ފެށުން ތަފާތު، އާ މަޖިލީހާ މެދު އުއްމީދު ބޮޑު

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މެމްބަރަކު ނިޒާމީ މައްސަލައެއް ނަންގަވައި ޝަކުވާ ކުރެއްވި އެވެ. ހުސް ވަގުތު ކޮޅެއް ނުދެއްވައި، ރިޔާސަތުން ފޯރީގައި ޖަލްސާ ކުރިއަށް ގެންދެވުމުންނެވެ. މެމްބަރު ހިތްހަމަޖެހިވަޑައިނުގަތީ މީގެ ކުރިން މަޖިލީހުގައި އަމަލުކުރަމުންދާ އުސޫލާ ޚިލާފުވެވަޑައިގަތުމުންނެވެ. ދެ ގަޑި އިރު ބަހުސް މާ ދިގުވީ އެވެ. މެމްބަރު އެދިވަޑައިގަތީ އިދާރި މޭޒުން ވެސް އެކަން ރިޔާސަތުގެ ސަމާލުކަމަށް ގެންނެވުމަށެވެ.


މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ މެމްބަރަށް ހައްލެއް ވިދާޅުވެ ދެއްވި އެވެ. އެއީ، ޖަލްސާގެ ވަގުތު މެމްބަރަށް ދިގު ނަމަ ހުސް ވަގުތުކޮޅެއް ނެންގެވުމަށް ފަހު އަލުން ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ހުރަހެއް ނެތް ކަމެވެ. މަޖިލީސް ކުރިއަށް ގެންދަވާނީ އިންތިޒާމްތައް ވީ އެންމެ ރަނގަޅަކަށް ހަމަޖައްސަވައިގެން ކަމަށް ވެސް ވިދާޅުވި އެވެ.

އެމަނިކުފާނު މަޖިލީސް ކޮންޓްރޯލް ކުރެއްވި ގޮތުން، މާ ގިނަ ހުސް ވަގުތު ނެންގެވުމުގެ އަދި މެމްބަރުންނަށް ދެއްވުމުގެ ވެސް ވިސްނުންފުޅު ގެންގުޅުއްވާހެން ހިއެއްނުވެ އެވެ. މެމްބަރުން ރުހޭ ނަމަ ރޭ ވެސް ޖަލްސާއެއް ބާއްވަން ހުށަހެޅުއްވި އެވެ. މަޖިލީހުގެ ރިޔާސަތުގައި އިންނަވައި އެމަނިކުފާނަށް ބަހުސްގައި ބައިވެރިވެވަޑައެއް ނުގެންނެވޭނެ އެވެ. އެކަމަކު ދޭތެރެއަކުން ބަހުސްގެ ތެރެއަށް ވަދެވަޑައިގަތުމުން މެމްބަރުން އެކަން ހުއްޓުވަން ވެސް ޖެހިވަޑައިގަތެވެ.

މަޖިލީހުގެ ފެށުން، އެމަނިކުފާނު ކުރިއަށް ގެންދެވި ސްޕީޑު ގިނަ ބަޔަކަށް ކަމުދިޔަ އެވެ. މަޖިލީހާ މެދު ކުރާ އުއްމީދު އާކޮށް، ނަތީޖާ ނެރެދޭނެ ކަމުގެ ޔަގީން ޝުއޫރުތައް ސޯޝަލް މީޑިއާގައި ބަންޑުންކޮށްލި އެވެ.

މަޖިލީހުގެ މަސައްކަތް ހަލުވި މިނުގައި ކުރިއަށް ދާނެ ކަން ޔަގީންކޮށް މީހަކު ކުރި ޓުވީޓެއް
މަޖިލީހާ މެދު އާއްމުންގެ އުއްމީދު ބޮޑު
ކުރިއާ ޚިލާފަށް، މަޖިލީހުން ކަންކަން ހާމަކުރަން ނިންމުމުން އުފާކޮށް، މީހަކު ކުރި ޓުވީޓެއް.
ރައްޔިތުންގެ މަޖިލީހުގެ ހުވާ ކުރުމުގެ ޖަލްސާގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ: އާ މަޖިލީހާ މެދު ރައްޔިތުންގެ އުއްމީދުތައް ގިނަ. --ފޮޓޯ/މަޖިލީސް

ވަގުތު ދިގުވެގެން ޝަކުވާ ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން 18 ވަނަ ރައްޔިތުންގެ މަޖިލީސް ކުރިއަށް ގެންދިޔަ އުސޫލަށް އާދަވެފައި ތިއްބެވުމުން ކަމަށް ވެދާނެ އެވެ. ކުރީގެ ގިނަ މެމްބަރުންތަކަކަށް މި މަޖިލީހުން ރައްޔިތުން ފުރުސަތެއް ވެސް ނުދެ އެވެ. ގޮނޑި ދިފާއު ކުރެއްވުނީ މަދު މެމްބަރުންތަކަކެވެ.

