ޕީޕީއެމް ސަލާމަތްވާން އޮތީ އިސްލާހީ އެޖެންޑާއަކުން!

ޕީޕީއެމަކީ ކާމިޔާބު ސިޔާސީ ޕާޓީއެކެވެ؛


މިއީ، ޑީއާރުޕީ ދެ ފަޅިވެ، 2011 ގައި އުފެއްދި ޕީޕީއެމާ ގުޅޭ ގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަރަށް ފަޚުރުވެރިކަމާ އެކު ޖަލްސާތަކުގައި ވިދާޅުވި ވާހަކަފުޅެކެވެ. ސަބަބުތަކެއް ވެސް ހުއްޓެވެ.

ސަރުކާރު ޒިންމާދާރު ކުރުވަން އުފެއްދި ޕާޓީ އަށް 2013 ގައި ދެ އަހަރު ފުރުނު އިރު އޮތީ ރާއްޖޭގެ ވެރިކަމުގަ އެވެ. ކައުންސިލް އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވެސް ބޮޑު އަޣުލަބިއްޔަތެއް ހޯދި އެވެ. އެންމެ މެމްބަރުން ގިނަ ޕާޓީ އަށް ވި އެވެ. ކުރު މުއްދަތަކުން އެހާ ބޮޑު ކާމިޔާބީއެއް ރާއްޖޭގެ އެހެން ސިޔާސީ ޕާޓީއަކަށް ނުހޯދެ އެވެ. އެހެންކަމުން، ޕާޓީގެ ރައީސްގެ މަގާމުގައި ހުންނަވައި އެ ބަސްފުޅު އޭރު އެގޮތަށް ވިދާޅުވެވެން އެމަނިކުފާނަށް އޮތެވެ.

އެކަމަކު ޕީޕީއެމް މިއަދު އޮތް ހާލަތު ތަފާތެވެ؛

ވެރިކަން ކުރަން އަދި ސަރުކާރު ޒިންމާދާރު ކުރުވަން ވެސް ކަމަކު ނުދެ އެވެ. އެ ޕާޓީގެ ލީޑަޝިޕާ މެދު ރައްޔިތުންގެ އިތުބާރެއް ނެތެވެ. ނަތީޖާއަކަށް ވީ މިދިޔަ ސެޕްޓެމްބަރު މަހުގެ ރިޔާސީ އިންތިޚާބާއި އޭގެ ހަ މަސް ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވެސް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހުމެވެ. ދެ ފަހަރު ވެސް ރައްޔިތުން އެދުނީ "އިސްލާހީ އެޖެންޑާއެއް" އެކުލަވާލުމަށެވެ.

ރިޔާސީ އިންތިޚާބުގައި ބަލިވުމުން ވެސް އެކަން ގަބޫލުކޮށް، ޕާޓީން އެޅި ފިޔަވަޅެއް ނެތެވެ. އޭގެ ހިތި މިއަދު އޮތީ ފެންނާށެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ވިއްކީ ސަރުކާރު ޒިންމާދާރު ކުރުވާނެ ކަމުގެ ވައުދެވެ. ރައްޔިތުން އެ ވާހަކަތައް ބަލައެއް ނުގަތެވެ. ވެރިކަމުގައި އޮތް އެމްޑީޕީ 65 ގޮނޑިއާ އެކު ތާރީޚީ ކާމިޔާބީއެއް ހޯދި އިންތިޚާބުގައި ޕީޕީއެމަށް ލިބުނީ އެންމެ ފަސް ގޮނޑި އެވެ. މިއީ، ޖުލައި 31، 2018 އާ ހަމައަށް، ރާއްޖޭގެ އެންމެ މެމްބަރުން ގިނަ ސިޔާސީ ޕާޓީގެ ގޮތުގައި އޮތް ޕީޕީއެމަށް ކުރިމަތިވި ބޮޑު ލަދެކެވެ. ޕާޓީގެ ލީޑަޝިޕް ފޭލްވެފައިވާ ކަމުގެ ސާފު ހެއްކެވެ.

ދެން އޮތީ ޕާޓީ އިސްލާހު ކުރުމެވެ؛ އެކަމަކު އެކަން ކުރެވެން އޮތީ މިހާތަނަށް ހެދި ހުރިހާ ގޯސްތަކެއް ރަނގަޅުކޮށްގެންނެވެ. އެކަމަށް ވާން އޮތީ، ޕާޓީގެ އިސް ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި، "ބޮޑު ގުރުބާނީ" އެކެވެ.

