ރިޕޯޓް / ހުޅުމާލެ

ކޮފީ ޝޮޕުން ފެންނަ ދެ މިލިއަން ޑޮލަރުގެ އޮޅުވާލުން!

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިމެނޭ ކުރީގެ ކްލަބް މެޑްގެ ކޮފީ ޝޮޕް: އެ ފިޔަވަހީގެ މަގު ހެދުމުގެ މަޝްރޫއުގެ އޮފީހަކަށް ބޭނުންކުރަން މި ތަނުގައި ކުރި ކުޑަ މަރާމާތަކަށް އެޗުޑީސީން ދެ މިލިއަން ޑޮލަރު ހޭދަކުރި ކަމަށް ވޭ.

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގެ މަގުތައް ހަދަން އިންޑިއާގެ ދެ ކުންފުންޏެއް އެކުވެ އުފެއްދި ޖޮއިންޓް ވެންޗާއަކަށް ދިން މަޝްރޫއުގެ ބައެއް މަސައްކަތްތަކަށް އިންތިހާ އަށް ބޮޑު އަގުތަކެއް ނަގާފައިވާ ކަން "މިހާރު" އަށް އެނގިއްޖެ އެވެ.

އިންޑިއާގެ މޯހަން މުތާ އެކްސްޕޯޓް، ރާއްޖޭގައި މަޝްހޫރު ނަމުން ނަމަ އެމްއެމް އެކްސްޕޯޓާއި އިންޑިއާގެ އެހެން ކުންފުންޏެއް ކަމަށްވާ އަޝޯކާ ބިލްޑްކޮން ލިމިޓެޑް ގުޅިގެން އުފެއްދި ޖޮއިންޓް ވެންޗާ އަށް އެ މަޝްރޫއު ހަވާލުކުރީ 40.3 މިލިއަން ޑޮލަރު (621.4 މިލިއަން ރުފިޔާ) އަށް އޮކްޓޯބަރު 28، 2015ގަ އެވެ.

މި މަޝްރޫއުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރި ކަމަށް ތުހުމަތުކުރެވޭ އެއް ހެއްކަކީ، މަޝްރޫއު ފެށުމުގެ ކުރިން ހަދަން ޖެހޭ އިންޖިނިއާ އޮފީހަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ން ދެއްކި ދެ މިލިއަން ޑޮލަރު (30 މިލިއަން ރުފިޔާ) އެވެ. ހައެއްކަ މީހުން ތިބެވޭ ގޮތަށް ހަދަން ޖެހޭ ކުޑަކުޑަ އޮފީހަކަށް އެވަރުގެ ބޮޑު ހަރަދެއް ހިނގާނެ ކަމަށް އެއްބަސްވުމުގައި ހަމައެކަނި ޖެހީކީ ނޫނެވެ. "މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ އަގު ވަނީ އެޗްޑީސީން ދައްކައިފަ އެވެ.

އެކަމަކު އެއީ މަކަރާއި ހީލަތުގެ އަމަލެއްކަން ސާބިތުވާ ކަންކަން އެބަ ހުއްޓެވެ. ފުރަތަމަ ކަމަކީ އޮފީހެއް ހެދުމުގެ ބަދަލުގައި، ކުރިން ކްލަބް މެޑް ރިސޯޓުގެ ކޮފީ ޝޮޕްގެ އެތެރެ ކުޑަކޮށް މަރާމާތުކޮށްލުމެވެ. އަނެއް ކަމަކީ ދެ އަހަރަށް ވުރެ ގިނަ ދުވަހަށް ދެމިގެން ދިޔަ މަޝްރޫއު ފެށުމުގެ ކުރިން ހަދަން ޖެހޭ އޮފީހެއް އެޗްޑީސީއާ ހަވާލުކުރީ މަޝްރޫއު ނިމެން ކައިރިވެފައި އޮއްވައި ކަމެވެ.

ސެންޓްރޯ މޯލް ހަދަން ވެސް ނުކުރާވަރުގެ ހޭދައެއް!

