ިގިނަ އޮފީސްތަކެއް ހިންގާ ވެލާނާ ބިލްޑިން: މަދު ބައެއްގެ އިހުމާލުތަކުގެ ސަބަބުން ދައުލަތުން ބޮޑެތި މާލީ ބުރަތައް އުފުލަންޖެހޭ -- ފޮޓޯ/މިހާރު
24 އެޕްރީލް 2019 - 09:42
ދައުލަތުން އެކި ފަރާތްތަކާ އެކު ހަދާ އެއްބަސްވުންތައް އުވާލުމުން ނުވަތަ އެއްބަސްވުމަކާ ޚިލާފްވުމުން އެކަންކަމަށް މާލީ ބަދަލުތަކެއް ދޭން ޖެހުމަކީ ރާއްޖޭގައި އާ ކަމެއް ނޫނެވެ. ބޭރުގެ އެކި ފަރާތްތަކާއި ރާއްޖޭގެ އަމިއްލަ ކުންފުނިތަކާ އެކު ހަދާ އެއްބަސްވުންތަކުގެ މައްސަލަތަކާ ގުޅިގެން ބޮޑެތި އަދަދުތަކުން ދައުލަތުން ބަދަލު ދޭން ޖެހޭ ފަހަރު އާދެ އެވެ.
ދާދި ފަހުން ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނީ އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް ދީބާޖާ އިންވެސްޓްމަންޓާ އެކު އެމްޑީޕީގެ ވެރިކަމުގައި ހެދި އެއްބަސްވުމެއް ބާތިލްކުރި މައްސަލާގައި 348 މިލިއަން ރުފިޔާ ދައުލަތުން އެ ކުންފުންޏަށް ދޭން ޖެހުނު މައްސަލައަށެވެ. އެހާ ބޮޑު މާލީ ބުރައެއް އުފުލަން ޖެހުނީ އެ އެއްބަސްވުން ހެދި އެމްޑީޕީގެ ސަރުކާރުގެ ސަބަބުން ކަމަށް އެއް ބަޔަކު ތުހުމަތު ކުރިއިރު، އަނެއް ބައެއްގެ ފާޑުކިޔުން އަމާޒުވީ އެ އެއްބަސްވުން މެއި، 2013 ގައި ބާތިލްކުރި ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރަށެވެ.
ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވީ އެހާ ބޮޑު ބަދަލެއް ދައުލަތުން ދޭން ޖެހުމުން އެކަމަށެވެ. ނަމަވެސް ހަގީގަތަކީ އެ ފައިސާ އެގޮތަށް ދައްކަން ޖެހުމުގައި ޝަރުއީ ނިޒާމުގެ ތެރޭގައި ދައުލަތުގެ ފަރާތުން ވެފައި އޮތް އިހުމާލު ވެސް ވަރަށް ބޮޑު ކަމެވެ. މިފަދަ ބައެއް އިހުމާލުތަކުގެ ސަބަބުން ދައުލަތަށް ގެއްލިގެންދާ އަދަދު ދުވަހަކަށް ވުރެ ދުވަހެއް ދަނީ އިތުރުވަމުންނެވެ.
ދީބާޖާއާ އެކު ހެދި އެއްބަސްވުން ސަރުކާރުން ބާތިލްކުރި މައްސަލާގައި އެ ކުންފުނިން ދައުވާ ކުރުމުން ސިވިލް ކޯޓުން އޮކްޓޫބަރު، 2014 ގައި ހުކުމްކުރީ ދައުލަތުން އެ ކުންފުންޏަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 348 މިލިއަން ދައްކަން ޖެހޭނެ ކަމަށެވެ. އެ ހުކުމް ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިދިޔަ އަހަރުގެ ޖޫން މަހު ހުކުމްކުރީ އެއީ ދައުލަތުން ދައްކަން ނުޖެހޭނެ ގޮތަށް، ދައުލަތާ އެއްކޮޅަށެވެ.
