ދިވެހި ޓީޗަރުން ހުސްވުމުގެ ބިރު! ހައްލަކީ ކޮބާ؟

މީގެ 15 ވަރަކަށް އަހަރު ކުރިއަށް ބަލާ ނަމަ އެންމެ ގަދަރުވެރި، މީހުންގެ އިހުތިރާމް އެންމެ ބޮޑަށް ލިބުނު އެއް ބަޔަކީ ޓީޗަރުންނެވެ. މުސާރައިގެ ގޮތުން ވެސް ޓީޗަރުންގެ ހިތްހަމަޖެހުން އޭރުގެ ނިސްބަތުން ބޮޑެވެ. ނަމަވެސް މިހާރު އެ މަންޒަރު ބަދަލު ވެއްޖެ އެވެ. އެއް ބަޔަކު ދެކޭ ގޮތުގައި ޓީޗަރުން މިހާރު ވަނީ "މަގުމަތިވެފަ" އެވެ.


ޓީޗަރުންގެ ހައްގުގައި ވަކާލާތުކުރަމުން އަންނަ ޖަމިއްޔާގެ ރަައީސް އާތިފް އަބްދުލްހަކީމް ވިދާޅުވީ ސަރުކާރަށް އަންނަ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް އަންނަ ބަޔަކީ ޓީޗަރުން ކަމަށެވެ. ގަނޑެއްގައި ޕްލޭންތަކެއް ހެދިކަމުގައި ވެސް ތަންފީޒުކުރުމާ ހިސާބުން މަޑުޖެހިގެންދަނީ ކަމަށް އޭނާ ވިދާޅުވި އެވެ.

އާތިފް ގަބޫލުކުރައްވާ ގޮތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ޓީޗަރުން އުޅުނީ ވަށާ ޖެހޭ ތައުލީމު ފޯރުކޮށްދިނުމުގެ ވައުދު ތަންފީޒުކުރުމުގަ އެވެ. މިދިޔަ ސަރުކާރުގައި ބީޓެކާއި ދަސްވާރު ތައާރަފުކޮށް އެކަމުގައި ބުރަކޮށެވެ. މިހާރު ޓީޗަރުން ނުނެއްޓިގެން އުޅެނީ ނާސްތާއަކުން ކަމަށް އޭނާ ދެކެވަޑައިގަނެ އެވެ.

އެހެން ބައެއް ޓީޗަރުންގެ ވެސް ވިސްނުން ހުރި ގޮތަށް ބިނާކުރައްވައި އާތިފް ވިދާޅުވީ، އެކަންކަން ހަގީގަތުގައި ދިމާވަނީ ދުރު ވިސްނުމެއް ނެތި ހަދާ ޕްލޭންތަކުގެ ސަބަބުން ކަމަށެވެ.

ރާއްޖޭގައި މަސައްކަތްކުރާ ޓީޗަރުން: ޕްރައިމަރީ ގްރޭޑްތަކަށް ބިދޭސީ ޓީޗަރުން ގެންނަން މިހާރު ވަނީ ނިންމާފައި -- މިހާރު ފައިލް ފޮޓޯ

ޓީޗަރަކަށް ވުމުގެ އުއްމީދު ޒުވާނުންގެ ތެރެއިން ނެތި ހިނގައްޖެ ކަމަށް، ބައެއް ޓީޗަރުން ބުނެ އެވެ. އޭގެ އެއް މިސާލަކީ އޭ ލެވެލް ނިންމާ ކުދިން ކުރިއަށް ދާން ގަސްދުކުރާ ދާއިރާތަކުގެ ތެރޭގައި ޓީޗަރުންގެ މަސައްކަތް މިހާރު ނުހިމެނުމެވެ.