ރާއްޖޭގެ އެންމެ ފުރަތަމަ ރިސޯޓްތަކުގެ ތެރޭގައި ހިމެނޭ ކްލަބް މެޑް ހިންގި ފަރުކޮޅުފުއްޓަކީ ހުޅުމާލޭ ދެ ވަނަ ފިޔަވަހީގެ ބައެކެވެ. ކްލަބް މެޑްގެ ކޮފީ ޝޮޕް ހުންނަނީ މިހާރު ބައެއް ހަފުލާތައް ބާއްވަން ބޭނުންކުރާ ސަރަހައްދުގައި އޮންނަ ސްވިމިން ޕޫލާ ޖެހިގެންނެވެ.

އެޗްޑީސީގެ އެތެރޭގެ މި މުއާމަލާތުގެ މައުލޫމާތު ހުރި ބައެއް މީހުން، ނަން ނުޖަހާ ގޮތަށް ވާހަކަ ދައްކަމުން، "މިހާރު" އަށް ކިޔައިދިން ގޮތުގައި އެމްއެމް އެކްސްޕޯޓާއި އަޝޯކާ ބިލްޑްކޮން ލިމިޓެޑްގެ ޖޮއިންޓް ވެންޗާ އިން އެ ކޮފީ ޝޮޕްގެ އެތެރޭގައި ކުރި މަސައްކަތަށް 50،000 ޑޮލަރު (750،000ރ) ވެސް ނާރާނެ އެވެ.

މަގު ހެދުމުގެ މަޝްރޫއު އެމީހުންނާ ހަވާލުކުރުމުގެ ކުރިން، ހުޅުމާލޭ ދެ ވަނަ ފިޔަވަހި ހިއްކި ޑްރެޖިން އިންޓަނޭޝަނަލް އިން ވަނީ ކޮފީ ޝޮޕްގެ އެތެރެ މަރާމާތުކޮށް، އެ ޕްރޮޖެކްޓްގެ އޮފީހުގެ ގޮތުގައި ގާތްގަނޑަކަށް ހަތް މަސް ވަންދެން ބޭނުންކޮށްފަ އެވެ. މަގު ހެދި ޖޮއިންޓް ވެންޗާ އިން އެތަނުގައި ހަމައެކަނި ކުރި ކަމަކީ ކުލަ އާ ކުރުމާއި އެއާ ކޮންޑިޝަން ޔުނިޓްތަކެއް ހަރުކުރުމާއި ކުޑަ ބަދިގެއެއް ހަދައި، ބަދިގެ އަށް ބޭނުންވާ ބައެއް ސާމާނު ގަތުން ކަމަށް، މައުލޫމާތު ހުރި މީހުން ބުނެ އެވެ.

އޭގެ އިތުރުން ކޮފީ ޝޮޕް ވަށައިގެން ދަގަނޑު ފެންސެއް ޖެހި ކަމަށް، "މިހާރު" އާ ވާހަކަ ދެއްކި އެކަކު ބުންޏެވެ.

"އެ ވަރުގެ ކުޑަ މަސައްކަތެއް ކޮށްލާފައި 30 މިލިއަން ރުފިޔާ ނަގާފައި އެ ވަނީ. އެ ވަރުގެ އަދަދެއް ހުޅުމާލޭގެ އެހެން މަޝްރޫއުއަކަށް ނިސްބަތް ކުރަންޏާ އަޅުގަނޑު ދަންނަވާނީ ސެންޓްރޯ މޯލް ހަދަން އެޗްޑީސީން ކުރި ހަރަދަށް ވުރެ ވެސް ބޮޑު އަގެކޭ އެއީ،" އޭނާ ބުންޏެވެ.

ސެންޓްރޯ މޯލް އަކީ ހުޅުމާލޭ ހޮސްޕިޓަލާ ޖެހިގެން ހުޅަނގަށް ހަދާފައިވާ، ވިޔަފާރީގެ ބައެއް ތަންތަން ހިންގާ ހަތަރު ބުރީގެ ބޮޑު އިމާރާތެވެ.

އެޗުޑީސީން ދެ މިލިއަން ޑޮލަރު ހޭދަކުރި އޮފީސް: ކުރީގެ ކްލަބް މެޑް ރިސޯޓުގައި ބޭނުންކުރި ކޮފީ ޝޮޕްގެ އެތެރެ ކުޑަކޮށް މަރާމާތުކޮށް ހެދި މި އޮފީހަށް އެހާ ބޮޑު ހޭދައެއް ކުރީ ހުޅުމާލޭ ދެ ވަނަ ފިޔަވަހީގެ މަގު ހެދުމުގެ މަޝްރޫއުގެ ބައެއްގެ ގޮތުން

މަގު ހެދުމުގެ މަޝްރޫއުގައި މިހާ ބޮޑު މައްސަލައެއް އުޅުނު އިރު އެކަމާ ބެހޭ ގޮތުން ސުވާލު ދެންނެވުމުން އެޗްޑީސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން ވިދާޅުވީ އެކަހަލަ ކަމެއް ހިނގާފައިވާކަން "ހަނދާނަށް ނާންނަ" ކަމަށެވެ.