އެކަމަކު މިދިޔަ ހަފުތާގައި ސުޕްރީމް ކޯޓުން ދައުލަތަށް އެ މައްސަލަ އަނެއްކާވެސް ނާކާމިޔާބުވީ އެވެ. އެންމެ ބޮޑު އެއް ސަބަބަކީ، ދައުލަތުން އަމަލުކުރި ގޮތުން އިޖްރާއީ މައްސަލަތަކެއް ނިކުތުމެވެ. އެއީ އެ މައްސަލަ 2015 ގައި ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކުރިއިރު އިސްތިއުނާފް މުއްދަތު ހަމަވެފައި އޮތުމެވެ. ދައުލަތުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރީ ދަށު ކޯޓުތަކުގެ ނިންމުންތައް އިސްތިއުނާފް ކުރުމަށް އޭރު ގާނޫނުގައި އޮންނަ 90 ދުވަހުގެ މުއްދަތު ހަމަވިތާ ދެ މަސް ފަހުންނެވެ.
އިސްތިއުނާފް މުއްދަތު ހަމަވި ފަހުން ހައި ކޯޓުން އެ މައްސަަލަ ބަލައިގަނެފައި އޮތީ އެ މުއްދަތު ހަމަވުމުގެ ކުރިން އިސްތިއުނާފް ނުކުރެވި އޮތީ މަގްބޫލު އުޒުރެއް އޮވެގެން ކަމަށް ބަލައިގެންނެވެ. އެއީ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓް ލަހުން ލިބުނު ކަމަށް ދައުލަތުން ބުނާ ބުނުމާއި އެޓާނީ ޖެނެރަލްގެ އޮފީހުގައި މައްސަލަ ހަވާލުކުރި ވަކީލުގެ އިހުމާލުން އެ މައްސަލަ އިސްތިއުނާފް ނުކޮށް އޮތް ކަމަށް ދައުލަތުން ބުނާ ބުނުމެވެ. އެކަމަކު ސުޕްރީމް ކޯޓުގެ ހުކުމުން ހާމަވި ގޮތުގައި ދަށު ކޯޓުން މައްސަލަ ނިމުނު ގޮތުގެ ރިޕޯޓް އޮތީ އިސްތިއުނާފް މުއްދަތު ހަމަވުމުގެ އެއް މަސް ކުރިން ދައުލަތަށް ލިބިފަ އެވެ.
ސިވިލް ކޯޓުގެ ހުކުމާ އެއްގޮތަށް ދީބާޖާއަށް ދައުލަތުން ފައިސާ ދައްކަން ޖެހޭނެ ކަމަށް ސުޕްްރީމް ކޯޓުން ނިންމީ އިސްތިއުނާފް މުއްދަތު ހަމަވުމުގެ ކުރިން ހައި ކޯޓަށް މައްސަލަ ހުށަނާޅައި އޮތް އޮތުމަށެވެ. އަދި ދައުލަތުން އެކަމަށް ދައްކާ ސަބަބުތަކަކީ މަގްބޫލު އުޒުރަކަށް ނުވާތީ ސުޕްރީމް ކޯޓުގެ ނިންމުމުގައިވާ ގޮތުން ހައި ކޯޓުން އެ މައްސަލަ ބަލައިގަތްގަތުން ރަނގަޅެއް ނޫނެވެ. އެހެންވެ، އެ ހިސާބުން އިސްތިއުނާފްގެ ފުރުސަތު ދައުލަތަށް ބަންދު ވެފައިވާތީ، ސިވިލް ކޯޓުގެ ހުކުމަކީ ނިހާއީ ހުކުމަކަށް ވެގެން ދިޔައީ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައިވެ އެވެ.