ރައީސް ޔާމީނާއި ކުރީގެ ރައީސް މައުމޫން ބައްދަލުކުރައްވަނީ: މައުމޫން ބޭރުކޮށްލުމުން ޕީޕީއެމަށް ހީނަރުކަން އައި.--ފައިލް ފޮޓޯ: ރައީސް އޮފީސް

ވަކި ބަޔަކު ކޮންޓްރޯލް ނެގުން: ވަރަށް ހިތި!

ޕީޕީއެމްގެ ލީޑަޝިޕްގައި މިހާރު ތިއްބެވި ބައެއް އިސް ބޭފުޅުން ވިދާޅުވި ގޮތުގައި ޕާޓީ ވިއްސިވިހާލި ވުމުގެ ގިނަ ސަބަބުތަކެއް އެބަ ހުއްޓެވެ.

އެ ބޭފުޅުން ވިދާޅުވި ގޮތުން ނަމަ، އެންމެ ބޮޑު މައްސަލައަކީ ޕާޓީގެ އާއްމު މެމްބަރުން އެކައްޗަކަށް ވެސް ނުހެދުމެވެ. ޕާޓީ ހިންގަން އެކުލަވާލި އަސާސީ ގަވާއިދު ވެސް ބޮޑު ފޮއްޓަށް ލައި ތަޅުލީ އެވެ. ޕާޓީގެ މައި އޮފީސް ވެސް "އޮޅުވާލީ" އެވެ. ޕީޕީއެމްގެ ނަން ބޯޑު ޖަހައިގެން ހިންގާ އޮފީހެއް ހުއްޓައި ޕާޓީގެ ހުރިހާ ނިންމުމެއް އުފަންވާން ފެށީ، ކުރީގެ ފަސްޓް ލޭޑީ ފާތުމަތު އިބްރާހީމްގެ އޮފީހުންނެވެ. ޕާޓީގައި ބާރާއި ނުފޫޒު އޮތީ ވަކި ބަޔަކަށެވެ. ރަށްރަށުގައި އުފެއްދި ގޮފިތަކާއި ޕާޓީއާ ދެމެދު ގުޅުން ކެނޑުނީ އެވެ.

ޕާޓީގެ މިސްރާބު ގެއްލެން ފެށުމުން އިސްލާހަށް، ޕާޓީގެ ރައީސް މައުމޫން މަސައްކަތްޕުޅު ފެއްޓެވި އެވެ. އެކަމަކު އެމަނިކުފާނުގެ "ބުރަކަށިފުޅުގައި އަތްއަޅައި ޕާޓީގެ ދޮރުން ބޭރުކޮށްލީ" އެވެ. ގާނޫނީ އިމުގެ ތެރެއިން އެމަނިކުފާނަށް ހުރި ފުރުސަތުތައް ވެސް ބަންދުކޮށްލީ އެވެ.

ކުރީގެ ރައީސް އަދި މިހާރު ޕީޕީއެމްގެ ވެސް ރައީސް އަބްދުﷲ ޔާމީނާ އެކު ޕީޕީއެމްގައި ތިއްބެވި ބޭފުޅުން ގަބޫލު ނުކުރެއްވިޔަސް މައުމޫން ބޭރުކޮށްލުމަކީ ޕީޕީއެމް އަނދަވަޅަކަށް ވެއްޓުމުގެ ފެށުމެވެ. އާއްމު މެމްބަރުންގެ ހިތްހަމަނުޖެހުން އިންތިހާ އަށް ބޮޑުވީ އެވެ. ޕާޓީ އަށް އޮތް އިތުބާރު ވެސް ގެއްލުނެވެ.

ޕީޕީއެމްގެ އާ އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ޔާމީންގެ ދެކަނބަލުންނާއި ޕާޓީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެއާ އެކު ވެސް ޕީޕީއެމް ވެރިކަމުގައި އޮތުމުން ޕާޓީގެ ސައިޒު ދައްކަން ފުރުސަތު ލިބުނެވެ. ސަރުކާރުގެ ވަޒީފާތަކުގައި ތިބި އެންމެންނަކީ ޕީޕީއެމްގެ މެމްބަރުން ކަމަށް ދައްކައި މަންޒަރު ރީތި ކުރުމުގެ ޖަލްސާތައް ވެސް ބޭއްވި އެވެ.