ނަމަވެސް އިތުރު ބައެއް ސުވާލު ދެންނެވުމުން އޭނާ ވިދާޅުވި ގޮތުގައި އެ މަޝްރޫއަކީ "ފްރޮންޓް ލޯޑެޑް" ކޮށް ގެންދިޔަ ކަމަކަށް ވާތީ ބައެއް މަސައްކަތްތަކުގެ އަގު ފުރަތަމަ ޖެހި އިރު ބޮޑުވެފައި ހުރެދާނެ އެވެ. ނަމަވެސް އެއްވެސް ކަމަކަށް ފައިސާ ދައްކާފައި ވާ ނަމަ އެ މަސައްކަތެއް ދިޔަ ގޮތާއި ހޭދަވާނެ ހަރަދު ޕްރޮޖެކްޓް މެނޭޖްމަންޓް ޓީމުން ކަށަވަރުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަކު އެވަރުގެ ބޮޑު އަދަދެއް މެނޭޖިން ޑިރެކްޓަރުގެ ހުއްދަ ނެތި ކުންފުނިން ނުދައްކާނެ ކަމަށް، އެޗްޑީސީގެ ބައެއް މުވައްޒަފުން ބުންޏެވެ.

ފްރޮންޓް ލޯޑެޑްކޮށް ހިންގާ މަޝްރޫއުތަކުގައި ކޮންޓްރެކްޓަރު ވަރަށް ބޮޑެތި އަގުތައް ޖަހައިގެން މަޝްރޫއުގެ ފުރަތަމަ ކޮޅު އާދަޔާ ހިލާފަށް މާލީ ފައިދާ ނަގަ އެވެ. ކޮންސްޓްރަކްޝަން ދާއިރާގެ ބައެއް ތަޖުރިބާކާރުން ބުނާ ގޮތުގައި އެއީ ކޮންޓްރެކްޓަރަށް ލިބޭ ވަރަށް ބޮޑު އެޑްވާންޓޭޖެކެވެ. އަނެއްކޮޅުން މަޝްރޫއުގެ ފުރަތަމަކޮޅު ބޮޑު އަގުތަކެއް ނެގުމުން، ބައެއް ފަހަރަށް، މަޝްރޫއުގެ ފަހުކޮޅު ކުރާ މަސައްކަތްތަކާއި ގަންނަ އެއްޗެހީގެ އަގު ކުޑަވެ އެވެ. އެހެން ގޮތަކަށް ބުނާ ނަމަ މަގު ހެދުމުގެ މަޝްރޫއުގެ ފަހު ބައިގެ މަސައްކަތްތައް ހުންނަން ޖެހޭނީ ނިސްބަތުން އަގު ކުޑަކޮށެވެ.

އެކަމަކު އެ މަޝްރޫއުން ފެންނަނީ އެ މަންޒަރު ނޫން ކަމަށް، މައުލޫމާތު ހުރި ބައެއް މީހުން ގަބޫލުކުރެ އެވެ. އޭރުގެ ސަރުކާރުގެ ސޮވެރިން ގެރެންޓީއެއްގެ ދަށުން އިންޑިއަން އެގްޒިމް ބޭންކުން ދިން ލޯނުގައި ހިންގި މަޝްރޫއުގެ ފަހުކޮޅު ވެސް ފެނުނީ އެއްބަސްވުމުގައި ކުރިން ޖެހި ބޮޑެތި އަގުތަކުގައި މަސައްކަތްކޮށްފައި ހުއްޓަ އެވެ. އަދި ބައެއް މަސައްކަތްތަކަށް އެކަށީގެންނުވާ ބޮޑެތި އަގުތައް އެޗުޑީސީން ދައްކާފައިވާ ކަމަށް ވެސް، މައުލޫމާތު ހުރި މީހުން ކަށަވަރުކޮށްދެ އެވެ.

