ވިޔަފާރި / އެސްޓީއޯ

އެސްޓީއޯ ޕަވާމިކްސް: ކޮންސްޓްރަކްޝަން ދާއިރާ އަށް ބޮޑު ފަސޭހައެއް

ކޮންކްރީޓް ރެޑީކޮށްފައި--ފޮޓޯ:ނިޝާން އަލީ/މިޙާރު

މާލޭގައި ގެއާ ކައިރި ހިސާބެއްގައި ކޮންސްޓްރަކްޝަން މަސައްކަތެއް ކުރާ ނަމަ، ރޭގަނޑުގެ ނިދުން ހަރާބުވީ އެވެ. ދަގަނޑު ބުރިކުރާ އަޑާއި ސިމެންތި ގާނާ އަޑުން ސަލާމަތެއް ނުވާނެ އެވެ. އެ ހިސާބުން އެ ނިމުނީއެއް ވެސް ނޫނެވެ. ޕޭވްމަންޓް މަތީގައި ތިން ހަތަރު ދުވަސްވަންދެން ބަރިބަރި އަށް ޖަހާފައި ހުންނަ ސިމެންތި ބަސްތާތަކުން އަރާ ހިރަފުހާއި، ހިނގާލަން އޮންނަ ތަންކޮޅުގެ ހަނިކަމުން ސަހަރޯއޭ ހިތަށް އަރަ އެވެ.

މީގެ އިތުރުން ދެ ހަފްތާއެއްހާ ދުވަހުން މަގު ބަންދުކޮށްލުމުގެ ސަބަބުން ވެހިކަލް ޕާކުކުރާނެ ޖާގަ ނުލިބުމަކީ ވެސް ދިމާވާ ބޮޑު މައްސަލައެކެވެ. އެކަމަކު 2016 ގައި އެސްޓީއޯ އިން ފެށި ޕަވާ މިކްސްއާ އެކު އެކަން ވަނީ ވަރަށް ބޮޑަށް ބަދަލުވެފަ އެވެ. އެތަނުން އެކަން ކުރަނީ އާންމުންނަށް ދިމާވާ ދަތިތަކާއި ޝަކުވާތަކަށް ހައްލު ލިބޭނެ ގޮތަށެވެ! ޕަވާ މިކްސް އަކީ ކުރިން ދެންނެވި ހުރިހާ ޝަކުވާތަކެއްގެ ހައްލެވެ. ކޮންސްޓްރަކްޝަން ޝީޓްތައް ތައްޔާރުކޮށްގެން ސީދާ ސައިޓަށް ފޮނުވުމުން ސިމެންތި އާއި ދަގަނޑުން ކުރްނަ ޖެހޭ ވަރަށް ގިނަ މަސައްކަތްތައް ކޮންސްޓްރަކްޝަން ސައިޓްތަކުގައި ކުރާކަށް ނުޖެހެ އެވެ. އެތަނުން ސިމެންތީގެ މަސައްކަތްތައް އެ މީހުންގެ ސައިޓްތަކުގައި ނިންމައި، ކޮންސްޓްރަކްޝަން ދާއިރާ އަށް ފޯރުކޮށްދެ އެވެ.

އެސްޓީއޯގެ ކޮންސްޓްރަކްޝަން މެޓީރިއަލްސްގެ މެނޭޖަރު މުހައްމަދު ހައްސާން ނަސީމު ވިދާޅުވީ، އާންމު ގޮތެއްގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރާ އިރު، ކޮންކްރީޓް ޝީޓްތައް އެޅުމުގެ މަސައްކަތް ކުރަނީ ކޮންސްޓްރަކްޝަން ސައިޓްތަކުގައި މެޝިން ބަހައްޓައިގެން ކަމަށެވެ.