އެކަމަކު ހަގީގަތަކީ މި އެވެ؛ ރިޔާސީ އިންތިޚާބު ބޯމަތިވި އިރު ޕާޓީ ދެ ފަޅި އަށް ބައިވެ އޮތީ ވިއްސިވިހާލިވެފަ އެވެ. އިންތިޚާބު ކާމިޔާބު ކުރަން އެއް ފެކްޝަނަކުން ރާވާ ރޭވުންތައް އަނެއް ފެކްޝަނަކަށް ސިއްރެވެ. މި ހައިޖާނުގަނޑުގައި، ޕާޓީ އަށް ކުރިމަތިވީ ބޮޑު ނާކާމިޔާބެކެވެ.

މަޖިލީސް އިންތިޚާބުގައި ވެސް ހެދީ ހަމަ އެ ގޯހެވެ. ދާއިރާތަކަށް ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައަޅަން ޓިކެޓް ބެހުމުގައި ވެސް ހަމައެއް އަދި އުސޫލެއް ވެސް ނެތެވެ. ޕްރައިމަރީއަކާ ނުލައި ޓިކެޓް ދިނުމަށް ފަހު އެއް ބައެއްގެ އަތުން އަތުލީ އެވެ. އަނެއް ބަޔަކަށް ޓިކެޓް ދީފައި، އަމިއްލަ ކެންޑިޑޭޓުންނަށް ކެމްޕޭން ވެސް ކުރީ އެވެ.

ނަތީޖާ އެ އޮތީ ފެންނާށެވެ؛

ލީޑަޝިޕް ފޭލްވެއްޖެ، ދުރަށް ވަޑައިގަންނަވަން ޖެހޭ!

ޕީޕީއެމް އިސްލާހު ކުރުމުގެ މަސައްކަތް ފަށަން ޖެހިފައި މިހާރު މި އޮތީ ސުމަކުންނެވެ. ޔާމީން ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް ޕާޓީގައި މިހާރު ތިއްބެވި އިސް ބޭފުޅުން އެކަން ގަބޫލުކުރައްވަ އެވެ.

ޔާމީން ވިދާޅުވި ގޮތުގައި އާއްމު މެމްބަރުންގެ ރުހުން ނެތި ޕާޓީގެ ލީޑަޝިޕްގައި ހުންނަވާކަށް އެމަނިކުފާނު ބޭނުންފުޅެއް ނުވެ އެވެ. ޕާޓީގެ ކައުންސިލް ނުވަތަ އާއްމު މެމްބަރުން އެދިއްޖެ ނަމަ އެއްފަރާތްވެވަޑައިގަތުމަށް އެމަނިކުފާނު ތައްޔާރެވެ. ނަމަވެސް އެކަން ކުރައްވަން ވަކި ބަޔަކު އެމަނިކުފާނަށް ހުށަހަޅަން ޖެހޭ ހެއްޔެވެ؟ ރީތި އުސޫލަކީ އަމިއްލަފުޅަށް ބަލި ގަބޫލުފުޅުކުރައްވައި ލީޑަޝިޕާ ދުރަށް ވަޑައިގަތުން ނޫން ހެއްޔެވެ؟

އެއީ ފަސޭހަފުޅު ނިންމުމަކަށް ނުވާނެ އެވެ. އެމަނިކުފާނުގެ މުޅި ސިޔާސީ ހަޔާތްޕުޅާ ގުޅިފައި އޮތް ނިންމުމަކަށް ވެސް ވާތީ އެވެ.

އެކަން ކުރައްވަން ޖެހިވަޑައިގެންފައި އޮތީ ޔާމީނަށް އެކަންޏެއް ވެސް ނޫނެވެ. ޕީޕީއެމްގެ ލީޑަޝިޕްގައި މިހާރު ތިއްބެވި އެންމެން ދުރަށް ވަޑައިގަންނަވަން ޖެހޭ ކަމުގެ އަޑު އަންނަނީ ޕާޓީ ތެރެއިންނެވެ.

