ކުށްވެރިންގެ މުދާ ދައުލަތަށް، ކުށް ކުރުން ހުއްޓުވިދާނެތަ؟

ހަށިވިއްކުމުގެ ވިޔަފާރީގައި ބޭނުންކުރި ގެތަކެއް ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގަ އާއި ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ދައުލަތަށް ނެގި އެވެ. ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި މަސްތުވާތަކެތީގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރިކަމުގެ ކުށް ސާބިތުވި މީހަކު މާލެއިން ގަނެފައިވާ ގެއެއް ވިއްކާލަން ނިންމި އެވެ. މި ހުންނަނީ ބޮޑެތި ކުށްތައް ހުއްޓުވަން އެޅެން ހުރި އަދި އަޅާފައި ހުރި ފިޔަވަޅުތަކެވެ.


ބޮޑެތި ކުށްތަކުގެ ހާލިތަކުގެ ގޮތުގައި ފާހަގަކުރެވޭ އެތައް ގެއެއް މާލޭގައި އެބަ ހުއްޓެވެ. އެއީ ޒަމާނުންސުރެ ކުށްތައް ކުރަން ބޭނުންކުރަމުްނ ދާ ތަންތަނެވެ. މަސްތުވާތަކެއްޗާއި ބަދުއަހުލާގީ އަމަލުތައް ފަދަ އެތައް ކަމެކެވެ. އަދި އަލަށް އެތައް ބަޔަކު ކުށުގެ ވެއްޓަށް ވެސް ވަންނަނީ އެފަދަ ތަންތަނުންނެވެ. މިފަހުން ފުލުހުން ވަނީ އޭގެ އެތައް ގެއެއް ރެއިޑްކޮށް މީހުން ހައްޔަރުކޮށްފަ އެވެ. ނަމަވެސް އެތަންތަން ބޭނުންކުރުން ހުއްޓުމަކަށް ނާދެ އެވެ.

މަސްތުވާތަކެތި ވިއްކާ ނުވަތަ ބޮޑެތި އެހެން ކުށްތައް ކުރާ ތަންތަން ދުނިޔޭގެ އެހެން ތަންތަނުގައި ވެސް ސަރުކާރުން ނަގަ އެވެ. ނަމަވެސް ރާއްޖޭގައި އެއީ އުނދަގޫ އަދި ވަރަށް މަދުން ނޫނީ ނުވާ ކަމެކެވެ.

މަސްތުވާތަކެތީގެ ވިޔަފާރިކުރާ ގެއެއްގައި ހަރުކޮށްގައި ހުރި ދަގަނޑު ދޮރެއް

މީހަކު މުދާ ހޯދި ގޮތް، ކަމާ ބެހޭ ރަސްމީ ފަރާތްތަކަށް ބުނެނުދެވޭ ނަމަ ގިނަ ގައުމުތަކުގައި އެ މުދަލެއް ދައުލަތަށް ނަގަ އެވެ. ނަމަވެސް ރާއްޖޭގައި އެކަން އޮތީ އެހެންނެއް ނޫނެވެ. ނުހައްގު މުދާކަން ސާބިތުކޮށްދޭން ޖެހެނީ ދައުލަތަށެވެ. އެމީހާއެއް ނޫނެވެ.

މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާ މުދަލާއި ތަކެތި ދައުލަތަށް ނެގޭނެ ކަމަށް ގާނޫނުގައި ބުނެފައިވެ އެވެ. އެ ތަކެތި ހޯދި އެހެން ގޮތެއް ބުނެނުދެވޭ ހާލަތެއްގައި ދައުލަތަށް ނެގޭނެ ކަމަށް ބުނެފައިވެ އެވެ. ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް އަގުބޮޑު ތަކެއްޗާއި މުދާ ހޯދާފައިވާ މީހުން ތިބި ނަމަވެސް މަދު ފަހަރެއްގައި ނޫނީ އެގޮތަށް މުދާ ނެގިފައެއް ނެތެވެ.