އެސްޓީއޯގައި ސިމެންތި މިކްސް ކުރާ މެޝިން-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"ޕަވާ މިކްސުން އެބައި އެއްކޮށް މި ކަނޑުވާލަނީ. ހިލަ އާއި ވެއްޔާއި ސިމެންތި މިކްސްކޮށްދީގެން ވެހިކަލްތަކަށް އަޅައިގެން ސައިޓާ ހަމައަށް މި ގެންގޮސްދެނީ،" އޭނާ ވިދާޅުވި އެވެ.

އެއާ އެކު މަގުމަތީގައި ބަސްތާ ޖަހައިގެން މަގު ބަންދުކޮށްގެން ކުރާ މަސައްކަތްތައް ވަރަށް ބޮޑަށް މަދުވާނެ އެވެ. އާންމުކޮށް ކޮންސްޓްރަކްޝަން ސައިޓްތަކުގައި ކޮންކްރީޓް ގާނައި އެއްކުރުމަށް ކުރުމަށް ބޭނުން ކުރާ މެޝިންތަކަށް އެޅޭނީ ވަރަށް މަދުންނެވެ. ފަހަރު ސިމެންތި ބަސްތާއެއް ކަނޑާފައި މެޝިނަށް އެޅުމަށް ވެސް ވަގުތުތައް ނަގަ އެވެ. މި މަސައްކަތް ކުރުމަށް ގިނަ އަދަދެއްގެ ލޭބަރުން ވެސް ބޭނުންވެ އެވެ.

ސިމެންތި މިކްސް ކުރުމުގެ މަސައްކަތް--ފޮޓޯ:ނިޝާން އަލީ/މިހާރު

"އަޅުގަނޑުމެންގެ ސައިޓުގައި ކަސްޓަމަރުން ބޭނުންވާ ކުއަންޓިޓީއަކަށް، ބޭނުންވާ ޑިޒައިނަކަށް، މިކްސް ކުރުމަށް ފަހު ވެހިކަލަށް އަޅައިގެން ގެންގޮސް ޕަމްޕަށް އޮއްސާލުމުން ނިމުނީ،" އޭނާ ވިދާޅުވި އެވެ.

އެސްޓީއޯ އިން ފެށި މި މަސައްކަތަށް ވަަރަށް ބޮޑު ޑިމާންޑެއް އޮވެ އެވެ. އެ މީހުންގެ ހުރި ކެޕޭސިޓީ އަށް ވުރެ ވެސް އިތުރަށް މިކަމަށް މީހުން އެދެ އެވެ. މިހާރު ވެސް ވެއިޓިން ލިސްޓުގައި މި މަހަށް އެއްކޮށް ހެން ހަމަވެއްޖެ އެވެ.

ހައްސާން ވިދާޅުވީ، މާލޭގައި މިކަން ކުރުމަށް ގެންގުޅޭ ސެލްފް މިކްސް ވެހިކަލްތަކުން ދުވާލަކު ދެ ޝީޓު އަޅާލެވޭ ކަމަށެވެ.

ކޮންކްރީޓް ޕަމްޕް ކުރާ މެޝިނަށް އަޅަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެސްޓީއޯއިން އެންމެ ފުރަތަމަ މި މަސައްކަތް ފެށީ ވެހިކަލްތަކުގައި މިކްސްކޮށްގެންނެވެ. އެކަމަކު މިހާރު މިކަން ކުރުމަށް ހުޅުމާލެ އާއި މާލޭގައި ޕްލާންޓްތަކެއް ވަނީ ބެހެއްޓިފަ އެވެ. ސައިޓްތަކުގައި ހުންނަ ސައިލޯތަކުން ސިމެންތި ނަގައިގެން، ވަކި މެޝިންތަކަކުން އޮޓަމެޓިކުން ސިމެންތި މިކްސްކުރެވޭނެ އެވެ. މީގެ އިތުރުން ހުޅުމާލޭގައި ކޮންކްރީޓް ޕަމްޕް ކުރެވޭ މެޝިންތައް ވެސް ގެންގުޅެ އެވެ.

