ޖެހިގެން އައި ދުވަހު ބަންދުކުރީ އެވެ.

ތިން ވަނަ ދިވެއްސަކަށް ވެސް ތުހުމަތުކުރި

ކެރެލާ ފުލުހުންނާއި އައިބީން ގަދަކަމުން ނެގި ބަޔާންތަކުގައިވާ ގޮތުން، އިންޑިއާގެ ޖައްވީ ޕްރޮގްރާމުގެ ބޭނުމަށް ހެދި ވިކާސް ރޮކެޓު އިންޖީނުގެ ޓެކްނޮލޮޖީ ޕާކިސްތާނަށް ވިއްކައިގެން ބޮޑު ފައިދާއެއް ނެގުމުގެ ހިޔާލު ދިނީ ނަމްބީ އެވެ. ވިއްކާނެ ގޮތެއް ހޯދަން ނަމްބީގެ ބައިވެރިޔާ ސަސިކުމާރު ވާހަކަދެއްކީ ޗަންދުރަޝޭކަރާ އެވެ. އޭނާ އެ ވާހަކަ ދެއްކީ ފައުޒިއްޔާގެ އިތުރުން ކޮލަމްބޯގައި ދިރިއުޅޭ ޒުހޭރާ ކިޔާ އަންހެނެއް ކައިރީގަ އެވެ. އެ ދެ މީހުން އެކި ގޮތް ގޮތަށް ބެލުމަށް ފަހު ދިން ލަފަަޔަށް ބިނާކޮށް، ރަޝިއާގައި ހުންނަ ޗަންދުރަޝޭކަރާ އެއްކޮށް މަސައްކަތް ކުރާ މީހަކާ އެކު ހެދި ޑީލެއްގެ ދަށުން ހިންގި އެ މުއާމަލާތްތައް ކުރީ ރަޝިއާގެ ވެރިރަށް މޮސްކޯ މެދުވެރިކޮށެވެ. ރަޝިއާގެ ޔޫއާރުއޭއެލް އެއާލައިން (އޭރު ޔޫއާރުއޭއެލް އޭވިއޭޝަން)ގެ ފްލައިޓުތަކުގައި ރޮކެޓު އިންޖީނުގެ ކުރެހުންތަކާއި އެ ނޫން ވެސް ލިޔެކިއުންތައް ގެންގޮސް، ރަޝިއާގެ ޖައްވީ އިދާރާގެ އެޖެންޓު މެދުވެރިކޮށް ވިއްކައިގެންނެވެ.

މި ވިޔަފާރީގެ ތެރެ އަށް އޮގަސްޓް 1991 ގައި ފައުޒިއްޔާ ވެއްދީ، ގަދަކަމުން ނަގާފައިވާ ބަޔާންތަކުގައިވާ ގޮތުން، ފައުޒިއްޔާ އާއި މަރިޔަމް ވެސް ދަންނަ ޗަންދުރަޝޭކަރާ ގުޅުން އޮންނަ ނަމްބީ އެވެ. ހައްޔަރުކުރުމާ ހަމައަށް އެ ވީ ހަތަރު ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި، "ކްރަޔޯ" އަދި "ވިކާސް" އިންޖީނުގެ ކުރެހުންތައް އަޅާފައިވާ ފޮށިގަނޑުގަނޑު ގެންގޮސްދިނުމުގައި މެދުވެރިއެއްގެ ރޯލު ފައުޒިއްޔާ އަދާކުރި އެވެ. އެކަމުން އޭނާ އަށް 14،000 ޑޮލަރު (އޭރުގެ ރޭޓުން ގާތްގަނޑަކަށް 140،000 ރުފިޔާ/ މިހާރުގެ ރޭޓުން 215،880 ރުފިޔާ) އާއި 18،000 ޑޮލަރު ((އޭރުގެ ރޭޓުން ގާތްގަނޑަކަށް 180،000 ރުފިޔާ/ މިހާރުގެ ރޭޓުން 277،560 ރުފިޔާ)އާ ދެމެދުގެ އަދަދެއް ލިބުނު ކަމަށް، ނުބައިކޮށް ހިންގި ތަހުގީގުގައިވެ އެވެ.

އެ ވަގު ވިޔަފާރި ކުރުމުގައި، ރޮކެޓު އިންޖީނުގެ ކުރެހުންތައް ހޯދަނީ އައިއެސްއާރުއޯގައި މަސައްކަތް ކުރާ ނަމްބީ އެވެ. އޭނާ އެ ތަކެތި ގެ އަށް ގެންގޮސް ބެހެއްޓުމަށް ފަހު މީހަކު ލައްވާ ޗަންދުރަޝޭކަރު އަތަށް ގެންގޮސް ދެނީ އެވެ. އެ އެއްޗެހި ވިއްކުމުގެ ޑީލު ހެދުމުގައި އިސް ދައުރެއް އަދާކުރީ ފައުޒިއްޔާ ކަމަށް ބަޔާންތަކުގައިވެ އެވެ. އޭނާގެ "ބޮހެއް" ހުންނަ ކަމަށް ވެސް ބައެއް ބަޔާންތަކުގައި ލިޔެފައިވެ އެވެ. އެއީ ކާކުކަން ސީދާ ބަޔާންކޮށްފައި ނެތަސް، ބެލެވޭ ގޮތުގައި އެއީ ރަޝިއާގައި ހުންނަ އެޖެންޓެވެ. ފައުޒިއްޔާ އާއި މަރިޔަމް އެންމެ ފުރަތަމަ ދަންނަން ފެށީ ޗަންދުރަޝޭކަރަށް ވެފައި، އެންމެ ފުރަތަމަ ނަމްބީ އާއި ސަސިކުމާރާ ސީދާ ގުޅުން އޮތީ ޗަންދުރަޝޭކަރަށް ވުމުން، އެއީ އެކަން ހިނގާފައި ގޮތަށް ވުން ގާތެވެ.