ޕީޕީއެމުން އެންމެ ފަހުން ބޭއްވި ގކޮންގްރެސްގައި ޕާޓީގެ މަގާމުތަކަށް އައްޔަން ކުރެއްވި ބޭފުޅުން.-- ފޮޓޯ: ޕީޕީއެމް

ދެން އޮތީ، ވަރުގަދަ ސިޔާސީ ޕާޓީއެއްގެ ގޮތުގައި ޕީޕީއެމް ހިންގުމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ހުށަހެޅުއްވި ހުށަހެޅުއްވުމެވެ. އެ ދެ ބޭފުޅުންނަށް އެކަން ކުރެއްވިދާނެ ހެއްޔެވެ؟

ޕީޕީއެމްގެ ކައުންސިލް މެމްބަރަކު ކިޔައިދެއްވި ގޮތުގައި ޔާމީންގެ ވިސްނުންފުޅު ހުރީ ޕާޓީ އިސްލާހު ކުރަން ކޮމިޓީއެއް ނެގުމަށެވެ. ޕާޓީ ހަރުދަނާ ކުރުމަށް ކުރަން ޖެހޭ ކަންކަން ކަނޑައެޅުން ދޫކޮށްލާ ގޮތަށް އޮތީ އެ ކޮމިޓީ އަށެވެ. ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ޕާޓީ އެމްޓީޑީ ފިޔަވައި އިދިކޮޅު ހުރިހާ ޕާޓީތަކާ ކޯލިޝަން ހަދަން ވެސް ޔާމީން އޮތީ ރުހުން ދެއްވައިފަ އެވެ.

އަދީބުގެ ޕާޓީއާ ކޯލިޝަން ހަދައިފި ނަމަ، ޔާމީނަށް އޮތް ބިރަކީ އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅުވައި ޕީޕީއެމްގެ އިސް ބޭފުޅުންނަށް ދުއްތުރާކޮށް ހައްޔަރުކުރުމުގެ ފުރުސަތު އޮތުމެވެ. މަގުމަތީ ހަރަކާތް ބާއްވައި ސަރުކާރު ޖަވާބުދާރީ ކުރުވަން ވެސް ޔާމީން ބޭނުންފުޅެއް ނުވެ އެވެ.

ޕީޕީއެމް ދެ ފަޅިކޮށްގެން އުފެއްދި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ވެސް އުވާލެވޭކަށް ނެތެވެ. އެއީ، ޕީޕީއެމް މައުމޫނާ ހަވާލުކޮށްދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެވަޑައިގެންފައިވާ ވައުދާ ހެދި އެވެ. އެ ބިރު އޮތް ކަމަށް ޔާމީން ވަނީ ކައުންސިލް މެމްބަރުންގެ ގާތު ވިދާޅުވެފަ އެވެ. ޕީއެންސީ އަށް 3،000 މެމްބަރުން ހަމަކޮށްފައި ރިޒާވްގައި ޕާޓީ ބޭއްވުމަކީ ވެސް ވިސްނުންފުޅެކެވެ.

ޕީޕީއެމް އެނބުރި އަންނާނެ؟

ޕީޕީއެމް މިހާރު "ފެތިފައި" އޮތަސް ޕާޓީގެ އިސް ބޭފުޅުން އަދިވެސް ވިދާޅުވާ ގޮތުގައި ވަރުގަދަ ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެނބުރި އަންނާނެ އެވެ. ސަރުކާރު ޒިންމާދާރު ވެސް ކުރުވާނެ އެވެ.

ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ކުރީގެ ލީޑަރު އަހްމަދު ނިހާން ދެކެވަޑައިގަންނަވާ ގޮތުގައި، ޕީޕީއެމަށް ވަންނަން އެދޭ ކޮންމެ ރައްޔިތަކަށް އެ ފުރުސަތު އެންމެ ފުޅާކޮށް ހުޅުވިފައި އޮންނަން ވާނެ އެވެ. އެކަމަކު ޕާޓީ ވަރުގަދަ ކުރަން ބޭރުން މީހުން ގެންނަން ޖެހިފައިވާ ކަމަކަށް އޭނާ ގަބޫލެއް ނުކުރައްވަ އެވެ.