ސުޕްރީމް ކޯޓުގެ ހުކުމާ އެކު ގިނަ ބަޔަކު އުފެއްދި ސުވާލަކީ ދީބާޖާއަށް އެހާ ބޮޑު އަދަދެއް ލިބުނު ސަބަބަކާ މެދު އެވެ. އެކަމަކު ކުރިން ވެސް ފާހަގަކުރިހެން، ދިމާވި ހަމައެކަނި މައްސަލައަކީ އަދި ސުޕްރީމް ކޯޓުގެ ހުކުމް ބިނާވި ސަބަބަކީ ވެސް ހައި ކޯޓުގައި އިިސްތިއުނާފް ކުރުމުގައި ދައުލަތުން އަމަލުކުރި ގޮތުން އިޖްރާއާތު ގޯސްވެފައި އޮތުމެވެ. އިޖްރާއީ ގޮތުން މައްސަލަތަކެއް ހުރެއްޖެ ނަމަ، އެއީ މައުޟޫއީ ގޮތުން މައްސަލަ ކުރިއަށް ގެންދަން ހުރަސް އެޅޭ ކަމެކެވެ. ސުޕްރީމް ކޯޓުގެ ހުކުމް ވެސް ބިނާވީ މިދެންނެވިހެން، އިޖްރާއީ ގޮތުން އޮތް ހުރަހެއްގެ ސަބަބުންނެވެ.
ސުޕްރީމް ކޯޓު: ދީބާޖާގެ މައްސަލާގައި ދަށު ކޯޓުގެ ހުކުމް ދެމެހެއްޓި
ކުރުކޮށް ބުނާ ނަމަ، ދީބާޖާ މައްސަލާގައި ކަން ހިނގައިދިޔަ ގޮތަށް ބަލާއިރު، ފެންނަން އޮތީ އިސްތިއުނާފް މަރުހަލާގައި ދައުލަތުން ވެފައިވާ ބޮޑު އިހުމާލެކެވެ. މިފަދަ އެހެން މައްސަލަތައް ވެސް އެބަ ހުއްޓެވެ. ބިޒްނަސް އިމޭޖް ގްރޫޕް (ބިގް) ކުންފުންޏަށް 78 މިލިއަން ރުފިޔާ ޕީއެސްއެމް އިން ދައްކަން ޖެހުނު މައްސަލައަކީ ވެސް އޭގެ މިސާލެކެވެ. ދައުލަތުގެ މީޑިއާ ކުރިން ހިންގި މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެންބީސީ) އާއި ބިގްއާ އެކު 2010 އެކު ހެދި އެއްބަސްވުމުގެ ދަށުން ބިގަށް ދައްކަން ޖެހޭ ފައިސާ ނުދެއްކުމުން މައްސަލަ ކޯޓާ ހަމައަށް ދިޔައިރު، ޖޫރިމަނާއާ އެކު އެ އަދަދު އޮތީ އެތައް ގުނައެއް ބޮޑުވެފަ އެވެ.
އެ އެއްބަސްވުމުގެ ދަށުން ބިގަށް އެމްއެންބީސީ އިން އަސްލު ދައްކަން ޖެހެނީ ފަސް މިލިއަން ރުފިޔާ އެވެ. ބާކީ 72 މިލިއަން ރުފިޔާއަކީ އެ ފައިސާ ނުދެއްކުމުން އަރާފައިވާ ޖޫރިމަނާ އެވެ. ޖޫރިމަނާގެ ގޮތުގައި އެހާ ބޮޑު އަދަދެއް ދައްކަން 2016 ގައި ސިވިލް ކޯޓުން ހުކުމް ކުރިއިރު، އޭރު އޮތީ އެމްއެންބީސީގެ މުދަލާއި ދަރަނި މިހާރު ހިންގަމުންދާ ޕީއެސްއެމް ކުންފުންޏަށް ބަދަލުވެފަ އެވެ. އެކަމަކު އެ ދަރަންޏަށް ގާނޫނީ ގޮތުން ޒިންމާ އުފުލަން ޖެހޭ ޕީއެސްއެމް އިން އެ މައްސަލަ އިސްތިއުނާފް ނުކޮށް އޮއްވާ މުއްދަތު ހަމަވީ އެވެ.