އާތިފް ވިދާޅުވީ ޓީޗިންގެ ރޮނގުން މިހާރު ތަމްރީނުވަމުން އަންނަނީ އެ ދާއިރާގައި މިވަގުތު ތިބި މީހުން އެމީހުންގެ ވަޒީފާ ކަށަވަރުކުރުމަށެވެ. އަނެއް ބައި ޓީޗަރުން އެހެން ދާއިރާތަކުން ވަޒީފާ ހޯދައި ބަދަލުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކުރިއަށް އޮތް ތަނުގައި ވެސް މޮޅެތި ޓީޗަރުން، ޓީޗިން ދާއިރާ ދޫކޮށް ދާނެ،" މިހާރު ވެސް ތައުލީމީ ދާއިރާގައި ދިގު މުއްދަތެއް ހޭދަކުރެއްވި އާތިފް ވިދާޅުވި އެވެ.

"ކިޔަވާ ކުދިންނަށް ވުރެ އެހެން ކޮން ކުދިބަޔަކަށްތޯ ފެންނާނީ ޓީޗަރުން އުޅޭ ހާލު. އެ ކުދިންނަކަށް ނޫންތޯ އެންމެ ރަނގަޅަށް ފެންނާނީ ޓީޗަރުން އުޅޭ ހާލު؟" މަޖީދިއްޔާ ސްކޫލުގައި މިހާރު ކިޔަވައިދެއްވަމުން އަންނަ އާތިފް ވިދާޅުވި އެވެ.

އާތިފް އެކަންޏެއް ނޫނެވެ. އެތައް ޓީޗަރުންނެއްގެ ނަޒަރުގައި ތައުލީމީ ދާއިރާގެ ކުރިމަގު ފެންނަނީ އެހާ އުޖާލާކޮށެއް ނޫނެވެ. ގޮންޖެހުންތައް ވެސް އެހާމެ ބޮޑެވެ.

މި އަހަރުގެ ކިޔެވުން ފެށިއިރު ސަރުކާރުގެ 212 ސްކޫލުގައި 7،900 ދިވެހި ޓީޗަރުންނާއި ބިދޭސީ 1،900 ޓީޗަރުން މަސައްކަތްކުރެ އެވެ.

ޝައުގުވެރިކަން އުފައްދަން ޖެހޭ

ބައެއް ސްކޫލުތަކުން ވާހަކަދެއްކެވި ބޭފުޅުން ވިދާޅުވި ގޮތުގައި ކިޔަވައިދިނުމުގެ ދާއިރާއަށް ދަރިވަރުންގެ ޝައުގުވެރިކަން އުފައްދަން ޖެހެ އެވެ. އެހެން ނޫން ނަމަ ކުރިއަށް އޮތް 10-15 އަހަރުގެ ތެރޭގައި ރާއްޖޭގެ ތައުލީމީ ދާއިރާ ހަލާކުވެގެން ހިނގައިދާނެ އެވެ.

ސީއެޗްއެސްއީގެ ޕްރިންސިޕަލް އައިޝަތު ސޮފޫރާ މިސާލަކަށް ދެއްކެވީ އެ ސްކޫލްގައި ދިމާވި ކަމެކެވެ. ޓީޗިން ދާއިރާއިން ޑިގްރީ ހަދަން މީގެ ހަތަރު އަހަރު ކުރިން އޭރުގެ ސަރުކާރުން 100 ސްކޮލަޝިޕަށް ހުޅުވާލި އެވެ. އެ ފުރުސަތު ބޭނުންތޯ އެހުމުން އެއްވެސް ދަރިވަރަކު އަތް މައްޗަކަށް ނުނެގި އެވެ. އޭރު އެތަނުގައި 300-400 އާ ދެމެދުގެ އަދަދަކަށް ދަރިވަރުން ތިބި ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ ފަހުން މި އަހަރު ވެސް ބައެއް ދަރިވަރުންނާ، ޓީޗިން ދާއިރާއާ ބެހޭ ގޮތުން ސުވާލުކުރި އެވެ. އޭ ލެވެލް ނިންމާލުމަށް ފަހު ޓީޗިން ދާއިރާއަށް ވަންނާނީ ކިތައް ކުދިންތޯ، ޕްރިފެކްޓް ގްރޫޕުގައި އެހުމުން އެއްވެސް ދަރިވަރަކު ޖަވާބެއް ނުދިނެވެ.