ނަމްބީ: އޭރު އޭނާ އަކީ އިންޑިއާގެ ޖައްވީ އިދާރާގެ އިސް ސައެންސްވެރިއެއް.-- ފޮޓޯ: ރެޑިފް.ކޮމް

ފުލުހުންނާއި އައިބީގެ ތަހުގީގަށް ދިން ބަޔާންތަކުގައި އެއްބަސްކުރުވާފައިވާ ކަންކަން:

1- ވިކާސް އިންޖީނުގެ ބައެއްގެ ކުރެހުންތަކެއް ޖޫން 1990 ގައި ނަމްބީ ނަގައި ގެ އަށް ގެންދިޔަ އެވެ. އެ ތަކެތި ވިއްކުމަށް ޖޫން 1991 ގައި ޒުހައިރާ އަތަށް ގެންގޮސް ދިނެވެ. އޭރު ޒުހައިރާ ހުރީ ޓްރިވެންޑްރަމްގެ ހޮޓަލެއްގަ އެވެ.

2- ވިކާސް އިންޖީނުގެ އެހެން ބައެއްގެ ކުރެހުންތަކެއް އޮކްޓޯބަރު 1994 ގައި ނަމްބީ ނަގައި ގެ އަށް ގެންދިޔަ އެވެ. އެއީ ނޮވެމްބަރު މަހުގެ ތެރޭގައި އުތުރު ކޮރެއާ އަށް ވިއްކުމަށެވެ.

3- ވިކާސް އިންޖީނު އަޅާފައިވާ ރޮކެޓެއް ސެޕްޓެމްބަރު 1993 ގައި އުދުއްސާލުމުގެ ތެރޭގައި ފޭލްވުމުން، މުޅި ރޮކެޓުގެ ކުރެހުންތައް ނަމްބީ ނެގި އެވެ. ހަތަރު ބޮނޑި ހިމެނޭ އެ ކުރެހުންތައް ހިފައިގެން ނަމްބީ އާއި ސަސިކުމާރާއި ޗަންދުރަޝޭކަރާއި އިތުރު ފަސް މީހަކު ޒުހައިރާ ހުރި ހޮޓަލުގެ ކޮޓަރީގައި ސެޕްޓެމްބަރު 23، 1994ގައި ބައްދަލުކުރި އެވެ. އެ ތަކެތި ވިއްކީ 900،000 ޑޮލަރު (އޭރުގެ ރޭޓުން ނުވަ މިލިއަން ރުފިޔާ/ މިހާރުގެ ރޭޓުން 13 މިލިއަން ރުފިޔާ) އަށެވެ.

4- ޓްރިވެންޑްރަމްގައި ހުންނަ އައިއެސްއާރުއޯގެ ލިކުއިޑް ޕްރޮޕަލްޝަން ސިސްޓަމްސް ސެންޓަރު (އެލްއެސްޕީސީ) އަށް ސެޕްޓެމްބަރު 24، 1994 ގައި ފައުޒިއްޔާ އާއި ސަސިކުމާރަން ގޮސް، އެ ތަނުގެ އިމާރާތްތަކާއި ވަސީލަތްތަކުގެ ފޮޓޯ ނެގި އެވެ.

5- ޓްރިވެންޑްރަމްގައި ފައުޒިއްޔާ ހުރި ހޮޓަލުގައި ޑިސެމްބަރު 1993 ގެ ފަހު ހަފުތާގައި ފައުޒިއްޔާ ބައްދަލުކޮށް، ވިކާސް އިންޖީނު އަޅާފައިވާ ރޮކެޓެއްގެ ތަފްސީލުތައް ވިއްކަން ސަސިކުމާރަން ހުށަހެޅި އެވެ. އެ ޑީލް ކުރިއަށް ގެންދަން ފައުޒިއްޔާގެ ބޮސް ހުއްދަ ދިނުމުން އޮކްޓޯބަރު 15، 1994 ގެ ކުރިން 45،000 ޑޮލަރު (އޭރުގެ ރޭޓުން 450،000 ރުފިޔާ/ މިހާރުގެ ރޭޓުން 693،900 ރުފިޔާ) އަށް އެ މައުލޫމާތު ފޯރުކޮށްދޭން އެއްބަސްވި އެވެ. އެ އަށް ފަހު ސަސިކުމާރާއި ފައުޒިއްޔާ އަނެއްކާ ވެސް ބައްދަލުކޮށް، ޖެނުއަރީ 1994 ގެ ތިން ވަނަ ހަފުތާގައި ޗެންނާއީގައި ބައްދަލުކުރަން ނިންމި އެވެ. ޗެންނާއީގެ ހޮޓަލެއްގެ ފަސް ކޮޓަރި ޗަންދުރަޝޭކަރު ބުކް ކުރުމަށް ފަހު، ޖެނުއަރީ 24، 1994 ގައި ފައުޒިއްޔާ އާއި ޒުހައިރާ އާއި ޗަންދުރަޝޭކަރުގެ އިތުރުން ދެ މީހަކު އެ ހޮޓަލުގައި ބައްދަލުކުރި އެވެ. ރޮކެޓުގެ ތަފްސީލުތައް ދިނުމުން އަގުގެ ފުރަތަމަ ބައި ކަމަށްވާ 10،000 ޑޮލަރު ވަގުތުން ދިނެވެ.