އެއްކޮޅުން، އެއްބަސްވުމުގެ ދަށުން ދައްކަން ޖެހޭ ފައިސާތަކެއް ދެއްކުމުގައި ބަޔަކު އިހުމާލުވީ އެވެ. އޭގެ ނަތީޖާއަކަށް ވީ އެތައް ގުނައެއް ބޮޑު ޖޫރިމަނާއެއް އެރުމެވެ. އަނެއްކޮޅުން އެ މައްސަލަ އިސްތިއުނާފް ކުރުމުގައި ވެސް އިހުމާލުވީ އެވެ. އޭގެ ނަތީޖާއަކަށް ވީ އިސްތިއުނާފްގެ ދޮރު އެއްކޮށް ބަންދުވެ، އެ ފައިިސާ ދެއްކުން ނޫން އިތުރު އެއްވެސް ގޮތެއް ނެތުމެވެ. އެހެންވެ، ދާދި ފަހުން ޕީއެސްއެމް ވަނީ އޭގެ ތެރެއިން 30 މިލިއަން ރުފިޔާ ދައްކައިފަ އެވެ.
މިއީ ހަމަގައިމު ވެސް، ކޮންމެވެސް ބައެއްގެ އިހުމާލުތަކެއްގެ ސަބަބުން ދައުލަތުން އުފުލަން ޖެހޭ ބޮޑެތި މާލީ ބުރަތަކެވެ. ޚާއްސަކޮށް، އެހާ ބޮޑެތި މައްސަލަތަކުގައި ފާޅުކަން ބޮޑު ގޮތެއްގައި ދައުލަތުގެ މުއައްސަސާތަކުގެ ތެރެއިން އިހުމާލުވެފައި އޮތްއޮތުމަކީ ހަގީގަތުގައި ވެސް ސީރިއަސް ކަމެކެވެ.
ދީބާޖާގެ މައްސަލާގައި ދައުލަތުން މިހާރު ވަނީ އެ ނިންމުން ރިވިއު ކުރަން ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމައިފަ އެވެ. ކޯޓުތަކުގެ ގާނޫނު އޮންނަ ގޮތުން ސުޕްރީމް ކޯޓުގެ ނިންމުމެއް އެ ކޯޓަށް އަލުން ރިވިއު ކުރުމުގެ ބާރު އޮންނާނެ ކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ދާދި ފަހުން ވިދާޅުވެފައިވެ އެވެ.
ދީބާޖާގެ މައްސަލާގައި ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވީ ބޮޑު އަދަދެއް ދައުލަތުން ދޭން ޖެހޭތީ އެވެ. އެކަމަކު ގާނޫނީ ގޮތުން މީގެ އަނެއްކޮޅަށް ވެސް ވިސްނާލުން ވަރަށް މުހިންމެވެ. ކޯޓުތަކުގެ ނިންމުންތައް އިސްތިއުނާފް ކުރުމަކީ މައްސަލައެއްގައި ހިމެނޭ ކޮންމެ ފަރާތަކަށް ލިބިގެންވާ ހައްގެއް ކަމަށް ވިޔަސް، އެ ހައްގު ބޭނުން ކުރެވޭނެ އުސޫލުތަކާއި މުއްދަތުތަކެއް ކަނޑައެޅިފައިވެ އެވެ. އެ މުއްދަތުގެ ތެރޭގައި އެ ހައްގު ބޭނުން ނުކުރުމުގެ ނަތީޖާއަކަށް ވާނީ ދަށު މަރުހަލާގެ ހުކުމް ނިހާއީ ހުކުމަކަށް ބަދަލުވެ، އެ މައްސަލައެއްގައި އިސްތިއުނާފްގެ ދޮރު ބަންދުވެގެން ދިއުމެވެ.
