ކުލަ ޖެހުމަށް ބޮޑު ބަދަލެއް، ފޯރި ވެސް އެހާ ގަދަ!

ބޮޑު އީދު ފާހަގަކުރަން މިފަހަރު ހދ. މަކުނުދުއަށް ނުވަ ކުލައަކުން 250 ކިލޯގެ ކުލަ ގެންދިޔަ އެވެ. އަދި ކުލަ ޖެހުމަށް ހާއްސަ 1،080 ބަޑި އާއި ކުލަ ޖަހާ މީހުން ލާން 1،700 ޓީޝާޓް ވެސް ވަނީ ގެންގޮސްފަ އެވެ. އެ ރަށުގެ ކޮންމެ ގެއަކަށް ކުލަ ޖަހާ ބަޑިއަކާއި ޓީޝާޓް ހަދިޔާ ކުރަން، އެ އިވެންޓް އިންތިޒާމު ކުރާ މީހުން ވަނީ ނިންމައިފަ އެވެ.


މިއީ ކުލަޖެހުމާއި ކުލަޖެހުމުގެ ސަގާފަތަށް އައިސްފައިވާ ބަދަލުތަކެވެ. އީދު ފާހަގަކުރަން ޖޫސްޕެޓީ ކޮތަޅުގައި ކުލަ ފެން ބަންދުކޮށް އެކަކު އަނެކެއްގެ ގަޔަށް ޖެހުމަކީ ކުރިންސުރެ ކުޑަކުދިންނާއި ޒުވާނުން ކުރަމުން އައި ކަމެކެވެ. ނަމަވެސް މިހާރު މިވަނީ ކުލަ ޖެހުމުގެ ފޯރި ގަދަވެ އެ ސަގާފަތް ބަދަލުވެފަ އެވެ. ހުދު ހެދުން ލައިގެން ނުކުމެ ހިކި ކުލަ ޖެހުން ވަރަށް އާންމެވެ. ރަށު ފެންވަރުގައި ކުރާ ކަމަކަށް އެކަން ބަދަލުވެއްޖެ އެވެ.

ތުއްތު ކުއްޖެއްގެ މޫނުގައި ކުލަ އުނގުޅަނީ: އީދު ފޯރި ގަދަވާނެ ---ފޮޓޯ: ހުސައިން ވަހީދު/މިހާރު

އެއް ބަޔަކު ދެކޭ ގޮތުގައި ހިކި ކުލަ ޖެހުމަކީ އަވައްޓެރި އިންޑިއާގައި ހިންދޫން ފާހަގަކުރާ ކުލައިގެ ފެސްޓިވަލް "ހޯލީ" ދިވެހިން ކޮޕީކުރުމެވެ. އަނެއް ބަޔަކު އެކަމާ އިންކާރު ކުރެ އެވެ. އެމީހުން ބުނާ ގޮތުގައި ހުދު ހެދުން ލައިގެން ކުލަ ޖެހުމަކީ ދީނީ ހަރަކާތެއް ކޮޕީ ކުރުމެއް ނޫނެވެ. ހުދަ ކުލައިގެ އެއްޗެހި ލަނީ ކުލަ ޖަހަން ޖެހޭ މީހުން ފާހަގަކުރާށެވެ. އަދި އެއީ ކުލަ ޖެހުމުގެ ހަރަކާތަށް އައި އިތުރު ކުރިއެރުމެކެވެ.

"ވަކި ކުލައެއްގެ ހެދުމުގައި މި ނުކުންނަނީ އޭރުން އެނގޭނެ ކުލަ ޖެހުމުގައި ބައިވެރިވަނީ ކޮން ބައެއްކަން. އޭރުން ކުލަ ޖަހާނީ އެމީހުން ގަޔަށް އެކަނި،" ކުލަ ޖެހުމުގެ ހަރަކާތުގައި އުޅޭ މުހައްމަދު އަފްރާހް ބުންޏެވެ.

"އިތުރު މީހުން ގަޔަކަށް ނުޖަހާނެ. އެގޮތަށް ވަކިކުރަން ފަސޭހައަކަށް ވަކި ކުލަ އެއްގެ ހެދުމުގައި ނުކުންނަނީ."

އީދު ފާހަގަކުރުން ޕްރޮމޯޓް ކުރާއިރު ވެސް އެންމެ ބޮޑު އެއް ކަމަކީ މިހާރު ކުލަ ޖެހުމެވެ. ޕޯސްޓަރުތަކުން ވެސް އިސްތިހާރު ކުރަނީ ކުލަ ޖެހުން ދައްކައިގެންނެވެ. ފިހާރަތަކާއި އޮންލައިން ޕޭޖްތަކުގައި ވެސް ގަދަޔަށް ވިއްކަމުން އެ އަންނަނީ ކުލަ އެވެ. އެހެންކަމުން މިއީ ކުދި ބޮޑު އެތައް ބަޔަކު އުފާނަގާ ކުޅިވަރެކެވެ. ރާއްޖޭގެ އެންމެ ހުޅަނގަށް އޮންނަ މަކުނުދޫގައި މިފަހަރު ކުލަ ޖެހުން އިންތިޒާމު ކޮށްފައި އޮތް ގޮތުން އެކަން ޔަގީންވެ އެވެ.