މާލޭގެ ގޭގޭގައި ދަގަނޑު ދޮރުތައް ލައިގެން މަސްތުވާތަކެތީގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި މިހާރު އެބަ ކުރެ އެވެ. މަސްތުވާތަކެތީގެ ގާނޫނު ބުނާ ގޮތުން އެފަދަ ކުށެއް ކުރަން ގޭގެ ކުއްޔަށް ދިނުމަކީ ވެސް ބޮޑު ކުށެކެވެ. އެފަދަ ކުށެއް ކުރަން އެއްބާރުލުން ދޭ އިމާރާތުގެ ވެރިޔާއަށް 10 އަހަރުގެ ޖަލު ހުކުމެއް އިއްވުމުގެ ފުރުސަތު އެބަ އޮތެވެ.

ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ހެޑް އަދި ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝާކިރު ވިދާޅުވި ގޮތުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ގޭގޭގެ ވެރިން އެކަމުގެ ޒިންމާ ނަގަން ޖެހެ އެވެ. ބައެއް ގޭގޭގައި އެފަދަ ކަންކަން ކުރަނީ އެގޭގޭގެ ވެރިންނަށް އެނގިގެން އަދި އެމީހުންގެ އެއްބާރުލުމާ ވެސް އެކުގައިކަން ތަހުގީގަށް އެނގިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު އަޅުގަނޑުމެންގެ ޓާގެޓަކީ ހަމައެކަނި ބޭނުން ކުރާ މީހުންނެއް ނޫން. ގޭގޭގެ ވެރިފަރާތާ ހަމައަށް މިހާރު އަޅުގަނޑުމެންގެ ތަހުގީގު މި ބައްޓަން ކުރަނީ،" ޝާކިރު އިންޒާރު ދެއްވި އެވެ.

ދައުލަތަށް ގޭގެ ނެގުން ކިހިނެއް؟

ކުރީގެ އުއްތަމަފަނޑިޔާރު، އަހުމަދު ފާއިޒް ހުސައިން ވިދާޅުވި ގޮތުގައި އެފަދަ ކުށް ކުރަން ބޭނުންކުރާ ގެތަކުގެ ތެރެއިން އެމީހެއްގެ އާއިލީ ގެ ދައުލަތަށް ނެގުމުގައި ހުރަސްތަކަކާއި މައްސަލަތަކެއް ދިމާވެދާނެ އެވެ. ސަބަބަކީ އެފަދަ ގެއެއް ދައުލަތަށް ނެގުމުން އެގެޔަށް ނިސްބަތްވާ އެހެން ބަޔަކު މަގުމަތިވުމުގެ ފުރުސަތު އޮތީމަ އެވެ.

"އެދެވޭ އަދަބެއްގެ އަސަރު އަނބިދަރިންނާ ހިސާބަށް ގެންދިއުން ރަނގަޅެއް ނޫން. އެގޮތަށް ހެދީމަ އިޖުތިމާއީ އެކިއެކި މައްސަލަތައް ކުރިމަތިވާނެ،" ފާއިޒް ވިދާޅުވި އެވެ.

ނަމަވެސް އެމަނިކުފާނު ވެސް ގަބޫލުފުޅުކުރައްވާ ގޮތުގައި ނާޖާއިޒު ގޮތުގައި ނުވަތަ އެކި ކުށްތައް ކޮށްގެން ހޯދާ ފައިސާއިން ގަނެފައިވާ މުދަލާއި ތަކެތި ދައުލަތަށް ނެގުން ރަނގަޅެވެ. އަދި އެފަދަ ގާނޫނެއް ރާއްޖެއަށް މުހިންމު ކަމަށް ވެސް ވިދާޅުވި އެވެ.

"ދައުލަތަށް ހިޔާނާތްވާ މީހުންނާއި ނާޖާއިޒު ގޮތުގައި ހޯދާފައި ހުންނަ މުދާތައް ނެގުން ރަނގަޅު،" ފާއިޒު ވިދާޅުވި އެވެ.