އެގޮތަށް އިސްތިއުނާފްގެ މުއްދަތުތަކެއް ކަނޑައެޅިފައި އޮންނަ އޮތުމުގެ މައިގަނޑު މަގްސަދަކީ މައްސަލާގައި ހިމެނޭ ފަރާތްތަކަށް ޝަރުއީ ނިޒާމުގެ ތެރެއިން އެ ފަރާތުގެ ހައްގުތައް ކަށަވަރުވެ، ހިމާޔަތް ލިބި ދިނުމެވެ. އިސްތިއުނާފްގެ ހައްގަކީ އެތައް ޒަމާންތަކެއް ފަހުން ނުވަތަ ބޭނުން އިރަކު ބޭނުން ކުރެވޭ ހައްގަކަށް ވާ ނަމަ، މައްސަލަތަކަށް ދުވަހަކު ވެސް ނިމުމެއް ނައިސް، އޭގެ ސަބަބުން އަނެއް ފަރާތަށް ލިބެން ޖެހޭ ގާނޫނީ ރައްކާތެރިކަން ގެއްލިގެންދެ އެވެ. އެ ސަބަބަށްޓަކައި، ރާއްޖޭގެ އިތުރުން ކުރިއަރާފައިވާ ގައުމުތަކުގައި ވެސް އެކަން އޮންނަނީ އެގޮތަށެވެ.
އިސްތިއުނާފްގެ މުއްދަތު ހަމަވާ ފަހުން އިސްތިއުނާފްގެ ފުރުސަތު ލިބޭނީ އަމިއްލަ ބާރު ނުފޯރާ ފަދަ މަގްބޫލު އުޒުރެއް އޮންނަ ހާލަތްތަކުގައި އެކަންޏެވެ. އަމިއްލަ ފަރާތަކާއި ދައުލަތުގެ މުއައްސަސާތައް ވެސް އެ އުސޫލުން އިސްތިސްނާއެއް ނުވެ އެވެ. އެހެންވީއިރު، އިސްތިއުނާފް ހައްގު ބޭނުން ކުރުމުގައި ދައުލަތުގެ މުއައްސަސާތަކުން އިހުމާލުވުމަކީ އެ މައްސަލައެއްގައި އަނެއް ފަރާތަށް ލިބެން ޖެހޭ ގާނޫނީ ރައްކާތެރިކަން ގެއްލިގެންދާން ޖެހޭ ސަބަބެއްތޯ މިއީ ވިސްނާލަން ޖެހޭ ކަމެކެވެ.
ގާނޫނީ ބައެއް ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި އިސްތިއުނާފް ކުރަން އޮންނަ މުއްދަތުގައި މަގްބޫލު އުޒުރެއް ނެތި، އިސްތިއުނާފް ނުކޮށްފި ނަމަ އިސްތިއުނާފްގެ ހައްގު ދޫކޮށްލީ ކަމަށް ބަލަން ޖެހޭނެ އެވެ. އެފަދަ ހާލަތެއްގައި ދަށު މަރުހަލާގެ ކޯޓުގެ ނިންމުން ނިހާއީ ހުކުމަކަށް ވެގެން ދިއުމަކީ ގާނޫނުގެ މަންފާ އާއި ރައްކާތެރިކަން ލިބިދިނުމުގެ ހައްގުގެ ދަށުން އެ މައްސަލައެއްގައި ހިމެނޭ ދެން ތިބި ފަރާތްތަކުގެ ހައްގެއް ކަމަށް އެ ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.