"ޕްރިފެކްޓް ގްރޫޕުގައި އެހެން ޖަހާލީމަ ބުނީ ތިމަންނަ ބޭނުމެއް ނޫނޭ، އެނގެއޭ ޓީޗަރުން މަސައްކަތްކުރާ ގޮތާއި އުޅޭ ހާލު. އެކަހަލަ ގޮތަކަށް ޖަވާބު ލިބުނީ،" ސީއެޗުއެސްއީގެ 60 ވަރަކަށް ދަރިވަރުން ތިބި ގްރޫޕާ ބެހޭ ގޮތުން ސޮފޫރާ ވިދާޅުވި އެވެ.

ޓީޗަރުންނާއި ދަރިވަރުން ދުއާއެއްގައި: ޓީޗަރުންގެ މައްސަލަތަކަށް ހައްލު ބޭނުން- ފޮޓޯ: ހުސެން ވަހީދު/ މިހާރު

އެކަމަކު އޭނާ ގަބޫލުކުރައްވާ ގޮތުގައި ޓީޗަރުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނެސްފި ނަމަ އެ ދާއިރާއިން ކުރިއަށް ދިއުމުގެ ޝައުގުވެރިކަން ދަރިވަރުންގެ މެދުގައި އުފެއްދިދާނެ އެވެ. މިހާރު އެ ޝައުގު ނެތުމުގެ މައިގަނޑު ސަބަބަކީ ކުރާ މަސައްކަތާ އަޅާބަލާ އިރު ލިބޭ މުސާރަ ކުޑަވުން ކަމަށް ވެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގެ ޕްރިންސިޕަލް ސައީދު އަހުމަދުގެ ވާހަކަ ވެސް ހުރީ ދާދި އެއްގޮތަކަށެވެ. އޭނާ ވެސް ވިދާޅުވީ ޓީޗިން ދާއިރާއަށް ދަރިވަރުންގެ މާ ބޮޑު ޝައުގުވެރިކަމެއް ނެތް ކަމަށެވެ. ޓީޗިން އަންނަނީ، އޭނާ ފާހަގަކުރެއްވި ގޮތުގައި، ކުރިއަށް ދާނެ ދާއިރާތަކުގެ ލިސްޓުގެ އެންމެ ފުލަށެވެ.

ތައުލީމީ ދާއިރާއަށް އެންމެ ގިނަ މީހުން ތަމްރީނުކޮށްފައި ވަނީ ގައުމީ ޔުނިވާސިޓީންނެވެ. އެމްއެންޔޫގެ ޑެޕިއުޓީ ވައިސް ޗާންސެލަރު އައިޝަތު ޝާހީން ދައްކަވާ ވާހަކައަށް، ހިސާބުތަކުން ހެކި ދެއްކެން އެބަ އޮތެވެ. އެގޮތުން އޭނާ ވިދާޅުވީ މި ފަހުން ޕްރައިމަރީ ޓީޗިން ކޯސްތަކަށް ވަންނަ ދަރިވަރުންގެ އަދަދު ވަރަށް މަދު ކަމަށެވެ. އެހެންވެ އެޑިއުކޭޝަން މިނިސްޓްރީ އާއި ހަޔަ އެޑިއުކޭޝަންގެ އިތުރުން އެހެން ކޮލެޖުތައް ގުޅިގެން އެކަމަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހިފައިވާ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

ޝާހީން ފާހަގަކުރެއްވި ގޮތުގައި ޓީޗިން ދާއިރާއަށް މުޅިން އަލަށް ވަންނަ މީހުންގެ އަދަދު މަދު ކަމަށް ވިއަސް ތައުލީމީ ދާއިރާގެ މާސްޓާސް ޕްރޮގްރާމަށް ރަނގަޅު ތަރުހީބެއް ލިބެ އެވެ. ނަމަވެސް އެއީ، އާތިފް ވެސް ފާހަގަކުރެއްވި ގޮތަށް، މިހާރު ވެސް ހިދުމަތުގައި ދެމިތިބި ޓީޗަރުންނެވެ.

