ފްލެޓްތަކުގެ ހައްގުވެރިން ހޯދެން އޮތީ ހާލަތު ބަލައިގެން!

ބޯހިޔާވަހިކަމާ ގުޅިގެން އަދިވެސް އޮތީ ހުސް ޝަކުވާ އެވެ! ފްލެޓް މަޝްރޫއެއް މި ސަރުކާރުން ހުޅުވާލާނީ ކޮން އިރަކުން ހެއްޔެވެ؟ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ކުރީގެ ސަރުކާރުގައި ބޭއިންސާފުން ދޫކުރި ކަމަށް ތުހުމަތު ކުރާ ފްލެޓްތަކުގެ މައްސަލަ ދިގުލައިގެން ދިއުމެވެ.


"ބަހާލި" ފްލެޓްތަކުގެ ހައްގުވެރިން ހޯދާ ކޮމިޓީ ކޮބައި ހެއްޔެވެ؟ އިންސާފު ހޯދައި ދިނުމަކީ މި ސަރުކާރުގެ އެންމެ ބޮޑު އެއް ވައުދެވެ. ނުވަ މަސް ވި އިރު ވެސް މަސައްކަތް ނުނިމި ލަސްވަނީ ކީއްވެ ހެއްޔެވެ؟

މި ސުވާލުތަކަށް ފްލެޓް ކޮމިޓީގެ އާއްމު ޖަވާބު ކުރެވެ. މައްސަލަތައް ބަލައި ނުނިމެނީސް ތަފްސީލު ދޭން ބޭނުން ނުވީ އެވެ. ތަކުރާރުކޮށް "މިހާރު" އިން ސުވާލުކުރަން ފެށުމުން ކޮމިޓީން އެދުނީ ލަސްވާ ސަބަބު ބަލަން އެ އޮފީހަށް ދިއުމަށެވެ.

އޭރު، އެއް ކަމެއް އޮތީ ޔަގީންވެފަ އެވެ. މި ކޮމިޓީގެ މަސައްކަތް ނިންމަން ރައީސް އޮފީހުން އޮތީ މުއްދަތެއް ދީފަ އެވެ. އެއީ އަންނަ ޑިސެމްބަރު 15، އެވެ.

ފްލެޓަށް އެދި ހުށަހަޅާފައިވާ ފޯމުތައް ފްލެޓް ކޮމިޓީގެ އޮފީހުގައި ތަރުތީބުކޮށްފައި

ފްލެޓް ކޮމިޓީގެ އޮފީހުގެ ދޮރު ހުޅުވާލުމާ އެކު ކުރިމަތިން ފެނުނީ ބަރިބަރި އަށް ހުރި އެތައް ހާސް ފޯމެކެވެ. އެއީ، ކުރީގެ ސަރުކާރުން އެންމެ ފުރަތަމަ ހުޅުވާލި ގެދޮރުވެރިކަމުގެ މަޝްރޫ އިން ފްލެޓަށް އެދި ހުށަހެޅި ފޯމުތަކެވެ. ޖެހިގެން ހުރި ކޮޓަރީގައި އަތުރާފައި ހުރި ފޯމުގެ އަދަދު އެއަށް ވުރެ ގިނަ އެވެ. އެއީ، ހުޅުމާލެ އިން 7،000 ފްލެޓް ދޫކުރަން ހުޅުވާލި ހިޔާ މަޝްރޫއުން ފްލެޓަށް ކުރިމަތިލީ 22،000 މީހުންގެ ފޯމެވެ.

ދިރިއުޅުމުގެ ހާލަތަށް މާކްސް ދޭ އިރު [މިހާރު އިއުލާންކޮށްފައިވާ] ލިސްޓަށް ބަދަލު އައުން އެކަށީގެންވޭ. އެ ހުރިހާ ކަމެއް އަޅުގަނޑުމެން އިއުލާން ކުރާނަން. އަދި ހުރިހާ ބަދަލެއް ވެސް ދެފުށްފެންނަ ގޮތަށް އިންސާފުވެރިކޮށް ކުރިއަށް ގެންދާނީ. --ކޮމިޓީ