ނިމިގެން ދިޔަ މަޖިލީހުގައި މެމްބަރުންގެ މާބޮޑު ޒިންމާއެއް ނޯވެ އެވެ. އިޚްތިޔާރެއް ވެސް ނޯވެ އެވެ. ގާނޫނުއަސާސީ އާއި ގާނޫނަކަށް، ގަވާއިދަކަށް، ރައްޔިތުން ހަވާލުކުރި މަސްއޫލިއްޔަތަކަށް ވެސް ބެލުމެއް ނޯވެ އެވެ. އޯޑަރު އަންނަ ގޮތަކަށް ބަޓަނަށް އޮބާލައްވާ މެމްބަރުންނާއި ޖަލްސާތަކުގައި ހަމައެކަނި ގޮނޑިކޮޅު ހޫނުކުރެއްވި މެމްބަރުން ގިނަ އެވެ.

ގިނަ ދުވަސްތަކުގައި މަޖިލީހުގައި ކުރާނެ މަސައްކަތެއް ނޯވެ އެވެ. އެޖެންޑާ ކުރާނެ ކަމެއް، ކޮމިޓީތަކުގެ މަސައްކަތެއް ނެތިގެން ކިތަންމެ ދުވަހަކު ޖަލްސާ ނުބާއްވައި ކެންސަލްކޮށްފައިވެ އެވެ. މަޖިލީސް އޮންނަ ބައެއް ދުވަސް ދުވަހު، ރިޔާސަތުން އެކަނި ވާހަކަ ދައްކަވައި، މެމްބަރުންނަށް ބަހެއް ވިދާޅުވުމުގެ ފުރުސަތު ނުދީ ވެސް ޖަލްސާތައް ނިންމާފައި އެބަހުއްޓެވެ.

އެއީ، ރައްޔިތުން ބަލައި ނުގަތް ކަންކަމެވެ؛ ޖަލްސާގެ ވަގުތު ދިގުވެގެންނާއި މަސައްކަތްތައް ގިނަވެގެން މިހާރު ޝަކުވާ ކުރާނެ ނަމަ އެއީ ހަނދާނުގައި ބަހައްޓަން ޖެހޭ ކަމެކެވެ. މީގެ ކުރިން އެ ކަންބޮޑުވުންފާޅުކުރީ ރައްޔިތުންނެވެ.

މިފަހަރު އޮތީ ރައްޔިތުން ބޭނުންވާ ގޮތް

ނިމިގެންދިޔަ މަޖިލީހުގައި ރާއްޖޭގެ ދުސްތޫރީ ނިޒާމް ގެއްލުން ލިބުނު ގިނަ ގޯސްތައް ހަދާފައި ވެ އެވެ. ރައްޔިތުންނަށް ގެއްލުންވީ، ހައްގު ނިގުޅައިގަނެވުނު ކިތަންމެ ނިންމުމެއް ނިންމި އެވެ. އެ ކަންކަން އިސްލާހުކޮށް، ރައްޔިތުން ބޭނުންވާ މިސްރާބަށް މަޖިލީސް ހިންގައި ކުރަން ހުރި މަސައްކަތްތައް ބައިވަރެވެ. އެކަން، ދައުލަތުގެ އިސް މަގާމްތައް ފުރުއްވި ގިނަ ބޭފުޅުންތަކެއް ހިމެނިވަޑައިގަންނަވާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ގަބޫލުކުރައްވަ އެވެ.