"ދައުލަތަށް ވެސް ވަކި ޚާއްސަ އުސޫލަކުން ކަންކަން ކޮށްދެވިގެން ނުވާނެ. އެ ހުކުމުގެ ސަބަބުން ދައުލަތުން ބޮޑު ބުރައެއް އުފުލަން ޖެހުނު ކަމަށް ވަންޏާ އެކަން އެގޮތަށް ދިމާވީ ވެސް އެޓާނީ ޖެނެރަލްގެ އޮފީހުން އޭރު ޒިންމާ އަދާކޮށްފައި ނެތުމުން،" އެއް ވަކީލަކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެފަދަ ބޮޑު މައްސަލައެއް އިސްތިއުނާފް ކުރުމުގައި ދައުލަތުގެ މުއައްސަސާއެއްގެ ތެރެއިން ބަޔަކު އިހުމާލުވުމަކީ އެ ބަޔަކާ މެދު ވެސް ފިޔަވަޅު އަޅަން ޖެހޭ ކަމެކެވެ.
އެހެން ބައެއް ބޭފުޅުން ވިދާޅުވާ ގޮތުން ދައުލަތުން އެހެން ބައެއް މައްސަލަތަކުގައި ވެސް، އިސްތިއުނާފް މުއްދަތު ހަމަވާ ފަހުން އިސްތިއުނާފަށް މައްސަލަތައް ހުށަހަޅާފައި އެބަ ހުއްޓެވެ. އެހެންވެ، އެފަދަ އެހެން މައްސަލަތަކަށް ދެން ވެގެންދާނެ ގޮތާ މެދު ބައެއް ގާނޫނީ ބޭފުޅުން ސުވާލު އުފައްދަވަ އެވެ.
އެކަމަކު އަނެއްކޮޅުން މުޅި ދައުލަތް ހިމެނޭ ބޮޑެތި މައްސަލަތައް، އެހެން މައްސަލަތަކާ އެއްފަދަ ވާނެތޯ ވެސް ސުވާލު އުފެދެ އެވެ. ސުޕްރީމް ކޯޓުން ވަނީ މި ފަހުން ވެސް އެ ކޯޓުގެ އެތައް ހުކުމްތަކެއް ބާތިލްކޮށް، އާ ހުކުމްތައް އިއްވައިފަ އެވެ. އެއީ އެންމެ ފަރުދެއް ނުވަތަ ދެތިން ފަރުދުންގެ މައްސަލަ އެވެ. އެހެންކަމުން މުޅި ގައުމާއި އޭގެ ހުރިހާ ރައްޔިތުންގެ ހައްގެއް އޮންނަ ކަމެއްގައި، އެހެން މައްސަލަތަކެކޭ އެއްފަދަ ނަޒަރުން ބަލައިގެން ނިންމުމަކީ އެންމެ ރަނގަޅު އިންސާފުތޯ ވެސް، އާންމުންނަށް ސުވާލުކުރެވިދާނެ އެވެ.
ކުރިއަށް އޮތް ތަނުގައި، ދައުލަތުގެ އެންމެ މަތީ ވަކީލުން (އޭޖީ އަދި ޕީޖީ) އިސްވެ ނިންމަން ޖެހޭ ކަންކަމުގައި ފަރުވާ ކުޑަނުކުރެވޭނެ ގޮތްތައް ހަދަން ޖެހެ އެވެ. ހަމައެއާ އެކު މިހާރު ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބުނު މައްސަލަތައް ޝަރުއީ ނިޒާމުން އަލުން ބެލުން ވަނީ ރައްޔިތުންގެ އެދުމަކަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަރީޕައުޑަރ
25 April 2019