އެމްއެންޔޫގެ ކޯސްތަކުގެ ތެރެއިން އައިޓީ، ބިޒްނަސް އަދި ޓޫރިޒަމް ފަދަ ކޯސްތަކަށް ވަންނަ ދަރިވަރުންގެ އަދަދު މިހާރު ވަނީ ގިނަވެފަ އެވެ.

"ޕްރައިމަރީ ޓީޗިންނަށް އިތުރު ކުދިން ވައްދަން އެބަ ޖެހޭ. އެކަން ކުރަން ބަލާއިރު ގްރޭޑު 10،9،8 ގައި އުޅޭ ކުދިންނަށް ބޮޑަށް ސަމާލުކަންދީގެން ޓީޗިން ކޯސްތަކާ ގުޅޭ މައުލޫމާތު އެބަ ޖެހޭ އެކުދިންނަށް ފޯރުކޮށްދޭން،" ޝާހީން ވިދާޅުވި އެވެ.

ޓީޗަރުންގެ ދުވަސް ފާހަގަކުރަން އިސްކަންދަރު ސްކޫލުގައި ބޭއްވި އެސެމްބްލީއެއް.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

އެޑިއުކޭޝަންގެ ބަސް: މައްސަލަތަކަށް ހައްލު ހޯދައިދޭނަން

ޓީޗަރުންގެ އެންމެ ބޮޑު ޝަކުވާއަކީ ކުރާ މަސައްކަތާ އެއްވަރުގެ މުސާރައެއް ނުލިބުމެވެ. ކިޔަވައިދިނުމާ އެކު އިތުރު ގަޑީގެ ހަރަކާތްތަކަށް ޓީޗަރުން ގިނަ ވަގުތު ސްކޫލުގައި ހޭދަކުރަން ޖެހެ އެވެ. އެ ބުރަ ބޮޑުކަމުން ތައުލީމީ ދާއިރާއަށް އަލަށް ވަންނަ މީހުންގެ އަދަދު ދަނީ ދަށްވަމުންނެވެ. ހާއްސަކޮށް ޕްރައިމަރީ ޓީޗަރުންނެވެ.

މާލޭ ސްކޫލެއްގެ ބޭފުޅަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވީ، ޕްރައިމަރީ ގްރޭޑުތަކަށް ޓީޗަރުން ލިބުމުގައި ވަރަށް ދަތިތަކާ ދިމާވާ ކަމަށެވެ. އެ ގްރޭޑުތަކުގައި ތިބޭ ޓީޗަރުން ވަކިވުމުން، އެ ޖާގައަށް އަލުން ދިވެހިން ހޯދުމަކީ ވަރަށް ދަތިކަމެކެވެ. އޭގެ މައިގަނޑު ސަބަބެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ ޓީޗަރުންނަށް ކުރާ އިހުތިިރާމް ކުޑަވުމާއި މުސާރައިގެ މައްސަލަތަކެވެ.

"ޓީޗިންނަކީ މީގެ ކުރިން މުސާރަ އެންމެ ރަނގަޅަށް ލިބުނު އެއް ދާއިރާ. ވަރަށް ރަނގަޅަށް އިހުތިރާމްކުރާ ބައެއް. ވަރަށް ގަދަރުވެރި މަގާމެއްގެ ގޮތުގައި އޭރު ފާހަގަކުރެވުނީ ވެސް. ނަމަވެސް މިހާރު އެއީ ވަރަށް ދަށް ކަމެއްގެ ގޮތުގައި ބަލަނީ،" އޭނާ ވިދާޅުވި އެވެ.