އެ މަޝްރޫއުގެ 12 ކެޓަރީން ފްލެޓަށް އެދުނު ފޯމުތައް ހުރީ ވަކިކޮށްފަ އެވެ. ކޮމިޓީން ބުނިގޮތުގައި އެއީ، އެންމެ ދުވަހެއްގެ މަސައްކަތެއް ނޫނެވެ. ހައުސިން މިނިސްޓްރީގައި ހުރި ފޯމުތައް ގެނެސް އައިޑީ ކާޑާއި އެހެން ވެސް ލިއުންތައް ހަމަކޮށް، އެ ތަރުތީބުކުރެވުނީ ދެތިން މަސް ދުވަހުންނެވެ. ކޮމިޓީން އިއްޔެ ވެސް ތަކުރާރުކޮށް ފާހަގަކުރި އެއް ކަންބޮޑުވުމަކީ ބޯހިޔާވަހިކަމަށް އެދި ހުށަހެޅި ބައެއް ފޯމުތައް ގުދަނެއްގެ ތެރޭގައި ތަރުތީބެއް ނެތް ގޮތަށް ބަހައްޓާފައި ހުރި މައްސަލަ އެވެ.

ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒާއި އެ އޮފީހުގެ ބައެއް އިސް ވެރިން މި ވާހަކަ އޮތީ ދޮގުކުރައްވައިފަ އެވެ. އެކަމަކު ވެސް ކޮމިޓީން ބުނަނީ، ފޯމުތައް ހުރީ އެކި ތަންތަނުގައި ކަމަށެވެ. މައްސަލައިގެ ކަންބޮޑުވުންތައް ކޮމިޓީން އެއްކުރަން ފެށީ އެ ހިސާބުންނެވެ.

ހިޔާ މަޝްރޫއުގައި ފްލެޓަށް އެދެން ހުށަހެޅި ފޯމުތައް: މިހާތަނަށް ބެލިބެލުމުގައި ވެސް ވަރަށް ބޮޑެތި އިހުމާލުތަކެއް ފާހަގަވެފައިވާ ކަމަށް ކޮމިޓީން ވަނީ ބުނެފައި.

ފޯމުތަކުން އެތައް ހާސް މައްސަލައެއް!

ފްލެޓް ކޮމިޓީގެ ޒިންމާއަކީ ތިން މަޝްރޫއަކުން ފްލެޓް ދޫކުރި ގޮތް ބެލުމެވެ. އެއީ ގުޅީފަޅާއި ގެދޮރުވެރިކަމުގެ އިތުރުން ހިޔާ މަޝްރޫއެވެ. މީގެ ތެރެއިން ގުޅީފަޅު މަޝްރޫއުގައި ދިމާވި މައްސަލަތައް ބަލައި ރިޕޯޓެއް އެ ކޮމިޓީން ވަނީ އެކުލަވާލައިފަ އެވެ. އޭގައި ދީފައިވާ ލަފައާ އެއްގޮތަށް ސަރުކާރުން ނިންމާފައި ވަނީ އެ ފަރާތްތަކަށް ހިޔާ މަޝްރޫއުން ފްލެޓް ދިނުމަށެވެ.

މި މަސައްކަތަށް ފަހު މިހާރު ބަލަމުން އަންނަނީ ހިޔާ މަޝްރޫއުއަށް ހުށަހަޅާފައިވާ ފޯމުތަކެވެ. މަސައްކަތް ލަސްވުމަކީ ގިނަ ބައެއްގެ ކަންބޮޑުވުމެއް ކަން ފާހަގަކުރައްވައި "މިހާރު"އާ ވާހަކަ ދެއްކެވި މެމްބަރު ވިދާޅުވީ ތިން މަޝްރޫއެއްގެ ފޯމުތައް ބެލުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ. ހިޔާ މަޝްރޫ އަށް އެކަނި ބެލިއަސް އެއީ 22،000 ފޯމު ކަން ފާހަގަކުރައްވައި ވިދާޅުވީ އެންމެ ފޯމެއް ވެސް ނުބަލައި ކޮމިޓީން ދޫކޮށް ނުލާނެ ކަމަށެވެ.

އެ ކޮމިޓީގައި ތިއްބަވަނީ ފަސް މެމްބަރުންނެވެ. އިދާރީ ދެތިން މުވައްޒަފުންނާ އެކު ރެ އާއި ދުވާލު މަސައްކަތް ކުރަމުން އަންނަ ކަމުގެ ޔަގީންކަން ކޮމިޓީގެ ފަރާތުން ވާހަކަ ދެއްކެވި މެމްބަރު ދެއްވި އެވެ.