އީދު ކުޅިވަރުތަކުގައި ކުލަ ޖަހަނީ: ޒުވާނުންގެ މެދުގައި ކުލަ ޖެހުން މިހާރު އާންމު ---ފޮޓޯ: ހުސައިން ވަހީދު/މިހާރު

އީދު ދުވަހު އެ ރަށުގެ 10 ސަރަހައްދެއްގައި ޕޯސްޓްތަކެއް ހަދަން ވަނީ ނިންމައިފަ އެވެ. އެއީ ބަޑިއަށް ކުލަ އަޅައިދިނުމާއި އަތަށް އަޅައިގެން އުކާ ކުލަ ފޯރުކޮށްދޭ ތަންތަނެވެ. އަދި ކުލަ ޖަހާ މީހުން ވަކި ޓީޝާޓެއް ލާން ނިންމީ އެ ކުޅިވަރުގައި ބައިވެރިވާ މީހުން ފާހަގަކުރަން ފަސޭހައަކަށެވެ.

"ހުރިހާ ގެއަކަށް ގޮސް ބައިވެރިވާނެ މީހުންނާއި އެމީހުންނަށް ހެޔޮވަރު ޓީޝާޓް ސައިޒް ބަލާފައި ވާނީ. އީދު އަންނަން ވާއިރަށް ހުރިހާ ގެއަކަށް ޓީޝާޓާއި ބަޑި ދޭނަން،" މަކުނުދޫގައި ބޮޑު އީދު ހަރަކާތްތައް ރޭވުމުގައި އިސްކޮށް އުޅޭ އަހުމަދު އަލީ ބުންޏެވެ.

ގިނަ ރަށްރަށަށް މިފަހަރުގެ އީދާ ދިމާކޮށް އިންޑިއާ އާއި އެހެން ގައުމުތަކުން ވަނީ ކުލަ ގެނެސްފަ އެވެ. ކުލަ ޖަހާ، ފެން ޖަހާ އުފާ ކުރުމަށް އަންނަނީ ތައްޔާރު ވަމުންނެވެ.

މީގެ އަހަރުތަކެއް ކުރިއަށް ބަލާއިރު މުޅިންހެން ކުލަ ޖެހުމުގައި ބޭނުންކުރަނީ ފެނާ އެއްކޮށްފައި ހުންނަ ކުލަ އެވެ. ނަމަވެސް އެކަން ބަދަލުވެ މިހާރު ވަރަށް ގިނައިން ހިކި ކުލަ ބޭނުން ކުރެ އެވެ. އެއީ އަވައްޓެރި އިންޑިއާގައި ކުލަ ޖެހުމަށް ބޭނުންކުރާ ވައްތަރުގެ ކުލަ އެވެ.

ހުޅުމާލޭގައި ކުރިން ބޭއްވި އީދު ކުޅިވަރުތަކުގައި ބައިވެރިވި ޒުވާނުންތަކެއް.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

މިއީ ސޯޝަލް މީޑިއާގެ ޒަމާން ކަމަށް ވާއިރު ބައެއް ޒުވާނުން ބުނާ ގޮތުގައި ހިކި ކުލަ ބޭނުންކުރަނީ ފޮޓޯ ރީތިވާތީ އެވެ. ކުލަ ޖަހާއިރު އެކުލަތައް ބުރައިގެންދާ ގޮތް ފޮޓޯއަށް ރީއްޗެވެ.

ކުރިން ޖޫސް ޕެޓީ ބަންދުކުރާ ކޮތަޅަށް ފެން ކުލަ އަޅައިގެން ޖެހިޔަސް މިހާރު އެއީ އެހާ އާންމު ކަމެއް ނޫނެވެ. މިހާރު ކުލަ ފެން ޖަހަން ބޭނުންކުރަނީ ބަޑި އެވެ.

އީދާ އެކު މުޅީ ރާއްޖޭގައި މިއަދު ބޮޑު ފޯރިއެއް ނަގާނެ އެވެ. ކުލަ ޖެހުމުގެ އިތުރުން ސަގާފީ ކުޅިވަރުތަކާއި ބޭރުގެ ފަންނާނުންގެ މިޔުޒިކާއި ލަވައިގެ ހަރަކާތްތައް ވެސް އެކި ރަށްރަށުގައި ވަނީ އިންތިޒާމްކޮށްފަ އެވެ.