ކުރީގެ ސަރުކާރުގައި އެޗްޑީސީގެ މާލީ ހާލަތާ ނުބައްދަލު އެތައް މަޝްރޫއުއެއް ހިންގުމުގެ ސަބަބުން ކުންފުނި ވަނީ އަޑިއަޅާލައިފަ އެވެ. އަދި އާ ސަރުކާރުން ގެންދަނީ ކުންފުނީގައި ހުރި މައްސަލަތައް ހައްލުކޮށް، ކުރީގެ މަޝްރޫއުތައް ހިންގި ގޮތް ބަލަމުންނެވެ.

ހުރިހާ ކަމެއް އެނގޭނީ އެތެރޭގެ އޮޑިޓް ނިމުމުން!

އާ މެނޭޖިން ޑިރެކްޓަރު އަދި އެޗްޑީސީގައި ކުރިން ވެސް ދިގު މުއްދަތެއްގައި މަސައްކަތް ކުރެއްވި ސުހެއިލް އަހުމަދު ވިދާޅުވީ، ދެ މިލިއަން ޑޮލަރުގެ އޮފީހެއްގެ ވާހަކަ އެނގިވަޑައިގެންފައި ނުވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެޗްޑީސީއާ ގުޅިފައި ހުރި ބޮޑެތި މައްސަލަތަކުގެ ހަގީގަތް ދެނެގަތުމަށް އެތެރޭގެ އޮޑިޓެއް މިހާރު ދަނީ ކުރިއަށެވެ.

"އެ އޮޑިޓް ނިމުނީމާ އެނގޭނީ ކަންކަން [އޭރު ކޮށްފައި] ހުރި ގޮތް،" ސުހެއިލް ވިދާޅުވި އެވެ.

އެކަމަކު ސައިމަންގެ ހަނދުމަފުޅު ނެތަސް އަދި މިހާރުގެ މެނޭޖްމަންޓަށް އޭރުގެ ބޮޑެތި މަޝްރޫއުތަކުގެ ހަގީގަތާ ހަމަޔަށް އަދި ނުފީނުނަސް، ހުޅުމާލޭ ދެ ވަނަ ފިޔަވަހީގެ މަގު ހެދުމުގެ މަޝްރޫއުގައި ހިމެނޭ ބޮޑެތި ގޯސްތައް އެ ހުރީ ދިމާއަށެވެ. ކްލަބް މެޑް ރިސޯޓް ހިންގި އިރު ވެސް އެ ކޮފީ ޝޮޕަށް ދެ މިލިއަން ޑޮލަރު، ކީއްކުރަން 500،000 ޑޮލަރު ވެސް، ހޭދަކޮށްފައި ވާނެ ކަމަކަށެއް ނުފެނެ އެވެ. އެވަރުގެ ހޭދައެއްކޮށްގެން ހަދާފައި ހުރި ނަމަ އެތަނަކުން ފެންނަން ޖެހޭ ވަރުގެ ސިފަތަކެއް އެ އިމާރާތަކު ނެތެވެ.

އެހެންކަމުން ކްލަބް މެޑްގެ ކޮފީ ޝޮޕް އެވަނީ، "މިހާރު" އާ ވާހަކަ ދެއްކި ބައެއް މީހުންގެ ނަޒަރުގައި، އެޗްޑީސީގެ ކުރީގެ މެނޭޖްމަންޓުން ހިންގި އަގުބޮޑު މަޝްރޫއުތަކުގެ ބޮޑު އަގު ހަމަކުރަން ލިޔުންތަކުގައި ބޭނުންކުރި އޮޅުވާލުމަކަށް ވެފަ އެވެ.

"މިކަހަލަ އެކަށީގެންނުވާ ބޮޑެތި އަގުތައް ޖަހާފައި ހުރި ކިތައްމެ އައިޓަމެއް އެ މަޝްރޫއުގައި ހިމެނޭ،" މައުލޫމާތު ހުރި އެކަކު ކިޔައިދިނެވެ.

"އިންޖިނިއަރުންގެ އޮފީހޭ ކިޔާފައި ދައްކާފައި އެވަނީ އޭގެ ތެރެއިން އެންމެ އައިޓަމެއް."