މައްސަލަ ބެލުމުގައި ހުރި ގޮންޖެހުންތަކާ ގުޅޭ ގޮތުން ވިދާޅުވީ ހިޔާ މަޝްރޫއުގައި ފްލެޓަށް ޝަރުތު ހަމަވަނީ ކޮން ފެންވަރެއްގެ ބައެއް ކަން އެނގޭ ފަދަ ލިޔެކިޔުންތަކެއް ވެސް ނެތް ކަމަށެވެ. ސޯޝަލް ހައުސިން އަކީ ވަރަށް ހާލުގައި ދިރިއުޅޭ ނިކަމެތިންނަށް ހާއްސަ ކުރާ މަޝްރޫއަކަށް ވާ އިރު ހިޔާ މަޝްރޫއު ގެންގޮސްފައި ވަނީ އެ އުސޫލަށް ނޫން ކަމަށް ކޮމިޓީން ބުންޏެވެ.

"ސޯޝަލް ހައުސިންގެ މި މަޝްރޫ އަށް މި ފެތެނީ ކޮން ފެންވަރެއްގެ ނުވަތަ އާމްދަނީގެ ގޮތުގައި ކޮން މިންވަރެއް ލިބޭ ބައެއް ކަން ވެސް ކަށަވަރު ވާނެ ގޮތެއް ނެތް،" މެމްބަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ބަލަނީ ފްލެޓް ލިބިފައި ތިބި މީހުން އެކަންޏެއް ނޫން. ނުލިބޭ މީހާ އަށް ކީއްވެތޯ ނުލިބުނީ ވެސް އެބަ ބަލަން. އާއްމުން ހުށަހަޅާފައި ހުރި ޝަކުވާތައް ވެސް އެބަ ބަލަން."

ހިޔާ މަޝްރޫއުން ފްލެޓް ލިބުނު ކަމުގެ ލިޔުން ހޯދުމަށް ހައުސިން މިނިސްޓްރީ ކައިރިއަށް މީހުން އެއްވެފައި.---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

އެންމެ ފަހަރަކު ފޯމު ޗެކްކޮށްލާފައި ނިންމާލަނީއެއް ނޫނެވެ. ހައުސިން މިނިސްޓްރީން ކުރިން އާއްމުކޮށްފައިވާ މިންގަނޑާ އެއްގޮތަށް ލިޔެކިޔުންތައް ހަމަކޮށްފައިވޭތޯ ބަލައި އިދާރީ މުވައްޒަފުން އެ ފޯމު ފޮނުވަނީ ކޮމިޓީ އަށެވެ. އެ ކޮމިޓީން ދެ ވަނަ ފަހަރަށް ބަލައި މައްސަލަތައް ފާހަގަކޮށް، އިތުރަށް ބަލަން ޖެހޭ ކަމެއް ހުރި ނަމަ މީހުންނާ ސުވާލުކޮށްގެން އެކަން ސާފުކުރެ އެވެ.

"އެއް ފަހަރު ބަލާ ނިމިގެން އަނެއްކާ ވެސް ފޯމުތައް އެބަ ޗެކްކުރަން. މީހެއްގެ ހައްގެއް ނިގުޅައިގަނެވިފައި އިނދެދާނެތީ، ކިރިޔާ ވެސް ޝައްކެއް އުފެދެންޏާ ވެސް އެބަ ބަލަން، ކަށަވަރު ކުރަން އެ މީހަކު ޑިސްކޮލިފައިވީ މިހެންވެގެން ކަން،" މެމްބަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާތަނަށް ވެސް ގިނަ މައްސަލަތަކެއް ކޮމިޓީ އަށް ފެނިފައިވާ ކަމަށެވެ. އޭގެތެރޭގައި މާލޭގައި ދިރިނޫޅޭ ބައެއް މީހުންނަށް ފްލެޓް ލިބިފައި ވުމެވެ. އާއްމުކޮށްފައިވާ ޝަރުތުތަކަށް ބަލާ އިރު ވެސް ގިނައިން ޕޮއިންޓް ލިބިފައި ތިބި މީހުން ބާކީކޮށްފައި އެއަށް ވުރެ ދަށުން ލިބުނު މީހުންނަށް ދީފައި ވުމެވެ. މިއީ، ހިޔާ މަޝްރޫއުން ފްލެޓް ލިބުނު މީހުންގެ ލިސްޓް ކުރީގެ ސަރުކާރުން އިއުލާން ކުރުމާ އެކު ވެސް ބައެއް މީހުން ޖެއްސި މައްސަލައެކެވެ.