މަޖިލީހުގެ ރައީސަކު ހޮވުމަށް ބާއްވި ޖަލްސާ -- ފޮޓޯ: މަޖިލިސް

މަޖިލީހުގެ ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި 18 ވަނަ މަޖިލީހުން ރައްޔިތުންނަށް ފައިދާ ހުރި މަސައްކަތްތަކެއް ނުކުރެވުނަސް މި މަޖިލީސް ތަފާތުވާނެ އެވެ. ރައްޔިތުންގެ ހައްގުތައް އިސްކުރާނެ އެވެ. ނަތީޖާ ނެރެދޭނެ އެވެ. ސަރުކާރުން ރައްޔިތުންނަށް ކޮށްދޭން ވައުދުވި ކަންކަން ތަންފީޒުކުރަން ބާރު އަޅާނެ އެވެ.

ރައްޔިތުންގެ މަޖިލީސް މިފަހަރު ކުރިއަށް ދާނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަމުގެ ޔަގީންކަން ވެސް ދެއްވަ އެވެ.

ވަކި މީހަކު ބޭރުކުރާކަށް، ވަކި މީހަކަށް ފުރުސަތުދޭން، ކުއްލިއަކަށް މަޖިލީހަށް އެއްޗެހި ހުށަހަޅައިގެން ކުރިއަށް ނުގެންދަވައްޗޭ ސަރުކާރަށް ދަންނަވާފައި އަޅުގަނޑުމެން އޮންނާނީ. --އާޒިމް

މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ ރައްޔިތުންނަށް ވީ ވައުދުތައް ފުއްދަން މަޖިލީހުން ސަރުކާރަށް ފުރިހަމަ އަށް އެއްބާރުލުން ދޭނެ ކަމަށެވެ. އެކަމަކު، އޭގެ މާނައަކީ ރައްޔިތުން ނިކަމެތި ކުރާ ފަދަ އެއްވެސް ކަމަކަށް މި މަޖިލީހުން އާނބަސް ބުނުން ނޫން ކަަމަށް ވިދާޅުވި އެވެ.

މި މަޖިލީހުން އިސްކުރާނީ، އޭނާ ވިދާޅުވި ގޮތުގައި، ރައްޔިތުންގެ ހައްގުތަކެވެ.

"އެއް ކަމަކަށް، އަސާސީ ހައްގުތައް ފުޅާވެގެން ދާނެ. ދެ ވަނަ ކަމަކަށް ރައްޔިތުން އެންމެ ބޮޑަށް ބޭނުން ވަނީ ޖުޑީޝަރީ އިސްލާހުކުރުން. މި މަޖިލީހުން މިކަން ވެގެން ދާނެ. މިކަހަލަ ރައްޔިތުން ބޭނުންވި ކަންކަން ހަމަ ޔަގީނުން ވެސް ސުޕަ މެޖޯރިޓީ އޮވެގެން އަޅުގަނޑުމެން ކޮށްދޭނަން،" އާޒިމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ 65 ގޮނޑިއާ އެކު ސުޕަ މެޖޯރިޓީ އޮތީ ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީ އަށެވެ. މިއީ، ނުފޫޒުން އެއްކިބާވެފައިވާ ނަޒާހަތްތެރި، މަޖިލީހަކަށް އޮތް ބިރެއްގެ ގޮތުގައި އެއް ބަޔަކު ސިފަކުރިއަސް އާޒިމް ވިދާޅުވި ގޮތުގައި ސުޕަ މެޖޯރިޓީ އޮތަސް ސަރުކާރުން ބޭނުންވާ ހުރިހާ ކަމެއް މި މަޖިލީހުން ނުކޮށްދޭނެ އެވެ.

އެ މަގަށް މަޖިލީސް ހިންގަން، މަޖިލީހުގައި 25 އަހަރު ހޭދަކުރެއްވި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން އެދޭނެ ކަމަކަށް ވެސް އާޒިމް ގަބޫލެއް ނުކުރައްވަ އެވެ.

ބިލުގައި ވަނީ ކޯއްޗެއް ކަން ސާފުނުވަނީސް ނުވަތަ ކިޔާލާނެ ވަގުތު މެމްބަރުންނަށް ނުދީ ވެސް ނިމިގެން ދިޔަ މަޖިލީހުން ބިލްތައް ފާސްކޮށްފައި އެބަ ހުއްޓެވެ. މެމްބަރުންނާ މެދު ތަފާތު ކުރުން ގެންގުޅެ، މައިނޯރިޓީއަށް އިހްތިރާމް ކުޑަކުރި މަންޒަރު ވެސް ފެނުނެވެ. އެކަމެއް، އާޒިމް ވިދާޅުވި ގޮތުގައި، މި މަޖިލީހުގައި ނުހިނގާނެ އެވެ.