"މުސާރައަށް ހެޔޮ، ރަނގަޅު ބަދަލެއް ގެނެސްގެން ނޫނީ މިކަމަށް ހައްލެއް ނުލިބޭނެ. އެހެންނޫނީ ޓީޗަރުން ނުލިބި ތައުލީމީ ދާއިރާ ހަލާކުވެގެންދާނީ."

ހިރިޔާ ސްކޫލުގެ ޓީޗަރުންތަކެއް.-- ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭނާ ވިދާޅުވީ ފާއިތުވި އަހަރުތަކުގައި ބޮޑަށް އިސްކަންދީފައިވަނީ ޓީޗަރުންގެ ފެންވަރު މަތިކުރުމަށް ކަމަށެވެ. ތައުލީމީ ދާއިރާއަށް އަލަށް ވަންނަ މީހުންނަށް ސަމާލުކަން ނުދެވުމަކީ ޓީޗިން ހިޔާރުކުރާ ދަރިވަރުންގެ އަދަދު މަދުވުމުގެ ސަބަބަކަށް ވެދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޓީޗަރުންގެ މުސާރައިގެ އޮނިގަނޑަށް ބަލާއިރު، ސިވިލް ސާވިސްގެ އެންމެ މަތީ ރޭންކް، CS15-5 އަށް މުސާރައިގެ ގޮތުގައި ލިބެނީ މަހަކު 10،640ރ. އެވެ. ސާވިސް އެލަވަންސަށް މަހަކު 2،500ރ. ލިބެ އެވެ. އެއަށް ވުރެ ދަށުން CS13-5 ރޭންކްގެ ޓީޗަރަކަށް ލިބޭނީ މަހަކު 9,850ރ. ގެ މުސާރައަކާއި 2,500ރ. ގެ އެލަވަންސްއެކެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ ވިދާޅުވީ ޓީޗަރުންނާއި ޕްރިންސިޕަލުންގެ މުސާރައަށް ހެޔޮ ބަދަލުތަކެއް ގެންނަން އެޑިއުކޭޝަނާއި ރައީސް އޮފީހާއި ކަމާ ބެހޭ އެހެން އިދާރާތަކުން މިހާރު ވެސް މަޝްވަރާކުރަމުން އަންނަ ކަމަށެވެ. އަދި އަންނަ އަހަރުގެ ބަޖެޓާ ގުޅޭ މަސައްކަތްތައް މިހާރު ކުރިއަށް ދާއިރު މުސާރައިގެ އޮނިގަނޑާ ގުޅޭ ގޮތުން މިނިސްޓްރީން ހުށަހަޅަން ޖެހޭ ކަންކަން ހުށަހަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާގެ ވެސް އެއް ކަންބޮޑުވުމަކީ ދިވެހި ޓީޗަރުން ލިބުމުގައި ދިމާވާ ދަތިތައް އަހަރުން އަހަރަށް ބޮޑުވަމުން ދިއުމެވެ.

އެތައް އަހަރަކަށް ފަހު ޕްރައިމަރީ ގްރޭޑުތަކަށް ބިދޭސީ ޓީޗަރުން ގެންނަން މިހާރު ވަނީ އިއުލާންކޮށްފަ އެވެ. މިއީ ރާއްޖޭގެ ތައުލީމީ ދާއިރާގެ ކުރިމަގު ބަނަކަމުގެ ހެއްކެއް ކަމަށް، އެއް ބަޔަކު ދެކެ އެވެ.

"ކޮލެޖުތަކާއި ޔުނިވާސިޓީތައް މަޝްވަރާކޮށްގެން އެކަމަށް ހައްލެއް ގެންނަން ޖެހޭ،" އަހުމަދު ވިދާޅުވި އެވެ.

އެކަމަކު މިއީ އެއަށް ވުރެ މާ ސީރިއަސް މައްސަލައެކެވެ. މިއީ މުޅި ސަރުކާރުގެ ވެސް ސިޔާސަތަށް ގެންނަން ޖެހޭ ބަދަލުތައް ހިމެނޭ ގައުމީ ބޮޑު މައްސަލައެކެވެ.