"ޒެޑް ޑީއާރުޕީގެ ނަމުގައި އުފެދުނު ފެކްޝަނަކުން އުފެދުނު ޕާޓީން ވަނީ ސަރުކާރު ޒިންމާދާރު ކުރުވުމުގެ ހުރިހާ މަސައްކަތެއް މަޖިލީހުގެ އެތެރެ އާއި ބޭރުގައި އަދި މަގުމަތީގައި ވެސް ކޮށްފައި. އެ ޓީމުގެ ގިނަ ބޭފުޅުން މިހާރު ވެސް ޕީޕީއެމްގައި އެބަ ތިއްބެވި. ޕްރިމިއާ ލީގުގައި ކުޅެލަން ބޭރުން ކުޅުންތެރިއަކު ނުހޯދިއަސް ކުޅެވޭނެ ވަރުގެ ގާބިލް ކުޅުންތެރިން އެބަ ތިއްބެވި،" ނިހާން ވިދާޅުވި އެވެ.

އެކަމަކު ޕީޕީއެމްގެ ސަފު އަލުން އަތުރާލާ އިރު އެންމެ ކުރިއަށް ފެއިލްވެފައި ތިބި މީހުން ނެރެގެން ވާނެ މޮޅެއް ނެތް ކަން އޭނާ ގަބޫލުކުރައްވަ އެވެ. ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުގެ މަގާމުން ނިހާން އިސްތިއުފާ ދެއްވީ އެކަން ގަބޫލުކުރައްވާތީ އެވެ.

"ޕާޓީ އަށް މި ހާލު ޖެހުމުގެ ޒިންމާ އުފުލަން ޖެހޭނީ ލީޑަޝިޕުން، އަޅުގަނޑު ވެސް ހިމެނޭ. އެ ވާހަކަ ބުނަން ކެރެންވާނެ. އިސްލާހު ވެސް ކުރެވެން ވާނެ. އަޅުގަނޑަކީ ވެސް ޕީޕީއެމާ ދުރަށް ދާނެ މީހެއް ނޫން. އަޅުގަނޑު ވެސް މި ޖެހިލީ އާއްމު މެމްބަރުންގެ ސަފަށް،" ނިހާން ވިދާޅުވި އެވެ.

ދެން އޮތް ހައްލަކީ ފޭލްވި ބޭފުޅުން އެއްފަރާތްވެވަޑައިގެން ޕާޓީގެ އެތެރޭގެ އިންތިޚާބު ބޭއްވުމެވެ. ކުރީ ސަފު އެތުރުމުގެ ފުރުސަތު ޕާޓީގެ އާއްމު މެމްބަރުންނަށް ދިނުމެވެ. ޒުވާން ލީޑަޝިޕަަކަށް ޖާގަ ދިނުމެވެ.

ނިހާން ވިދާޅުވި ގޮތުގައި ޕާޓީ ހިންގޭނެ ވަރުގެ ގާބިލް ކިތަންމެ ބޭފުޅުންނެއް އެބަ ތިއްބެވި އެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން ރައީސް ޔާމީން ވެސް ދުރަށް ދާން ޖެހޭ ކަމަށް. ޕާޓީގެ ލީޑަޝިޕް ދުރަށް ޖެހުމުގެ މާނައަކީ އެންމެން ވަކިވެގެން ދިއުމެއް ވެސް ނޫން. ފަހަތަށް ޖެހިލުން. މިއުޅެނީ އަލުން މަސައްކަތް ކުރެވޭނެ ގޮތެއް ހޯދަން،" ނިހާން ވިދާޅުވި އެވެ.

އެ މަގަށް ޕީޕީއެމްގެ މިސްރާބު ބަދަލުކޮށްފާނެ ހެއްޔެވެ؟ އެވަރުގެ ގުރުބާނީއެއް ވާން ޕާޓީގެ ލީޑަޝިޕްގައި މިހާރު ތިއްބެވި ބޭފުޅުންނަށް ކެރިވަޑައިގަންނަވާނެ ހެއްޔެވެ؟ ކާމިޔާބު ޕާޓީއެއްގެ ލަގަބު އަލުން ހޯދިދާނެ ހެއްޔެވެ؟ ޕާޓީ މިހާރު އޮތް ހާލަތުން ޔަގީންވާ ކަމަކީ، މައުމޫން ފެއްޓެވި ފަދަ އިސްލާހީ އެޖެންޑާއަކާ ނުލައި ޕީޕީއެމަށް ސަލާމަތްވެވެން ނެތް ކަމެވެ.