"ވަކި މީހަކު ބޭރުކުރާކަށް، ވަކި މީހަކަށް ފުރުސަތުދޭން، ކުއްލިއަކަށް މަޖިލީހަށް އެއްޗެހި ހުށަހަޅައިގެން ކުރިއަށް ނުގެންދަވައްޗޭ ސަރުކާރަށް ދަންނަވާފައި އަޅުގަނޑުމެން އޮންނާނީ،" އާޒިމް ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަދި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވެސް ވިދާޅުވި ގޮތުގައި އާ މަޖިލީހަކީ ރައްޔިތުންގެ އުއްމީދުތައް ފުރިހަމަކޮށްދޭން މަޖިލީހެކެވެ. މެމްބަރުންގެ ވިސްނުމާއި ރޫހު ހުރީ އެ މިސްރާބަށް ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

މަޖިލީހުގެ ކޮންމެ މެމްބަރަކީ އެ މީހެއްގެ އަމިއްލަ ވިސްނެވުމުގައި ރައްޔިތުންގެ މަސްލަހަތަށް މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާ މެމްބަރެކެވެ. މެމްބަރެއްގެ ގޮތުގައި ކުރެއްވި ހުވާ ހަނދާން ނައްތާލައިގެން ނުވާނެ އެވެ. މެމްބަރުންގެ ކުރިމަތީގައި އޮންނަން ޖެހޭނީ ގާނޫނުއަސާސީ އާއި ގާނޫނުތައް ކަން ރިޔާޒް ފާހަގަކުރެއްވި އެވެ.

"އެއަށް ވުރެން މަތީ މަތީ އަމުރެއް ކުރާ އެއްޗެއް މަޖިލީހުގައި ނޯންނާނެ ކަން މެމްބަރުން ގަބޫލުކުރަން ޖެހޭ. އެހެންވީމަ އެއްވެސް މެމްބަރެއްގެ މައްޗަށް ނުފޫޒެއް ފޯރުވިގެންވާނެ ކަމަކަށް އަޅުގަނޑެއް ނުދެކެން. އެ މީހެއްގެ ބުއްދި އަށް ފެންނަ ގައުމަށާއި ރައްޔިތުންނަށް ރަނގަޅު ކަން މަޖިލީހުގައި ވަކާލާތުކޮށް ނިންމަން ވާނީ،" ރިޔާޒް ވިދާޅުވި އެވެ.

އާޒިމާއި ރިޔާޒް ތަފްސީލްކޮށް ދެއްވީ މަޖިލީސް ހިންގަން ރައްޔިތުން އެދޭ ގޮތެވެ. އަދި ކުރާ އުއްމީދުތަކެވެ. އެ ގޮތުގެ މަތިން، މަޖިލީސް ހަރަކާތްތެރިވެ، ބާރު ސްޕީޑުގައި ނަތީޖާ ނެރެދެއްވާނެ ކަން ފުރަތަމަ ޖަލްސާގައި މަޖިލިހުގެ ރައީސް ނަޝީދު ވަނީ ސާފުކޮށްދެއްވައިފަ އެވެ. ގިނަ ކަންކަމަށް ބަހުސް ކުރައްވައި މަޖިލީހުގެ ގަވާއިދު އިސްލާހު ކުރުމުގެ މަސައްކަތް ވެސް ވަނީ ފަށައިފަ އެވެ. ކުރިން ފެންނަނީ، މަޖިލީހުގެ ރިޔާސަތުން އަވަސް އަވަހަށް ޖަލްސާ ނިންމާލައްވަން އުޅުއްވާ މަންޒަރެވެ. މިފަހަރު ތަފާތުވާނެ އެވެ.

މަޖިލީހުގެ އާ ރައީސަކީ ސިޔާސީ މަސައްކަތުގައި ވަރުބަލި ވާނެ ބޭފުޅެއް ނޫނެވެ؛ ފުރަތަމަ ދުވަހު ވެސް މަޖިލީސް ތެރެއިން އެ ދެއްކެވީ އެ މަންޒަރެވެ.