6- ފައުޒިއްޔާ އާއި މަރިޔަމާއި ޒުހައިރާ އާއި ޗަންދުރަޝޭކަރާއި ސަސިކުމާރާއި އިތުރު ދެ މީހަކު ސެޕްޓެމްބަރު 1994 ގައި ބެންގަލޫރުގެ ހޮޓަލެއްގައި ބައްދަލުކުރި އެވެ. އޭގެ ތެރޭގައި ހިމެނޭ އިންޑިއާ ސިފައިންގެ ބްރިގޭޑިއަރަކު ޒުހައިރާ އާއި ޗަންދުރަޝޭކަރު ހޮޓަލުން ބޭރަށް ގެންގޮސް، ދިފާއީ ކަންކަމާ ބެހޭ ދިރާސާކުރާ ޑިފެންސް ރިސާޗު އެންޑް ޑިވެލޮޕްމަންޓް އޮގަނައިޒޭޝަން (ޑީއާރުޑީއޯ) އިން ހިންގާ އެއިރޮނޯޓިކަލް ޑިވެލޮޕްމަންޓް އެސްޓެބްލިޝްމަންޓް (އޭޑީއީ)ގެ ސިއްރު ލިޔެކިއުންތަކެއް ހިމެނޭ ސިޓީ އުރައެއް ދިނެވެ.

7- ޕާކިސްތާނުގެ ހަބީބް ބޭންކުން މާލޭގައި ހިންގާ ގޮފީގެ އެސިސްޓެންޓް މެނޭޖަރަކަށް އޭރު ހުރި ކަމަށް ބުނި މުހްޔިއްދީން ނަމަކަށް ކިޔާ މީހަކު، ޖުމްލަ 100،000 ޑޮލަރު (އޭރުގެ ރޭޓުން އެއް މިލިއަން ރުފިޔާ/ މިހާރުގެ ރޭޓުން 1.5 މިލިއަން ރުފިޔާ) ފައުޒިއްޔާ އަށް ފޮނުވި އެވެ. ފަހަރަކު 25،000 ޑޮލަރު (އޭރުގެ ރޭޓުން 250،000 ރުފިޔާ/ މިހާރުގެ ރޭޓުން 385،000 ރުފިޔާ) ފޮނުވިއިރު، ފުރަތަމަ ލިބުނު 25،000 ޑޮލަރު ޖެނުއަރީ 24، 1994 ގައި ފައުޒިއްޔާ ޗެންނާއީ އަށް ދިޔައިރު ގެންގޮސް ޗަންދުރަޝޭކަރަށް ދިނެވެ. ދެ ވަނަ ބައި މަރިޔަމް މެދުވެރިކޮށް ޖޫން 20، 1994 ގައި ލިބުމުން އެ އަދަދު ވެސް ދިނީ ޗަންދުރަޝޭކަރަށެވެ. ދޮށީ ދަރިފުޅު ސެޕްޓެމްބަރު 22، 1994 ގައި ޓްރިވެންޑްރަމަށް އައިއިރު ތިން ވަނަ ބައި ގެނައިއިރު، އިންޑިއާ އަށް ދިޔަ ދިވެއްސެއް މެދުވެރިކޮށް ލިބުނު ފަހު 25،000 ޑޮލަރު ދިނީ ސަސިކުމާރަށެވެ.

8- ޗަންދުރަޝޭކަރު ދިން ދެ ސިޓީ އުރައެއްގެ ތެރެއިން އެކަތި ޖުލައި 7، 1994 ގައި ފައުޒިއްޔާ މާލެ އައިސް މުހްޔިއްދީން އަތަށް ދިނެވެ. ދެ ވަނަ ސިޓީ އުރަ މާލެ ފޮނުވީ ޓްރިވެންޑްރަމްގައި ފައުޒިއްޔާއާ އެއް ހޮޓަލެއްގައި ހުރި ދިވެއްސަކު އޮކްޓޯބަރު 1، 1994 ގައި އެނބުރި ރާއްޖެ ދިޔައިރު އެވެ. މީގެ އިތުރުން، ސަސިކުމާރު ދިން ދެ ސިޓީ އުރައެއްގެ ތެރެއިން އެކަތި ވެސް އެ މީހާ އަތުގައި ފައުޒިއްޔާ މާލެ ފޮނުވި އެވެ. ބާކީ އޮތް ސިޓީ އުރަ ފުލުހުންގެ ތަހުގީގު ފެށުމާ އެކު ނައްތާލީ އެވެ.