މާލޭގައި މި ވެހިކަލްތައް ބޭނުން ނުކުރަނީ، މަގުތަކުގެ ޖާގަ ކުޑަވުމުގެ ސަބަބުންނެވެ. މާލޭގައި ގެންގުޅެނީ، ހަނި މަގުތަކުގައި ފަސޭހައިން ދުއްވާލެވޭ ވެހިކަލްތަކެވެ.

މި މަސައްކަތް ކުރުމަށް ޓަކައި ގެނައި ފެޗިން ޕްލާންޓްތަކާ އެކު މިހާރު 100 ކިއުބިކް މީޓަރުގެ ސަރަހައްދަށް ބޭނުންވާ ވަރަށް ކޮންކްރީޓް ކޮންމެ ދުވަހަކު އުފައްދާލެވެ އެވެ.

މަގު ބްލޮކެއް ނުވާނެ

ކޮންސްޓްރަކްޝަން މަސައްކަތެއް ކުރާ ނަމަ މަސައްކަތް ރޭގަނޑު ފެށި ނަމަވެސް ދުވާލު ބަސްތާތައް ޖަހަންޖެހެ އެވެ. އާންމު ގޮތެއްގައި މަސައްކަތް ފެށުމުމުގެ ދެ ދުވަސް ކުރިން ބަސްތާ ޖަހަން ފަށަ އެވެ. އެއާ އެކު އެ މަގުތަކުން ދުއްވާ އުޅަނދުތަކަށް ނުދެވޭނެ އެވެ. މާލޭގައި މަގުގެ ބައެއް ކުޑަ ވަގުތުކޮޅަކަށް ބަންދުކުރިއަސް، އެހެން މަގުތަކަށް ބާރު ބޮޑުވެ، ދުއްވާ މީހުންނަށާއި ހިނގާ ބިނގާވެ އުޅޭ މީހުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިވެ އެވެ.

އެސްޓީއޯއިން ތައާރަފް ކުރި މި ހިދުމަތަކާ އެކު، އެ މީހުން ހަމައެކަނި ޖެހޭނީ، ކޮންކްރީޓަށް އޯޑަރުދޭށެވެ. އެ މަސައްކަތް ކުރާ ވެހިކަލް ގޮސް، ޕަމްޕް ކޮށްލުމަށް ނަގާނީ ދެ ގަޑިއެއްހާ އިރެވެ. ކޮންސްޓްރަކްޝަން ކުންފުނިތަކުން ކުދި މެޝިނުގައި މިކަން ކުރާ ނަމަ 1000 އަކަފޫޓުގެ ތަނެއްގައި ޝީޓެއް އެޅުމަށް ވެސް މުޅި ރޭގަނޑު އެއްކޮށް ހޭދަވާނެ އެވެ.

އެސްޓީއޯގައި ކޮންކްރީޓް އެއްކުރަނީ-- ފޮޓޯ:ނިޝާން އަލީ/ މިހާރު

އެސްޓީއޯ މިހާރު އަންނަނީ މިކަމަށް ހާއްސަ ސައިޓެއް މާލޭ އިންޑަސްޓްރިއަލް ވިލެޖުގައި ވެސް ތަރައްގީ ކުރަމުންނެވެ. މިތަން ހުޅުވުން ޕަވާ މިކްސިން މަސައްކަތް އިތުރަށް ފުޅާކުރެވޭނެ އެވެ.

ހައްސާން ވިދާޅުވީ، އިންޑަސްޓްރިއަލް ވިލެޖުގެ ސައިޓާ އެކު ރެއަކު ހަތަރު ވަރަކަށް ޝީޓު އެޅޭނެ ކަމަށެވެ. އޭރުން މިހާރު އޮތް ޑިމާންޑަށް ކޭޓާ ކުރެވޭ މިންވަރު ދެ ގުނަ އިތުރު ކުރެވުނީ އެވެ.