ވަގުތީ ލިސްޓުގައި ހުރި އެ ޝަކުވާތައް ދާއިމީ ލިސްޓު ނެރުނު އިރު ހައްލުކޮށްފައިވާ ކަމަށް އޭރު ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ. އިތުރަށް އޭގައި ދެއްކޭނެ އެއްވެސް މައްސަލައެއް ނޯންނާނެ ކަމަށާއި ފްލެޓް ދޫކޮށްފައި ވަނީ އިންސާފުން ކަމަށް އޭރުގެ މިނިސްޓަރު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

އެކަމަކު ފްލެޓް ކޮމިޓީން އިއްޔެ ވެސް ބުނީ މައުލޫމާތު ފުރިހަމަ ނުކޮށް ފޯމު ހުށަހެޅުމުން ފްލެޓް ދީފައި އެބަހުރި ކަމަށެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކެޓަގަރީގައި ވެސް އިންސާފުން ބޭރު އަމަލުތައް ހިންގާފައިވާ ކަމުގެ ކަންބޮޑުވުން ކޮމިޓީން ފާޅުކުރި އެވެ.

ދިރިއުޅުމުގެ ހާލަތު ބަލަން ގޭގެ އަށް

ހިޔާ މަޝްރޫއުގައި ޕޮއިންޓް ދޭ އުސޫލު އާއްމުކުރި އިރު ދިރިއުޅުމުގެ ހާލަތަށް ބައެއް ކެޓަގަރީތަކުގައި 30 ޕޮއިންޓް ލިބެ އެވެ. އެއަށް ވުރެ ގިނައިން ދިރިއުޅުމުގެ ހާލަތަށް ޕޮއިންޓް ލިބޭ ކެޓަގަރީތައް ވެސް ހުއްޓެވެ. ހާލަތު ބަލާ ގޮތަށް އޮތީ ގޭގެ އަށް ގޮސްގެންނެވެ. އެކަމަކު އެ މަޝްރޫއުގައި 22،000 ފޯމު އިވެލުއޭޓްކޮށް، ފްލެޓް ލިބޭ 7،000 މީހުން ހައުސިން މިނިސްޓްރީން އިއުލާން ކުރީ ދިރިއުޅުމުގެ ހާލަތު ބަލަން ގޭގެއަށް ނުގޮހެވެ. އެހެންކަމުން ޕޮއިންޓް ދިން ގޮތް ސައްހަ ވާނެ ހެއްޔެވެ؟

ކޮމިޓީގެ މަސައްކަތް ވެސް މި ސުވާލާ ހަމައިން މަޑު ޖެހުނެވެ. މާލޭގައި ދިރިއުޅުނު މުއްދަތާއި ދަރިންގެ އަދަދާއި ވަޒީފާ އަދާކުރި މުއްދަތު ފަދަ ކަންކަމަށް ޕޮއިންޓް ދޭން ކޮމިޓީން ވެސް ނިންމާފައި ވަނީ ކުރިން އާއްމުކޮށްފައިވާ މިންގަނޑާ އެއްގޮތަށެވެ. އެކަމަކު ދިރިއުޅުމުގެ ހާލަތުގެ ބަޔަށް ޕޮއިންޓް ދީފައިވާ ގޮތް ވަޒަންކޮށްލަން ފޯމުތަކުން ނޭނގޭ ކަމަށް މެމްބަރު ވިދާޅުވި އެވެ.