އޮޅުވާލުމާއި ދޮގު ތުހުމަތުތަކެއް

ތަހުގީގުގެ ހުރިހާ ކަމެއް އައިބީގެ ބާރުގެ ދަށަށް ގެންގޮސް، އެ އެޖެންސީގެ ވެރިޔާ ގެންދެވީ ސަރުކާރުގެ މުހިއްމު ހުރިހާ އިދާރާއަކަށްހެން "ނުރަސްމީ ނޯޓުތަކެއް" ފޮނުއްވަމުންނެވެ. އެ ނޯޓުތަކުގައި ތަހުގީގުގައި ދަށްކަމުން ގެންދިޔަ އެކި ވާހަކަތައް، އެއްވެސް ހެއްކަކަށް ބެލުމެއް ނެތި، ހިމަނާފައި ވާތީ ސަރުކާރަށް އޮޅުން އަރައި މި މައްސަލަ މިނަށް ވުރެ ބޮޑުކުރެވުނު ކަމަށް ސީބީއައިން ބެލި ބެލުމުން ހާމަވި އެވެ. އެހެންވެ، މައި ސަރުކާރުން އަންގައިގެން ސީބީއައިން ތަހުގީގާ ހަވާލުވެ ތުހުމަތު ކުރެވުނު އެންމެން ދިން ބަޔާންތަކާއި ނޯޓުތައް މުރާޖައާ ކުރި އެވެ.

ފައުޒިއްޔާ އާއި މަރިޔަމް (މެދުގައި) ހައްޔަރުކޮށްގެން ގެންދަނީ.-- ފޮޓޯ: ހިންދުސްތާން ޓައިމްސް

ފައުޒިއްޔާ އާއި މަރިޔަމާއި އެ މައްސަލައިގައި ހައްޔަރުކޮށްފައި ތިބި މީހުންނާ ސީބީއައިން ސުވާލުކުރުމާ އެކު، ކުރިން ދިން ބަޔާންތައް ދޮގުކުރި އެވެ. އެއީ، އެ މީހުން ބުނި ގޮތުގައި، ޖަލުގައި އަނިޔާކޮށް، މަޖުބޫރު ކުރުވައިގެން ނެގި ބަޔާންތަކެކެވެ. އެ މީހުން ސީބީއައި އަށް ކިޔައިދިން ގޮތުގައި ކުށަށް އިއުތިރާފްވެ، އެކަން ކުރި ގޮތް ކަމަށް "ހަދަހަދައިގެން" ވާހަކަ ދެއްކީ އައިބީގެ އެޖެންޓުން "ލަވައިދީގެން"ނެވެ. ހާއްސަކޮށް، މަރިޔަމް ބަންދުކޮށްފައި ހުރި ތަނުގައި ފޯރިމަރަން ހުރި އައިބީގެ އެޖެންޓަކު ކިޔައިދިން ގޮތުގައި ކުށަށް އިއުތިރާފު ނުވެއްޖެ ނަމަ މަރިޔަމް އޮރިޔާންކޮށް، ގަނޑުފެންތަކެއްގެ މަތީގައި ބާއްވައި ގަޔަށް އެކި ވައްތަރުގެ ސޫފާސޫފި އަޅާނެ ކަމުގެ އިންޒާރު އައިބީގެ އެޖެންޓުން ދިނެވެ.

ބަޔާންތައް ދޮގުކުރުމުގެ އިތުރަށް، އޭގައި ހުރި އެތައް ކަމެއް ލިބިފައި ހުރި އެހެން ހެއްކާއި ގަރީނާތަކާ ދިމާ ނުވާކަން ވެސް ސީބީއައި އަށް ފާހަގަކުރެވުނެވެ. އެ ގޮތުން، ޖެނުއަރީ 1994 ގައި ބޭއްވި ކަމަށް ބުނި އެންމެ މުހިއްމު ބައްދަލުވުން ހިނގާފައިވާ ކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށާއި އެހެން ހޯދުންތަކަށް ބަލާއިރު އެއީ ބޭއްވި ބައްދަލުވުމެއް ނޫން ކަމަށް ވެސް ސީބީއައިގެ ރިޕޯޓުގައިވެ އެވެ. ޓްރިވެންޑްރަމާއި ޗެންނާއީގައި އެ ބައްދަލުވުން ބޭއްވި ކަމަށް ބުނި ހޮޓާތަކުގެ ރެކޯޑުތައް ފުށޫއަރަ އެވެ.