އަޅުގަނޑުމެން 2009 ވަނަ އަހަރު ވަނީ ގުޅިފަޅުން ފުލެޓުގަތުމަށް އެތަށް ލައްކަ ރުފިޔާއެއްދައްކާފަ! ކާކުތޯ ތިބޭފުޅާކައިރީގައި ބައްލަވައި ގަންނަވާށޭ ދެންނެވީ ބަންގާޅީންނަށްވެސް އެނގޭ މީކޮންކަހަލަ ތަނެއްކަން ތިޔަމަސްސަލާގައި ޒިންމާވާންޖެހޭނީ ހަމަ ގުޅީފަޅު އެއީ ތިބޭފުޅާ ފުލެޓް ބައްލަވައިގަތީ ގުޅީފަޅުން މީ އާކަމެއްނޫން ފުލެޓްތައް ވިއްކީ ކޮންބަޔެއްތޯ ރާއްޖެތެރޭ ނިކަމެއްޗަކަށް ފުލެޓެއްގަނެވޭތޯ ނިކަމެތިމީހާ ހުރީރަށުގައި މާލެނާދެވިފައި އަނެއްކާ މާއަރާމުގާ
ާހްމަދު
25 April 2019
ދަތުރުފަތުރުގެ ނިޒާމް ގެންގުޅުނު އެންމެނައްވެސް ލިބެންޖެހޭ... ބަގާވަތުގެ ރަހަ... އާޒިމާ.... ވަހީދް ކޮބާ ؟؟؟⚖️⚖️⚖️⚖️
ކުޅުދުއްފުށި ، ވެލިގަނޑު
24 April 2019
އިހުމާލޭ ތިކިޔަނީ ކިހިނެތް އެނގެނީ މީ ޙިޔާނާތް ނޫން ކަމެއް، މި ވަރު ބޮޑު ބަދަލެއް ލިބޭ އިރު މިއީ ގަސްތު ކޮއްފަ އޮތް ކަމަކަށް ވެސް ވެދާނެ.
ނިޒާމީ ނުކުތާ
24 April 2019
މައްސަލަޔަކީ ތި ޖަރީމާތައް ހިންގާ މީހުން ޖަވާބުދާރީ ނުކުރެވޭތީ. ޖަވާބުދާރީ ނުކުރެވެނީ މަޖިލީހާއި ސިޔާސީ އިސްމަޤާމުތަކުގައި ތިބި މީހުން މކަމުގައި ޝާމިލުވާތީ، އެ މީހުންނަށް ބައި އަޅާތީ. އިތުރަށް މިކަން ގޯސްކުރަނީ ކޯޓްތަކުން ހުކުން "ވިއްކައިގެން"
އަހުމަދު ނަސީރު
24 April 2019
އަޅުގަނޑުމެން 2009 ވަނަ އަހަރު ވަނީ ގުޅިފަޅުން ފުލެޓުގަތުމަށް އެތަށް ލައްކަ ރުފިޔާއެއްދައްކާފަ! އެކަމަކު ސީދާ ދިވެހިސަރުކާރުން ވަނީ ދެއްކި ލާރިކޮޅު ބަނޑުއަޅާލުމަށްފަހު ފުލެޓުނުދީފަ! ދިނީ ހަމައެކަނި ޔާމީނުގެ ވަފާތެރިންނަށް! މިހާރު އެލާރި ޔަޤީނުންވެސް މިލިއަނުން އަރާނެ! ގިނައީ ރާއްޖެތެރޭ ނިކަމެތިން! ލާރިދެއްކީ ލޯނުނަގައިގެން! އަޅުގަނޑުމެންގެ ވާހަކަ މިއަދު ދައްކާލާނެމީހެއްވެސްނެތް! ލާރިކޮޅުގެއްލި ފުލެޓުނުލިބި ދަރަނިވެރިވީތާ މިއަދަށް 10 އަހަރު :(
ތިމާވެށީ
24 April 2019
ޕާޓީ ސިސްޓަމް އައިފަހުން ގައުމު ހިމްގަނީ ޕާޓީއަކުންނެވެ. އެއީ ވެރިކަން ކުރާ ޕާޓީއެވެ. ރައްޔިތުންނަށް ވުރެ ޕާޓީގެ މެމްބަރުންގެ މަސްލަހަތު ބޮޑެވެ. ގައުމު ހިންގުމުގަ ތައުލީމީ ފެންވަރެއް ނެތް އެކްޓިވިސްޓުންގެ ދައުރު ބޮޑެވެ. ޑިގްރީ މާސްޓަރސް ހަދާފަ ހުރި ގިނަ ބަޔަކު އާދައިގެ މުސާރަ ކުޑަ ވަޒީފާ ތަކުގައެވެ. ދެން ވާނެ ގޮތް ވިސްނާލާށެވެ.