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި ހަދަމުން އަންނަ 25 ބުރީގެ 16 ޓަވަރުގެ ތެރެއިން ތިން ޓަވަރު. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ކޮމިޓީން ދެން ބެލީ އެ ބަޔަށް މާކްސް ދޭނެ މިންގަނޑެއް ހައުސިން މިނިސްޓްރީން އެކުލަވާލާފައި އޮތްތޯ އެވެ. ހައުސިން މިނިސްޓްރީން ލިއުމުން ހޯދި މައުލޫމާތުތަކުން އެނގުނީ، މެމްބަރު ވިދާޅުވި ގޮތުގައި، ދިރިއުޅުމުގެ ހާލަތު ބަލަން އެއްވެސް މިންގަނޑެއް އެކުލަވާލާފައި ނުވާ ކަމެވެ.

"ދިރިއުޅުމުގެ ހާލަތު ބަލަން ނުގޮސް ކިހިނެއްތޯ އެ ބަޔަށް އެ ޕޮއިންޓް ދީފައި އެ ވަނީ ސުވާލު އުފެދޭ. ވެރިފައި ނުކޮށް ކިހިނެއްހޭ ހިތު މިނަށް މާކްސްއެއް ދޭނީ؟" މެމްބަރު ވިދާޅުވި އެވެ.

"ފްލެޓް ލިބިފައިވާ ހުރިހާ ފަރާތްތަކުން ވެސް ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ދިރިއުޅުމުގެ ހާލަތަށް ޕޮއިންޓް ދީފައި އޮތީ އެއްވެސް އުސޫލަކުން ނޫން ކަން. އެއީ ގާނޫނީ ގޮތުން ވެސް ރަނގަޅަށް ކޮށްފައިވާ ކަމެއް ނޫން ކަން."

ފްލެޓްތަކުގެ ހައްގުވެރިން ކަނޑައެޅެން އޮތީ ދިރިއުޅުމުގެ ހާލަތު ވަޒަންކޮށްގެން ކަމަށް ވާތީ ކޮމިޓީން މިހާރު ވަނީ ދިރިއުޅުމުގެ ހާލަތު ބަލާނެ މިންގަނޑެއް އެކުލަވާލަން ހައުސިން މިނިސްޓްރީގައި އެދިފަ އެވެ. ހިޔާ މަޝްރޫއުގެ ހާލަތު ބަޔަކަށް މާކްސް ދޭނެ މިންގަނޑު އެކުލަވާލައި ފޮނުވުމުން އަންނަ މަހުގެ ތެރޭގައި ގޭގެއަށް ޒިޔާރަތް ކުރަން ފަށާނެ ކަމަށް ކޮމިޓީން ބުންޏެވެ.

"އަޅުގަނޑުމެންގެ ޓީމުން ގޭގެއަށް ދާނެ. ކަށަވަރު ކުރާނެ ފޯމުތަކުގައި ހުށަހަޅާފައި ހުރި މައުލޫމާތާއި ދިރިއުޅުމުގެ ހާލަތު،" މެމްބަރު ވިދާޅުވި އެވެ.

"އެ ބަޔަށް މާކްސް ދޭ އިރު [މިހާރު އިއުލާންކޮށްފައިވާ] ލިސްޓަށް ބަދަލު އައުން އެކަށީގެންވޭ. އެ ހުރިހާ ކަމެއް އަޅުގަނޑުމެން އިއުލާން ކުރާނަން. އަދި ހުރިހާ ބަދަލެއް ވެސް ދެ ފުށް ފެންނަ ގޮތަށް އިންސާފުވެރިކޮށް ކުރިއަށް ގެންދާނީ،" މެމްބަރު ވިދާޅުވި އެވެ.

ފްލެޓް ކޮމިޓީގައި އެޓާނީ ޖެނެރަލްގެ އޮފީހުގެ ވަކީލަކު ވެސް އިންނަވަ އެވެ. އެހެންކަމުން، މައްސަލަތައް ނިންމާނީ ގާނޫނީ ގޮތުން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު ކަން ކޮމިޓީން ބުންޏެވެ.

"އެއްވެސް މީހެއްގެ ހައްގެއް ނިގުޅައިގެނެފައި އޮތް ނަމަ އެކަން ބަލައި ޖަވާބުދާރީވެވޭ މިންވަރަށް އަޅުގަނޑުމެން އެކަމެއް ބަލާނަން. ލަސްވިޔަސް އަޅުގަނޑުމެން ބޭނުން ވަނީ އިންސާފު ގާއިމްކޮށްދިނުން،" މެމްބަރު ވިދާޅުވި އެވެ.