މީގެ އިތުރުން، އެކި ބައްދަލުވުންތަކުގައި ބައިވެރިވި ކަމަށް ތަހުގީގުގައި ފައުޒިއްޔާ އާއި މަރިޔަމް ބުނި އިންޑިއާ ފުލުހުންގެ އިސް ވެރިއެއްގެ ފޮޓޯ އެ މީހުންނަށް ދެއްކުމުން އެއީ އެ މީހާކަން ބުނެދޭކަށް ނޭނގުނެވެ. ޖޫން 1993 ގެ ފަހުން ޒުހައިރާ އިންޑިއާ އަށް ގޮސްފައި ނުވާކަން ރަސްމީ ރެކޯޑުތަކުން ޔަގީން ކުރެވޭއިރު، ފައުޒިއްޔާމެންނާ އެއްކޮށް ޖާސޫސް ކުރުމުގައި ބައިވެރިވެވޭނީ ކިހިނެއްތޯ ސީބީއައިން ސުވާލު އުފައްދާފައިވެ އެވެ. ހަމަ އެ ގޮތަށް، ޖެނުއަރީ 24، 1994 ގެ ކުރިން ފައުޒިއްޔާ ދުވަހަކު ވެސް އިންޑިއާ އަށް ގޮސްފައި ނުވާއިރު، އޭގެ އަހަރުތަކެއް ކުރިން އޭނާއާ އައިއެސްއާރުއޯގެ ސައެންސްވެރިންނާ ދިމާވި ކަމަށް ތަހުގީގުގައި ބުނުވާފައިވާ މައްސަލަ ސީބީއައިން ނެގި އެވެ. އަދި ފައުޒިއްޔާ އަށް ފައިސާ ގެންގޮސްދިން ކަމަށް ބުނި އެންމެން އެކަން ދޮގުކޮށްފައި ވުމާ އެކު، ތަހުގީގުގައި ބޮޑެތި އަދަދުތަކުން ފައިސާ ނެގި ކަމަށް އެއްބަސްކުރުވާފައި ވިޔަސް އެފަދަ އެއްވެސް ކަމެއް ހިނގާފައި ނުވާ ކަމަށް ސީބީއައިން ނިންމި އެވެ.

ސީބީއައިން އަދި ވަރަށް މުހިއްމު ކަމެއް ބެލި އެވެ؛ ވަގަށް ނަގައިގެން ވިއްކި ކަމަށް އެއްބަސްކުރުވި އެއްވެސް ލިޔުމެއް ގެއްލިފައިވޭތޯ އެވެ. ސީބީއައިން އެދިގެން އައިއެސްއާރުއޯ އިން ކުރި އެތެރޭގެ އޮޑިޓަކުން ހާމަވި ގޮތުގައި ވަގަށް ނެގި ކަމަށް ބުނި ލިޔެކިއުންތައް ހިމެނޭ ބައިގައި ޖުމްލަ 33،436 ލިޔުން ހުރިއިރު، އޭގެ ތެރެއިން މަދު ވަނީ އެންމެ ހަތަރު ލިޔުމެވެ. އެކަމަކު، އެ ލިޔުންތައް ހަމަ އެ ތަނުގެ ތެރޭގައި ހުއްޓާ ފަހުން ފެނުނެވެ. ހަމަ އެއާ އެކު، ވަގަށް ނެގި ކަމަށް ބުނި ލިޔެކިއުންތަކަކީ އެކިއެކި ޓެކްނޮލޮޖީތަކާ ގުޅޭ ލިޔުންތައް ކަމާއި އެއިން އެއްވެސް އެއްޗަކީ ބޮޑު އެއް ސިސްޓަމްގެ ޓެކްނޮލޮޖީ ދެނެގަނެވޭ ވަރުގެ މުހިއްމު ލިޔުންތަކެއް ނޫންކަން ވެސް އެނގުނެވެ. އެހެންވެ، ސީބީއައިން ނިންމީ އެއްވެސް ލިޔެކިއުމެއް ގެއްލިފައި ނުވާ ކަމަށާއި ވިއްކާފައި ވެސް ނުވާ ކަމަށެވެ.

އިދާރީ އުސޫލުތަކާ ހިލާފު އެތައް ކަމެއް ވެސް މި މައްސަލައިގެ ތަހުގީގުގެ ތެރޭގައި އައިބީން ކޮށްފައިވާކަން ސީބީއައި އަށް ފާހަގަކުރެވުނެވެ. އެންމެ ބޮޑު އެއް މައްސަލައަކަށް، ތުހުމަތު ކުރެވުނު ބައެއް މީހުންނާ ސުވާލު ކުރި ބައެއް ސެޝަންތަކުގެ ރެކޯޑު ބަލަހައްޓާފައެއް ނުވެ އެވެ. އެއީ، ސީބީއައިގެ ރިޕޯޓުގައި ބުނި ގޮތުގައި، "އައިބީން ބޭނުންވި ގޮތަށް ވާހަކަ ނުދެއްކުމުން"ނެވެ. މީގެ އިތުރުން، ބައެއް ބަޔާންތަކުގައި ތާރީހު ޖަހާފައި ނުވުމާއި ސޮއިކޮށްފައި ނެތް މައްސަލަ ވެސް ސީބީއައިން ނެގި އެވެ. އަދި ތަހުގީގު ޓީމުގައި ހިމެނޭ އެޖެންޓުން އެއް ކަމެއްގައި އެކި ގޮތްގޮތަށް ވާހަކަދައްކާފައިވާކަން ވެސް ސީބީއައިގެ ތަހުގީގަށް ވަނީ ފާހަގަކުރެވިފަ އެވެ.