،ަސްތުވާތަކެތީގެ ވިޔަފާރިކުރުން، ނާޖާއިޒު ގޮތުގައި މުދާ ހޯދުން ފަދަ ބޮޑެތި ކުށްތައް ހުއްޓުވަން، އެހުރިހާ ކަމަކަށް ވުރެ ވެސް ބޮޑަށް އިސްކަންދޭންވީ، ފާއިޒު ވިދާޅުވި ގޮތުގައި، ގާނޫނު ތަންފީޒު ކުރުމަށެވެ. ބޮޑެތި ކުށްތައް ނުހުއްޓެނީ އެކަންކަން ކުރާ މީހުން އެކި ސަބަބުތަކާ ހުރެ ދޫވެ، އަލުން އެކަން ކުރުމުގެ ފުރުސަތު ދެވޭތީ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އޭގެ ތެރެއިން ބައެއް މީހުން ޝަރީއަތުގެ ތެރެއިން ދޫވާއިރު އަނެއް ބަޔަކު ދޫވަނީ އަދަބު ދިނުމުގެ މަރުހަލާގެ ތެރެއިން ކަމަށް ވިދާޅުވި އެވެ.

"އަނެއްކާވެސް އައިސް ވިޔަފާރި ކުރަނީ. ކޯޓު ތެރެއިން ވެސް، ހުކުމް ކުރުމަށް ފަހުން ވެސް އެބަހުރި ސަލާމަތް ވެފައި،" ފާއިޒް ވިދާޅުވި އެވެ.

ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވި ގޮތުގައި މަސްތުވާތަކެތީގެ ވިޔަފާރި ފަދަ ބޮޑެތި ކުށްކުރަން ބޭނުންކުރާ ތަންތަން ދައުލަތަށް ނެގުމަކީ ކުށް ހުއްޓުވަން އެޅޭނެ ރަނގަޅު ފިޔަވަޅެކެވެ. ނަމަވެސް އެކަން ކުރުމުގެ ކުރިން ޝަރުއީ ދާއިރާއާ މެދު އާއްމުންގެ އިތުބާރު ހޯދަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއީ ކުށް ހުއްޓުވޭނެ މަގަކަށް ވާނެ. އެކަމަކު އެކަން ކުރަންވާނީ ސިސްޓަމާ ދޭތެރޭ އިތުބާރު އޮވެގެން،" ޝަމީމް ވިދާޅުވި އެވެ.

އޭނާ ގަބޫލުކުރައްވަނީ ދައުލަތަށް މުދާ ނެގުން ފަދަ ކަމަށް ގާނޫނެއް ހަދައި ތަންފީޒު ކުރާއިރު ޝަރުއީ ދާއިރާ އިސްލާހުކުރަން ޖެހޭ ކަމަށެވެ. މިހާރު ކޯޓުތަކުން މައްސަލަތައް ލަސްވުމާއި އިންސާފުވެރި ނޫން ކަމަށް ބެލެވޭނެ ޖާގަ އޮތުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ޝަމީމް ވިދާޅުވި އެވެ.

"ގާނޫނެއްގައި ހަމައެކަނި ލިޔެގެނެއް ނުވާނެ. ތަންފީޒު ކުރެވިގެން ވާނީ. މިހާރު މިއޮތް ގޮތަށް ކޯޓްތައް އޮވެގެން އެކަން އިންސާފުވެރިކޮށް ނުވާނެ،" އޭނާ ވިދާޅުވި އެވެ.

ރާއްޖެ މިވަނީ ބޮޑެތި ކުށުގެ ހާއްޔަކަށް ވެފަ އެވެ. ފުލުހުން މިޖެހެނީ ތަންތަން ރެއިޑް ކޮށްލަކޮށްލާ ނުވަތަ މީހުން ހައްޔަރުކޮށްކޮށް ތިބޭށެވެ. އެކަމަށް ހުއްޓުމެއް ނެތެވެ. އެހެންކަމުން ކުށް ކުރަން ބޭނުންކުރާ ތަންތަނާއި މުދާ ދައުލަތަށް ނެގުން ފަދަ ހަރުކަށި ފިޔަވަޅުތައް އެޅޭނެ ފުރުސަތު މިހާރަށް ވުރެ ބޮޑަށް ތަނަވަސްކޮށްދޭން ޖެހެ އެވެ.