114 ކޮމެންޓް, 212 ރިއެކްޝަންސް

icon happy icon happy 5%
icon sad icon sad 6%
icon angry icon angry 90%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ލަދޭލަޑޭ

03 July 2019

ޢެމް އެމް އެކްސްޕޯރޓުން ވަނީ މިސަރުކާރާވެސް ގުޅިފަ... ހެއްހެއް

The name is already taken The name is available. Register?

ހައިރާން

03 July 2019

ފެނަކަ، ސްޓެލްކޯ ފަދަ ކުންފުނިތަކާ އެކީ ތި މޯހަން ހަދާ ޑީލްތަކައްވެސް ބަލާލުން މުހިންމު

The name is already taken The name is available. Register?

މާރިޔާ

03 July 2019

އެއްވެސްމައްސަލައެއްނެއްތިކަމުގާ

The name is already taken The name is available. Register?

ށިޔާ

03 July 2019

މިސަރުކާރުންވެސް އެހަކަށް ދުވަހު އެމް.އެމް އެކްސްޕޯޓަށް ބޮޑު ޕްރޮޖެކްޓެއް ދީފި. ޢަދި ނުވާނެ 3 ހަފްތާވެސް

The name is already taken The name is available. Register?

ސާމާނުބެ

03 July 2019

އަބަދުވެސް ކެޔޭ ކެޔޭ ކައިފިޔޭ ކައިފިޔާއޭ ބަލަ ކޭއެއްޗެއް ކަރަން އަތްބާނާފަ ނަގާނީ ކޮންދުވަހަކުންތަ؟ އެކަން ނުވަންޏާ އަނގަނުތަޅާ ތިބޭ

The name is already taken The name is available. Register?

ސާމާނުބެ

03 July 2019

30 މިލިއައް ޑޮލަރު ކީއްކުރަން 100 މިލިއަން ޑޮލަރު ކާލިއައް އެކެއި ބައެއްގެ އަތުން ބޮޑުލާއެއްވެސް ނުނަގާނެ ނިކަން ބާރައް ކޮމިޓީތަން ހަދައިގެން ކަންކަން ބަލާވާހަކަ ހަބަރައް އަރުވާލާނެ

The name is already taken The name is available. Register?

އެމްއެމް އެކްސްޕޯޓް

02 July 2019

އެމްއެމް އެކްސްޕޯޓް މިހާރުން މިހާރަށް ބޭރުކުރަން ހަރުކަށި އިބާރާތުން ގޮވާލަން. ކުދި ވިޔަފާރިތަކަށްހުރި ބޮޑު މުސީބާތެއް. ދެވަނަ ވޯރާ ވިޔަފާރިވެރިންް.

The name is already taken The name is available. Register?

މުސްތަފާ ހަމީދު

02 July 2019

ބަލަ.ތިބުން ޕްރޮޖެކްޓް ޓީމް އަދިވެސް އެޗް.ޑީ.ސީ،ގައި އެބައޮތެވެ.ތިޔަ މަސައްކަތް ހިންގިއިރު ތިބި އިސްވެރިން އަދިވެސް އެބަތިއެވެ.އެމް.އެމް.އެކްސްޕޯޓްސް މުއްސަންދިވީ ރާއްޖޭގެ ސަރުކާރުގެ އެކިއެކި މަޝްރޫޢުތައް ކޮރަޕްޝަން ހިންގައިގެން ހޯދައިގެން ކުރި މަސައްކަތުންނެވެ.އެމީހުންނަށް ނުދަރާއޮތް ދިވެހި ވިޔަފާރިވެރިއަކު މިހާރު މަދުވާނެއެވެ.އެއީ މިހާރު އިންޑިއާގަވެސް ނަންހިގާ ކުންފުންޏެކެވެ.

The name is already taken The name is available. Register?

ތިނޭ

02 July 2019

ތި އެމްއެމްއަކީ ވަރަށް ކަޓުބައެއް..ރާއްޖޭން ބޭރުކުރަންފެނޭ! މިކަހަލަ މީހުން އައިސް ރާއްޖެ ހަލާކުކުރަނީ!

The name is already taken The name is available. Register?

ށ.އަތޮޅު މީހާ

02 July 2019

ގައުމުގެ ތަރައަޤީއަށް ހުރިއްޔާ ހުރި ލާރިއެއް ކައި ހުސްކޮއްފި. ޕީޕީ ކުދިން ލަދުގަނޭބާ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454