"މި ހުރިހާ ކަމަކަށް ބަލާއިރު، އައިއެސްއާރުއޯ މައްސަލަ ބެލި އެޖެންޓުންނާއި އިސް ވެރިން ހިމެނޭ ގޮތަށް އައިބީގެ އޮފިޝަލުން އަމަލުކޮށްފައި ވަނީ ޒިންމާދާރުކަން ކުޑަ ގޮތަކަށެވެ. އޭގެ ސަބަބުން އެއްވެސް ކުށެއް ނެތް ހަ މީހަކު ހައްޔަރުކޮށް، އެ މީހުންނަށް ނަފުސާނީ އަދި ޖިސްމާނީ ގެއްލުންތަކެއް ވަނީ ލިބިފަ އެވެ،" ސީބީއައިގެ ރިޕޯޓުގައިވެ އެވެ.

އިންޑިއާގެ ކޯޓަކުން ފައުޒިއްޔާ އާއި މަރިޔަމް ދޫކޮށްލީ 1990ގެ އަހަރުތަކުގެ ފަހުކޮޅު އެވެ. އެ މީހުންގެ މައްޗަށް ކުރި ތުހުމަތުތަކާއި އަނިޔާކޮށް، ގަދަކަމުން އެއްބަސްކުރުވި ކަންކަން ވީ ހަމަ އަސްލަށް ވެސް ފިލްމެއްގެ މަންޒަރުތަކެއް ކަހަލަ ހިޔާލީ ކަމަކަށެވެ. އަހަރުތަކެއް ހޭދަކުރުމަށް ފަހު އެ ދެ މީހުން ރާއްޖެ އައީ އެވެ. އެނބުރި އިންޑިއާ އަށް ނުދާން ނިންމައިގެންނެވެ.

މިއީ ކުށެއް ނެތް ދިވެހި ދެ އަންހެނަކަށް އިންޑިއާ ފުލުހުން ދިން ވަރަށް ބޮޑު އަނިޔާތަކެކެވެ.

46 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 70%
icon angry icon angry 30%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މަ

03 September 2016

މި އާޓިކަލް ކިޔާފައި މަ ހަމަ ހައިރާން ވެއްޖެ..އެ މީހުންނަށް މާލީ ބަދަލެއް ދޭން ޖެހޭން އިންޑިއާ ސަރުކާރުން..

The name is already taken The name is available. Register?

ޢަލީ

03 September 2016

އިންޑިއާއިން މަދަނީ ބަދަލެއްނަގައިދޭން ދަޢުވާ ކުރަންފެނޭ. އަދި ބޮލީވުޑް ފިލްމެއްވެސް ހަދަންފެނޭ.

The name is already taken The name is available. Register?

ބަސް

03 September 2016

ތި އިންޑިޔާ ތަހްޒީބްވާން އަދި އެއްލައްކަ އަހަރު ނަގާނެ ހާއްސަކޮއް ޓްވެރަމްޑަމް ޕޮލިހުން .ދިވެހިން ތި އިންޑިޔާ އައް ނުދިއުމައް ގޮވާލަން.

The name is already taken The name is available. Register?

ލޮލް

02 September 2016

އެނގޭތަ؟ މިހާދިސާއަށް ފިލްމެއްހަދަން ދިވެހި ފިލްމީތަރިންތަކެއް އިންޑިއާއަށް ގޮސް މަންޒަރުތަކެއްނަގަނިކޮށް ޑީޕޯޓުކޮއްލި. ޒީނަތުއާއި ޔޫއްޕެ ކުރެން އަހާބަލަ.

The name is already taken The name is available. Register?

ޑާންސްފްލޯރ

02 September 2016

ދިވެހި ދެ އަންހެނަކަށް އިންޑިއާ އިން ވަރަށް އިހާނެތި ކޮށް ކަން ކޮށް އަދި އެ ދެ ފަކީރުންގެ މުޅި ދިރިއުޅުން ވަނީ ހަލާކުކޮށްލާފައެވެ. އިންޑިއާގެ ކަރަޕްޓް ބަޔަކު ދިވެހި ދެ އަންހެނަކު ހައްޔަރު ކޮށްގެން ދޮގު ހަދައިގެން އެވެރިން ޖަލަށް ލީ އެއީ އެއްވެސް ހެއްކެއް އެއަކު އޮވެގެން ނޫނެވެ. މީ މަމެން ދިވެހިންގެ ގޮތުގައި ތިބެގެން އެއްގޮތަކަށް ވެސް އިންޑިއާ އަށް މާފު ކުރާނެ އަދި ކުރެވޭނެ ކަމެއް ނޫނެވެ. އިންޑިއާ އިން މަމެން ދިވެހިންގެ ދެ އަންހެން ކަނބަލުންގެ މުޅި ދިރިއުޅުން ދުއްވާލުމުން އެކަމާއި ވަރަށް ދެރަަ ވަމެވެ. މަމެން މިކަން އެެ ކުރި އެގައުމުގެ މީހުންނަށް މިކިޔަނީ އެއީ ސޫޒީ އެވެ.