ބަހަނާ
24 April 2019
ކޮރަޕްޝަން ހިމެނޭ ގޮތަށް ނުހައްގުން ފްލެޓް ބެހި މީހުންނާ ދޭތެރޭ ފިޔަވަޅު އަޅައި ފްލެޓް ދޫކުރުމުގައި އިންސާފުވެރި ނިޒާމެއް ގާއިމްކުރުމަކީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ މަސައްކަތުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުރިހަމަ ކުރައްވަން ވެވަޑައިގަތް ވައުދެއ
ނަން
24 April 2019
ވަކިބަޔަކު ކުރާ ކަންތައް މިހާރުން މުޅީން ވެސް އުޅެނީ ރައްޔިތުންނަށް އޮޅޭ ގޮތަށް އެހެން ބައެއްގެ އިހުމާލުން މަޖުބޫރުވެގެން ކުރަންޖެހުނު ކަމެއްގެ ގޮތުގަ ދައްކަން. ތަންކޮޅެއް ބޮޑުވަރު މިއީ ދެން!!
ކުޑަކުރަތު ރިޒޯޓު
24 April 2019
ކޯޓަށް މައްސަލަ ވެއްދުމުގައި ފަރުވާކުޑަވުމާ ނުވުމުގެ މައްސަލަ އިހަށްބާއްވާ. ކޮން ނޫސްވެރިއަކަށްތޯ ކެރޭނީ ގެނެސްދޭން ހައިކޯޓުން ނިންމާފައި އޮތް ދީބާޖާގެ މައްސަލައިގެ ޚުލާޞާ. ކޮންޓްރެކްޓް ބާޠިލްކުރުން ސައްހަ ކަމަށް ނިންމި ނިންމުން. އެއްވެސް މީހަކު ހަނދާނެއް ނެތޭ ދީބާޖާއަށް ރިޒޯޓުހަދަން ރަށެއް ދިންކަމާ އެރަށް ވިއްކާލައިގެން މިމީހުން ލާރިގަނޑު ކާލި ކަމެއް. ޚިދުމަތް ނުދެވުމުންކަން ބާޠިލްކުރީ. ބޮޑުލާރިއެއްވެސް ދޭކަށް ނުޖެހެ.
ފުންއަސަރު
24 April 2019
ރަނގަޅު ހެޔޮ ސަރުކާރެއް އައިސްފާވެސް މިޖެހެނީ ކުރީގެ ސަރުކާރުގެ ކަންކަން ނިންމަން. ދަރާފާވާ ދަރަނިތައް ޚަލާސްކުރަން. އާސަރުކާރު އައިތާ ކުޑަދުވަސްކޮޅެއްގެ ތެރޭގާ ސަރުކާރަށް ހިންދެމިނުލެވޭވަރަށް އެކި ފަރާތްތަކަށް ފައިސާދޭން ހުކުންތައް ކޮށްފި. ހުރިހާ ބުރައެއް ތަކުލީފެއް އާސަރުކާރަށް. ގަބޫލުކުރަން ޖެހޭ ހަގީގަތަކީ އާސަރުކާރުގެ ފުރަތަމަ ފަސް އަހަރު އުޅެންޖެހޭނީ މިފަދަ ގޮތަކަށްކަން. ދެވަނަ ދައުރެއް ލިބިއްޖިއްޔާނޫނީ އާސަރުކާރަކަށް ކަމެއް ވާކަށް ނެތް.