ލޭބަރުން މަދުވާނެ

އާންމު ގޮތެއްގައި ކޮންސްޓްރަކްޝަން މަސައްކަތެއް ކުރާނަމަ އެންމެ އާދައިގެ ގެއެއްގެ މަސައްކަތަށް ވެސް 15 ވަރަކަށް ލޭބަރުން ބޭނުންވެ އެވެ. ޝީޓު އެޅުމުގެ މި މަސައްކަތަށް ބޭނުންވަނީ ޝީޓުގެ ކޮންކްރީޓުގެ ފަތުރާލަން ދެ މީހެއްވަރެ އެވެ.

ލޭބަރުންނަށް އެކުރާ ހޭދަ ވަރަށް ބޮޑަށް ކުޑަވާނެ އެވެ. އެހެން ކޮންސްޓްރަކްޝަން މަސައްކަތްތައްދާ ހަރަދު ވެސް ކުޑަވެގެން ދެ އެވެ.

މާލޭގެ މަގެއްގައި ސިމެންތި ގޯނި ޖަހާފައި-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މާލޭގައި ޕަވާމިކްސްގެ މަސައްކަތް ކުރަނީ އެސްޓީއޯއިން އެކަންޏެވެ. އެންމެ ހަތް ވެހިކަލް ބޭނުންކޮށްގެން ފެށި މި މަސައްކަތުގައި މިހާރު 17 ވަރަކަށް ވެހިކަލް އަންނަނީ ބޭނުން ކުރަމުންނެވެ. އެހެން ނަމަވެސް އަދިވެސް އޮތް ޑިމާންޑަށް އެސްޓީއޯގެ ވެހިކަލްތަކުން ހިދުމަތް ނުދެވެ އެވެ. އަދިވެސް މާލޭގެ މަގުތަކުން ސިމެންތި ޖަހާފައި ހުންނަ މަންޒަރު ފެންނާނެ އެވެ.

އެސްޓީއޯގެ ޕަވާމިކްސް މަސައްކަތުގެ އަމާޒަކީ މިގޮތަށް މަގު ބަންދުކޮށްގެން ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރުމަށް ނިމުމެއް ގެނެސް، ކޮންސްޓްރަކްޝަން މަސައްކަތުގެ މަންޒަރު ބަދަލުކޮށްލުމެވެ.

5 ކޮމެންޓް, 22 ރިއެކްޝަންސް

icon happy icon happy 86%
icon sad icon sad 9%
icon angry icon angry 5%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

؛ޖދއހޖ

19 August 2019

ތި އެ ސްޓިޔޯތި ބޮޑު އުނދަގުލެށް ތި ތަނުގެ ސިމެންތި ގެ އުދަގުލުގެ ސަބަބުން ެ މަގުން ހިިނގާލެވޭ ވަރެށް ނުވެވޭ

The name is already taken The name is available. Register?

ރެޓޭ

18 August 2019

ކަލޯގަޔާ ތިވެސް ޔާމީނު ފެށިކަމެއް! ޔާމީނު ކޮށްފަ ހުރީ މުޅިންވެސް ކުރިއޭޓިވް ކަންތައްތައް!

The name is already taken The name is available. Register?

ރަދީފް

18 August 2019

''މާލޭގައި ޕަވާމިކްސްގެ މަސައްކަތް ކުރަނީ އެސްޓީއޯއިން އެކަންޏެވެ.'' ޒެބީނާ ނުވަތަ އީވް ފަދަ ބަޔަކަށް މާލެއިން ބޮޑު ބިމެއް ދީފަ މިކަންކުރަން ހަވާލްކޮށްފިނަމަ އެސްޓީއޯއަށް ވުރެން މާ ކޮލިޓީކޮށް ކުރާނެ.

The name is already taken The name is available. Register?

ށިޔާ

18 August 2019

ކޮލިޓީ ނުހިފޭއޓޭ

The name is already taken The name is available. Register?

ސޮބުރީ

18 August 2019

ސިކުނޑީގެ ބޭނުންކުރާ މީހުން ފެނުނު

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454