The name is already taken The name is available. Register?

ބާލާދެން

02 September 2016

އިންޑިއާ އިން ރާއްޖޭގެ އަގު ބޮޑު ދިވެހި ދެ ދަރިންނާއި މެދު ކަންކަން ކުރީ އީ ވަރަށް އިހާނެތި ކޮށް އެވެ. އޭގެ ބަަދަލު ދޭން ޖެހޭނެ އިންޑިއާ . އެގޮތުން އިންޑިއާގެ އެމްބަސީ މާލޭން ބާލާ އައްޑު އަށް އިންޑިއާ އެމްބަސީ ބަދަލުކޮށް އަދި އިންޑިއާ އަށް މާލޭން ދީފައިވާ ބިން ވެސް އަތުލަންވީއެވެ. މާލޭ ފަދަ ގްރޭންޑް ޓޯކިޔޯ އަށް ވުރެން ބިމުގެ އަގު ބޮޑު ބިމަކުން އިންޑިއާ ފަދަ ފަގީރު އަދި ކަރަޕްޝަން މަތީ ގައުމަކަށް މާލޭގެ ގްރޭންޑް މަގަކަށް ވާ ގޮތަށް ހުންނަ ލޮކޭޝަން އަކުން ގޯއްޗެއް ދީގެން ނުވާނެެއެވެ. އިންޑިއާ ގެ އެމްބަސީ އަޅާ އައްޑޫގައި. އެތަނުގައި ބިން ވެސް އޮތީ އަދި އިންޑިއާ އާއި ކައިރި ވެސް ވާނީ އެތަން އެވެ. އިންޑިއާ ތީ ދެން ހާދަ ޗައިނާ އާއި ވާދަ ކުރަން އުޅޭ ބަޔެކޭ ދޯ ތިމަމްނާ މެންނަކީ ދެން ސާރކް ސަރަހައްދުގެ މާ ބޮޑު ބާރެއް ކަމަށް ހެދިގެން. ކޮން ބާރެެއްތަ. އިންޑިއާ މިހާތަނަށް ކުރި އެއްވެސް ހަނގުރާމަ އަކުން ވެސް ނެތް މޮޅު ވެފައި. އިންޑިއާ ދީ ބަަދަލު މަމެންގެ ދެ ދިވެހިން ހައްޔަރުކޮށް ގެން ދޭން ޖެހޭ. އަގަކީ 2 ޓްރިލިއަން ޑޮލަރު. ނުދެންނާ ދެން އިންޑިއާ އެމްބަސީ އަކަށް މާލޭން ބިމެއް ނުލިބޭނެއެވެ. ހަނދާން ނައްތާލަން ޖެހޭނީ ދެން އެބިމުގެ މަތިން އިންޑިއާ.

The name is already taken The name is available. Register?

މަހާބާރަތު

02 September 2016

އެންޓި އިންޑިއާ ގެ ނަމުގަ ކޮމެންޓްކުރި ބޭފުޅާއަށް 88 ނޮވެމްބަރ 3 އާބެހޭ އެކައްޗެއްވެސް ނޭނގެއެވެ. 88 ގަ ދިވެހިރާއްޖެ ސަލާމަތްކޮށްދިނީ އިންޑިއާ އިން އެވެ. ބަނޑޭރިގޭގައި ބޭރަށް ނުނިކުމެވި ތާށިވެފަ ތިބި ސިފައިންނަށް ބޭރަށް ނުކުމެވޭ ގޮތްވީ އިންޑިއާ ސިފައިން ރާއްޖެ އައުމުންނެވެ. ހަމައެގޮތަށް ބާޣީން ފިލައިގެން ދާން ބޯޓެއް ފޭރިގަނެ ބަޔަކު ރަހީނު ކުރީވެސް އިންޑިއާ ސިފައިން އަންނަކަން ކޮންމެވެސް ގޮތަކުން އެމީހުންނަށް އެނގުނީމައެވެ. އިންޑިއާ ސިފައިން ގޯދާވަރީގަ ގޮސް ބަޑިޖަހާ ބާޣީންލިއިގެން ދާން އަތުލި ބޯޓު ފައްތާނުލިނަމަ އެބޯޓުގައި ރަހީނު ކޮށްފަ ތިބި އެއްވެސް ދިވެއްސަކުވެސް އަދި ބާޣީ އަކުވެސް އަތަކު ނުވީހެވެ. ހަގީގަތަކީ މިއީއެވެ.

The name is already taken The name is available. Register?

ކައުންސެލަރު

02 September 2016

މިވަރުބަޔަކަށް އެއާރޕޯރޓް ހަދަހަރޭ ކިޔާފައި ދީގެން އުޅުނީ................... ބަޔަކު އަނދަގޮނޑި ޖެހެދާނެއެންނު.!<!

The name is already taken The name is available. Register?

ސްނޭކް

02 September 2016

ސާބަސް.. ކޮމެންޓްތައް ކިޔާލައިފަ ހަމަ އަޖައިބު ވެއްޖައިން... މިއޮށްފަދަ ޒަމާނުގަވެސް ހަމަ އަދިވެސް ނާތަހުޒީބު ތަންދޮރު ނުދަންނަ މީހުން މިރާއްޖޭގައިވެސް ގިނަކަން... މިރިޕޯޓް އެއްކޮޅުން އަނެއްކޮޅަށް ކިޔާލިއިރުގައިވެސް ރާއްޖޭގެ ސަރުކާރުން ކުރި އެއްކަމެއްވެސް ނުފެނޭ.. ފެނުނީ އެކެއްގެ ޑައިރީގައި އޭރުގެ ސަރުކާރާއިދިކޮޅު މަސައްކަތްތަކެއްގެ ވާހަކަ ލިޔެވިފައިއޮތްވާހަކަ... ރައްޔިތުންގެ ފައިސާއިން ޚަރަދުކުރާ އެމްބަސީއެއް އިންޑިޔާގައި އޮވޭ.. އެތަނުން މިކަމާއި ގުޅިގެން ކުރި އެއްވެސް ވާހަކައެއް ނެތް... ޗައިނާގެ ރައްޔިތެއް ރާއްޖޭގެ ޖަލެއްގައި އޭނާގެ އުމުރު ދުވަސް ހޭދަ ކުރިގޮތުގެ ވާހަކަ ހަދާން ހުރިބާ.. އެއީ މިރާއްޖޭގައި ކުރެވުނު ދަޢުވާއެއް.. އެންމެ ފަހުން އޭނަޔަކީވެސް ކުށެއް ނެތް މީހެއްކަމަށް ވީ.. މިހާރު ހައްޔަރު ކުރެވިފަވާ ސްރީލަންކާގެ ސްނައިޕަރުގެ ވާހަކަ.. ސާބިތު ހެކިތަކެއް ނެތި އަނެއްކާވެސް ރާއްޖޭގެ ކޯޓުތަކުން މުއްދަތަކަށްފަހު މުއްދަތެއް ޖަހަމުން އެދަނީ ވަކި މީހެއްގެ އަމިއްލަ ފައިދާއަކަށް ނޫންބާ،،، މިހެން ހިގާކަންތައްތަކާއި ގުޅުވައި އިންޑިޔާ ބަދުނާމު ކުރާތީ ހައިރާންވޭ ... ބަލަގަ އިންޑިޔާގެ ރައީސް އާއި ބޮޑުވަޒީރެއް ކޮރަޕްޓް ވިއަޑެއް ނާހަން ދުވަހަކުވެސް .. ރާއްޖޭގެ އެންމެން އެދައްކަނީ ދިވެހި ރާއްޖޭގެ ރައީސް އާއި ނައިބު ރާއިސްގެ ކޮންވާހަކަތަކެއްތޯ.. ބޮޑުވަރު..

The name is already taken The name is available. Register?

އެމްއެމްއައި

03 September 2016

ސަހަރޯ ކަލެއަށް ހާދަ އެނގެޔޭ ދޯ. ކަރަޕްޝަން ބޮޑު އިންޑިޔާގައި އެންމެ ބޮޑަށް ކޮރަޕްޓީ އެގައުމުގެ ކޮރަޕްޓް ވެރިން. މިހާރު އަރާ ހުރި މީހާ އަކީ ގުޖްރާތުގައި މުސްލިމު ރޯމާ ދުވާލު ކަތިލިއިރު އެތަން ލޮލުން ދެކޭން އެއްވެސް ކަމެއް ނުކޮށް ހުރި މީހާ. މި ފަދަ ކިތަންމެ މުޑުދާރު ކަމެއް އިންޑިޔާއިން ވަނީ ކޮށްފައި.

The name is already taken The name is available. Register?

އަތުލާ

02 September 2016

ދިވެހި ދެ އަންހެނަކަށް އިންޑިއާ އިން ދިން ބޭއިންސާފު އަނިޔާގެ ބަދަލު ދޭން ޖެހޭނެ އިންޑިއާ އެމްބަސީން. މާލޭން ކީއްކުރަން އިންޑިއާ އެމްބަސީ އަޅަން ދިން ބިމެއްތޯއެވެ. އެބިން ވެސް އަތުލަންވީ އިންޑިއާ އަތުން. ހަމަ މިހާރުން މިހާރަށް އަތުލަންވީއެވެ. އެއިރަށް ހުންނާނީ ރަނގަޅަށެވެ.

The name is already taken The name is available. Register?

ނަސްމާއަލީ

02 September 2016

ތިދެން މާމައްޗަށް ދޯ ތިިދަނީ. ތިވަރުނުވިޔަސް ވެދާނެ ކަލޯ. އިންޑިއާ އާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ތިހެގޮވިޔަސް ގެއްލުންވާނީ ހަމަ މި ރާއްޖެއަށް. ސައިޒު އޮޅިގެން ނޫޅެބަލަ. މީ އެމެރިކާއެއްނޫނޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454